ދިވެހިދައުލަތުން ދެއްވާ ނިޝާންގެ ޢިއްޒަތާއި ގުޅުންހުރިކަމަށް ބެލެވޭ ކަމެއް


ސަރުކާރުން ބާއްވާ އެކިއެކި ރަސްމިއްޔާތުތަކާއި ޖަލްސާތަކުގައި، ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި، ކުރިން އެފަދަ މަގާމުތައް ފުރުއްވާފައިވާ ބޭފުޅުންނާއި، އެކިއެކި ލަޤަބާއި ޝަރަފު އަރުވާފައިވާ ބޭފުޅުންގެ ތަރުތީބު އަލުން ކަނޑައަޅުއްވައި، ސަރުކާރުގެ އޮފީސްތަކުން އިންތިޒާމު ކުރައްވާ އެކި ކަންކަމުގައި، މިތަރުތީބު ބޭނުންކުރައްވަމުން ގެންދެވުމަށް އަންގަވައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުން ނަމްބަރ 11/2015 (19 މޭ 2015މ.)ގައިވާ ތަރުތީބުގެ ތެރޭ، ދިވެހިދައުލަތުގެ ޢިއްޒަތުގެ ނަމުން ފެންނަ ޢިއްޒަތްތައް ނުވަތަ އެޢިއްޒަތް ލިބިވަޑައިގެންފައިވާ ބޭފުޅުން ހިމަނުއްވާފައިވާތީ ނުފެނެއެވެ. 


ދިވެހިދައުލަތުގެ ޢިއްޒަތުގެ ތެރެއިން ބައެއް ޢިއްޒަތްކަމަށްވާ ނިޝާން ކަލާފާނުގެ ޝަރަފުގެ ޢިއްޒަތް ލިބިވަޑައިގެންފައިވާ ޙުސައިން ޢަބުދުﷲ މ.ބަހީޖު ޕެލަސް އާއި، ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތް ލިބިވަޑައިގެންފައިވާ ޙަބީބާ ޙުސައިން ޙަބީބު މއ. މާންދޫވިލާ އާއި، ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް ލިބިވަޑައިގެންފައިވާ ބޭފުޅުންކަމަށްވާ މުޙައްމަދު ޢުމަރު މަނިކު މ. ރުއްކަރަ އާއި، ޗަމްޕާ ޙުސައިން ޢަފީފު މއ. ޗަމްޕާވިލާ އާއި ގާސިމް އިބްރާހީމް މ. މާފަންނުވިލާ އާއި، ޗަމްޕާ މުޙައްމަދު މޫސާ މއ. ޗަމްޕާމާގެ މިހާރުވެސް އެބަ ތިއްބެވިއެވެ.

މަތީގައި ދެންނެވިފައިވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެދެންނެވުމުގައި ދިވެހިދައުލަތުގެ ޢިއްޒަތުގެ ނަމުން ފެންނަ ޢިއްޒަތްތައް ނުވަތަ އެޢިއްޒަތް ލިބިވަޑައިގެންފައިވާ ބޭފުޅުން ހިމަނުއްވާފައި ނުވަނީތޯ، ނޫނީ ހިމެނުއްވިފައި ނުވަނީ އޮޅުމަކުންތޯ، ނުވަތަ މިއީ އެވީގޮތެއް އަޅުގަނޑަށް ނޭނގުނު ކަމަކީތޯ މިއީ އުފެދޭ ސުވާލެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ނަމްބަރ 11/2015 (19 މޭ 2015މ.) ދެންނެވުން އެއޮފީހުގެ ވެބްސައިޓުގެ ތިރީގައިވާ ލިންކުންވެސް ފެނެއެވެ.

ދިވެހިދައުލަތުގެ ޢިއްޒަތް ހިމެނިފައިވަނީ އެކި ފަރާތްތަކަށް ދިވެހިދައުލަތުން ދެއްވާ އިނާމުގެތެރެއިން 3 ވަނަ ގިންތީގައެވެ. 1 ގައިވަނީ  ދިވެހިދައުލަތުގެ އެންމެ މަތިވެރި ޢިއްޒަތެވެ. 2 ގައިވަނީ ދިވެހިދައުލަތުގެ މަތިވެރި ޢިއްޒަތެވެ. 3 ގައިވަނީ ދިވެހިދައުލަތުގެ ޢިއްޒަތެވެ.

1- ދިވެހި ދައުލަތުގެ އެންމެ މަތިވެރި ޢިއްޒަތުގެ ތެރޭ ހިމެނެނީ:
ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިކަމެވެ.

2- ދިވެހިދައުލަތުގެ މަތިވެރި ޢިއްޒަތުގެ ތެރޭ ހިމެނެނީ ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމާއި، ނިޝާން ދަރުމަވަންތަ މަހާރަދުންގެ ޢިއްޒަތުގެ ވެރިކަމާއި، ނިޝާން ޝަހީދު ޢަލީގެ ޢިއްޒަތުގެ ވެރިކަމާއި، ނިޝާން އިސްކަންދަރުގެ ޢިއްޒަތުގެ ވެރިކަމާއި، ނިޝާން ޢަސްކަރީގެ ވެރިކަމެވެ.

3. ދިވެހި ދައުލަތުގެ ޢިއްޒަތުގެ ތެރޭ ހިމެނެނީ ނިޝާން އާގަނޑުވަރުގެ ޝަރަފުގެ ޢިއްޒަތާއި، ނިޝާން ރެހެންދީގެ ޝަރަފުގެ ޢިއްޒަތާއި، ނިޝާން ކަލާފާނުގެ ޝަރަފުގެ ޢިއްޒަތާއި، ނިޝާން ބޮޑުރަސްގެފާނުގެ ޝަރަފުގެ ޢިއްޒަތާއި، ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތާއި، ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތެވެ.
                 ------------------
ޢަބުދުﷲ ޙިލްމީ
01 ޖޫން 2019މ.