ފޮޓޯއާއި ފޮޓޯ ލޯގަނޑު ގޭގައި ބެހެއްޓުމުގެ ޙުކުމް













ސުވާލު:
އަޅުގަނޑުގެ މަންމައާއި ބައްޕަވަނީ ނިޔާވެފަ އެވެ. އެ ދެ މީހުންގެ ފޮޓޯ، ލޯގަނޑަކަށް ލާފައި، އަޅުގަނޑުމެން ދިރިއުޅޭ ގޭގެ ފެންޑާގެ ފާރުގައިވަނީ ބަހައްޓާފަ އެވެ. އަޅުގަނޑުމެން އެކަން ކޮށްފައިވަނީ، އެ ދެ މީހުންގެ ހެޔޮކަން ހަނދާންކުރުމަށާއި، އެ ލޯގަނޑު ފެންނަ ކޮންމެ ފަހަރަކު އެ ދެ މީހުންނަށް ހެޔޮ ދުޢާކުރުމުގެ މަޤުޞަދުގަ އެވެ. އަދި ގެއަށް އަންނަ ރަޙުމަތްތެރިން ވެސް އެ ދެ މީހުންނާމެދު ހެޔޮބަސް ބުނެ، ހެޔޮ ދުޢާ ކުރާނެ ކަމުގެ އުންމީދުގަ އެވެ. ނަމަވެސް، ފޮޓޯއެއް ލާފައިވާ ލޯގަނޑެއް ގޭގައި ބެހެއްޓުމަކީ، ޙަރާމްކަމެއް ކަމަށް އަޅުގަނޑުމެންގެ ގާތުގައި ބައެއް މީހުން ބުނެއުޅެ އެވެ. އަޅުގަނޑުމެންގެ ސުވާލަކީ، އެފަދަ ލޯގަނޑުތަކާއި، ފޮޓޯތައް ގޭގައި ބެހެއްޓުމުގެ ޝަރުޢީ ޙުކުމަކީ ކޮބައިތޯ އެވެ؟

ޖަވާބު:
މާތް ﷲ ގެ ޚަލްޤުކުރެއްވުމަށް ގޮންޖެހުން ހިމެނިފައިނުވާ ފޮޓޯއެއް، ލޯގަނޑަށް ލާފައި ގޭގައި ބެހެއްޓުމަކީ، އިސްލާމްދީނުގައި މަނާކުރައްވާފައިވާ ކަމެއް ނޫނެވެ. ދީނުގައި ޙަރާމްކުރައްވާފައިވާ ކަމެއް ހިމެނިފައި ނުވާނަމަ، އިންސާނެއްގެ ފޮޓޯ ނުވަތަ ޖަނަވާރެއްގެ ފޮޓޯ، ލޯގަނޑަކަށް ލާފައި ގޭގައި ބެހެއްޓުމަކީ، މައްސަލައެއް އޮތް ކަމެއް ނޫނެވެ. އޮރިޔާން ކާޑާއި، ފިތުނައަށް މަގުދައްކައިދޭ ފޮޓޯތައް ހިމެނެނީ، ނަހީކުރައްވާފައިވާ ތަކެތީގެ ތެރޭގަ އެވެ.

 މާތް ﷲ ގެ ޚަލްޤުކުރެއްވުމަށް ގޮންޖެހުމުގެ ގޮތުން ތަސްވީރުކުރާ މީހުންނަށް އަޒާބު ދެއްވާނެކަން އަންގަވާފައިވާ ބަސްފުޅުތައް ވެ އެވެ. ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ގެ ސުންނަތުގައި ވާރިދުވެފައިވާ އެފަދަ ބަސްފުޅުތަކުގައި ވަނީ، މުޅި ހަށިގަނޑު ހިމެނޭ ގޮތަށް ބުދު ހަދާ މީހުންގެ ވާހަކަ އެވެ. އަދި އޭގައި މާތް ﷲ ގެ ޚަލްޤުކުރެއްވުމަށް ގޮންޖެހުމުގެ މާނަތައް ވެސް ހިމެނޭ ބުދުގެ ވާހަކަ އެވެ.

ކެމެރާއިން ނަގާ ފޮޓޯއަށް، ތަޞްވީރެވެ، ކިޔަސް އެއީ ޙަރާމްކުރައްވާފައިވާ ތަޞްވީރުގެ ތެރޭގައި ހިމެނޭ އެއްޗެއް ނޫނެވެ. (ޙަރާމްކުރައްވާފައިވާ ތަޞްވީރަކީ، ނަންގަނެވިދިޔަ ފަދަ ބުދެވެ.) އެހެނީ، ޙަރާމްކުރެއްވި ސަބަބެއް ފޮޓޯއަކު ނުހިމެނެ އެވެ. ޙުކުމެއް ދެމިއޮންނާނީ، އެ ޙުކުމެއް ބިނާވެފައިވާ ސަބަބު ދެމިއޮތްހައި ހިނދަކު އެވެ. އެ ސަބަބު ނެތިދިއުމުން ޙުކުމު ވެސް ނެތިދެ އެވެ.

ކެމެރާއިން ނަގާ ފޮޓޯއަށް ތަޞްވީރެވެ، ކިޔަނީ މަޖާޒީ މާނައެއްގަ އެވެ. ޙަޤީޤަތަށް ބަލާއިރު، ފޮޓޯގައި ހިފެހެއްޓިފައިވަނީ އެއްޗެއްގެ ހިޔަންޏެކެވެ. ނުވަތަ މަންޒަރެކެވެ. މިފަދަ އެއްޗެއްގެ ޝަރުޢީ ޙުކުމު ބިނާވަނީ އޭގެ ނަމުގެ މައްޗަކަށެއް ނޫނެވެ. އެކަމަކު އޭގެ ޝަރުޢީ ޙުކުމު ބިނާވެފައިވާނީ، ސަބަބެއްގެ މައްޗަށެވެ.

މިކަންތައްތައް މިހެން ހުރުމާއެކު، ހުށަހަޅުއްވާފައިވާ ސުވާލާބެހޭ ގޮތުން ދަންނަވަންޖެހެނީ، ނިޔާވެފައިވާ މަންމައާއި ބައްޕަގެ ފޮޓޯ، ލޯގަނޑަކަށް ލާފައި ގޭގައި ބެހެއްޓުމަކީ ޝަރުޢީ ގޮތުން ހުއްދަ ކަމެއް ކަމަށެވެ. ސުވާލުގައި ބަޔާންވެފައިވާ ފަދައިން، ފޮޓޯ ބެހެއްޓުމުގެ ބޭނުމަކީ، އޭގައި ނުބައި ކަމެއް ނުހިމެނޭ ރަނގަޅު ބޭނުމެވެ. ނަމަވެސް ފޮޓޯގައިވާ މީހުން ލައިގެން ތިބީ އިސްލާމްދީން ހުއްދަކުރާ ހެދުމެއް ކަމުގައި ވާންޖެހޭނެ އެވެ. އަދި އޭގައި ފިތުނަވެރިކަމެއް ވެސް ހިމެނިގެނެއް ނުވާނެ އެވެ. މިފަދަ ފޮޓޯއެއްގައި މީހެއްގެ އިސްކޮޅުން ބަޔެއް ހިމެނިފައި ވިޔަސް، ނުވަތަ މީހެއްގެ އިސްކޮޅު އެއްކޮށް އަރާފައި ވިޔަސް، އެ ފޮޓޯ ލޯގަނޑަކަށް ލާފައި ބެހެއްޓުމަކީ ޙަރާމްކަމެއް ނޫނެވެ.
                ------------------

ތަރުޖަމާ: އަލްއުސްތާޛު ޢަބުދުލްމުޢީދު ޙަސަން
މަޞްދަރު: ދާރުލް އިފުތާއިލް މިޞްރިއްޔާ