ފައިސާގެ ފަހަތުން އިންސާނާ














ދުނިޔެ ނިމުމުގެ ކޮޅުމަތި ފެށިފައިވާއިރު ނަހަމަ ގޮތުގައި ފައިސާހޯދައި ލިބިގަތުމުގެ ބޭނުމުގައި އިންސާނުންގެ ބަޔަކު ފައިސާގެ ފަހަތުން ދުވަމުންދާ ތަން ފެންނާނެ އެވެ. މިއީ މީގެ އެތައް ސަތޭކަ އަހަރެއްގެ ކުރިންވެސް އެނގިފައިވާ ކަމެކެވެ.

ފައިސާގެފަހަތުން ދުވަމުންދާ މީހުންގެތެރޭ ހިމެނެނީ ކޮންފަދަ އިންސާނުންތޯއެވެ. އޭގެތެރޭ އެފަދަ ގޮތްގޮތުން ފައިސާ ހޯދައި ލިބިގަތުމަކީ ހުއްދަނޫން ކަމެއްކަމާއި އެއީ ބޮޑުވެގެންވާ ޙަރާމްކަމެއްކަން ރަނގަޅަށް އެނގޭ ބަޔަކުވެސް ވާނެއެވެ. މިގޮތަށް ހޯދައި ލިބިގަންނަ ފައިސާއަކީ ތިމާއާއި ތިމާގެ އަނބިދަރީން އެފައިސާއިން ކައިބޮއި، އެފައިސާއިން ދުނިޔޭގެ ޖާހާއި މާލު އުފުލައި، އަދި އެފައިސާއިން ޢިލްމު އުނގެނި ހެދިކަމަށް ވިޔަސް އޭގެ ޙަގީގީ މަންފާއެއް ނުކުރާނޭ ފައިސާއެކެވެ.

ޙައްގާއި ބާލަކީ ކޮބައިކަން އެބައިމީހުންގެ ބަހާއި ޢަމަލުން މީސްތަކުންނަށް އަންގައި އޮޅުންފިލުވައި ދިނުމުގެ ޛިންމާއާއި މަތިވެތިބި ބައެއް ފަރާތްތަކުން އެފަދަ ކަންކަން އޮޅޭގޮތަށް ނުބައިކަން ބޮޑު އެފަދަ މަގުމަގު ޚިޔާރުކޮށް އެފަދަ މަގުމަގުން ހިނގައި އުޅޭ ތަން ފާޅުގައި މީސްތަކުންނަށް ފެނުމަކީ ދުނިޔެ ނިމުމުގެ ކޮޅުމަތި ފެށިއްޖެކަމުގެ ސާފު ޢަލާމާތެކެވެ. އަދި ހަކުރުގެ ވަށައިގެން މެހި އުޅޭހެން ދުނިޔޭގެ މާލާއިޖާހުގެ ތަނަވަސްކަން ހުރި ފަރާތްތަކުގެ ވަށައިގެން ބަޔަކުމީހުން އުޅޭތަން މީސްތަކުންނަށް ފެނުމަކީވެސް ދުނިޔެ ނިމުމުގެ ކޮޅުމަތި ފެށިއްޖެކަމުގެ ސާފު ޢަލާމާތެކެވެ.

ޙައްގުގެ މަގުގައި ސާބިތުވެހުރި މީހަކީ ދެދުނިޔޭގެ ބާއްޖަވެރިއެކެވެ. ޙައްގުގެ މަގުގައި ސާބިތުވެހުރި މީހެއްގެ ފޯރުންތެރިކަން ކުޑަކަމާއި އެމީހެއްގެ ވަށައިގެން އެނބުރޭ މީހުންނެތް ކަމަށް ފެންނަނީ ކަނުވެގެންވާ ލޯތަކަށެވެ. މިހެނީ ކުޑައިރުކޮޅަކު ހިމޭނުން އިނދެ ތިމާގެ ވަށައިގެން ހިނގަމުންދާ ކަންކަމަށް ތިމާގެ އަމިއްލަ ވިސްނުމާއި ފިކުރު ހިންގައިލި ނަމަވެސް އެކަންއޮތީ އެހެން ނޫންކަމަށް ލަހެއްނުވެ އެނގިދާނެއެވެ.
                  -------------------

ލިޔުއްވީ: އިބްރާހީމް އާދަމް