ކީރިތި ނަބިއްޔާގެ ޒިޔާރަތްފުޅު، މަސްޖިދުއްނަބަވީން އެއްފަރާތްކުރުން













މި ލިއުމުގައި ވަނީ، ލިއުންތެރިޔާގެ އަމިއްލަ ފިކުރާއި ޚިޔާލު ނޫންކަމާއި، މި ލިއުމުގައި ވަނީ، މަޢުލޫމާތުގެ މަޞްދަރުތަކުގައިވާ ފިކުރާއި ޚިޔާލުކަން ކިއުންތެރިންގެ ސަމާލުކަމަށްޓަކައި ދަންނަވަމު އެވެ.

ކީރިތި މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ގެ ޒިޔާރަތްފުޅު، މަސްޖިދުއްނަބަވީން ބޭރުކުރުމުގެ ވާހަކަ ފެންމަތިވެގެން އައީ، "އިމާމް މުޙައްމަދު ބްނު ސަޢޫދު އިސްލާމިކް ޔުނިވަރސިޓީ" (Imam Muhammad ibn Saud Islamic University)، (جامعة الإمام محمد بن سعود الإسلامية) އެވެ، ކިޔާ ޔުނިވަރސިޓީގެ ޝައިޚަކު ލިއުއްވި ދިރާސާއަކާ ވިދިގެންނެވެ. އެ ޝައިޚަކީ، ޑރ. ޢަލީ ބްނު ޢަބްދުލްޢަޒީޒު (الدكتور على بن عبد العزيز الشبل) އެވެ. އޭނާ ލިއުނު ދިރާސާގެ ނަމަކީ، "މަސްޖިދުއްނަބަވީ ޢިމާރާތްކުރުމާއި ކޮޓަރިކޮޅުތައް އެ މިސްކިތުގެ ތެރޭގައި ހިމެނުން، ޢަޤީދާގެ ދިރާސާއެއް" (عمارة مسجد النبي عليه السلام ودخول الحجرات فيه؛ دراسة عقدية) އެވެ. އެ ދިރާސާގައި އޭނާ ބަޔާންކޮށްފައިވާ ގޮތުގައި، މަސްޖިދުއްނަބަވީގެ ތެރެއަށް ކީރިތި މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ ޒިޔާރަތްފުޅު ވެއްދިފައިވަނީ، އިސްލާމީ ޝަރުޢީ ހަމަތަކާ ޚިލާފަށެވެ. އެހެންކަމުން، އެ ދިރާސާގައި ދީފައިވާ ލަފާ (Recommendations) ގައި އޭނާ ބުނެފައިވަނީ، މަސްޖިދުއްނަބަވީގެ ނަމާދުކުރާ ބައިގެ ތެރެއިން، ކީރިތި މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ ޒިޔާރަތްފުޅު، އެއްފަރާތްކުރުމަށެވެ.

މިވާހަކައަށް "ފޮނިތޮށި، ކާފޫރުތޮޅި" އިތުރުކޮށް، އިނގިރޭސިވިލާތުގެ އިންޑިޕެންޑެންޓް (The Independent) ނޫހުގައި ލިޔެފައިވަނީ، އިތުރުއެކަލޭގެފާނުގެ ޒިޔާރަތްފުޅު، އަލްބަޤީޢުގެ ޤަބުރުސްތާނަށް ގެންދިއުމަށް އެ ދިރާސާގައި ލަފާދީފައިވާ ކަމަށެވެ. މިކަމާ ދެކޮޅަށް ދުނިޔޭގެ ކަންކޮޅުތަކުގައި ބައެއް ފަރާތްތަކުން ނުރުހުން ފާޅުކުރަމުންދިޔައިރު، ސަޢޫދީ ޢަރަބިއްޔާއިން ވަކި އެއްޗެއް ނުބުނެ ހަމަހިމޭނުން އޮތެވެ. އަދި، އެ ޤައުމުގައި ދެ ޙަރަމްފުޅުގެ ކަންތައްތައް ބަލަހައްޓާ އިދާރާ އާއި، ބޮޑެތި ޢިލްމުވެރިންގެ މަޖިލިސް ވެސް އޮތީ ރައްދެއް ނުދީ ހަމަހިމޭނުންނެވެ. މިކަމަކީ، އެފަރާތްތަކުގެ ހިތްތަކުގައި، އިތުރުއެކަލޭގެފާނުގެ ޒިޔާރަތްފުޅާ ކުޅެލުމުގެ ނިޔަތް އެބައޮތް ކަމުގެ ދަލީލެއް ކަމަށާއި، ހަމަހިމޭންކަން އިޚުތިޔާރުކުރީ އިސްލާމީ ދުނިޔޭގެ ރައްދުފިޢުލު ނުވަތަ ރިއެކްޝަން ބަލައިލުމުގެ މަޤުޞަދުގައި ކަމަށް ބައެއް ފަރާތްތަކުން ބުނެފައިވެ އެވެ.

ކީރިތި މާތް ނަބިއްޔާގެ ޒިޔާރަތްފުޅާ ކުޅެލުމުގެ ނިޔަތް، ސަޢޫދީ ޢަރަބިއްޔާގައި އޮވެދާނެ ކަމަށް ބެލެވޭ ކިތަންމެ ކަމެއް ވަނީ ފެންމަތިވެފަ އެވެ. އޭން އެއްކަމަކީ، މިސްކިތްތަކުގެ ތެރޭގައި މަހާނަތައް ހުރުމާ ދެކޮޅަށް ސަޢޫދީގެ ދީނީ ސަގާފަތުގައި އޮންނަ ހަރުކަށި ވިސްނުމެވެ. އަދި، އިސްވެ ނަންގަނެވުނު ދިރާސާގައި ޝައިޚު ގެނެސްދީފައިވާ ބައެއް ކަންތައްތަކަކީ ވެސް ސުންނަތްޖަމާޢަތުގެ މުސްލިމުން ޤަބޫލުކުރާނެ ކަންތައްތަކެއް ނޫނެވެ. އޭގެތެރޭގައި، އިތުރުއެކަލޭގެފާނުގެ ޒިޔާރަތްފުޅުގެ ފާރުތަކުގައި ލިޔެފައިވާ މަދަޙައިގެ ބަސްތަކާއި އަޞްޙާބުބޭކަލުންގެ ނަންފުޅުތައް ފޮހެލުމަށާއި، މަސްޖިދުއްނަބަވީގެ ޤިބުލަފަރާތު ފާރު ތަޅައިލުމަށާއި، ޤިބުލަފަރާތުން މަސްޖިދުއްނަބަވީ ބޮޑުކުރުމަށް ދީފައިވާ ލަފާތައް ހިމެނެ އެވެ. މިފަދަ އެއްވެސް ކަމެއް، ސުންނަތްޖަމާޢަތުގެ އިޚުލާޞްތެރި މުސްލިމުން ޤަބޫލެއް ނުކުރާނެ އެވެ. އަދި އިތުރުއެކަލޭގެފާނުގެ ޒިޔާރަތްފުޅާއި ނަމާދުކުރާ ތަނާ ދެމެދުގައި ފާރެއް ރާނައި، އެ ޒިޔާރަތްފުޅު ނިވާކޮށްލަން ބުނެފައިވާ ބުނުމަކީ، އެ ޒިޔާރަތްފުޅުގެ ހަނދާންތައް މުސްލިމުންގެ ހިތްތަކުން ފުހެލުމަށްޓަކައި ސައްލާކޮށްގެން ރާވާފައިވާ ދުރުރާސްތާ ޕްލޭނެއްގެ ފުރަތަމަ ފިޔަވަހި ކަމަށް ވެސް ބައެއް ފަރާތްތަކުން ދެކެ އެވެ.

މަސްޖިދުއްނަބަވީ ޢިމާރާތްކޮށްފައިވާ ގޮތުގެ މައްޗަށް ބަލައިލަމުން ސަޢޫދީ ޝައިޚު ޑރ. ޢަލީ ބުނެފައިވަނީ، މަސްޖިދުއްނަބަވީއަކީ މުޅިން އިސްލާމީ ޢިމާރާތެއް ނޫން ކަމަށާއި، އެއީ އަހުލުކިތާބީން (ޔަހޫދީންނާއި ނަޞާރާއިން) ގެ ޢިމާރާތްކުރުމުގެ ފަންނު ކޮޕީކޮށްގެން ހަދާފައިވާ ޢިމާރާތެއް ކަމަށެވެ. އަދި ކީރިތި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި، އަބޫބަކުރުގެފާނާއި، ޢުމަރުގެފާނާއި، ޢާއިޝަތުގެފާނުގެ ޒިޔާރަތްފުޅު، މިސްކިތުގެ ތެރޭގައި ހިމެނޭ ގޮތަށް ޢިމާރާތްކޮށްފައިވަނީ، ޝަރުޢީ ހަމަތަކާ ޚިލާފަށް ކަމަށެވެ. އެހެންކަމުން ޢަޤީދާ ރަނގަޅު ޢިލްމުވެރިންގެ ޖަމާޢަތަކުން މަސްޖިދުއްނަބަވީ ދިރާސާކޮށް، އެ މިސްކިތުގައިވާ ދީނާ ޚިލާފު ބިދުޢަތައް ނެއްތައިލަންޖެހޭ ކަމަށް ވެސް ޝައިޚު ޑރ. ޢަލީ ބުނެފައިވެ އެވެ.

ޝައިޚު ޑރ. ޢަލީ އަށް އެންމެ ހަރުދަނާ ރައްދެއް ދެއްވި އެއް ފަރާތަކީ، މުހަންދިސް (އިންޖިނިއަރ) ޢަބްދުލްޙައްޤު (المهندس عبد الحق العتيبي) އެވެ. އޭނާއަކީ، މަދީނާގެ ތާރީޚާއި، އިސްލާމިކް އާކިޓެކްޗަރ ގެ މާހިރެކެވެ. އޭނާ ވިދާޅުވެފައިވަނީ، ޝައިޚު ޑރ. ޢަލީ ބުނެފައިވާ ކަންތައްތަކަކީ، ސަލާމަތް ބުއްދި ޤަބޫލުކުރާނެ ކަންތައްތަކެއް ނޫން ކަމަށެވެ. އަދި ޝައިޚުގެ ދިރާސާއިން އެނގޭ ގޮތުގައި އޭނާއަކީ، މަސްޖިދުއްނަބަވީގެ ތާރީޚާބެހޭ އެންމެ އާދައިގެ ކަންތައްތައް ވެސް ނުދަންނަ ޖާހިލެއް ކަމަށެވެ. މުހަންދިސް ޢަބްދުލްޙައްޤު ވިދާޅުވާ ގޮތުގައި، މަސްޖިދުއްނަބަވީގެ ޤިބުލަ ފަރާތުގެ ފާރު ތަޅައިލުމާއި، އެފަރާތުން މިސްކިތް ބޮޑުކުރުމަކީ، ކުރެވޭނެ ކަންތައްތަކެއް ނޫނެވެ. އެހެނީ، އެ ފާރުވަނީ، ޤިބުލަފަރާތުން މިސްކިތުގެ އިން ނިމޭ ހިސާބުގަ އެވެ. ސައްޔިދިނާ ޢުޘްމާނުގެފާނު ވެސް އަދި އެކަލޭގެފާނަށްފަހު މަސްޖިދުއްނަބަވީ ޢިމާރާތްކުރެއްވި އެހެން ބޭކަލުންވެސް އެ އިމަށްވުރެ ބޭރަށް މިސްކިތް ނުނެރުއްވަ އެވެ. އެ އިމަކީ، އުއްމުލްމުއުމިނީން ޞަފިއްޔަތުގެފާނު (أم المؤمنين السيدة صفية رضي الله عنها) ގެ ކޮޓަރިކޮޅު ނިމޭ ހިސާބެވެ.

އިންޑިޕެންޑެންޓް ނޫހުގައި ލިއުނު މަޒުމޫނާ ދެކޮޅަށް އެންމެ ބާރަށް އަޑުއުފުލި ފަރާތަކީ، އިސްލާމީ ތަޢުލީމާއި ޢުލޫމާއި ސަގާފަތާބެހޭ އޮގަނައިޒޭޝަން (Islamic Educational, Scientific and Cultural Organization) އެވެ. އެ އޮގަނައިޒޭޝަނުން ބުނެފައިވަނީ، އިންޑިޕެންޑެންޓް ނޫހުގައި ޝާއިޢުކޮށްފައިވަނީ ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި އެއީ، އިސްލާދީނާއި މުސްލިމުންގެ މައްޗަށް ހަސަދަވެރިވާ ބަޔަކު، އިސްލާމީ އުންމަތުގެ ތެރޭގައި ފިތުނަ އުފެއްދުމަށްޓަކައި ފެތުރި ބާޠިލު ވާހަކަތަކެއް ކަމަށެވެ. އެފަރާތުން ދެކޭ ގޮތުގައި، އެ ވާހަކަތަކުގެ އަމާޒަކީ، މިހާރު މެދުއިރުމަތީގެ އިސްލާމީ ޤައުމުތަކުގައި ހިނގަމުންދާ ހަނގުރާމައާއި ފިތުނައިގެ އަލިފާންގަނޑު އިތުރަށް ރޯކުރުމެވެ. މިފަދަ ކަންތައްތަކުގެ އަޑީގައި އަބަދުވެސް ތިބެނީ ޔަހޫދީންގެ ޞިހުޔޫނީ ޒަޔަނިސްޓް މުޖުރިމުންނާއި ނިރުމަޅަ އިސްތިޢުމާރީ ބާރުތަކެވެ. އެ އޮގަނައިޒޭޝަނުން ގޮވާލާފައިވަނީ، ކީރިތި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ ޒިޔާރަތްފުޅު އެހެން ތަނަކަށް ގެންދިއުމާބެހޭ ގޮތުން ދެކެވޭ އެއްވެސް ވާހަކައެއް، އެއްވެސް މުސްލިމަކު ޤަބޫލުނުކުރުމަށެވެ.

މުއާލާތް ކެނޑުނު ފަހުން، ސަޢޫދީ ޢަރަބިއްޔާގެ ބައެއް އިސްފަރާތްތަކުން ބުނެފައިވަނީ، ކީރިތި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ ޒިޔާރަތްފުޅު އެހެން ތަނަކަށް ގެންދިއުމުގެ އެއްވެސް ޕްލޭނެއް ސަޢޫދީ ސަރުކާރުން ރާވާފައި ނުވާނެ ކަމަށެވެ. އެހެނަސް އެކަމާބެހޭ ގޮތުން ވާހަކަދައްކާފައިވަނީ، ސަޢޫދީ ޢަރަބިއްޔާގެ ޔުނިވަރސިޓީއެއްގެ އެކަޑެމިކް މެމްބަރެކެވެ. އޭނާގެ ދިރާސާ ޝާއިޢުކޮށްފައިވަނީ، "މަޖައްލަތުލްޙަރަމައިނިއްޝަރީފައިނި" (مجلة الحرمين الشريفين (ޙުރުމަތްތެރިވެގެންވާ ދެ ޙަރަމްފުޅުގެ މަޖައްލާ) އެވެ، ކިޔާ މަޖައްލާގެ ފުރަތަމަ ޢަދަދުގަ އެވެ. އެއީ، ކޮންމެ ހަތަރުމަހުން އެއްމަހު ނެރޭ ޢިލްމީ މަޖައްލާއެކެވެ. އެ މަޖައްލާ ނެރެނީ، މަސްޖިދުލްޙަރާމާއި މަސްޖިދުއްނަބަވީ ބަލަހައްޓާ އިދާރާ އިންނެވެ. ސަޢޫދީ ސަރުކާރުން މަސްޖިދުއްނަބަވީ ބޮޑުކުރަން ނިންމާފައިވަނީ، އެ މަޖައްލާގައި ޝާއިޢުކޮށްފައިވާ ދިރާސާގައިވާ ގޮތަށް ނޫންކަން ފާހަގަކޮށްލަންޖެހެ އެވެ.

އެހެނަސް، އިސްލާމީ ދުނިޔޭގައި ދީނީ ޢިލްމުގެ ރޮނގުން އެންމެ ފުންނާބުއުސް މުއައްސަސާ ކަމުގައިވާ ޖާމިޢުލްއަޒުހަރުގެ ޢިލްމުވެރިން ވަނީ، "މަޖައްލަތުލްޙަރަމައިނިއްޝަރީފައިނި" (مجلة الحرمين الشريفين) މަޖައްލާގައި ޝާއިޢުކުރެވުނު ދިރާސާއާ ދެކޮޅަށް ވާހަކަދައްކަވާފަ އެވެ. އެބޭކަލުން ކަށަވަރުކޮށްދެއްވާ ގޮތުގައި، އެ ދިރާސާ ބިނާކޮށްފައިވާ ސަނަދުތަކަކީ، މުޅިން ބާޠިލު ސަނަދުތަކެކެވެ. އެ ދިރާސާގައި ލަފާދީފައިވާ ގޮތަށް ޢަމަލުކޮށްފިނަމަ، އެކަމުގެ ސަބަބުން މުޅި އިސްލާމީ އުންމަތުގައި ފިތުނައިގެ ބޮޑު އަލިފާންގަނޑެއް ރޯވާނެ އެވެ. އަދި ކީރިތި ޤުރުއާނާއި، ޠާހިރު ސުންނަތުގައި ބަޔާންވެގެންވަނީ، އެ ދިރާސާގައި ބުނެފައިވާ ގޮތާ ދިމާ އިދިކޮޅަށެވެ. މިކަމާބެހޭ ގޮތުން ވާހަކަދައްކަވަމުން، ޖާމިޢުލްއަޒުހަރުގެ ޢިލްމުވެރިއެއް ކަމަށްވާ ޑރ. ޝައްޙާތު (الدكتور الشحات الجندي) ވިދާޅުވެފައިވެ އެވެ.

"އެ ދިރާސާއަކީ، އިސްލާމީ އުންމަތް، ގެރިޒުވާބެއްގެ ނުރައްކާތެރި އަނދަވަޅަކަށް ވައްޓައިލާނެ އެއްޗެކެވެ. އެއީ، އިސްލާމީ އުންމަތުގެ ތެރޭގައި ފިތުނައިގެ އަލިފާންގަނޑެއް ރޯކޮށް، އޮޅުންބޮޅުމާއި އަނދިރީގެ ތެރެއަށް މުޅި އުންމަތް ގެންދިއުމަށްޓަކައި ކޮށްފައިވާ މަސައްކަތެކެވެ. ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްފަހު، މާތް މުޤައްދަސް ތަންތަނަށް ޒިޔާރަތްކޮށްއުޅުމަކީ، ޒަމާނުއްސުރެ މުސްލިމުންގެ ތެރޭގައި އޮންނަ ހަރުދަނާ އާދައެކެވެ."

ތެދެކެވެ. ޝައިޚު ޑރ. ޢަލީގެ ދިރާސާގައިވާ ގޮތަށް ޢަމަލުކޮށްފިނަމަ، މުސްލިމުންގެ އިސްލާމީ ޝަޚުޞިއްޔަތު ގެއްލި، ޔަހޫދީންގެ ކެހިވެރި ރޭވުންތައް ފުރިހަމަ ގޮތުގައި ކާމިޔާބުވާނެ އެވެ. ޔަހޫދީންނަކީ، އަބަދުވެސް ކީރިތި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ އަސަރުތައް ފޮހެލައި، އިތުރުއެކަލޭގެފާނާ މި އުންމަތާ ދުރުކުރަން އުޅޭ ބަޔެކެވެ. ޖާމިޢުލްއަޒުހަރުގެ ޢިލްމުވެރިން ވިދާޅުވެފައިވަނީ، މަސްޖިދުއްނަބަވީ ބޮޑުކުރުމާމެދު އެބޭކަލުން ދެކޮޅު ނަހައްދަވާނެ ކަމަށެވެ. އެހެނަސް އެކަން ކުރަންވާނީ، ކީރިތި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ ޒިޔާރަތްފުޅަށް އެއްވެސް އުނިކަމެއް ނާންނާނެހެން ކަމަށެވެ.

ޝައިޚު ޑރ. ޢަލީގެ ދިރާސާގައި ބުނެފައިވަނީ، މަހާނަތަކާއި ޒިޔާރަތްތަކުގެ މަތީގައި މިސްކިތް ބިނާކުރުމަކީ، އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫންކަމަށެވެ. އެހެނަސް، ސުންނަތްޖަމާޢަތުގެ މުޢުތަބަރު ޢިލްމުވެރިން ވިދާޅުވަނީ، އެއީ، އިސްލާމްދީނުގައި ހުއްދަ ކަމެއް ކަމަށެވެ. އެއީ ހުއްދަ ކަމެއްކަން ސާބިތުވާ އެއް ދަލީލަކީ، އަލްކަހުފު ސޫރަތުގެ 21 ވަނަ އާޔަތެވެ. ތިރީގައި މިވަނީ އެ އާޔަތުން ދަލީލު ލިބޭ ބަޔާއި، އެބައިގެ މާނަ އެވެ.

(فَقَالُوا ابْنُوا عَلَيْهِم بُنْيَانًا رَّبُّهُمْ أَعْلَمُ بِهِمْ قَالَ الَّذِينَ غَلَبُوا عَلَى أَمْرِهِمْ لَنَتَّخِذَنَّ عَلَيْهِم مَّسْجِدًا)
އަލްކަހުފު: 21

މާނައީ، "ފަހެ، އެއްބަޔަކު ބުނޫ އެވެ. އެ ޒުވާނުންގެ ވަށައިގެން ބިނާއެއް ހަދާށެވެ! އެ ޒުވާނުންގެ ކަންތައް ދެނެވޮޑިގަތުންބޮޑީ، އެއުރެންގެ ވެރިރަސްކަލާނގެ އެވެ. އެއުރެންގެ ކަންތަކުގެ މައްޗަށް ގަދަވެގަތް މީހުން ބުނޫ އެވެ. ހަމަކަށަވަރުން، ތިމަންމެން އެ ޒުވާނުން ތިބިތާނގައި، މިސްކިތެއް ބިނާކުރާނީ އެވެ."

މި އާޔަތުން، ސުންނަތްޖަމާޢަތުގެ ޢިލްމުވެރިން ދަލީލުދައްކަވާ ގޮތުގައި، މީހުން ވަޅުލާފައިވާ ތަންތާނގައި މިސްކިތް ބިނާކުރުމާއި، މިސްކިތުގެ ތެރޭގައި ޒިޔާރަތް ހުރުމަކީ، ހުއްދަ ކަމެކެވެ. އެފަދަ މިސްކިތްތަކުގައި ނަމާދުކުރުމުގެ މިސާލަކީ، އިބްރާހީމުގެފާނުގެ މަޤާމުފުޅުގެ ކައިރީގައި ޤިބުލައަށް ކުރިމަތިލައިގެންތިބެ ނަމާދުކުރުމުގެ މިސާލެވެ. ކީރިތި މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ނަހީކުރައްވާފައިވަނީ، މިސްކިތްތަކުގެ ތެރޭގައި ޒިޔާރަތް ހަދައި، އެއީ ޤިބުލަ ކަމަށް ބަލައި، އެއަށް ކުރިމަތިލައިގެން ތިބެ ނަމާދުކުރުމެވެ. ވައްހާބީ ޝައިޚުންގެ ބަހަށްވުރެ ބޮޑަށް ޤަބޫލުކުރެވެނީ، ސުންނަތް ޖަމާޢަތުގެ މުޢުތަބަރު ޢިލްމުވެރިންގެ މިބަސްފުޅެވެ. އެހެނީ، ޞައްޙަ ޙަދީޘްފުޅުތަކުގައި އަންގަވާފައިވަނީ، ނަމާދުކުރާ ޤިބުލަ ކަމުގައި ހެދުމަށްޓަކައި މިސްކިތްތަކުގެ ތެރޭގައި ޒިޔާރަތް ނުހެދުމަށެވެ.

ޢަރަބި ޤަބީލާތަކުގެ ނަސަބު ދިރާސާކުރާ އޮގަނައިޒޭޝަން (International Organization to investigate the genealogy of the Arab tribes) އިން ވެސް ވަނީ، ޝައިޚު ޑރ. ޢަލީގެ ދިރާސާއާ ދެކޮޅަށް އަޑުއުފުލާފަ އެވެ. އެ އޮގަނައިޒޭޝަނުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، މަހާނަތަކަށް ޒިޔާރަތްކުރުމަކީ ވައްހާބީ ޢަޤީދާގެ އަހުލުވެރިން ޤަބޫލުކުރާ ކަމެއްކަމުގައި ނުވިޔަސް، ކީރިތި މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ ޒިޔާރަތްފުޅު، އެހެން ތަނަކަށް ގެންގޮސްގެން ނުވާނެ ކަމަށެވެ. އަދި އިތުރުއެކަލޭގެފާނަކީ، ހަމައެކަނި ވައްހާބީންނަށް ޚާއްޞަވެގެންވާ ރަސޫލުބޭކަލެއް ނޫން ކަމަށާއި، އިތުރުއެކަލޭގެފާނަކީ، އެންމެހައި މުސްލިމުން ތަބާވާ ރަސޫލުބޭކަލެއް ކަމަށެވެ. އެހެންކަމުން، ހަމައެކަނި ވައްހާބީންގެ ޚިޔާލަށް ބުރަވެ، އިތުރުއެކަލޭގެފާނުގެ ޒިޔާރަތްފުޅަށް ގޮތްގޮތް ހަދައިގެން ނުވާނެ ކަމަށާއި، އެކަމުގައި އެހެން މަޒުހަބުތަކުގެ ދީނީ ޢިލްމުވެރިންނާ ވެސް މަޝްވަރާކުރަންޖެހޭނެ ކަމަށެވެ. ޝައިޚު ޑރ. ޢަލީ އާއި، އޭނާގެ ދިރާސާ ޤަބޫލުކުރި ފަރާތްތަކާއި އަދި މުޅި ދުނިޔެ ވެސް ދަންނަންޖެހޭނެ ޙަޤީޤަތެއް ވާކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ. އެ ޙަޤީޤަތަކީ، ޙިޖާޒުކަރައިގެ މީހުން ހިންގާ އެއްވެސް މަޝްރޫޢެއްގައި ކަޢުބަތުﷲ ގެފުޅާއި، ކީރިތި މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ ޒިޔާރަތްފުޅަށް ގެއްލުމެއް ދީގެން ނުވާނެ ކަމެވެ.
                                  ------------------

މިކަމާބެހޭ ގޮތުން ޚިޔާލު ފާޅުކުރި މީހަކު ބުނެފައިވެ އެވެ.

ކީރިތި މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ގެ ޒިޔާރަތްފުޅު މަސްޖިދުއްނަބަވީގެ ތެރޭގައި އޮތުމާއި، އަދި އެ ޒިޔާރަތްފުޅަށް ކުރެވޭ ސަލާމާއި، އެތާނގައި ކުރެވޭ ދުޢާތަކަކީ ޝިރުކުގެ ތެރެއިންވާ ކަންކަން ކަމަށްވަނީނަމަ، ނަޖިދުކަރައިގެ ވައްހާބީންގެ އިމާމުގެ ގޮވާލުމާ ޖެހެންދެން، ސަޢޫދީ ޢަރަބިއްޔާގައި ޝިރުކުކުރުން ނޫން ކަމެއް ނެތެވެ. ވައްހާބީ ގޮވާލުން ފާޅުވި އެންމެ ފުރަތަމަ ހިނދުކޮޅުން ފެށިގެން ދެ ޙަރަމްފުޅު ޚަރާބުކޮށްލުމަށްޓަކައި އެތައް ފަހަރަކު މަސައްކަތްކުރެވިފައިވެ އެވެ. އެހެނަސް އެ މަސައްކަތްތަކަށް ޢަމަލީ ސިފަ ނުގެނެވިގެން އުޅެނީ، އިސްލާމީ ދުނިޔެއިން ފާޅުކޮށްފާނެ ރުޅިވެރިކަމެއްގެ ބޮޑުކަމާހެދި ބިރުންނެވެ. ތިޔަބުނާ ޝައިޚު ޑރ. ޢަލީ ގެ ދިރާސާއަކީ ވެސް ދެ ޙަރަމްފުޅު ޚަރާބުކޮށްލުމަށްޓަކައި ކުރެވޭ މަސައްކަތްތަކުގެ ސިލްސިލާއިން ބޮޅެކެވެ. އެ ދިރާސާ ނެރުނީ ވެސް އެހެން މަޒުހަބުތަކުގެ މުސްލިމުން ދެކޭގޮތް ބަލައިލުމުގެ ބޭނުމުގަ އެވެ. ދުނިޔޭގެ ކަންކޮޅުތަކުން މުސްލިމުން ނުރުހުން ފާޅުނުކުރާނެނަމަ، މިހާރު ވައްހާބީން ވާނީ، ކީރިތި މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ ޒިޔާރަތްފުޅު ކޮނެ، އިތުރުއެކަލޭގެފާނުގެ ހަށިކޮޅު ވީނުވީތަނެއް ނޭނގޭނެހެން ކޮންމެވެސް ތާކަށް އެއްލައިލާފައިކަން ޔަޤީނެވެ.

އެހެން މީހަކު ބުނެފައިވެ އެވެ.

ޝައިޚު ޑރ. ޢަލީ ގެ ދިރާސާގައި ގެނެސްދީފައިވާ ފިކުރާއިޚިޔާލަކީ، އާ އެއްޗެއް ނޫނެވެ. އެއީ، ސަޢޫދީ ޢަރަބިއްޔާގެ ދީނީ މީހުންނާއި އެމީހުންގެ ޢަޤީދާ ޤަބޫލުކުރާ މީހުންގެ ބޮލުތެރޭގައި މާކުރިއްސުރެ ޚަޒާނާވެފައިވާ އެއްޗެކެވެ. ކީރިތި މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ގެ ޒިޔާރަތްފުޅު ދެކިލުމަށް ގޮސްއުޅޭއިރު އެމީހުން ދައްކާ ވާހަކައިން އަޅުގަނޑަށް ވެސް ވަނީ އެކަން އެނގިފަ އެވެ. ޙައްޖާއި ޢުމުރާގެ އަޅުކަން އަދާކުރަންދާ މީހުންގެ ގާތުގައި އެމީހުން ކޮންމެ އަހަރަކުމެ ދައްކައިއުޅޭ ވާހަކަތަކުން ވެސް އެކަން އެނގެ އެވެ. އިތުރުއެކަލޭގެފާނުގެ ހަށިކޮޅާއި ޒިޔާރަތްފުޅު މަސްޖިދުއްނަބަވީން ބޭރުކުރުމުގެ ޚިޔާލަކީ، 1980 ގެ މެދުތެރޭގެ އަހަރުތަކުގައި ވެސް ފާޅުކުރެވުނު ޚިޔާލެކެވެ. މިހާރު، ޝައިޚު ޑރ. ޢަލީ އެބަލައިލީ އެ ޚިޔާލު މުސްލިމުންނަށް ހަމަޖުކުރެވިފައިވާ މިންވަރުތާ އެވެ! އޭރުވެސް މުސްލިމުން އެ ޚިޔާލާ ދެކޮޅުހެދި އެވެ. މިހާރުވެސް މިވަނީ ދެކޮޅުހަދާފަ އެވެ. ކީރިތި ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ މާތް ޒިޔާރަތްފުޅާ ކުޅެލައިފިނަމަ، އިސްލާމީ ދުނިޔެ މަޑުން ނޯންނާނެކަން ދަންނާށެވެ!
                             ----------------------

މުޞަންނިފު: އަލްއުސްތާޛު ޢަބްދުލްމުޢީދު ޙަސަން


މިއީ، ކީރިތި މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ގެ ޒަމާނުގައި މަސްޖިދުއްނަބަވީ ހުރި ގޮތް ދައްކައިދޭ ނަމޫނާއެއްގެ ފޮޓޯއެކެވެ.

މިއީ، ހިޖުރައިން ހަތްވަނަ އަހަރު މަސްޖިދުއްނަބަވީ ބޮޑުކުރެވުނު މިންވަރު ދައްކައިދޭ ތަޅުމުގެޗާޓެކެވެ.

1-السيدة سودة بنت زمعة رضي الله عنها ގެ ކޮޓަރިކޮޅު.
2-السيدة عائشة رضي الله عنها ގެ ކޮޓަރިކޮޅު.
3-السيدة حفصة رضي الله عنها ގެ ކޮޓަރިކޮޅު.
4-السيدة زينب بنت خزيمة رضي الله عنها ގެ ކޮޓަރިކޮޅު.
5-السيدة رملة بنت أبي سفيان (امحبيبة) رضي الله عنها الله عنها ގެ ކޮޓަރިކޮޅު.
6-السيدة هند بنت أبي امية المخزومية (ام سلمة) رضي الله عنها ގެ ކޮޓަރިކޮޅު.
7-السيدة زينب بنت جحش رضي الله عنها ގެ ކޮޓަރިކޮޅު.
8-السيدة جويرية بنت الحارث رضي الله عنها ގެ ކޮޓަރިކޮޅު.
9-السيدة صفية بنت حيي ابن اخطب رضي الله عنها ގެ ކޮޓަރިކޮޅު.
10. السيدة فاطمة الزهراء ގެ ކޮޓަރިކޮޅު.
11. އަހުލުއްޞުއްފާ ނުވަތަ ޞުއްފާގެ އަހުލުވެރިން ތިބޭ ތަން.
12. މިޙުރާބުކޮޅު (މިޙުރާބުކޮޅަކީ ކީރިތި މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ސުވަރުގެވަޑައިގެންނެވި ފަހުން އިތުރުކުރެވުނު އުންސުރެކެވެ.)
13. މިންބަރުކޮޅު.
14. ބާބުއްނަބީ (މި ދޮރުކޮޅަށް ބާބުޖިބްލީލް އާއި ބާބު އާލު ޢުޘްމާނު ވެސް ކިޔަ އެވެ.)
15. އުތުރު ބިތުގައިވާ ދޮރުކޮޅު.
16. ބާބުއްރަޙުމާ (ނުވަތަ ބާބު ޢާތިކާ).
17. އައްރައުޟަތުއްޝަރީފާ ގެ އިން ފާހަގަކޮށްދޭ ރޮނގު.
18. ކީރިތި މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ގެ ޒަމާނުގައި މަސްޖިދުއްނަބަވީ ހުރި ވަރު ދައްކައިދޭ ރޮނގު.

ނޯޓް: މި ތަޅުމުގެޗާޓުގައި ވަނީ، ކޮޓަރިކޮޅުތަކުގެ ތަފުޞީލީ ކުރެހުމެއް ނޫނެވެ. މިއަށްވުރެ ތަފުޞީލުކޮށް ކުރަހާފައިވާ ޗާޓުތައް ވެސް ވެ އެވެ.

މަސްޖިދުއްނަބަވީގެ ނަމޫނާއެއްގެ ފޮޓޯ.


މަސްޖިދުއްނަބަވީގެ ނަމޫނާއެއްގެ ފޮޓޯ.

މަސްޖިދުއްނަބަވީގެ ނަމޫނާއެއްގެ ފޮޓޯ.

މިއީ، ކިންގ ޢަބްދުލްޢަޒީޒު އާލު ސަޢޫދު ބްނު އާލު މުރުދުޚާއި އަލްޔަހޫދީ ގެ ޒަމާނުގައި މަސްޖިދުއްނަބަވީ ބޮޑުކުރެވިފައިވާ މިންވަރު ދައްކައިދޭ ތަޅުމުގެޗާޓެކެވެ.

މިއީ، ކީރިތި ނަބިއްޔާ ޞައްލައް ﷲ ޢަލައިހި ވަސައްލަމަ ގެ ޒިޔާރަތްފުޅު ގެ ތަޅުމުގެޗާޓެވެ.

މިއީ، ކީރިތި ނަބިއްޔާ ޞައްލައް ﷲ ޢަލައިހި ވަސައްލަމަ ގެ ޒިޔާރަތްފުޅު ގެ ސެކްޝަނެކެވެ.

މިއީ، ކީރިތި ނަބިއްޔާ ޞައްލައް ﷲ ޢަލައިހި ވަސައްލަމަ ފަސްދާނުވެޑުވިފައިވާ ކޮޓަރިކޮޅުގެ ތަޅުމުގެޗާޓާއި ސެކްޝަނެކެވެ.
                  -----------------------
މުޞަންނިފު: 
އަލްއުސްތާޛު ޢަބްދުލްމުޢީދު ޙަސަން