މަޑަވެލީގެ ރަށްވެހިކަން - ތިންވަނަބައި













މަޑަވެލި އުފެދެންފެށި ތާރީޚެއް އެނެގެންނެތްކަމަށްވިއަސް އެންމެ ފުރަތަމަ އުފެދިފައިވަނީ، ރަށުގެ ހުޅަނުގައި އަކިރިން އުފެދިފައި އޮތް ހިސާބެވެ. އެ ސަރަޙައްދަކީ، ހާދޫ މަގުން ހުޅަނގުބައި އޮތް ހިކިފަސް ބިމެވެ. ދެން އުފެދުނީ އެމަގުގެ އިރުދެކުނު ބައެވެ. މިހާރުގެ އޭޝިޔާ ގެއާ، ލޫނާ ގެއާ، ތިބްރީޒުގެ އެހުރި ހިސާބަކީ 1940މ. ގެ އަހަރުތަކާ ހަމަޔަށް ވެސް މުޅިން ނުހިކޭ އަދި ޗަސް ބިމެވެ. މަޑަވެލީގައި މީހުން އާބާދުވެފައިވާކަމަށް ބުނެވެނީ 1845މ. ހާ ތަނުގައެވެ. 


ކެޕްޓަން  މޮރަސްބީ  ޗާޓް ކުރެހުމަށް ހުވަދު އަތޮޅަށް ދުރުވިއިރު އެރަށަކީ، މީހުން ނޫޅޭ ރަށެއްކަމަށް އޭނާ ލިޔުއްވާފައިވެއެވެ. "ސާރވޭޓީމު ހުވަދު އަތޮޅު ކޮލަމާފުއްޓަށް ދިޔައީ، އޮކްޓޫބަރ 28، 1836މ. އެވެ. އުތުރުގެ އަތޮޅުތަކުގެ ނިންމެވުމަށްފަހު ހުވަދުއަތޮޅަށްދުރުވެ އެ އަތޮޅުގެ މަސައްކަތް ނިނެމެވުމަށްފަހު، ހަވަރުތިނަދޫގައި ބަނދަރުކުރެއްވީ ނޮވެމްބަރ 14، 1836މ. ގައެވެ. (ގދ.ތިނަދޫ ނޮޑެލް އަދުނާނު އިސްމާޢީލަށް ލުޠުފީ ފޮނުވި ސިޓީ)" އާދެ! ކެޕްޓަން ރޮބަރޓް މޮރަސްބީ އެގޮތަށް ލިޔުއްވާފައި އޮތްކަމަށް ވިއަސް އެކަމާމެދު އިތުރަށް ވިސްނާލަން އެބަޖެހެއެވެ. އެއީ އަންނިވި ގޮތަށް ކަންތައްތައް އެގޮތަށް ހިނގާފައިވާތީއެވެ.

ކެޕްޓަން މޮރަސްބީގެ އެ ދަތުރުގެ އާރްކާޓީއަކަށް ގެންދިޔަ ކޮންޑޭ ބޮޑުދޮންމަނިކުގެ ރައްކަލާ (ފަހުން ހޯނޑެއްދޫ ބޮޑުކަލޭފާނު) އޭރު ދިރި އުޅުއްވަނީ، މަޑަވެއްޔަށް އުފަން ބޭކަނބަލާ ކައިވެކުރައްވައިގެން ހޯނޑެއްދޫގައެވެ. ޗާޓުކުރެހުމުގެ މަސައްކަތަށްފަހު، ރައްކާލާ މާލެ ދުރުވީ، އޭނާގެ އަންހެނުން "ކަމަލޭ" މަޑަވެލީގައި ބައިންދަވާފަ އެވެ. ބޮޑުކަލޭފާނު މާލެއިން ރަށަށް ދުރުވި އިރު ހިނގާފައިވާ މައްސަލައަކާ ގުޅިގެން ކަމަލޭ ގޮވައިގެން ހޯނޑެއްދުވަށް ދުރުވި ވާހަކަޔަކީ، ވަރަށް ޢާއްމު ވާހަކައެކެވެ. 

އެތައްގޮތަކުން އެނގި ކަށަވަރުވާގޮތުގައި، އެބޭކަލެއްގެ ނަން މަޑަވެއްޔަށް ނިސްބަތްބާ "މަޑަވެލީ" އިސްމާޢީލް ކަލޭގެއަކީ، އެރަށަށް އުފަން ބޭކަލެކެވެ. އޭނާގެބައްޕަ "މާލިން މޫސާ މަޑަވެއްޔަށް ހިޖްރަކުރެއްވުމުގެ ދިރިއުޅުއްވީ ކެރަމިންތާގައެވެ. އާދެ! މަޑަވެލީ އިސްމާޢީލް މޫސާ (މޫސިއާ) ހަވަރުތިނަދުވަށް ހިޖްރަކުރެއްވުމަށްފަހު، މެރަދޫގެ އާމިނާ ކައިބައްލަވައިގެން ލިބިލެއްވި މަރިޔަންދިޔެ، އެރަށު ޢަލި ތަކުރުފާނު (ކަޅުބެއްޔާ) އާ ކައިވެނިބައްލަވައިގެން ލިބިލެއްވީ މުޙަންމަދު ޢަލީ (ފަހުން ޙާޖީ މުޙަންމަދު ކަލޭފާނު) އެވެ. ދިރާސާތަކުން އެނގޭގޮތުގައި އޭނާއަށް ހުވަދު އަތޮޅުގެ ވާރުވެރިކަން ލިބިވަޑައިގަތީ 1909މ. (1328ހ.) ވަނަ އަހަރުއެވެ. އެ މަޤާމުން ވަކިކުރެއްވީ ޖުލައި 29، 1943މ. (ރަޖަބް 27، 1362ހ.) އަލްއަމީރު މުޙަންމަދު އަމީނު ދޮށިމޭނާ ކިލެގެފާނެވެ. (އަމީން ދީދީ ފޮތް: ކަނޑުން ފިރުކެމުން ވައިން އުދުހެމުން) ޙާޖީ މުޙަންމަދު ކަލޭފާނު ދުނިޔޭގައި އުޅުއްވީ 1881މ.ން1951މ. (1298ހ.ން 1370ހ.) ށެވެ.

މަސްޖިދުއްޒިކުރާ ބިންގާއަޅުއްވައިދެއްވީ، ފެބުރުއަރީ 2، 1987މ. ގައި މިނިސްޓަރ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަން އަލްއުސްތާޛު ޢަބްދުﷲޙަމީދު އެވެ. ހުޅުއްވައިދެއްވީ، ޖެނެއަރީ 10، 1992މ.ގައި ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމް އެވެ. ޤަބުރުމަތީގައި ބިނާކުރެވިފައިވާ މިސްކިތަކަށްވާތީ، އެ މި މިސްކިތް ބަނދުކުރީ، އޯގަސްޓް 7، 2001މ. ގަ އެވެ.

މުޙަންމަދު ކަލޭފާނުގެ އެ ޢުމުރަށް ރިޢާޔަތްކުރުމުން ލަފާކުރެވެނީ (މަޑަވެއްޔަށް އުފަން) އޭނާގެ މައިފުށުގެ ކާފަގެ ބައްޕަ އެރަށު އިސްމާޢީލް ކަލޭގެ އުފަންވެފައިވާނީ 1820މ. ގެ އަހަރުތަކުގައި ކަމަށެވެ. އޭރުވެސް ވާރުވެރިކަންކުރަނީ "ހޯނޑެއްދޫ" ގައެވެ.

އެއްދުވަސްވަރެއްގައި ކެރަމިންތާގައި ޢަލީ މާވަޑިއާގެ ދަރި މޫސާ މާލިމީއޭކިޔާ މީހަކު އޭނާގެ އަނބިދަރީންނާއި، ބައެއްއެކުވެރިނާ އެކު އުޅެމުން އައެވެ. މިގޮތަށް މީނާ އުޅެމުންދަނިކޮށް، މުޙަންމަދު ޢިމާދުއްދީން (4 ވަނަ) ގެ ރަސްކަމުގެ ކުރީކޮޅު ގާތްގަނޑަކަށް 1839މ. (1254ހ.) ގައި ހުވަދު އަތޮޅުގެ އަތޮޅުވެރީން، މި މޫސާ މާލިމީ އެ ރަށުން ބާލައިފިއެވެ. ދެން މީނާ މިކަން ބޮޑުވެގެން މާލެ އަތުވެއްޖެއެވެ. (ކުރީގެ ހުވަދު އަތޮޅު)

ޢަލީ މާވަޑިއާގެ ދަރި މޫސާ މާލިމީ، މަޑަވެއްޔަށް ހިޖްރަކުރި ދުވަސްވަރު މަޑަވެލީގައިއުޅެނީ (މަހަށްދިއުމުގެ ބޭނުމުގައި) ބަނޑަހަ ޖަހައިގެން ތިބި ދޮންނެއިގެ 7 ފިރިހެން ކުދީންނެވެ. އެ ރަށުގައި އެންމެ ފުރަތަމަ މިސްކިތެއް (ހިރިގަލު މިސްކިތް) ބިނާކުރެއްވީ މި ހަތް ބެއިންނެވެ. އެ މިސްކިތް ބިނާކުރީ، ގާތްގަނޑަކަށް 1880މ. (1297ހ.) ގެ އަހަރު ތަކުގައެވެ. ބާރަ ފޫޓު އަށާރަ ފޫޓުގެ އެ މިސްކިތް ޢިމާރާތް ކޮށްފައިވަނީ، މާލޭ ކަޅުވަކަރު މިސްކިތާ އެއްސިފަޔަކަށް، ހަމަ އެ ބޮޑުމިނުގައި ހިރިގަލުންނެވެ.) މިހާރުގެ ވަޠަނިއްޔާ އެންޓެނާގެ އިރުދެކުނުގައި (ނިކަގަނހާ ދިމާއިން ދިހަވަރަކަށް ފޫޓު ހުޅަނގު ދެކުނުގައި) ޢިމާރާތް ކޮށްފައިވާ، އެ މިސްކިތް ރޫޅާލީ 1983މ. އަހަރު އެވެ. ދޮންނެއިގެ ހަތްބެއިން ވަޅުލާފައިވަނީ، އެ މިސްކިތާ ޖެހިގެން ދިހަވަރަކަށް ފޫޓު އުތުރުގަ އެވެ.

ސަރުކާރުން މަޑަވެއްޔަށް ވެރިއަކު (ޚަޠީބަކު) ހަމަޖެއްސެވީ 1890މ. (1307ހ.) ގެ އަހަރުތަކުގެ ފަހުކޮޅުގަ އެވެ. ބަރުތީލަ ކުރި، ފަތްކޮޅަކުން އެންމެ ފުރަތަމަ ކަތީބުކަމަށް ހަމަޖެއްސެވީ މަޑަވެލީ ދޮންނެއިގެ އަލިފުތުގެ މުހަންމަދެވެ. ފަހުން އޭނާއަކީ، މުޙަންމަދު ކަތިއަ ކަލޭގެ އެވެ. (ބަރުތީލަ ކުރުމަކީ، ފަތްކޮޅުގައި ލާއިން ރަދުން ސިއްކައެއް ޖެއްސެވުމެވެ. އެއީ ރަދުންނަށް އަގު ދެއްވާފައި ގަންނަންޖެހޭ ލިއުމެ ކެވެ.) ޚަޠީބުކަމާއި، އެފަތްކޮޅުގެކަންތައް ހަމަޖައްސަވައި ދެއްވުމަށް އިސްކޮށް ޙަރަކާތްތެރިވެލެއްވީ ހޯނޑެއްދޫ ބޮޑުކަލޭފާނުކަމުގައި ބޮޑުގޭ އާދަމް ފުތު އަޅުގަނޑު ގާތު ބުނެފައިވެ އެވެ. ޢުމުން ސަތޭކަވަރަކަށް އަހަރަށްވުރެ ގިނަ ދުވަސް ވެފައި ވަނިކޮށް 2011މ. ވަނަ އަހަރު ފެށުނުތަނާހެން ނިޔާވި ހޯނޑެއްދޫ ބޮޑުގޭ އާދަމްފުތަކީ، ބޮޑުކަލޭފާނުގެ ދަރިއެކެވެ.

މަޑަވެލީ / ޒޫރިޔާގެ ޢަލީ އިބްރާހިމް އުފަންވީ 1928މ. ގައެވެ. އޭނާގެ ބައްޕަޔަކީ، ދޮންނެއިގެ ހަސަނު (ޗާރްޗީ) ގެ އަޙުމަދުގެ އިބްރާހީމު އެވެ. އޭނާގެ މަންމަޔަކީ، ދޮންނެއިގެ އަޙުމަދުގެ، މުހަންމަދު (މުޙަންމަދު ކަތިއަކަލޭގެ) ގެ ބޮޑުމަރިޔަންދިޔަގެ ވަށަދިޔެ އެވެ. މި މަރިޔަންދިޔެ ފުރަތަމަ ކައިވެނިކުރީ، ދޮންނެއިގެ އަލިފުތުގެ އިސާ ކަތީބާ އެވެ. އީސާކަތީބު ނިޔާވުމުން ކައިވެނިކުރީ ކެލާ ބޮޑޮދޮންބޭގެ ރައްކަލާ އާއިއެވެ. އެއީ ޢަލީ އިބްރާހީމުގެ ބައްޕައެވެ. ހޯނޑެއްދޫ ބޮޑުކަލޭފާނު ކައިވެނިކުރެއްވި ކަމަލޭއާ، ދޮންބީފާނަކީ، އީސާ ކަތީބުގެ ދެކުދީންނެވެ.

މަތީގައި މިދެންނެވި މަޢުލޫމާތަށްބަލާއިރު 1836މ. ވަނަ އަހަރު އެރަށުގައި ދޮންނެއިގެ ހަތް ކުދީންނާއި އަދި ޢަލީ މާވަޑިއާގެ މޫސާ މާލިމީ، އެރަށުގައި ދިރިއުޅޭނެކަމަށް ބެލެވެއެވެ. ނަމަވެސް އެރަށަކީ، މީހުން ދިރިއުޅޭ ރަށެއްކަމަށް އޭރު ދަފުތަރުކުރެވިފައި ނެތީ އެވެ. އާދެ! މަޑަވެލީގައި އެންމެ ފުރަތަމަ މީހުން ދިރިއުޅެއް ފެއްޓީ ހިމިތީގެ ހުޅަނގުންއޮތް ސަރަޙައްދުގަ އެވެ. އެމީހުން ފުރަތަމަ ބޭނުންކުރި ޤަބްރުސްތާނު ސަރަޙައްދަކީ، ހީނާޑިގެއާ، ސަންލައިޓްގެ ހިމެނޭސަރަޙައްދެވެ. ދުވަސްކޮޅަކަށްފަހު މީހުން ވަޅުލަންފެއްޓީ (ރަށުގެ އުތުރުކޮޅު) ރުއްދޮށުގޭ އިރުއުތުރުންއޮތް ބިމުގައެވެ. އެސަޙައްދުން ބޮޑުބައެއް މިހާރުވީ މަގުމަތީގަ އެވެ. އޭރު އެރަށުގައި މިސްކިތެއް ނުބަހައްޓަ އެވެ. 


އެންމެ ފުރަތަމަ އެރަށުގައި ބެހެއްޓީ ކުރިން ލިޔެފައިއެވާ ހިރިގަލުމިސްކިތެކެވެ. އެރަށުގައި ހުކުރުމިސްކިތެއް ބެހެއްޓީ 1900މ. 1905މ. ވަނަ އަހަރާ ދެމެދުގެ ދުވަސްވަރެއްގައެވެ. އެއީ ޅޮސްމިސްކިތެވެ. އެ މިސްކިތް ޢިމާރާތްކުރީ ޅޮސްވަކަރާ، ވެލިގާ ބޭނުން ކޮށްގެންނެވެ. އެ މިސްކިތް ބެހެއްޓީ ހިރިގަލު މިސްކިތުގެ އިރުދެކުނުކަނުގައި މިހާރުގެ "ލީނާ" ގޭގެ ސަތޭކަވަރަކަށް ފޫޓު އުތުރުގައެވެ. އޭގެފަހުން ބެހެއްޓި މިސްކިތަކީ، އުވައިން ރާނައިގެން ގަސްވަކަރު ބޭނުންކޮށްގެން ބެހެއްޓި މިސްކިތެކެވެ. އެއީ ދެވަނައަށް ބެހެއްޓި ހުކުރު މިސްކިތެވެ. (ނުނިމޭ)