ހުވަދުއަތޮޅު ތިނަދޫގެ ގިނަދުވަސްވީ ތަކެތި


ހުވަދުއަތޮޅު ތިނަދޫގެ ދެވަނަ އާބާދީގައި ނުވަތަ އޭގެ ކުރީގެ އާބާދީގައި ވިޔަސް އެރަށުގައި ހުރި އެންމެގިނަދުވަސްވީ ނުވަތަ އެންމެ އާސާރީ އެއްޗަކީ އެރަށުގެ އާސާރީ ހުކުރުމިސްކިތުގެ ތަރާގަނޑެވެ. ތަރާގަނޑަކީ ވީރާނާވެފައިވާ ބިންގަލެވެ. މިބިންގާ މިހާރުވެސް ތިނަދޫގައި ފެންނަން އެބަހުއްޓެވެ.

ތިނަދޫ އާސާރީ ހުކުރުމިސްކިތުގެ ތަރާގަނޑު މިހާރު އެހުރިގޮތަށް ފެނިފައިވަނީ އެބިމުގައި މީސްތަކުންނަށް ނަމާދުކުރެވޭގޮތަށް އެހެން ޢިމާރާތެއްކުރުމުގެ ބޭނުމުގައި ދިވެހިސަރުކާރުން އެމަސައްކަތް ކުރުވަމުން ދިޔައިރުއެވެ. މިތަރާގަނޑު ފެނުމުން ދިވެހިސަރުކާރުގެ ހެރިޓޭޖް ޑިޕާޓްމެންޓާއި ދިވެހިބަހުގެ އެކެޑެމީގެ ޓީމެއްް ކަމާބެހޭ ފަންނީ ބޭފުޅުންކޮޅަކާއެކު ތިނަދޫއަށް ވަޑައިގެން ތިނަދޫ ކައުންސިލްގެ އިސްބޭފުޅުންނާއި އަދި އެތަރާގަނޑާއި ބެހޭ މަޢުލޫމާތު އެނގިތިބިި ބައެއްމީހުންނާއި ބައްދަލުކުރެއްވުމަށްފަހު އެތަން ޙިމާޔަތްކުރުމުގެ މަސައްކަތްކުރެއްވުމަށް ނިންމެވިކަމަށް އެނގިފައިވެއެވެ.

ހުވަދުއަތޮޅު ތިނަދޫގައި ހުރި އެންމެގިނަދުވަސްވީ ނުވަތަ އެންމެ އާސާރީ އެއްޗިއްސަކީ:
1- އާސާރީ ހުކުރުމިސްކިތުގެ ތަރާގަނޑު
2- ތިނަދޫގައި ދެއްވަދޫ ރަސްގެފާނު ބިނާކުރެއްވި ެމިސްކިތުގެ ބައެއް ތަކެއްޗާއި ފޮޓޯތައް
3- ތިނަދޫގައި ހުރި "ލާޓް ދަގަނޑު"ގެ ނަމުން މަޝްހޫރުވެފައިވާ ދަގަނޑު

އިތުރުމަޢުލޫމާތު:
ހ- މަތީގެ 3 ވަނަ ނަމްބަރުގައިވާ ލާޓް ދަގަނޑަށްވުރެ 2 ވަނަ ނަމްބަރުގައިވާ ދެއްވަދޫ ރަސްގެފާނު ބިނާކުރެއްވި މިސްކިތަށް ގިނަދުވަސްވީކަމުގެ ހެއްކަކީ ލާޓްދަގަނޑަކީ 1834މ. ގައި ކޮމާންޑަރ މޮރަސްބީ ރާއްޖެއަށް އައިސް އުޅުނުއިރު އޭނާގެޓީމުން ބޭނުންކުރި އެއްޗަކަށްވެފައި ދެއްވަދޫ ރަސްގެފާނު ތިނަދޫގައި މިސްކިތް ޢިމާރާތްކުރެއްވީ އެރަދުންގެ ރަސްކަމުގެ 2ވަނަ އަހަރު 1693މ. ގައި ކަމަށްވީތީއެވެ. މިކަން މީގެކުރިން އެ މިސްކިތުގައި ފެންނަން ހުރި ލިޔުމަކުން ވެސް އެނގެއެވެ. މިލިޔުމުގެ ނަކަލާއި އަދި އެމިސްކިތުގެ ފަތްކޮޅެއްގެ ނަކަލުވެސް ހިމެނޭގޮތުން ތިނަދޫއާއި ގުޅުންހުރި ލިޔުންތަކެއް އަޅުގަނޑަށް ފޮނުއްވައިދެއްވީ އަލްއުސްތާޛު މުޙައްމަދު ވަޙީދު ނަދުވީއާއި ދިވެހިބަހުގެ އެކެޑެމީގެ ރައީސް އަލްފާޟިލް އަޝްރަފު ޢަލީ އެވެ. މިނަކަލުތައް ތިރީގައި އެވަނީއެވެ.

(ހުވަދުއަތޮޅު ތިނަދޫގައި ދެއްވަދޫ ރަސްގެފާނު ބިނާކުރެއްވި އަދި އެ ރަދުންނަށް ނިސްބަތްވާ މިސްކިތް "މަސްޖިދުއްސުލްޠާން މުޙައްމަދު" ތިނަދޫގައި މަޝްހޫރުވެފައިވަނީ ހުޓިކޮޑޭ ނުވަތަ ހުއްޓޭކޮޑު މިސްކިތުގެ ނަމުންނެވެ. "ހުއްޓޭކޮޑު" މިއީ މާލޭ ބަހުރުވައޭ އެ ކިޔާ ބަހުރުވައިގައި "ފުށިކޮޅު" އެވެ.)



ށ- ދެއްވަދޫ ރަސްގެފާނު ތިނަދޫގައި ބިނާކުރެއްވި މިސްކިތަށްވުރެ ތިނަދޫ އާސާރީ ހުކުރުމިސްކިތަށްް ގިނަދުވަސްވެފައިވާކަން  އެނގޭކަމަކީ ދެއްވަދޫ ރަސްގެފާނު ބިނާކުރައްވާ މިސްކިތުގެ މަސައްކަތް ހިނގާ ނުހިނގާގޮތް ބައްލަވައިލެއްވުމަށް ދެއްވަދޫގައި އިންނެވި އެ ރަދުންގެ ދައްތާފުޅު ޛުލައިޚާ(ދޮންދަލޭކަ ކަނބުލޭގެފާނު) ތިނަދޫއަށް ދަތުރުފުޅު ކުރައްވަމުން ގެންދެވިކަމަށާއި އެ ކަމަނާ އަވަހާރަވީ މިގޮތަށް ވަޑައިގެންނެވި ދަތުރުފުޅެއްގައި ތިނަދޫގައި ކަމަށާއި ފަސްދާނުލެއްވީ އޭރުގެ ތިނަދޫ ހުކުރުމިސްކިތުގެ އުތުރުފަރާތުގެ ބިސްތާނައިގައި ކަމަށް ތިނަދޫއާއި ބެހޭ ގިނަ މަޢުލޫމާތުތަކެއް ލިޔުއްވާފައިވާ ތިނަދޫ ޖަނަވަރީގޭ އަލްމަރުޙޫމް ޙަސަން ޙިލްމީގެ ލިޔުއްވުންތަކުން އެނގުމެވެ.


ދެއްވަދޫ ރަސްގެފާނުގެ ދައްތާފުޅު ޛުލައިޚާ(ދޮންދަލޭކަ ކަނބުލޭގެފާނު) މި ހުކުރުމިސްކިތުގެ ބިސްތާނައިގައި ފަސްދާނުލީފަހުން ދެއްވަދޫ ރަސްގެފާނުގެ އަނބިކަނބަލުން ކަނބާ ޚަދީޖާގެ އިސްނެންގެވުމެއް ނުވަތަ އެހީފުޅެއް އޮވެގެންވިޔަސް އެމިސްކިތުގެ މަރާމާތުތަކެއް ހިނގިއިރު އެކަމަނާ އަވަހާރަވީ ކަމާއި އެކަމަނާއަށް ހެޔޮދުޢާކޮށް އެމިސްކިތުގެ ބެރިއެއްގައި ލިޔެފައިވެއެވެ. މިލިޔުމުގެ ނަކަލުވެސް އަޅުގަނޑަށް ފޮނުއްވައިދެއްވީ އަލްއުސްތާޛު މުޙައްމަދު ވަޙީދު ނަދުވީއާއި ދިވެހިބަހުގެ އެކެޑެމީގެ ރައީސް އަލްފާޟިލް އަޝްރަފު ޢަލީ އެވެ. އެލިޔުން ތިރީގައި އެވަނީއެވެ.


ދެއްވަދޫ ރަސްގެފާނު ހުވަދުއަތޮޅު ތިނަދޫގައި ބިނާކުރެއްވި މިސްކިތާއި ގުޅޭ:


މަތީގައިވާ ފޮޓޯއަކީ ލާގެއާއި ލިޔެ ލާޖެހުމާއި ހިރިގަލުގެ މަސައްކަތް މޮޅަށްކޮށްފައިވާ އެ މިސްކިތް ރައްކައުތެރި ކުރުމަށްޓަކައި އަހަރުތަކެއްގެ ފަހުން މިސްކިތުގެ ވަށައިގެން ފެންޑާލުމުން އެ މިސްކިތް ބޭރުން ފެންނަ ފޮޓޯއެކެވެ. ހަވަރުތިނަދޫގެ ދެވަނަ އާބާދީ އެ ރަށުގައި ވަޒަންވެރިވީ އިރު އެ މިސްކިތް ފެންނަނީ އެ ގޮތަށެވެ. އެހެންނަމަވެސް މި ޢިމާރާތުގެ އެތެރޭގައި އޭރުވެސް ދެއްވަދޫ ރަސްގެފާނުގެ ދުވަސްވަރު އެ ރަދުން ބިނާކުރައްވައި އެ ރަދުންގެ ސިއްކަ ޖައްސަވާފައިވާ މަސައްކަތުގެ ފެންވަރު މޮޅު މިސްކިތް ހުއްޓެވެ 


މަތީގައިވާ ފޮޓޯއަކީ ދެއްވަދޫ ރަދުންގެ ދުވަސްވަރު އެ ރަދުންގެ މިސްކިތް ބިނާކުރެއްވުމުގެ ކުރިން އެ ތާނގައި ހުރި ގިބުލަ ދިމާނުވާ މިސްކިތެއްގެ ގާފޮޅާއި، ދެއްވަދޫ ރަދުންގެ ދުވަސްވަރު އެ ރަދުން ބިނާކުރެއްވި މިސްކިތުގެ ގާފޮޅާއި، ދެއްވަދޫ ރަދުންގެ މިސްކިތް ރައްކައުތެރި ކުރުމަށްޓަކައި އަހަރުތަކެއްގެ ފަހުން މިސްކިތުގެ ވަށައިގެން ހަދާފައިވާ ފެންޑާގެ ގާފޮޅާއި، އަދި މިހާރުހުރި މިސްކިތުގެ އެތެރޭ ފާރުތައް ފެންނަ ފޮޓޯއެކެވެ. މިފޮޓޯނެގީ އެމިސްކިތުގެ ތަޅަމުގެ އަޑީގެ މަސައްކަތްތަކެއް ކުރަމުން ދަނިކޮށެވެ.

ތިރީގައި ވަނީ ދެއްވަދޫ ރަދުންގެ ދުވަސްވަރު އެ ރަދުން ތިނަދޫގައި ބިނާކުރެއްވި މިސްކިތުގެ ހިރިގަލުގެ ރީތި މޮޅު މަސައްކަތް ފެންނަ ގައުތަކެއްގެ ފޮޓޯއެވެ. މި ގައުތަކުގެ ފޮޓޯ އަޅުގަނޑު ނެގީ އެ މިސްކިތް ބޮޑުކުރުމުގެ މަސައްކަތް ކުރުމުގެތެރޭ އެ ގައުތައް ކުރީގެ މިސްކިތުގެބިނާއިން ވަކިކޮށް މިސްކިތުގެ ގޯތިތެރޭ އެތަންމިތަނަށް އުކާލާފައި ހުއްޓައި ވީވަރަކުން ސާފުކޮށް މީގެ އަހަރުތަކެއްގެ ކުރިންނެވެ. 




ތިރީގައިވަނީ ދެއްވަދޫ ރަސްގެފާނު ބިނާކުރެއްވި މިސްކިތް މުޅިން ރޫޅާލުމުގެ މަސައްކަތްކުރަމުން ދިޔަ ދުވަސްކޮޅުގެ 2 ފޮޓޯއެވެ.



                 ------------------
ޢަބުދުﷲ ޙިލްމީ

ފަންނީ އެހީތެރިކަމާއި ފޮޓޯތަކުގެ ޙިއްޞާ:
އަލްއުސްތާޛު ޢަބުދުލް މުޢީދު ޙަސަން، އަލްއުސްތާޛު މުޙައްމަދު ވަޙީދު ނަދުވީ، އަލްފާޟިލް އަަޝްރަފު ޢަލީ/ ދިވެހިބަހުގެ އެކެޑެމީ، އަލްފާޟިލް މުޙައްމަދު ނަސީމު ތިބުރޯޒުގެ/ ގދ. ތިނަދޫ، އަލްފާޟިލް ޢަލީ ޢ. ޙިލްމީ މަދަރުސާދޮށުގެ/ ތިނަދޫ، އަލްފާޟިލް މުޙައްމަދު ވިފާގު އެވަރފާސްޓް/ ތިނަދޫ