ކީރިތި ޤުރުއާނުގައި އަހުލުބައިތުން









ކީރިތި ޤުރުއާނުގެ އެތައް އާޔަތެއްގައި އަހުލުބައިތުންގެ ވާހަކަ ވާރިދުވެފައި ވެއެވެ. މިމަޒުމޫނުގައި ހިމަނައިލާނީ އެއިން ބައެއް އާޔަތްތަކެވެ. ކީރިތި ޤުރުއާނުގެ ދެ އާޔަތެއްގައި، (أَهْلُ اْلبَيْتِ) ވާރިދުވެފައި ވެއެވެ. އެއިން އެއް އާޔަތަކީ، ހޫދު ސޫރަތުގެ 73 ވަނަ އާޔަތެވެ. އަނެއް އާޔަތަކީ، އަލްއަޙުޒާބު ސޫރަތުގެ 33 ވަނަ އާޔަތެވެ. ތިރީގައި މިވަނީ އެ ދެ އާޔަތާއި އެ ދެ އާޔަތުގެ މާނައެވެ.

(قَالُواْ أَتَعْجَبِينَ مِنْ أَمْرِ اللّهِ رَحْمَتُ اللّهِ وَبَرَكَاتُهُ عَلَيْكُمْ أَهْلَ الْبَيْتِ إِنَّهُ حَمِيدٌ مَّجِيدٌ)
ހޫދު (11): 73

މާނައީ، "އެބޭކަލުން ދެންނެވޫއެވެ. ﷲ ގެ އަމުރުފުޅާމެދު ކަމަނާ ޢަޖާއިބުވެ ވަޑައިގަންނަވަނީތޯއެވެ؟ ގޭގެ އަހުލުވެރިންނޭވެ! ތިޔަބޭކަލުންގެ މައްޗަށް ﷲ ގެ ރަޙްމަތާއި، އެކަލާނގެ ބަރަކާތް ހުށްޓެވެ. ހަމަކަށަވަރުން، އެކަލާނގެއީ ޙަމްދު ލިބިވޮޑިގެންވާ، މާތް، ދީލަތިވަންތަ ރަސްކަލާނގެއެވެ."

(وَقَرْنَ فِي بُيُوتِكُنَّ وَلَا تَبَرَّجْنَ تَبَرُّجَ الْجَاهِلِيَّةِ الْأُولَى وَأَقِمْنَ الصَّلَاةَ وَآتِينَ الزَّكَاةَ وَأَطِعْنَ اللَّهَ وَرَسُولَهُ إِنَّمَا يُرِيدُ اللَّهُ لِيُذْهِبَ عَنْكُمُ الرِّجْسَ أَهْلَ الْبَيْتِ وَيُطَهِّرَكُمْ تَطْهِيرًا)
އަލްއަޙްޒާބު (33): 33

މާނައީ، "އަދި ތިޔަކަނބަލުން، ތިޔަކަނބަލުންގެ ގެތަކުގައި ތިބޭށެވެ! އިހުގެ ޖާހިލީ ޒަމާނުގެ ޒީނަތުން ތިޔަކަނބަލުން ޒީނަތްތެރި ނުވާހުށިކަމެވެ! އަދި ތިޔަކަނބަލުން ނަމާދު ޤާއިމުކުރާށެވެ! އަދި ތިޔަކަނބަލުން ޒަކާތްދޭށެވެ! އަދި ﷲ އާއި، އެކަލާނގެ ރަސޫލާ އަށް ތިޔަކަނބަލުން ކިޔަމަންވާށެވެ! އޭ އަހުލުބައިތުންނޭވެ! ﷲ އިރާދަކުރައްވާކަން ކަށަވަރީ، ތިޔަބައިމީހުންގެކިބައިން ފާފަތައް ދުރުކުރައްވައި، ފުރިހަމަ ޠާހިރުކުރެއްވުމަކުން ތިޔަބައިމީހުން ޠާހިރުކުރެއްވުމަށެވެ." 


އަހުލުބައިތުންނަށް ލޯބިވެތިކަން އަދާކުރަންޖެހޭކަން، އައްޝޫރާ ސޫރަތުގެ 13 ވަނަ އާޔަތުން ވަރަށް ސާފުކޮށް އެނގެއެވެ.

(ذَلِكَ الَّذِي يُبَشِّرُ اللَّهُ عِبَادَهُ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ قُل لَّا أَسْأَلُكُمْ عَلَيْهِ أَجْرًا إِلَّا الْمَوَدَّةَ فِي الْقُرْبَى وَمَن يَقْتَرِفْ حَسَنَةً نَّزِدْ لَهُ فِيهَا حُسْنًا إِنَّ اللَّهَ غَفُورٌ شَكُورٌ)
އައްޝޫރާ (42): 23

މާނައީ، "އެއީ އީމާންވެ، ޞާލިޙު ޢަމަލުތައް ކުޅަ، އެކަލާނގެ އަޅުތަކުންނަށް ﷲ އުފާވެރިކަމުގެ ޚަބަރު ދެއްވާ ކަންތަކެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެކަމުގެ މައްޗަށް (އެބަހީ: ތިމަންކަލޭގެފާނުގެ ރަސޫލުކަން އިއްވެވުމުގެ މައްޗަކަށް) ތިމަންކަލޭގެފާނު، ތިޔަބައިމީހުންގެ ކިބަޔަކުން އެއްވެސް އުޖޫރައަކަށް އެދިވަޑައެއް ނުގަންނަވަމެވެ. ގާތްތިމާގެކަމުގެ ލޯބި މެނުވީއެވެ. އަދި ހެޔޮކަމެއް ކުރާ މީހާއަށް ތިމަންރަސްކަލާނގެ އެކަމުގައި ހެޔޮކަން އިތުރުކޮށްދެއްވާހުށީމެވެ. ހަމަކަށަވަރުން، ﷲ އީ، ގިނަގިނައިން ފާފަފުއްސަވާ، ގިނަގިނައިން ޝުކުރު ޤަބޫލުކުރައްވާ ރަސްކަލާނގެއެވެ."

މާތް ﷲ ވަނީ، ކީރިތި ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރުމަށް، މުސްލިމުންނަށް އަންގަވާފައެވެ. އެ ޞަލަވާތުގައި އިތުރުއެކަލޭގެފާނުގެ އަހުލުބައިތުން ޝާމިލުވެއެވެ. މިކަން އަލްއަޙްޒާބު ސޫރަތުގެ 56 ވަނަ އާޔަތުން އެނގެއެވެ.

(إِنَّ اللَّهَ وَمَلَائِكَتَهُ يُصَلُّونَ عَلَى النَّبِيِّ ۚ يَا أَيُّهَا الَّذِينَ آمَنُوا صَلُّوا عَلَيْهِ وَسَلِّمُوا تَسْلِيمًا)
އަލްއަޙްޒާބު (33): 56

މާނައީ، "ހަމަކަށަވަރުން، ﷲ އާއި، އެކަލާނގެ މަލާއިކަތުން ނަބިއްޔާގެ މައްޗަށް ޞަލަވާތް ލައްވަތެވެ. އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން އެކަލޭގެފާނުގެ މައްޗަށް ޞަލަވާތް ލެއްވުން އެދި ދުޢާކުރާށެވެ! އަދި އެކަލޭގެފާނުގެ މައްޗަށް ސަލާމް ލެއްވުން އެދި ތިޔަބައިމީހުން ގިނަގިނައިން ދުޢާކުރާށެވެ!"

ޣަނީމާ މުދަލުން، ކީރިތި މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ އަށާއި، އިތުރުއެކަލޭގެފާނުގެ އަހުލުބައިތުންނަށް މިންވަރެއް ޙައްޤުވެގެންވާކަން، އަލްއަންފާލު ސޫރަތުގެ 41 ވަނަ އާޔަތުން އެނގެއެވެ.

(وَاعْلَمُوا أَنَّمَا غَنِمْتُم مِّن شَيْءٍ فَأَنَّ لِلَّهِ خُمُسَهُ وَلِلرَّسُولِ وَلِذِي الْقُرْبَىٰ وَالْيَتَامَىٰ وَالْمَسَاكِينِ وَابْنِ السَّبِيلِ إِن كُنتُمْ آمَنتُم بِاللَّهِ وَمَا أَنزَلْنَا عَلَىٰ عَبْدِنَا يَوْمَ الْفُرْقَانِ يَوْمَ الْتَقَى الْجَمْعَانِ ۗ وَاللَّهُ عَلَىٰ كُلِّ شَيْءٍ قَدِيرٌ)
އަލްއަންފާލު (8): 41

މާނައީ، "ތިޔަބައިމީހުން ދަންނާށެވެ! ތިޔަބައިމީހުން ޣަނީމާކުޅަ މުދަލެއްގެ ފަސްބައިކުޅަ އެއްބައި ވަނީ ﷲ އަށާއި، (އެކަލާނގެ) ރަސޫލާއަށާއި، (އެކަލޭގެފާނުގެ) ގާތްތިމާގެ މީހުންނަށާއި، ޔަތީމުންނަށާއި، މިސްކީނުންނަށާއި، ދަތުރުވެރިންނަށެވެ. (އެއީ) ﷲ އަށާއި، ޙައްޤާއި ބާޠިލު ވަކިވުމުގެ ދުވަހު، ދެލަޝްކަރު ބައްދަލުވީ ދުވަހު، ތިމަންރަސްކަލާނގެ އަޅާގެ މައްޗަށް ބާވައިލެއްވި ތަކެއްޗަށް، ތިޔަބައިމީހުން އީމާންވާ ކަމުގައިވާނަމައެވެ. ﷲ އީ، ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ."

ޙައްޤާއި ބާޠިލު ވަކިވުމުގެ ދުވަހާއި، ދެލަޝްކަރު ބައްދަލުވީ ދުވަހަކީ، ބަދުރު ހަނގުރާމައިގެ ދުވަސް ކަމަށް، ތަފުސީރު ފޮތްތަކުގައި ވެއެވެ.

ފައިގެ މުދަލުން، ކީރިތި މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ އަށާއި، އިތުރުއެކަލޭގެފާނުގެ އަހުލުބައިތުންނަށް މިންވަރެއް ޙައްޤުވެގެންވާކަން، އަލްޙަޝްރު ސޫރަތުގެ 7 ވަނަ އާޔަތުން އެނގެއެވެ. ފައިއުގެ މުދަލާއި ޣަނީމާ މުދަލަކީ ތަފާތު ދެ އެއްޗެއް ކަމަށް ޢިލްމުވެރިން ވިދާޅުވެފައި ވެއެވެ.

(مَّا أَفَاءَ اللَّهُ عَلَىٰ رَسُولِهِ مِنْ أَهْلِ الْقُرَىٰ فَلِلَّهِ وَلِلرَّسُولِ وَلِذِي الْقُرْبَىٰ وَالْيَتَامَىٰ وَالْمَسَاكِينِ وَابْنِ السَّبِيلِ كَيْ لَا يَكُونَ دُولَةً بَيْنَ الْأَغْنِيَاءِ مِنكُمْ ۚ وَمَا آتَاكُمُ الرَّسُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانتَهُوا ۚ وَاتَّقُوا اللَّهَ ۖ إِنَّ اللَّهَ شَدِيدُ الْعِقَابِ)
އަލްޙަޝްރު (59): 7

މާނައީ، "ރަށްރަށުގެ އަހުލުވެރިންގެ ކިބައިން، ﷲ، އެކަލާނގެ ރަސޫލާއަށް ފައިއު މުދަލުގެ ގޮތުގައި ލިބިދެއްވައިފި އެއްޗަކާމެދު (ދަންނާށެވެ!) ފަހެ، އެ ތަކެއްޗަކީ، ﷲ އަށާއި، ރަސޫލާއަށާއި، ގާތްތިމާގެ މީހުންނަށާއި، ޔަތީމުންނަށާއި، މިސްކީނުންނަށާއި، ދަތުރުވެރިންނަށް ޚާއްޞަވެފައިވާ ތަކެއްޗެވެ. އެއީ އެ މުދާތައް ތިޔަބައިމީހުންކުރެ މުއްސަނދިންގެ މެދުގައި ދައުރުވޭވެ ހުރިޔަ ނުދިނުމަށްޓަކައެވެ. އަދި ރަސޫލާ ތިޔަބައިމީހުންނަށް ގެނެސްދެއްވި ކޮންމެ އެއްޗެއްގައި، ފަހެ، ތިޔަބައިމީހުން ހިފާށެވެ! އަދި އެކަލޭގެފާނު ތިޔަބައިމީހުންނަށް ނަހީކުރެއްވި ކޮންމެ ކަމަކުން، ފަހެ، ތިޔަބައިމީހުން ދުރުވެގަންނާށެވެ! އަދި ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރިވާށެވެ! ހަމަކަށަވަރުން، ﷲ އީ، ޢުޤޫބާތް ގަދަފަދަވެގެންވާ ރަސްކަލާނގެއެވެ."

މިއާޔަތުގައި ބަޔާންކުރައްވާފައިވާ ގާތްތިމާގެ މީހުންނަކީ، ކީރިތި މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ ގާތްތިމާގެ ބޭފުޅުން ކަމަށް ތަފުސީރު ފޮތްފޮތުގައި ވެއެވެ.
                -------------------

މުޞަންނިފު: އަލްއުސްތާޛު ޢަބުދުލްމުޢީދު ޙަސަން
16 އޮކްޓޫބަރ 2016މ.