އަތިރީގޭ އިބްރާހީމް ދޮށިމޭނާ ކިލެގެފާނުގެ މަންމަ










ތަޢާރަފު:

އަތިރީގޭ އިބްރާހީމް ދޮށިމޭނާ ކިލެގެފާނަކީ ހިޖުރީ ގޮތުން ސާދަ ވަނަ ގަރުނުގެ ތެރޭގައި- މީލާދީން 19 ވަނަ ގަރުނުގެ ފަހުކޮޅު- ރާއްޖޭގެ ސިޔާސަތުގައި ވިދި އެންމެ އަލިގަދަ ތަރިއެވެ. އެދުވަސްވަރުގެ ސިޔާސީ މައިދާނުގެ ބަޠަލެވެ. ހަ ރަސްކަލުންގެ ބޮޑު ވަޒީރުކަން ކުރެއްވި ސިޔާސީ ތަޖުރިބާކާރެކެވެ.

އިބްރާހީމް ދޮށިމޭނާ ކިލެގެފާނުގެ ބައްޕައަކީ ގަލޮޅުގޭ ޢަލީ ދޮށިމޭނާ ކިލެގެފާނެވެ. ނަމަވެސް އެ ކިލެގެފާނުގެ މަންމައާ މެދު ޗާޕުވެފައިވާ އިހުގެ ދެ ފޮތެއްގައި ދެ ގޮތަށް ލިޔެފައިވެއެވެ. އެއް ފޮތަކީ އެކިލެގެފާނުގެ ކާފަ ދަރިކަލުން މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު ލިޔުއްވި: ސުމުއްވުލް އަމީރުލް ޙާއްޖު އިބްރާހީމް ދޮށިމޭނާ ކިލެގެފާނު މިޒަމާނުގެ، ދިވެހިރާއްޖޭގެ ޙަޤީޤީ ބައްޕަ- މި ފޮތެވެ. އަނެއް ފޮތަކީ ދޮންތުއްކަލާ (މީރުބަހުރުގޭ މުޙައްމަދު އިސްމާޢީލު ދީދީ) ލިޔުއްވި އޭނަގެ "ބައްޕަގެ ހަނދާން" މިފޮތެވެ. އެހައި އިހުގެ- ނަމަވެސް އެއް ލިޔުން އަނެއް ލިޔުމާ މާ ދުރު ނޫން- ދެ ލިޔުމެއްގައި ނަމާ އަދި އެ މީހެއްގެ ބައްޕަގެ ނަން ވެސް މުޅިން ދެ ގޮތަކަށް އޮތުމުން މިކަން ވަނީ ސުވާލަކަށާއި ޙައިރާން ކަމަކަށް ވެފައެވެ. މި މައުޟޫޢު ދިރާސާގެ ގޮތުން އަދި އެއްވެސް ލިޔުންތެރިޔަކު ބަހުސް ކުރައްވައިފައެއް ނުވެއެވެ.

ބަޙުސް:

މުޙައްމަދު އަމީން އެމަނިކުފާނުގެ ކާފަގެ ހަނދާނުގައި ލިޔުއްވި ފޮތް، ސުމުއްވުލް އަމީރުލް ޙާއްޖު އިބްރާހީމް ދޮށިމޭނާ ކިލެގެފާނު މި ޒަމާނުގެ، ދިވެހިރާއްޖޭގެ ޙަޤީޤީ ބައްޕަ- ޗާޕުވެފައި ވަނީ ހިޖުރައިން 1369 ވަނަ އަހަރުއެވެ. އެއީ މީލާދީން 1950 ވަނަ އަހަރެވެ. މިފޮތުގައި މުޙައްމަދު އަމީން ލިޔުއްވަނީ:
އިބްރާހީމް ދޮށިމޭނާ ކިލެގެފާނުގެ މަންމަ އަކީ، ދީނު ކަލޭފާނުގެ މަރިޔަމްމަނިކެ ކަމަށެވެ. އަދި މި މަރިޔަމްމަނިކެ އަކީ ޢަލީ ދޮށިމޭނާ ކިލެގެފާނުގެ ފުރަތަމަ އަނބިކަނބަލުން ކަމަށެވެ. ޢަލީ ދޮށިމޭނާ ކިލެގެފާނަށް މި ބަނޑުފުޅުން ތިން އަންހެން ބޭފުޅުން ލިބިވަޑައިގަތެވެ. (ޞ.17) ދަށުރޮނގު ދެމީ އަޅުގަނޑެވެ.

އަނެއް ފޮތަކީ ބައްޕަގެ ހަނދާން- މިފޮތެވެ. ފޮތް ލިޔުއްވީ ދޮންތުއްކަލާ (މީރުބަހުރުގޭ މުޙައްމަދު ދީދީ ނުވަތަ މުޙައްމަދު އިސްމާޢީލު ދީދީ) އެވެ. މީރުބަހުރުގޭ މުޙައްމަދު ދީދީ އަކީ ދުރުން ނަމަވެސް އަތިރީގޭ ޢާއިލާގެ ބޭފުޅެކެވެ. މި ފޮތް ޗާޕުވި އަހަރު އެނގޭކަށް ނެތެވެ. ފޮތް ފާސްކުރި ކާޑުގައި ވަނީ މީލާދީން 1961 ވަނަ އަހަރު އަދި ހިޖުރައިން 1380 ވަނަ އަހަރެވެ. ނަމަވެސް ފޮތުގެ ތަޢާރަފުގައި ޝައިޚު ޢަބްދުﷲ ފަހުމީ ދީދީ ލިޔުއްވާފައިވާ ލިޔުއްވުމުގެ ތާރީޚުން އެނގޭ ގޮތުގައި މި ފޮތް ވަނީ ހިޖުރައިން 1371 ވަނަ އަހަރު (މީލާދީން 1952 ވަނަ އަހަރު) ގެ ތެރޭގައި ލިޔުއްވައި ނިންމަވައިފައެވެ. މި ފޮތުގައި މީރުބަހުރުގޭ މުޙައްމަދު ދީދީ ލިޔުއްވަނީ:
އިބްރާހީމް ދޮށިމޭނާ ކިލެގެފާނުގެ މަންމަ އަކީ ހޮޅުދޫ ނެވިންގޭ ދޮންކޮއްކޯ ގެ ދޮންމަނިކާ އެއްބަނޑުއެއްބަފާ ފާޠިމާމަނިކެ ކަމަށާއި އަދި މިއީ ދޮންމަނިކުގެ ދައްތަ ކަމަށެވެ. އަދި ޢަލީ ދޮށިމޭނާ ކިލެގެފާނުގެ ތުއްތީދީ އާއި ދޮންދީދީގެ މަންމައަކީ ވެސް އެއީ ކަމަށެވެ.(ޞ.4) ދަށުރޮނގު ދެމީ އަޅުގަނޑެވެ.

މުޙައްމަދު އަމީނު ލިޔުއްވާ ގޮތުގައި ތުއްތީދީއާއި ދޮންދީދީގެ އިތުރަށް ސަންފާދީދީއެއްގެ ނަންފުޅުވެއެވެ. (ކުރިން އިސްވެދިޔަ ޙަވާލާ، އެ ސަފުޙާ) ނަމަވެސް މުޙައްމަދު ދީދީ މި ސަންފާދީދީގެ ނަންފުޅެއް ނުލިޔުއްވައެވެ. ފަހަރުގައި ތުއްޕުޅު އިރު -ނުވަތަ މުޙައްމަދު ދީދީ ފޮތް ލިޔުއްވި އިރު- އެބޭފުޅަކު އަވަހާރަވެފައި ވާތީ ނުލިޔުއްވީ ކަމަށް ވެދާނެއެވެ. ނަމަވެސް އެއީ ލިބިވަޑައިގަތް ބޭފުޅެއް ނަމަ ލިޔުއްވަން ޖެހެއެވެ.

މީރުބަހުރުގޭ މުޙައްމަދު ދީދީގެ ފޮތުގައި ޚުދު މުޙައްމަދު އަމީނުގެ ދިގު ދީބާޖާއެއް ވެއެވެ. ތާރީޚެއް ނެތެވެ. އެ ދީބާޖާގައި ފޮތުގައި ހިމެނޭ އެއްވެސް ކަމަކާމެދު އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ! މުޙައްމަދު އިސްމާޢީލް ދީދީގެ ފޮތަކީ މުޙައްމަދު އަމީނުގެ ފޮތަށް ވުރެ- ފޮތް ފާސްކުރި ކާޑުގެ ތާރީޚަށް ހަމައެކަނި ބެލި ނަމަވެސް- އެގާރަ ވަރަކަށް އަހަރު ފަހުގެ ފޮތެކެވެ. މުޙައްމަދު ދީދީ ފޮތް ލިޔުއްވި އިރު މުޙައްމަދު އަމީނު ހެޔޮ ހާލުކޮޅުގައި ދުނިޔޭގައި ހުންނެވިއެވެ. މުޙައްމަދު އަމީނު ލިޔުއްވާފައިވާ ގޮތާ ތަފާތުކޮށް މުޙައްމަދު އިސްމާޢީލު ދީދީގެ ފޮތުގައި އެތަން ލިޔުއްވުމުގެ ކުރިން އެކަމާ މެދު މުޙައްމަދު އަމީނާ ވާހަކަ ދައްކަވަން ޖެހެއެވެ. އަދި އެކަން މުޙައްމަދު އިސްމާޢީލު ދީދީގެ ފޮތުގައި ބަޔާން ކުރައްވަން ވެސް ޖެހެއެވެ. އަދި އޭނަ ލިޔުއްވި ގޮތް އިޚުތިޔާރު ކުރެއްވީ ކޮން މަޞްދަރެއްގެ މައްޗަށް ކަން ވެސް އެނގެން ޖެހެއެވެ.

ދިރާސާ ކުރުމުގެ އުޞޫލު ނިޔާކުރާ ގޮތުން ތިމާ މައުޟޫޢަކަށް ލިޔުމުގެ ކުރިން އެ މައުޟޫޢުގައި ލިޔެވިފައި ހުރި ލިޔުންތައް ހޯދައި ކިޔަން ޖެހެއެވެ. އަދި އެހެން މީހަކާ ތަފާތު ގޮތަކަށް ކަމެއް ލިޔާނަމަ އެކަން އެ ގޮތަށް ލިޔުނު ސަބަބު -ތަރުޖީޙު ކުރި ސަބަބު- ލިޔަން ޖެހެއެވެ.

ކޮލި ޙަސަން މަނިކު ލިޔުއްވާފައިވާ- ޗާޕުނުވާ- ނަސަބާ ބެހޭ ފޮތެއްގައި ވަނީ އިބްރާހީމް ދޮށިމޭނާ ކިލެގެފާނުގެ މަންމަ އަކީ ދީނު ކަލޭފާނުގެ މަރިޔަމްމަނިކެ އެވެ. އަދި މި ބަނޑުފުޅުން ތިން އަންހެން ބޭފުޅުން ވެސް ލިބިވަޑައިގަތް ކަމަށް ލިޔުއްވާފައިވެއެވެ. (ޞ.147) ނަމަވެސް ޙަސަން މަނިކު، ހައިރާންވާ ކަހަލަ ވާހަކައެއް ލިޔުއްވާފައި ވެއެވެ. އެއީ ގަލޮޅުގޭ ޢަލީ ދޮށިމޭނާ ކިލެގެފާނު ހޮޅުދޫ ނެވިންގޭ ދޮންކޮއްކޯގެ ފާޠިމާމަނިކެ އާ ކައިވެނި ބެއްލެވި ކަމަށާއި ނަމަވެސް "ދަރިއަކު ނެތް" ވާހަކައެވެ. (ކުރީގެ ޙަވާލާ، އެ ސަފުޙާ)

މަރަދޫ މުދިންބޭ އަތުން ލިބިފައިވާ ލިޔުމެއް ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ އާރކައިވުގައި އޮތެވެ. އެ ލިޔުމުގައި 26/2/65 މި ތާރީޚު ޖަހާފައިވެއެވެ. ވީމާ އެއީ ހިޖުރައިން 1365 ވަނަ އަހަރުގެ ޞަފަރު މަހުގެ 26 ދުވަހުގެ ތާރީޚެވެ. މީލާދީން އެއީ 1946 ޖަނަވަރީ 30 އެވެ. މި ލިޔުމުގައި ވަނީ:
"މަރަދޫ ފުއްބޮލާ މޫސާކަލޯ ގެ މަރަދޫ މުދިންގޭ ބޮޑު ކަތީބު މަނިކު މާލެ ގެންނަވައި ހެންވޭރު ޚަޠީބުކަން ދެއްވިއެވެ. މީނަ ކައިވެނި ބެއްލެވީ ފިނޭ މީހަކާއެވެ. ލިބިލެއްވީ އާމިނާމަނިކެ އާއި މަރަދޫ ކުޑަ ޚަޠީބެވެ. މި އާމިނާމަނިކެ ހޮޅުދޫ ނެވިންނާ ކައިވެނި ބައްލަވައިގެން ލިބިލެއްވީ މަރިޔަމްމަނިކެ އެވެ. މި މަރިޔަމްމަނިކެ އަކީ އަތިރީ ދޮށިމޭނާ ކިލެގެފާނުގެ މަންމަ އެވެ." ދަށުރޮނގު ދެމީ އަޅުގަނޑެވެ.

މި "މަރަދޫ މުދިންބޭ" އަކީ އައްޑޫ މަރަދޫ މުދިންގޭ "މުދިންބެއާ" އެވެ. ޢަރަބި ނަމަކީ އިބްރާހީމެވެ. ނަމަވެސް އެ އަތޮޅު މީހުން އޭނަ ދަންނަނީ މުދިންބެއާ ގެ ނަމުންނެވެ. މުދިންބޭގެ ލިޔުމުގައި ވަނީ: މަރަދޫ މުދިންގޭ ބޮޑު ކަތީބުގެ ބައްޕަ އަކީ "މަރަދޫ ފުއްބޮލާ މޫސާކަލޯ" އެވެ. މި ނަން އޮޅުމެއް ނެތި ނުބައެވެ. އޭނަ ބުނުއްވާ މަރަދޫ މުދިންގޭ ބޮޑު ކަތީބަކީ މަރަދޫ މުޙައްމަދު ޚަޠީބު ބޮޑު ނައިބު ތަކުރުފާނެވެ. ނުވަތަ އައްޝައިޚުލް ފަޤީހުލް ޚަޠީބު މަރަދޫ މުޙައްމަދެވެ. މީނަގެ ބައްޕައަކީ މަރަދޫ އިބްރާހީމް ބޮޑު ނައިބު ތަކުރުފާނެވެ. އަދި ކިއެއްތަ، "މަރަދޫ ބޮޑު ކަތީބު މަނިކު" ގެ ހޫރު ކާފަ އާއި ހަމައަށް ވެސް "މޫސާ" ކިޔާ މީހެއްގެ ނަމެއް ނެތެވެ. (ތާރީޚު އިސްލާމި ދީބާމަޙަލް، ޞ.108؛ ދިވެހިތާރީޚު، ޞ.250؛ މާލޭ މިސްކިތްތައް، ފާރުރީތި މިސްކިތުގެ ގަބުރުސްތާނުގެ ލިޔުންތައް، ޞ.41). މި މަރަދޫ ކަތީބުގޭ ކަތީބު މަނިކު ނުވަތަ މުޙައްމަދު ޚަޠީބު ބޮޑު ނައިބު ތަކުރުފާނު ނިޔާވީ 1213 ޝައްވާލު 7 ވީ ބުރާސްފަތި ދުވަހުއެވެ. ވަޅުލެވުނީ މާލޭ ފާރުރީތި މިސްކިތުގެ ގަބުރުސްތާނުގައެވެ. މި މަރަދޫ ކަތީބުގޭ ކަތީބު މަނިކުގެ އައިމިނާ މަނިކެ ނިޔާވީ ހިޖުރައިން 1256 ވަނަ އަހަރު ޞަފަރު މަހު 7 ވީ ބުރާސްފަތި ދުވަހުއެވެ. ވަޅުލެވުނީ ފާރު ރީތި މިސްކިތުގެ ގަބުރުސްތާނުގައެވެ. (މާލޭ މިސްކިތްތައް، ފާރުރީތި މިސްކިތުގެ ގަބުރުސްތާނުގެ ލިޔުންތައް، ޞ42،41).

މަރަދޫ މުދިންބޭގެ ލިޔުމުގައި އަދިވެސް ނުބައެއް އޮތްކަމަށް ފެނެއެވެ. މުދިންބެ ބުނުއްވަނީ މަރަދޫ މުދިންގޭ ކުޑަ ޚަޠީބަކީ މަރަދޫ މުދިންގޭ ބޮޑު ކަތީބުގެ ދަރިކަލެއް ކަމަށެވެ. ނަމަވެސް ބޮޑު ކަތީބު މަނިކާ އެއްބަފާ ޚަޠީބު ޢަލީ ނައިބު ތަކުރުފާނެއް ހުންނެވިއެވެ. މީނަ އުޅުއްވީ މާލޭގައި ނައިބުކަމުގައެވެ. ފަހުން ނައިބުކަމާ އެކު ޚަޠީބުކަން ވެސް ދެއްވިއެވެ. (ތާރީޚު އިސްލާމި ދީބާމަޙަލް،ޞ.112؛ ދިވެހިތާރީޚު،ޞ.259) ޤަބޫލު ކުރެވެނީ މުދިންބޭ އެ ބުނުއްވާ ކުޑަ ކަތީބަކީ މިއީ ކަމަށެވެ.

ދެން އަޅުގަނޑު މި ނަކަލު ކުރަނީ ހެންވޭރުގޭ މުޙައްމަދު ޢަބްދުއްޞަމަދު ދީދީ ގެ ލިޔުއްވުމެކެވެ. އޭނާ އަކީ ދިވެހި ތާރީޚާ ބެހޭ ވަރަށް މުހިންމު ލިޔުންތަކާއި ދިވެހި ދަރިކޮޅާއި ބެހޭ ލިޔުންތަކެއް ލިޔުއްވި ބޭފުޅެކެވެ. އޭނަގެ ލިޔުއްވުންތަކަކީ ވަރަށް އިތުބާރު ހުރި ލިޔުންތަކެކެވެ. އޭނަ ލިޔުއްވައެވެ.
ހަކުރާގޭ ތުއްތޭބެ 1365 ވަނަ އަހަރު ޝަޢުބާން މަހު 12 ވީ ހުކުރު ދުވަހު ވިދާޅުވީ، އިބްރާހީމް ދޮށިމޭނާކިލެގެ މަންމަޔަކީ ހޮޅުދޫ ނެވިގޭ ދޮންމަނިކުއާ އެއްބަޑު ފާތިމާމަނިކެ އެވެ. ދީން ދައިތަގެ މަންމައީ ވެސް މި ފާތިމާ މަނިކެއާ އެއްބަޑު އެއްބަފާ މީހެކޭ. ދޮންމަނިކު އެހެން ބަފައެކެވެ. އަނެއް ދެބޭންގެ ބައްޕަޔަކީ ޙުސައިން ކަލޭގެފާނު ނަމަކަށް ކިޔާ މީހެކެވެ. ދޮންމަނިކުގެ ޢަބްދުﷲ ބޭބެ ވެސް މިހެން ބުނުއްވީ.

މި ލިޔުމުގައި  ހެންވޭރުގޭ މުޙައްމަދު ޢަބްދުއް ޞަމަދު ދީދީ އެ ވިދާޅުވާ "ހަކުރާގޭ ތުއްތޭބެ" އަކީ ހެންވޭރުގޭ މުޙައްމަދު ދީދީއަށް ވުރެ މާ ދުވަސްވީ ބޭފުޅެކެވެ. ތަފާތު އުފެދިގެން މިއުޅޭ ކަންތަކުގެ ޒަމާނާ އެހެން ބޭފުޅުންނަށް ވުރެ ކައިރި ބޭފުޅެކެވެ. "ޒަމާން ކައިރިވުން"– މިއީ ވެސް އެ ބޭފުޅެއް ވިދާޅުވާ ގޮތަށް ބޮޑަށް ބުރަވާން ޖެހޭ ސަބަބެކެވެ.

ހަކުރާގޭ ތުއްތޭބެ އަކީ އިބްރާހީމް ރަސްގެފާނުގެ ރަންދި ކަނބާފާނުގެ ޢާއިޝާ މަނިކުފާނު (ބުއްދީދީގެ މާމަ) ގެ އެސްޖެހި ގަނޑުވަރު ދޮށީދީދީ (އަންހެން) ގެ ހަކުރާގޭ ތުއްތީދީ(ޙުސައިން ދީދީ) އެވެ. މީނާއަށް ބުއްދީދީ- މިހެން ވެސް ކިޔައެވެ.

ނިންމުން:

އަތިރީގޭ އިބްރާހީމް ދޮށިމޭނާ ކިލެގެފާނުގެ މަންމަ އާމެދު 5 ގޮތަކަށް ލިޔެވިފައި ވެއެވެ.
1- ހެންވޭރުގޭ މުޙައްމަދު ޢަބްދުއް ޞަމަދުދީދީ (ހެންވޭރުގޭ މުޙައްމަދު ދީދީ)
ޙުސައިން ކަލޭގެފާނުގެ ފާތިމާމަނިކެ

2- ދޮންތުއްކަލާ (މުޙައްމަދު އިސްމާޢީލު ދީދީ)
ހޮޅުދޫ ނެވިންގޭ ދޮންކޮއްކޯގެ ފާތިމާމަނިކެ. 
މި ފާޠިމާ މަނިކެއާ ހޮޅުދޫ ނެވިންގޭ ދޮންކޮއްކޯގެ ދޮންމަނިކާ އެއްބަނޑު އެއްބަފައެވެ. ދޮށީ ފާޠިމާ މަނިކެއެވެ.

3- މުޙައްމަދު އަމީނު
ދީން ކަލޭފާނުގެ މަރިޔަމްމަނިކެ

4- މަރަދޫ މުދިންބެ
ހޮޅުދޫ ނެވިންގެ މަރިޔަމްމަނިކެ

5- ކޮލި ޙަސަން މަނިކު
ދީން ކަލޭފާނުގެ މަރިޔަމްމަނިކެ

"ދީނު ކަލޭފާނު" އަކީ ހެންވޭރުގޭ މުޙައްމަދު ޢަބްދުއް ޞަމަދު ދީދީ ގެ ލިޔުއްވުމުގައި އެ ވާ ޙުސައިން ކަލޭފާނެވެ. އޭނާއަށް ދީނު ކަލޭފާނު– ކިޔަނީ އޭނާގެ ގެ "ދީނުގެ" އަށް ނިސްބަތް ކޮށެވެ. ކޮލި ހަސަން މަނިކު ލިޔުއްވި ނަސަބު ފޮތުގައި ވާ ގޮތުން ގަސްދޮށުގޭ އަޙްމަދު ހަކުރާ މަނިކުފާނުގެ ގަސްދޮށުގޭ ޢާއިޝާ ދީދީ އާ ދީނުގޭ ޙުސައިން ކަލޭފާނު ކައިވެނި ބެއްލެވިއެވެ. ނަމަވެސް ބޭފުޅަކު ނެތެވެ. މި ޢާއިޝާ ދީދީ އަވަހާރަވީ ހިޖުރައިން 1308 ވަނަ އަހަރުގައި ކަމަށް ލިޔުއްވައެވެ. އެއީ މީލާދީން 1890 ވަނަ އަހަރެވެ. (ޞ،133) ވީމާ ދީނު ކަލޭފާނަކީ ހިޖުރައިން 1200 ގެ ތެރޭގައި އަދި މީލާދީން 1800 ގެ އަހަރުތަކުގެ ތެރޭގައި މާލޭގައި އުޅުއްވި ކަމުވޮށިގެންވާ ބޭކަލެކެވެ.

އިސްވެ ހުށަހެޅުނު ލިޔުންތަކަށް– ރިވާޔަތާއި ދިރާޔަތުގެ ގޮތުން- ވިސްނާއިރު އިތުބާރުކަން ބޮޑީ ހެންވޭރުގޭ މުޙައްމަދު ދީދީ ހަކުރާގޭ ތުއްތީދީއާ ޙަވާލާ ދެއްވާ ލިޔުއްވާފައިވާ ލިޔުއްވުމެވެ. އެއީ އަތިރީގޭ އިބްރާހީމް ދޮށިމޭނާ ކިލެގެފާނުގެ މަންމަ އަކީ މަރަދޫ މުޙައްމަދު ބޮޑު ނައިބު ތަކުރުފާނުގެ ދަރިކަލުން އާމިނާ މަނިކެ ގެ ފަތިމާ މަނިކެ އެވެ. މި އާމިނާ މަނިކެ ނިޔާވީ 1256 ޞަފަރު 27 ވީ ބުރާފަތި ދުވަހު ގައެވެ. މީލާދީން އެއީ 1840 އެޕްރީލް 30 ވީ ބުރާސްފަތި ދުވަހެވެ. ވަޅުލެވުނީ މާލޭ ފާރު ރީތި މިސްކިތުގެ ޤަބުރުސްތާނުގައެވެ. (މާލޭ މިސްކިތްތައް، ޞ،42) މި ފާޠިމާ މަނިކެގެ ބައްޕައަކީ މާލޭ ދީނުގޭ ޙުސައިން ކަލޭފާނެވެ. ނުވަތަ ދީނު ކަލޭފާނެވެ. އަދި ހޮޅުދޫ ނެވިގޭ ދޮންމަނިކަކީ އެ ފާޠިމާ މަނިކެއާ އެއްބަނޑު ވަކި ބަފާ ފާޠިމާ މަނިކެއަށް ވުރެ ހަގު ބޭކަލެކެވެ.

މުޙައްމަދު އަމީނާއި މަރަދޫ މުދިންބެ އާއި ކޮލި ޙަސަން މަނިކުގެ ލިޔުއްވުމުގައި ވާ "މަރިޔަމް މަނިކެ " އަކީ ހެންވޭރުގޭ މުޙައްމަދު ޢަބްދުއް ޞަމަދު ދީދީ ގެ ލިޔުމުގައި -ހަކުރާގޭ ތުއްތީދީ ވިދާޅުވާ- ވާ "ދީން ދައިތަ" ގެ މަންމަ ކަމަށް ފެނެއެވެ.
                 ----------------

މުޞަންނިފު: އަލްއުސްތާޛު މުޙައްމަދު ވަޙީދު ނަދްވީ

ޙަވާލާ
1- މުޙައްމަދު އަމީނު: ސުމުއްވުލް އަމީރުލް ޙާއްޖު އިބްރާހީމް ދޮށިމޭނާ ކިލެގެފާނު މި ޒަމާނުގެ، ދިވެހިރާއްޖޭގެ ޙަޤީޤީ ބައްޕަ، ޗާޕުކުރި ތަން ނެތް، 1369ހ.
2- ދޮންތުއްކަލާ: ބައްޕަގެ ހަނދާން، ޗާޕު ކުރި ތަނާއި އަހަރު ނެތް.
3- މާލޭގެ މިސްކިތްތައް، ޗާޕު ކުރި ތަނާއި އަހަރު ނެތް، ނެރުނީ، ޑިޕާޓްމަންޓް އޮފް އިންފޮރމޭޝަން އެންޑް ބްރޯޑްކާސްޓިންގ.
4- ޙަސަން އަޙްމަދު މަނިކު، ދިވެހިންގެ ނަސަބާ ބެހޭ ފޮތެއް، ޗާޕު ނުވާ، ތާރީޚާއި އަހަރު ނެތް.
5- މުޙައްމަދު ޢަބްދުއް ޞަމަދު ދީދީ، ދިވެހީންގެ ނަސަބާ ބެހޭ ފޮތެއް، ޗާޕު ނުވާ، ތާރީޚާއި އަހަރު ނެތް.
6- މަރަދޫ މުދިންބެ- މަރަދޫ މުދިންބެ އަތުން މަރަދޫ ބޮޑު ކަތީބުގެ ދަރިކޮޅާއި ބެހޭ ހޯދައިފައިވާ ލިޔުމެއް، ލިޔުމުގައިވާ ތާރީޚަކީ 26/2/65، ދިވެހިބަހާއި ތާރީޚަށް ޚިދުމަތް ކުރާ ޤައުމީ މަރުކަޒުގެ އާރކައިވް.
7- ޙަސަން ތާޖުއްދީނު: ތާރީޚު އިސްލާމި ދީބާމަޙަލް، ތަޙުޤީޤު، ހިކޮއިޗީ ޔަޖިމާ، ޓޯކިޔޯ1982.
8- ދިވެހިތާރީޚު، ޗާޕު ކުރި ތަން ނެތް، 1993 ދެވަނަ ޗާޕު، ނެރުނީ، ދިވެހިބަހާއި ތާރީޚަށް ޚިދުމަތް ކުރާ ޤައުމީ މަޖްލިސް.