ދެކުނު ގަޑުބަޑުގައި ހަވަރުތިނަދޫގައި ސިޙުރު ހެދިކަމަށް ބުނާ ވާހަކަ







1- ދެކުނު ގަޑުބަޑަކީ އެ ދުވަސްވަރު މާލޭގައި ގާއިމުވެ އޮތް ސަރުކާރު، ނުވަތަ ދިވެހި ސަރުކާރުން ވަކިވެ ދެކުނުގެ ތިން އަތޮޅުގައި ވަކި ސަރުކާރެއް ގާއިމުކުރުމަށް ކުރި ކަމަކަށް ވާތީ، މިސަރުކާރު ދެމިއޮތުމަށްޓަކައި ދިވެހި ސަރުކާރުގެ ބޮޑުވަޒީރު އަވަހާރަކޮށްލުމަކީ އެ ކަންކުރުމުގެ އެއްވެސް ބޭނުމެއް އޮތް ކަމަކަށް ނުވާނެކަން ސަލާމަތްބުއްދި ގަބޫލުކުރެ އެވެ. އެހެނީ މާލޭގައި ގާއިމުވެ އޮތް ދިވެހި ސަރުކާރުގެ އޭރުގެ ބޮޑުވަޒީރު ނެތިކޮށްލުމަކުން އަލުން އެހެން ބޮޑުވަޒީރަކު އެ ސަރުކާރުގައި ނުހުންނަވާނީއެއް ނޫނެވެ. މިހެންމެ ދެކުނުގެ ތިންއަތޮޅުގައި ވަކި ސަރުކާރެއް ގާއިމުކުރުމަށް އެ އަތޮޅުތަކުން ކުރާ މަސައްކަތާ މެދު މާލޭގައި ގާއިމުވެ އޮތް ދިވެހި ސަރުކާރުން ގެންގުޅުއްވި ސިޔާސަތަށް ވަކި ބަދަލެއް އަންނާނީކީ ވެސް ނޫނެވެ. މި ސިޔާސަތުގެ މައިގަނޑަކީ މާލޭގައި ގާއިމުވެ އޮތް ދިވެހި ސަރުކާރުގެ ބާރު ނުހިނގާ ގޮތަކަށް ދިވެހިރާއްޖޭގެ ސަރަޙައްދުން ބަޔެއް އެއްވެސް ބަޔަކަށް އެއްވެސް ގޮތަކުން ދޫކޮށްނުލުމެވެ.


2- ދެކުނު ގަޑުބަޑުގެ ދުވަސްވަރު ހަވަރުތިނަދޫ އާއި ގުޅުވައިގެން ސިޙުރުގެ އަޑުތަކެއް އުޅުނު އެއް ކަމަކީ، އެ ގަޑުބަޑުގައި (ހުވަދުއަތޮޅުގައި އުފެއްދި ފުރަތަމަ ހަމަނުޖެހުމާއި ގުޅިގެން) އެ އަތޮޅުން ގެންގޮސް މާލޭގެ ޖަލުގައި ތިބި ކޮންމެވެސް ބަޔަކު ދައުލަތުގެ ވެރިންނަށް ސިޙުރު ހެދުމުގެ ގޮތުން އެ ތާނގެ ގަލެއްގެ ދަށުގައި މޮހޮރެއް ވަޅުލައިގެން ކިޔެވި ކަމަށާއި ބޮޑުވަޒީރު އިބްރާހީމް ނާޞިރު ދަތުރުފުޅު ކުރައްވާ ބޯޓު ޣަރަގުވެ ހަލާކުވެއްޖެ ނަމަ ޢަބުދުލްގާދިރުގެފާނަށް ފާތިޙާ ކިޔެވުމަށް ނަޛުރު ބުނި ކަމަށް ބަލައި އެ ކަމެއް ތަޙުގީގުކޮށް އެކި މީހުން އެކި ވަރަށް ތަޢުޒީރުކޮށް އެކި އަހަރުތަކަށް އަރުވާލުމަށް ޝަރީޢަތުން ޙުކުމު ކުރުމުން ކަމަށް ވެދާނެ އެވެ.

މި ކަންކަމަށް ބަލާއިރު މޮހޮރެއް ވަޅުލައިގެން ކިޔެވި ކަމަށާއި މީސްމީހުން ކަނޑަށް ޣަރަގު ކުރުމަށް ދުނިޔެ ދޫކުރައްވާފައިވާ ހެޔޮލަފާ ޞާލިޙު ބޭކަލެއްގެ (މަރުޙޫމު ޢަބުދުލްގާދިރުގެފާނުގެ) ކިބައިން މަދަދު އެދުނު ކަމަށް ބަލައި އެ ދުވަސްވަރު ކުރި ތަޙުގީގާއި ކުރި ޙުކުމާއި މިހުންނަނީ ކޮންކަހަލަ ކަންކަމެއްތޯ އާއި މިއީ ކަމުގެ ޙަގީގަތާއި އެއްގޮތަށް ހިނގި ކަމެއްތޯ ނުވަތަ ނޫންތޯ މިކަހަލަ ކަންކަމަށް ވިސްނާލުމަކީ ނެތްކަމެއް ނޫނެވެ. އެއީ އެ ދުވަސްވަރާއި އަދި އެއާއި ޖެހިގެން ދެން އައި ދުވަސްވަރަކީ ވެސް ބައެއް މީހުން ނުވަތަ މީހަކު އެ ކަމެއް ނުކުރި ނަމަވެސް އެ ބަޔަކު ނުވަތަ އެ މީހަކު އެ ކަން ކުރިކަމަށް އެ ކަމެއް ތަޙުގީގުކުރާ ބޭކަލެއްގެ ކުރިމަތީ ހުންނަ މޭޒުމަތީގައި އޮންނަ ބަރާއި ލިޔަން ގެންގުޅޭ ގަލަން ވެސް ހެކިދިން ދުވަސްވަރަށްވާތީ އެވެ. މިހެންކަމުން ބައެއް ފަހަރަށް ހިނގާފައިހުންނަ މިބާވަތުގެ ކަންކަމާ މެދު ދެވަނަ ވިސްނުމަކަށް ދާން ޖެހެނީ (އޭރާއި އަދި މިހާރަށް ބެލިނަމަ ވެސް) ބައެއް ތަޙުގީގާއި ޝަރުޢީ ބައެއް ޙުކުމުތަކުގެ ވާހަކަ ވެސް އެކި ގޮތްގޮތަށް އަޑުއިވެމުން ދާތީ އެވެ.

3- ދެކުނު ގަޑުބަޑުގެ ދުވަސްވަރު ހަވަރުތިނަދޫ ގައި ސިޙުރު ހެދިކަމުގެ ވާހަކަ ގުޅުވާފައިވާ އެއް ކަމަކީ މަސްވެރިކަމަށް ކިޔެވުމަށް ހަވަރުތިނަދޫ ބޯޅަދަނޑުގެ ހުޅަނގު ދެކުނުން ފުއްޓަރު ފަރާތު އަތިރިމައްޗާއި ކައިރި ހިސާބެއްގައި ދަނޑިފަނުން އަޅާފައިވާ ކިޔަވާ ގޭގައި މަސްވެރިކަމަށް ކިޔެވި ކިޔެވުމާ އެވެ. މިއީ ސިޙުރު ހެދުމުގެ ގޮތުން ހަވަރުތިނަދޫ ގައި ކުރިކަމަކަށް ބަލައި މި ސިޙުރު ހެއްދެވީ އެ ރަށުގައި ވަޒަންވެރިވެ ޢާއިލާ ވެސް އުފެދިފައިވާ މުލަކު އިބްރާހީމް ދީދީ (އިބްރާހީމް މުޙައްމަދު ދީދީ، އަލަމާގެ/ ހަވަރުތިނަދޫ) ކަމަށް އަޑު ފަތުރާފައިވެ އެވެ.
މަސްވެރިކަމަށް ކިޔެވުމަށް ހަވަރުތިނަދޫ ފުއްޓަރު ފަރާތުގައި އަޅާފައިވާ ކިޔަވާ ގޭގައި މަސްވެރިކަމަށް ކިޔެވުމަށް ބައެއް ރަށްރަށުން ވެސް ބޭކަލުން ގެންދިޔަ އެވެ. މިގޮތުން ފުވައްމުލަކުން ގެންދިޔަ އިބްރާހީމް ދީދީ ކިޔާ ބޭފުޅަކު ވެސް މަސްވެރިކަމަށް ކިޔެވި ކަމަށް ތިނަދޫ ދިއްލަގީ މުޙައްމަދު އަޙުމަދާއި ތިނަދޫ ޖޭނެސްޓް މުޙައްމަދު ޒުހައިރު މަޢުލޫމާތު ދެއްވި އެވެ. މީގެތެރެއިން މުޙައްމަދު އަޙުމަދަކީ ފުވައްމުލަކުން ގެނައި އިބްރާހީމް ދީދީ މަސްވެރިކަމަށް ކިޔެވި ކިޔެވުމުގައި ވެސް ބައިވެރިވެލެއްވި ބޭކަލެކެވެ.
  
(މަސްވެރިކަމަށް ފަންޑިތަ ހެދުމަކީ ސިޙުރު ހެދުމެއް ނޫނެވެ. މިއީ ދިވެހިރާއްޖޭގެ ވެރިކަމުގެ ފަރާތުން ވެސް ކުރައްވަމުން ގެންދެވި ކަމެކެވެ. މިގޮތުން ވުޒާރަތުއް ދާޚިލިއްޔާގެ ފަރާތުން މަސްވެރި ކަމަށް ކިޔެވުމުގެ ޕްރޮގްރާމެއް ރާއްވަވައި އޭގެ ފުރަތަމަ ކިޔެވުން 5 ޖުލައި 1963މ. ދުވަހު ދޫނިދޫގައި އޭރު އޮތް "އޮޑިތާންކަލޭގެ" ޒިޔާރަތް ކައިރީގައި އޮތެވެ. ކިޔެވުމުގެ އިސްބޭފުޅަކީ އައްސައްޔިދު ޙާޖީ އެދުރުގޭ ދޮންސީދީ އެވެ. އޭގެފަހުން ވެސް ދޫނިދޫގައި އެ ކަން ކުރިކަމަށާއި މިގޮތުން އަލްފާޟިލް ހާޖަރާ މުޙައްމަދު ދީދީ އިސްވެ ހުންނަވައިގެން ވެސް ދޫނިދޫގައި މަސްވެރި ކަމަށް ކިޔަވާފައިވާ ކަމަށް ދިވެހި ސަރުކާރުގެ ފަރާތުން ލިޔުއްވާފައިވާ ދިވެހިރާއްޖޭގެ "އެކިއެކިކަންކަން ހިނގިގޮތް" ފޮތުން އެނގެ އެވެ.)

ހަވަރުތިނަދޫ ގައި މަސްވެރިކަމަށް ކިޔެވި ގޭގައި ސިޙުރު ހެދި ކަމަށް ފެތުރި އަޑުތަކުގެ ތެރެއިން އެއް ކަމަކީ ދެކުނު ގަޑުބަޑުގައި ހުވަދު އަތޮޅުގައި ހިންގި ފުރަތަމަ ހަމަނުޖެހުން ޙައްލު ކުރުމަށް ގިނަ ބަޔަކާ އެކު މާލެއިން ހުވަދު އަތޮޅަށް ދަތުރުކުރި ދިވެހި ސަރުކާރުގެ އާގުބޯޓް "މޯލްޑިވްސްޓާރ"ގެ ކަފުގައި ގިނަ އުޅަނދުތަކެއް ޖަހައިގެން މާލެއިން ފުރި ނަމަވެސް ވިއްސާރަވެ ކަނޑު ގަދަކަމާ އެކު އެ އުޅަނދުތަކާ އެކީ ބޯޓަށް ދަތުރު ކުރެވޭވަރު ނުވީމާ އެ އުޅަނދުތަކަށް މީހުންލާފައި މާލެ ފޮނުވަން ޖެހުމެވެ. އެ ފަހަރު "މޯލްޑިވްސްޓާރ" އަނބުރައި މާލެދިޔުމަށް ފަހު ދެން ހުވަދު އަތޮޅަށް ދިޔުމަށް އެ ބޯޓް ފުރީ އޭގެ ކަފުގައި އުޅަނދުތަކެއް ނެތި އެވެ.

                  މޯލްޑިވްސްޓާރ

ކަފުގައި އުޅަނދުތައް ޖަހައިގެން "މޯލްޑިވްސްޓާރ" ފުރި ފަހަރު ހުވަދު އަތޮޅަށް ދަތުރު ނުކުރެވުމާއި ގުޅުވައިގެން ކޮންމެވެސް މީހަކު ދީފައިވާ ޙަގީގަތާއި އެއްގޮތް ނޫން ގިނަ މަޢުލޫމާތު ތަކެއް މާކޮއްރާހުން (ވެބްސައިޓަކުން)ވެސް ފެނެ އެވެ. މާކޮއްރާހަށް ލިޔުއްވި ބޭފުޅަކު މި ކަން ކުރެއްވީ ހަވަރުތިނަދޫ ގައި ހުރި މަސްވެރި ކަމަށް ކިޔަވާ ގޭގައި ކިޔެވި ރެޔަކު އެ ކިޔެވުމުގައި ބައިވެރި ކަމަށް ބުނާ މީހަކު ދީފައިވާ މަޢުލޫމާތް ތަކެއްގެ މައްޗަށް ބިނާކުރައްވަ އެވެ.

{"އޭރު ހަވަރުތިނަދޫގެ ބޯޅަދަނޑު އޮންނަނީ ރަށުގެ މެދަށްވުރެ ހުޅަނގުގަ އެވެ. ބޯޅަދަނޑުގައި ދެ ބުރިއަށް ހަދާފައި އުސްކޮށް ރާނާފައި ހުންނަ ގައުގަނޑެއް ހުރެ އެވެ. މީ އޭރުގެ ބޯޅަގެ އެވެ. މާލެއިން ހަވަރުތިނަދު އާއި ހަނގުރާމަކޮށް ރަށް ހިފުމަށް އަންނަ ބޯޓު އަޔަ ނުދިނުމަށް ފަންޑިތަ ހެދުމަށް އެޅިގެ، ކިޔަވާގެ އެޅީ ދެންނެވި ގައުގަނޑުގެ ދެކުނުގައި ދަނޑި ފަނުންނެވެ. ބިތްތައް ވަށައި ބައްދާފައި ހުރީ ދިވެހި ރުކުގެ ރޯފަނުގައި ތޮށަލި ވިޔެ އެ ތޮށަލިންނެވެ. ފުރާޅު ހިޔާކޮށްފައި ވަނީ ވެސް ތޮށަލި ލައިގެންނާއި ފަނުންނެވެ. ތަނުގެ ބޮޑުމިނަކީ ސާޅީހަކަށް މީހުނަށް ވަދެ ތިބެވޭހާ ވަރެވެ. ވަންނަން ހުރި ދޮރުނޫނީ ވައިވަދެ ނުކުމެވާނެ ކުޑަދޮރެއް އާނގައެއްގެ މިންވަރު ވެސް ކަނޑައިފައެއް ނުވެ އެވެ. ތޮށަލީގެ ވައްތަކު ތެރެއިން ފުރޭނިގެން ވަންނަ ވައިކޮޅެއް ނޫނީ އެ ތަނަކަށް ވައެއް ނުވަދެ އެވެ.   
              ___________
ފުރަތަމަ ކިޔެވެލި ކިޔެވުމަށް ކިޔަވާ ގެއަށް ދިޔަ ރޭ ތަފާތު މާމަލާއި ކިޔަވަން ބޭނުންކުރާނެ ޚަތިމް ތަކާއި ތަކެތި ގެންގޮސްފައި ހުއްޓެވެ. އަދި ކިޔަވާ ގޭގެ މެދުގައި ލޯ ކަދާއެއް ބަހައްޓާފައި ހުއްޓެވެ. ކިޔަވަން ފެށުމުގެ ކުރިން އިބްރާހީމް ދީދީ އެ ކުރިކަމެއް ކުރައްވާފައި ލޯ ކަދާއަށް ފެން އަޅުއްވައި ކަށިމަލުގެ ފިޔައިން ދޯންޏެއް ހައްދަވައި އެ ދޯނި ލޯ ކަދާއަށް އަޅާފައި ހުރި ފެންފޮދު މަތީ ބެހެއްޓެވުމަށް ފަހު ކިޔަވާ ވިދާޅުވާން ފެއްޓެވި އެވެ. އޭރު އިބްރާހީމް ދީދީގެ އަތްދަށުން ކިޔަވަން ގެންގޮސްފައި ތިބި އަޅުގަނޑުމެން ސާޅީސް މީހުންނަށް އެ މީހަކު ކިޔަވަންވީ ސޫރަތެއް އެ މީހަކަށް ދައްކައި މެދުކަނޑާ ނުލައި ކިޔަވަން ވަނީ ވިދާޅުވެފަ އެވެ. އިބްރާހީމް ދީދީ ކިޔެވުމުގެ އެކި ހިސާބުން ލޯ ކަދާގައި ހުރި ފެންފޮދަށް ކަނާއަތުގެ ޝަހާދަތް އިނގިލިން އިޝާރަތް ކުރައްވައި ފުމެލައްވަ އެވެ. މިހެން ކިޔަވަމުން ދިޔަ ރޭތަކުގެ ތެރެއިން އެއް ރެޔަކު އިބްރާހީމް ދީދީ ލޯ ކަދާގައި ހުރި ފެނަށް ކަނާތު ޝަހާދަތް އިނގިލިން އިޝާރާތް ކުރައްވައި ފުމެލެއްވުމުން ލޯ ކަދާގައި ހުރި ފެންފޮދު ގައި ބާނިލައި ކެކި އުތުރިގެން އަރައި ލޯ ކަދާގައި ކަށިމަލުގެ ފިޔައިން ހަދާ ބަހައްޓާފައި ހުރި ދޯނި ދެ ފަރާތަށް ފުރޮޅައި ހީވީ ދެންމެ ދެންމެ އެ ދޯނި ބަންޑުން ޖަހައިލަފާނެހެންނެވެ. ކިޔެވެލި ނިންމީ ހަނދާންވާ ގޮތުގައި އޭގެ ފަހުން ވެސް ދެ ރެއަކު މައިތިރިއަށް ކިޔަވާފަ އެވެ."}

މަތީގައި އެ ވަނީ މީހަކު ދީފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް މާކޮއްރާހުގައި ލިޔެފައިވާ ދެ ޕެރެގްރާފެކެވެ. އޭގެތެރޭ މާލެއިން ހަވަރުތިނަދު އާއި ހަނގުރާމަކޮށް ރަށް ހިފުމަށް އަންނަ ބޯޓުކަމަށް ލިޔެފައި އެވާ "މޯލްޑިވްސްޓާރ" ހުވަދު އަތޮޅަށް ދިޔުމަށް ފުރަތަމަ ދަތުރުފެށީ ދިވެހިންގެ ތެރޭ މަޝްހޫރު ޖުންޖުލާގެ ވިއްސާރައިގެ ދުވަސްވަރު ޖުލައި 1959މ. ގެ މެދުތެރޭގަ އެވެ. މިކަހަލަ ވިއްސާރަ ކަނޑު ގަދަ ދުވަސްވަރެއްގައި މާލެއިން ފުރާ އާގުބޯޓެއްގެ ކަފުޖަހައިގެން އަނގަމަތި ދޯނިފަހަރު (ހިޔައު ނުކޮށް ހާމަޔަށް ހުންނަ ދޯނިފަހަރު) ހުވަދު އަތޮޅަށް ނުގެންދެވުމަކީ ސިޙުރެއް ނަމަ އެކަހަލަ ސިޙުރުގެ ވާހަކަ ދައްކާކަށް ވެސް ނުވާނެ އެވެ. އަދި ކީއްތޯއެވެ. މިބާވަތުގެ ސިޙުރުތައް ކޮންމެ ޖުންޖުލާގެ ވިއްސާރައިގެ ކަނޑު ގަދަ ދުވަސްވަރެއްގައި ފެންނާނެ އެވެ.

މިހެންމެ ބަޔާންވެ ދިޔަ މާކޮއްރާހުގެ ޕެރެގްރާފެއްގައި ލިޔެފައިވާ ގޮތަށް ރަށެއްގެ ފުއްޓަރު ފަރާތު ގޮނޑުދޮށާއި ކައިރީ ދަނޑިފަނުން އަޅައި ބިތްތައް ވެސް ދަނޑިފަނުން ބައްދާފައިވާ ކުޑަވަރެއްގެ ގެޔެއްގެ މެދުގައި ފެން އަޅާފައި ހުރި ލޯ ކަދާއެއްގެ (ނުވަތަ ނަމޫނާ ކުރައިން ފެން އަޅައި މީހުންގެ އަތް ދޮންނަން ގެންގުޅުނު ލޮއިން ހަދާފައިވާ ލޯގަނޑު)ތެރޭ ކަށިމަލުގެ ފިޔައިން ހަދާފައިވާ ދޯންޏެއް ހުރިނަމަ ވިއްސާރަ ވައިގަދަ ވަގުތެއްގައި އެ ދޯނި ފުރޮޅައި އެ އެތި ބަންޑުން ޖަހައިލަފާނެ ހެން ހީވުން ފިޔަވައި އެ އެތި ބަންޑުން ވުމަކީ ވެސް ވެދާނެ ކަމެކެވެ. އެއީ މާކޮއްރާހުގައި ލިޔެފައިވާ ގޮތަށް "އެ ގެއަކީ ވަންނަން ހުރި ދޮރު ނޫނީ ވައި ވަދެ ނުކުމެ ވާނެ ކުޑަދޮރެއް އާނގައެއްގެ މިންވަރު ކަނޑައިފައި ނެތް ގެޔެއް ނަމަވެސް ތޮށަލީގެ ވައްތަކު ތެރެއިން ފުރޭނިގެން އެ ގެޔަށް ވައި ވަންނަ ގޮތަށް ހުރުމުން" ވިއްސާރަ ވައި ގަދަ ވަގުތެއްގައި އެ ގޭތެރޭ ވައި އެނބުރެމުން ދާނެތީ އެވެ.




      

   
         މަސްވެރިކަމަށް ކިޔެވިގެ ހުރި ސަރަޙައްދުގެ ހުޅަނގުފަރާތް      


ހަވަރުތިނަދޫ ގައި ހުރި މަސްވެރިކަމަށް ކިޔަވާ ގޭގައި މަސްވެރި ކަމަށް ކިޔެވި ކިޔެވުމުގެ ތެރޭ ސިޙުރު ހެދި ކަމަށް ބަލައި ޙަގީގަތާއި އެއްގޮތްނޫން މަޢުލޫމާތު ތަކެއް ދިން މީހަކު ބުނާ ގޮތުން މި ސިޙުރު ހެއްދެވީ ހަވަރުތިނަދޫ ގައި ވަޒަންވެރިވެ ހުންނެވި މުލަކު އިބްރާހީމް ދީދީ (އިބްރާހީމް މުޙައްމަދު ދީދީ، އަލަމާގެ/ ހަވަރުތިނަދޫ)އެވެ. އަދި އޭނާ އަވަހާރަވީ ހަވަރުތިނަދޫ ގައި އެ ހިނގި ހަމަނުޖެހުން ހަމަޖެއްސުމަށް ފަހު އެ ރަށުން މާލެ ގެންދިޔަ ކުށްވެރިންގެ ތެރޭ މާލެ ގެންގޮސް ޖަލުގައި ހައްޔަރުކޮށްފައި އިންނަވަނިކޮށް ޖަލުގަ އެވެ. މިއީ ވެސް ދޮގެކެވެ. އެހެނީ ހަވަރުތިނަދޫ ގައި ވަޒަންވެރިވެ ހުންނެވި މުލަކު އިބްރާހީމް ދީދީ (އިބްރާހީމް މުޙައްމަދު ދީދީ، އަލަމާގެ/ ހަވަރުތިނަދޫ) އަވަހާރަވީ މާލޭ ޖަލުގައި ނޫނެވެ. އޭނާ އަވަހާރަވީ 22 އޮގަސްޓް 1966މ. ގައި ހަވަރުތިނަދޫ ގައި ދެވަނަ ފަހަރަށް މީހުން ވަޒަންވެރި ވުމުން ވެސް އެ ރަށުގައި ވަޒަންވެރިވެ ވަޑައިގަތުމަށް ބޭނުންފުޅު ނުވެ ޢާއިލާއާއި އެކީ ދާންދޫގައި ހުންނަވަނިކޮށް ޢުމުރުން 80 ވަނަ އަހަރުގައި 19 މާރޗް 1978މ. ގައި ދާންދޫގަ އެވެ. އޭނާ ވަޅުލެވިފައި ވަނީ އޭނާ އަވަހާރަވެއްޖެ ނަމަ ވަޅުލުމަށް އޭނާ އެދިވަޑައިގަތް ދިމާލުން ދާންދޫ ކުރީގެ ހުކުރުމިސްކިތް ކައިރީގައި ކަމަށް ދާންދޫ ބޮޑުކަތީބު ކަން ކުރެއްވި އެ ރަށު ދަލާސްޓް ޢަބުދުއްލަޠީފު ވިދާޅުވި އެވެ. މި ޖަނާޒާގައި އިސްކޮށް ހުންނެވީ ދާންދޫގެ ކަތީބުކަން ކުރެއްވި އެ ރަށު މިސްކިތްދޮށުގޭ އަލްފާޟިލް މަރުޙޫމު ޢަލީ ޒާހިރެވެ.



             




                ދާންދޫ ކުރީގެ ހުކުރުމިސްކިތް








4- ހުވަދު އަތޮޅަކީ މޮޅު ފަންޑިތަވެރިން އުޅުއްވި އަތޮޅެކެވެ. މީގެތެރޭ ބޭސްވެރި ފަންޑިތަވެރިން ވެސް ތިއްބެވި އެވެ. ފަންޑިތަ ހެދުމަކީ މީސްމީހުންނަށް ދެރައާއި ގެއްލުން ދީ ފުރާނަ ނަގައިލުމަށް ކުރާ ކަމެއް ނޫނެވެ. ފަންޑިތަ ހެދުމަކީ ހުއްދަވެގެންވާ ތަށި ތަވީދު ލިޔުމާއި ފެން ތައްޓެއް މެތުރުން، ހެޔޮ އެއްޗެއް ކިޔެވުން ފަދަ އެއްވެސް ފަރާތަކަށް އެ ކަމަކުން ގެއްލުމެއް ދެރައެއް ނެތް ކަންކަން ކުރުމެވެ. މީސްމީހުންނަށް ގެއްލުންވާ ބާވަތުގެ ކަންކަމަކީ ފަންޑިތައިގެ ނުބައި ކޮޅެވެ. ސިޙުރު ހެދުމެވެ. ނުވަތަ ސިޙުރު ކުރުމެވެ. ކަންވެރިކަން ހެދުމެވެ. ކަންވެރިކަން ކުރުމެވެ. މިއީ ފުރިހަމަ މުސްލިމުން ކުރާނޭ ކަމެއް ނޫނެވެ. ނުހަނު ފާފަވެރިކަން ބޮޑު ކަމެކެވެ. ފަންޑިތައާއި ސިޙުރަކީ ކޮބައިކަން އެނގޭނޭ ފޮތްފޮތް ދިވެހިބަހުން ވެސް ޢިލްމުވެރިން ލިޔުއްވައި ދައްޗެއް ނެތި ފެންނަން އެބަ ހުއްޓެވެ.

ހުވަދުއަތޮޅު ދުށް އެންމެ މޮޅު ބޭސްވެރި ފަންޑިތަ ވެރިއަކީ ގައްދޫ ފޫޅުމާގޭ އަލްފާޟިލް އަލްމަރުޙޫމު މުޙައްމަދު މަނިކުފާނެވެ. މަޝްހޫރު ނަމުންނަމަ ކުދުރަނިއަގެ ބެއްޔާ އެވެ. މިއީ އައްޑޫ މީދޫ ޝައިޚުލް ފަޤީހު އިބްރާހީމް ތަކުރުފާނު (އައިސާބީގެދަރު ދޮންބެއްޔާ) އަށް މާފަ ވިދާޅުވާ ބޭފުޅެކެވެ. ދެކުނުގެ ހަމަނުޖެހުން ނުވަތަ ދެކުނު ގަޑުބަޑުގެ ކުރިން އޭނާ އަވަހާރަވެއްޖެ އެވެ.

ދެކުނު ގަޑުބަޑުގެ ދުވަސްވަރު ހުވަދު އަތޮޅުގައި ބޭސްވެރި ފަންޑިތައަށް މޮޅު ބޭފުޅުން ކޮޅެއް ތިއްބެވި އެވެ. އޭގެތެރޭ ގައްދޫ ޝައިޚު މަރުޙޫމު މުޙައްމަދު ސަލީމާއި ވިލިގިލީ ޝައިޚު މަރުޙޫމު އަޙުމަދު ޙިލްމީ ދީދީ އާއި ހަވަރުތިނަދޫ ގައި ހުންނެވި މުލަކު އަލްފާޟިލް މަރުޙޫމު އިބްރާހީމް މުޙައްމަދު ދީދީ (އަލަމާގެ/ހަވަރުތިނަދޫ) އާއި އެ ރަށު އަލްފާޟިލް މަރުޙޫމު ޢަބުދުލް ޙަމީދު ދީދީ ހިމެނި ވަޑައިގަނެ އެވެ. މީގެ ތެރެއިން ފުރަތަމަ ދެ ބޭފުޅުންނަކީ ޢަރަބި އުރުދޫ ދެ ބަސް މޮޅަށް ދެނެވަޑައިގަންނަވާ ޢިލްމުވެރިންނެވެ. އެ ބޭފުޅުން ތަޢުލީމުގެ ބޮޑުބައި ޙާޞިލް ކުރެއްވީ އިންޑިޔާއިންނެވެ. ތިންވަނަ ބޭފުޅަކީ ޢަރަބި ބަސް އެނގިވަޑައިގަންނަވާ ޢިލްމުވެރިއެކެވެ. ތަޢުލީމުގެ ބޮޑުބައި ޙާޞިލް ކުރެއްވީ އައްޑުއަތޮޅު މީދޫގެ މޮޅު އެދުރުންގެ އަރިހުންނެވެ. ހަތަރުވަނަ ބޭފުޅަކީ ޝައިޚު މަރުޙޫމު މުޙައްމަދު ފަހުމީ ފާއިޒު (ދެކުނުގޭ ދޮންމަނިކު) އާއި ހަވަރުތިނަދޫ ޝައިޚު ޔޫސުފު ޞިދުގީއާއި ހަވަރުތިނަދޫގައި ހުންނެވި މުލަކު އަލްފާޟިލް މަރުޙޫމު އިބްރާހީމް މުޙައްމަދު ދީދީގެ އަރިހުން ވެސް ޢަރަބި ބަހާއި ތަޢުލީމު އުނގެނިވަޑައިގަތް ބޭފުޅެކެވެ. 

މަތީގައި ދެންނެވި ހުރިހާ ބޭފުޅުންނަކީ ވެސް ފަސް ވަޤުތު ނަމާދު ކުރައްވާ ރޭ އަޅުކަން ކުރައްވާ ތަގުވާވެރި މީހުންނަށް ހިތްޕުޅު ހެޔޮ އަޚުލާގު ރަނގަޅު ބޭފުޅުންނެވެ. މިއިން ބޭފުޅަކު އެއްވެސް މީހަކާއި ދެކޮޅުވެރި ކަމެއް ޒާތީ ކަމެއް އޮތް ކަމުގެ އަޑެއް ނީވެ އެވެ. ޝައިޚު މުޙައްމަދު ސަލީމާއި ޝައިޚު އަޙުމަދު ޙިލްމީ ދީދީ އަކީ ފަންޑިތަ ވެރިކަން ރަނގަޅަށް އެނގިވަޑައިގަތަސް އޭގެ ތެރޭ އުޅުއްވަމުން ގެންދެވި ބޭފުޅުންނެއް ނޫނެވެ. ގަދަރުވެރި އަބުރުވެރި މީސްތަކުން އިޙުތިރާމްކުރި ބޭފުޅުންނެވެ. މުޙައްމަދު ސަލީމުގެ ޢާއްމު މަސައްކަތްޕުޅަކީ ކުދިންނަށް ކިޔަވައި ދެއްވުމާއި މަދު ފަހަރަކު މަސްވެރިކަމަށް ފަންޑިތަ ހެއްދެވުމެވެ. އަޙުމަދު ޙިލްމީ ދީދީގެ ޢާއްމު މަސައްކަތްޕުޅަކީ ގޭގައި ރަނާއި ރިހިން ބާދަލާ ތައްޔާރު ކުރެއްވުމެވެ. މީގެ އިތުރަށް އޭނާގެ އަރިހަށް ކިޔެވުމަށް ބޭނުންވެގެން ދިޔަ ކުއްޖަކަށް ކިޔަވައިދެއްވަ އެވެ.

ދެކުނު ގަޑުބަޑުގެ ދުވަސްވަރު ހަވަރުތިނަދޫ ގައި ތިއްބެވި އިބްރާހީމް މުޙައްމަދު ދީދީ އާއި ޢަބުދުލްޙަމީދު ދީދީ އާއި ދެ ބޭފުޅުންނަކީ ބޭސްވެރިކަމުގެ ފަންޑިތައާއި މަސްފަންޑިތަ ހައްދަވައި އުޅުއްވި ބޭފުޅުންނެވެ. މީސްމީހުންނަށް ދެރައާއި ގެއްލުން ކުރަނިވި ސިޙުރު ހާހޫރައާއި ކަންވެރި ކަމުގެ ތެރޭ އެ ބޭފުޅުން އުޅުއްވިކަމުގެ އަޑެއް ނެތެވެ. 


އަދި ދެކުނު ގަޑުބަޑުގެ ދުވަސްވަރު ދިވެހި ދައުލަތުގެ ބޮޑުންނަށް ނުނިޔަތް ލައްވައި އެ ބޭފުޅުންގެ ފުރާނައަށް ގެއްލުން ދިނުމަށްޓަކައި މީގެ ބޭފުޅަކު އެއްވެސް ކަމެއް ކުރެއްވި ކަން އެނގޭކަށް ނެތެވެ. އައްޑޫ ހުވަދޫ ފުވައްމުލަކަކީ އެ ދުވަސްވަރު މާލޭގައި ތިއްބެވި ބައެއް ބޮޑުންނާއި ޢާއިލީ ގުޅުމާއި ރައްޓެހި ރަޙުމަތްތެރި ކަމުގެ ގުޅުން ވެސް އޮތް ބަޔަކު ތިބި ތަންތަނަށް ވާތީ ދެކުނު ގަޑުބަޑުގެ ދުވަސްވަރު އެ ބޮޑުންނަށް ސިޙުރު ހާހޫރަ ހެދުން ފަދަ ރަނގަޅު ނޫން ކަންތައްތަކެއް ކުރިނަމަ އެ ކަން އެ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނޭ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. އެ ޙާލަތުގައި ވިޔަސް ނުވަތަ އެ ޙާލަތުގެ ފަހުން ވިޔަސްވެހެވެ.

5- ދެކުނު ގަޑުބަޑުގައި ދިވެހި ދައުލަތާއި ދެކޮޅަށް ހަވަރުތިނަދޫގައި ހިންގި ދެވަނަ ހަމަނުޖެހުމުގެ ތެރޭ އެ ރަށުގައި ތިއްބެވި އިބްރާހީމް މުޙައްމަދު ދީދީ އާއި ޢަބުދުލްޙަމީދު ދީދީ ދެ ބޭފުޅުންނަކީ ވެސް އެ ހަމަނުޖެހުން ޙައްލު ކުރުމަށްފަހު ކުށްވެރިން ގޮތުގައި މާލޭގެ ޖަލަށް ގެންދިޔަ ބޭފުޅުންނެވެ.

ޢަބުދުލްޙަމީދު ދީދީ އަކީ ދިވެހި ދައުލަތާއި ދެކޮޅަށް ހަވަރުތިނަދޫ ގައި ހިންގި ދެވަނަ ހަމަނުޖެހުމުގައި ހުވަދު އަތޮޅުގައި ހުންނެވި އިސްވެރިޔާ މުޙައްމަދު ޙަމީދުގެ ބައްޕައެވެ. މަޙުކަމަތުލް އަމަންޢާއްމުގެ ތަޙުގީގު ކޮމިޓީއަށް އޭނާ ޙާޟިރު ކުރައްވައި ސުވާލު ކުރެއްވީ ސީދާ އެ މަޙުކަމާގެ ވެރިޔާ ޞ.ދ. އިބްރާހީމް ނާޞިރު ކަމަށް ޢަބުދުލްޙަމީދު ދީދީ ވިދާޅުވެފައިވާ ކަމަށް އޭނާގެ ދަރިފުޅު މުޙައްމަދު ޙަމީދު އަޅުގަނޑަށް މަޢުލޫމާތު ދެއްވި އެވެ.
(އިބްރާހީމް ނާޞިރު ފިޔަވައި މަޙުކަމަތުލް އަމަންޢާއްމުގެ ތަޙުގީގު ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ބަނޑާރާ ނާއިބު ޞ.ސ. އިބްރާހީމް ޝިހާބާއި މަޙުކަމަތުލް އަމަންޢާއްމުގެ ވެރިޔާގެ ނާއިބުގެ ބަދަލުގައި ހުންނެވި އަލްފާޟިލް ޢަބުދުލްޙަންނާނު ޙަލީމު ކަމަށާއި، ހުވަދުއަތޮޅުން ގެނެސްފައިވާ ކުށްވެރިންގެ ތަޙުގީގު، މަޙުކަމަތުލް އަމަންޢާއްމުގައި ފެށީ 14 މާރޗް 1962މ. ދުވަހުގެ ރޭ (ބުރާސްފަތިވިލޭރޭ)ގައި ކަމަށް ދިވެހިސަރުކާރުގެ ޔައުމިއްޔާ "އެކިއެކި ކަންކަން ހިނގާގޮތް" ފޮތުގައި ލިޔެފައިވެއެވެ.)

ޢަބުދުލް ޙަމީދު ދީދީ އާއި މަޙުކަމަތުލް އަމަންޢާއްމުގެ ވެރިޔާ ސުވާލުކުރެއްވުގެ ތެރޭ "ޢަބުދުލްޙަމީދުގެ ދަރިފުޅު މުޙައްމަދު ޙަމީދު އައްޑުއަތޮޅުގައި ހުރެފައި ބަޔަކު މީހުން ގޮވައިގެން ހަވަރުތިނަދޫ އަށް ދިޔަ ރޭ ދަންވަރު (ދިވެހި ދައުލަތުގެ ސިފައިން ތިބި ޢިމާރާތުގައި އަލިފާން ރޯކޮށް ސިފައިންނަށާއި ދިވެހި ދައުލަތުގެ ބައެއް މުވައްޟަފުންނަށާއި ބައެއް ޢާއްމުންނަށް ވެސް ބޮޑެތި އަނިޔާކޮށް ދިވެހި ދައުލަތުގެ ބާރުވެރިކަން ހުވަދު އަތޮޅުން ނައްތާލުމަށް މަސައްކަތްކޮށް) އެ ހަމަނުޖެހުން ހިންގުމުގެ ކުރިން އެ ކަން އެނގިފައިވޭތޯ އާއި އެނގިފައިވާ ނަމަ އެ ކަން ނުކުރުމަށް ނަޞޭޙަތްތެރިވިން ތޯ" އެއްސެވި އެވެ.
މިސުވާލަށް ޢަބުދުލް ޙަމީދުދީދީ އެރުވި ޖަވާބަކީ "އައްޑު އަތޮޅުގައި ތިބެފައި ރޭގަނޑު ދަންވަރު ހަވަރުތިނަދު އަށް ދިޔަ ހުވަދު އަތޮޅުގެ (ބައެއް ރަށްރަށުގެ) މީހުންގެ ތެރެއިން ބަޔަކު މީހުން އޭރުގެ އަތޮޅުވެރިޔާ އަލްފާޟިލް ޢަލިކަލޭގެފާނު ކުޑަތުއްތުއަށް އަނިޔާ ކުރުމުގެ ތެރޭ އަތޮޅުވެރިޔާގެ ސަލާމަތަށް މުޙައްމަދު ޙަމީދު ކުރި މަސައްކަތުގައި އޭނާގެ ބޯ ފަޅައިގެން ދިޔުމުން ބޭސް އެޅުމަށް ގެއަށް އައުމުގެ ކުރިން އޭނާއާއި ބައްދަލު ނުވާކަމަށެވެ. އަދި ހަވަރުތިނަދޫ ގައި ހިންގި ހަމަނުޖެހުމާއި ބެހޭ އެއްވެސް ކަމެއް މުޙައްމަދު ޙަމީދުގެ ފަރާތުން ކުރިން އެނގިފައި ނެތް ކަމަށެވެ."

ދެން މަޙުކަމަތުލް އަމަންޢާއްމުގެ ވެރިޔާ އެއްސެވީ "އެ ދުވަސްކޮޅު (ދިވެހި ދައުލަތާއި ދެކޮޅަށް ހަވަރުތިނަދޫ ގައި އުފެއްދި ދެވަނަ ހަމަނުޖެހުމުގެ ތެރޭ) އެ ރަށުގައި ހުންނެވި އިރު ޢަބުދުލްޙަމީދު ކުރެއްވީ ކޮންކަމެއްތޯ އެވެ."
މިސުވާލަށް ޢަބުދުލް ޙަމީދުދީދީ އެރުވި ޖަވާބަކީ "ރައްޔިތުން އެއްވުމަށް ސަންގު ފުމުނީމާ މަގުބޫލު ޢުޒުރެއް ނެތް ނަމަ (ތަޞައްރަފު ފުދިފައިވާ މީސްމީހުން) އޮފީސް ސަރަޙައްދަށް ދާން ޖެހޭ ކަމަށާއި ނުދިޔަ ނަމަ އެ މީހަކަށް އަދަބު ލިބޭތީވެ ސަންގު ފުމޭ ބައެއް ފަހަރު އޮފީސް ސަރަޙައްދަށް ދެވޭ ކަމަށެވެ."

ޢަބުދުލް ޙަމީދު ދީދީ އާއި މަޙުކަމަތުލް އަމަންޢާއްމުގެ ވެރިޔާ ސުވާލުކުރެއްވީ ހުވަދު އަތޮޅުން މާލެއަށް ގެންދިޔަ ކުށްވެރިންގެ ތަޙުގީގު، މަޙުކަމަތުލް އަމަންޢާއްމު ގައި ފެށުމުގެ ކުރިން ކަމެއް ނުވަތަ ނޫން ކަމެއް މިހާރު އެނގޭނޭ ގޮތެއް ނެތެވެ. އެނގޭ ކަމަކީ އެ ފަހަރު އޭނާ ކުށްވެރިވެ ޝަރީޢަތުގެ ޙުކުމެއް ނާންނަ ކަމާއި އޭނާ މާލޭ ޖަލުގައި ބަންދުކުރިތާ ގިނަ ދުވަސްތަކެއް ނުވެ މާޅޮސްމަޑުލު ގޮއިދޫއަށް ފޮނުވާލި ކަމާއި އަދި އޭގެފަހުން ވެސް ގިނަ ދުވަސްތަކެއް ނުވެ އެ ރަށުން މާލެއަށް ގެންގޮސް އޭނާ މިނިވަންކޮށް ދޫކޮށްލި ކަމެވެ.

ނޯޓް: ހުވަދު އަތޮޅުގެ ދެވަނަ ހަމަނުޖެހުން ހަވަރުތިނަދޫ ގައި ހިންގި ރޭ އަނިޔާކޮށްފައިވާ ބައެއް މީސްމީހުންގެ ބަޔާން ތަކެއް 6 ޖުލައި 1961މ. ބުރާސްފަތި ދުވަހުގެ "ވިޔަފާރިމިއަދު"  ނޫހުގައިވެ އެވެ. އެ ނޫހުގައި ވަނީ "ގ. އަތޮޅުގެ އަތޮޅުވެރި އަލްމުޙުތަރަމް ޢަލިކަލޭގެފާނު ކުޑަތުއްތުގެ ބޮލުގައި ވަރަށްބާރަށް  ދަނގަޑަކުން ޖެހި ޖެހީނުން ވަނީ ދުޅަކޮށްލާފައެވެ. އަދިވެސް ރިއްސައެވެ. އެއާއެކު ބޮނބިފަޅީގައިވެސްވަނީ، އެކަހަލަ އެއްޗަކުން ތަޅައިގެންފައެވެ. އެތަނަށްވެސް ތަދުވެއެވެ. އަނިޔާކުރި ތަންތަނުން، މެޔަށާއި، ފަޔަށް، އަދިވެސް ވަރަށްބޮޑަށް ތަދުވެއެވެ." މިގޮތަށެވެ.


އިބްރާހީމް މުޙައްމަދު ދީދީ
ދިވެހި ދައުލަތާއި ދެކޮޅަށް ހަވަރުތިނަދޫ ގައި ހިންގި ދެވަނަ ހަމަނުޖެހުމުގެ އިސްވެރިން ހަވަރުތިނަދޫ ގައި ހުންނެވި މުލަކު އަލްފާޟިލް މަރުޙޫމު އިބްރާހީމް މުޙައްމަދު ދީދީ (އަލަމާގެ/ހަވަރުތިނަދޫ) ލައްވައި އެ ދުވަސްވަރު ކުރުވަން ބޭނުންވި ކަމަކީ އެ ހަމަނުޖެހުމުގައި ހުވަދު އަތޮޅުގައި އުފައްދާފައިވާ ވެރިކަން ދެމި އޮތުމަށާއި އެ ވެރިކަން ފުރޮޅައިނުލެވޭނޭ ގޮތަކަށް ކުރެއްވެން އޮތް ކަމެއް ކުރެއްވުމެވެ. މިހެންވީމާ އެހާ ތަނުން ދެ ގޮތަކުން ކުރެ ކޮންމެވެސް އެއް ގޮތެއް ޚިޔާރު ކުރެއްވުމަށް އިބްރާހީމް މުޙައްމަދު ދީދީ އަށް ޖެހިވަޑައިގަންނަވާނެ އެވެ.

ފުރަތަމަ ގޮތަކީ، އެ ހަމަނުޖެހުމުގެ އިސްވެރިން އެންގި ގޮތަށް އެ ކަމާއި އުޅުއްވުމެވެ. ނޫނީ އެ ކަމާއި އުޅުއްވާ ކަން ދެއްކެވުމެވެ. 
ދެވަނަގޮތަކީ، އެ ކަމާއި އުޅުއްވަން ނުވަތަ އެ ކަމާއި އުޅުއްވާކަން ދައްކަވަން ވެސް އޭނާ ބޭނުންފުޅު ނުވާނަމަ އަމިއްލަ ޖާނާއި މާލާއި އަނބިދަރީންނާއި ކުރިމަތިވާނެ ބޮޑެތި ގެއްލުންތަކާއި ކުރިމަތި ލެއްވުމެވެ. މިއީ އެ ދުވަސްވަރު ބައެއް މީސްމީހުންނާއި ކުރިމަތި ވާތީ ފެންނަމުން ދިޔަ ކަމެކެވެ.  

ދެކުނު ގަޑުބަޑުގެ ދުވަސްވަރު ދިވެހި ދައުލަތާއި ދެކޮޅަށް ހަވަރުތިނަދޫގައި ހިންގި ދެވަނަ ހަމަނުޖެހުމުގެ ދުވަސްވަރު އަނިޔާވެރިކަން ވަރަށް ބޮޑަށް ފެނުނެވެ. އެ ހަމަނުޖެހުމުގެ އިސްވެރިން އަންގާ ކަންކަން ނުކޮށް އެ ވެރިކަމާއި ނުރުހޭ ކަމަށް ބެލެވޭ ފަރާތްތަކަށް ޖިސްމާނީ އަނިޔާކޮށް ގޯތިގެދޮރު ސުންނާފަތިކޮށް މުދާތައް ލޫޓުވާފައިވެ އެވެ. މި ކަން ކޮށްފައި ވަނީ އިނގިރޭސިން އަޑީގައި ތިބެގެން ދިވެހި ދައުލަތާ ދެކޮޅަށް އައްޑު އަތޮޅުގައި އުފެއްދި ވެރިކަމާއި ހުވަދު އަތޮޅުގެ ބަޔަކު ގުޅުމަށްފަހު ހަވަރުތިނަދޫގައި ބޭއްވި ޖަލްސާއަކުން ފާސްކޮށްފައިވާ ކަންކަމާއި ގުޅިގެންނެވެ. އެއީ:

ހ- އެއްވެސް ބަޔަކު މާލޭގެ ސަރުކާރާއި އެއްކޮޅަށް ތިބެގެން އަތޮޅުން ފުރައިގެން ހިނގައްޖެނަމަ، އެބަޔެއްގެ ގެދޮރާއި މުދާތައް ނެތިކޮށްލުން.
ށ- ރައްޔިތުން އެއްކުރުމަށްޓަކައި ގޮވާ "ނާރޭތަކުބީރު" (ނަޣަރާ ތަކުބީރު) ގޮވުމުން، ފަސް މިނިޓެއްހާއިރު ތެރޭ "މާވަށްދިހެރޭ" (ހަވަރުތިނަދޫގެ ފާލަން ހުރި ސަރަޙައްދު)އަށް އަންހެނުންނާއި ފިރިހެނުން ނުކުތުމާއި، ނުކުންނައިރު ކޮންމެމީހެއްގެ އަތުގައިވެސް ކަނޑައެޅިފައިވާ ފަދަ ޙަމަލާއެއް ދެވިދާނޭ އެއްޗެއްއޮތުން.
ނ- ދިވެހި ސަރުކާރާއި އެއްކޮޅަށް މީހަކުހުރިކަން އެނގިއްޖެނަމަ، އެކަމަށް ފިޔަވަޅުއެޅުން މިކަންކަމެވެ.
(ނ- ގައިވާ ފިޔަވަޅުގެ ތެރޭ، އެ މީހަކު ރައްޔިތަށް ދެއްކުމާއި ގަން ހިންގުން ހިމެނެ އެވެ. މިއީ ކުރީ ޒަމާނުގައި މީހަކު މާލޭގެ ހަވަރަށް ދެއްކުމާއި މާލޭގައި ގަން ހިންގުން ފަދަ ކަމެކެވެ. މިގޮތަށް މީހަކު ހަވަރުތިނަދޫ ގައި ދައްކައިފި ނަމަ، އެ މީހެއްގެ އަތްފައި ބަނދެ، ރަށުގެ ފާލަން ހުރި ސަރަޙައްދު "މާވަށްދިހެރޭ" އަވީގައި ބޭއްވުމާއި ބަނޑުގައި ވާ ޖަހައިގެން ރަށުތެރޭ ހިންގުން ހިމެނެ އެވެ. އެއަށްފަހު އެ މީހަކު ދޫކޮށްލާނީ، ސުވައިދީބު ސަރުކާރު ގަބޫލު ކުރުމުންނެވެ. މި ގޮތަށް މިކަންކުރި ބައެއް ބޭފުޅުންގެ ތެރޭ ރަތަފަންދޫ، ފިޔޯރީ، ގައްދޫގެ ބޭފުޅުންކޮޅެއް ހިމެނެ އެވެ.)

ދިވެހި ސަރުކާރަށް ވަފާތެރިކަމާ އެކު ތިބޭ މީހުންނަށް އެ ކަމުގެ ސަބަބުން ލިބެމުން ދާ ޖިސްމާނީ އަދި ނަފުސާނީ ހާނީއްކަ އާއި ވޭނުގެ ބޮޑުކަމުން އެފަދަ ގިނަ މީހުންނަށް މަޖުބޫރުވީ، އަމިއްލަ ފުރާނަ އާއި ބަލަން ޖެހޭ މައިންބަފައިންނާއި އަނބިދަރިންނަށްޓަކައި ވިޔަސް ދިވެހި ސަރުކާރަށް އޮތް ވަފާތެރިކަން ދޫކޮށްލި ސިފަ ދެއްކުމަށެވެ. ވަފާތެރި ކަމެއް (ދިވެހި ސަރުކާރަށް) އޮތް ނަމަވެސް، އެ ކަން ހިތުގައި ބޭއްވުމަށެވެ. އެތެރޭގަ އެވެ. ބޭރުފުށުން އެ ކަން ދެއްކުމަކީ، ނުކުޅަދާނަ ކަމަށްވި އެވެ.

6- މި ހިސާބުން ބަލަންޖެހެނީ ދެކުނު ގަޑުބަޑުގެ ހުވަދު އަތޮޅުގެ ދެވަނަ ހަމަނުޖެހުމުގެ ތެރޭ ހަވަރުތިނަދޫގައި ހުންނެވި މުލަކު އަލްފާޟިލް މަރުޙޫމު އިބްރާހީމް މުޙައްމަދު ދީދީ (އަލަމާގެ/ހަވަރުތިނަދޫ) ކުރެއްވި ކަމަކާ މެދު ދިވެހި ދައުލަތުގެ އިސްވެރިންނަށް ތަންކޮޅެއް ފަހުން ވިޔަސް ގަބޫލު ކުރެއްވުނު ކަމަށް ބެލެވިދާނެ ކަންކަމަކީ ކޮބައިތޯއެވެ. އިބްރާހީމް މުޙައްމަދު ދީދީ ކުރެއްވި ކަމަކީ ބޮޑުވަޒީރު އިބްރާހީމް ނާޞިރު އަވަހާރަކޮށްލުމަށް ސިޙުރު ހެދުންތޯ ނުވަތަ ފަންޑިތަ ހެދުންތޯ ނޫނީ ކުރެއްވި ކަމަކީ ކޮބައިތޯ އެވެ.

ދިވެހި ދައުލަތުގެ އިސް ވެރިންނަށް ތަންކޮޅެއް ފަހުން ވިޔަސް ގަބޫލު ކުރެއްވުނު ކަންކަމަކީ ކޮބައިތޯ ދަންނަވާފައި އެ ވަނީ މަޙުކަމަތުލް އަމަންޢާއްމުގެ ތަޙުގީގުގައި އޭނާ ވިދާޅުވި އެއްޗެއް (މިހާރު) އެނގޭނޭ ގޮތެއް ނެތުމާއި، އަދި އޭނާ ކުށްވެރިވީ ހުވަދުއަތޮޅުގެ ދެވަނަ ހަމަނުޖެހުމުގެ ވެރިން ޙަވާލު ކުރި ވަޟީފާއެއް ނުވަތަ ކަމެއް (ބޭރުފުށުން ވިޔަސް)ގަބޫލުކޮށް އުޅުނު މީހުންގެ ތެރޭ އޭނާ ހިމެނިވަޑައިގަތުމުން ކަމަށް ދިވެހި ސަރުކާރުގެ އޭރުގެ ޔައުމިއްޔާ "އެކިއެކި ކަންކަން ހިނގިގޮތް" މި ފޮތުގައި ލިޔެފައިވީ ނަމަވެސް އޭގެ ފަހުން ގިނަ ދުވަސްތަކެއް ނުވެ ދިވެހި ސަރުކާރުން އޭނާ މިނިވަންކުރައްވައި ދޫކޮށްލެއްވީ ދިވެހި ދައުލަތުގެ އިސް ވެރިންނަށް (ތަންކޮޅެއްފަހުން ވިޔަސް) އޭނާއާއި ގުޅޭ ގޮތުން ގަބޫލު ކުރެއްވުނު ކަންކަމެއް ހުރެގެންކަމަށް ބެލެވޭތީ އެވެ. 

ނޯޓް:
ދެކުނު ގަޑުބަޑުގެ ހުވަދުއަތޮޅުގެ ދެވަނަ ހަމަނުޖެހުމުގެ ތެރޭ އެ ހަމަނުޖެހުމުގެ ވެރިން ޙަވާލުކުރި ވަޒީފާއަކީ ކޮންމެ ކަހަލަ ވަޒީފާއަކަށް ވިޔަސް އެ މީހަކީ އެ ބަޣާވާތުގެ ބައިވެރިއެއް ކަމަށް (ކުށްވެރިއެއް ކަމަށް) އެ ދުވަސްވަރު ދިވެހި ސަރުކާރުން ބަލާފައިވެ އެވެ. އެ ވަޒީފާއަކީ މިސްކިތެއްގައި ފަސް ވަގުތު ބަންގި ގޮވައި ނަމާދު ކުރުން ކަމަށް ވިޔަސް މި ކަން އޮތީ މި ގޮތަށެވެ. އޭރުގެ ދިވެހި ސަރުކާރުން ދެކިވަޑައިގަތީ ހުވަދު އަތޮޅުގެ ދެވަނަ ހަމަނުޖެހުމުގެ ވެރިން ޙަވާލު ކުރި އެއްވެސް ވަޒީފާއެއް އަދާކޮށްގެން ނުވާނެ ކަމަށެވެ. ހުވަދު އަތޮޅުގެ ދެވަނަ ހަމަނުޖެހުމުގައި (ނުވަތަ ބަޣާވާތުގައި) ބައިވެރިވި ބަޔެއް ކަމަށް ބައްލަވައި މަޙުކަމަތުލް އަމަންޢާއްމުން ތަޙުގީގުކުރައްވައި ބަންޑާރާ ނާއިބުގެ އޮފީހަށް ފޮނުއްވި 23 މީހެއްގެ އިޢުތިރާފު ބަޔާން ތަކުގެ ލިސްޓްގެ ނަމްބަރ 1 ގައިވާ ހޯޑެއްދޫ އާދަމް ޙުސައިން ކުށްވެރިވީ އެ ހަމަނުޖެހުމުގެ ވެރިން (ނުވަތަ ބާޣީން) އޭނާ އާއި ޙަވާލުކުރި މިސްކިތެއްގެ މުދިންކަން ކުރުމުންނެވެ. މި އިޢުތިރާފު ބަޔާންތަކާއި ލިސްޓް ބަންޑާރާ ނާއިބުގެ އޮފީހަށް ފޮނުއްވީ މަޙުކަމަތުލް އަމަންޢާއްމުގެ ނަމްބަރ 13-62/70 (11 އޭޕްރީލް 1962މ.) ސިޓީއާއި އެކީގަ އެވެ. 



ހުވަދުއަތޮޅުގެ ދެވަނަ ހަމަނުޖެހުމާއި ގުޅިގެން އެ އަތޮޅުގެ ބަޔަކު އެކި މުއްދަތަށް ޖަލަށް ލުމަށް ޝަރީޢަތުން ޙުކުމު ކުރިތާ ގިނަ ދުވަހެއްނުވެ ވުޒާރަތުއް ދާޚިލިއްޔާގެ އެންގެވުމަކަށް ގައްދޫ މާގަސްދޮށުގޭ އަލްފާޟިލް މަރުޙޫމު އިސްމާޢީލް ވަތަބަނޑޭރި ކަލޭގެފާނާއި ގދ. އަތޮޅުއޮފީސް ހިންގެވުމާއި ޙަވާލުވެހުންނެވި ގައްދޫ ވައިލެޓްވިލާ އަލްފާޟިލް މަރުޙޫމު ޙުސައިންމަނިކު މާލެވަޑައިގަތް ކަމަށާއި އެ ދަތުރުގައި ބޮޑުވަޒީރު އިބްރާހީމް ނާޞިރު ބޭނުންފުޅުވި މަޢުލޫމާތު ކޮޅެއް އެ މަނިކުފާނަށް އެރުއްވި ވާހަކަ ޙުސައިންމަނިކު ވިދާޅުވެފައިވާ ކަމަށް ގައްދޫ ފޫޅުމާގޭ އަލްފާޟިލް އަޙުމަދު ސަޢީދު މަޢުލޫމާތު ދެއްވި އެވެ.

(ގދ.އަތޮޅުއޮފީސް ހިންގެވުމާއި ގައްދޫ ޙުސައިންމަނިކާއި ޙަވާލުކުރެއްވީ 7 ފެބްރުއަރީ 1962މ. ގައި އެއަތޮޅު ދެބައި ކުރައްވައި ގައްދޫއަށް އަތޮޅުއޮފީސް ބަދަލުކުރައްވާފަ އެވެ. މި ކަން ކުރެއްވީ ހުވަދު އަތޮޅުގައި ހުންނަވައިގެން ދިވެހި ދައުލަތުގެ ބޮޑުވަޒީރު އިބްރާހީމް ނާޞިރެވެ. އޭރު ބޮޑުވަޒީރު ހުންނެވީ އޭނާ އެ އަތޮޅަށް ވަޑައިގަތް ދިވެހި ސަރުކާރުގެ އުޅަނދެއްކަމަށްވާ "ސިލްވަރކްރެސްޓް"ގަ އެވެ. އޭގެ ފަހުން ގދ. އަތޮޅުވެރިކަމުގެ މަގާމު ޙުސައިންމަނިކަށް ދެއްވީ 2 ޖޫން 1964މ. ގައެވެ.)

ވުޒާރަތުއް ދާޚިލިއްޔާގެ އެންގެވުމަށް ވަތަބަނޑޭރި ކަލޭގެފާނާއި ޙުސައިންމަނިކު މާލެ ވަޑައިގަތުމަށް ފަހު ހުވަދު އަތޮޅުގައި ދެވަނަ ފަހަރަށް އުފެއްދި ހަމަ ނުޖެހުމާއި ގުޅިގެންނާއި އަދި އެ ނޫން ވެސް ބޮޑުވަޒީރު އިބްރާހީމް ނާޞިރު ބޭނުންފުޅުވި މަޢުލޫމާތު ކޮޅެއް އެ މަނިކުފާނަށް އެރުއްވި އެވެ. އޭގެ ތެރެއިން އެއް ކަމަކީ އޭނާ އަވަހާރަކޮށްލުމަށް ހަވަރުތިނަދޫގައި ހުންނެވި މުލަކު އަލްފާޟިލް މަރުޙޫމު އިބްރާހީމް މުޙައްމަދު ދީދީ (އަލަމާގެ/ހަވަރުތިނަދޫ) ސިޙުރު ހެއްދެވިތޯ ނުވަތަ ފަންޑިތަ ހެއްދެވިތޯ ނޫނީ އޭނާ ކުރެއްވި ކަމަކީ ކޮބައިތޯ ބޮޑުވަޒީރު ކުރެއްވި ސުވާލުގެ ޖަވާބެވެ. ބޮޑުވަޒީރު ކުރެއްވި ސުވާލަށް ފުރަތަމަ ޖަވާބުއެރުއްވީ ވަތަބަނޑޭރި ކަލޭގެފާނެވެ. ކަލޭގެފާނު ދެންނެވި އެވެ.

"މަރުޙޫމު އިބްރާހީމް މުޙައްމަދު ދީދީ (އަލަމާގެ/ހަވަރުތިނަދޫ) އަކީ ބޮޑުވަޒީރު އަވަހާރަކޮށްލުމަށް ސިޙުރު ހެއްދެވި ބޭފުޅެއް ނޫނެވެ. ބޮޑުވަޒީރަށާއި ދިވެހި ދައުލަތުގެ ވެރިންނަށް ނުނިޔަތް ލައްވައި އެ ބޭފުޅުންނަށް ގެއްލުން ދެނިވި ސިޙުރެއް އޭނާ ނުހައްދަވަ އެވެ. އަދި އެ ބޭފުޅުން ދަތުރުފުޅު ކުރައްވާ އުޅަނދަކަށް ހުވަދު އަތޮޅަށް ނުދެވޭ ފަދަ ގޮތަކަށް ވެސް ކަމެއް ނުކުރައްވަ އެވެ. އޭނާއަކީ ޢަރަބިކަލާމު އުނގެނިވަޑައިގެން ފަސްވަގުތު ނަމާދު ކުރައްވާ ރޭ އަޅުކަން ކުރައްވާ ތަގުވާވެރި ވަރަޢަވެރި ހިތްޕުޅުހެޔޮ އަޚުލާގު ރަނގަޅު ބޭފުޅެކެވެ. އޭނާއަކީ އެ ގަޑުބަޑުގެ ތެރޭ މީސްމީހުންނަށް ދެމުން ގެންދިޔަ އަނިޔާއާއި ވެސް ނުރުހުންވެ ވަޑައިގަތް ބޭފުޅެކެވެ. މިހެންމެ އޭނާއަކީ ބޮޑުވަޒީރާއި ޢާއިލީ ގުޅުން ވެސް އޮތް ބޭފުޅެކެވެ. އެ ގަޑުބަޑުގައި އޭނާ ކުރެއްވި ކަމަކީ ގަޑުބަޑުގެ ވެރިންގެ އެންގުމަށް އެ ވެރިކަން ދެމި އޮތުމަށް ކުރައްވާ ކަމެއްގެ ގޮތުން ބޭރު ފުށުން ދެއްކެވި ކަން ކަމެކެވެ."

ދެން ބޮޑުވަޒީރު ސުވާލު ކުރެއްވީ އޭނާ ވަރަށް ބޮޑަށް އިތުބާރު ކުރައްވާ ބޭފުޅެއްކަމަށްވާ ޙުސައިން މަނިކާއެވެ. ވަތަބަނޑޭރި ކަލޭގެފާނު އެ ވިދާޅުވި އެއްޗަކާ މެދު ހުސައިން މަނިކުގެ ބަސްފުޅަކީ ކޮބައިތޯ އެވެ. މިއާއި ގުޅިގެން ޙުސައިން މަނިކު ދެންނެވި އެވެ.

"ކަލޭގެފާނު އެ ދެންނެވީ ޙަގީގަތެވެ. ކަން ހިނގި ގޮތެވެ. ހަވަރުތިނަދޫގައި ހުންނެވި މުލަކު އިބްރާހީމް މުޙައްމަދު ދީދީ (ދީދިބޭ)އަކީ ބޮޑުވަޒީރު އަވަހާރަކޮށްލުމަށް ސިޙުރު ހެއްދެވި ބޭފުޅެއްނޫނެވެ. އެއީ ވަރަށް ރަނގަޅު ބޭފުޅެކެވެ."

ދެކުނު ގަޑުބަޑުގައި ހުވަދު އަތޮޅުގެ ދެވަނަ ހަމަނުޖެހުމުގެ ތެރޭ ހަވަރުތިނަދޫ ގައި ހުންނެވި މުލަކު އިބްރާހީމް މުޙައްމަދު ދީދީ (އަލަމާގެ/ހަވަރުތިނަދޫ) ކުރެއްވި ކަމަކާ މެދު ބޮޑުވަޒީރު އިބްރާހީމް ނާޞިރު އިތުބާރު ކުރައްވާ ބައެއް ފަރާތްތަކުން އޭނާއަށް މަޢުލޫމާތުތަކެއް ލިބިވަޑައިގަތް އިރު އިބްރާހީމް މުޙައްމަދު ދީދީ ވަނީ 10 އަހަރުގެ ޖަލު ބަންދަށް ޝަރީޢަތުން ޙުކުމުކޮށްފަ އެވެ. މިޙުކުމްކުރީ 31 ޖެނުއަރީ 1962މ. ގައި ހަވަރުތިނަދޫ އިން މީހުން ބާލައި ކުށްވެރިއެއްގެ ގޮތުގައި އިބްރާހީމް މުޙައްމަދު ދީދީ "ގޯލްޑަންރޭ" އިން ކޮޅުމަޑުލަށް ފޮނުވާލައި އެ އަތޮޅުން މާލެ ފޮނުވައި މާލޭ ޖަލުގައި ބަންދުކުރިތާ 4 މަހެއްހާ ދުވަސްފަހުން 11 އޭޕްރީލް 1962މ. ގައެވެ. އިބްރާހީމް މުޙައްމަދު ދީދީ ކުށްވެރިވީ ހުވަދު އަތޮޅުގެ ދެވަނަ ހަމަނުޖެހުމުގެ ވެރިން ޙަވާލު ކުރި ވަޟީފާއެއް ނުވަތަ ކަމެއް (ބޭރުފުށުން ވިޔަސް)ގަބޫލުކޮށް އުޅުނު މީހުންގެ ތެރޭ އޭނާ ހިމެނިވަޑައިގަތުމުން ކަމަށް ދިވެހި ސަރުކާރުގެ އޭރުގެ ޔައުމިއްޔާ "އެކިއެކި ކަންކަން ހިނގިގޮތް" މިފޮތުން އެނގެ އެވެ.

ކޮންމެއަކަސް ދެކުނު ގަޑުބަޑުގެ ހުވަދު އަތޮޅުގެ ދެވަނަ ހަމަނުޖެހެމުގެ ތެރޭ ހަވަރުތިނަދޫ އަލަމާގޭ މުލަކު އިބްރާހީމް މުޙައްމަދު ދީދީ އަދާކުރެއްވި ދައުރަކާ މެދު، ދިވެހި ދައުލަތުގެ އޭރުގެ ބޮޑުވަޒީރު ހޯއްދެވި މަޢުލޫމާތުގެ އަލީގައި އޭނާ ދެކިވަޑައިގަތުން އެކަށޭނަ ބައެއް ކަންކަމާއި އެއާއި ގުޅިގެން އޭނާ ޢަމަލުކުރެއްވި ކަމަށް ބެލެވިދާނެ ކަންކަމެއް ވެސް އެބަ ހުއްޓެވެ.
·         ބޮޑުވަޒީރު އިބްރާހީމް ނާޞިރު އަވަހާރަކޮށްލުމަށް ދެކުނު ގަޑުބަޑުގެ ހުވަދު އަތޮޅުގެ ދެވަނަ ހަމަނުޖެހެމުގެ ތެރޭ ހަވަރުތިނަދޫ އަލަމާގޭގައި ހުންނެވި މުލަކު އިބްރާހީމް މުޙައްމަދު ދީދީ ސިޙުރު ނުހައްދަވާކަން.
·         ބޮޑުވަޒީރު ދަތުރުފުޅު ކުރައްވާ އުޅަނދުތަކަށް ހުވަދު އަތޮޅަށް ނާދެވޭ ފަދަ ގޮތަކަށް މުލަކު އިބްރާހީމް މުޙައްމަދު ދީދީ އެއްވެސް ކަމެއް ނުކުރައްވާކަން. (ހަވަރުތިނަދޫ އިން މީހުން ބޭލި ދަތުރުގައި ބޮޑުވަޒީރު އެ ރަށަށް ވަޑައިގަތީ ޔޮޓެއް ކަހަލަ ކުޑަ އުޅަނދެއްކަމަށްވާ "ސިލްވަރ ކްރެސްޓް"ގައެވެ. ނިޔާމަ ދަތުރެއްގަ އެވެ.
·         ހަވަރުތިނަދޫ އަލަމާގޭގައި ހުންނެވި މުލަކު އިބްރާހީމް މުޙައްމަދު ދީދީ އާއި ބެހޭގޮތުން ބޮޑުވަޒީރަށް ލިބިވަޑައިގަތް މަޢުލޫމާތާއި ގުޅިގެން އޭރު ޖަލަށް ޙުކުމުކޮށްފައި ހުންނެވި މުލަކު އިބްރާހީމް މުޙައްމަދު ދީދީ ތިލަދުންމަތީ ނޮޅިވަރަމަށް ލަސްތަކެއް ނުވެ ފޮނުވާލެއްވި އެވެ. (އިބްރާހީމް މުޙައްމަދު ދީދީ މާލޭގެ ޖަލަށް ގެންދިޔައީ ހުވަދު އަތޮޅުގެ ދެވަނަ ހަމަނުޖެހުން ޙައްލުކޮށް ޙަވަރުތިނަދޫ އިން މީހުން ބޭލި ދުވަހު އެ ރަށުން ސިލްވަރ ކްރެސްޓްގެ ކަފުގައި އޮތް ދޯންޏަކަށް ގެނެސް އެ ދޯނިން ގޯލްޑަންރޭއިން ތ.އަތޮޅުން މާލެއިންނެވެ.)

            ސިލްވަރކްރެސްޓް އާއި ގޯލްޑަންރޭ 

އިބްރާހީމް މުޙައްމަދު ދީދީ ތިލަދުންމަތީ ނޮޅިވަރަމަށް ފޮނުވާލެއްވިތާ ގިނަ ދުވަސްތަކެއް ނުވެ އޭނާ މާލެ ގެންދިޔަ ޢެވެ. އަދި ދެކުނު ގަޑުބަޑުގެ ހުވަދުއަތޮޅުގެ ދެވަނަ ހަމަނުޖެހުމާއި ގުޅިގެން ޖަލުބަންދަށް ޙުކުމުކޮށްފައިވާ މީސްމީހުން މިނިވަންވުމުގެ ކުރިން އިބްރާހީމް މުޙައްމަދު ދީދީ މިނިވަންކޮށްފި އެވެ.

         (ހުވަދުއަތޮޅުގެ ދެވަނަ ހަމަނުޖެހުމާއި ގުޅިގެން ޖަލު ބަންދަށް ޙުކުމު ކޮށްފައިވާ މީސްމީހުންގެ ތެރެއިން ފުރަތަމަ މަޢާފު ދެއްވައި ދޫކޮށްލެއްވީ ހުޅުލޭ ބޯޓްޔާޑުގައި ބޯޓް ބަނުމުގެ މަސައްކަތް ކުރަމުން ދިޔަ މީހުންނެވެ. މި މީހުންތައް ދޫކުރައްވަން ފެއްޓެވީ 7 އޯގަސްޓް 1963މ. ގައެވެ. މި މީހުން ފިޔަވައި ހުވަދު އަތޮޅުގެ ދެވަނަ ހަމަނުޖެހުމާއި ގުޅިގެން ޖަލު ބަންދަށް ޙުކުމު ކޮށްފައިވާ އެހެން މީހުން މިނިވަންކޮށް ދޫކޮށްލެއްވީ ދިވެހި ދައުލަތުން ދެއްވި ޢަފޫޢާއްމެއްގައި 8 ޖޫން 1964މ. ގައެވެ.)
ދެކުނު ގަޑުބަޑުގެ ދުވަސްވަރު ދިވެހި ދައުލަތުގެ ބޮޑުވަޒީރު އިބްރާހީމް ނާޞިރު އަވަހާރަކޮށްލުމަށް ހަވަރުތިނަދޫ ގައި ސިޙުރު ހެދިކަމުގެ އަޑެއް އެއްސެވި ކަމަށާއި އެއީ ތެދެއްތޯ ބައެއް ފަރާތްތަކުން އަޅުގަނޑާއި ކުރައްވަމުން ގެންދަވާ ސުވާލަށް ޖަވާބު އެރުވިފައި ވާނެ އެވެ. މި ޖަވާބު އެރުވީ ލިބިފައިވާ މަޢުލޫމާތުގެ އަލީގައި މި މަޟްމޫނުގެ މަތީގައި ލިޔެފައިވާ ކަންކަމަށް ރިޢާޔަތްކޮށެވެ.
                ---------------
ޢަބުދުﷲ ޙިލްމީ
24 ފެބްރުއަރީ 2020މ.

މަޢުލޫމާތުގެ ޙިއްޞާ:
މުޙައްމަދު އިބްރާހީމްދީދީ އަލަމާގެ/ދާންދޫ، ޢާއިޝަތު އިބްރާހީމްދީދީ ބުލްބުލާގެ/ދާންދޫ، މުޙައްމަދު ވަޙީދު ބުލްބުލާގެ/ދާންދޫ، އަޙުމަދު ސަޢީދު ފޫޅުމާގެ/ގައްދޫ، ޢަބުދުއްލަޠީފު ދަލާސްޓް/ދާންދޫ، މުޙައްމަދު ނަޞީރު ގުލްފާމުގެ/ދާންދޫ، ޚަދީޖާ ޙުސައިންދީދީ މިޔުޒިކްހޯމް/ ގދ.ތިނަދޫ، މުޙައްމަދު އަޙުމަދު ދިއްލަގީ/ގދ.ތިނަދޫ، މުޙައްމަދު ޒުހައިރު ޖޭނެސްޓް/ގދ.ތިނަދޫ، އާދަމް ސަޢީދު ވެސްޓްލައިޓް/ގދ.ތިނަދޫ، "އެކިއެކި ކަންކަން ހިނގިގޮތް" ފޮތް، "ވިޔަފާރިމިއަދު" ނޫސް