مكتبةالفلاح ގެ تقريرجلسة


ހުވަދުއަތޮޅުގެ އަތޮޅުވެރިޔަކަށް އަލްޙާއްޖު އަލްމަރުޙޫމު މޫސާ ހިރިހަމައިދި ކަލޭގެފާނު ހުންނެވި ދުވަސްވަރު ހަވަރުތިނަދޫގެ އުތުރު އަވަށާއި ދެކުނު އަވަށުންކުރެ ކޮންމެ އަވަށެއްގައި އިބްތިދާއީ ފެންވަރުގައި ކުދިންނަށް ޢިލްމު އުނގަންނައިދޭނޭ މަކުތަބެއް ޢިމާރާތްކޮށް ހިންގިއެވެ. 

އުތުރު އަވަށުގެ "މަކުތަބަތުލް ފަލާޙް" ހިންގެވުމުގެ ވެރިޔަކީ، އެރަށު ކުޑަ ޚަޠީބު ފެންފިޔާޒުގޭ އަލްމަރުޙޫމު ގާސިމް ރަޝާދެވެ. ދެކުނު އަވަށު "މަކްތަބަތުލް ސަޢާދާ" ހިންގެވުމުގެ ވެރިޔަކީ، އެރަށު އަލިވާގެ އަލްމަރުޙޫމު މުޙައްމަދު ޢަލީ އެވެ.

ހަވަރުތިނަދޫގެ ދެވަނަ އާބާދީގައި ވެސް މިދެބޭކަލުންގެ ގޭގެއަށް ކިޔާފައިވަނީ ހަމަ އެނަމެވެ. ހަވަރުތިނަދޫ ކުރީގެ އާބާދީގައި މީހުންގެ ގެތަކަށް ކިޔާފައިވާ ނަންތައް، ހަވަރުތިނަދޫ ދެވަނަ އާބާދީގައި ވަޒަންވެރިވި އެމީހުންގެ ތެރެއިން ބައެއްމީހުންގެ ގޭގެއަށް ކިޔާފައިވެއެވެ.

ހަވަރުތިނަދޫ ދެއަވަށުގައި ކުދީންނަށް ކިޔަވައިދިން މަކުތަބުތައް ހިންގި ދުވަސްވަރު، ސެޕްޓެމްބަރ 1956 ގެ ތެރޭ މާލޭ މ. ފެންފިޔާޒުގޭ އަލްފާޟިލް އަލްމަރުޙޫމު ޢުމަރު ޒާހިރު ހަވަރުތިނަދޫއަށް ވަޑައިގެން ހުންނެވުމުގެ ތެރޭ، އެރަށުގެ މަދަރުސަތުލް އަމީރު އިބްރާހީމާއި، މަކުތަބަތުލް ފަލާޙާއި، އަދި މަކުތަބަތުލް ސަޢާދާގައި ވަކިވަކިން ބޭއްވި ތަގުރީރު ޖަލްސާ ތަކެއްގައި އެމަނިކުފާނު ބައިވެރިވެވަޑައިގަތް ވާހަކަ، އެމަނިކުފާނުގެ ޑައިރީގައި ލިޔުއްވާފައިވެއެވެ. މިއީ އެތަންތާނގައި ބާއްވާ ކޮންމެ މަހެއްގެ އިމްތިޙާނުގެ ނަތީޖާ ފާޅުކުރުން ވެސް އޮންނަ ޖަލްސާއެވެ.

ހަވަރުތިނަދޫގެ ޢިލްމީ ތާރީޚާއި މިޖަލްސާ ތަކާއި ގުޅުންހުރުމުގެ އިތުރަށް، އޭރު އެތަންތާނގައި ކިޔަވައިދެއްވި މުދައްރިސުންނާއި ކިޔެވި ދަރިވަރުންނާއި ވެސް މިޖަލްސާތަކާއި ޙަޔާތުގެ ގުޅުން އެބަހުއްޓެވެ. މީގެ ތެރެއިން އެކަކީ، އޭރު "މަކުތަބަތުލް ފަލާޙް"ގައި ކިޔަވަމުންދިޔަ، ޢުމުރުން 7 އަހަރުގެ އަޅުގަނޑެވެ. މިހެންވުމުން މަރުޙޫމު ޢުމަރު ޒާހިރު ލިޔުއްވާފައިވާ އެމަކުތަބުގެ ޖަލްސާގައި އަޅުގަނޑުމެން ބައެއް ކުދިންނަށް ބައިވެރި ވެވުނުކަން އަޅުގަނޑުގެ ހަނދާނުގައި އެބަ ހުއްޓެވެ.

"މަކުތަބަތުލް ފަލާޙް" ގައި ކިޔަވައިދެއްވި މުދައްރިސުންގެ ތެރޭ، އެމަކުތަބު ހިންގަވާ ވެރިޔާ އެރަށު ކުޑަ ޚަޠީބު ފެންފިޔާޒުގޭ އަލްމަރުޙޫމު ގަސިމް ރަޝާދު (ކާސިންފުތު ބެއްޔާ) އާ، އެރަށު ހިކިފިނިފެންމާގޭ (މިހާރު މ. ނޫތަރި) އަލްމަރުޙޫމު މޫސާ ރިފުޢަތާއި، އެރަށު ބުލްބުލާގެ އަލްމަރުޙޫމު ޙަސަން ފުއާދު (ލަބީބާ ނަސީމްގެ މާފަ) އާ، އެދުވަސްވަރު އެރަށުގައި ހުންނެވި އަލްމަރުޙޫމު ކަނޑި މުޙައްމަދު މަނިކާއި، އަދިވެސް މުދައްރިސުން ތިއްބެވި ހަނދާންވެއެވެ.

ތިރީގައި އެވަނީ މަރުޙޫމު ޢުމަރު ޒާހިރު، އެމަނިކުފާނުގެ ރީތި އަވަސް ލިޔުއްވުމުން ގެނެސްދެއްވި "މަކްތަބަތުލް ފަލާޙް"ގެ އިމްތިޙާނުގެ ނަތީޖާ ފާޅުކުރުމާއި ތަގުރީރު ޖަލްސާއެވެ. ލިޔުއްވާފައިވަނީ، 7 ސެޕްޓެމްބަރ 1956 ގައެވެ.


"ފަތިހު ތެދުވެ ފެންވަރާލާ ނަމާދުކުރުމަށްފަހު ياسين واقعة އަށްފަހު ހެނދުނުގެ ސައި ކޮއްކޮޔާއެކު ހިރިހަމާންތި ކަލޭފާނު ގޭގައެވެ. سعيد خطيب އާއި محمد މަނިކު  لطيف ވީ عبدالله خطيب ކަލޭފާނު ގޭގައެވެ.

މިއަދު 8 ޖެހިއިރު مكتبةالفلاح ގެ تقريرجلسة ގައި محمد لطيف އާއި އަހަރެން ބައިވެރިކޮށްދެއްވިއެވެ. تعارف ހަމަ سعيد خطيب އެވެ. ދެން ރޭގަހެން عبدالله خطيب ކަލޭފާނުގެ މާރކްސް نتيجة ފާޅުކުރުމާ އަގުނުކުރެވޭފަދަ نصيحة ތައް ދެއްވިއެވެ. ކުޑަކުޑަ 7 އަހަރުން ފެށިގެން ތިބި ދެ جنس ގެ مكتب أدب ދަސްކުރާ طا لب ންނާއި طا لبة އިންނެވެ. ކިޔަވަނީ ކޯއްޗެއްކަން ނޭގޭވަރުގެ ކުދިންކަމުން އެކުދިންނާއެކު އެކުދިންގެ މައިން ބެލެނިވެރިންވެސް ގެނެވިފާ ތިއްބެވެ.

..... ކުއްޖަކު މިމަހު ދަށަށްގޮއްސާ އަނެކަކުގެ ކުއްޖަކު ކުރިޔަށްއެރުމުގެ ސަބަބުން އެމީހުންގެ ހިތްތަކަށް އެވަންނަ جوشي تعليمي روح އަކީ ...... مكتب ކުދިންނެވެ. ހަމަހުރިހާ ކުދިންވެސް ފެންވަރާ ހެދުންލާ ޒީނަތްތެރިކޮށްފައެވެ. ހޯދަހޯދައިގެންވެސް ވަރަށްފަހަތުން އެންމެ ފިރިހެންކުއްޖަކު ގަމީސްނުލާ އިންދާ ދުށީމެވެ. އެހެންނޫނީ އުފާކުރާހާ تعريف ކުރާހާވެއެވެ.

عبدالله خطيب ގެ ވާހަކަ ނިންމާލީ محمد لطيف އަގުހުރި خدمة އަށް شكرވެރިވަމުން. އަހަރެންނަށާ لطيف އަށް مرحبا އާ الوداع ކިއުއްވަމުންނެވެ. ރާއްޖެތެރެއަށް ހުށަހެޅިފައިވާ تعليم ގެ ތަށި ހުވަދުއަތޮޅަށް ހޯދުމުގެ عزم އާއި أميد ގައެވެ.

محمد لطيف ވެސް صد قي އާ إسمعيل زآهر ވެސް ވާހަކަދެއްކެވުން އޮތެވެ. މިތަނުން ނިމުނީ 9 ..... ދެންދިޔައީ مكتبة السعادة އަށެވެ."

             -----------------

ޢަބްދުﷲ ޙިލްމީ

12 ޖޫން 2024މ.