ހަވަރުތިނަދޫގެ ދެވަނަ ވަޒަންވެރިން


ދިވެހިސަރުކާރުގެ ފަރާތުން ހަވަރުތިނަދޫގެ މީހުން އެ ރަށުން ބޭލުއްވީ 1962މ. ގަ އެވެ. އޭގެފަހުން  ދިވެހި ސަރުކާރުގެ ފަރާތުން ހަމަ އެ މީހުން 1966މ. ގައި އެ ރަށުގައި ވަޒަންވެރިކުރުވި ކަމަށް ބަޔަކަށް ހީވެފައި އޮވެ އެވެ. ނަމަވެސް މިއީ ކުށް ހީއެކެވެ. 1962މ. ގައި ދިވެހި ސަރުކާރުން ހަވަރުތިނަދޫން ބޭލުއްވި މީހުން އޭގެފަހުން އެ ރަށުގައި ދިވެހި ސަރުކާރުން ވަޒަންވެރި ކުރުވާފައި ނުވެ އެވެ. ވަޒަންވެރި ކުރުވުމާއި ވަޒަންވެރި ވުމާއި މިއީ ތަފާތު ދެ ބަހެކެވެ. އަދި ދެ ކަމެކެވެ.

ދިވެހި ސަރުކާރުން 1966މ. ގައި ހަވަރުތިނަދޫގައި މީހުން އަލުން ވަޒަންވެރިވުމުގެ ދޮރު ހުޅުއްވާފައިވަނީ 1962މ. ގައި ދިވެހި ސަރުކާރުން ހަވަރުތިނަދޫން ބޭލުއްވި މީހުންނަށް އެކަންޏެއް ނޫނެވެ. ޢާއްމު ގޮތެއްގައި އެ ކަމަށް އެދޭހާ ބަޔަކަށެވެ. މިކަން ހަވަރުތިނަދޫގައި އަލުން ވަޒަންވެރިވުމާއި ބެހޭ ގޮތުން ސަރުކާރުން ކުރެއްވި އިޢުލާނުން އެނގެ އެވެ. "ވިޔަފާރިމިއަދު"ގައިވާ މި އިޢުލާންގެ ކޮޕީއެއް މި ލިޔުމުގައި ހިމަނާފައިވާނެ އެވެ.


ސަރުކާރުގެ ފަރާތުން ވަކި ބަޔަކަށް ޚާއްޞަކޮށް އެ ބަޔަކު ރަށެއްގައި ވަޒަންވެރިކުރުއްވަން ނިންމެވިނަމަ އެންމެ ކުޑަމިނުން އެ ބަޔަކަށް އެ ތާކުން ބޯހިޔާވެހިކަމެއް ވިޔަސް ދެއްވާނެތާ އެވެ. 1966މ. ގައި ހަވަރުތިނަދޫގައި ވަޒަންވެރިވީ ބަޔަކަށް އެފަދަ އެއްވެސް ބޯހިޔާވެހިކަމެއް ސަރުކާރުން ނުދެއްވަ އެވެ. އެހެން އެވީ ވަޒަންވެރި ކުރުވުމާއި ވަޒަންވެރި ވުމާއި މިއީ ތަފާތު ދެ ބަހަކަށް އަދި ދެ ކަމަކަށް ވެސް ވީމަ އެވެ. ހަވަރުތިނަދޫގައި އަލުން ވަޒަންވެރިވުމާއި ބެހޭ ގޮތުން ޢާއްމުކޮށް ސަރުކާރުން ދޮރު ހުޅުވާލެއްވުމުން ކޮންމެވެސް ބަޔަކު އެ ރަށުގައި ވަޒަންވެރިވާން ބޭނުންވެގެން ވަޒަންވެރިވީ އެވެ. ސީދާ ވަކި ބަޔަކު ސަރުކާރުން ވަޒަންވެރި ކުރުވީކީ ނޫނެވެ. މިއީ ވަރަށްސާފުކޮށް އެނގޭ ކަމެކެވެ.

ހަވަރުތިނަދޫގައި އަލުން ވަޒަންވެރިވުމުގެ ދޮރު ހުޅުވާލެއްވުމުން އެ ރަށުގައި ވަޒަންވެރިވާން ބޭނުންވި މީހުންގެ ތެރޭ ސަރުކާރުގެ އަމުރަށް ކުރިން އެ ރަށް ދޫކޮށް ދިޔަ އޭރު އެ ރަށުގައި އެ ބަޔެއްގެ ގޯތިގެދޮރު ހުރި މީހުން މަދެއްނޫނެވެ. ނަމަވެސް މީގެތެރެއިން ދެވަނަފަހަރު ހަވަރުތިނަދޫގައި ވަޒަންވެރިވީ މީހުންގެ ތެރޭ އަމިއްލަ ގޯއްޗެއް ނުލިބޭ މީހުން މަދެއްނޫނެވެ. އަދި މިހެންމެ ކުރިން އެ ބަޔެއްގެ ގޯތިގެދޮރާއި ރުއްގަސް ހުރި ހިސާބާއި ކައިރި ހިސާބަކުން ވެސް ގޯތި ލިބުނީ މަދު ބަޔަކަށެވެ.


ދެވަނަ ފަހަރަށް ހަވަރުތިނަދޫގައި މީހުން ވަޒަންވެރިވީ އިރު އެ ރަށުގައި ކުރިން ރާނާފައި ހުރި ޢިމާރާތްތަކުގެ %99 ވަނީ ތަޅައި ސުންނާފަތިކޮށްފަ އެވެ. ކުރިން ދަނޑިފަނުން ހުރި ހުރިހާ ތަނެއްވަނީ އަންދައި ނައްތާލައިފަ އެވެ.

ހަވަރުތިނަދޫގައި ދެވަނަ ފަހަރަށް މީހުން ވަޒަންވެރިވުމާ ބެހޭ މަސައްކަތް ހިންގެވުމަށް ސަރުކާރުން ފޮނުއްވީ މާލޭ މަޑުފެހިގޭ އަލްފާޟިލް އަލްމަރުޙޫމް އަޙުމަދު ރަޝީދު (ތުއްތީދި ދޮންމަނިކު) އެވެ. ސަރުކާރުން ހަމަޖެއްސެވި ޗާޓަކާ އެއްގޮތަށް މަގުތަކާއި ގޯތި ދޭނޭ ތަންތަނާއި ހުސް ބިންތަކާއި މިސްކިތްތަކާއި ތަންތަން ހަމަޖެއްސެވި އެވެ. ރަށުގެ މަގުތައް އަލުން ހެދުމުން މަގަށް އަރާތީ ކުރިން އެ ރަށުގައި ހުރި މިސްކިތްތަކުން ރޫޅައި ނައްތާލަން ޖެހުނު މިސްކިތަކީ ދޮށިމޭނާ މިސްކިތެވެ. މިހާރު މޮސްކޯގެ އެ ހުރި ސަރަޙައްދާއި އެ ގޭގެ އިރުމަތިން މަގާއި އެ މަގާ ޖެހިގެން އިރުމަތީ ގޯއްޗާއި މި ހިސާބަށް ދޮށިމޭނާ މިސްކިތާއި މި ސްކިތުގެ ޤަބުރުސްތާނު ކުރިން އޮތެވެ.


ހަވަރުތިނަދޫގައި ދެވަނަ ފަހަރަށް މީހުން އާބާދުވީ އިރު ރަށުގެ ކޮންމެ އަވަށެއްގައި 40 ހާސް އަކަފޫޓުގެ 25 ބްލޮކްވާއިރު، ކޮންމެ ބްލޮކްއެއްގެ ތެރޭ 5 ހާސް އަކަފޫޓްގެ 8 ގޯތި އޮވެ އެވެ. ރަށުގެ މަގުތައް ހަދާފައިވަނީ، ކޮންމެ އަވަށެއްގެ ބޭރުން ވަށައިގެން އޮންނަ މަގު 25 ފޫޓްގެ ފުޅާމިން، އަދި އެ ނޫން ކޮންމެ ބްލޮކެއްގެ ބޭރުން އޮންނަ މަގުގެ ފުޅާމިން 15 ފޫޓް ހުންނަ ގޮތަށެވެ. ތިނަދޫގެ ކޮންމެ ބްލޮކްއަކުން 5000 އަކަފޫޓުގެ 8 ގޯތި ދީގެން 1966މ. ވަނަ އަހަރުން ފެށިގެން ގޯތިދީ ނިމުނު އިރު ރަށުގެ ހިކިފަސް ބިން ވަނީ ގާތްގަނޑަކަށް ހުސްވެފަ އެވެ.


ތިނަދޫގެ އުތުރުން ދެކުނަށް އަދި ހުޅަނގުން އިރަށް ވެސް 1 ން ފެށިގެން 100 އަށް ނަމްބަރ ދެވިފައިވާ ޗާޓުގައި ހުކުރުމިސްކިތް ބްލޮކްގެ އުތުރުގައި 61 ނަމްބަރ މަގު، އަދި އެ މިސްކިތް ބްލޮކްގެ އިރުމަތީގައި 16 ނަމްބަރ މަގު އޮންނަގޮތަށް އެ ދުވަސްވަރުގެ ތިނަދޫގެ ބައުންޑްރީ ނުވަތަ ރަށުގެ ބޭރުގެ އިން ކުރެހީމާ އެ ދުވަސްވަރު ތިނަދޫގެ ހިކިފަސް ތަން ފާހަގަކުރެވިދާނެ އެވެ. މިހެންމެ މި ގޮތަށް ކުރެހުމުން ރަށުގެ އެތެރޭގެ މިންތަކެއް ވެސް އޮޅިގެން ނުދާނެ އެވެ."
                  -------------------
ޢަބުދުﷲ ޙިލްމީ
30 ޖުލައި 2015މ.