އެސްޖެހި ގަނޑުވަރު ސައްޔިދު މާފަތް ކިލެގެފާނު



ތަޢާރަފު:

އެސްޖެހި ގަނޑުވަރު (މިހާރުގެ އެސްޖެހި ގެ) ސައްޔިދު މާފަތް ކިލެގެފާނަކީ މަޝްހޫރު ބޮޑުހުޅުގައި އުޅުއްވި "ބޮޑުން" ގެ ތެރެއިން ބޭފުޅެކެވެ. ބޮޑުހުޅުގެ މައްސަލައިގައި ބިޑި އަޅައި އަނދަގޮނޑި ޖަހައި އަދަބު ލިބިވަޑައިގަތް ބޭފުޅެކެވެ. އޭގެ ފަހުގައި ހައްދުންމައްޗަށް އަރުވާލެއްވީއެވެ. އެ ކިލެގެފާނަކީ އަތިރީގޭ އިބްރާހީމް ދޮށިމޭނާ ކިލެގެފާނުގެ ބަފާކަލޭގެ އެކެވެ. އަޅުގަނޑު މިއުޅެނީ ސައްޔިދު މާފަތް ކިލެގެފާނާ ބޮޑުހުޅާ ހުރި ގުޅުމުގެ ގޮތުން ލިޔާކަށް ނޫނެވެ. އަދި ކިއެއްތަ އަޅުގަނޑު ތަޢާރަފު ކުރަން މިއުޅެނީ އެ ކިލެގެފާނެވެ. އެ ކިލެގެފާނުގެ މަތިކޮޅާއި ދަރިކޮޅެވެ.

ބަހުސް:

އެސްޖެހި ގަނޑުވަރު ސައްޔިދު މާފަތް ކިލެގެފާނުގެ ނަންފުޅެއް ކަމަށް ތާރީޚު ލިޔުއްވި ލިޔުންތެރީން އާންމުކޮށް ލިޔުއްވާފައި ހުންނަނީ : އެސްޖެހި ގަނޑުވަރު ސައްޔިދު ކިލެގެފާނު ނުވަތަ އެސްޖެހި ގަނޑުވަރު ސައްޔިދު މާފަތް ކިލެގެފާނު- މިހެންނެވެ. ޢަރަބި ނަންފުޅު ލިޔުއްވާފައެއް ނުހުރެއެވެ. ("މާލޭގެތޮށި" ފަތްތޫރަ 184 އަދި ބައްޕަގެ ހަނދާން،ޞ129،101 އަދި ބޮޑުހުޅުގެ ތާރީޚު،19،17) ރާއްޖޭގައި އާންމުކޮށް ސީދީންނަށް ކިޔައި އުޅޭ ހެން އެސްޖެހި ގަނޑުވަރު ސައްޔިދު ކިލެގެފާނަށް ކިޔާ ސީދީ- ނަންފުޅު ވެސް ދެ ގޮތަކަށް ލިޔެފައިވެއެވެ. ބައްޕަގެ ހަނދާނުގައި އެއީ ކުޑަ ސީދީ ކަމަށް ލިޔުއްވާއިރު ހެންވޭރުގޭ މުޙައްމަދު ޢަބްދުއްޞަމަދު ދީދީ އާއި މަލިމް މުޙައްމަދު ދީދީ ލިޔުއްވަނީ އެއީ ތުއްތުސީދީ އެވެ. (ބައްޕަގެ ހަނދާން، ޞ125؛ ދިވެހި ތާރީޚަށް އައު އަލިކަމެއް، ޞ536؛ "މާލޭގެތޮށި"، ފަތްތޫރަ 187، ޞ26) 

ދިވެހި ތާރީޚަށް އައު އަލިކަމެއް- މި ފޮތުގެ އެތައް ތަނެއްގައި އެސްޖެހި ގަނޑުވަރު ސައްޔިދު މާފަތް ކިލެގެފާނުގެ ނަންފުޅު އައިސްފައި ވެއެވެ. އެ ފޮތުގައި ޢަރަބި ނަންފުޅު ދެ ގޮތަކަށް ލިޔެފައިވެއެވެ. އެއީ ސައްޔިދު ޙަސަން- މިގޮތަށާއި ސައްޔިދު މޫސާ
- މިގޮތަށެވެ. ޙަސަން- އެ ފޮތުގެ ހަތަރު ތަނެއްގައި ވެއެވެ. (ޞ690،675،638،547) މޫސާ- މިގޮތަށް ނަންފުޅު އޮތީ އެންމެ ތާކުއެވެ. (ޞ546) މި ނޫން އިހުގެ ލިޔުމަކުން މިކިލެގެފާނުގެ ޢަރަބި ނަންފުޅު ނުފެނެއެވެ. ކޮލި ޙަސަން އަޙްމަދު މަނިކު ލިޔުއްވި -އަދި ޗާޕު ނުވާ- ނަސަބު ފޮތުގައި ސައްޔިދު މާފަތް ކިލެގެފާނުގެ ނަންފުޅު ލިޔުއްވާފައިވަނީ ސައްޔިދު ޙަސަން މާފަތް ކިލެގެފާނު މިގޮތަށެވެ. (ޞ108).

އިބްރާހީމް ޝިހާބާއި މަލިމް މުޙައްމަދު ދީދީ އާއި މީރުބަހުރުގޭ މުޙައްމަދު ދީދީ އާއި ޢަބްދުލްޙަކީމް ޙުސައިން މަނިކު ފަދަ މާލޭގެ ހަރު ބޭފުޅުން ހިމެނިވަޑައިގަންނަވާ ކޮމެޓީއަކުން ލިޔުއްވި ފޮތެއްގައި އެސްޖެހި ގަނޑުވަރު ސައްޔިދު ކިލެގެފާނާ ބެހޭގޮތުން –އެ ކިލެގެފާނުގެ ޢަރަބި ނަންފުޅާއި ސީދީ-ނަންފުޅާ އަދި އެ ކިލެގެފާނުގެ ބައްޕައަކީ ކާކުގެ ބޭފުޅެއްތޯއާ- މިކަން ކަމާމެދު އެކި ގޮތްގޮތަށް ލިޔެފައިވާތީ ހައިރާންވެއެވެ. އެ ފޮތުގައިވާ ފަތްކޮޅުތަކުގައި ހުރި ނަންފުޅުތަކުގެ ތަފުސީލު ގެ ގޮތުގައި ކޮމެޓީން ލިޔުއްވި ލިޔުއްވުމަކީ "ތަޙްޤީޤީ ލިޔުމެއް" ނޫނެވެ. މި ކަންކަން އިތުރަށް ހޯއްދަވައި ތަޙްޤީޤު ކުރެއްވެން އޮތްއިރު ވެސް އެކަން ނުކުރައްވައި އެކި ގޮތްގޮތަށް ލިޔުއްވާފައި ވުމުން ކަންބޮޑުވާންޖެހެއެވެ.

އިސްވެދިޔަ ގޮތްތަކަށް ވިސްނާއިރު ޤަބޫލު ކުރެވެނީ އެއީ އެސްޖެހި ގަނޑުވަރު ސައްޔިދު ޙަސަން މާފަތް ކިލެގެފާނު ކަމަށެވެ. އަދި މާފަތް ކިލެގެ ކަމަށް ކޮލި ލެއްވުމުގެ ކުރިން އެއީ އެސްޖެހި ގަނޑުވަރު ތުއްތުސީދީ އެވެ.

އެސްޖެހި ގަނޑުވަރު ތުއްތުސީދީ ފަހުން އެސްޖެހި ގަނޑުވަރު ސައްޔިދު މާފަތް ކިލެގެފާނުގެ ބައްޕަ އަކީ އެސްޖެހި ގަނޑުވަރު ކަޅު ސީދީ އެވެ. މި ކަޅު ސީދީ އަކީ ކަޅު ކަލޭފާނެވެ. އެސްޖެހިގޭގައި އިންނެވި ބުރުނީގޭ މުޙައްމަދު ދީދީ ގެ ދަރިކަނބަލުން ޢާއިޝަތު ދީދީ ވެސް ވިދާޅުވީ ސައްޔިދު މާފަތް ކިލެގެފާނަށް އިހުގެ މީހުން ކިޔާކަމަށް ބުނާތީ އަހަނީ: އެސްޖެހި ގަނޑުވަރު ކަޅު ސީދީ ގެ ސީދީ އެވެ. މި ޢާއިޝާ ދީދީ އެސްޖެހި ގޭގައި އިންނެވީ ސައްޔިދު މާފަތް ކިލެގެފާނުގެ ދޮންސީދީގެ ދޮށީ ސީދީއާ ކައިވެނި ބައްލަވައިގެންނެވެ. ޙަސަން އަޙްމަދު މަނިކު ލިޔުއްވި ޗާޕު ނުވާ ނަސަބު ފޮތުގައި ވެސް ވަނީ އެސްޖެހި ގަނޑުވަރު ކަޅު ކަލޭފާނަކީ ކަޅު ސީދީ ކަމަށެވެ. (ޞ108)

މިކަޅު ސީދީ ނުވަތަ ކަޅު ކަލޭފާނަކީ ކޮން ބޭފުޅެއްގެ ބޭފުޅެއްތޯ ހޯދައި ބަލާއިރު ދެ ގޮތަކަށް ލިޔެފައިވާތީ ފެނެއެވެ. އެއްގޮތަކީ މި ކަޅު ކަލޭފާނަކީ މަޝްހޫރު ދޮށީ ކަލޭފާނުގެ ބައްޕަ ކުޑަ ސީދީ (ސައްޔިދު ޚަޠީބު މުޙައްމަދު ބާޢަލަވީ) އާ އެއްބަފާ ބޭފުޅެކެވެ. (ދިވެހި ތާރީޚަށް އައު އަލިކަމެއް،ޞ690) އަނެއް ގޮތަކީ ދޮށީ ކަލޭފާނުގެ ބައްޕާ ކުޑަ ސީދީގެ ބޭފުޅެކެވެ.

1- ހެންވޭރުގޭ މުޙައްމަދު ޢަބްދުއް ޞަމަދު ލިޔުއްވަނީ ކުޑަ ސީދީގެ ކަޅު ސީދީ- ކަމަށެވެ. (ނަސަބު ފަތެއް، ޗާޕު ނުވާ،ޞ19)
2- މަރަދޫ މުދިންބޭގެ ނޯޓު- ލިޔުމުގައި ވެސް ވަނީ ކަޅު ކަލޭފާނަކީ ދޮށީ ކަލޭފާނާއި އެއްބަފާ ބޭފުޅެއް ކަމަށެވެ. 

އެސްޖެހިގަނޑުވަރު ކަޅު ސީދީ (ކަޅު ކަލޭފާނު) އަކީ މަރަދޫ މުދިންގޭ ކަތީބު މަނިކު ނުވަތަ މުޙައްމަދު ބޮޑު ނައިބު ތަކުރުފާނުގެ އާމިނާ މަނިކުގެ ބޭފުޅެކެވެ. މި އާމިނާ މަނިކެ ދެ މީހަކާ ކައިވެނި ބެއްލެވިއެވެ. ފުރަތަމަ ކައިވެނި ބެއްލެވީ ހޮޅުދޫ ނެވިންގޭ ދޮންކޮއްކޯ އާއެވެ. ނެވިން ގެއްލުމުން ދެން ކައިވެނި ބެއްލެވީ މުޙައްމަދު ކުޑަ ސީދީ އާއެވެ. ލިބިވަޑައިގަތީ ދޮށީ ކަލޭފާނާއި ކަޅު ކަލޭފާނާ (ކަޅު ސީދީ) އާއި އަދި ވެސް ދެ ބޭފުޅެކެވެ. (މަރަދޫ މުދިންބޭގެ ނޯޓު)

ދާދި ފަހުން ވޮނަދޮނަ ރާއްޖެ- "މޫނު ފޮތުން" (ފޭސްބުކް) ގެ މި ސަފުހާއިން ފެނުނު ޗާޓެއްގައި ކަޅުކަލޭގެފާނަކީ ސައްޔިދު މުޙައްމަދުލް ޙުސައިނީ(ކުޑަ ސީދީ) ގެ ބޭފުޅެއްކަމަށާ އަދި ކަޅު ކަލޭގެފާނުގެ އަރަބި ނަންފުޅަކީ ޢަބްދުﷲ ކަމަށް ލިޔެފައިވެއެވެ. އަދި ކަޅު ސީދީ އަކީ އެސްޖެހި ގަނޑުވަރު ސައްޔިދު މާފަތް ކިލެގެފާނު ކަމަށާއި މިއީ ކަޅު ކަލޭގެފާނުގެ ދަރިކަލެއްކަމަށާއި މި ކަޅު ސީދީގެ ޢަރަބި ނަންފުޅަކީ އަޙްމަދު ކަމަށް ވެސް ލިޔެފައިވެއެވެ.

މި ލިޔުމުގައި އެވާ އެސްޖެހި ގަނޑުވަރު ކަޅު ސީދީ އަކީ ސައްޔިދު މާފަތް ކިލެގެފާނު ކަމަށާއި ޢަރަބި ނަންފުޅަކީ އަޙްމަދު ކަމަށް ލިޔެފައިވާ ލިޔުން، ފެންނަން ހުރި އިތުބާރު ހުރި ލިޔުންތަކާ ތަފާތެވެ. މިއީ ކޮން ދުވަސްވަރެއްގެ ލިޔުމެއްކަމެއް ނޭނގެއެވެ. ޗާޓުގައި ތާރީޚެއް ނެތެވެ.

އެސްޖެހި ގަނޑުވަރު ކަޅު ސީދީ ތިން ކައިވެނިފުޅެއް ކުރެއްވި ކަމަށް ނަސަބުގެ ލިޔުންތަކުން ފެނެއެވެ. އެއް ކައިވެނިފުޅަކީ މުލީގޭ ބޮޑު އިސްމާޢީލު ދީދީ މާފަތް ކިލެގެފާނުގެ ފާޠިމާ ދީދީ އާ ކުރެއްވި ކައިވެނިފުޅެވެ. ލިބިވަޑައިގަތީ އެސްޖެހިގަނޑުވަރު ތުއްތުސީދީ (ސައްޔިދު މާފަތް ކިލެގެފާނު) އާއި ވެލާނާގޭގައި އިންނެވި ސިއްތި އެވެ. މި ސިއްތި އަކީ ވެލާނާ މަނިކުފާނުގެ އަނބިކަނބަލުންނެވެ. މި ސިއްތި އަވަހާރަވީ ހިޖުރައިން 1348 ވަނަ އަހަރުއެވެ.(މާލޭ ހުކުރު މިސްކިތް،ޞ399) އަނެއް ކައިވެނިފުޅަކީ ފޫޅުމާގޭ މަރިޔަމް ދީދީ އާ ކުރެއްވި ކައިވެނިފުޅެވެ. މި ބަނޑުފުޅުން ލިބި ވަޑައިގަތީ ފޫޅުމާގޭ ސިއްތިއެވެ. ތިން ވަނަ ކައިވެނިފުޅަކީ އަލިމަސްގޭ ދޮންދީދީ އާ ކުރެއްވި ކައިވެނި ފުޅެވެ. ލިބިވަޑައިގަތީ އަލިމަސްގޭ ސިއްތީއެވެ. މި ބޭފުޅަކީ އެއްގަމުގޭ އިބްރާހީމް ފާމުލަދޭރި ކިލެގެފާނުގެ މާމަ (މަންމަގެ މަންމަ) އެވެ

ކަޅު ސީދީގެ ފޫޅުމާގޭ ސިއްތި އަކީ ލޯޖެހި ގަނޑުވަރު ސިއްތިކަމަށް ފެނެއެވެ. ކަޅު ސީދީގެ އާއިލާ ލިޔެފައި މިވަނީ ކޮލި ޙަސަން މަނިކުގެ ނަސަބު ފޮތުންނެވެ. އެހެން ލިޔުމަކުން ކަޅު ސީދީ ގެ އާއިލާ ލިޔެވިފައިވާތީއެއް ނުފެނެއެވެ.

މަރަދޫ މުދިންބޭގެ ލިޔުމުގައި އާމިނާ މަނިކެ "ބޭރުން ދުރުވި ސައްޔިދު ބޭކަލަކާ" ކައިވެނި ބައްލަވައިގެން ލިބުނު ބޭފުޅުންގެ ތެރޭގައި "ވެލިދޫގޭ ސިއްތީގެ މަންމަ" ހިމެނިވަޑައިގަންނަވާ ކަމަށް ލިޔުއްވާފައިވެއެވެ. މިގޮތުގައި އަލިމަސްގޭ ސިއްތިއަކީ ދޮށީ ކަލޭފާނުގެ ބައްޕާ ކުޑަ ސީދީގެ ބޭފުލެކެވެ. ނަމަވެސް މި ގޮތް ޤަބޫލެއް ނުކުރެވެއެވެ. ރަނގަޅުގޮތެއް ކަމަށް ފެންނަނީ ޙަސަން މަނިކު ލިޔުއްވާ ގޮތެވެ. އަޙްމަދު ޝަފީޤު ވިދާޅުވާ ގޮތުގައި ވެސް އަލިމަސްގޭ (ހ.ޑައިމަންޑް ވިލާ) އަކީ އެސްޖެހި ގަނޑުވަރު ކަޅު ސީދީ ގެ ގެއެކެވެ. އަދި އަލިމަސްގޭ ކުޑަ ސިއްތިއެއް ވެސް އުޅުއްވިއެވެ. އެއީ އަލިމަސްގޭ ސިއްތިއާ ރާއްޖޭގެ ފަނޑިޔާރުކަން ކުރެއްވި ސިލޯނުގައި ދިރިއުޅުއްވި ޝައިޚު ޢަލީ ކައިވެނި ބައްލަވައިގެން ލިބިވަޑައިގަތް ބޭފުޅެކެވެ. މި އަލިމަސްގޭ ކުޑަ ސިއްތިއާ މާޖެހި ގަނޑުވަރު މަނިއްޕުޅު (ޙަސަން ނޫރައްދީނު ރަދުން2) ގެ ދޮށީ ގޮމާގެ މަންމަ އެވެ.

އެސްޖެހި ގަނޑުވަރު ކަޅު ސީދީގެ ސައްޔިދު މާފަތް ކިލެގެފާނުގެ ދެބަނޑުގެ ބޭފުޅުން ތިއްބެވިއެވެ. އެއީ ދެބަނޑަށް 2 ދަރިކަލުންނާއި 3 އަންހެން ދަރިކަނބަލުންނެވެ. އެއް އަނބިކަނބަލަކީ ގަލޮޅުގޭ ޢަލީ ދޮށިމޭނާ ކިލެގެފާނުގެ ސަންފާދީދީ އެވެ. މި ސަންފާދީދީގެ މަންމަ އަކީ ގަމު ޢަލި މަނިކުފާނުގެ ޚަދީޖާ މަނިކުފާނެވެ. މި ބަނޑުފުޅުން ލިބިވަޑައިގަތީ ތުއްތުސީދީ (މުޙައްމަދު) އާއި ދޮންދީދީ އާއި ތުއްތުސިއްތި(ތުއްތުދީދި ނުވަތަ ސިއްތިދީދި) އެވެ. މި ދޮންދީދިއާއި ފުރަތަމަ ކައިވެނި ބެއްލެވީ އަތިރީގޭ އިބްރާހީމް ދޮށިމޭނާ ކިލެގެފާނެވެ. ބޭފުޅަކު ނެތެވެ. ދެން ދޮންދީދީ އާ ކައިވެނި ބެއްލެވީ ކަކާގޭ ދޮހުއްތީދީ (މޫސާދީދީ)އެވެ. ލިބިވަޑައިގަތީ ކަކާގޭ ޅަދީދީ އެވެ. މިއީ މޫނިމާގޭ ސީދީ އާއި އައްޝައިޚު މުޙައްމަދު ނަޞިރު މަނިކު ކައިވެނި ބައްލަވައިގެން އުޅުއްވި ދޮންދީދީގެ މަންމަ އެވެ. މިއީ ދެބަފާ ދެ ބޭފުޅުންނެވެ. ދޮށީ ދޮންދީދީ އެވެ. ތުއްތުސިއްތި ނުވަތަ ތުއްތުދީދިއާ ކައިވެނި ބެއްލެވީ މާންދޫގޭ ދޮށީ މަނިއްޕުޅެވެ. ދެ ގޮމައެއް ލިބިވަޑައިގަތެވެ.

އެސްޖެހި ގަނޑުވަރު ސައްޔިދު މާފަތް ކިލެގެފާނުގެ އަނެއް ކައިވެނި ފުޅަކީ ހަމަ ގަލޮޅުގޭ ޢަލީ ދޮށިމޭނާ ކިލެގެފާނުގެ އާމިނާ ދީދީއާ ކުރެއްވި ކައިވެނިފުޅެވެ. މިއީ އާމިނާ ދީދީގެ ދެވަނަ ކައިވެނިފުޅެވެ. އާމިނާ ދީދީގެ ފުރަތަމަ ކައިވެނިފުޅަކީ ރޯނުގޭ އިބްރާހީމް ދީދީ އާ ކުރެއްވި ކައިވެނިފުޅެވެ. އިބްރާހީމް ދީދީ އަވަހާރަވުމުން އާމިނާ ދީދީ އާ ކައިވެނި ބެއްލެވީ ސައްޔިދު މާފަތް ކިލެގެފާނެވެ. މި އާމިނާ ދީދީ އަކީ މުޙައްމަދު އަމީނުގެ މާމަ (މަންމަގެ މަންމަ) އެވެ. މި ބަނޑުފުޅުން ސައްޔިދު މާފަތް ކިލެގެފާނަށް ލިބިވަޑައިގަތީ ހަންޑި ގަނޑުވަރު ތުއްތުސިއްތި (ސަކީނާ) އާއި ދޮންސީދީ އެވެ. ހަންޑި ގަނޑުވަރަކީ ހ.ހިތިލާގެ އެވެ. މި ތުއްތުސިއްތި ކައިވެނި ބެއްލެވީ މީރުބަހުރުގޭ މުޙައްމަދު އިސްމާޢީލު ދީދީ އާއެވެ. ހަންޑި ގަނޑުވަރު ތުއްތުސިއްތި އަވަހާރަވީ ހިޖުރައިން 1377 ވަނަ އަހަރުގައެވެ. މީލާދީން އެއީ 1957 ވަނަ އަހަރެވެ. ދޮންސީދީ ކައިވެނި ބެއްލެވީ ދޮންމަނިކުގެ އަލިދީދީ ގަލޮޅުގޭ ޢަލީ ދޮށިމޭނާ ކިލެގެފާނުގެ ޙައްވާ ދީދީ އާ ކައިވެނި ބައްލަވައިގެން ލިބިވަޑައިގަތް ފާޠިމާ ދީދީ އާއެވެ. ލިބިވަޑައިގަތީ ދޮށީ ސީދީ އާއި ތުއްތުސީދީ އެވެ. ދޮންސީދީ އަވަހާރަވުމުން މި ފާޠިމާ ދީދީ އާ ކައިވެނި ބެއްލެވީ ޝައިޚު އިބްރާހީމް ރުޝްދިލް އަޒްހަރީއެވެ. ބޭފުޅަކު ނެތެވެ. މި ފާޠިމާ ދީދީ އަވަހާރަވީ ހިޖުރައިން 1372 (މީލާދީން 1952) ގައެވެ. ދޮންސީދީ އަވަހާރަވީ ހިޖުރައިން 1336 ވަނަ އަހަރުއެވެ. އެއީ މީލާދީން 1917 ވަނަ އަހަރެވެ.

އަދި އެސްޖެހި ގަނޑުވަރު ސައްޔިދު މާފަތް ކިލެގެފާނު ޢަލީ ދޮށިމޭނާ ކިލެގެފާނުގެ ޙައްވާ ދީދީ އާ ވެސް ކައިވެނި ބެއްލެވިއެވެ. ބޭފުޅަކު ލިބިވަޑައިގެން ތުއްޕުޅުއިރު އަވަހާރަވީ އެވެ. މި ވާހަކަ ވިދާޅުވީ ބުރުނީގޭ މުޙައްމަދު ދީދީގެ ޢާއިޝާ ދީދީއެވެ. އެހެން ކަމުން އެސްޖެހި ގަނޑުވަރު ސައްޔިދު މާފަތް ކިލެގެފާނު ޢަލީ ދޮށިމޭނާ ކިލެގެފާނުގެ ތިން ބޭފުޅުންނާ -ތިން ބެއިންނާ- ކައިވެނި ބެއްލެވީއެވެ.

ނިންމުން:

އެސްޖެހިގަނޑުވަރު ތުއްތުސީދީއަށް މާފަތް ކިލެގެ ކަމަށް ކޮލި ލެވުނީ ހިޖުރައިން 1313 ވަނަ އަހަރުގެ ތެރޭގައެވެ. އެ އަހަރުގެ ޝަޢުބާން މަހުގެ ތެރޭގައި ކަމަށް ފެނެއެވެ. (ބައްޕަގެ ހަނދާން،ޞ125) މީލާދީން އެއީ 1896 ވަނަ އަހަރުގެ ޖަނަވަރީ މަހުތެރެއެވެ. އެއީ އިބްރާހީމް ނޫރައްދީނު ރަދުންގެ ފުރަތަމަ ރަސްކަމުގެ ތެރޭގައެވެ.

ބޮޑުހުޅުގައި ހައްދުންމައްޗަށް އަރުވާލެއްވީމާ އަހަރެއްހައި ދުވަހު ހުންނެވުމަށް ފަހު މާލެ ގެންނަވައި އޭގެ ފަހުން ހުންނެވީ ރަށުގެ އިއްޒަތްތެރިއެއްގެ ގޮތުގައެވެ. މުރީދު ކަމާއި މަތިގޭ ބަނޑޭރިކަމުގައި ހުންނެވީއެވެ. އަދި އިބްރާހީމް ދޮށިމޭނާ ކިލެގެފާނު ބޮޑުބަނޑޭރި (ޚަޒާންދާރު) ކަމުގައި ހުންނެވި އިރު އަތްދަށު ބަނޑޭރިއަކަށް ވެސް ހުންނެވިއެވެ. އެއީ ނޫރައްދީނު ބަނޑާރައިންގެ ރަސްކަމުގައެވެ. (ދިވެހީންގެ ވާހަކަ، ޞ69) 1316 ވަނަ އަހަރު ޖުމާދިލް އައްވަލު މަހު 21 ދުވަހު (މީލާދީން އެއީ 1898 ވަނަ އަހަރު އޮކްޓޫބަރު މަހުގެ 7 ވީ ހުކުރު ދުވަހެވެ.) ބުންބާ މީހުންގެ ބަނގަލާ ބޯޓެއްގައި ޙައްޖަށް ވަޑައިގަތުމަށް ފުރާވަޑައިގަތެވެ. އަރިހުގައި ދަރިކަލުން ދޮންސީދީ ވެސް ގެންދެވިއެވެ. މި ބޭފުޅުން ގޮވައިގެން ވަޑައިގަތީ މީރުބަހުރު އިސްމާޢީލު ދީދީއެވެ. ފަރުޟު ޙައްޖު އަދާ ކުރެއްވުމަށް ފަހު އެނބުރި ވަޑައިގަތް މަގުމަތީގައި ޔަމަނުގެ ޢަދަނުގައި ތިއްބަވަނިކޮށް ބޭރަށް ހިންގުމުގެ އާލާސްކަންފުޅު ކިލެގެފާނަށް ޖެހިވަޑައިގެން އެ އާލާސްކަންފުޅުގައި ޢަދަނުގައި އަވަހާރަވީއެވެ. ދޮންސީދީ އެނބުރި ރާއްޖެ ވަޑައިގަތީއެވެ. (ބައްޕަގެ ހަނދާން،ޞ130) އެސްޖެހި ގަނޑުވަރު ސައްޔިދު ޙަސަން މާފަތް ކިލެގެފާނު (ތުއްތުސީދީ) އަށް މާތް ރަސްކަލާންގެ ހެޔޮ ރަޙްމަތް ލައްވާށިއެވެ. އާމީން.
                   ----------------
މުޞަންނިފު: 
އަލްއުސްތާޛު މުޙައްމަދު ވަޙީދު ނަދްވީ

ޙަވާލާ
1- މަލިމް މުޙައްމަދު ދީދީ: "މާލޭގެތޮށި"، ފަތްތޫރަ 183 ޖޫން 1994 އަދި ފަތްތޫރަ 184 ޖުލައި 1994
2- .ދޮންތުއްކަލާ: ބައްޕަގެ ހަނދާން، ޗާޕުކުރި ތަނާއި އަހަރު ނެތް
3- ކޮލި ޙަސަން އަޙްމަދު މަނިކު: ނަސަބު ފޮތެއް ، ޗާޕު ނުވާ، ތާރީޚު ނެތް
4- ދިވެހި ތާރީޚަށް އައުއަލިކަމެއް، 1990 ދެވަނަ ޗާޕު، ދިވެހިބަހާއި ތާރީޚަށް ޚިދުމަތް ކުރާ ޤައުމީ މަރުކަޒު
5- ޢަބްދުލްޙަކީމު ޙުސައިން މަނިކު: ބޮޑުހުޅުގެ ތާރީޚު ، 1981މ. (1401ހ.)
6- މަރަދޫ މުދިންބޭގެ ނޯޓު، ދިވެހިބަހާއި ތާރީޚަށް ޚިދުމަތް ކުރާ ޤައުމީ މަރުކަޒުގެ އާރކައިވް
7- މުޙައްމަދު ޢަބްދުއްޞަމަދު ދީދީ: ނަސަބު ފޮތެއް، ޗާޕު ނުވާ، ތާރީޚު ނެތް