ޢާއިލީ
ވަނަވަރުތައް ހާމަކުރުމާއި ދިވެހިތާރީޚާއި ގުޅުންހުރި އެކި ރޮނގުރޮނގުން އަޅުގަނޑުކުރި
މަސައްކަތެއް ކޮށްފައިވަނީ ދިވެހި މުޖުތަމަޢަށްޓަކައެވެ.
އެކަންކަމުން މުޖުތަމަޢަށް ލިބޭނޭ ފައިދާއާއި
މަޢުލޫމާތަށްޓަކައެވެ.
ޢާއިލީ ވަނަވަރުތަކާއި ދިވެހިތާރީޚާއި
އެހެނިހެން ރޮނގުރޮނގުން އަޅުގަނޑުކުރި މަސައްކަތްތައް ވާނީ "ގަލެހިރި"
ވެބްސައިޓްގައި ހާމަކޮށްފައެވެ. މިއީ އެއްވެސް ފަރާތެއްގެ އެއްވެސް ކަހަލަ މާލީ އެހީތެރިކަމެއް ނެތި އަޅުގަނޑުމެން ހިންގާ ވެބްސައިޓެކެވެ. ބޭނުމަކީ ކުރިންދެންނެވި
ރޮނގުތަކުން މުޖުތަމަޢަށް ލިބެންއޮތް ފައިދާއާއި މަޢުލޫމާތު މުޖުތަމަޢަށް
ފޯރުކޮށްދެވޭތޯ ބެލުމެވެ. މިނޫން އެހެން ބޭނުމެއްނެތެވެ. އަދި ކީއްތޯއެވެ. ކުރި
މަސައްކަތެއް ކޮށްފައިވާނީ އެކަމަށްޓަކައި މީހަކުދީފާނެ އިނާމަކަށް ނުވަތަ މީހަކު
ދީފާނެ އެއްޗެއްގެ ވިޔަސް ބޭނުމެއް އޮވެގެންނޫނެވެ.
ބަޔާންވެދިޔަ ކަންކަންހުރީ
އެހެންނެވެ. ނަމަވެސް އަޅުގަނޑު ކުރަމުންގެންދާ އުނދަގޫ މަސައްކަތް، ތާރީޚާއި ސަގާފަތާއި ބެހޭ ސަރުކާރުގެ އިދާރާތަކުގެ
އިސްވެރިންނަށް ޚާއްޞަކޮށް ދިވެހިބަހުގެ އެކެޑަމީގެ އިސްވެރިންނަށް އެތައްފަހަރަކު
ވަރަށްގާތުން ފެނިވަޑައިގެން އެކަމަށް ތާރީފުކުރައްވައި ހިތްވަރުދެއްވާފައިވެއެވެ.
މިގޮތުން ދިވެހިތާރީޚަށް
ޚިދުމަތްކުރުމުގައި ކުރަމުންދާ މަސައްކަތުގެ އަގުވަޒަންކުރުމުގެ ފިލާ އެހެން ބޭފުޅުންކޮޅަކާ
އެކީ އަޅުގަނޑަށްދެއްވީ ހެރިޓޭޖް މިނިސްޓަރ އިންނެވި ރަސްމީ ޖަލްސާއެއްގައި ނުވަތަ
ޙަފުލާއެއްގައި 2019 ވަނައަހަރު ހެލްތް މިނިސްޓަރެވެ. މިފިލާދެއްވުމަށްފަހު، ހަމަ އެއަހަރު ރައީސުލްޖުމްހޫރިއްޔާ ދެއްވާ ގައުމީ
އިނާމަށްވެސް އަޅުގަނޑުގެ ނަން ފޮނުއްވުމަށް ބޭނުންފުޅުވެ، ދިވެހިބަހުގެ އެކެޑަމީއިން އެކަންކުރެއްވިއެވެ. އެކަންކުރެއްވީ
އަޅުގަނޑުކުރި މަސައްކަތުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ގައުމީ
ފެންވަރެއްގެ އެއްޗެއް ދެއްވުމަށް ދިވެހިބަހުގެ
އެކެޑަމީއަށް ގަބޫލުކުރެއްވޭތީވެއެވެ.
ނަމަވެސް އޭގެފަހުން އެކަން
ހިނގައިދިޔަގޮތް މިދެދުވަހެއްގެ ތެރޭ ވާނީ ވަރަށްގިނަ ބޭފުޅުންނަށް
އެނގިވަޑައިގެންފައެވެ. މިކަން ކުރައްވާފައިވަނީ ތަފާތު ގިނަ ރޮނގުތަކުގައިވެސް މަޢުލޫމާތު
މުއްސަނދި މަޝްހޫރު ބޭފުޅެއްކަމަށްވާ އަލްފާޟިލް ޢިމާދު ލަޠީފެވެ. އޭނާ
ލިޔުއްވާފައިވާ "ގައުމީ އިނާމު ކޮމިޓީގެ ޗަރުކޭސް" 2 ބައިގައި
އެވާހަކަތައްވެސް އެބަވެއެވެ.
2019 ވަނަ އަހަރުގެ ގައުމީ
އިނާމަށް އަޅުގަނޑުގެ ނަން ފޮނުއްވީމާ އެވީގޮތެއްވުމަށްފަހު، އަނެއްކާ ހަމަ މިއަހަރު 2020މ. ގައި ވެސް ގައުމީ އިނާމަށް
އަޅުގަނޑުގެ ނަން ފޮނުއްވުމަށް ދިވެހިބަހުގެ އެކެޑަމީއަށް ފެނިވަޑައިގެން އެތާނގެ ނައިބު
ރައީސް އަލްފާޟިލާ ރާފިޢާ ޢަބުދުލްގާދިރު ފޯނުކުރައްވައި އެވާހަކަ އަޅުގަނޑުގާތު
ވިދާޅުވީމާ، ގައުމީ ކަންކަމަށް، ގައުމީ ލާބައަށް، ޚާއްޞަކޮށް ދިވެހިތާރީޚަށް އެބޭފުޅުން ދެއްވާ ސަމާލުކަން ފާހަގަކޮށް
އެކަމާ އަޅުގަނޑު ވަރަށްއުފާކޮށް ޝުކުރު ދެންނެވީމެވެ.
އެކަމަކު އެއާއިގުޅިގެން ބައެއް
ވާހަކަތައް ރާފިޢާގެ އަރިހުގައި އަޅުގަނޑުދެންނެވީމެވެ. އޭގެ އެންމެ މުހިއްމު
ވާހަކައަކީ 2019 ވަނަ އަހަރު ގައުމީ އިނާމު ކޮމިޓީގެ ބޭފުޅުން، އެހެން ބައެއް
ބޭބޭފުޅުންނާއި އަދި އަޅުގަނޑާއި މެދު ވެސް ކަންކުރެއްވިގޮތުގެ ސަބަބުން ދެން
އިތުރަށް އެކޮމިޓީއަށް އަޅުގަނޑުގެ ނަން ނުފޮނުއްވުމަށް އަޅުގަނޑު އެދޭ
ވާހަކައެވެ.
މިހެންވުމުން ގައުމީ އިނާމު
ކޮމިޓީގެ ބޭފުޅުންނާއި ދިވެހިބަހުގެ އެކެޑަމީއާއި ދެމެދު، 2019 ވަނަ އަހަރު ހިނގި ޒާތުގެ ދިވެހި - އެފްރިކާގެ
ޗަރުކޭހެއްގެ ތެރޭ 2020 ވަނަ އަހަރު، ކަންބަޅިއެއްހެން އަޅުގަނޑު ކުރަންޖެހޭ ގުރުބާނެއް ނޯންނާނެއެވެ.
----------------------
ޢަބުދުﷲ ޙިލްމީ
16 ސެޕްޓެމްބަރ 2020މ.