މަޑަވެލީގެ ރަށްވެހިކަމުގެތެރެއިން









ފޮޓޯ: މަޑަވެލީ އޮފީހާއި، ކޯޓާއި، ރަށްވެހިގެ ހިންގި ޢިމާރާތް (މިހާރުގެ ޒުވާނުންގެ މަރުކަޒް) 1980

ތާރީޚީ މަޢުލޫމާތްތަކަކީ، ފައިސާ ފޮއްޗެއްފަދަ އެއްޗެއް ނޫނެވެ. ފައިސާ ފޮތީ ދެފަރާތް އެއްފަހަރާ ނުފެންނާނެ އެވެ. ނަމަވެސް ދެފާރާތް ގެނެސްދީފައިވާނަމަ، ތާރީޚީ މަޢުލޫމާތްތަކަކީ ކަންކަމުގެ ދެފަރާތް އެއްފަހަރާ ފެންނާނެ އެއްޗެކެވެ. ތާރީޚަކީ އެންމެންގެ އެއްޗެކެވެ. ރުހޭކަންކަމާއި، ނުރުހޭ ކަންކަން ތާރީޚީ މަޢުލޫމާތްތަކުގައި އެކުލެވިފައިވާނެ އެވެ. ދީނަށް ތެދުވެރިވާ މީހަކަށް މެނުވީ ތާރީޚަށް ތެދުވެރިއެއް ނުވެވޭނެ އެވެ. ކޮންމެއަކަށް އިސްވެދިޔަ ފަތްފުށްތަކަކީ، ފަސްވެ އަންނާން އޮތް ދުވަސްތަކުގެ ބިންގާ އެވެ. ކާފަބައިން ކޮށްފައިވާ ތެދުވެރި މަސައްކަތް ހެއުގޮތުގައި ބަލައިނުގެންފިނަމަ، ތިމަތިމާމެންގެ ދަރީންގެ މުސްތަޤުބަލް ހެއުގޮތުގައި ބިނާނުކުރެވޭނެ އެވެ. ތަރައްޤީއަކަށް ނިމުމެއް ނެތެވެ. އިސްލާމް ދީނާއި، ޤައުމާއިމެދު ފަރުވާކުޑަކޮށްފިނަމަ، މި ދެކަންވެސް ގެއްލި ހިނގައިދާނެ އެވެ.

ދިވެހި ރާއްޖެ މާޒީކޮށްފައިވާ ދުވަސްތަކަކީ، ބަނޑުހައިހޫނުކަން ތަޙައްމަލްކުރުމާއެކު އެވެ. އަށްސަތޭކަ އަހަރުވަންދެން މިޤައުމުގައި އިސްލާމް ދީން މި ދެމިއޮތީ ގިނަގުނަ ގޮންޖެހުންތަކާއެކުވެސް ކާބަފައިންގެ މިންނެތް މަސައްކަތުން ނެވެ."

ވަރަށް ފަޤީރު ރަސްކަމަކުން ޖުމްހޫރިއްޔަތަކަށް ދިވެހިރާއްޖޭ އިދާރީ ހިންގުން ބަދަލުވީ 1953 ވަނަ އަހަރު އަހަރު އެވެ. (އޭރު ބޮލަކަށް އެންމެ ޑޮލަރެއްވެސް ނުޖެހެ އެވެ.) އެހެން ނަމަވެސް ފަޤީރުކަން އެއީ ހަމައެކަނި ރަސްކަމެއްގެ ސަބަބުން ކުރިމަތިވެފައި އޮތް ގިލަންވެރިކަމެއް ނޫނެވެ. މިކަމުގައި ފާހަކުރެވޭ މުހިންމު ދެސަބަބުތަކުގެތެރޭގައި ޤަވްމުގެ މިނިވަންކަމާއި، އިސްލާމް ދީން ދެމެހެއްޓުމަށް ތާއަބަދު ބޭރުމީހުންނާއި ހަނގުރާމަކުރަން ޖެހުމާއި، މިޙާލަތުގައިވެސް ވެރިކަމާއި ތޮޅޭ ފަރާތްތަކުން ހިންގާ އެކިއެކި ނޭއްގާނީ ކަންކަން ހިމެނެ އެވެ. ޤަވްމުގެ މިނިވަން ނުވަތަ ޤައުން ބައެއް ބޭރުގެ ބާރަކުން ފިރުކެންފައިވަނީ، މީލާދީން 950 ވަނަ އަހަރުން ފެށުނު އިރު އިންޑިއާގެ ވެރިކަމުގައި އޮތް ޗޯޅާ ދަރިކޮޅުންނެވެ. އޭގެ ފަހުން މީލާދީން 1153 ވަނަ އަހަރު ރާއްޖޭގެ އަފުރާދުން މާތްވެގެންވާ އިސްލާމް ދީން ޤަބޫލުކުރިފަހުން ވެސް ޤައުމުން ބައެއް، ހޮޅީން ވަނީ ފޭރިގެންފަ އެވެ. އިނގިރޭސީންގެ އަޅުވެތިކަމުގެ ދަށަށް ނުވަތަ އާރް 2 ޕީ ގެ ދަށަށް ރާއްޖެ ދިޔައީ މީލާދީން 1887 ވަނަ އަހަރު އެވެ.

ކަމެއްގެ ފެށުން އެއީ ކުޑަކުޑަ ކަމެއްކަމަށް ވިއަސް ނިމުން އެއީ އެހާ ކުޑަކުޑަ ކަމަށް ނުވެ ހިނގައިދާނެ އެވެ. އެގޮތުން ދެވަނަ ބޮޑުހަނގުރާމައަކީ، އެޑޯލް ހިޓްލަރ ގެންގުޅުނު ބަދަލު ހިފުމުގެ ޚިޔާލާތެއްގެ ނަތީޖާއެވެ. އެއްކަމެއް ކުށްވެރުކުރުން ނުވަތަ އެނިމީ އަކަށް އެއްޢިބާރާތެއް (ޖޫޒް) ބޭނުންކުރުމާއި، މެސްމެރީޒަމްގެ ބޭނުންކޮށް އެތައްބަޔަކު ނުވަތަ އެތަކެއް ޒުވާނުން އޭނާގެ އަވައިގައި ޖައްސައިގެން ހިނގި ލާއިންސާނީ ޢަމަލުތަކުގެ އާޚިރު ނަތީޖާއަކީ، އޭނާ ރައްކާތެރިކަން ހޯދައިގެން ދިރިއުޅުނު "އީގަލްނެސްޓް" އަށް ބޮންއަޅައި އޭނާއާއި އަދި އޭނާ އާއި ބައިވެރިވި އެތައް ޤައުމެއް ސުންނާފަތި ވުމެވެ. މިއީ އެފަދަ މީހުންގެ ނިމުން އަނނަ ގޮތެވެ. އެހެން ބައެއްގެ ޙަމަލާ އަކުން ނުވަތަ އަމިއްލައަށް މަރުވުމެވެ. ހެޓިލަރުގެ މިއުޞޫލު އެންމެ ފުރަތަމަ ބޭނުންކުރިކަން އެނގެނީ "ފިރްޢައުނުގެ މައްޗަށް ބާރުހިންގުމަށްޓަކައި" ހާމާނެވެ. ހާމާނު ބޭނުނުކުރި އުކުޅަކީ، ސަނާ ކިއުމާއި، ޔޫސުފުގެފާނުގެ އަނިޔާވެރިކަމުގެ ވާހަކަ ދެއްކުމެވެ. ދެން މިކަންކުރީ (ޑިމޮކްރަސީގެ ނަމުގައި) 1840 ގެ އަހަރުތަކުގައި ފްރާންސްން ނެވެ.

އާދެ! މިހާހިސާބުން އަޅުގަނޑު ބަލާލާނީ، ޤައުމީ ކަމެއްގެ ގޮތުން ދިވެހިރާއްޖެއާއި ގުޅުންހުރި ހަމަ އެންމެ ކަމަށެވެ. އެއީ އައްސުލްޠާން ޙަސަނުލް ހިލާލީ ނުވަތަ ނުވަވަނަ ޙަސަން ރަސްގެފާނުގެ ޙާދިސާ އެވެ. އިންޑިއާގެ ގޯވާއަށް ވަޑައިގަތުމަށްފަހު ކިރިސްތިއަން ދީން އޭނާ ޚިޔާރުކުރީ އެވެ. އޭގެފަހުން ދެތިންފަހަރެއްގެ މަތީން ދިވެހިރާއްޖެއަށް މީހުން ފޮނުވައިގެން ދިވެހިރާއްޖެއާއި ހަނގުރާމަ ކުރުމުން ވެސް (ދިވެހީން) އޭނާ ހުށަހެޅި ކިރިސްތިއަން ދީން ޤަބޫލެއްނުކުރި އެވެ. މިކަން ކާމިޔާބު ނުވުމުން ޕޯޗްގީޒުންވެސް އޭނާ ދޫކޮށްލީ އެވެ. ރާއްޖޭގެ ރަސްކަން އޭނާއަށް ހޯއްދަވައި ދެއްވުމަށް ތަކުރާރުކޮށް ދަންވަން ފެށުމުން، ޕޯޗްގީޒުން އޭނާއަށް އެރުވި ޖަވާބަކީ، ދިވެހިރާއްޖެ ކީއްކުރަންތޯ، ފުށިރަށްގަނޑެއްގައި ވެރިކަންކުރަންވެސް ކަލޭ ނުފުދޭ ކަމަށެވެ. އެރަސްގެފާނުގެ ދަރިފުޅު އަވާހަރަވީ، ގޯވާގައި ހުންނެވި ޕޯޗްގީޒް ވައިސްރޯއީ އާއި ދެކޮޅަށް ބަޣާވާތްކުރުމުގެ ސަބަބުން ޖަލުގައި ބަންދުކޮށް، އޭގެފަހުން ޕޯޗްގީޒަށް ގެންދަނިކޮށް ކޭޕް އޮފް ގްޑްހޯޕް ހިމެނޭ ސަރަޙައްދުގަ އެވެ. އާދެ! ދެން އަޅުގަނޑު ބަލާލާނީ ޤައުމުގެ މިނިވަންކަމާއި ގުޅުންހުރި ކަމެއްގެ މައްޝަށެވެ. އެކަމަކީ، އެދުވަސްވަރު ހެންވޭރުގެ މެމްބަރ އިބްރާހިމް ނާސިރު ވިދާޅުވި ބަސްފުޅެކެވެ. މިއީ އައްޑުއަތޮޅުގެ ބިމުން ބައެއް އިނގިރޭސި ދަވްލަތަށް 100 އަހަރަށް ކުށްޔަށް ދިނުމާއި، ގުޅުންހުރި ކަމެކަމެވެ. އެކަމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގައި އޭނާ ވިދާޅުވީ، "ދިވެހިރާއްޖޭގެ ބިމުން ވެލިފުކެއްވެސް" ބޭރުގެ ބައަކަށް ދޭން އޭނާ އެއްބަސްނުވާނެ ކަމަށެވެ. ދިވެހިރާއްޖޭގެ މިނިވަންކަން ގެއްލޭފަދަ ޙާދިސާއަކާއި ދެން ކުރިމަތިލާން ޖެހުނީ 1988 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 3 ވަނަ ދުވަހު އެވެ.

މިބަޔާނުގައި އިސްވެ ދެންނެވި ވާހަކަތަކަށް އަލިއަޅުވާލީ، "ވަރަށް ފަޤީރު ރަސްކަމަކުން ޖުމްހޫރިއްޔަތަކަށް ބަދަލުވީ" މިބަޔާނުގައި މި ޢިބާރާތް ލިޔެފައިވާތީ އެވެ. މިއީ ބަނޑުފުރާނަ މުއްތިކުރުމާއި ގުޅުންހުރި ޢިބާރާތަކަށްވާތީ އެވެ. ކޮންމެއަކަސް ދެވަނަ ބޮޑުހަނގުރާމައިގެ ސަބަބުން މުޅިދުނިޔެ ތަޙައްމަލްކުރި ބަނޑުހައިހޫނުކަމުގެ ދަތިކަން ދިވެހިރާއްޖެއަށް ތަޙައްމަލްކުރަން ޖެހުނު މިންވަރު ދިވެހި ތާރީޚުގެ ޞަފްޙާތަކުން ފެންނަން އެހުރީ އެވެ. ރާއްޖެއިން ކާބޯތަކެތި މުޅީން ހުސްވެ، މަގޫފަތްވެސް ކާންޖެހި، އެތައްބަޔަކު ވަނީ ބަނޑުހައިހޫނުކަމުގައި ފަނާވެފަ އެވެ. ރާއްޖޭގެ ވެރިކަން ޖުމްހޫރިއްޔަތަކަށް ބަދަލުވީ އެދުވަސްވަރުގަ އެވެ. މިއީ އަޅުގަނޑުމެންނަށްވުރެ ދޮށީ ޢުމުރުގެ މީހުން ދެކެފައިވާ ދުވަސް ތަކެކެވެ. އަޅުގަނޑު ދެކެފައިވަނީ 1963 ން 1977 އާއި ދެމެދު ކުރިމަތިލާން ޖެހުނު ދަތި ދުވަސްތަކެކެވެ.
                   ---------------

ލިޔުއްވާފައިވަނީ: އަލްމަރުޙޫމް ޢަލީ ނަޞީރު ޒޫރިޔާގެ/ މަޑަވެލި