މިކޮޅަށް ރަނގަޅުނަމަ އެކޮޅަށް ގޯސް، އެކޮޅަށް ރަނގަޅުނަމަ މިކޮޅަށް ގޯސް

މިކޮޅަށް ރަނގަޅުނަމަ އެކޮޅަށް ގޯސް، އެކޮޅަށް ރަނގަޅުނަމަ މިކޮޅަށް ގޯސް މިއީ މިލިޔުމުގެ ސުރުޚީ އެވެ.
ދުނިޔޭގައިލެއްވި ބައެއްތަކެތީގެ ދެ ކޮޅު ނުވަތަ ދެ ފަރާތް ހުންނަގޮތަށް ދުނިޔޭގައި ހިނގާ ބައެއްކަންކަމުގެ ވެސް ދެ ކޮޅު ނުވަތަ ދެ ފަރާތް އޮވެ އެވެ. މިގޮތުން ދުނިޔޭގައި ހިނގާ  ބައެއްކަހަލަ ކަންކަމަކީ އެ ކަމެއްގެ ދެ ކޮޅުންކުރެ ކޮންމެކޮޅެއްގައި މީހަކުހުރި ނަމަވެސް އެ ކަމެއްގެ އަނެއްކޮޅަށް އެ މީހަކު ރަނގަޅުނުވާ ކަންކަމެވެ. އެ މީހަކު ގޯސްވާ ކަންކަމެވެ. ދިވެހިރާއްޖޭގައި ހިނގާފައިވާ މިކަހަލަ ކަމަކަށްބަލާނަމަ މަޝްހޫރު ދެކުނުގެ ހަމަނުޖެހުމަކީ އެފަދަ ކަންކަމުގެ ތެރެއިން ވެސް ބޮޑު ކަމެކެވެ. އެ ހަމަނުޖެހުމުގެ ދުވަސްވަރު އެއްކޮޅުގައިވަނީ ދިވެހި ސަރުކާރެވެ. އަނެއްކޮޅުގައިވަނީ ސުވައިދީބު (ދެކުނުގެ ތިން އަތޮޅު)ގައި އުފެއްދި ސުވައިދީބު ސަރުކާރެވެ.

ދެކުނުގެ ހަމަނުޖެހުމުގެ އެއްކޮޅުގައި ދިވެހި ސަރުކާރު، އަނެއްކޮޅުގައި ސުވައިދީބު ސަރުކާރުއޮތް އިރު ދިވެހި ސަރުކާރަށް ރަނގަޅަށްހުންނަ މީހަކީ އަނެއްކޮޅުގައި އޮތް ސުވައިދީބު ސަރުކާރަށް ރަނގަޅުމީހަކަށްނުވެ އެވެ. ގޯހެވެ. މިހެންމެ ސުވައިދީބު ސަރުކާރަށް ރަނގަޅަށްހުންނަ މީހަކީ އަނެއްކޮޅުގައި އޮތް ދިވެހި ސަރުކާރަށް ރަނގަޅުމީހަކަށްނުވެ އެވެ. ގޯހެވެ.

ސުވައިދީބު ސަރުކާރުގެ ބާރު ހިނގަމުންދިޔަ ރަށްރަށުގައި އެ ދުވަސްވަރު ތިބި އެންމެންނަކީ ވެސް ދެ ކޮޅުންކުރެ ކޮންމެވެސްކޮޅެއްގައި ތިބި ބަޔެކެވެ. ނޫނީ ތިބެންޖެހުނު ބަޔެކެވެ. ސުވައިދީބު ސަރުކާރުގެ ކޮޅުގައި ތިބީ އަމިއްލަ އިޚުތިޔާރުގައި ތިބި ބަޔަކާއި އަމިއްލަ އިޚުތިޔާރުގެބޭރުން ޙާލަތުގެމަޖުބޫރީގައި ތިބި ބަޔެކެވެ. ދިވެހި ސަރުކާރުގެ ކޮޅުގައި ތިބީ އަމިއްލަ އިޚުތިޔާރުގައި ތިބި ބަޔެކެވެ. އަމިއްލަ އިޚުތިޔާރުގެ ބޭރުން ޙާލަތުގެ މަޖުބޫރީގައި ތިބި ބަޔަކުނެތެވެ.

އަމިއްލައިޚުތިޔާރުގެ ބޭރުން ޙާލަތުގެ މަޖުބޫރީގައި ސުވައިދީބު ސަރުކާރުގެ ކޮޅުގައި މީސްމީހުން ތިބުމަށް އެ ދުވަސްވަރު މެދުވެރިވުން އެކަށޭނަ ހުރިހާކަމެއް ދެނެގަތުމަށް ދަތިވީ ނަމަވެސް އޭގެތެރެއިން ތިންކަމެއް އެ ދުވަސްވަރު ފާހަގަވެ އެވެ.

1- ސުވައިދީބު ސަރުކާރުގެކޮޅަށް ނެތް މީހެއްގެ ނުވަތަ ބަޔެއްގެ ޖާނާއި މުދަލާއި ގެދޮރުގެ ސަލާމަތެއްނެތްކަން އޮޅުމެއްނެތި ކަށަވަރުވާތީވެ، އެ ސަލާމަތަށްޓަކައި ސުވައިދީބު ސަރުކާރުގެކޮޅުގައި ހުރުމަށް ޙާލަތު މަޖުބޫރުވުން.

2- އެ މީހަކީ އެ ތަނެއްގެ ނިސްބަތުގައި ފުދުންތެރި ނޫނީ ގިނަބަޔަކަށް ބަސްވިކޭ މީހަކަށްވާތީ، އެ މީހާ ސުވައިދީބު ސަރުކާރުގެ ކޮޅުގައި ހުރުމަކީ ކޮޅުގެގަދަކަމަށް ލިބޭނެ ބާރެއްކަމަށް އެ ރަށެއްގައި ތިބި ސުވައިދީބު ސަރުކާރުގެ އިސްބަޔަކަށް ގަބޫލުކުރެވޭތީ އެ މީހަކު ސުވައިދީބު ސަރުކާރުގެކޮޅަށް ގެނެވެންއޮތް ގޮތަކުން ގެނައުން.

3- އެ މީހަކީ ހިތުންރުހުމުން ސުވައިދީބުގެ ސަރުކާރުގެކޮޅަށް ތާއީދުނުކުރާނޭ މީހެއްކަން އެ ތަނެއްގައި ތިބި ސުވައިދީބު ސަރުކާރުގެ އިސްބަޔަކަށް ގަބޫލުކުރެވޭތީ ސުވައިދީބު ސަރުކާރު ނެތިގެންދާ ޙާލަތެއްގައި އެ ތަނެއްގައި ތިބި ސުވައިދީބު ސަރުކާރުގެ އިސްބަޔަކަށް ވާގޮތެއް އެ މީހަކަށް ވެސް ވުމަށް ބޭނުންވެގެން ސުވައިދީބު ސަރުކާރުގެކޮޅަށް އެ މީހަކު ގެނައުން.

ފުރަތަމަ ނަމްބަރުގައިވާ ގޮތަށް ސުވައިދީބު ސަރުކާރުގެކޮޅަށް އެ ދުވަސްވަރު ނެތް މީސްމީހުންގެ އަމިއްލަޖާނާއި ޢާއިލާއާއި ގޯތިގެދޮރާއި އަދި އަތްފައިކޮށައިގެން އެހާތަނަށް ހޯދައި އެއްކުރެވުނު ޙަލާލު މުދާކޮޅުގެ ސަލާމަތެއްނެތްކަން އެ ދުވަސްވަރު އޮޅުމެއްނެތި އެންމެންނަށް ކަށަވަރުވެ އެވެ. މީގެދަލީލަކީ، ސުވައިދީބު ސަރުކާރަށް ތަރުޙީބުނުދޭ އެ ސަރުކާރާއި އިދިކޮޅު މީސްމީހުންނާއި މެދު ޢަމަލުކުރާނޭ ކަންކަމެއް ކަނޑައަޅައި އެ ކަންކަން ތަންފީޒުކުރަމުން ގެންދިޔުމެވެ.

"ދިވެހި ސަރުކާރުގެ ބާރު، ހުވަދުއަތޮޅުން ކަނޑުވާލުމަށްފަހު ޤަވާޢިދެއް ވެސް ހެދޫ އެވެ. އެ ޤަވާޢިދުގައި، ސުވަލްދީބު ސަރުކާރާއި ދެކޮޅަށް ޙަރަކާތެއް ހިންގައިފިނަމަ، ހިންގި މީހެއްގެ ނުވަތަ ބައެއްގެ ނުވަތަ ރަށެއްގެ މުޅިމުދާ ސުވަލްދީބު ސަރުކާރުން ފޭރިގަތުމާއި، ގޯތި ގެދޮރުތަޅާ ބިމާ ހަމަކުރުން ވެސް ވެ އެވެ. އެ ޤަވާޢިދުގައި އަތޮޅުގެ އިސްމީހުން ވަނީ، ސޮއިކޮށްފަ އެވެ. އަދި ސުވަލްދީބު ސަރުކާރުން ވަނީ، ހުކުރުޚުޠުބާ ވެސް ހަދާފަ އެވެ. އެ ޚުޠުބާ ނިމެނީ "އައްދަވްލަތުއް ސުވަލްދީބުލް މުއްތަޙިދަތި އަޖްމަޢީން" މި ޢިބާރާތުންނެވެ. މި ޚުޠުބާއާއި ދެކޮޅުހަދާ މީހުން މިސްކިތުން ފައިބައިގެން ދަނީ އެވެ."
– ޢަލީ ނަޞީރު ޒޫރިޔާގެ/ މަޑަވެލި

ސުވައިދީބު ސަރުކާރަށް ތަރުޙީބުނުދޭ މީސްމީހުންނާއި މެދު ޢަމަލުކުރުމަށް ހުވަދުއަތޮޅުގައި ހަމަޖެހުނު ބައެއްކަންކަން:

1- އެއްވެސްބަޔަކު މާލޭގެ ސަރުކާރާއި އެއްކޮޅަށް ތިބެގެން އަތޮޅުންފުރައިގެން ހިނގައްޖެނަމަ، އެބަޔެއްގެ ގެދޮރާއި މުދާތައް ނެތިކޮށްލުން.

2- ރައްޔިތުން އެއްކުރުމަށްޓަކައި ގޮވާ "ނާރޭތަކުބީރު" (ނަޣަރާ ތަކުބީރު) ގޮވުމުން، ފަސް މިނިޓެއްހާ އިރު ތެރޭ ރަށްހިންގާ އޮފީސް ސަރަޙައްދަށް އަންހެނުންނާއި ފިރިހެނުން ނުކުތުމާއި، ނުކުންނައިރު ކޮންމެމީހެއްގެ އަތުގައި ވެސް ކަނޑައެޅިފައިވާ ފަދަ ޙަމަލާއެއްދެވިދާނޭ އެއްޗެއްއޮތުން.

3- ދިވެހި ސަރުކާރާއި އެއްކޮޅަށް މީހަކުހުރިކަން އެނގިއްޖެނަމަ، އެކަމަށް ފިޔަވަޅުއެޅުން. 

ސުވައިދީބު ސަރުކާރަށް ތަރުޙީބުނުދޭ މީސްމީހުންނާއި މެދު ޢަމަލުކުރުމަށް ހުވަދުއަތޮޅުގައި ހަމަޖެހުނު ކަންކަމުގެތެރެއިން ތަންފީޒުކުރި ބައެއްކަންކަން:

މަތީގައިވާ 1 ވަނަ ނަމްބަރާ ގުޅިގެން:

ހ- ހުވަދުއަތޮޅުގައި ސުވައިދީބު ސަރުކާރުގެ ބާރު ހިންގި ދެވަނަފަހަރު، ހުވަދުއަތޮޅު ގައްދޫގެ ބައެއް އޮޑިދޯނިފަހަރުގައި އަލިފާންރޯކޮށް ގެތަކުގައިހުރި މުދާތައްފޭރި، އެ ރަށުގެ ބައެއް މީސްމީހުން ހުވަދުއަތޮޅުގެ މީހުންއުޅޭ ރަށްރަށާއި މީހުންނޫޅޭ ފަޅުރަށްރަށަށް އަރުވާލީ، ގައްދޫގެ 99% އަށްވުރެ ބޮޑުޢަދަދެއްގެ މީހުން ދިވެހި ސަރުކާރަށް ތާއީދުކުރުމާއި އަދި އެ ރަށުގެބަޔަކު ސުވައިދީބު ސަރުކާރާއި ނުރުހިގެން މާލެއަށް ފުރުމުންނެވެ. ގައްދޫގެ އެ ޙާދިސާގެ ބައެއްމަޢުލޫމާތު މިތަނުން ވެސް ލިބިވަޑައިގަންނަވާނެ އެވެ. 

ށ- ހުވަދުއަތޮޅުގައި ސުވައިދީބު ސަރުކާރުގެ ބާރު ހިންގި ދެވަނަފަހަރު، ހަވަރުތިނަދޫ އަލްފާޟިލް އަލްމަރުޙޫމް އިބްރާހީމް ޝިހާބުގެ އޯކިޑްމާގެއާއި ހަވަރުތިނަދޫ އަލްފާޟިލާ ޚަދީޖާ ޙުސައިންގެ ދިލްކަޝްވިލާއާއި ދެ ގެއަށް ހަވަރުތިނަދޫގެ ބަޔަކުވަދެ އެ ގެތަކުގައިހުރި މުދާފޭރި ދެ ގޭގެ ފުރާޅާއި ބިތްތަކުގައި ވާޖަހައި ދަމައިވައްޓައި ބިމާހަމަކޮށްލި އެވެ.

މަރުޙޫމް ޝިހާބުގެ ގެއާމެދު އެގޮތަށް ކަންކުރީ އޭނާ ސުވައިދީބު ސަރުކާރަށް ތާއީދުނުކުރައްވައި އަމިއްލަދޯންޏެއްގައި މާލެއަށް ފުރާވަޑައިގަތުމުންނެވެ. އަލްފާޟިލާ ޚަދީޖާ ޙުސައިންގެ ދިލްކަޝްވިލާ ގޭގެ މުދާތައްފޭރި ގެ ތަޅައި ބިމާހަމަކޮށްލީ، ޚަދީޖާ ޙުސައިންގެ ފިރިކަލުން އަލްފާޟިލް އަލްމަރުޙޫމް ޙަސަން ޙަލީމް ސުވައިދީބު ސަރުކާރަށް ތާއީދުނުކުރައްވައި މާލެއަށް ފުރާވަޑައިގަތުމުންނެވެ.

ކަނޑައަޅާފައިވަނީ އެއްވެސްމީހަކު ނުވަތަ ބަޔަކު މާލޭގެ ސަރުކާރާއި އެއްކޮޅަށްތިބެގެން އަތޮޅުންފުރައިގެން ހިނގައްޖެނަމަ، އެ މީހެއްގެ ނުވަތަ އެ ބަޔެއްގެ ގޯތިގެދޮރާއި މުދާތައް ނެތިކޮށްލުމަށެވެ. ވީއިރު ސުވައިދީބު ސަރުކާރަށް ތާއީދުނުކުރައްވައި މަރުޙޫމް ޙަސަން ޙަލީމް މާލެއަށް ފުރާވަޑައިގަތުމުން އެކަމުގެ އަދަބަކަށް އޭނާގެ އަނބިކަނބަލުން އަލްފާޟިލާ ޚަދީޖާ ޙުސައިނަށް ޚަދީޖާ ޙުސައިންގެ ބައްޕަގެ އަމިއްލަފުޅު ޚަރަދުގައި ޚަދީޖާ ޙުސައިނަށް އަޅުއްވާދެއްވި "ދިލްކަޝްވިލާ" ގޭގައިހުރި މުދާތައް ފޭރި އެ ގެ ތަޅައި ބިމާހަމަކޮށްލަން ޖެހެނީ ކީއްވެތޯ އެ ދުވަސްވަރު ވެސް ގިނަބަޔަކު ސުވާލުއުފެއްދި އެވެ.


މަތީގައިވާ 2 ވަނަ ނަމްބަރާ ގުޅިގެން:

"ނާރޭތަކުބީރު" (ނަޣަރާ ތަކުބީރު)
ނާރޭތަކުބީރު ގޮވުމަށް ހަމަޖެހިފައި އޮންނަނީ ރަށުގެމީހުން އެއްކުރުމަށް ރަށުގެވެރިން ބޭނުންވުމާއި ގޮތް ނޭނގޭ ކަނޑުދަތުރުކުރާ އުޅަނދެއްފަދަ އެއްޗެއް ރަށާއިވީކޮޅަށް އަންނާތީ ފެނުމާއި ރޭގަނޑުގެ ވަގުތެއްގައި ރަށުގެބޭރުން ކަނޑުތެރެއިން ގޮތްނޭނގޭ އައްޔެއް ފެނުމާއި މިކަހަލަ ކަންކަމެކެވެ. ނާރޭތަކުބީރު ގޮވާ އަޑުއިވުނު ކޮންމެމީހަކު الله أكبر ގޮވުމަށްފަހު، އެ މީހަކު ވެސް ނާރޭތަކުބީރު ގޮވަންޖެހެ އެވެ. އަނެއްކާ އެ އަޑުއިވުނު މީހަކު ކޮންމެމީހަކު ވެސް الله أكبر ގޮވުމަށްފަހު، އެ މީހަކު ވެސް ނާރޭތަކުބީރު ގޮވާނެ އެވެ.  

ދުވާލުގެ ވަގުތެއްގައި ނާރޭތަކުބީރު ގޮވާއަޑު އިވުމުން ފިރިހެނުންގެ އިތުރަށް އަންހެނުން ވެސް ރަށްހިނގާ އޮފީސް ސަރަޙައްދަށް ނުކުންނަން ޖެހެ އެވެ. ނަމަވެސް ރޭގަނޑުގެ ވަގުތެއްގައި ނާރޭތަކުބީރު ގޮވާއަޑު އިވުމުން ނުކުތުމަށް ހަމަޖެހިފައި އޮންނަނީ ހަމައެކަނި ފިރިހެނުންނެވެ. އެކަމަކު އަންހެނުން ނުކުތުމަކީ މަނާކަމަކަށް ނުވާތީ ވާނުވާ ބެލުމުގެބޭނުމުގައި އަންހެނުންގެ މަދު މީހަކު، ނުވަތަ ބަޔަކު ނުކުމެއުޅެ އެވެ.

ނާރޭތަކުބީރު ގޮވުމުން އެ ރަށެއްގެ ރަށްހިނގާ އޮފީސް ސަރަޙައްދަށް މީސްމީހުން ދާނީ ކަނޑައެޅިފައިވާ ގޮތަށް ގެންދަންޖެހޭ އެއްޗަކާއެކު އެވެ. މުގުރުގަނޑެއް، ލޮންސިއެއް، ޚަންޖަރެއް ނުވަތަ އެނޫންވެސް ޙަމަލައެއް ދެވިދާނެފަދަ ކޮންމެވެސްއެއްޗެއް ފިރިހެނުންގެ އަތުގައި އޮންނައިރު، ޢާއްމުކޮށް ގިނަ އަންހެނުންގެ އަތުގައި ހުންނާނީ ބިއްލޫރިފުޅި ދަނޑިބުރި މިކަހަލަ ކޮންމެވެސް އެއްޗެކެވެ. 

މުގުރުގަނޑަކީ، ކުރެދިން ނުވަތަ އެހެން ބާވަތެއްގެ ލަކުޑިއަކުން މުށްވަޅެއްލައިފައި ހަދާފައިއޮންނަ ހިމަ ދިގު އެއްޗެކެވެ. ގާތްގަނޑަކަށް މީގެ ދިގުމިން މާމުށެއް ނުވަތަ ކުރުމުށެއް ވަރުވާނެއެވެ. ލޮންސިއަކީ، ހަނގުރާމައިގެ ހަތިޔާރެކެވެ. މިއީ ހިމަ ދަނޑިއެއްގެ ކޮޅުގައި ތިލައެއް ލައިފައި ހުންނަ އެއްޗެކެވެ. ޚަންޖަރަކީ، ތިލައިގެ ދެފުށުގައި މިޔައަޅައިފައި ހުންނަ ހަތިޔާރެކެވެ. - ދިވެހިބަހުގެ ރަދީފު

ނާރޭތަކުބީރުގެ އަޑަށް ނުކުތްބަޔަކު ނުކުތުމުން ވެރިންގެފަރާތުން އެ ބަޔަކަށް އަންގާ އެންގުމެއް ވެސް އަންގަވަ އެވެ. ރައްޔިތުން އެއްކުރި ބޭނުމާމެދު އެވެ. ބައެއްފަހަރުގެ ވިދާޅުވުމަކަށް ވަނީ "ރައްޔިތުންގެ ހުޝިޔާރުކަން ހުރި މިންވަރެއް ބަލައިލީ އެވެ. ތިޔަ ހުޝިޔާރުކަމުގައި އަބަދުވެސް ރައްޔިތުން ތިއްބަވާށެވެ. ދެން ގޭގެއަށް ދުރުވިޔަސް އެންމެ ރަނގަޅެވެ." މިގޮތަށް ވެރިން އެންގެވުމުން މީހުންތައް ގޭގެއަށްދަނީ އެވެ.

ނާރޭތަކުބީރު ގޮވުމުން ފަސް މިނިޓެއްހާ އިރު ތެރޭ، ނުވަތަ އެއަށްވުރެ ކުޑަތަންކޮޅެއް ލަހުން ވިޔަސް ރަށްހިންގާ އޮފީސް ސަރަޙައްދަށް އަންހެނުންނާއި ފިރިހެނުން ނުކުތުމަށް ހަމަޖެހިފައިވުމަކީ، އެ ދުވަސްވަރުގެ ވަކިކޮޅެއްގައި ތިބި ބަޔަކަށް ނޫނަސް ގިނަބަޔަކަށް އުނދަގޫވި ކަމެކެވެ. އެއީ ބައެއްފަހަރު ނާރޭތަކުބީރު ގޮވާލާ ރޭގަނޑުގެ ބައެއްވަގުތާއި އަދި އެ ގޮވުންގޮވާއިރު ބައެއްމީހުން ކުރަންތިބޭ މަސައްކަތުގެ ގޮތުންނެވެ. މީގެއިތުރަށް މިކަން އެންމެބޮޑަށް އުނދަގޫވެފައިވަނީ އެ މީހަކުހުރި ކޮޅަކާމެދު ޝައްކުގެނަޒަރަކުން ބަލަމުންގެންދިޔަ މީހުންނަށެވެ. މިބަޔަކަށް ޖެހިފައިވަނީ ވަކިވަގުތެއް އަދި ކުރަންހުރި މަސައްކަތަކަށް ބެލުމެއްނެތި ވަގުތުން އޮފީސް ސަރަޙައްދަށް ނުކުތުމަށެވެ. ނޫންނަމަ ދެންވާނެގޮތެއް ރަނގަޅަށް އެނގޭނީ އެ ގޮތެއްވީމާ ކަމަށް އެ ބަޔަކު ގަބޫލުކުރެ އެވެ.

ނާރޭތަކުބީރުގެ ނާޖާއިޒުފައިދާ

ނާޖާއިޒުފައިދާއަކީ، ޙައްޤުނޫން ފައިދާ ނުވަތަ ހުއްދަނޫން ނަފާކަމަށް ވިޔަސް މީގެ ބޭނުންކުރެއްވި ވެރިންގެ ބަޔަކާއި ވެރިންނާއި އަރިސްބަޔަކު ހަވަރުތިނަދޫގައި ތިއްބެވި އެވެ. ހުވަދުއަތޮޅުގައި ސުވައިދީބު ސަރުކާރުގެ ބާރު ހިންގި ދެވަނަފަހަރު އެވެ. ބައެއް ރޭރޭ މެންދަމުގެ އެކި ގަޑިތަކުގައި ހަވަރުތިނަދޫގައި ނާރޭތަކުބީރު ގޮވިބަޔަކު ގޮވާފައިވަނީ ނާރޭތަކުބީރު ގޮވުމަށް ހަމަޖެހިފައިވާފަދަ ކަމެއް ކުރިމަތިވެގެން ނޫނެވެ. އަދި ރަށުގެ ބޮޑެތި ހުރިހާ ފިރިހެނުން އޮފީސް ސަރަޙައްދަށް ނެރުމަކަށް ނޫނެވެ. ނާރޭތަކުބީރު ގޮވާފައިވަނީ، ހަމައެކަނި ވަކި ގެއެއްގެ ނުވަތަ ވަކި ގެތަކެއްގެ ބޮޑެތި ފިރިހެނުން އެ ގެތަކުން ނެރެ އަވަސްވެގެން ގަޑިއެއްހާއިރުގެ ފަހުން ނޫނީ އެބައިމީހުންނަށް އެނބުރި ގެއަށް ނުދެވޭގޮތަށް ކުރާ ކަމަކަށެވެ.

ނާރޭތަކުބީރު ގޮވުމަށް ހަމަޖެހިފައިވާ އުޞޫލާ ޚިލާފަށް ވިޔަސް ކުރިން ދެންނެވިގޮތަށް ރޭގަނޑު ފުރަމެންދަމު ނާރޭތަކުބީރު ގޮވާ ރޭރޭ އެ އަޑު އިވުނުހާ ބޮޑެތި ފިރިހެނުން އަވަސްއަވަހަށް ހަވަރުތިނަދޫ އޮފީސް ސަރަޙައްދަށް ގޮސް ވެގެންއުޅޭ ގޮތެއް ނޭނގިގެން އެތައްއިރެއްވާއިރު ވެސް ވެރިންފެންވަރުގެ ބައެއް ބޭފުޅުންނަށް އެ ތަނަކަށް ވަޑައިނުގެންނެވެ އެވެ. އެ ސަބަބު ރަނގަޅަށް އެނގިވަޑައިގަންނަވާނީ އެ ބޭފުޅުންނަށެވެ. އެހެންބަޔަކަށް އެނގޭނީ އެ ސަބަބެއް އެ ބޭފުޅުން ވިދާޅުވުމުންނެވެ. މިކަހަލަ ރޭރޭ ވެރިންފެންވަރުގެ ބައެއް ބޭފުޅުންނަށް ވަޑައިގެންނެވުނު އިރަކުން ވަޑައިގެން ވެސް ރައްޔިތުން އެއްކުރި ބޭނުމަކާމެދު ވިދާޅުވާނީ "ރައްޔިތުންގެ ހުޝިޔާރުކަން ހުރި މިންވަރެއް ބަލައިލީ އެވެ. ތިޔަ ހުޝިޔާރުކަމުގައި އަބަދުވެސް ރައްޔިތުން ތިއްބަވާށެވެ. ދެން ގޭގެއަށް ދުރުވިޔަސް އެންމެ ރަނގަޅެވެ." މިގޮތަށް ވެރިން އެންގެވުމުން މީހުންތައް ގޭގެއަށްދަނީ އެވެ.

މަތީގައިވާ 3 ވަނަ ނަމްބަރާ ގުޅިގެން:

ހ- ދިވެހި ސަރުކާރާއި އެއްކޮޅަށް މީހަކުހުރިކަން އެނގިއްޖެނަމަ، އެކަމަށް ފިޔަވަޅުއެޅުމުގެތެރޭ އެ މީހަކު ރައްޔިތަށްދެއްކުމާއި ގަންހިންގުން ހިމެނެ އެވެ. މިއީ ކުރީ ޒަމާނުގައި މީހަކު މާލޭގެ ހަވަރަށްދެއްކުމާއި މާލޭގައި ގަންހިންގުން ފަދަ ކަމެކެވެ. މިގޮތަށް މީހަކު ހަވަރުތިނަދޫގައި ދައްކައިފިނަމަ، އެ މީހެއްގެ އަތްފައި ބަނދެ، "މާވަށްދިހެރޭ" އަވީގައި ބޭއްވުމާއި ބަނޑުގައި ވާ ޖަހައިގެން ރަށުތެރޭ ހިންގުން ހިމެނެ އެވެ. އެއަށްފަހު އެ މީހަކު ދޫކޮށްލާނީ، ސުވައިދީބު ސަރުކާރު ގަބޫލުކުރުމުންނެވެ.

ގަންހިންގުމަކީ، އިހުގައި ބޮޑެތި ބައެއްކުށް ކުށުގެ އަދަބަކަށް، ކޮލިހިނގާމަގުގައި (މާލޭގައި) ކުށްވެރިޔާ ހިންގުމެވެ. މިކަންކުރަނީ އެމީހެއްގެ ބުރަކަށީގައި ފަނެއްބަނދެ، މޫނުގައި އަޅިދެލި ކުރަހައި، އުނަގަނޑުގައި ދެ ވާ ޖަހައިގެންނެވެ. ކޮންމެ ހަތަރު އަނގޮޅިއެއްގައި މަޑުކޮށް އެމީހާގެ ކުށް ބަޔާންކުރާ ޢިބާރާތް ކިއުމަށްފަހު "އަދަބުން އަދަބޯތް" މިހެން ގޮވައިލައި ތަޢުޒީރުކުރާނެއެވެ. މިމީހާގެފަހަތުން ވަރަށް ގިނަމީހުންނާއި ތެއުޅުވާ ކުދިން ދާނެއެވެ. – ދިވެހިބަހުގެ ރަދީފު

ށ- ދިވެހި ސަރުކާރާއި އެއްކޮޅަށް ތިއްބެވިކަން އެނގިގެން ރަތަފަންދޫ މަރުޙޫމް މުދިމްކަލޭގެފާނާއި އޭނާގެ ދަރިކަލުން ކަތީބު މަރުޙޫމް މުޙައްމަދު ބަޝީރުއާއި، ފިޔޯރީ ކަތީބު މަރުޙޫމް އަޙުމަދު ޙުސައިންދީދީއާއި ޝައިޚު މަރުޙޫމް ޢަބުދުﷲ ޒުހުރީއާއި ގައްދޫ ކަތީބު މަރުޙޫމް ޢަލިކަލޭގެފާނަކީ، ދިވެހިސަރުކާރާއި އެއްކޮޅަށް ތިއްބެވިކަން އެނގުމުން އެ ބޭފުޅުން ހަވަރުތިނަދޫއަށް ގެނެސް ޖިސްމާނީ އަދި ނަފުސާނީގޮތުން އަނިޔާގެ އެކިވަރުގެ ފިޔަވަޅުއެޅި ގަދަރުވެރި ބައެއް ބޭފުޅުންނެވެ. މީގެތެރެއިން ރަތަފަންދޫ މަރުޙޫމް މުދިމްކަލޭގެފާނަކީ މަތީ ޢުމުރެއްގެ ބޭފުޅަކަށްވީ ނަމަވެސް، އޭނާ ސުވައިދީބު ސަރުކާރާއި މެދު، ހަވަރުތިނަދޫ ރައްޔިތުންގެ ކުރިމަތީގައި ނުރުހުން ފާޅުކުރައްވަމުން ގެންދެވީ އޭގެ ސަބަބުން ލިބިވަޑައިގެންފާނެ ގެއްލުމަކަށް އަދަބަކަށް ކުޑަވެސް ފަރުވާލެއްނެތި ކެރިވަޑައިގެން ހަމަ ފާޅުގަ އެވެ. މިތަން ދެކިފައިވާމީހުން ހުވަދުއަތޮޅު ތިނަދޫގައި މިހާރު ވެސް މަދެއްނުވާނެ އެވެ.

ނިންމާލަމުން ވެސް ދަންނަވަމެވެ. ރާއްޖޭގައި ހިނގާފައިވާ ކަންކަމުގެ ވާހަކަލިޔެ ފެންނަންހުރި ފަތްފުށްތަކަށް ބަލާއިރު ދެކުނުގެ ތިން އަތޮޅު(ސުވައިދީބު)ގައި އުފެއްދި ސުވައިދީބު ސަރުކާރުގެ ދުވަސްވަރު އެ ސަރުކާރުގެކޮޅަށް މީހަކު ރަނގަޅުނަމަ އަނެއްކޮޅުގައި އޮތް ދިވެހި ސަރުކާރަށް އެ މީހަކު ރަނގަޅެއްނޫނެވެ. ގޯހެވެ. ދިވެހި ސަރުކާރުގެކޮޅަށް މީހަކު ރަނގަޅުނަމަ އަނެއްކޮޅުގައި އޮތް ސުވައިދީބު ސަރުކާރަށް އެ މީހަކު ރަނގަޅެއްނޫނެވެ. ގޯހެވެ.
          ---------------                                   
ޢަބުދުﷲ ޙިލްމީ
13 އޮގަސްޓް 2016މ.

މަޢުލޫމާތުގެ ޙިއްޞާ:
މުޙައްމަދު ޒުހައިރު ޖޭނެސްޓް/ ގދ. ތިނަދޫ
އިބްރާހީމް ޝާކިރު ދުންތަރި/ ގދ. ތިނަދޫ