ކުރީގެ ހަވަރުތިނަދޫގެ ޤަބުރުސްތާން

  

ގައިންގަޔަށް އަރާ، އެހާތަނަށް ފަރުވާއެއް ލިބޭނޭގޮތެއް ނެތިފައިވާ ހަވަރުތިނަދޫގެ މީހުން، 1962 ގައި އެރަށުން ބޭލުމުގެ އަހަރުތަކެއްގެ ކުރިން ރަށުގެ ޢާއްމުންނާ އެކަހެރިކޮށް ބައިތިއްބަނީ، އެރަށުގެ "ދަޑުކޮޑާ" ކިޔުނު ސަރަޙައްދުގެ ވަކި ހިސާބެއްގައެވެ. މިތާނގައި ތިއްބާ މަރުވާމީހުން ވަޅުލަނީވެސް މިސަރަޙައްދުގެ ތެރޭގައެވެ.

އިހު އެވޭލާ ޒަމާނުގައި ދިވެހިރާއްޖޭގެ ރަށްރަށުގައި މީހުން މަރުވެ ވަޅުލައިފައިވާ ހުރިހާބިމެއް އެހާ ރަނގަޅަށް އެނގޭކަށް ނެތެވެ. މިހެން ދެންނެވީ، ބައެއް ރަށްރަށުގެ ގޯތިތަކުގެ އެކި މަސައްކަތްކުރުމުގެ ތެރޭ ފަސްގަނޑު ތެރެއިން ވަޅުލައިފައިވާ މައްޔިތުންގެ މިނިކަށި ފެނިފައިވާތީއެވެ. މިއީ މަރުވެފައިވާ މީހަކު އެތާނގައި ވަޅުލާފައިވާކަން ކުރިން ނޭނގޭ ތަންތަނެވެ.

އެދުވަސްވަރު ހަވަރުތިނަދޫގައި އެކަހެރިކޮށްފައިވާ މީހުންނޫން މީހުން މަރުވުމުން ވަޅުލަނީ، އެރަށުގެ ތިން މިސްކިތެއްގެ ގަބުރުސްތާނުން ކުރެ ކޮންމެވެސް ގަބުރުސްތާނެއްގައެވެ. މިގަބުރުސްތާނުތައް ވަރަށްބޮޑެވެ. ނަމަވެސް 1966 ގައި ހަވަރުތިނަދޫގެ ދެވަނަ އާބާދީ ފެށުނުފަހުން ރަށުގެ އެއްވެސް މިސްކިތެއްގެ ގަބުރުސްތާނުގައި މަރުވާމީހުން ވަޅުނުލައެވެ. ވަޅުލަނީ ހަވަރުތިނަދޫ ކުރީގެ އާބާދީގެ ބޯޅަދަނޑު، ގަބުރުސްތާނަކަށް ހަމަޖައްސައި އެތާނގައެވެ.

 

ހަވަރުތިނަދޫ ކުރީގެ އާބާދީގައި ގަބުރުސްތާނު އޮތް މިސްކިތްތައް:


1- ދެކުނު އަވަށުގައި އެރަށު މޫސާގެ ޢަލީ، ބިނާކޮށްދެއްވި މިސްކިތް

(މި ޢަލީގެ އިތުރު ތަޢާރަފެއް، ވަނަވަރެއް އަޅުގަނޑަށް ހޯދިފައި ނުވެއެވެ.)

ހަވަރުތިނަދޫން މީހުން ބޭލުމުގެ ކުރިން މި މިސްކިތަށް "ކައޮޑާ" މިސްކިތް ކިޔައި އުޅުނެވެ. އެރަށުގެ ދެވަނަ އާބާދީގައި މީހުން ވަޒަންވެރިވުމުން މިމިސްކިތަށް "ދޮށިމޭނާ" މިސްކިތް ކިޔެވެ. މިމިސްކިތް ރޫޅާލައި ނައްތާލީ، އެދުވަސްކޮޅު ރަށުގެ ދިގު މަގުތަކަށް އައި ބަދަލެއްގެ ތެރޭ މިސްކިތް މަގަށް ގޮސްގެނެވެ.

2- އުތުރުއަވަށުގައި ދެއްވަދޫ ރަސްގެފާނު ބިނާކޮށްދެއްވި ފުށިކޮޅު (ހުއްޓޭކޮޑު) މިސްކިތޭ ކިޔުނު، މިހާރުގެ މަސްޖިދުލް ސުލްޠާނު މުޙައްމަދު

3- ޣާޒީ ރަދުންގެ ދުވަސްވަރު ބިނާކުރައްވާ އޭގެ ފަހުން ޢިމްރާނީ ބަދަލުތަކެއް ގެނެސްފައިވާ ހުކުރުމިސްކިތް، ފަހުން މަސްޖިދުލް ޣާޒީ މުޙައްމަދު

 

ތިން މިސްކިތުގެ ބޯގަ ފަތްކޮޅުތަކުގެ ކޮޕީ ލިޔުން


(ހ) ދެކުނު އަވަށުގައި އެރަށު މޫސާގެ ޢަލީ ބިނާކޮށްދެއްވި މިސްކިތުގެ ބޯގަ ފަތްކޮޅު

ހަވަރުތިނަދޫން މީހުން ބޭލުމުގެކުރިން މިމިސްކިތުގެ ގަބުރުސްތާނުގައި އެންމެފަހުން ވަޅުލި މީހެއް ހޯދިފައި ނުވެއެވެ. މިގަބުރުސްތާނު އޮތީ، މިހާރު އެރަށު މޮސްކޯގެއާއި އެތާނގެ ކައިރީ ބައެއް ގޭގެ މިހާރު ހުރި ހިސާބުގައެވެ.

   

(ށ) ފުށިކޮޅު (ހުއްޓޭކޮޑު) މިސްކިތް، މިހާރުގެ މަސްޖިދުލް ސުލްޠާނު މުޙައްމަދުގެ ބޯގަ ފަތްކޮޅު

މިބޯގަ ފަތްކޮޅު ލިޔެދެއްވާފައިވަނީ، 6 ވަރު (ހަވަރު)ގެ 6 ބޭކަލެކެވެ. މިފަތްކޮޅު ލިޔެދެއްވި ދުވަސްވަރު ހަވަރުތިނަދޫ އޮތީ 6 ވަރު (ހަވަރު)ގެ ބެއްލެވުމުގެ ދަށުގައިކަމަށް ވާތީ ރަށުގެ އެންމެހައި ކަމެއް ބެލެހެއްޓެވުމުގެ އިސް ފަރާތަކީ 6 ވަރެވެ. މިބޯގަ ފަތްކޮޅުގައި ތިނަދޫގެ ނަމަކަށް ލިޔުއްވީ، ހަވަރު ތިނަދޫ ނޫނެވެ. ލިޔުއްވީ ހުވަދުންމަތީ ތިނަދޫ އެވެ.

"ހަވަރު" ނުވަތަ "6 ވަރު"އަކީ 6 ބަޔެކެވެ. ދިވެހި ވެރިކަމުގެ އެންމެ އިސް ފަރާތުގެ (ރަސްގެފާނުގެ) ހަގުބޭކަލުން ބެހިފައި އޮންނަ 6 ބަޔެވެ. ރަސްގެފާނުގެ ލަޝްކަރެވެ. ދިވެހިރާއްޖޭގެ އަމަންއަމާން ކަމާއި ޞުލްޙަ މަޞްލަޙަތު ބެލެހެއްޓުމަށް ދިވެހި ވެރިކަމުގެ އެންމެ އިސް ފަރާތުން އެބަޔަކާއި މަތިކޮށްފައިވާ ޢަސްކަރީންނެވެ. (މިހާރުނަމަ ސިފައިންނާއި ފުލުހުންނެވެ.) 

6 ވަރުގެ 6 ބައިންކުރެ ކޮންމެބައެއްގެ ވެރިއެއްގެ ގޮތުން ހުންނަވަނީ، ކޮލިލައްވައި ބޮޑު މުސްކުޅިކަމުގެ އަސާ ދެއްވާފައި ހުންނަވާ ބޭކަލެކެވެ. 6 ވަރަކީ ދޮށިމޭނާވަރާއި، ހަކުރާވަރާއި، ވެލާނާވަރާއި، ފާމުލަދޭރިވަރާއި، މާފަތްވަރާއި، އަދި ދަހަރާވަރު އެވެ. ހަގުބޭކަލުން އުފެއްދެވީ މަޝްހޫރު ދިވެހި ގައުމީބަޠަލު އުތީމު ޣާޒީ ރަދުންނެވެ.  

ހަވަރުތިނަދޫން މީހުންބޭލުމުގެ ކުރިން މިމިސްކިތުގެ ގަބުރުސްތާނުގައި އެންމެފަހުން ވަޅުލީ، އެރަށު ލައިނޫފަރުމާގޭ ސަންފާ (ސަންފާ ދައްތަ) އެވެ. މީނާ ނިޔައުވީ އެގޭގައެވެ. މިޖަނާޒާ އޮތީ 31 ޖަނަވަރީ 1962 (25 ޝަޢުބާން 1381) ދުވަހު، މިސްކިތާއި މިސްކިތުގެ ހުޅަނގުން އޭރުގެ ޝާރިޢުލް އަމީނާއި (މިހާރު ޣާޒީ މަގާއި) ދޭތެރޭ ގަބުރުސްތާނުގައެވެ. މިޖަނާޒާގައި އިސްވެ ހުންނެވީ ކުޑަ ޚަޠީބު އަދި ހުކުރުމިސްކިތުގެ މުދިމު މަރުޙޫމު ޤާސިމް ރަޝާދު (ކާސިންފުތު ބެއްޔާ) އެވެ.

ހަވަރުތިނަދޫގެ ދެވަނަ އާބާދީގައި މި މިސްކިތުގެ އިރުމަތީ ފަރާތުން ބަޔަކާއި، މިސްކިތުގެ ދެކުނު ފަރާތުން މިހާރު އޮތް މަގުގެ ބަޔަކާއި އަދި އެމަގުގެ ދެކުނުން ބޯޅަދަނޑުގެ ބަޔަކަށްވެސް އެގަބުރުސްތާނު ވަނީ ގޮސްފައެވެ.

 

(ނ) ހުކުރުމިސްކިތް "ފަހުން މަސްޖިދުލް ޣާޒީ މުޙައްމަދުގެ ބޯގަ ފަތްކޮޅު

މިފަތްކޮޅުގެ އަޞްލުގެ ސްކޭން ކޮޕީއެއް ލިބިފައިވެއެވެ.

ހަވަރުތިނަދޫ ހުކުރުމިސްކިތުގެ ގަބުރުސްތާނުގައި އެންމެފަހުން ވަޅުލީ، 8 ޑިސެމްބަރ 1961، ( 1ރަޖަބު 1381ހ.) ގައި ދުނިޔެ ދޫކުރެއްވި އެރަށު ބާންސަރީގޭ މަރުޙޫމު މުޙައްމަދު ގާސިމް (ކުދެބެއްޔާ، ކުދެކުއްދާބެ) އެވެ. މުޙައްމަދު ގާސިމް ނިޔައުވީ އެރަށު ގުލްދަސްތާގޭގައެވެ.

މަރުޙޫމު މުޙައްމަދު ގާސިމް ވަޅުލި ހިސާބު ދައްކައިދޭ، ގަބުރުސްތާނުގެ ފޮޓޯ 

 

މިޖަނާޒާގައި އިސްވެ ހުންނެވީ، ހަވަރުތިނަދޫ ކުޑަ ޚަޠީބު އަދި ހުކުރުމިސްކިތުގެ މުދިމު މަރުޙޫމު ޤާސިމް ރަޝާދު (ކާސިންފުތު ބެއްޔާ) އެވެ. މިޖަނާޒާގައި އަޅުގަނޑު ބައިވެރިވީމެވެ. އެއީ، މިމަރުޙޫމުއާ އަޅުގަނޑުގެ މަންމަގެ މާފައާ ދެބެންގެދެދަރި ވުމުގެ އިތުރަށް، އަދި މިމަރުޙޫމުގެ އަނބިކަނބަލުން ސިއްތި ދައްތައާ އަޅުގަނޑުގެ މަންމަގެ މާމައާ ވެސް ދެބެންގެދެދަރި ވުމުން ގާތްތިމާގެކަން އޮތުމުންނެވެ.

މި މަރުޙޫމަށް ހެޔޮ ދުޢާކޮށް ޤުރުއާން ކިޔެވުން 7 ދުވަސްވަންދެން ހުކުރުމިސްކިތުގައި އޮތެވެ. މިކަމުގައިވެސް އަޅުގަނޑަށް ބައިވެރިވެވުނެވެ.

ހަވަރުތިނަދޫން މީހުން ބޭލުމުގެކުރިން ހުކުރުމިސްކިތުގެ ގަބުރުސްތާނުގައި މިސްކިތުގެ އުތުރުފަރާތުގައި ވަށައި ތިރި ފާރު ރާނާފައިވާ ތަނެއް (ޒިޔާރަތެއް) އޮވެއެވެ. މިތާނގައި ވަޅުލާފައިވަނީ، ހުވަދުއަތޮޅާއި ތިނަދުއަށް ޚިދުމަތްކުރެއްވި ބައެއް ބޭފުޅުންނާއި އެނޫންވެސް ފާހަގަކުރެވޭ ބައެއް ބޭފުޅުންނެވެ. މިތާނގައި ވަޅުލާފައިވާ މަރުޙޫމުންނާއި މަރުޙޫމާއިންގެ ނަންތައް ލިޔެފައިވެއެވެ. ނަމަވެސް މިމަޟްމޫނު ދިގުވާތީ އެބައި ދޫކޮށްލީއެވެ.

މިހުކުރުމިސްކިތް ހުރި ބިމުގައި މިހާރު ފެންނަން ހުރީ، އެތާނގައި އިސްލާމީ މަރުކަޒު ޢިމާރާތް ކުރުމަށްޓަކައި މިސްކިތް ތަޅާލިއިރު މިސްކިތުގެ އުސް ތަޅުމުގެ ދަށުގައިވާ އޭގެ ކުރީ މިސްކިތުގެ ބިންގަލުން ފެށިގެން މަތީގެ ބަޔެކެވެ. އާސާރީ އެމިސްކިތުގެ ތަރާގަނޑެވެ. މަތީގައިވާ ހުކުރުމިސްކިތުގެ ބޯގަ ފަތްކޮޅަކީ، މިތަރާގަނޑު ފެންނަ އާސާރީ މިސްކިތުގެ ބޯގަ ފަތްކޮޅެވެ.

ހުކުރު މިސްކިތް ތަޅާލިއިރު މިސްކިތް ހުރިގޮތުގެ ފޮޓޯ މަތީގައި އެވަނީއެވެ. މިތާނގައި އިސްލާމީ މަރުކަޒު އެޅިޔަ ނުދިނުމަށް ބަޔަކުމީހުން ކުރި މަސައްކަތުގެ ސަބަބުން އެމަރުކަޒު ނޭޅުނުކަމާއި، އޭގެ ސަބަބުތައް ހާމަކުރުމަކީ މިމަޟްމޫނުގެ ބޭނުމެއްނޫނެވެ. ނަމަވެސް އެއީ ލިޔުމުން އެނގެން ހުރި ކަންކަމެވެ. 

                ---------------

ޢަބްދުﷲ ޙިލްމީ

24 ޖޫން 2024މ.

 

ފަތްކޮޅުތަކުގެ ކޮޕީ ލިޔުން:

ދިވެހިބަހުގެ އެކެޑަމީ