ހުވަދުއަތޮޅުގެ ފާހަގަކުރެވޭ ޢިލްމުވެރިންގެތެރެއިން ހަވަރުތިނަދޫ އައްޝައިޚް މުދިމު ޙުސައިން ތަކުރުފާނު

 

ހުވަދުއަތޮޅު ހަވަރުތިނަދޫ އައްޝައިޚް މުދިމު ޙުސައިންތަކުރުފާނަކީ ހަވަރުތިނަދޫ ބޮޑުކައްތިކަލޭހާނު (ބޮޑުކަތީބުކަލޭގެފާނު)ގެ މުޙައްމަދުކަތީބުކަލޭގެފާނުގެ، އަޙުމަދުކަލޭގެފާނު (މުދިމްބެ)ގެ ޙުސައިންތަކުރުފާނު (ހުސައިން އަޙްމަދު ކަލޭގެފާނު)އެވެ. ހަވަރުތިނަދޫގެ މާމުދިމުކަމުގެ އިތުރަށް އައްޝައިޚް ހުސައިން ތަކުރުފާނަކީ ހުވަދުއަތޮޅުގެ ބޮޑު ނައިބުކަން ވަރަށް ދިގު މުއްދަތަކަށް އަދާކުރެއްވި ބޭފުޅެކެވެ.

ތަޢުލީމު ޙާޞިލުކުރެއްވީ އައްޑުއަތޮޅުގެ މަޝްހޫރު ޢިލްމުވެރިއެއްކަމުގައިވާ އައްޝައިޚުލް ފަޤީހު އަލްޙާފިޡު އިބްރާހީމް ތަކުރުފާނު (އައިސާބީ ގެދަރު ދޮންބެއްޔާ)ގެ އަރިއަހުންނެވެ. އެއީ އައްޝައިޚް ޙުސައިން ޞަލާޙުއްދީނުއާ ދެބޭފުޅުން އެކުއެކީގައެވެ. ގާތްގަނޑަކަށް 8 އަހަރުދުވަހު މިދެބޭފުޅުން އައްޑުއަތޮޅު މީދޫގައި ތަޢުލީމު ޙާޞިލުކުރެއްވުމަށް ތިއްބެވިއެވެ. ތަޢްލީމު ޙާޞިލުކުރައްވާ ނިމިވަޑައިގެން، ޙުސައިން ޞަލާޙުއްދީނު މާލެވަޑައިގަތުމުން ދައުލަތުން އެމަނިކުފާނަށް ދެއްވީ، ރާއްޖޭގެ ފަނޑިޔާރުކަމުގެ މަޤާމެވެ. އަދި ހަމައެއާއެކު އައްޝައިޚް މުދިމު ޙުސައިންތަކުރުފާނު ހުވަދުއަތޮޅު ހަވަރުތިނަދޫއަށް ވަޑައިގަތުމުން ދައުލަތުން އެމަނިކުފާނަށް ދެއްވީ ހުވަދުއަތޮޅުގެ ބޮޑުނައިބުކަމުގެ މަޤާމެވެ. އޭގެ ދުވަސްކޮޅެއްފަހުން އައްޝައިޚް މުދިމު ޙުސައިންތަކުރުފާނުގެ ބައްޕަ، ހަވަރުތިނަދޫ މާމުދިމު އަޙުމަދުކަލޭގެފާނު ނިޔާވުމުން، އިތުރު މަޤާމެއްގެ ގޮތުގައި ހަވަރުތިނަދޫގެ މާމުދިމުކަން (އިސްމުދިމުކަން) 10 މުޙައްރަމް 1349 (07 ޖޫން 1930) ގައި އޭރުގެ ދިވެހިރާއްޖޭގެ ރަދުންގެ ފަތްކޮޅަކުން އައްޝައިޚް މުދިމު ޙުސައިންތަކުރުފާނަށް ދެއްވިއެވެ. ތަޢުލީމު ޙާޞިލުކުރައްވާ ނިމިވަޑައިގެންނެވިއިރު ޢުމުރު ފުޅަކީ 30 އަހަރެވެ.

މާމުދިމަކީ ރަށުގެ ހުރިހާ މިސްކިތްތައް ބެލެހެއްޓުމާ އެމިސްކިތްތަކަށް މުދިމުން ލައްވައި ވަކިކުރެއްވުމުގެ ބާރު ދައުލަތުން ދެއްވާފައިވާ މަޤާމެކެވެ. ހަވަރުތިނަދޫ ހިރިހަމައިދި ކަލޭގެފާނުގެ އަތޮޅުވެރިކަންފެށި އެމީހުންގެ ނުފޫޒު ޝަރީއަތަށް ފޯރަން ފެށުމުން އަތޮޅުގެ ބޮޑުނާއިބުކަމުން އިސްތިއުފާ ދެއްވުމަށްފަހުވެސް ހަވަރުތިނަދޫގެ މާމުދިމުގެ މަޤާމުގައި އަވަހާރަވުމާހަމައަށްވެސް ދެމިހުންނެވިއެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 85 އަހަރެވެ. ވުމާއެކު 55 އަހަރު ސަރުކާރަށް ޚިދުމަތްކުރެއްވުމުގައި ދެމިހުންނެވިއެވެ. އޭގެތެރެއިން 30 އަހަރު ހުވަދުއަތޮޅުގެ ބޮޑުނައިބުކަމުގެ މަގާމުގައި އުޅުއްވިއެވެ. ވަކިންޚާއްޞަކޮށް މާމުދިމްކަމުގެ މަގާމު ލިބިވަޑައިގަތުމުގެ މާކުރިންފެށިގެންވެސް (ބައްޕަ މުދިމް އަޙުމަދު ކަލޭގެފާނުގެ ބަދަލުގައި) މުދިމްކަމުގެ މަސްއޫލިއްޔަތު އަދާކުރައްވަމުން ގޮސްފައިވުމާއެކު، ގާތްގަނޑަކަށް 50 އަހަރު ތިނަދޫ ހުކުރުމިސްކިތް ބެލެހެއްޓެވުމުގައި ހޭދަކުރައްވާފައިވެއެވެ. ބެލެވޭގޮތުގައި ހަވަރުތިނަދޫ މާމުދިމުކަމުގައި އަދި ހަވަރުތިނަދޫގެ ހުކުރުމިސްކިތް ބެލެހެއްޓުމާއި މިސްކިތްތަކަށް ޚިދުމަތްކުރެއްވުމުގައި މިޢާއިލާ ޤަރުނަކަށްވުރެ ދިގުމުއްދަތަކަށް ދެމިގެންގޮސްފައިވާކަމަށްވެއެވެ.

މުދިމު ހުސައިންތަކުރުފާނު ތަޢުލީމު ޙާޞިލުކުރެއްވުމަށްފަހު ހަވަރުތިނަދޫއަށް ވަޑައިގެން އެންމެފުރަތަމަވެސް ފެށްޓެވީ ކީރިތިޤުރުއާނުގެ ޢިލްމާއި، ޢަރަބިބަހާއި، އިސްލާމްދީނުގެ ޢިލްމު މީސްތަކުންނަށް އުނގަންނަވައިދެއްވުމުގެ މަސައްކަތެވެ. އެގޮތުން ހަވަރުތިނަދޫގައި ކުޑަކުދިންނަށް ޤުރުއާން ކިޔަވައިދިނުމަށް ޝައުގުވެރިކަން ހުރިމީހުން ބަލައިހޯދައި އެފަދަމީހުން "ދިރިއުޅުއްވާ އަމިއްލަގެއަށް" ގެންނަވައި އެމީހުންނަށް ކިޔަވައިދެއްވައި އެކަމަށް އެމީހުން ތަމްރީނުކުރެއްވުމުގެ މަސައްކަތް ވަރަށް ބުރަކޮށް ކޮށްދެއްވާފައިވެއެވެ. އަދި ހުވަދުއަތޮޅުގެ އެކި ރަށްތަކުގައިވެސް ކުދިންނަށް ޤުރުއާން އުނގަންނައިދޭނެބަޔަކު ތަމްރީނުކުރައްވައި އެރަށްރަށަށް ފޮނުއްވެވިއެވެ. އަތޮޅުގެ ރަށަކުން އެފަދަމީހަކު ނުލިބުނު ރަށްރަށަށް ހަވަރުތިނަދޫއިން މީހުން ތަމްރީނުކުރައްވައި އެރަށްރަށަށް ފޮނުއްވާފައިވެއެވެ. މިގޮތުން ފޮނުއްވި ބައެއްމީހުން އެރަށްރަށަށް ދިރިއުޅުން ބަދަލުކުރައްވާ ޤުރުއާނާއި، އިސްލާމްދީނުގެ ތަޢުލީމު ފެތުރުމުގައި މަސައްކަތްކުރައްވަމުން ގެންދެވިކަން ފާހަގަކުރަމެވެ.

ހަވަރުތިނަދޫގައި މިގޮތަށް ތަމްރީނު ކުރެވުނު އެއްމެޚާއްޞަ ބަޔަކީ އަލްމަރުޙޫމު ކާސިމްފުތުބެ (ޤާސިމް ރަޝާދު)، ބަރާސިލު އަލްމަރުޙޫމު މުޙައްމަދު މާހިރު، މާހިރުގެބައްޕަ އަލްމަރުޙޫމު ކުދެކަޅާ، އަލްމަރުޙޫމު ބޮޑެޙުސައިންބެއްޔާ (ޙުސައިންތަކުރުފާނު އެދުރުގެ/ތިނަދޫ) އަލްމަރުޙޫމު އަލެގޭބެއްޔާ (މުޙައްމަދު ޢަލީ) އަދި އަލްމަރުޙޫމު ދޮންއައިސާފާނުގެ މޫސާ ތަކުރުފާނު (މޫސާ ރަޝާދު) އާއި މިބޭބޭކަލުންނެވެ. މީގެތެރެއިން ބައެއްފަރާތްތަކަށް ހަވަރުތިނަދޫ ރައްޔިތުންގެ ފަރާތުން ކިޔަވައިދޭނެ މަރުކަޒު ހައްދަވައިދެއްވުމުން އެތަންތަނުގައި ޤުރުއާން ކިޔަވައިދިނުމާއި، އިސްލާމްދީނުގެ ތަޢުލީމު އުނގަންނައިދެއްވުމުގެ މަސައްކަތް އައްޝައިޚް މުދިމު ޙުސައިންތަކުރުފާނު ފަށްޓަވައިދެއްވައި އަދި އޭގެފަހުންވެސް އެމަސައްކަތްކުރިއަށްދާގޮތް ބައްލަވައި އެހީތެރިވެދެއްވަމުން ގެންދަވާފައިވެއެވެ. ދެންތިއްބެވި މީހުންވެސް އަމިއްލަ މަރުކަޒުތައް އުފައްދަވައި އުގަންނައިދިނުމުގެ މަސައްކަތް ކުރައްވަމުންގެންދެވިއިރު އެކަން ހިނގާނުހިނގާގޮތް ބައްލަވާ އެތަންތަނަށްވެސް ވަރަށް ފުރިހަމައަށް އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވާފައިވާކަން ގިނަބަޔަކު ފާހަގަކުރައްވައެވެ.

 ހަވަރުތިނަދޫގައި ޤުރުއާންކިޔަވައިދިނުމަށް ކުރެވޭ މި މަސައްކަތަކީ ހަވަރުތިނަދޫގައި އައްޝައިޚް މުދިމު ޙުސައިންތަކުރުފާނާއި ހަމައިންފެށިގެން ސިލްސިލާގޮތެއްގައި މިއަދާހަމަޔަށްވެސް ހިނގަމުންދާ މަސައްކަތްތަކެއްކަން ފާހަގަކުރެވެއެވެ. މިހާރުވެސް ތިނަދޫގައި ޕްރީސްކޫލު އަދި ކުދިންނަށް ޤުރުއާންކިޔަވައިދޭ ތަންތަން ހިންގާފަރާތްތަކަކީ އައްޝައިޚް މުދިމު ޙުސައިން ތަކުރުފާނުއަރިހުން ތަޢުލީމު ޙާސިލުކުރެއްވި ބޭކަލުންގެކިބައިން ދަރިވަރުވެގެން އެމަސައްކަތުގައިއުޅުއްވާ ބޭކަލުންނާއި، ކަނބަލުންނެވެ. މިގޮތުން އަލްމަރުޙޫމު ޤާސިމް އަންވަރުއާއި، އަލްމަރްޙޫމު ޢަލީ ފާއިޒުއާ، ދެބޭކަލުންނަކީވެސް ކުޑަދުވަސްކޮޅަކު އައްޝައިޚް މުދިމު ޙުސައިން ތަކުރުފާނުއަރިހުން އުނގެނުމަށް އުޅުއްވުމަށްފަހު އުނގެނުމުގެބޮޑުބައި މުޙައްމަދު ޢަލީ (އަލެގޭބެއްޔާ) ގެ ކިބައިން ޙާސިލުކޮށްފައިވާ ދެބޭކަލުންނެވެ. މިދެބޭކަލުންނަކީވެސް އަމިއްލަ މަކުތަބު، މަދަރުސާ އުފައްދަވައި، އެދެބޭކަލުން ދުނިޔެއިން ވަކިވުމާހަމައަށްވެސް އުނގަންނަވައިދެއްވުމުގެ މަސައްކަތުގައި ދެމިތިއްބެވި ދެބޭކަލުންނެވެ. ހަމައެހެންމެ ޤާރީތުއްތު (މުޙައްމަދު ޙަސަން) އަކީ ޤާސިމް ރަޝާދު (ކާސިމްފުތުބޭ)ގެކިބައިން ދަރިވަރުވި ބޭކަލެކެވެ. އޭނާއަކީވެސް އަމިއްލަ މަކުތަބު ހައްދަވައިގެން ކުޑަކުދިންނަށާއި، ބޮޑެތި މީހުންނަށްވެސް އުނގަންނަވައިދެއްވި ބޭކަލެކެވެ. މުޙައްމަދު ޙަސަން ވަނީ ކިޔަވައިދިނުމުގެއިތުރަށް ތިނަދޫ މުދިމުކަމުގެ މަޤާމުވެސް ފުރުއްވާފައެވެ. ޢަބުދުލްޙައްޔުއަކީ ޤާސިމް ރަޝާދު (ކާސިމްފުތުބޭ) ކައިރިން އުނގެނުމުގެއިތުރަށް ޤާރީތުއްތު ކައިރިންވެސް އުނގެނިފައިވާ އަދިމިހާރުވެސް ކުޑަކުދިންނަށާއި، ބޮޑެތިމީހުންނަށް ކިޔަވައިދިނުމުގައި ދެމިހުންނެވި ބޭކަލެއްކަންފާހަގަކުރެވެއެވެ.

ހަމައެހެންމެ ރެއްކާބޭގެ ޝަމީމު (ޢަބްދުﷲ ޝަމީމު، އާފަތިސް / ތިނަދޫ) އަކީ ޤާރީ ތުއްތުގެކައިރިން އުނގެނިގެން އޭގެފަހުން އުނގަންނައިދިނުމުގެ މަސައްކަތުގައި ދެމިހުންނެވި ބޭކަލެއްކަމަށްވެއެވެ. ދުންތަރި ޚަދީޖާ ޙުސައިންއަކީވެސް އޭނާގެ ބައްޕަ ޙުސައިން ތަކުރުފާނު (ބޮޑެޙުސައިންބޭ) ކައިރިން އުނގެނިގެން މިހާރުވެސް އެމަސައްކަތް ކުރިޔަށްގެންދަވާ ކަނބަލެކެވެ. ބަރާސިލު މާހިރުއަކީވެސް އަމިއްލަ މަކުތަބެއް އުފައްދަވައިގެން ވަރަށް ރަނގަޅަށް ކިޔަވައިދިނުން ކުރިޔަށްގެންދެވި ބޭކަލެއްކަމުގައި ގިނަބަޔަކުދެކެއެވެ. މިހާރުވެސް އޭނާގެ ދަރިކަނބަލުން އާމިނަތު މާހިރު އެކަން ކުރިޔަށްގެންދަވާކަމަށް ބެލެވެއެވެ. މިނޫނަސް ތިނަދޫގައި ކުދިންނަށް އަކުރު އުނގަންނައިދީ، ޤުރުއާން ކިޔަވައިދިނުން ކުރިޔަށްގެންދަވަނީ މިސިލްސިލާގެތެރެއިން (އެޢާއިލާތަކުގެތެރެއިން) އައިސްފައިވާ މީސްމީހުންކަން ފާހަގަކުރަމެވެ.

ހަމައެއާއެކު ހަވަރުތިނަދޫގެ މިސްކިތްތަކުގައި އިމާމުވެ ނަމާދުކުރާނެ މީހުންނާއި، އިމާމުވެ ހުކުރުނަމާދު ކުރާނެމީހުން ތަމްރީނުކޮށްދެއްވުމުގެ މަސައްކަތަކީވެސް އެހާމެ ޝައުޤުވެރިކަމާއެކު އަމިއްލަ ގޭގައި އައްޝައިޚް މުދިމު ޙުސައިން ތަކުރުފާނު ކުރެއްވިކަމެއްކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. މިގޮތުން ތަމްރީނުކޮށްދެއްވި މީހުންގެތެރޭގައި އަލްމަރުޙޫމު ކާސިމްފުތުބޭ (ޤާސިމް ރަޝާދު) އާއި، އަބޫބަކުރު ކަތީބުކަލޭގެފާނު (އާބަކުރުބެއްޔާ)ގެ އަލްމަރުޙޫމު މޫސާ ތަކުރުފާނު (މޫސާ ރިފްޢަތު) އާއި، ދޮންއައިސާފާނުގެ މޫސާ ތަކުރުފާނު (އަލްމަރުޙޫމު މޫސާ ރާޝިދު) ގެއިތުރުން ކާސިމްފުތުބޭގެ އަލްމަރުޙޫމު ޙަސަން ޚަލީލު ހިމެނޭކަން ފާހަގަކުރަމެވެ. ހަމައެހެންމެ، އައްޝައިޚް މުދިމު ޙުސައިން ތަކުރުފާނު ނެތް ޙާލަތެއްގައި އަތޮޅުގައި ނާއިބުކަން ކުރާނެބަޔަކު ތައްޔާރުކުރުމުގެގޮތުން، ހަވަރުތިނަދޫ ކުއްދީދިބޭގެ އިސްމާޢީލް ދީދީ (އަލްމަރުޙޫމު އިސްމާޢީލް ޒާހިރު) އަށް ކިޔަވައިދެއްވައި، އޭނާ އެކަމަށް ތައްޔާރުކުރެއްވެވިއެވެ. އަދި އެހީތެރިންގެގޮތުގައި، ބޭތިއްބުމަށް ތިނަދޫ އިބިރިހިމަގެ ޙަސަންފުތު (އަލްމަރުޙޫމު ޙަސަން އިބްރާހީމް) އާއި، ފާތިންދައިތަގެ ޙަސަންފުތު (އަލްމަރުޙޫމު ޙަސަން ރުޝްދީ) މިދެބޭކަލުންނަށް ކިޔަވައިދެއްވައި އެގޮތަށް ތަމްރީނުކޮށްދެއްވާފައިވެއެވެ. އައްޝައިޚް މުދިމު ޙުސައިންތަކުރުފާނު ހުވަދުއަތޮޅުގެ ބޮޑުނާއިބުކަމުގެ މަޤާމުން އިސްތިއުފާދެއްވުމުން ދައުލަތުން އެމަޤާމު ދެއްވީވެސް އިސްމާޢީލް ދީދީ (އިސްމާޢިލް ޒާހިރު) އަށެވެ. އޭނާގެ އެހީތެރިންގެގޮތުގައި ޙަސަން އިބްރާހީމްއާއި، ޙަސަން ރުޝްދީ ހަމަޖެއްސެވިއެވެ. ދައުލަތުން މިކަން މިގޮތަށް ހަމަޖެއްސެވީ އައްޝައިޚް މުދިމު ޙުސައިންތަކުރުފާނު މިގޮތުގެމަތިން މިކަން ހަމަޖައްސަވައިދެއްވުމަށް ސަރުކާރުގައި އެދިވަޑައިގަތުމުން ކަމަށްވެއެވެ.

އޭގެފަހުން ހަވަރުތިނަދޫގެ ވެރިންގެ ގޮތުގައިވެސް އައްޝައިޚް މުދިމު ޙުސައިންތަކުރުފާނު ތަމްރީނުކުރެއްވި ބައެއްބޭކަލުން ދައުލަތުން ހަމަޖައްސަވާފައިވެއެވެ. އެގޮތުން ކާސިމްފުތުބެ (ޤާސިމް ރަޝާދު) އާއި އާބަކުރުބެއްޔަގެ މޫސާ ތަކުރުފާނު (މޫސާ ރިފްޢަތް) ކުޑަކަތީބުކަމަށް އަދި ދޮންއައިސާފާނުގެ މޫސާ ތަކުރުފާނު (މޫސާ ރާޝިދު) ހުކުރުމިސްކިތުގެ މުދިމުކަމަށް ހަމަޖައްސަވައިދެއްވާފައިވާކަން ފާހަގަކުރަމެވެ. މީގެއިތުރަށް އަތޮޅުގެ ރަށްރަށުންނާއި ހަވަރުތިނަދޫއިން އައްޝައިޚް މުދިމު ޙުސައިން ތަކުރުފާނުއަރިހަށް ދީނުގެކަންތައްތައް އޮޅުންފިލުވަން އަންނަ ފަރާތްތަކަށްވެސް ދީނުގެކަންތައްތައް އޮޅުންފިލުވައިދެއްވުމަށް އައްޝައިޚް މުދިމު ޙުސައިން ތަކުރުފާނުގެ ޙަޔާތްޕުޅުގެ ވަރަށްގިނަދުވަސްތައް ހޭދަކުރައްވާފައިވެއެވެ.

 ހަވަރުތިނަދޫގައި، ފުރަތަމަފަހަރަށް މަދަރުސާއެއް އުފެއްދުމަށް ޤަސްދުކުރައްވައި ޙާޖީ މުޙައްމަދު ކަލޭގެފާނުގެ އަތޮޅުވެރިކަމުގައި، ޙާޖީ މުޙައްމަދުކަލޭފާނަށް ހުށަހަޅުއްވައި އައްޝައިޚް މުދިމު ޙުސައިން ތަކުރުފާނާއި، އައްޝައިޚް ދެކުނުގޭ ދޮންމަނިކު (މުޙައްމަދު ފަހުމީ) އިސްކޮށް ތިއްބަވައިގެން މަސައްކަތްކުރައްވައި، މަދަރުސަތުލް އަސްބާޙްގެ ނަމުގައި މަދަރުސާއެއް އުފެއްދެވިއެވެ. އައްޝައިޚް ދެކުނުގޭ ދޮންމަނިކަކީ، މަޑަވެލީގެ ގޮއި، ލިއުއްވައިގެން އަތޮޅަށް ވަޑައިގެންނެވި ބޭފުޅެއްކަމަށް މަޢުލޫމާތުލިބިފައިވެއެވެ. ދޮންމަނިކު ތަޢުލީމު ޙާސިލުކުރައްވާފައިވަނީ އައްޝައިޚް ޙުސައިން ޞަލާޙުއްދީނުގެ އަރިއަހުންނެވެ. މިދެންނެވި  މަދަރުސާގެ އިސްބޭފުޅަކަށް (ނާޒިރަކަށް) ހުންނެވީ އައްޝައިޚް ދެކުނުގޭ ދޮންމަނިކެވެ. އެމަދަރުސާގައި ކިޔަވައިދެއްވީ ލިޔެކިޔުމާއި، ހިސާބު، ކީރިތިޤުރުއާނާއި، ޢަރަބިބަސް، އަދި ދީނީތަޢުލީމެވެ. އެދުވަސްވަރު ހަވަރުތިނަދޫގައި ތިބި ތަނަވަސްކަމުގެ އަހުލުވެރިންގެތެރޭގައި ހިމެނޭ، ކިޔެވުމުމަށް ޝައުޤުވެރިކަންހުރި ޒުވާނުންގެ ގިނަބަޔަކު މިމަދަރުސާއިން ތަޢުލީމު ޙާސިލުކުރެވިކަމަށްވެއެވެ. ވަރަށްގިނަދުވަހު ކިޔަވައިދެއްވުމަށް އުޅުއްވުމަށްފަހު އައްޝައިޚް ދެކުނުގޭ ދޮންމަނިކަށް ޖުޒާމްބަލީގެ އާލާސްކަންފުޅެއް ޖެހިވަޑައިގަތުމުން، ސަރުކާރުގެ އެންގެވުމަށް ދޮންމަނިކު އެކަހެރިކުރައްވައި، ކޮނޮއްޓާއަށް ގެންދެވުމާއެކު ދެން އެމަދަރުސާ ހިންގަވަމުންގެންދެވީ އައްޝައިޚް މުދިމު ޙުސައިން ތަކުރުފާނު އަމިއްލަފުޅަށެވެ. އެއާއެކު، މަދަރުސާގެ އިދާރީކަންތައް ބެލެހެއްޓުމަށް އައްޝައިޚް މުދިމު ޙުސައިން ތަކުރުފާނުގެ ދޮށީ ފިރިހެންދަރިކަލުން އަޙުމަދު ޞާބިރު (އަޙުމަދު މަނިކު) ހަމަޖައްސަވައި، އެ މަދަރުސާގެ ނަން ބަދަލުކުރައްވައި، މަދަރަސަތުލް ސުބުލުއްސަލާމް ގެ ނަމުން ނަންދެއްވައި، އެގޮތުގައި މަދަރުސާކުރިޔަށް ގެންދެވިއެވެ.

 މަރުހޫމު މީރުބަހުރު މުޙައްމަދު އިސްމާއިލްދީދީ، ސަރުކާރު ބޮޑުނާކޮޅު އަތިއްޔަތުއް ރަޙުމާނުގައި މާލެ-އައްޑޫ-މާލެއަށް ކުރެއްވި ދަތުރުފުޅުގެތެރެއިން "ހަވަރުތިނަދޫގެ ސަފްހާއެއް 1947" މިސުރުޚީގެދަށުން ލިޔުއްވާފައިވާ މަޒުމޫނުގައި މީރުބަހުރު މުޙައްމަދު އިސްމާއިލްދީދީ ލިޔުއްވާފައިވަނީ އެމަނިކުފާނު ހަވަރުތިނަދޫއަށް ވަޑައިގަތުމުން ހަވަރުތިނަދޫގެ މަދަރުސާގެ ދެގޮފީގެ ކުދިން ކަސްރަތުކުޅައެވެ. ފިރިހެންކުދިންނަށް އިނގިރޭސިބަހުން ސަފަށްގޮވައިހެދީ ހަވަރުތިނަދޫ މުދިމު ތަކުރުފާނުގެ އަހްމަދު މަނިކުކަމަށެވެ. ވުމާއެކު އެދުވަސްވަރުގެ މަދަރުސާ ސިފަކޮށް ދެނެގަތުމުގައި އިތުރު ފުރިހަމަކަމެއް މިލިޔުމުން ގެނުވައިދީފައިވާކަމުގައި ދެކެމެވެ. އައްޝައިޚް ޔޫސުފް ޞިދުޤީ އިންޑިއާއިން ތަޢުލީމު ޙާޞިލުކުރެއްވުމަށްފަހު، ހަވަރުތިނަދޫއަށް ވަޑައިގަތުމުން، އެމަދަރުސާގެ ހިންގުން 1947 ގައި އައްޝައިޚް މުދިމު ޙުސައިން ތަކުރުފާނުވަނީ އައްޝައިޚް ޔޫސުފް ޞިދުޤީއާއި ހަވާލުކުރައްވާފައެވެ. ވުމާއެކު އެމަދަރުސާގެ ހިންގުން އޭގެފަހުން ކުރިޔަށްގެންދެވީ އައްޝައިޚް ޔޫސުފް ޞިދުޤީއެވެ.

 ހުވަދުއަތޮޅުގައި ހިރިހަމައިދި ކަލޭގެފާނުގެ އަތޮޅުވެރިކަން ފެށުމާއެކު ހަވަރުތިނަދޫގައާއި، އަދި އަތޮޅުގައިތިބި، މުއްސަދިންގެ އެހީތެރިކަމާއެކެ ހިންގާ މަދަރުސާއަކަށް އެމަދަރުސާބަދަލުވެ، މަދަރުސަތުލް އަމީރު އިބްރާހީމުގެ ނަމުގައި އެމަދަރުސާ ހިންގަންފެށުމުންވެސް މުދައްރިސެއްގެގޮތުން ދިގު މުއްދަތަކަށް ހިލޭސާބަހަށް އައްޝައިޚް މުދިމު ޙުސައިން ތަކުރުފާނު އެމަދަރުސާއަށް ޚިދުމަތްކުރެއްވިއެވެ.  އައްޝައިޚް މުދިމު ޙުސައިން ތަކުރުފާނު ތަޢުލީމަށްކޮށްދެއްވި ހުރިހާ މަސައްކަތްޕުޅުތަކަކީވެސް ހިލޭސާބަހަށް ކޮށްދެއްވާފައިވާ މަސައްކަތްޕުޅުތަކެއްކަން ފާހަގަކުރަމެވެ. ހުސައިން ތަކުރުފާނުގެ ދިގުމުއްދަތުގެ މިޚިދުމަތްތަކުގެ އަގުވަޒަންކުރެއްވުމުގެގޮތުން ސަރުކާރުން ކަލޭގެފާނުކަމުގެ ލަޤަބު ޙުސައިން ތަކުރުފާނަށް ދެއްވާފައިވެއެވެ.

އައްޝައިޚް މުދިމު ޙުސައިން ތަކުރުފާނަކީ ތަނަވަސް ބޭފުޅަކަށްވުމާއެކު ތަޢުލީމަށާއި ރަށުގައިކުރެވުނު އިޖުތިމާޢީ މަސައްކަތްތަކަށް އެތަކުރުފާނުގެ އަމިއްލަ މުދަލުން ގިނަގުނަ ހޭދަތަކެއްވަނީ ކުރައްވާފައެވެ. ވަކިންޚާސަކޮށް މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ދުވަސްވަރު ކުރިޔަށްގެންދެވި "ރަށްވެހިކަމޭ މިކިޔުނު" މަސައްކަތްތަކަށް ނުހަނު ދީލަތިކަމާއެކު އެހީތެރިކަން ފޯރުކޮށްދެއްވިއެވެ. އެދުވަސްވަރު އެހީތެރިކަންފޯރުކޮށްދެއްވި މަސައްކަތްތަކުގެތެރެއިން އެންމެފާހަގަކުރެވޭ މަސައްކަތަކީ ހަވަރުތިނަދޫގައިހެދުނު އެރަށުމީހުންގެ ފަޚުރެއްކަމުގައިވި ހަވަރުތިނަދޫގެ ރީތި ބޮޑު ފާލަމުގެ މަސައްކަތެވެ. މިފާލަން ބިނާކުރުމަށް އެތަކުރުފާނު ވަނީ ބޮޑުޚަރަދެއް ކުރައްވާފައި ކަމަށް އެދުވަސްވަރުގެ މީސްމީހުން ފާހަގަކުރެއެވެ. މިގޮތުން މިފާލަންހެދުމުގެ ގާތްގަނޑަކަށް ހުރިހާ ޚަރަދެއްހެން ކުރައްވާފައިވަނީ އައްޝައިޚް މުދިމު ޙުސައިން ތަކުރުފާނު ކަމުގައި މަޢުލޫމާތުލިބިފައިވެއެވެ.

ފޮޓޯގެ ތަޢާރަފު (ފޮޓޯބަލާމީހުންގެ ކަނާތުން ވާތަށް:)

ކަތީބު ޙުސައިން މުޙައްމަދުދީދީ(އޮޅަދީދި ކަތީބު)، ވިލިގިލީ މުދިމް ކަލޭގެފާނު، އަލްއަމީރު މުޙައްމަދު އަމީން، ވީރު ޢަލިދީދީ، މުދިމް ޙުސައިން ތަކުރުފާނު(ފާލަމުގެ ކޮޅުގައި) މޫސާ ހިރިހަމައިދި ކަލޭގެފާނު، ޢަބުދުﷲ މޫސާ (ޢަބުދުﷲ ކަތީބު)

ހަވަރުތިނަދޫ އައްޝައިޚް މުދިމު ޙުސައިން ތަކުރުފާނުވަނީ ޙައްޖުގެ މަތިވެރިއަޅުކަންވެސް ފުރިހަމަކުރައްވާފައެވެ. އެޒަމާނުގައި، ޙައްޖުގެއަޅުކަން އަދާކުރުމަށް ދިއުމަކީ މިޒަމާނުގައި މީހުން ޙައްޖަށް ދިއުމަށް މިއޮންނަފަދަ ފަސޭހަގޮތަކަށް އޮންނަ ކަމެއްނޫނެވެ. އޭރު ޙައްޖަށްދެވޭނީވެސް ތަނަވަސްކަމުގެ އަހުލުވެރިންގެތެރެއިން މުޅިރާއްޖެއިން އެކަމަށްހޮވާލެވޭ އެކަށޭނަ، ވަރަށް މަދުއަދަދެއްގެ ބަޔަކަށެވެ. އެއީ ރިޔާނެގި ބަނގަލާބޯޓެއްގައި ސިލޯނަށްގޮސް އެތަނުން ޕާސްޕޯޓު ހައްދައި، އަނެއްކާވެސް ކަނޑުމަގުންކުރާ އުނދަގޫ ދިގުދަތުރެކެވެ. އައްޝައިޚު ޙުސައިން ތަކުރުފާނު ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށްފަހު ފަލަސްޠީނަށް ވަޑައިގެން ބައިތުލް މަޤްދިސްއަށް ޒިޔާރަތްކުރައްވައި، ޤުދުސްގައި ގާތްގަނޑަކަށް 9 މަސްދުވަސް ހޭދަކުރެއްވިކަމަށް މަޢުލޫމާތުލިބިފައިވެއެވެ. މަޢުލޫމާތުލިބިފައިވާގޮތުގައި ޤުދުސްގައި ހޭދަކުރެއްވި މިދުވަސްތައް ހޭދަކުރައްވާފައިވަނީ އިތުރަށް ތަޢުލީމު ހޯއްދެވުމުގައިއާއި، އިސްލާމްދީނުގެ ކަންކަމުގެ މަޢުލޫމާތު ލިބިގަތުމާއި، އިސްލާމީ ތާރީޚާއި ގުޅުންހުރި ކަންކަމުގެ މަޢުލޫމާތު ހޯއްދެވުމުގައެވެ.

މިދަތުރު އެކުގައި ނިންމަވާލެއްވުމަށްފަހު އެނބުރި ހަވަރުތިނަދޫއަށް ވަޑައިގަތީ ހަވަރުތިނަދޫއިން ފުރާވަޑައިގެންނެވިތާ 12 މަސްދުވަހަށްވުރެ ގިނަދުވަސްވީފަހުންނެވެ. އޭގެފަހުންވެސް އިތުރަށް ތަޢުލީމު ހޯއްދެވުމަށާއި ލިބިވަޑައިގެންފައިވާ ތަޢުލީމު އިތުރަށް ތާޒާކުރެއްވުމާއިއެކު، މަޢުލޫމާތު މުއްސަނދި ކުރެއްވުމުގެގޮތުން، ޔަމަނުކަރައިގެ ޙަޟްރަމައުތަށް ވަޑައިގެން އަހަރެއްހާދުވަހު ޙަޟްރަމައުތުގައި ހޭދަކުރައްވާފައިވެއެވެ. މައުލޫމާތު ކުށްކަމުގައިނުވާނަމަ ދެވަނަފަހަރަށް ހައްޖުގެއަޅުކަން ފުރިހަމަކުރައްވާފައިވަނީ ޙަޟްރަމައުތަށްކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރިވަޑައިގަތުމުގެ މަގުމަތީގައިކަމަށްވެއެވެ. އަދި މިޞުރުގައި ކިޔަވަން ހުންނެވި މަޝްހޫރު ޢިލްމުވެރިޔާ އައްޝައިޚް ޙާޖީ ޢަބްދުއްރަޙްމާނުއާއި ބައްދަލުކުރެއްވުމަށް އައްޝައިޚް ޙާޖީ ޢަބްދުއްރަޙުމާނުގެ ދަޢުވަތަކަށް މިޞުރަށް ވަޑައިގެން މިޞުރުގައި އެ ޢިލްމުވެރިޔާގެ އަރިހުގައި ޖާމިޢުލްއަޒުހަރުގެ ދަންނަބޭކަލުންނާއެކު 3 މަސްދުވަސް ހޭދަކުރައްވާފައިވާކަމަށްވެއެވެ. އެއީވެސް މަޢުލޫމާތު އިތުރަށް މުއްސަނދިކުރެއްވުމުގެ ބޭނުންފުޅުގައި ކުރެއްވިދަތުރުފުޅެއްކަމަށް ބެލެވެއެވެ. ހަމައެހެންމެ އައްޝައިޚް ޙާޖީ ޢަބްދުއްރަޙްމާނު ރާއްޖެއަށް ކުރެއްވެވި ދަތުރުފުޅުގައި ހަވަރުތިނަދުއަށް ވަޑައިގެން ހުންނެވީވެސް އައްޝައިޚް މުދިމު ޙުސައިން ތަކުރުފާނާއެކު އެގޭގައެވެ.

އައްޝައިޚް މުދިމު ޙުސައިން ތަކުރުފާނު ކިޔަވާވިދާޅުވެގެން ހަވަރުތިނަދޫއަށް ވަޑައިގެންނެވި ދުވަސްވަރަކީ އަތޮޅުގެ އެއްވެސްރަށެއްގައި ދީނީ ތަޢުލީމު ލިބިވަޑައިގެންހުންނެވި ޢިލުމުވެރިއަކު ނެތް ދުވަސްވަރަކަށްވެސްވުމާއެކު ހަވަރުތިނަދޫ އައްޝައިޚް މުދިމު ޙުސައިންތަކުރުފާނަކީ މުޅި އަތޮޅުގެ އެންމެންގެ އިތުރަށް އައްޑުއަތޮޅާއި ފުވައްމުލަކުގެވެސް ވަރަށްގިނަބައެއްގެ ލޯތްބާއި އިޙްތިރާމު ނުހަނުމަތިވެރި ދަރަޖައަކަށް ލިބިވަޑައިގެންނެވި ބޭފުޅެއްގެއިތުރަށް މާލޭގެވެސް ޢިއްޒަތްތެރި ގިނަބޭފުޅުންގެ އިޙްތިރާމު ލިބިވަޑައިގެންފައިވާ ބޭފުޅެއްކަމުގައި ދަންނަވަންޖެހެއެވެ. ދުނިޔެ ދޫކުރެއްވުމާހަމައަށްވެސް ދިރިއުޅުއްވާ ގޭގެ މައި ހޯލު ބޭނުންކުރެއްވީ މީސްތަކުންނަށް ދީނުގެ ކަންތައް އޮޅުންފިލުއްވައިދެއްވެވުމަށާއި އަދި އެފަދަ ފަރާތްތަކަށް ފޮތް ކިޔޭނެގޮތަށް ލައިބްރަރީއެއްފަދަ ތަނެއްގެގޮތުގައެވެ. އެތަކުރުފާނުގެ މުޅިހަޔާތް ވޭތުކުރެއްވީ ދީނުގެ ކަންތައްތައް މީސްތަކުންނަށް އޮޅުންފިލުވައިދެއްވެވުމާއި ކީރިތި ޤުރުއާނުގެ ޢިލްމާއި ތަޖުވީދުގެ ޢިލްމު މީސްތަކުންނަށް އުނގަންނައިދެއްވުމުގައިކަން މިފުރުޞަތުގައި ފާހަގަކުރަމެވެ. ހަމައެހެންމެ، ލަވަޔާއި، މިއުޒިކާއި، ދުރުވުމަށާއި އަންހެނުން ބުރުގާ އަޅައި، ނިވާވުމަށް މީސްތަކުންނަށް ނަސޭހަތްތެރިވެވަޑައިގެން، އެކަމަށް ބާރުއަޅުއްވާ ވާހަކަފުޅުދައްކަވާފައިވެއެވެ. ވަކިންޚާއްސަކޮށް ހަވަރުތިނަދޫގެ ހުކުރު މިސްކިތް ބެލެހެއްޓުމުގައި، ވަރަށްފަރުވާތެރިކަން ބަހައްޓަވައިގެން މަސައްކަތްޕުޅު ކުރައްވާފައިވާކަންވެސް ފާހަގަކުރަމެވެ.

ރާއްޖެއިން ބޭރުން ޢަރަބިބަހުގެ ވަރަށްގިނަ ފޮތްތައް ގެންނަވައި، ގޭގައި ގެންގުޅުއްވިއެވެ. އޭގެތެރޭގައި ކީރިތި ޤުރުއާނުގެ ޢަރަބި ތަރުޖަމާއާއި، ޙަދީޘް ޢިލްމުގެ ފޮތްތަކާއި، ފިޤުހުފޮތްތައް، އަދި މިނޫނަސް ދީނީޢިލްމުގެ ތަފާތުފޮތްތައް ހިމެނެއެވެ. މީގެއިތުރަށް ޢަރަބިބަހުން ލިޔެފައިވާ ބޭސްވެރިކަމުގެ ފޮތްތަކާއި، ޢަރަބިބަހުގެ ކުޅަދާނަ ޢިލްމުވެރިން، ތަފާތު އެކިކަންކަމާގުޅިގެން ލިއުއްވާފައިހުރި ގިނަ ފޮތްތަކެއްހުއްޓެވެ. ނަމަވެސް ދެވަނަ ބަޢާވާތުގެތެރޭ އައްޝައިޚް މުދިމު ޙުސައިން ތަކުރުފާނުގެ ދަރިކަލުން އިބްރާހިމް ޝިހާބު ބަޢާވާތާއި ދެކޮޅުހައްދަވައި، ފިއްލަވައިގެން މާލެ ވަޑައިގަތުމާއިގުޅިގެން ބަޢާވާތުގެބައިވެރިން ނުކުމެ، ޝިހާބުގެ ގެއާއި އަދި ޖެހިގެންހުރި އައްޝައިޚް މުދިމު ޙުސައިން ތަކުރުފާނުގެ ގެ ތަޅާލައި، ލޫޓުވައިހެދުމުގެސަބަބުން، ގޭގައިހުރި އެއްމެހައިތަކެތި ހަލާކުވެދިޔައިރު، ގިނަ ޢަދަދެއްގެ ފޮތްތައްވެސްވަނީ ހަލާކުވެ ނެތިގޮސްފައެވެ. އޭގެތެރެއިން ހަލާކުނުވެ ނުގެއްލި ބާކީހުރި ފޮތްތައް ހަވަރުތިނަދޫން މީހުން ބޭލިދުވަހު، މާތޮޑާ އައްޝައިޚް އަލްމަރުޙޫމް މުޙައްމަދު ރަޝީދު އެދިވަޑައިގަތުމުން، އާއިލާގެ މީހުންވަނީ އޭނާއަށް ފޮތްތައް ހަދިޔާކުރައްވާފައެވެ. އޭނާއަކީ ޢާއިލީ ގާތްގުޅުމެއްއޮންނަ ބޭފުޅެކެވެ.

 ޙަކީމު ޙުސައިން ޢަފީފް އިންޑިއާއިން ބޭސްވެރިކަން ކިޔަވައިވިދާޅުވެގެން، ހަވަރުތިނަދޫއަށް ވަޑައިގަތުމާހަމައަށް، އައްޝައިޚް މުދިމު ޙުސައިން ތަކުރުފާނުވަނީ އޭނާގެ ޢަރަބިފޮތްތަކުގެ އެހީގައި، ޚިދުމަތެއްގެގޮތުގައި، ހިލޭސާބަހަށް ބޭސްފަރުވާކުރުމުގެ މަސައްކަތްވެސް ހަވަރުތިނަދޫގައި ކޮށްދެއްވާފައެވެ. އާދަމްތަކުރުފާނު ރިވެލްފިޝް / ތިނަދޫ (ކުދެބެއްޔަގެކަލޯ) މަސްއައިނުތެރޭ ކަނޑަށްވެއްޓި، މިޔަރެއްގެ ޙަމަލާގައި ވަރަށްބޮޑަށް އަނިޔާވެ، ސީރިއަސް ޙާލަތެއްގައިވަނިކޮށް ބޭސްފަރުވާކޮށްދެއްވައި އޭނާއަށް ފަސޭހަކޮށްދެއްވި ދެއްވުމަކީ، ހަވަރުތިނަދޫގެ ގިނަބަޔަކު ވަރަށްބޮޑަށް އައްޝައިޚް މުދިމު ޙުސައިން ތަކުރުފާނުގެ ބޭސްވެރިކަމަށް ތަޢުރީފުކޮށް އެކަންބަލައިގަނެ އެހަނދާން ދަމަހައްޓާފައިވާ ވަރަށް މަޝްހޫރު ވާހަކައެކެވެ.

 އައްޝައިޚު މުދިމު ޙުސައިން ތަކުރުފާނު ކައިވެނިބައްލަވައިގަތީ ހަވަރުތިނަދޫގެ ނަންހިނގާ މަޝްހޫރު ވެރިކަމުގެ ޢާއިލާއެއްކަމުގައިވާ، ބޮޑުކައްތިކަލޭހާނުގެ ޢާއިލާއިން، ކަތީބު މޫސާފުޅުގެ، ކަތީބު މުޙައްމަދުފުޅުގެ، ދޮންމަނިކެ (ޒުލޭޚާ) އާއެވެ. މިދެކަނބަލުންނަށް ލިބިވަޑައިގެންފައިވަނީ 7 ބޭފުޅުންނެވެ. އެއީ 2 ފިރިހެން ބޭފުޅުންނާއި 5 އަންހެން ބޭފުޅުންނެވެ. އެއީ 1. އާމިނާމަނިކެ (އާމިނަތު ޙުސައިން) 2. އަޙްމަދު ޞާބިރު (އަޙްމަދު މަނިކު) 3. މަރިޔަމްމަނިކެ (މަރިޔަމް ޙުސައިން) 4. ފާތުމާމަނިކެ (ފާތުމަތު ޙުސައިން) 5. އިބްރާހިމް ޝިހާބު (އިބްރާހިމްމަނިކު) 6. ކަތްދާމަނިކެ (ޚަދީދާ ޙުސައިން) އަދި 7. ޖަމީލާމަނިކެ (ޖަމީލާ ޙުސައިން) އެވެ.

ދޮންމަނިކެ ނިޔާވުމުން ގިނަދުވަސްތަކަކަށްފަހު، އައްޝައިޚް މުދިމު ޙުސައިން ތަކުރުފާނު އެހެން ކައިވެންޏެއް ކުރެއްވިއެވެ. އެއީ ތިނަދޫކަލޯބެއްޔަގެ ޢަލިފުތުގެ ރެކެދިޔެ (ޞަބީޙާ ޢަލީ) އާއެވެ. މިކައިވެންޏަށް 3 ބޭފުޅުން ލިބިވަޑައިގަތެވެ. އެއީ 1. މުޙައްމަދު ރަޝީދު 2. ފަރީދާ ޙުސައިން 3. ޝިޔާމާ ޙުސައިންއެވެ. މި ދެބަނޑަށް ލިބިވަޑައިގެންނެވި 10 ބޭފުޅުންގެތެރެއިން މިހާރު ދުނިޔޭގައިއިންނެވީ ހަމައެކަނި ފަރީދާ ޙުސައިންއެވެ. އެބޭފުޅާ ދިރިއުޅުއްވަނީ އައްޑުއަތޮޅު ފޭދޫ ހިރިލަންދޫގޭ މޫސާރަހާއާ ކައިވެނިބައްލަވައިގެން ސ. ފޭދޫގައެވެ.

ހަވަރުތިނަދޫން މީހުންބޭލުމާގުޅިގެން ކަތްދާމަނިކެ ހުވަދުއަތޮޅު ވިލިގިއްޔަށް ވަޑައިގެން އެރަށުގައި ދިރިއުޅުއްވުމުގެތެރޭ އެރަށު ޙަލީމާގެ އިބްރާހީމުގެ ޢަލީ ޝަރީފުއާއި ކައިވެނިބައްލަވައިގެން  އެރަށުގައި ކަތްދާމަނިކެގެ ޢާއިލާ އުފެދިފައިވެއެވެ. އަދި ހަވަރުތިނަދޫއިން މީހުން ބޭލުމުގެ މާކުރިން 1947ގެ ފަހުކޮޅު އިތުރަށް ތަޢުލީމު ޙާސިލުކުރެއްވުމުގެގޮތުން އަޙްމަދު ޞާބިރު (އިންޑިއާމީހުން ކިޔާގޮތުންނަމަ ޞާބިރު އަޙްމަދު) އިންޑިއާއަށް ވަޑައިގެން ހައިދަރުއާބާދުގެ ނިޒާމިއްޔާ ކޮލެޖުން ދީނީ ތަޢުލީމު ޙާސިލުކުރެއްވުމަށްފަހު ހައިދަރުއާބާދުގެ އަންހެނަކާ ކައިވެނިބައްލަވައިގެން، ދިރިއުޅުއްވުން މައިސޫރަށް ބަދަލުކުރައްވައި، ދުނިޔެދޫކުރެއްވުމާ ހަމައަށްވެސް ދިރިއުޅުއްވީ އެތާނގައެވެ. މައިސޫރުގައި އެބޭފުޅާގެ ދަރިފަސްކޮޅު އެބައޮތެވެ.   އޭގެތެރެއިން   އެއްކުއްޖަކު  (ޞާބިރު އަޙުމަދުގެ އެއްމެހަނގު ދަރިކަނބަލުން ހާޖިރާ ބޭގަމް) ދިރިއުޅުން ތިނަދޫއަށް ބަދަލުކުރައްވައި ތިނަދޫއިން މީހަކާއި ކައިވެނިބައްލަވައިގަނެ މިހާރު ދިރިއުޅުއްވަނީ ތިނަދޫގައެވެ.

އައްޝައިޚް މުދިމު ޙުސައިން ތަކުރުފާނުގެ އަމިއްލަފުޅު ދިރިއުޅުއްވުމަށްބަލާއިރު އައްޝައިޚް މުދިމު ޙުސައިން ތަކުރުފާނަކީ ހަވަރުތިނަދޫގައި އޭރު ތިއްބެވި މުއްސަނދިންގެ އެންމެ ކުރީސަފުގައި ތަނަވަސް ދިރިއުޅުއްވުމެއްގައި ޙަޔާތުގެ ހުރިހާ ދުވަސްތަކެއް ހޭދަކުރެއްވިބޭފުޅެކެވެ. އަދި ވަރަށް ޒާހިދު ތަޤުވާވެރި ޚުލްޤު ރަނގަޅު އެހެންމީހުންނަށް ހެޔޮކޮށްހިތްތެވި، މަޑުމައިތިރި، އަބުރުވެރި ދިރިއުޅުއްވުމެއް އުޅުއްވިބޭފުޅެއް ކަމުގައިވެއެވެ. އަދި އެތަކުރުފާނުގެ މުޅިޢާއިލާ ހިމެނިފައިވަނީވެސް ވަރަށް ޝަރަފުވެރި އެހެންމީހުންގެ ލޯބި ވަރަށްބޮޑަށް ލިބިފައިވާ މަޑުމައިތިރި ޢާއިލާއެއްގެގޮތުގައިކަން ވަރަށްގިނަބަޔަކު ޤަބޫލުކުރެއެވެ. އަދި ހަމައެހެންމެ މިޢާއިލާވެފައިވަނީ ގާތްތިމާގެ މީހުންނަށާއި، ރަށްޓެހި ރަޙުމަތްތެރިންނާއި، އަދި ކައިރީގައި އުޅޭމީހުންނަށްވެސް ހެޔޮކޮށްހިތާ، ގާތްކަންބާއްވާ، އެހީތެރިކަންފޯރުކޮށްދޭ، ޚުލްޤު ރަނަގަޅު ބައެއްގެ ގޮތުގައިކަމަށްވެސް ގިނަބަޔަކު ޤަބޫލުކުރެއެވެ.

މައިގަނޑުގޮތެއްގައި، އެގޭގެ ވިޔަފާރިއާއި، ފަޅުރަށާއި، އޮޑިދޯނިފަހަރުފަދަ ގޭތެރޭގެ ދިރިއުޅުމާބެހޭ ހުރިހާކަމެއް ބެލެހެއްޓުމުގެ ބުރައުފުއްލަވާފައިވަނީ އައްޝައިޚް މުދިމުޙުސައިންތަކުރުފާނުގެ އަނބިކަބަލުން ދޮންމަނިކެއާއި، ޙުސައިންތަކުރުފާނުގެ އެއްބަނޑުއެއްބަފާ ދޮންދައިތަގެ ޙަސަން ފަހުމީ (ވާރުގޭ ޙަސަންދީދީ)އެވެ. ބޭރުދަތުރުކުރާ އަމިއްލަ އޮޑިއެއްވެސް ހުރުމާއެކު، އެ އޮޑީގެ ކަންތައް ބެލެހެއްޓުމާއި، ވިޔަފާރިދަތުރުތަކުގައި މާލެއާއި ރާއްޖެއިން ބޭރަށްގޮސް ގެއަށް ބޭނުންވާ އެއްމެހައިތަކެއްޗާއި، ވިޔަފާރިމުދައު ގެނެސް ހަދަނީވެސް ޙަސަންދީދިބެއެވެ. ޙަސަންދީދިބެއަކީ އެދުވަސްވަރު މުދިމު ޙުސައިން ތަކުރުފާނުގެ އާމިނާމަނިކެގެ ފިރިކަލުންވެސްމެއެވެ.

ތިނަދޫގައިވެސް އަދި ހުވަދުއަތޮޅުގައިވެސް އެޒަމާން ދެކެފައިވާ އާޢިލާތަކުގެތެރެއިން އައްޝައިޚް މުދިމު ޙުސައިން ތަކުރުފާނުގެ އާޢީލާއަށް މިހާރުވެސް ޤަދަރުކުރެއެވެ. އަދި އައްޝައިޚް މުދިމު ޙުސައިންތަކުރުފާނުގެ އަރިހުން ތަޢުލީމު ޙާޞިކުކޮށްފައިވާ ބައެއް މީހުންނާއި، މަދަރަސަތުލް ސުބުލައްސަލާމާއި މަދްރަސަތުލް އަމީރު އިބްރާހީމުގައި ކިޔަވައިދެއްވި ދުވަސްވަރު އެ މަދަރުސާއިން ތަޢުލީމު ޙާޞިލުކުރައްވާފައިވާ ބައެއް ބޭކަލުންނާއި، ކަނބަލުން ތިނަދުއާއި، އަތޮޅުގެ ބައެއް އެހެން ރަށްރަށުގައި މިއަދުވެސް ތިއްބެވިކަން ފާހަގަކޮށްލަމެވެ.

އައްޝައިޚް މުދިމު ޙުސައިން ތަކުރުފާނު ދުނިޔެދޫކުރައްވާފައިވަނީ ދަރިކަލުން އިބްރާހިމް ޝިހާބުއާއެކު ސިލޯނަށް ދަތުރެއްކުރައްވަންއުޅުއްވައި އެފަހަރު އެއްވެސްއޮޑިއަކަށް ސިލޯނަށްނުދެވި މާލޭގައި ތިބެންޖެހުމާއެކު ސަރުކާރު ބޮޑުނާކޮޅުގައި ސިލޯނަށްދިއުމަށްލިބުނު މަދު ޖާގައިގެތެރޭ ދަރިކަލުން އިބްރާހިމް ޝިހާބު ސިލޯނަށް ފުރުވާލެއްވުމަށްފަހު އެނބުރި ހަވަރުތިނަދުއަށް ވަޑައިގެންނެވިފަހުން ކުޑަދުވަސްކޮޅަކު އާލާސްކަންފުޅާ އުޅުއްވާފައެވެ. ދަރިކަލުން އިބްރާހިމް ޝިހާބު ސިލޯނުދަތުރު ނިންމަވާލެއްވުމަށްފަހު ހަވަރުތިނަދުއަށް ވަޑައިގެންނެވުނުއިރު ބައްޕާފުޅުވަނީ ދެމިއޮތުމުގެޢާލަމަށް ދަތުރުކުރައްވާފައެވެ. އެއީ ހަވަރުތިނަދޫގައި އުފެދުނު ފުރަތަމަ ބަޢާވާތުގެ އަހަރެއްހާދުވަސްކުރިން 6 ރަމަޟާން 1377 ، 27 މާރޗް 1958 ވީބުރާސްފަތި ދުވަހުއެވެ. ފަސްދާނުލެވިފައިވަނީ ތިނަދޫ ހުކުރުމިސްކިތުގެ ޤަބުރުސްތާނުގައި މިސްކިތުގެ އިރު އުތުރުފަރާތުގައި އޮތް ބިސްތާނައިގެ އިރުމަތީކޮޅުގައެވެ. 

 އައްޝައިޚް މުދިމު ޙުސައިން ތަކުރުފާނު ދިރިއުޅުއްވި އަދި ޢިލްމުފެތުރެއްވުމަށާއި މުޠާލިޢާކުރެއްވުމާއި އިސްލާމްދީނުގެކަންކަން މީސްތަކުންނަށް އޮޅުންފިލުވައިދެއްވުމުގައި ދުވަސްތައް ހޭދަކުރެއްވެވި އެތަކުރުފާނުގެ އަމިއްލަފުޅު ގެ، ހުރިސަރަޙައްދަކީ މިހާރު ތިނަދޫ ގަހާކޯޅިގެ ހުރިބިމުންފެށިގެން އަތޮޅުތަޢުލީމީ މަރުކަޒުގެ ހުޅަނގުކޮޅާއި ހަމައަށް 61 ނަންބަރު މަގުގެ އުތުރުގައި އެވާ ތަޢުލީމީމަރުކަޒުގެ ދެކުނުފަރާތުގެ ޢިމާރާތްތައް ހިމެނޭ ސަރަޙައްދެވެ. ކަންދިމާކުރިގޮތުން މިއަދުވެސް އެސަރަޙައްދަކީ ތިނަދޫގައިހުރި ތަޢުލީމުދިނުމުގެ އެއްމެބޮޑުބިނާހުރި ސަރަޙައްދުކަމުގައިވުމީ މެދުވެރިވި ވަރަށްބޮޑު އިއްތިފާގެއްކަމުގައި ބެލެވެއެވެ.

 މާތްﷲ މަރުޙޫމް، އައްޝައިޚް މުދިމު ޙުސައިން ތަކުރުފާނަށް ރުއްސެވުމާއި ފުއްސެވުން މިންވަރުކުރައްވައި ހެޔޮރަޙްމަތްލައްވައި، ސުވަރުގޭގެ ދާއިމީނިޢުމަތް މިންވަރުކުރައްވާށިއެވެ. އާމީން

         ------------------------

މަޢުލޫމާތު ހޯދައި ލިޔުނީ:

މުޙައްމަދު ޒުހައިރު، މާގަލާ / ތިނަދޫ

ތާރީޚް: 18 މޭ 2016