ކަނޑުފޭރޭ މީހުން ހުވަދޫގެ ރަށްރަށުން މަގުފޭރުން

 

ދުނިޔޭގެ ބައެއް ބައްރުތަކަށް ނިސްބަތްވާ ކަނޑުފޭރޭ މީހުން، ކަނޑުން ފޭރުމުގެ އިތުރަށް ބައެއް ބައްރުތަކަށް އަރައި މަގުފޭރުނު ޒަމާނެއް ދިޔައެވެ. ވަކިވަކި ރަށްތަކެއްގެ ގޮތުގައިއޮތް ދިވެހިރާއްޖެއަށްވެސް މިކަންވަނީ ފޯރާފައެވެ. ބޭރުގެ ބަޔަކު ދިވެހިރާއްޖޭގެ އުތުރުގެ ބައެއް ރަށްރަށް އަރައި މަގުފޭރުނުކަން ލިޔެވިފައިވާ ފަތްފުށްތަކުން އެނގެއެވެ. މިހެންވުމުން ކަނޑުފޭރޭ މީހުންގެ މަގުފޭރުމުން ސަލާމަތްވުމަށް އެބަޔަކަށް ކުރެވެންއޮތް ކަމެއް ކުރުމަށްް އެޒަމާނުގައި ޖެހުނެވެ.

ކަނޑުފޭރޭމީހުން މަގުފޭރުމަށް ދިވެހި ރަށްރަށަށް އަރާތީ އެމީހުންގެކިބައިން ސަލާމަތްވުމަށް ހުވަދޫގެ ބައެއްމީހުން، ނުވަތަ ބައެއް ޢާއިލާތަކުން ވިޔަސް ކުރި އެއްކަމަކީ އެއަތޮޅުގެ ގައުމަތީ ރަށްރަށުގައި ވަޒަންވެރިވުމެވެ. މީގެތެރޭ ކުރިއްސުރެ މީހުންއުޅުނު ރަށްރަށާއި އަލުން ވަޒަންވެރިވި ރަށްތައް ހުއްޓެވެ. ގައުމަތީ ރަށްރަށް ގިނައީ މަޑަވެއްޔާއި ފިޔޯރީއާ ދޭތެރޭގައެވެ.

ގައުމަތީ ރަށްރަށަކީ ބޮޑުދިޔައިގައި ވެސް އޭގެ ގިނަ ރަށްރަށަށް ލަފައި ފުރުމުގެ އުނދަގޫތަކެއް ހުރި ރަށްރަށެވެ. ރަށުގެ ފަޅުގެ ތިލަކަމާއި ފަޅުތެރޭ ހުންނަ ގިރިތަކާއި ގައުތަކާއި މޫދުވިނަތަކާއި އަދި ރޭގަނޑު އަނދިރީގައި ރަށަށް ލެފޭނޭ ގޯދި އޮތްތަނެއް ނޭނގުމާއި މިކަހަލަ ކަންކަމެއްގެ ސަބަބުންނެވެ.

(މަޑަވެއްޔާއި ފިޔޯރީއާއި ދެމެދުގެ ރަށްތައް ހުރިގޮތް ސިފަކޮށްދޭ މަޖާޒީބަހެއް، ކުރިއްސުރެ ހުވަދޫ ބަހުރުވައިން ކިޔައެވެ. އެއީ "ރަޓު މޮޑޮއްޓޭ ހުލާ އިންގުނެ ހިސާބާ" އެވެ. މާލޭ ބަހުރުވައިން ނަމަ އެބުނަނީ، ރަށު މުޅޯށީ ފޫވެއްޓުނު ހިސާބެވެ. މިބުނެވޭ އެއްޗަކީ، މުޅޯއްޓަކަށް ރަށްތައް އަޅައިގެން ހުވަދުއަތޮޅުގެ އެކި ހިސާބަށް އެކި ރަށްތައް އަޅަމުން ދަނިކޮށް، މަޑަވެއްޔާއި ފިޔޯރީއާއި ދޭތެރެއަށް މުޅޯށީގެ ފޫވެއްޓުނީއެވެ. އެހެންވެ އެތަނަށް މާގިނައިން ރަށްތައް އެޅުނީއެވެ. މިއީ ހުވަދުއަތޮޅުގައި ވަކިވަކި ރަށްތައް އެންމެގިނައިން ހުރި ހިސާބެވެ. މަޑަވެލިން ފެށިގެން ފިޔޯރީއަށް ގާތްގަނޑަކަށް 35 ކިލޯމީޓަރ ހުރިއިރު މިދޭތެރޭ އެއްވެސް ކަނޑުއޮޅިއެއް ނެތެވެ.)

ކަނޑުފޭރޭމީހުންގެ މަގުފޭރުމުން ސަލާމަތްވުމަށް ހުވަދޫގައި ކުރި ދެވަނަކަމަކީ، ބައެއް ރަށްރަށުގެ މީސްމީހުންގެ ގަހަނާތަކާއި، އަގުބޮޑު މުދައުތަކާއި، ތަށިތެލި ސަމުސާއިން ފެށިގެން ފޮރުވެންހުރި ތަކެއްޗެއް، އިރުއޮއްސުމުގެ ކުރިން ގޭގެ ގޯތިތެރޭގައި ނުވަތަ ރަށުގެ ވަލުތެރޭގައި ފޮރުވުމެވެ. 

ސުލްޠާން ޣާޒީ ޙަސަން ޢިއްޒުއްދީންގެ ރަސްކަމުގެ ދުވަސްވަރަށް އައިއިރު ހުވަދުއަތޮޅުގައި މީހުންއުޅުނު 70އަށްވުރެ ގިނަ ރަށްރަށް ހުރިކަމަށްވެއެވެ. އެދުވަސްވަރަކީ ފަޅުރަށްރަށް ލިޔުއްވައިގެން އުޅުނު ބައެއްމީހުން އެމީހެއްގެ ޢާއިލާއާއި ގާތް ބަޔަކުވެސް އެރަށްރަށަށް ގެންގޮސްގެން ވަޒަންވެރިވެ އުޅުނު ޒަމާނަކަށްވާތީ، މީހުން އުޅުނުކަމަށް ބުނާ 70 ރަށުގެތެރޭ އެފަދަ ރަށްރަށް ހުރުމަކީވެސް ވެދާނެކަމެކެވެ.

1836މ.ގައި "ލާޓް" (ކޮމާންޑަރ މޮރަސްބީ) ހުވަދުއަތޮޅުގެ ޗާޓް ކުރެހުމުގެކުރިން ހުވަދުއަތޮޅުގައި މަދުވެގެން 39 ރަށުގައި މީހުން ދިރިއުޅެފައިވާކަން އެރަށްރަށުގައި ހުރި ތަރަހަތަކުންނާއި، ޤަބުރުސްތާން، އަދި ވަޅު، ވެއުފަދަ ތަންތަނުން ސާބިތުކޮށްދެއެވެ.

"ލާޓް" ޗާޓް ކުރެހިއިރު، މީހުންއުޅުނު 30 ރަށް، އަތޮޅުގައި އޮތެވެ. މީގެތެރެއިން އެކި ސަބަބުތަކާ ހުރެ މިހާތަނަށް ފަޅުވެފައިވާ ރަށްރަށަކީ ކާށިހުޅުދޫ، ކެރަމިންތާ، ދެޔަނިގިއްލާ، ހެވާހުޅޫދޫ، ކަޅުހިގިއްލާ، ފޮނަހިގިއްލާ، ކަނަންދޫ، މާދޫ، މީހުންތިބޭހުއްޓާ، އާކިރާހުއްޓާ، ކެރެއްދޫ، މާނައިދޫ، މަގުއްދޫ، ގަން، ހުޅުވާރުލު، މާވާރުލު، ކޫއްޑޫ، ހަވޮއްޑާ، ކާޑެއްދޫ، ދިޔަދޫއެވެ. 

މާނައިދޫން ފެށިގެން މަތީގައި އެވަނީ، މަޑަވެއްޔާއި ފިޔޯރީއާ ދޭތެރޭ ފަޅުވެފައި ހުރި ރަށްރަށެވެ. ދިޔަދޫ ފަޅުވީ އެރަށުގެ އާބާދީ މަދުވުމުން ރަށުގައި ދެންތިބި މީހުން މީހުންއުޅޭ އެހެން ރަށްރަށުގައި ސަރުކާރުން ވަޒަންވެރި ކުރުވުމުންނެވެ. ކާޑެއްދޫ ފަޅުވިގޮތް، ހުވަދުއަތޮޅާއި ގުޅޭ ކުރީގެ ވާހަކަތަކުން ކިޔައިއުޅެއެވެ.

ދިޔަދޫ ފިޔަވައި އެހެން ރަށްރަށް ފަޅުވިވާހަކަ ލިޔުއްވާފައިވަނީ، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒުން 21 ޖޫން 1992 ގައި، ތިނަދޫ ޖަނަވަރީގޭ މަރުޙޫމު ޙަސަން ޙިލްމީއަށް ފޮނުއްވި ރޭޑިޔޯ މެސެއްޖެއްގެ ޖަވާބުގައި، މަރުޙޫމު ޙަސަން ޙިލްމީ، އެމަރުކަޒަށް ފޮނުއްވި މެސެޖެއްގައެވެ.

ދެޔަނިގިއްލާއާއި، ކަނަންދޫގެ މީހުން، އެދެރަށްދޫކޮށް ދިޔައީ ނަޑެއްލާއަށެވެ.  އެއީ ކަނޑުފޭރޭމީހުން އެދެރަށަށް އަރައި މަގުފޭރުމުގެ އުނދަގޫބޮޑުވެ، އެރަށްރަށުގައި ދިރިއުޅުވޭނޭ އެއްވެސްގޮތެއް ނެތުމުންނެވެ. ނަޑެއްލާއަކީ ލަފައިފުރުމަށް އުނދަގޫ، އަދި ރަށުގެ މީހުންއުޅޭ ސަރަޙައްދަށް ދިޔުމަށްވެސް އެދުވަސްވަރު ވަރަށްދަތި ރަށަކަށްވުމުން، ކަނޑުފޭރޭމީހުން ނަޑެއްލާއިން މަގުފޭރުނުކަމުގެ މަޢުލޫމާތެއް ނެތެވެ.

ނަމަވެސް ކަނޑުފޭރޭމީހުންގެ ގުރާބެއް ފަރެއްގައި ޖެހި ބަނޑުފިލައިން ދިޔަވާތީ އޮބިނޯވެގެން ނަޑެއްލާގެ ދެކުނަށް ދެވަނައަށް އޮތް "ކުރިކޭމާފުއްޓާ"ގެ ގޮނޑުދޮށަށް ގުރާބު ބީއްސައިލައި އެރަށަށް އެހިލިއެވެ. ގުރާބުގެމީހުން އޭރު ބުނެފައިވަނީ ދަތުރުކުރަމުން ދަނިކޮށް އެހިސާބުގެ ފަރެއްގައި ޖެހިގެން ވީކަމެކެވެ. އަދި ފަރުގައި ޖެހިގެން ގުރާބު ސަލާމަތްކުރުމުގެ ތެރޭ ކަނޑަށް ފައިބައިގެން އުޅުނު ދެތިންމީހަކު ގެއްލުނުކަމަށްވެސް ބުންޏެވެ. އެހެންވެ ގުރާބު ހެދުމަށްޓަކައި ރަށުގެ އެދިމާލުން އޮޑިވަޅެއްކޮނެ ނަޑެއްލާމީހުންގެ އެހީތެރިކަމާއެކު ގުރާބު އެހިލިޔަސް ހެދޭނޭގޮތެއް ނުވެ އެތާނގައިހުރެ ފީވެދިޔައީއެވެ. ފުންކޮށް ކޮނެފައިވާ މިއޮޑިވަޅު މިހާރުވެސް އެނގެން އެބައޮތެވެ.

މިގުރާބުން ދަތުރުކުރި ހިންދުބައްރުގެ އަންހެނަކުނޫން ދެންތިބި ތިންމީހުން ނަޑެއްލާގައި އުޅެމުންދަނިކޮށް ބަލިވެއުޅެ، އެކި ދުވަސްތަކުގެ ތެރޭ މަރުވެދިޔައީއެވެ. އަންހެންމީހާ ބަލިވުމުން ފަރުވާކޮށް ރަނގަޅުވެ، އެރަށުގެ މީހަކާއި ކައިވެނިކުރިފަހުން އެގުރާބުން ދަތުރުކުރީ ކަނޑުފޭރޭ ބަޔެއްކަމަށް އަންހެންމީހާ ބުނެފައިވެއެވެ. މިއަންހެންމީހާގެ ފަރާތުން ޢާއިލާއެއް އުފެދުނުކަމެއް އަދި ނޫންކަމެއްވެސް މިހާރު އެނގޭކަށް ނެތެވެ.

ކަނޑުފޭރޭމީހުންގެ ތެރޭ ފިރިހެނުންގެ އިތުރަށް މަދުންވިޔަސް އަންހެނުން އުޅެފައިވާކަން އެނގެއެވެ. މިއީ ހަމައެކަނި އެއުޅަނދަކުން ދަތުރުކުރާ މީހުންގެ އަނބިންނެއް ނޫނެވެ. ފޭރުމުގައި އެމީހުން ކުރަންޖެހޭ ކަމެއްގެ ތަމްރީނުވެސް ދީފައިވާ ބަޔެކެވެ.

ދިވެހި ސަރުކާރުގެ އިދާރީ ހިންގުމުގެ ބޭނުމުގައި ހުވަދުއަތޮޅު(ގ. އަތޮޅު) ދެބައިކޮށް ގ. އަތޮޅު އުތުރުބުރިއާއި، ގ. އަތޮޅު ދެކުނުބުރި ހަމަޖެއްސުމުގެ މާކުރިންވެސް ހުވަދުއަތޮޅުގެ ދެބަޔަށް ވަކި ނަންތަކެއް ހުވަދޫގެމީހުން ކިޔައެވެ. އެއީ ގއ. އަށް ދަޓެބިތެވެ. ގދ. އަށް ފަރެބިތެވެ. 

އެވޭލާ ޒަމާނުގައި ހުވަދޫގެ ފަރުތަކަށް ޚާއްޞަކޮށް ހުވަދޫ ފަރެބިތުގެ އެކި ފަރުތަކަށް އުރި ހަލާކުވެފައިވާ ބޭރުގެ ނައުތަކާއި ގުރާބުތަކަކީ، ހަމައެކަނި އެއްތަނުން އަނެއްތަނަށް މުދައު އުފުލި އެއްޗެތިނޫން ކަމާއި، އޭގެތެރޭ "ކުރިކޭމާފުއްޓާ"އަށް އެހިލި ކަހަލަ ކަނޑުފޭރޭ މީހުންގެ އުޅަނދުވެސް ހުރިކަމަށް ހުވަދޫ ފަރެބިތުގެ އިހުގެ މުސްކުޅިން ބުނެފައިވެއެވެ.

އެވޭލާ ޒަމާނުއްސުރެ އެނގިފައި އޮންނަނީ، ހުވަދޫގެ ރަށްރަށަށް ކަނޑުފޭރޭމީހުން މަގުފޭރުމަށް ގިނައިންއެރީ ހަތިޔާރުގެ ބާވަތްތަކާއެކު ބޮޑެތި ރަށްރަށަށް ކަމެވެ. ހުވަދުއަތޮޅުގެ މޮޅު މާލިމީއެއްކަމަށްވާ ތިނަދޫ ބިހުގޭ މަރުޙޫމު ޢަބްދުﷲ ބެ(ޢަބްދުﷲ ރާޝިދު ގޯލްޑަންއެގް/ ތިނަދޫ) ވެސް މިވާހަކަ ދައްކަވާފައިވެއެވެ.

ކަނޑޫފޭރޭ މީހުން މަގުފޭރުމަށް ހުވަދޫ ފަރެބިތުގެ ބައެއް ރަށްރަށަށް އެރީ އިރުވައި މޫސުމުގެ ކަނޑުމަޑު ދުވަސްކޮޅު ރަށުގެ ފުއްޓަރު ފަރާތުން ރޭގަނޑުއެވެ. ދަތުރުކުރި އުޅަނދުން ކަނދުފަތި، ފަންސި ޒާތުގެ ތިލައެއްޗަކަށް އަރައި ފަރު ހުރަސްކޮށްފައި ރަށަށް އަރަނީއެވެ.

ފޭރުމުގެ ކަންތައް ނިމުމުން ފުއްޓަރުފަރާތުގެ ގޮނޑުދޮށަށް ނުކުމެ ހުޅުދާން ކުރުމުން، ބޭރުގައިއޮތް އުޅަނދަށް އޭގެ އަލިފެނިގެން ފަރާއި ތަންކޮޅެއް ކައިރިއަށް އޭތި އައުމުން ފޭރޭމީހުން ރަށަށް ފޭބުމަށް ބޭނުންކުރި އެއްޗެތިން ފަރު ހުރަސްކޮށް އުޅަނދުދޮށަށް ދަނީއެވެ.

އެވޭލާ ޒަމާނުއްސުރެ ކަނޑުފޭރޭ މީހުންގެ މަގުފޭރުމުން ސަލާމަތްވުމަށްޓަކައި ހުވަދުއަތޮޅުގައި މީހުން ވަޒަންވެރިވެފައިވާ އެކި ރަށްރަށްވެސް ހުރިކަމަށް ބެލެވެއެވެ. އަދި އެދުވަސްވަރު ފަޅުރަށްރަށް ވަރުވާއަށް ލިޔުއްވައިގެން އުޅުނު ބައެއްމީހުން އެމީހެއްގެ ޢާއިލާއާއި ގާތްތިމާގެ ބަޔަކުވެސް އެރަށްރަށަށް ގެންގޮސްގެން ވަޒަންވެރިވެ އުޅެފައިވާތީ އެމީހުން އުޅުނު ރަށްރަށް ހުރުމަކީވެސް ވެދާނެކަމެކެވެ. މީގެތެރެއިން އެކަކީ ފުވައްމުލަކުން ހުވަދުއަށް އައިކަމަށް ބުނެވޭ ޢާއިލާއެއްގެ ބޭކަލެއްކަމަށްވާ މޫސާ މާލިމީއެވެ. 1820 ހާ ތާނގައި އުފަންވީކަމަށް ބެލެވޭ މޫސާ މާލިމީ އެންމެފަހުން އުޅުއްވީ "ކެރަމިންތާ"ގައެވެ. އެއީ ކެރަމިންތާގެ ކުރީގެ އާބާދީއަށްފަހު، އެރަށް ފަޅުރަށެއްގެ ގޮތަށް އޮތްއިރުއެވެ.

ހުވަދުއަތޮޅުގެ ދުވަސްވީ ގިނަ މަޢުލޫމާތްތަކެއް ހާމަކުރައްވާފައިވާ މަޑަވެލީ ޒޫރިޔާގޭ މަރުޙޫމު ޢަލީ ނަޞީރު ވަނީ، މޫސާ މާލިމީގެ ދިރިއުޅުއްވުމާއި ގުޅޭ ގިނަވާހަކަތަކެއް ލިޔުއްވާފައެވެ. މޫސާ މާލިމީއާއި ގުޅިގެން އުފެދިފައިވާ ދަރިކޮޅު ހޯޑެއްދޫ، މަޑަވެލި، ތިނަދޫ، ވިލިގިލީގައި ބޮޑުކޮށް އެބައޮތެވެ. އަދި މިނޫނަސް ހުވަދޫގެ ބައެއް ރަށްރަށުގައި އެދަރިކޮޅު އެބައޮތެވެ.

ކަނޑުފޭރޭ މީހުން އުޅަނދުތަކުން ހުވަދޫއަށް އައިސް، ތޫނު އާލާތްތަކާއެކު މަފުފޭރުމަށް ރަށްރަށަށް އަރައި ގޭގެއަށް ވަދެ، ފައްލަވަކޮށްފައިވާ ހިކި ކަނޑުމަހާއި، ގެންދެވޭވަރުގެ މުދަލާއި، ކުޑަކުދިންގެ - އަދި އަންހެނުންގެ އުނގަނޑުގައި އަޅާފައިވާ ފައްޓަރާއި، ގަހަނާގެ ބާވަތްތައް ގެންދިޔައެވެ. އެފަދަ ތަކެތި ހުރިތަން ދެއްކުމަށް ބިރުދައްކައި މީސްމީހުންނަށް ބޮޑެތި އަނިޔާވާޒާތުގެ ކަންތައްވެސް ކުރިއެވެ. މިހެންމެ، ފޭރުމުގެ ތެރޭގައި އަންހެނުންނަށް އެކި ޒާތުގެ ގޯނާކޮށްފައިވެއެވެ.


ކަނޑުފޭރޭ މީހުން މަގުފޭރުނު ހުވަދޫގެ ރަށްރަށުން އެއްވެސް މީހަކު އަތުލައިގެން ގެންދިޔަކަމުގެ ޞައްޙަ މަޢުލޫމާތެއް ލިބިފައިނެތް ނަމަވެސް، އެފަދަ ފޭރޭ ރަޙުމު ކުޑަ ލުޓޭރުން ކޮށްފައި ނުކުރާނެ އެއްވެސްކަމެއް ނޯންނާނެ ކަމަށް ބަލަން ޖެހެއެވެ. އިންސާނިއްޔަތަށް އެއްވެސް ރަޙުމެއްނެތް އަނިޔާވެރިން އޭރުވެސް ތިއްބެވެ. އަދި މިހާރުވެސް އެތިބީއެވެ. އެފެންނަނީއެވެ.

ނޯޓް:

މިމަޟްމޫނުގައި ބޭނުންކޮށްފައިވާ ބައެއް ފޮޓޯއަކީ، މީގައި ލިޔެފައިވާ ކަމެއްގެ އަޞްލު ފޮޓޯއެއްނޫނެވެ. ބައެއް ފޮޓޯއަކީ، ލިޔުމުގައި ބަޔާންކޮށްދީފައިވާ ކަމެއްގެ ފަސޭހަ ތަޞައްވުރެއް ގެނެސްދިނުމުގެ ބޭނުމުގައި ގޫގުލްއިން ހޯދި ފޮޓޯއެވެ.

        ---------------

ޢަބްދުﷲ ޙިލްމީ

10 މޭ 2024މ.

 

ފަންނީ އެހީތެރިކަމުގެ ޙިއްޞާ:

ޢިމާދު ލަޠީފު   

މަޢުލޫމާތުގެ ޙިއްޞާ:

އަޙުމަދު ސަޢީދު(ގައްދޫގެ ކުރީގެ ކަތީބު)، މުޙައްމަދު އިބްރާހީމްދީދީ(ރަތަފަންދޫގެ ކުރީގެ ގާޟީ)، މުޙައްމަދު ރަޝީދު(ނަޑެއްލާ ކުރީގެ ކަތީބު)