ނާސިސިޒަމް ޖެހިފައިވާ މީހާ

 

ނާސިސިޒަމް (Narcissism) އަކީ ނަފުސާނީ ބައްޔެކެވެ. އެ ބަލި ޖެހިފައިވާ މީހާއަކީ އެހެން މީހުންނާ ތަފާތު މީހެކެވެ. އެހެން މީހުން ކަންކަމާމެދު ދެކޭ ގޮތަށް، އޭނާ ކަންކަމާމެދުގައެއް ނުދެކޭނެއެވެ. އޭނާގެ ކިބައިގައިވާނެ މުހިންމު ބައެއް ސިފަތައް ތިރީގައި މިވަނީއެވެ.

 

މަވެތިކަން ބޮޑުވުން

ނާސިސިޒަމް ޖެހިފައިވާ މީހާއަކީ އާދަޔާ ޚިލާފަށް މަވެތިކަން ބޮޑު މީހެކެވެ. އޭނާގެ އަމިއްލަ ނަފުސަށް ނޫނީ އޭނާ އަހައްމިއްޔަތެއް ނުދޭނެއެވެ. އެހެން މީހުންގެ ޝުޢޫރުތަކަށް އޭނާ އިޙުތިރާމެއް ނުކުރާނެއެވެ. އޭނާ ބޭނުންވާ ކަމެއް ލިބިގަތުމަށްޓަކައި ނޫނީ އޭނާ ފިކުރެއް ނުކުރާނެއެވެ. އަބަދުވެސް އޭނާގެ ވިސްނުމާއި ފިކުރުގައި ވާނީ، އޭނާގެ މަޞްލަޙަތު ޙާޞިލުވުމާއި އޭނާއަށް މަންފާ ލިބުމެވެ. އެހެން މީހުންގެ މަޞްލަޙަތަށާއި މަންފާއަށް އޭނާ ބަލައެއްނުލާނެއެވެ.

 

ހައްދުފަހަނަޅައިދިއުން

ނާސިސިޒަމް ޖެހިފައިވާ މީހާއަކީ އޭނާގެ އަމިއްލަ ނަފުސުގެ މޮޅުކަމާއި ބޮޑުކަން އިޙުސާސްވެ އެކަމުގައި ހައްދުފަހަނަޅައިދާ މީހެކެވެ. އޭނާގެ ނަޒަރުގައި އެންމެ މޮޅު މީހަކީ އޭނާއެވެ. އެންމެ މޮޅަށް ކަންކަން ދަންނަ މީހަކީ ވެސް އޭނާއެވެ. އޭނާގެ ނަޒަރުގައި އޭނާއަކީ އެހެން މީހުންނާ ތަފާތު މީހެކެވެ. އޭނާފަދަ އެހެން މީހަކު ދުނިޔޭގައި ނުވާނެއެވެ. އޭނާގެ ވިސްނުމަށް ވެރިވެފައިވާ މިފަދަ ފިކުރުގެ ސަބަބުން އޭނާގެ ހިތުގައި ބޮޑާކަމާއި ކިބުރުވެރިކަން އުފެދެއެވެ. އޭނާގެ ކިބައިގައިވާ މި ދެ ސިފައިގެ ސަބަބުން، އޭނާ، އެހެން މީހުންގެ ޤަދަރު ކުޑަކުރެއެވެ. އަދި އޭނާގެ އަމިއްލަ ނަފުސު މާބޮޑަށް މަތިވެރިކުރެއެވެ.

އޭނާ ކުރާ ކަންކަމުގެ މޮޅުކަން ދެއްކުމުގައި ވެސް އޭނާ ވާނީ ހައްދުފަހަނަޅާފައެވެ. އެއީ އޭނާއަށް އާދަޔާ ޚިލާފު އުފަލެއް ލިބޭނެ ކަމެކެވެ. އެހެންކަމުން، ކޮންމެ ފަދަ ކަމެއް ކޮށްގެން ވެސް އޭނާއަކީ އެންމެ މޮޅު މީހާ ކަމުގައި ދައްކަން މަސައްކަތްކުރާނެއެވެ. ފުރުޞަތު ލިބިއްޖެނަމަ، އޭނާ އުޅޭނީ އެހެން މީހުންގެ މައްޗަށް ވެރިވެގަނެގެންނެވެ. އެހެން މީހަކަށް ލިބިދާނެ ގެއްލުމަކާމެދު އޭނާ ބަލައެއް ނުލާނެއެވެ. އޭނާގެ އަމާޒު ކަމުގައި ވާނީ، ކޮންމެ ކަމެއްގައި ވެސް އޭނާއަކީ އެންމެ ފުރިހަމަ އަދި އެންމެ މޮޅު އަދި އެންމެ ކުޅަދާނެ މީހާކަން ދެއްކުމަށެވެ.

 

ނަހަމަ ގޮތުގައި ބޭނުންކުރުން

ނާސިސިޒަމް ޖެހިފައިވާ މީހާއަކީ ނަހަމަ ގޮތުގައި އެހެން މީހުންގެ ބޭނުން ހިފާނެ މީހެކެވެ. އޭނާގެ ނަޒަރުގައި އެހެން މީހުންނަކީ އޭނާގެ ބޭނުންތައް ފުއްދުމަށް ޓަކައި އެޅިފައިވާ ފާލަމެކެވެ. އެހެން މީހުންނަކީ އޭނާގެ މުހުތާދުތައް ފުއްދުމަށް ޓަކައި ބޭނުންކުރަން އޮތް ވަސީލަތެކެވެ. އެހެންކަމުން މީހެއްގެ ކިބައިން އޭނާއަށް މަންފާއެއް ލިބިދާނެ ކޮންމެ މީހަކާ އޭނާ ގުޅޭނެއެވެ.

 

ނުފޫޒު ހިންގުން

ނާސިސިޒަމް ޖެހިފައިވާ މީހާއަކީ އަނެކުންގެ ފިކުރާއި ޚިޔާލު ޤަބޫލުކުރާނެ މީހެއް ނޫނެވެ. އޭނާ ޤަބޫލުކުރާނީ އޭނާގެ ޚިޔާލާއި ފިކުރު އެކަންޏެވެ. އޭނާގެ ޚިޔާލާއި ފިކުރަށްވުރެ، އެހެން މީހެއްގެ ޚިޔާލާއި ފިކުރު ކުރިއެރުމަށް އޭނާ ނުރުހޭނެއެވެ. އޭނާ ބޭނުންވާނީ އޭނާގެ ނުފޫޒުގެ ދަށުގައި އަނެކާ ބެހެއްޓުމަށެވެ. އެއީ އޭނާގެ ވަރުގަދަކަމާއި ބާރުގަދަކަމާއި މޮޅުކަން އިޙުސާސްކުރުމަށް ޓަކައެވެ.

 

މަކަރުވެރިކަން

ނާސިސިޒަމް ޖެހިފައިވާ މީހާއަކީ މަކަރުވެރިއެކެވެ. އޭނާ ބޭނުންވާ ކޮންމެ ކަމެއް ލިބިގަތުމަށް ޓަކައި މަކަރާއި ޙީލަތް ހެދުމަކީ އޭނާގެ ކިބައިގައިވާނެ ސިފައެކެވެ. އޭނާ އެ ކަން ކުރަނީ، އެކި މީހުންގެ ޝަޚުޞިއްޔަތާ ގުޅޭނެހެން ދުރާލާ ރާވައިގެންކަން ވެސް ފާހަގަކުރެވެއެވެ. އެ ގޮތުން އޭނާ ފާޅުކުރާ ޝުޢޫރުތަކަކީ ޙަޤީޤީ ޝުޢޫރުތަކެއް ކަމުގައި ނުވާނެއެވެ. އަދި އޭނާ ދައްކާ ވާހަކަތަކަކީ ތެދު ވާހަކަތަކެއް ކަމުގައި ވެސް ނުވާނެއެވެ.

 

ނާސިސިޒަމް ޖެހިފައިވާ މީހެއްގެ މަކަރާއި ޙީލަތަށް ހެއްލުމަކީ ގެއްލުމެކެވެ. ތިބާގެ ކިބައިން އޭނާގެ ބޭނުން ފުދުމާއެކު، އޭނާއަށް ތިބާގެ ބޭނުން ކެނޑޭނެއެވެ. ދެން އޭނާ ހޯދާނީ އޭނާގެ ބޭނުން ފުއްދައިދޭނެ އެހެން މީހެކެވެ.

              -------------------

މުޞަންނިފު:

އަލްއުސްްތާޛު ޢަބްދުލް މުޢީދު ޙަސަން

1 އޭޕްރީލް 2024މ.