"ނުފުރުދު ހަގިމަކި ތެރަޕެންނޭ"

 

ގައުމީ މުނާސަބާއެއްގައި ތިނަދޫގައި ބާއްވާ ޝޯވއަކަށް ބޭނުންވާ ލަވަތަކެއް ހެދުމަށްޓައި އެހާތަނަށް ޢާއްމުކޮށް ނުއިވޭ ރާގުތަކެއް ހޯދަންޖެހުނެވެ. މިހެންވެ އަތޮޅުވެރިންގެ ހުއްދަ ލިބިގެން 1972 ވަނަ އަހަރުތެރޭ، ގދ. އަތޮޅުއޮފީހުގެ ރޭޑިޔޯ ޓެލެފޯން ސެޓްގެ ރޭޑިޔޯ ރިސީވަރު، އަވައްޓެރި "ރޭޑިޔޯ ސިލޯން" އަށް ޓިއުންކޮށް، ބައެއް ސިންގަޅަ ލަވަ އަޅުގަނޑު ރެކޯޑްކުރީމެވެ. ރެކޯޑްކުރީ، ހަވަރުތިނަދޫ ސްޕޯރޓްސް ކްލަބްގެ ޓޭޕް ރެކޯޑަރަކުންނެވެ. އޭރު ތިނަދޫގައި ހުރީވެސް މިރެކޯޑަރ އެކަންޏެވެ.

                         

         އެދުވަސްވަރުގެ ރޭޑިޔޯ ޓެލެފޯން ހުންނަގޮތުގެ ނަމޫނާއެއް


އަތޮޅު އޮފީސްތަކުގައި ރޭޑިޔޯ ޓެލެފޯނު ބެހެއްޓި ދުވަސްވަރު އެއިން ވާހަކަދައްކައި މެސެޖް ފޮނުވައި މެސެޖް ނެގުމަކީ، އަތޮޅުއޮފީސްތަކުގެ ކޮންމެ މުވައްޡަފަކަށް ކުރެވޭ ކަމެއްނޫނެވެ. އެކަން ކުރެވޭނީ، އަތޮޅުވެރިޔާގެ އެދިވަޑައިގަތުމަށް، އަތޮޅުތަކުގެ ކަންތައް ބަލަހައްޓަވާ މިނިސްޓްރީން ހުއްދަދެއްވި މުވައްޡަފަކަށެވެ. މިގޮތުން ރޭޑިޔޯ އޮޕަރޭޓަރ ފިޔަވައި އެހުއްދަ ދެއްވަނީވެސް އަތޮޅުއޮފީހުގެ މުވައްޡަފުންގެ ތެރެއިން އެކަކަށެވެ. ގިނަވެގެން ދެމީހަކަށެވެ. އެދުވަސްވަރު ގދ. އަތޮޅުއޮފީހުގެ ރޭޑިޔޯ ޓެލެފޯނުން ވާހަކަދެއްކުމުގެ ހުއްދަ އަޅުގަނޑަށް އޮވެއެވެ. ހުއްދަ ދެއްވީ 1969 ގައެވެ.

 

ސިންގަޅަ ލަވަތަކެއް ރެކޯޑްކުރި ދުވަހުގެ އެއްލަވަޔަކީ "ނުފުރުދު ހަގިމަކި" އެވެ. އެދުވަސްކޮޅު ތިނަދޫގެ މޮޅު ޝާޢިރުންކަމަށްވާ އަޚު ޢަފީފުއާއި އުޚްތު ރަޝީދާ ތިނަދޫގައި ނޫޅޫއްވާތީ، ލަވައިގެ ރާގަށް ފެތޭގޮތަށް ހުވަދޫ ބަހުރުވައިން "މިހިތެކެ އަބެރައި ނުނަގަންނެއި" މިލަވަ އަޅުގަނޑު ހެދީ، އޮރިޖިނަލް ލަވަވެސް ކިޔާފައިވާ ގޮތަށް، ފިރިހެން / އަންހެން ދެ ލަވަކިޔުންތެރިން ކިޔާގޮތަށެވެ. "މިހިތެކެ އަބެރައި ނުނަގަންނެއި" ކިޔާފައިވާ ފިރިހެން ލަވަ ކިޔުންތެރިޔަކީ ސްޕޯރޓްސް ކްލަބްގެ މެމްބަރެކެވެ. އަންހެން ލަވަ ކިޔުންތެރިޔަކީ އެކްލަބްގެ މެމްބަރެއްނޫނެވެ. އެއީ ޚާއްޞަ މުނާސަބާތަކަށް ތަރުޙީބުދެއްވާ، ހުވަދޫ ރަންއަޑުގެ ވެރިޔާ ތިނަދޫ ސްޓާރލިންގ މަރުޙޫމާ މަރިޔަމް އަޙުމަދު ދީދީ އެވެ.  

 

އެފަހަރުގެ ގައުމީ މުނާސަބާ ނިމުމަށްފަހުވެސް ހަވަރުތިނަދޫ ސްޕޯރޓްސް ކްލަބްގެ މިޔުޒިކް ގުރޫޕުން މިލަވަ ބޭނުންކުރަމުން ދާތާ ދުވަސްކޮޅެއްގެ ފަހުން މަރުޙޫމާ މަރިޔަމް އަޙުމަދު ދީދީ، އައްޑުއަތޮޅަށް ކުރެއްވި ޒިޔާރަތެއްގައި، ހިތަދޫގައި ހުޅުވާފައިވާ "ނައިންޓީ ނައިޓްސް" ކާނިވަލްގައި މާލޭ "ދަ ކޯބްރާޒް" މިޔުޒިކް ބޭންޑާއެކީ މަރިޔަމް އަޙުމަދު ދީދީ ބައެއް ލަވަތައް ކިޔުއްވިއެވެ. މީގެތެރޭ އެއްލަވަޔަކީ "މިހިތެކެ އަބެރައި ނުނަގަންނެއި" އެވެ.  

 

މިލަވަޔަކީ އެކަކުދައްކާ ވާހަކައަށް އަނެކަކު ދޭ ޖަވާބެއްގެ ގޮތަށް ހަދާފައިވާ ލަވަޔަކަށް ވިޔަސް، ހިތަދޫ ކާނިވަލްގައި މިލަވަ ކިޔުއްވީ މަރިޔަމް އަޙުމަދު ދީދީ އެކަންޏެވެ. މިގޮތަށް ކިޔުމަކުން ހުވަދޫ ބަހުރުވައިން ލަވައޮތް ގޮތުން އަޑުއަހާ ބަޔަކަށް އިވޭނީ ވެސް މާބޮޑު އަޅައިގަތުމެއް ނެތިއެވެ. އެފަހަރުވީވެސް އެހެނެވެ.

 

ހިތަދޫގެ ކާނިވާ "ނައިންޓީ ނައިޓްސް" ނިމުނުތާ ދުވަސްކޮޅެއްގެ ފަހުން، މިލަވައިގެ ރާގަށް "މިދެހިތް އަލަކުން ނުގުޅޭނޭ" މިލަވަ ހައްދަވައި މާލޭގެ ގްރޫޕަކުން ލަވަ ކިޔުއްވަމުން ގެންދެވިއެވެ. އެގުރޫޕުގެ އަމިއްލަ ރާގެއްގެ ގޮތުގައެވެ. މިކަން އަޅުގަނޑަށް އެނގުނީ، ބ. ހެލްތުސެންޓަރުގައި އަޅުގަނޑު ހުއްޓައި، ހަވަރުތިނަދޫ ސްޕޯރޓްސް ކްލަބްގެ މަސްއޫލު މެމްބަރެއްކަމަށްވާ، މާލޭ މަލިންގޭ މަރުޙޫމު އާދަމް ޝަރީފު އޭދަފުއްޓަށް ވަޑައިގެން އުޅުއްވުމުގެ ތެރޭ އެމަރުޙޫމު އެވާހަކަ ވިދާޅުވީމައެވެ.

 

ތިރީގައި އެވަނީ، އަޅުގަނޑު ރެކޯޑްކުރި ސިންގަޅަ "ނުފުރުދު ހަގިމަކި" އޮރިޖިނަލް ލަވަޔެވެ. މިލަވަ ފަހުން ހޯދީ ޔޫޓިއުބުންނެވެ. ލަވަ ކިޔާފައިވަނީ، އެޗް.އާރ ޖޮތިޕަލަ އާއި އަންޖެލީން ގުނަތިލަކަ އެވެ. ފަހުގެ ޒަމާނީ އިންސްޓްރޫމެންޓާ އެކު ވެސް މި ދެ ލަވަކިޔުންތެރިންގެ "ނުފުރުދު ހަގިމަކި" މިލަވަ އިވެއެވެ. 


އެޗް.އާރ ޖޮތިޕަލަ، ދުނިޔެދޫކުރީ 7 ޖުލައި 1987 ގައި ޢުމުރުން 51 އަހަރުގައެވެ. އަންޖެލީން ގުނަތިލަކަ ވަނީ، 29 މާޗް 2019 ގައި ޢުމުރުން 79 އަހަރުގައި ދުނިޔެދޫކޮށްފައެވެ.

                -----------------

ޢަބްދުﷲ ޙިލްމީ

9 ޖުލައި 2024މ.