ވަޒީފާއަށް އެންމެ އެކަށީގެންވާ މީހާ












ވަޒީފާއަކަށް އެކަށީގެންވާ މުވައްޒަފަކު ހޯދުމަށް ކުންފުންޏަކުން އިޢުލާނެއްކުރި އެވެ. އެ އިޢުލާނަށް އިޖާބަދީ، އެ ވަޒީފާއަށް އެތައް ބަޔަކު ކުރިމަތިލި އެވެ. އެ އެންމެންނާ އިންޓަވިއު ކުރުމަށްފަހު، ކުންފުނީގެ މެނޭޖަރު އިޚުތިޔާރުކުރީ އެއްވެސް ސެޓްފިކެޓެއް ނެތް ޒުވާނެކެވެ. އޭނާއަކީ ވަޒީފާއަކަށް ގާބިލު މީހެއް ކަން އަންގައިދޭ އެއްވެސް ލިޔެކިއުމެއް އޭނާ ހުށައެއް ނާޅަ އެވެ. 


ކޮންމެއަކަސް، ކުންފުނީގެ މެނޭޖަރު އޭނާ އިޚުތިޔާރުކުރުމުން، ވަޒީފާއާ ބެހޭ މުވައްޒަފުންގެ މެދުގައި އެކަމާމެދު ބަހުސްކުރެވެން ފެށުނެވެ. ނުހަނު ގާބިލު މީހުން ކުރިމަތިލާފައިވަނިކޮށް، ނުކިޔަވާހުރި ޒުވާން ކުއްޖަކަށް ވަޒީފާ ދިނުމަކީ އެމީހުންނަށް ހަޖަމުކުރެވޭ ވަރުގެ ކަމަކަށް ނުވި އެވެ. އެމީހުންގެ މެދުގައި އެތައް ވާހަކައެއް ދެއްކުމަށްފަހު، އެއިން އެކަކު މެނޭޖަރު ގާތަށް ގޮސް ބުންޏެވެ.

"
ކިޔަވައިގެން ތިބި، ނުހަނު ގާބިލު މީހުން ވަޒީފާއަށް ކުރިމަތިލާފައިވަނިކޮށް، ނުކިޔަވާހުރި ޒުވާން ކުއްޖަކަށް ވަޒީފާދިނީ ކީއްވެގެން ހެއްޔެވެ؟"

މިސުވާލަށް ޖަވާބުދިނުމަކީ މެނޭޖަރަށް ދަތިކަމެއް ކަމުގައި ނުވި އެވެ. މެނޭޖަރު ބުންޏެވެ.

"
ތިމަންނާ އޭނާ އިޚުތިޔާރުކުރީ މިބުނާ ސަބަބުތަކަށްޓަކަ އެވެ.
އޭނާ ލައިގެން ހުރީ ވަރަށް އާދައިގެ ހެދުމެކެވެ.
ނަމަވެސް އެ ހެދުން ވަރަށް ސާފުތާހިތެވެ.
ވަޒީފާ ހޯދަން މިތަނަށް އައިސްތިބި އެންމެނާ ވާހަކަދައްކައި، އޭނާ ގުޅުންބަދަހިކުރި އެވެ.
އޭނާ އެއިން އެއްވެސް މީހެއްގެ ގަދަރު ކުޑަކޮށެއް ނުލަ އެވެ.
އެންމެންގެ ހިތްދަމައިގަންނަ ހިނިތުންވުމެއް އޭނާގެ މޫނުގައި ވެ އެވެ.
އޭނާގެ ކިބައިގައި ކިބުރުވެރިކަމެއް ނެތެވެ.
ކަންދެއްކުމެއް ވެސް ނެތެވެ.
މުނާފިޤުކަމެއް ވެސް ނެތެވެ.
އޭނާގެ ބަސްމަގު ރީއްޗެވެ.
އަދި އޭނާއާ އިންޓަވިއުކުރިއިރު އޭނާގެ ކިބައިގައި ނެތް ފެންވަރެއް ވެސް ނުދައްކަ އެވެ.
އޭނާއަށް ވަޒީފާދިނީ މިސަބަބުތަކަށްޓަކަ އެވެ.
އޭނާ މަސައްކަތްކުރާނީ މި ކުންފުނީގެ ރިސެޕްޝަނިސްޓަކަށް ނޫންހެއްޔެވެ؟
އެ ވަޒީފާއަށް އެންމެ އެކަށީގެންވާ މީހަކީ އޭނާ އެވެ."
               -------------------

މުޞަންނިފު: އަލްއުސްތާޛު ޢަބުދުލްމުޢީދު ޙަސަން