ވާހަކަ ކިޔައިދޭ މީހުން ކިޔައިއުޅެތެވެ. އެއްދުވަހަކު ޚަލީފާ ހާރޫނުއްރަޝީދު، ޖަޢުފަރު ވަޒީރުގެ އަރިހުގައި
ވިދާޅުވި އެވެ.
"އެންމެ އަގުހެޔޮކޮށް ރަން ގަންނަން
ލިބޭނީ ކޮންތާކުންތޯ އެވެ؟"
ޖަޢުފަރު ވަޒީރު ދެންނެވި އެވެ.
"އެންމެ އަގުހެޔޮކޮށް ރަން ގަންނަން
ލިބޭނީ މޮޔައިންގެ ސަހަރުންނެވެ."
ޚަލީފާ ހާރޫނުއްރަޝީދު ވިދާޅުވި އެވެ.
"އެހެންކަމަށްވަނީނަމަ، ތިމަންމަނިކުފާނު
އެ ސަހަރަށް ވަޑައިގަންނަވަން ބޭނުންފުޅެވެ. އަވަހަށް ދަތުރު
ތައްޔާރުކޮށްދެއްވާށެވެ!"
ޖަޢުފަރު ވަޒީރު ދެންނެވި އެވެ.
ޖަޢުފަރު ވަޒީރު ދެންނެވި އެވެ.
"މާތް މަނިކުފާނެވެ. މޮޔައިންގެ ސަހަރަކީ،
މަނިކުފާނުގެ ވެރިކަން ހިނގާ ސަރަހައްދުގެ އިމުގެ ތެރޭގައި އޮތް ސަހަރެއް ކަމުގައި
ވިޔަސް، އެސަހަރުގައި ހިނގަމުންދަނީ އެމީހުންގެ އަމިއްލަ ވެރިކަމެކެވެ.
އެހެންވީމާ، މަނިކުފާނު އެ ސަހަރަށް ވަޑައިގެންނެވުމަށް ތިމަން ވަޒީރަކަށް
ފެނިވަޑައެއްނުގަނެ އެވެ."
ޚަލީފާ ހާރޫނުއްރަޝީދު ވިދާޅުވި އެވެ.
"އެހެންނަމަވެސް އެސަހަރަށް
ވަޑައިގެންނެވުމަށް ތިމަންމަނިކުފާނު ބޭނުންފުޅެވެ! އަދި ތިމަންމަނިކުފާނާއެކު
ތިޔަ ވަޒީރު ވެސް ވަޑައިގަންނަވަން ވާނެ އެވެ!!!"
ދެން އެންމެފަހުން ޚަލީފާ ހާރޫނުއްރަޝީދު އެދިވަޑައިގެންނެވި ގޮތުގެމަތިން، އެމަނިކުފާނާއި، ޖަޢުފަރު ވަޒީރު މޮޔައިންގެ ސަހަރަށް ވަޑައިގެންނެވި އެވެ. އެހިނދު މޮޔައިންގެ ސަހަރުގެ ރަށްބޭރުގައިވާ ބިޔަ މައިދާނަކަށް އެ ސަހަރުގެ އެންމެން އެއްވެގެން އުޅެނީ އެވެ. މައިދާނުގެ މެދުގައި މާބިޔަ ތަޚުތެއް ބަހައްޓާފައި ވެ އެވެ. އެ ތަޚުތުގައި ރަސްކަލެއްގެ ސިފައަށް ހެދުން އަޅާފައިވާ މީހަކު މަޑިއްޕާލައިގެން އިނެވެ. ދެން އެތާނގައި ހިނގަނީ ކޮން ކަމެއްތޯ ބައްލަވައިދެއްވުމަށް ޚަލީފާ ހާރޫނުއްރަޝީދު، ޖަޢުފަރު ވަޒީރަށް އެންގެވި އެވެ.
ޖަޢުފަރު ވަޒީރު އެކަން ބެއްލެވުމަށްފަހު، ޚަލީފާއަރިހަށް
ވަޑައިގެން ދެންނެވި އެވެ.
"މާތް މަނިކުފާނެވެ! އެތާނގައި ހިނގަނީ
ޝަރީޢަތެކެވެ. އެމީހުންނާ ކުރިމަތިވެގެންއުޅޭ މައްސަލައަކީ މީހަކު މަރުވެގެންއުޅޭ
މައްސަލަ އެވެ."
ދެން އެމައްސަލައިގެ ޝަރީޢަތްކުރެވޭ ގޮތް ބައްލަވައިލެވުމަށްޓަކައި ޚަލީފާ ހާރޫނުއްރަޝީދާއި، ޖަޢުފަރު ވަޒީރު އެތަނަށް ވަޑައިގެންނެވި އެވެ. އެހިނދު ފެނިވަޑައިގަތީ ޙައްޤެއް ނެތް މައްސަލައެއް ހުށަހެޅި، އެ މައްސަލައަށް ބޭއިންޞާފުކުރެވެމުންދިޔަ މަންޒަރެވެ. މައްސަލަ ހުށަހަޅަނީ ޒުވާން ފިރިހެން ކުއްޖެއްގެ މަންމަ އެވެ. މޮޔައިންގެ ސަހަރުގެ ރަސްގެފާނަށް އެ މައްސަލަ ހުށަހަޅަމުން އެ އަންހެންމީހާ ބުންޏެވެ.
"މިސަހަރުގެ ރަސްގެފާނެވެ! ތިމަންނާގެ ހުރީ އެންމެ ފިރިހެން ދަރިއެކެވެ. އެއީ އޮނަވިހި އަހަރުގެ ޒުވާނެކެވެ. އޭނާ މަރުވެފައިވަނީ، ރޭގަނޑު ދަންވަރު ގެއަކުން ވައްކަންކުރުމަށްޓަކައި އެ ގޭ ފުރާޅުމައްޗަށް އަރައި، އެ ގެއަށް ވަންނަން އުޅެނިކޮށް ވެއްޓިގެންނެވެ. އޭނާ ވެއްޓުނީ، އެ ގޭ ފުރާޅުގައި ޖަހާފައިވާ އީޓުތައް ފީވެފައިވާތީ އެވެ! މަނިކުފާނު މި މައްސަލަ ބައްލަވައި، އިންޞާފުވެރިކަމާއެކު އޭނާގެ މަރަށް މަރު ހިއްޕަވައިދެއްވާށެވެ!"
މި ވާހަކަ އަޑުއެހުމަށްފަހު މޮޔައިންގެ ރަސްގެފާނު ބުންޏެވެ.
"ތިޔަބުނާ ފީވެފައިވާ އީޓު ޖަހާފައިހުރި
ގޭގެ ވެރިމީހާ ކޮބައިހެއްޔެވެ؟ އޭނާ ހަމަ މިހާރު މިތަނަށް ގެންނާށެވެ!"
ދެން އެސާހިތަކު އޭނާ އެތަނަށް ހާޒިރުކުރެވިއްޖެ އެވެ.
ދެން މޮޔައިންގެ ރަސްގެފާނު އޭނާއާ މުޚާޠަބުކޮށް ބުންޏެވެ.
"ކަލޭގެ ގޭ ފުރާޅުގައި ފީވެފައިވާ
އީޓުތަކެއް ޖަހާފައިވުމުގެ ސަބަބުން މީހަކު މަރުވެއްޖެ އެވެ! އޭނާ މަރުވީ ކަލޭ
ކޮށްފައިވާ ކަމެއްގެ ސަބަބުން ކަމަށްވާތީ، މަރަށް މަރުހިފުމުގެ ގޮތުން ކަލޭ
ދަންޖައްސައި މެރުމަށް ޙުކުމްކޮށްފީމެވެ!"
އެމީހާ ބުންޏެވެ.
"މިސަހަރުގެ ރަސްގެފާނެވެ! ތިމަންނާ
ކުރާނީ ކީއްތޯ އެވެ؟ އެއީ ތިމަންނާ އަމިއްލައަށް އުފެއްދި އީޓެއް ނޫނެވެ. އެ އީޓު
ތިމަންނާއަށް ވިއްކި ފިހާރައިން ތިމަންނާގެ ގާތުގައި ބުނެފައިވަނީ، އެއީ
އާރޯތާނާހުރި އީޓުތަކެއް ކަމަށެވެ! އެއީ ފީވެފައިވާ އީޓުތަކެއް ކަމެއް
ތިމަންނާއަކަށް ނޭނގެ އެވެ!"
އެހިނދު މޮޔައިންގެ ރަސްގެފާނު ބުންޏެވެ.
"ތިޔަބުނާ ފިހާރައިގެ ވެރިމީހާ
ކޮބައިހެއްޔެވެ؟ އޭނާ ހަމަ މިހާރު މިތަނަށް ގެންނާށެވެ!"
ދެން އެސާހިތަކު އޭނާ އެތަނަށް ހާޒިރުކުރެވިއްޖެ އެވެ.
ދެން މޮޔައިންގެ ރަސްގެފާނު އޭނާއާ މުޚާޠަބުކޮށް ބުންޏެވެ.
"ކަލޭގެ ފިހާރައިން ފީވެފައިވާ އީޓުތަކެއް
ވިއްކުމުގެ ސަބަބުން މީހަކު މަރުވެއްޖެ އެވެ! އޭނާ މަރުވީ ކަލޭ ކޮށްފައިވާ
ކަމެއްގެ ސަބަބުން ކަމަށްވާތީ، މަރަށް މަރުހިފުމުގެ ގޮތުން ކަލޭ ދަންޖައްސައި
މެރުމަށް ޙުކުމްކޮށްފީމެވެ!"
އެމީހާ ބުންޏެވެ.
"މިސަހަރުގެ ރަސްގެފާނެވެ! ތިމަންނާ ކުރާނީ
ކީއްތޯ އެވެ؟ ތިމަންނާ އެ އީޓު ގަތީ އީޓު ހަދާ ކާރުޚާނާއިންނެވެ. އެ ކާރުޚާނާއިން
ތިމަންނާގެ ގާތުގައި ބުނެފައިވަނީ، އެއީ އާރޯތާނާހުރި އީޓުތަކެއް ކަމަށެވެ! އެއީ
ފީވެފައިވާ އީޓުތަކެއް ކަމެއް ތިމަންނާއަކަށް ނޭނގެ އެވެ!"
އެހިނދު މޮޔައިންގެ ރަސްގެފާނު ބުންޏެވެ.
"ތިޔަބުނާ ކާރުޚާނާގެ ވެރިމީހާ
ކޮބައިހެއްޔެވެ؟ އޭނާ ހަމަ މިހާރު މިތަނަށް ގެންނާށެވެ!"
ދެން އެސާހިތަކު އޭނާ އެތަނަށް ހާޒިރުކުރެވިއްޖެ އެވެ.
ދެން މޮޔައިންގެ ރަސްގެފާނު އޭނާއާ މުޚާޠަބުކޮށް ބުންޏެވެ.
"ކަލޭގެ ކާރުޚާނާއިން ފީވެފައިވާ
އީޓުތަކެއް ފިހާރަތަކަށް ވިއްކުމުގެ ސަބަބުން މީހަކު މަރުވެއްޖެ އެވެ! އޭނާ މަރުވީ
ކަލޭ ކޮށްފައިވާ ކަމެއްގެ ސަބަބުން ކަމަށްވާތީ، މަރަށް މަރުހިފުމުގެ ގޮތުން ކަލޭ
ދަންޖައްސައި މެރުމަށް ޙުކުމްކޮށްފީމެވެ!"
އެމީހާ ބުންޏެވެ.
"މިސަހަރުގެ ރަސްގެފާނެވެ! ތިމަންނާ
ކުރާނީ ކީއްތޯ އެވެ؟ ތިމަންނާ އެ އީޓު ހަދަނީ ކޯރުން މަށިނަގާ މީހުންގެ އަތުން
ގަންނަ މަށިންނެވެ. އެ މީހުން ތިމަންނާގެ ގާތުގައި ބުނެފައިވަނީ، އެއީ
އާރޯތާނާހުރި މަށިތަކެއް ކަމަށެވެ! އެއީ ފީވެފައިވާ މަށިތަކެއް ކަމެއް
ތިމަންނާއަކަށް ނޭނގެ އެވެ!"
އެހިނދު މޮޔައިންގެ ރަސްގެފާނު ބުންޏެވެ.
"ތިޔަބުނާ މަށިނަގާ މީހުން
ކޮބައިހެއްޔެވެ؟ އެމީހުން ހަމަ މިހާރު މިތަނަށް ގެންނާށެވެ!"
ދެން އެސާހިތަކު އެތަނަށް ދެތިން މީހަކު ހާޒިރުކުރެވިއްޖެ އެވެ. އެއިން ކޮންމެ މީހަކީ ހަތަރުގަނޑު ކަށްޓެވެ! ކާޑުބަލިޖެހި އަނަރޫފަވެފައިވާ މީހަކަށްވުރެ އެއިން މީހެއްގެ ހާލު މާބޮޑެވެ!
ދެން މޮޔައިންގެ ރަސްގެފާނު އެމީހުންނާ މުޚާޠަބުކޮށް ބުންޏެވެ.
"ކަލޭމެން ފީވެފައިވާ މަށިތަކެއް ކޯރުން
ނަގައިގެން ވިއްކުމުގެ ސަބަބުން މީހަކު މަރުވެއްޖެ އެވެ! އޭނާ މަރުވީ ކަލޭމެން
ކޮށްފައިވާ ކަމެއްގެ ސަބަބުން ކަމަށްވާތީ، މަރަށް މަރުހިފުމުގެ ގޮތުން ކަލޭމެން
ދަންޖައްސައި މެރުމަށް ޙުކުމްކޮށްފީމެވެ!"
އެމީހުން ބުންޏެވެ.
"މިސަހަރުގެ ރަސްގެފާނެވެ! ތިމަންމެން
ކަހަލަ މަށި ކެވިކެވި އަނަރޫފަވެފައިވާ ބަޔަކު ދަންޖައްސައި މަރައިލީމާ މީހުން
މީހުން ބުނާނީ ކީކޭތޯ އެވެ؟ ތިމަންމެންނަކީ މިއީ މަސްކޮޅެއް ނެތް އޮނިގަނޑުތަކެކެވެ!
މީހަކު ދަންޖެއްސުނު ކަމަށްވާނީ ނިކަން ސަމައްތަރުހެޔޮ، ބުރުސޫރަ ރިވެތި،
ހަށިގަނޑުގައި ލޮކި މަސްތައް ވެސް ޖަހާފައިވާ މީހަކު ދަންޖައްސައި މަރައިލީމާ
ނޫންތޯ އެވެ؟"
އެހިނދު މޮޔައިންގެ ރަސްގެފާނު ބުންޏެވެ.
"މިތަނަށް އެއްވެތިބި މީހުންގެ ތެރެއިން،
އެބުނާ ކަހަލަ ސަމައްތަރުހެޔޮ، ބުރުސޫރަ ރިވެތި، ހަށިގަނޑު ބިޔަ، މީހަކަށްވާކަހަލަ
މީހަކު ހޯދައިގެން ގެނެސްދީބަލާށެވެ!"
ދެން މޮޔައިންގެ ރަސްގެފާނުގެ އަޢުވާނުން އެތަނަށް އެއްވެތިބި މީހުންގެ ތެރެއަށް ނިކުމެ، އެފަދަ މީހަކު ފެނޭތޯ ހޯދައިބެލި އެވެ. އެމީހުންނަށް ފެނުނު އެންމެ ސަމައްތަރުހެޔޮ، އެންމެ ބުރުސޫރަ ރިވެތި، އެންމެ ބިޔަ މީހާ ކަމުގައިވީ، ޚަލީފާ ހާރޫނުއްރަޝީދެވެ! ދެން އެކަމާ ދެރަފުޅުވެވަޑައިގެން ޚަލީފާ ހާރޫނުއްރަޝީދު ކީރިތިކުރައްވަން ފެށްޓެވި އެވެ! އެހިނދު، ޖަޢުފަރު ވަޒީރު ދެންނެވި އެވެ.
"ކީރިތި ނުކުރައްވާށެވެ! ހިނިފުޅުވަޑުވާށެވެ! އެމީހުން މަނިކުފާނު ގެންގޮސް ދަންޖައްސާތާނގައި ބެހެއްޓުމުން، ތިމަންމަނިކުފާނު އަވަހަށް ދަންޖައްސައި އަވަހާރަކޮށްލަދޭށޭ ވިދާޅުވެ ބާރަށް ހިނިފުޅު ވަޑުވަމުން ގެންދަވާށެވެ! މިކަމާމެދު މޮޔައިންގެ ރަސްގެފާނު، މަނިކުފާނާ ސުވާލެއް ކޮށްފިނަމަ ވިދާޅުވާށެވެ! "މިތާނގައި ދަންޖައްސައި މަރާލެވޭ މީހަކަށްޓަކައި ސުވަރުގޭގައި ކައްކަމުންދާ ކާނާގެ މީރުވަސް މިހާރު ތިމަންމަނިކުފާނަށް ދުވަން ފަށައިފި އެވެ! އަދި މިތާނގައި ދަންޖައްސައި މަރާލެވޭ މީހަކަށް އިންތިޒާރުކުރަމުންދާ ސުވަރުގޭގެ ރިވެތި ހޫރަލްއީނުން ވެސް ތިމަންމަނިކުފާނު ދަންޖެއްސުން ލަސްވެގެން އުޅޭ މަންޒަރު އެބަފެނެ އެވެ!" މިގޮތަށް ޢަމަލުކުރައްވައިގެން ނޫނީ މަނިކުފާނު ސަލާމަތެއް ނުވާނެ އެވެ!"
ޖަޢުފަރު ވަޒީރު އިރުޝާދުދެއްވި ގޮތަށް ކަންކުރެއްވުމަކީ ޚަލީފާ ހާރޫނުއްރަޝީދަށް ފަސޭހަފުޅު ކަމެއް ނޫނެވެ! އެހެނަސް ހިތްވަރުފުޅު ގަދަކުރައްވައި، ގަދަކަމުންވިޔަސް އެކަން ކުރެއްވޭތޯ ބެއްލެވުމަށް ޢަޒުމު ކަނޑައެޅުއްވި އެވެ!
ކޮންމެއަކަސް އެސާހިތަކު އެމީހުން ޚަލީފާ ހާރޫނުއްރަޝީދު ހައްޔަރުކޮށްގެން ގެންގޮސް ދަންޖައްސާ ތަނުގައި ބަހައްޓައިފި އެވެ. އެހިނދު އެމަނިކުފާނު ބާރަށް ހިނިވަޑުވަމުން ގެންދެވި އެވެ! އަދި ނުހަނު ބާރަށް، ހަރުއަޑުން ވިދާޅުވަމުން ގެންދެވި އެވެ. "ތިމަންމަނިކުފާނު އަވަހަށް ދަންޖައްސައި އަވަހާރަކޮށްލަދޭށެވެ! މިކަން ކުރުން ލަސްކުރަނީ ކީއްވެގެން ހެއްޔެވެ؟ ދެން އިތުރަށް އެންމެ ހިނދުކޮޅަކުވެސް މިދުނިޔޭގައި ހުންނަވާކަށް ބޭނުންފުޅެއް ނޫނެވެ!"
ޚަލީފާ ހާރޫނުއްރަޝީދުގެ ޢަމަލުފުޅުތައް ހުރި ގޮތް ފެނުމުން، އެތަނަށް އެއްވެތިބި އެންމެން ހައިރާންވި އެވެ! އަދި އެމީހުނަށްވުރެ މާބޮޑަށް މޮޔައިންގެ ރަސްގެފާނު ހައިރާންވެ އަންތަރީސްވި އެވެ!!! އޭނާ ޚަލީފާ ހާރޫނުއްރަޝީދަށް ދެންނެވި އެވެ.
"ތިހައި އަވަހަށް މިދުނިޔެ ދޫކޮށްލައްވަން ތިޔައުޅުއްވަނީ ކީއްވެގެންތޯ އެވެ؟"
ޚަލީފާ ހާރޫނުއްރަޝީދު ވިދާޅުވި އެވެ.
"ތިމަންމަނިކުފާނަށް މިފެނިވަޑައިގަންނަވާ
މަންޒަރުތައް ތިބާއަށް ނުފެންނަނީތާ އެވެ! މިތާނގައި ދަންޖައްސައި މަރާލެވޭ
މީހަކަށްޓަކައި ސުވަރުގޭގައި ކައްކަމުންދާ ކަލިޔާބިރިންޖީގެ މީރުވަސް މިހާރު
ތިމަންމަނިކުފާނުގެ ނޭފަތްޕުޅަށް ވާޞިލުވަމުން މިދަނީ، ސީދާ ސުވަރުގެއިން
ޖެހެމުންދާ ނަސީމީ މަޑުމަޑު ހިތްގައިމު ވައިރޯޅިތަކާއެކުގަ އެވެ! އަދި މިތާނގައި
ދަންޖައްސައި މަރާލެވޭ މީހަކަށް އިންތިޒާރުކުރަމުންދާ ސުވަރުގޭގެ ރިވެތި
ހޫރަލްއީނުން ވެސް ތިމަންމަނިކުފާނަށް ރިވެތި މޫސީގީ ރާގުތަކުން ގޮވައި،
ލަވަކިޔަމުން އެގެންދަނީ، ސުވަރުގޭގައި އުދުހެމުންދާ ކިރުދޫނިތަކުގެ ފިޔަތަކުގެ
މަތީގަ އެވެ! މިފަދަ ކަންތައްތައް ފެނިވަޑައިގަތުމުން، މިދުނިޔެ ދޫކޮށްލުމަށް
މާބޮޑަށް ޝައުޤުވެރިވެ ވަޑައިގެންނެވެނީ އެވެ! އަދި މިދުނިޔެ ދޫކުރައްވައި އެ
ދުނިޔެއަށް ވަޑައިގެންނެވުމަށް މާބޮޑަށް ވަޖިދުވެވަޑައިގެންނެވެނީ އެވެ!"
ޚަލީފާ ހާރޫނުއްރަޝީދު މިހެން ވިދާޅުވުމުން، މޮޔައިންގެ ރަސްގެފާނު ބުންޏެވެ!
"ހަމަ މިހާރު މީނާ ދަންޖައްސާތަނުން
ދުރަށްލާށެވެ!"
މޮޔައިންގެ ރަސްގެފާނު މިހެން ބުނުމުން، ދަންޖެއްސުމުގެ މަސައްކަތްކުރަންތިބި މީހުން، ޚަލީފާ ހާރޫނުއްރަޝީދު ވަގުތުން އެތަނުން ދުރަށްލައި، އެމަނިކުފާނު ދޫކޮށްލައިފި އެވެ.
ދެން މޮޔައިންގެ ރަސްގެފާނު ތަޚުތުން ފައިބައިގެން ދުވެފައި ގޮސް ދަންޖައްސާ ތަނަށް އަރައި، އަމިއްލައަށް ދަންމަޅި ނަގައިގެން ކަރަށް މަހައިލި އެވެ! އަދި އަވަހަށް އޭނާ ދަންޖައްސައި މަރައިލުމަށް އެންގި އެވެ! ދެން ދަންޖެއްސުމުގެ މަސައްކަތްކުރަންތިބި މީހުން، ވަގުތުން އޭނާ ދަންޖައްސައި މަރައިލި އެވެ!!!
-------------------
މުޞަންނިފު: އަލްއުސްތާޛު ޢަބުދުލްމުޢީދު ޙަސަން