ހަވަރުތިނަދޫ ފެންމީރުވި، ހޮއްވަޑާ

ބައެއް ކަންކަމާއި ބައެއް އެއްޗެތީގެ ވާހަކަދައްކައި ލިޔުމަކީ، ބޭނުމެއްނެތް ބޭކާރުކަމަކަށް ވެއެވެ. އެހެންވެ، މިލިޔުމަކީ ވެސް އެކަހަލަ ކަމަކަށް ވެދާނެއެވެ. ބޭކާރުކަމަކަށް މިލިޔުން ވެދާނެގޮތަކީ، މިލިޔުމުގައި ގެނެސްދެނީ، މިހާރު އެވަޅެއް ވުޖޫދުގައި ނެތް ބޯފެން ވަޅެއްގެ ވާހަކައަށްވުމުގެ އިތުރަށް، އެވަޅު ކޮންމެ ތަނެއްގައި ހުއްޓަސް އަދި ނެތަސް، އެކަމުގެ އެއްވެސް ޝައުގެއްނެތް މީހުން މިހާރު މަދުނުވާނެ ކަމަށް ބެލެވޭތީއެވެ.

މިހެންވިޔަސް، ވެދާނެކަމެއް އެބައޮތެވެ. މިވަޅުގެ ވާހަކައަށް އެންމެމީހެއްގެ ޝައުގުވެރިވުމެއް އޮތް ނަމަވެސް، މިވާހަކަ ދެއްކުމާއި އަދި ލިޔުމުގެ ބޭނުންތެރިކަން އޮވެދާނެއެވެ.

               *******************

"ފެންމީރުވި ރީތިރަށޭމީ ރޫޙުވަނީ ތިނަދޫގަޔޭ" މިލަވައިގައި ކިޔާ ފެންމީރުވަނީ، ތިނަދޫގެ ހުރިހާ ވަޅެއްގެ ނޫނެވެ. ފެންމީރުވަނީ، ހަވަރުތިނަދޫ އާސާރީ ހުކުރުމިސްކިތުގެ ބޯފެން ވަޅުގައެވެ. އަޞްލު "ހޮއްވަޑާ" އަކީ، މިޔެވެ. ހުވަދޫ ބަހުރުވައިގެ "ހޮއްވަޑާ" އަކީ، މާލޭ ބަހުރުވައިގެ ހެޔޮވަޅެވެ. ބޯފެން ހެޔޮވަޅެވެ.

ހަވަރުތިނަދޫ އާސާރީ ހުކުރުމިސްކިތުގެ ހަތަރެސްކަން ބޯފެންވަޅު "ހޮއްވަޑާ" ނެތިގެން ދިޔައީ އެމިސްކިތް ކުޑަވެ، މިސްކިތުގެ ބޭރުން 1950 ގައި ބޮޑު މިސްކިތެއް ޢިމާރާތްކޮށް ނިމުނުއިރު، މިސްކިތާއި ވަރަށް ކައިރީގައި ވަޅު ހުރީމާ، ހަމަބިމަށްވުރެ ތަންކޮޅެއް އަޑިން ވަޅުގެ މަތީބައިގެ ގައުތައް ނަގައި، ވަޅަށް ފަސްއަޅައި ފޮރުވައިލުމުންނެވެ. މިއީ ހިރިގަލުން ހަދާފައިވާ ފެންމީރު ވަޅެކެވެ.


 ތިނަދޫ ދިއްލަގީ މަރުޙޫމު މުޙައްމަދު އަޙުމަދާއި، ތިނަދޫ ސީނިއަރުގޭ މުޙައްމަދު ނަޖީބު (ކަލޯބެ) ތިނަދޫ އާސާރީ ހުކުރުމިސްކިތާ ބެހޭ މަޢުލޫމާތު ދެއްވަނީ 


މި"ހޮއްވަޑާ" ހުރިތަން ތިނަދޫގެ ފަހުގެ ގިނަބަޔަކަށް ނޭނގެއެވެ. މިބަޔަކު ހޮއްވަޑާ ކިޔަނީ، ހަވަރުތިނަދޫ ދެވަނަ އާބާދީ އެރަށުގައި ވަޒަންވީއިރު ވެސް ހުކުރުމިސްކިތުގެ ކުރިމަތީ ހުންނަ ހަތަރެސްކަން ދެވަޅުގެ ތެރެއިން އުތުރު ފަރާތުގައި ހުންނަ ވަޅަށެވެ. މިދެވަޅު ބެހެއްޓީ ހުކުރުމިސްކިތް ބޮޑުކުރި ދުވަސްވަރުއެވެ.

މިވަޅުގެ ނަމަކަށް ކިޔައި އުޅުނީ ވެސް "ހޮއްވަޑާ" އެވެ. މިއީ މިކަހަލަ ބައެއް ކަންކަން ވާގޮތެވެ. އެހެނީ، ކުރީގެ ބޯފެން ނަގާ ވަޅު "ހޮއްވަޑާ" ވެސް ހުރީި، އާސާރީ މިސްކިތުގެ ކުރިމަތީގައެވެ. އެމިސްކިތް ރޫޅާލާ ފަހުން ބޮޑުކުރި މިސްކިތުގެ ކުރިމަތީ ވެސް ބޯފެންނަގާ ވަޅެއް ހުރެ، މިވަޅުގެ ފެން ވެސް އެހާ މީރުވީމާ، މިވަޅަށް ވެސް "ހޮއްވަޑާ" ކިޔަނީއެވެ.

މިސާލެކެވެ.

ގޯއްޗެއްގެ އެންމެފަހަތުގައި ދަނޑިފަނުން ހެދި ގެޔަށް ކިޔަނީ "ފުރުކުމާގެ" އެވެ. އޭގެ ފަހުން އެގެ ރޫޅާލައި އެގޯތީގެ މެދުގައި ރާނާ ދެފަރާތުގައި އުވަ ޖަހާފައި ހެދި ގެޔަކީ ވެސް "ފުރުކުމާގެ" އެވެ. އަދި އޭގެ އަހަރުތަކެއްގެ ފަހުން މިގެ ތަޅާލައި އެގޯތީގެ މަގާ ކައިރީ 10 ބުރިޔަށް ނަގައި ހެދި ބިލްޑިންގަކީ ވެސް "ފުރުކުމާގެ" އެވެ. މިހެންވީމާ އެގޯތީގެ ކޮންމެތާކު ގެ ހުއްޓަސް އެއީ "ފުރުކުމާގެ"އަށް ނުވާނެގޮތެއް ނެތްތާއެވެ.

ހަވަރުތިނަދޫގެ ފުރަތަމަ އާބާދީގައި 1950 ގައި ޢިމާރާތްކުރި އައު ހުކުރުމިސްކިތުގެ ކުރިމަތިން ވާތްފަރާތުގައި ހުންނަ ވަޅުން (ފަހުގެ ހޮއްވަޑުން) ރަށުގެ ގޭގެޔަށް ބޯފެން ގެންދިޔުމަށް ވަޅުދޮށަށް ވަރަށްގިނަ އަންހެނުން ދެޔެވެ. ގިނައިންދަނީ ހަވީރުއެވެ. ޒުވާން އަންހެންކުދިން ނަލަހެދި ރީތިވެގެންނެވެ. ދެ ދާނި، ތިން ދާނިން ވެސް ވަޅުން ފެން ނަގާ ދުވަސް ދިޔައެވެ. ބައެއްދުވަސް ދުވަހު ހަވީރުު، ދާނިން ނެގޭ ވަރަށްވުރެ ވަޅުގެ ފެންމަދުވެ، މަޑުކޮށްލަން ވެސް ޖެހެއެވެ. އެކަމަކު މިއީ ފެންތިލަވުމުން، ގިނައިން ފެންނެގޭ ވެސް ހިސާބެކެވެ.

ވަޅުގެ ދާނީން ނެގޭވަރަށްވުރެ ވަޅުގެފެން މަދުވުމުން، ބައެއް އަންހެނުން ގެއިން ގެންދާ ނާށި ދާންޏަކުން ފެން ނަގައެވެ. މިގޮތަށް ނަގަނީ ވަޅުގެ އަޑީގެ ހަތަރު ކަނުންކުރެ ކޮންމެވެސް ކަނަކުންނެވެ. މިއިން ކޮންމެ ކަނަކާ ދިމާއިން ވަޅުގެ އަޑީގެ ގާ އޮންނަނީ ގޭނިގޭނި ކުޑަކޮށް އަޑިވެފައެވެ. އަދި ވަޅުގެ މަތީގެ ހަތަރު ކަނުންކުރެ، ކޮންމެ ކަނެއްވެސް ހުންނަނީ، ބަނޑިޔާ ބަހައްޓާ ބަހައްޓާ އަޑިވެފައެވެ.  އަންހެނުން ގޭގެޔަށް ފެންގެންދަނީ، ބަނޑިޔާ ބޮޑުނަމަ، ބޮލުގައި ބަހައްޓައިގެން، ބަނޑިޔާ ކުޑަނަމަ ކިހިލި ޖަހައިގެންނެވެ.

           ބަނޑިޔާއަށް ފެންއަޅައި ގެންދާގޮތުގެ ނަމޫނާއެއް


ހަވަރުތިނަދޫ ދެވަނަ އާބާދީގައި ހުކުރު މިސްކިތުގެ ވަޅުން ފެންބަލައި ދިޔަ އޭރުގެ އަންހެންކުއްޖަކު މަޢުލޫމާތު ދެމުން ބުނެފައިވަނީ، ހަވީރު "ހޮއްވަޑުން" ފެން ނަގަނިކޮށް ކާސިންފުތުބޭ މިސްކިތަށް ދުރުވާތަން ފެނުމުން، ބައެއް އަންހެންކުދިން ބަނޑިޔާ ދޫކޮށްލައި ދުވެ ރައްކައުވާ ކަމަށެވެ. އެއީ ކާސިންފުތުބޭ ދެކެ ބިރުންނެވެ.  

ކާސިންފުތުބެ (މަރުޙޫމު ގާސިމް ރަޝާދު) އަކީ، ަހަވަރުތިނަދޫ ދެވަނަ އާބާދީ ފެށިގެން އައި ދުވަސްވަރު ވެސް ހުކުރުމިސްކިތުގެ މުދިމެވެ. ގިނަ ބަޔެއްގެ ޖެހިލުންވުމާއި އިޙުތިރާމާއި ލޯބި ހޯއްދެވި ޝަޚުޞިއްޔަތެކެވެ.

ހަވަރުތިނަދޫ ދެވަނަ އާބާދީގެ އަހަރުތަކެއްގެ ފަހުން ހުކުރުމިސްކިތުގެ ޢިމްރާނީ މަސައްކަތެއްގެ ތެރޭ މިވަޅު (ފަހުގެ ހޮއްވަޑާ) ހުރިތަނުން ނަގައި މިސްކިތުގެ ގޯތިތެރޭ އެހެން ތަނެއްގައި ބެހެއްޓިއެވެ. މިތަން ފާހަގަކޮށް އަޅުގަނޑު ފޮޓޯ ނެގީމެވެ. މިހާރު މިވަޅުވީ ހަމަބިމަށް ވުރެ ތަންކޮޅެއް އަޑީގައެވެ. މިވަޅު ފާހަގަކޮށް ފޮޓޯ ނެގުމުގެ އިތުރަށް އާސާރީ މިސްކިތުގެ ދެ ވެވު އޮތްތަން ވެސް ފާހަގަކޮށް ފޮޓޯ ނެގީމެވެ.

1950 ގައި ހަވަރުތިނަދޫ ހުކުރުމިސްކިތް ބޮޑުކުރިއިރު އެމިސްކިތުގެ އިރު އުތުރު ފަރާތުގައި ހިރިގަލުގެ ބޮޑު ހަތަރެސްކަން ވަޅެއް ބެހެއްޓިއެވެ. ބޭނުމަކީ ސިލޯނަށް ދަތުރުކުރާ އޮޑިފަހަރާ، އެހެންވެސް ރަށުން ބޭރަށް ދަތުރުކުރާ އުޅަނދުތަކަށް ބޭނުންވާ ފެން މިވަޅުން ނެގުމެވެ. ނަމަވެސް މިވަޅު ބޭނުންކުރާތާ އަހަރުތަކެއްވީ ފަހުން ވަޅުގެ މަތި ތަޅާލައި ފޮރުވައިލިއެވެ. އޭގެފަހުން މިވަޅުގެ މަތި ރާނައި އަލުން ބޭނުންކުރަން ފެށީ، ހަވަރުތިނަދޫގެ ދެވަނަ އާބާދީގައެވެ.

އިސްލާމީ މަރުކަޒު ބިނާކުރުމަށް ތިނަދޫގެ ހުކުރުމިސްކިތް ރޫލާލިއިރު ވެސް، ސަލާމަތުން ރަނގަޅަށް މިވަޅު ހުއްޓެވެ. އޭގެ ފަހުން މިވަޅުގެ މަތި ސުންނާފަތިކޮށްލީ، މިސްކިތް ރޫޅާލިތާ ތަންކޮޅެއް ފަހުގެ ދުވަހެއްގައި އެބިން ސާފުކުރުމުގެ މަސައްކަތްކުރި ލޯޑަރެއްގެ ދަތްގަނޑު ޖައްސާފައެވެ. މިއީ ޙައިރާންވާން ޖެހޭ ކަމެއްނޫނެވެ.

އެހެނީ، އެބިމުގައި މަތިވެރި ﷲ ގެ މުސްލިމު އަޅުތަކުން އެމާތް އިލާހުގެ ޙަޟްރަތަށް ކުއްތަންވެ، ފަރުޟު ނަމާދުކުރާތާ އެތައް ސަތޭކަ އަހަރެއްގެ ފަހުން އެކަން ހުއްޓުވައި، އެކަމަށް އެއްވެސް ޙައްލެއް ނުލިބުމުން ވެސް، އެކަމާ ދެރަވެ ކަންބޮޑުވެ ޙައިރާންވާ ބަޔަކު އުޅެނީކީ ނޫނިއްޔާއެވެ.


ނޯޓެއް:

މިމަޟްމޫނުގެ މަތީގައިވަނީ، ހަވަރުތިނަދޫ "ހޮއްވަޑާ"ގެ ފޮޓޯއެއް ނޫނެވެ. އެވަޅުގެ ފޮޓޯއެއް ލިބިފައި ނެތެވެ. މަތީގައިވާ ކަޅާއި ހުދަށް ބަދަލުކޮށްފައިވާ ފޮޓޯއަކީ، ހަވަރުތިނަދޫ ހުކުރުމިސްކިތް ބޮޑުކުރި ދުވަސްވަރު އެމިސްކިތުގެ އިރު އުތުރު ފަރާތުގައި ބެހެއްޓި ހަތަރެސްކަން ބޮޑު ވަޅުގެ ކުލަ ފޮޓޯއެކެވެ. "ހޮއްވަޑާ"އަކީ ވެސް ހަތަރެސްކަން ވަޅެކެވެ.  މިފޮޓޯނެގީ، 2006 ގައި، ޙަސަން ޢަބްދުﷲ ޙިލްމީ އެވެ.

          -----------------

ޢަބްދުﷲ ޙިލްމީ

25 ޖޫން 2024މ.

 

މަޢުލޫމާތުގެ ޙިއްޞާ:

ދިވެހި ބަހުގެ އެކެޑަމީން ދެއްވި ލިޔުންތައް، އިންޓަރނެޓްގެ ބައެއް ވަސީލަތް، ތިނަދޫ ޖަނަވަރީގޭ މަރުޙޫމު ޙަސަން ޙިލްމީގެ ލިޔުއްވުން، މުޙައްމަދު ނަޖީބު ސީނިއަރުގެ/ ތިނަދޫ، މަރުޙޫމު މުޙައްމަދު އަޙުމަދު ދިއްލަގީ/ ތިނަދޫ، ޢަބްދުﷲ ޙަސަން ނޫރާނީވިލާ/ ތިނަދޫ