މަޑަވެލީގެ ރަށްވެހިކަން – ފަސްވަނަބައި













އެއީ ވެސް ޗަސް ބިމެކެވެ. މީލާދީން 1980 ގެ އަހަރުތައް ފެށުއިރު ވެސް ދިޔަވަރުބޮޑުވާ މޫސުމުގައި އެއްޔޭދިހަރޭން އަރާ ރާޅުގެ ސަބަބުން ޒޫރިޔާގެ އާއި ހަމަޔަށް ލޮނުގަނޑު ފެތުރެ އެވެ. 


ޢިމްރާނިއްޔަތަށް ބަލާއިރު ރާއްޖޭގެ އެހެނިހެން ތަށްތައް ފަދައިން އެރަށުގައި ވެސް ގެތައް ޢިމާރާތްކުރަނީ ދަނޑިފަނުން ނެވެ. އުވައިން ރާނަން ފެއްޓީ ފަހުގެ ތާރީޚެއްގަ އެވެ. އެގޮތުން ވެސް އެންމެ ފުރަތަމަ ރޭނި ގެތަކަކީ، ރަށްވެހިކަމުގެ ދުވަސްވަރު މަގުހެދިއިރު މަގަށް ނެގުނު ގެތަކުގެ ބަދަލުގައި ރައްޔިތުން ރޭނި ގެތަކެތެވެ. އޭގެފަހުން ޢިމްރާނީ ކަންކަން ދުޅަހެޔިވެ މީލާދީން 2000 ވަނަ އަހަރު ފެށޫނުއިރު ނުރޭނިހުރީ އެންމެ ދެ ގެ ކަމަށް ފާހަގަ ކުރެވެ އެވެ. 

މަޑަވެލި އޮތީ، އެއަތޮޅު ހުޅަނގުދުނީގައި، ކާނޑެއްދޫ ކަނޑުގެ ދެކުނަށްއޮތް މައިތޮށީގަ އެވެ. ވެލިއަކިރިން އުފެދިފައިވާ  އެރަށުގެ އާނުގަނޑަކީ، ވަރަށް ހަރު އާނުގަނޑެކެވެ. ރަށުގެ އާނުގަނޑު އުފެދެން ފަށާފައިވަނީ، ހުޅަނގުފަރާތުން ނެވެ. މައިން ތޮށިން ފެށިގެން ގާތްގަނޑަކަށް ފަނަރަސަތޭކަ ފޫޓުން ފެށިގެން އިރުމައްޗަށް އެއީ ރަށުގެ ހިކިފަސް ބިމެވެ. ރަށުގެ އުފެދުން ނިމިފައިވަނީ ރަށުގެ ހިކިފަސް ބިމުން ފެށިގެން އިރުމައްޗަށް ހަމަ އެހާކާންހާ ދުރުމިނަށެވެ. އެ ރަށުގެ ފަޅަކީ، ވަރަށް ޗަސްބިމއްކަހަލަ ތަނެކެވެ. އެޅުގައި މޫދުވިނަ ވަރަށްގިނަ އެވެ. މޫދުވިނަ ހެދިފައިވާ އެބަޔަކީ، ވަރަށްކުރީގެ ޒަމާނެއްގައި ހިކިފަސްބިންކަމަށް ލަފާކުރެވެއެވެ.

މަޑަވެލި އުފެދެންފެށި ތާރީޚެއް އެނެގެންނެތްކަމަށްވިއަސް އެންމެ ފުރަތަމަ އުފެދިފައިވަނީ، ރަށުގެ ހުޅަނުގައި އަކިރިން އުފެދިފައި އޮތް ހިސާބެވެ. އެ ސަރަޙައްދަކީ، ހާދޫ މަގުން ހުޅަނގުބައި އޮތް ހިކިފަސް ބިމެވެ. ދެން އުފެދުނީ އެމަގުގެ އިރުދެކުނު ބައެވެ. މިހާރުގެ އޭޝިޔާ ގެއާ، ލޫނާ ގެއާއި، ތިބްރޯޒުގެ އެހުރި ހިސާބަކީ 1940މ. ގެ އަހަރުތަކާ ހަމަޔަށް ވެސް ޗަސް ބިމެވެ. މަޑަވެލީގައި މީހުން އާބާދުވެފައިވާކަމަށް ބުނެވެނީ 1845މ. ހާ ތަނުގައެވެ. ކެޕްޓަން  މޮރަސްބީ  ޗާޓް ކުރެހުމަށް ހުވަދު އަތޮޅަށް ދުރުވިއިރު އެރަށަކީ، މީހުން ނޫޅޭ ރަށެއްކަމަށް އޭނާ ލިޔުއްވާފައިވެއެވެ. "ސާރވޭޓީމު ހުވަދު އަތޮޅު ކޮލަމާފުއްޓަށް ދިޔައީ، އޮކްޓޫބަރ 28، 1836މ. އެވެ. އުތުރުގެ އަތޮޅުތަކުގެ ނިންމެވުމަށްފަހު ހުވަދުއަތޮޅަށްދުރުވެ އެ އަތޮޅުގެ މަސައްކަތް ނިނެމެވުމަށްފަހު، ހަވަރުތިނަދޫގައި ބަނދަރުކުރެއްވީ ނޮވެމްބަރ 14، 1836މ. ގައެވެ. (ލުޠުފީ) 

އާދެ! ކެޕްޓަން ރޮބަރޓް މޮރަސްބީ އެގޮތަށް ލިޔުއްވާފައި އޮތްކަމަށް ވިއަސް (އަންނަނިވި ގޮތަށް ކަންކަންކަން ހިނގާފައިވާތީ) އިތުރަށް ވިސްނާލަން އެބަޖެހެއެވެ. މޮރަސްބީގެ އެ ދަތުރުގެ އާރްކާޓީއަކަށް ގެންދިޔަ ކޮންޑޭ ބޮޑުދޮންމަނިކުގެ ރައްކަލާ (ފަހުން ހޯނޑެއްދޫ ބޮޑުކަލޭފާނު) އޭރު ދިރިއުޅުއްވަނީ، މަޑަވެއްޔަށް އުފަން ބޭކަނބަލާ ކައިވެކުރައްވައިގެން ހޯނޑެއްދޫގަ އެވެ. ޗާޓުކުރެހުމުގެ މަސައްކަތަށްފަހު، ރައްކާލާ މާލެ ދުރުވީ، އޭނާގެ އަންހެނުން "ކަމަލޭ" މަޑަވެލީގައި ބައިންދަވާފަ އެވެ. ބޮޑުކަލޭފާނު މާލެއިން ރަށަށް ދުރުވިއިރު ހިނގާފައި އޮތް މައްސަލައަކާ ގުޅިގެން އަންހެނުން ގޮވައިގެން ހޯނޑެއްދުވަށް ދުރުވި ވާހަކަޔަކީ، ވަރަށް ޢާއްމު ވާހަކައެކެވެ. (އެވާހަ ލިޔާކަން ނެތީމެވެ.) އެތައްގޮތަކުން އެނގި ކަށަވަރުވާގޮތުގައި، އެބޭކަލެއްގެ ނަން މަޑަވެއްޔަށް ނިސްބަތްބާ "މަޑަވެލީ" އިސްމާޢީލް ކަލޭގެއަކީ،އެރަށަށް އުފަން ބޭކަލެކެވެ. އޭނާގެބައްޕަ "މާލިން މޫސާ މަޑަވެއްޔަށް ހިޖްރަކުރެއްވުމުގެ ކުރިން ދިރިއުޅުއްވީ ކެރަމިންތާގަ އެވެ. އާދެ! މަޑަވެލީ އިސްމާޢީލް މޫސާ (މޫސިއާ) ހަވަރުތިނަދުވަށް ހިޖްރަކުރެއްވުމަށްފަހު، މެރަދޫގެ އާމިނާ ކައިވެނިބައްލަވައިގެން ލިބިލެއްވި މަރިޔަންދިޔެ، އެރަށު ޢަލި ތަކުރުފާނު (ޢަލީކަޅުބެއްޔާ) އާ ކައިވެނިބައްލަވައިގެން ލިބިލެއްވީ މުޙަންމަދު ޢަލީ (ފަހުން ޙާޖީ މުޙަންމަދު ކަލޭފާނު) އެވެ. ދިރާސާތަކުން އެނގޭގޮތުގައި އޭނާއަށް ހުވަދު އަތޮޅުގެ ވާރުވެރިކަން ލިބިވަޑައިގަތީ 1909މ. (1328ހ.) ވަނަ އަހަރު އެވެ. އޭނާ އެ މަޤާމުން ވަކިކުރެއްވީ ޖުލައި 29، 1943މ. (ރަޖަބް 27، 1362ހ.) އަލްއަމީރު މުޙަންމަދު އަމީނު ދޮށިމޭނާ ކިލެގެފާނެވެ. (ކަނޑުން ފިރުކެމުން ވައިން އުދުހެމުން: ) ޙާޖީ މުޙަންމަދު ކަލޭފާނު ދުނިޔޭގައި އުޅުއްވީ 1881މ.ން1951މ. (1298ހ.ން 1370ހ.) ށެވެ. މުޙަންމަދު ކަލޭފާނުގެ އެ ޢުމުރަށް ރިޢާޔަތްކުރުމުން ލަފާކުރެވެނީ (މަޑަވެއްޔަށް އުފަން) އޭނާގެ މައިފުށުގެ ކާފަގެ ބައްޕަ އެރަށު އިސްމާޢީލް ކަލޭގެ އުފަންވެފައިވާނީ 1820މ. ގެ އަހަރުތަކުގައި ކަމަށެވެ. އޭރުވެސް ވާރުވެރިކަންކުރަނީ "ހޯނޑެއްދޫ" ގައެވެ.

އެއްދުވަސްވަރެއްގައި ކެރަމިންތާގައި ޢަލީ މާވަޑިއާގެ ދަރި މޫސާ މާލިމީއޭކިޔާ މީހަކު އޭނާގެ އަނބިދަރީންނާއި، ބައެއްއެކުވެރިނާއެކު އުޅެމުން އައެވެ. މިގޮތަށް މީނާ އުޅެމުންދަނިކޮށް، މުޙަންމަދު ޢިމާދުއްދީން (4 ވަނަ) ގެ ރަސްކަމުގެ ކުރީކޮޅު ގާތްގަނޑަކަށް 1839މ. (1254ހ.) ގައި ހުވަދު އަތޮޅުގެ އަތޮޅުވެރީން، މި މޫސާ މާލިމީ އެ ރަށުން ބާލައިފިއެވެ. ދެން މީނާ މިކަން ބޮޑުވެގެން މާލެ އަތުވެއްޖެއެވެ. (ކުރީގެ ހުވަދު އަތޮޅު) ޢަލީ މާވަޑިއާގެ ދަރި މޫސާ މާލިމީ މަޑަވެއްޔަށް ހިޖްރަކުރި ދުވަސްވަރު މަޑަވެލީގައިއުޅެނީ (މަހަށްދިއުމުގެ ބޭނުމުގައި) ބަނޑަހަ ޖަހައިގެން ތިބި ދޮންނެއިގެ 7 ފިރިހެން ކުދީންނެވެ. އެ ރަށުގައި އެންމެ ފުރަތަމަ މިސްކިތެއް ބިނާކުރެއްވީ މި ހަތް ބެއިންނެވެ. އެ މިސްކިތް ބިނާކުރީ، ގާތްގަނޑަކަށް 1880މ. (1297ހ.) ގެ އަހަރު ތަކުގަ އެވެ. ބާރަ ފޫޓު އަށާރަ ފޫޓުގެ އެ މިސްކިތް ޢިމާރާތް ކޮށްފައިވަނީ، މާލޭ ކަޅުވަކަރު މިސްކިތާ އެއްސިފަޔަކަށް، ހަމަ އެ ބޮޑުމިނުގައި ހިރިގަލުންނެވެ.) މިހާރުގެ ވަޠަނިއްޔާ އެންޓެނާގެ އިރުދެކުނުގައި (ނިކަގަނހާ ދިމާއިން ދިހަވަރަކަށް ފޫޓު ހުޅަނގު ދެކުނުގައި) ޢިމާރާތް ކޮށްފައިވާ، އެ މިސްކިތް ރޫޅާލީ 1983މ. އަހަރު އެވެ. ދޮންނެއިގެ ހަތްބެއިން ވަޅުލާފައިވަނީ، އެ މިސްކިތާ ޖެހިގެން ދިހަވަރަކަށް ފޫޓު އުތުރުގަ އެވެ.

ސަރުކާރުން މަޑަވެއްޔަށް ވެރިއަކު (ޚަޠީބަކު) އެންމެފުރަތަމަ ހަމަޖެއްސެވީ 1890މ. (1307ހ.) ގެ އަހަރުތަކުގެ ފަހުކޮޅުއެވެ. ބަރުތީލަކުރި ފަތްކޮޅަކުން ކަތީބުކަމަށް ހަމަޖެއްސެވީ މަޑަވެލީ ދޮންނެއިގެ އަލިފުތުގެ މުހަންމަދެވެ. ފަހުން އޭނާއަކީ، މުޙަންމަދު ކަތިއަ ކަލޭގެ އެވެ. (ބަރުތީލަ ކުރުމަކީ، ފަތްކޮޅުގައި ލާއިން ރަދުން ސިއްކައެއް ޖެއްސެވުމެވެ. އެއީ ރަދުންނަށް އަގު ދެއްވާފައި ގަންނަން ލިއުމެކެވެ.) ޚަޠީބުކަމާއި، އެފަތްކޮޅުގެކަންތައް ހަމަޖައްސަވައި ދެއްވުމަށް އިސްކޮށް ޙަރަކާތްތެރިވެލެއްވީ ހޯނޑެއްދޫ ބޮޑުކަލޭފާނު ކަމުގައި ބޮޑުގޭ އާދަމް ފުތު އަޅުގަނޑު ގާތު ބުނެފައިވެ އެވެ. ޢުމުން ސަތޭކަވަރަކަށް އަހަރަށްވުރެ ގިނަ ދުވަސް ވެފައި ވަނިކޮށް 2011މ. ވަނަ އަހަރު ފެށުނުތަނާހެން ނިޔާވި ހޯނޑެއްދޫ ބޮޑުގޭ އާދަމް ފުތަކީ، ބޮޑުކަލޭފާނުގެ ދަރިއެކެވެ. 

މަޑަވެލީ / ޒޫރިޔާގެ ޢަލީ އިބްރާހިމް އުފަންވެފައިވަނީ 1928މ. ގައެވެ. އޭނާގެ ބައްޕަޔަކީ، ދޮންނެއިގެ ހަސަނު (ޗާރްޗީ) ގެ އަޙުމަދުގެ އިބްރާހީމު އެވެ. އޭނާގެ މަންމަޔަކީ، ދޮންނެއިގެ އަޙުމަދުގެ، މުހަންމަދު (މުޙަންމަދު ކަތިއަކަލޭގެ) ގެ ބޮޑުމަރިޔަންދިޔަގެ ވަށަދިޔެ އެވެ. މި މަރިޔަންދިޔެ ފުރަތަމަ ކައިވެނިކުރީ، ދޮންނެއިގެ އަލިފުތުގެ އިސާ ކަތީބާ އެވެ. އީސާ ކަތީބު ނިޔާވުމުން ކައިވެނިކުރީ ކެލާ ބޮޑޮދޮންބޭގެ ރައްކަލާ އާއި އެވެ. އެއީ ޢަލީ އިބްރާހީމުގެ ބައްޕައެވެ. ހޯނޑެއްދޫ ބޮޑުކަލޭފާނު ކައިވެނިކުރެއްވި ކަމަލޭއާ، ދޮންބީފާނަކީ، މިދެންނެވި އީސާ ކަތީބުގެ ދެކުދީންނެވެ. އާދެ! މިދެންނެވި މަޢުލޫމާތަށްބަލާއިރު 1836މ. ވަނަ އަހަރު އެރަށުގައި ދޮންނެއިގެ ހަތް ކުދީންނާއި އަދި ޢަލީ މާވަޑިއާގެ މޫސާ މާލިމީ އެރަށުގައި އުޅޭކަމަށް ބެލެވެ އެވެ. އެހެންނަމަވެސް އެރަށަކީ، މީހުން ދިރިއުޅޭ ރަށެއްކަމަށް އޭރު ދަފުތަރުކުރެވިފައި ނެތީކަމަށް ވެދާނެ އެވެ. 

އާދެ! މަޑަވެލީގައި އެންމެ ފުރަތަމަ މީހުން ދިރިއުޅެއްފެއްޓީ އެރަށު ހިމިތީގެ ހުޅަނގުންއޮތް ސަރަޙައްދުގަ އެވެ. އެމީހުން ފުރަތަމަ ބޭނުންކުރި ޤަބްރުސްތާނު އޮތީ، ހީނާޑިގެ އާއި، ސަންލައިޓްގެ ހިމެނޭސަރަޙައްދުގަ އެވެ. ދުވަސްކޮޅަކަށްފަހު މީހުން ވަޅުލަން ފެއްޓީ (ރަށުގެއުތުރުކޮޅު) ރުއްދޮށުގޭ އިރުއުތުރުންއޮތް ބިމުގައެވެ. އެސަޙައްދުން ބޮޑުބައެއް މިހާރުވީ މަގުމަތީގަ އެވެ. އޭރު އެރަށުގައި މިސްކިތެއް ނުބަހައްޓަ އެވެ. އެންމެ ފުރަތަމަ އެރަށުގައި ބެހެއްޓީ ކުރިން ލިޔެފައިއެވާ ހިރިގަލުމިސްކިތެކެވެ. އެރަށުގައި ހުކުރުމިސްކިތެއް ބެހެއްޓީ 1900މ. 1905މ. ވަނަ އަހަރާ ދެމެދުގެ ދުވަސްވަރެއްގަ އެވެ. އެއީ ޅޮސްމިސްކިތެވެ. އެމިސްކިތް ޢިމާރާތްކުރީ ޅޮސްވަކަރާ، ވެލިގާ ބޭނުން ކޮށްގެންނެވެ. އެ މިސްކިތް ބެހެއްޓީ ހިރިގަލު މިސްކިތުގެ އިރުދެކުނުކަނުގައި މިހާރުގެ "ލީނާ" ގޭގެ ސަތޭކަވަރަކަށް ފޫޓު އުތުރުގަ އެވެ. އޭގެފަހުން ބެހެއްޓި މިސްކިތަކީ، އުވައިން ރާނައިގެން ގަސްވަކަރު ބޭނުންކޮށްގެން ބެހެއްޓި މިސްކިތެކެވެ. އެއީ އެރަށުގައި ދެވަނަޔަށް ބެހެއްޓި ހުކުރު މިސްކިތެވެ. ހިރިގަލު މިސްކިތަށްވުރެއް ފަނަރަ ވަރަކަށް ފޫޓު އިރުމަތީގައި، އެ މިސްކިތް ބެހެއްޓީ 1925މ. ވަނަ އަހަރުހާ ތާނގަ އެވެ. އޭގެފަހުން ފައިފަލަބަލީގެ މީހުންނަށް ޚާއްޞަކޮށްގެން ބަރާސިލު އަށުގައި މިހާރުގެ ރޯޝަނީގޭ ގޯއްޗާ އިންވެގެން ދެކުނަށް މިސްކިތެއް ބެހެއްޓީ 1949މ. ވަނަ އަހަރުހާތާގަ އެވެ. އެއީ ބަރާސިލު މިސްކިތެވެ. އަތިރިމަތީގައި ހުންނަ "ތިރިމިސްކިތް" ހުޅުވި ތާރީޚެއްކަމަށް އެ މިސްކިތުގައި ލިޔެފައިވަނީ، ޙައްޖު 9، 1374ހ. (ޖުލައި 28، 1955މ.) ބުރާސްފަތި އެވެ. (ނުނިމޭ)