ހަވަރުތިނަދޫއާއި ގުޅުން ހުރި ޢާއިލީ ވަނަވަރުކަމެއް ކުރުމުގައި އެތައް ގޮތަކުން އެތައް ކަމެއް އެ ކަމަކަށް މެދުވެރިވުމުން އެ ކަމެއް ނިމިގެން ދިޔުމުގައި ކަމުގެ ކުޑަބޮޑުމިނާއި، ފުރިހަމަ ވުމާއި ނުވުމާއި މިކަހަލަ އެތައް ކަމެއް ފެނެއެވެ. މިހެންވީ ކަމެއްގައި އެ ކަމެއް އެންމެ ފުރިހަމަކޮށް ނޫނަސް ވަކި ވަރަކަށް ނިންމާލެވޭ ގޮތްވީމާ އެ ކަމަކާއި ބެހޭ ގޮތުން ދަންނަވާލަން ޖެހިދާނެ އެއްޗެއް ވެސް އޮވެދާނެއެވެ. އެއީ މި ވަނަވަރުތައް ބައްލަވާ ފަރާތްތަކާއި އައްސަވާ ފަރާތްތަކަށް އެ ކަން އެނގިވަޑައިގަންނަވާނީ އެއްޗެއް ދަންނަވައިގެން ކަމަށް ވާތީއެވެ.

ކޮންމެ ކަމެއްވެސް ވާނީ އެ ކަމެއް ވާންވީ ގޮތަކަށް ޙާލަތާއި ކަމާއި އެ ކަމުގެ ސަބަބުތައް ފުރިހަމަވީމަ އެވެ. ދެން ލަހެއްނުވެ އެ ކަމެއް ވެދެއެވެ. އިލާހީ ގާނޫނުގައިވާ ގޮތުގެމަތީން އެ ކަމެއްވުމުގެ ވަގުތުގައެވެ.

ހުވަދުއަތޮޅު ތިނަދޫއާއި ގުޅުންހުރި ޢާއިލީ ވަނަވަރުތަކަކީ ވަގުތާއި ޙާލަތާއި ކަންއޮތް ގޮތުން ވަރަށް ދަތިކަމާއެކު ހޯދައި އެއްކުރެވުނު އެއްޗެކެވެ. އޭގެތެރެއިން މިހާތަނަށް ހޯދުނު ވަނަވަރުތައް ޢާއްމުކޮށް ފެންނަފަށަށް ގެނެސްފައި ވާނީ އެ ވަނަވަރުތައް ބައްލަވައިލައްވަން އެ ޢާއިލާތަކުގެ ގިނަ ޢަދަދެއްގެ ބޭފުޅުން އެދިވަޑައިގެންފައިވާތީއެވެ. މި މަސައްކަތް ކުރުމުގައި އަޅުގަނޑުގެ އެއްވެސް ކަހަލަ މާއްދީ ބޭނުމެއް ނެތެވެ. މިހެންމެ މި ވަނަވަރުތައް މީގެކުރީން ހޯއްދަވައި އެއްކުރެއްވުމުގެ މަސައްކަތް ކުރެއްވި ފަރާތުން ވެސް މި ކަމުން އެ ފަރާތަށް މާއްދީ ފައިދާއެއް ހޯއްދެވުމަށް އުޅުއްވާފައި ނުވެއެވެ. އަޅުގަނޑުމެން މި މަސައްކަތްކޮށްފައި ވަނީ ޢާއިލީގޮތުން ޙަގީގަތުގައި ގުޅުމެއް ނުވާ ފަރާތްތަކެއް ކަން އެނގިތިބެ ގަލަމުން ނޫނީ އަނގައިން އެ ފަރާތްތައް ޢާއިލީގޮތުން ގުޅުވައިލުމުގެ ނުބައިކަމުން ދުރުވެ ތިބެގެންނެވެ. އަދި ޢާއިލީގޮތުން ޙަގީގަތުގައި ގުޅިފައިވާ ބަޔެއްގެ ވިސްނުމަށް އެ ކަން މިހާތަނަށް ނުގެނެވިވާ ނަމަ އެ ބަޔަކަށް އޭގެ އެކަކު އަނެކަކު އަންގައި ދިނުމުގައި ރަނގަޅު ނޫން މަގްޞަދެއް ވެސް ނެތިއެވެ. ނަމަވެސް މި ދަރިދަރިކޮޅު ތަކުން އެކަކު އަނެކާއާއި ގުޅިފައިވާ މިންވަރުގެ ތަޢާރަފެއް ލިބުމުން އެ ބަޔެއްގެތެރޭ އެނގުމާއި ދަތުމާއި ގުޅުންތެރި ކަމަށް ހަރުދަނާކަމެއް އައުމަކީ ވެދާނެ ކަމެކެވެ. 

ވަކި ދަރިކޮޅަކަށް މީހަކު ނިސްބަތްވުމަކީ އެ މީހަކަށް ލިބޭ ވަކި މޮޅުކަމެއްނޫނެވެ. މި ކަން ހާމަކޮށްލީ މި ވަނަވަރުތައް އެއްކޮށް ލިޔުމުގެ މަސައްކަތްކުރަމުން ގެންދިޔަ ދިގު ދުވަސްތަކުގައި މި ކަން ކުރި ބަޔަކަށް އެ އަޑުތައް އަހަން އެންމެ ފަސޭހަނޫން އަޑުތަކެއް އެކި ގޮތްގޮތުން އެކި ދިމަދިމާލުން އެކި ޙާލަތްތަކުގައި އަޑު އިވިފައިވުމުންނެވެ. އެ އަޑުތައް ނުވަތަ އެ ވާހަކަތައް ދޫދޫމަތީން އަދި އެންމެފަހުން ޒަމާނުގެ ޓެކްނޮލޮޖީއާއި ހަމައިގައި ވެސް އުޅުމަކީ ކުޑަކަމެއް ނޫންތާއެވެ.
 
ވަކި ޢާއިލާއެއް މާ ބޮޑުކަމަށް މާ ނަންހުރި ކަމަށް ފެނުމަކީ އެކަމާ ފަޚުރުވެރިވާން ޖެހޭ ވަރުގެ މޮޅު ކަމެއްނޫނެވެ. ދުނިޔެއަށް ނޭވާލި އިންސާނަކަށް ލިބޭނޭ އެންމެމޮޅު ކަމަކީ ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބުމެވެ. ކޮންމެ ޢާއިލާއަކީ ވެސް ބޮޑު ޢާއިލާއެކެވެ. އެހެނީ ކޮންމެ މީހަކީވެސް ކޮންމެވެސް ހަތަރު ފަރާތަކާއި ޢާއިލީގޮތުން ގުޅިފައިވާނޭ މީހެކެވެ. އެއީ އެ މީހެއްގެ ބައްޕަގެ ބައްޕައާއި ބައްޕަގެ މަންމައާއި މަންމަގެ ބައްޕައާއި މަންމަގެ މަންމައެވެ. ސީދާކޮށް ވެސް ނުސީދާކޮށް ވެސް މި ކަން މިހެންނުވެ އާދަމު ޢަލަހިއްސަލާމުގެ ކާފަބޭފުޅުންގެ ފަހަށް ދުނިޔެއަށް އެއްވެސް އިންސާނަކު އުފަން ނުވާނެއެވެ. މިއީ މި ކަން އިލާހީ ސުންނަތާއި އެއްގޮތްވާ ގޮތުގެ މަތިން ދުނިޔެ ދެމިއޮތްހާ ދުވަހަކު ހިނގާނޭ ގޮތެވެ. ދަރިކޮޅެއްގެ ބޮޑުކަމާއި ކުޑަކަމުގެ ތަފާތުތަކެއް ލިބިފައިހުރި ވަނަވަރުތަކުން ފެންނަން ހުއްޓަސް އޭގެ ޙަގީގަތަކީ އެ ދަރިކޮޅެއް ކުޑަވުމެއް ނޫނެވެ. އެހެންވާން ޖެހުނީ އެ ދަރިކޮޅެއްގެ މަޢުލޫމާތު ފުރިހަމައަށް ލިބޭނޭ ގޮތެއް ނުވީމައެވެ.

ދަރިކޮޅަކަށް ނިސްބަތްވާ ގިނަ މީހުންނަށް އެނގެނީ އެ ދަރިކޮޅެއްގެ ވަރަށްކުޑަ މިންވަރެކެވެ. މިހާވަރަށް އެނގުމުގައި ވެސް ދަރިކޮޅެއްގެ ދެ މީހެއްގެތެރޭ ބައެއް ފަހަރަށް އެނގުމުގެ ތަފާތުތަކެއް ހުރުމުން އެކަން ޙަގީގަތާއި އެއްގޮތްކޮށް ހޯދައިގަތުމުގައި ވަރަށްއުނދަގޫ ދަތި މަސައްކަތްތަކެއް ކުރަން ޖެހުނެވެ. ބައެއް މީހުންނަށް އެ މީހުންގެ މާމަ މާފަ(މަންމަގެ ބައްޕަ) މުންނަ (ބައްޕަގެ މަންމަ) ކާފަގެ ނަން ވެސް ހަނދާނަށް ގެނައުން ދައްޗެވެ. ބައެއް މީހުންނަށް އެހާވަރު ވެސް ނުވެއެވެ. 

އިންސާނެއްގެ ދިރިއުޅުމުގައި އުނދަގޫ އަދި ބުރަކޮށް ވިޔަސް އޭނާކުރާ ހުރިހާ މަސައްކަތަކީ އެއިން މާބޮޑު މާއްދީ ފައިދާއެއް ހޯދުމަށް ކުރާ ކަމެއްކަމަށް ނުވެދާނެއެވެ. އެކަމަކު މިކަހަލަ ބައެއް ކަންކަން ކުރާ މީހުން ދެކޭގޮތުގައި އެކަމެއް ކުރެވޭގޮތް ވުމަކީ ވެސް ލިބޭ ވަރަށްބޮޑު އެއްޗެކެވެ. ހިތްހަމަ ޖެހުމެކެވެ. ފައިސާ ނުވަތަ ތަކެތީގެ ގޮތުގައި ފެންނަން ނެތް އަގުހުރި ކަމެކެވެ. އަދި އެ ކުރެވުނު ކަމަކީ ތިމާފިޔަވައި ދެން ތިބީންގެ ގާތުގައި "ބޭނުންތެރި" ކަމެއްކަމަށް ވެއްޖެނަމަ އެއީ މިކަހަލަ މަސައްކަތެއް ކުރި މީހަކަށް ލިބޭ ހިތްހަމަޖެހުމެއް ކަމަށް ވެސް އެ މީހަކަށް ވެދާނެއެވެ. މި ގޮތަށް މީހަކު ކުރާ ކަމަކީ އޭގެ ޒާތުގައި އެ ވަގުތަކު މާބޮޑު ބޭނުމެއް ނެތް ކަމެއްކަމަށް ބަޔަކަށް ހީވިޔަސް އޭގެ ފަހުން އެ ކަމަކީ ރަނގަޅު ބޭނުންތެރި ކަމެއްކަމުގައި ގިނަ މީހުންގެ ގާތުގައި ވެސް ވެދާނެއެވެ. ޒަމާނާއި ޙާލަތު ބަދަލުވަމުން ދާ ދިޔުމުގައެވެ. ހުވަދުއަތޮޅު ތިނަދޫ ޖަނަވަރީގޭ އަލްމަރުޙޫމް ޙަސަން ޙިލްމީ (ތުއްތުކަތީބު) ފެއްޓެވި މި މަސައްކަތަކީ މިދެންނެވި ކަހަލަ ކަމަކަށްވުން އެކަށީގެންވެއެވެ.

ދަރިކޮޅު ލިޔުއްވުމުގެ އިތުރަށް ތާރީޚީ މަޢުލޫމާތު ހޯއްދެވުމުގައި ވެސް މަރުޙޫމް ޙަސަން ޙިލްމީ ވަރަށްބޮޑު އިސްކަމެއް ދެއްވިކަން ގަބޫލު ކުރެވެއެވެ. އަދި މި ކަންކަމުގެ ފައިދާއާއި ބޭނުންތެރި ކަން ބައެއް ފަރާތްތަކުން ވެސް ޙިއްޞާކުރަމުން ގެންދަވާފައިވާ ކަމީ ޔަގީންކަމެކެވެ. ޙަސަން ޙިލްމީ އެއްކުރެއްވި މަޢުލޫމާތުގައި ގިނައީ އޭނާގެ އުފަން އަދި މައިފުށުގެ  އަތޮޅުކަމަށްވާ ހުވަދުއަތޮޅާއި ބެހޭ ދުވަސްވީ މަޢުލޫމާތެވެ. އޭނާގެ ބައްޕަ ނިސްބަތް ވަނީ އައްޑޫ މީދޫއަށެވެ. މި ކަން މިހެންއޮތް ނަމަވެސް އައްޑުއަތޮޅާ ބެހޭ ގޮތުން އޭނާ ހޯއްދަވާފައިވާ އެ އަތޮޅުގެ ދުވަސްވީ މަޢުލޫމާތު މަދެވެ.

މަރުޙޫމް ޙަސަން ޙިލްމީ ލިޔުއްވާފައިވާ ދަރިކޮޅުތަކުގެ ނުވަތަ ޢާއިލީ ވަނަވަރުގެ އަޞްލު ނުގެއްލޭ ގޮތަށް އެތައްބަޔެއްގެ ވަރަށްބޮޑު މަސައްކަތުން އެ ޢާއިލީ ވަނަރުތައް ޢާއްމުކޮށް ފެންނަފަށަށް ގެނެވިފައި ވަނީ އޭނާ ދުނިޔެ ދޫކުރެއްވި ފަހުން ގިނަ ފަރާތްތަކެއްގެ އެދިވަޑައިގަތުމުގެ މަތިންނެވެ. މަރުޙޫމް ޙަސަން ޙިލްމީއަށް މުޅީން ފުރިހަމަ ނުކުރެއްވިފައިވާ މަސައްކަތެއް އަޅުގަނޑަށް ވެސް މުޅީން ފުރިހަމަ ނުކުރެވި ވަނިކޮށެވެ. ނަމަވެސް ހޯދިފައިވާ ވަނަވަރެއް ހޯދިފައިވާ ވަރަކީ އެންމެ ފުރިހަމަ ވަރެއް ނޫންކަމަށް ވިޔަސް އެއީ ފަށައިގަތުމުގައި އޭގެ ބޭނުންކުރާ މީހަކަށް މި ފަހަރަށް ރަނގަޅު ވެދާނެ އެއްޗެއްކަމަށް ބަލައިގެން  ތަންކޮޅެއް އަވަހަށް މި ވަނަވަރުތައް ބައްލަވާލެއްވޭނޭ ގޮތެއްވުމަށް ގިނަ ފަރާތްތަކުން ވަނީ އެދިވަޑައިގެންފައެވެ. މީގެތެރޭގައި މަރުޙޫމް ޙަސަން ޙިލްމީ ދުނިޔޭގައި ހުންނެވިއިރު އޭނާއާއި އެކީ މި ދަރިކޮޅުތަކުގެ ވަނަވަރުތައް ބައްލަވައި އޭގެ މަޢުލޫމާތު އިތުރަށް މުއްސަނދިކޮށް ދެއްވި އަދި އެއަށް އިޞްލާޙީ މަސައްކަތްތަކެއް ކޮށްދެއްވި ފަރާތްތަކެއް ވެސް ހިމެނެއެވެ.

މަރުޙޫމް ޙަސަން ޙިލްމީ ލިޔުއްވި ދަރިކޮޅުތަކުގެ އިތުރަށް ޢާއިޅި ވަނަވަރުތަކުގައި ހިމަނާފައިވާނީ އޭނާގެ ކޮއްކޮ ތިނަދޫ ހަލަވެލި އަލްމަރުޙޫމް މުޙައްމަދު ޙިލްމީ ލިޔުއްވާފައިވާ އެ ދެ ބޭންގެ ބައްޕަ ފަރާތުން އައްޑު މީދޫ ގައުމާތުގޭ ޢީސާފުޅު ކަލޭގެފާނު ދަރިކޮޅުން މުޙައްމަދު ޙިލްމީއަށް އެހާތަނަށް ލިޔުއްވިފައިވާ ޢާއިލީ ވަނަވަރެވެ. މިބައި އަޅުނގަޑަށް ދެއްވީ މުޙައްމަދު ޙިލްމީއެވެ. ޙަސަން ޙިލްމީ މި މަސައްކަތް ކުރައްވަމުން ގެންދެވިއިރު މި ކަމުގައި އޭނާގެ އެންމެބޮޑު އެހީތެރިއަކީ ތިނަދޫ އޯޝަންޕާކް އަލްމަރުޙޫމް ވިލިގިލީ ޙުސައިނެވެ. މި ދެ ކަލުން މި މަސައްކަތް ކުރައްވަނިކޮށް އަޅުގަނޑު ވަރަށް ގިނަފަހަރު ދުށީމެވެ. 

އަލްމަރުޙޫމް ވިލިގިލީ ޙުސައިނަކީ އޭނާ ދާދިކުޑައިރު ހަވަރުތިނަދޫ ޙާޖީ މުޙައްމަދު ކަލޭގެފާނު ހުވަދުއަތޮޅު ވިލިގިލިން ގެންނަވައިގެން މުހައްމަދު ކަލޭގެފާނުގެ ގޭގައި ބަހައްޓަވައި، ގެންގުޅުއްވި ކުއްޖެކެވެ. މުޙައްމަދު ކަލޭގެފާނަކީ ދަރިކޮޅުގެ ވަނަވަރާއި އެހެނިހެން ވެސް އެ ޒަމާނުގެ ބައެއް ކަންކަން ލިޔުއްވުމުގެ މަސައްކަތް ކުރެއްވި ބޭކަލެކެވެ. ތިނަދޫއާއި މަޑަވެއްޔާއި، ހޯޑެއްދޫގައި އޭނާ ނިސްބަތްވާ ދަރިކޮޅު އޭރު ވެސް އަދި މިހާރު ވެސް ވަރަށްބޮޑަށް ފެތުރިފައިވެއެވެ. ހުވަދުއަތޮޅުގައި އެންމެ ގިނަދުވަހު އަތޮޅުވެރިކަން ކުރެއްވި ބޭކަލަކަށް މުޙައްމަދު ކަލޭގެފާނު ވުމުގައި އޭނާގެ ތަނަވަސްކަމުގެ އިތުރަށް ޢާއިލާގެ ބޮޑުކަމާއި ގުޅުންތެރިކަމުގެ ވަރަށްބޮޑު ޙިއްޞާއެއް ގުދުރަތުން އޭނާއަށް މިންވަރުކުރައްވާފައިވެ އެވެ. އޭނާ ކުރެއްވި ވެރިކަމުގެ ޒަމާނުގެ ގޮތުންނާއި އެކުގައި އޭނާއަކީ އެ ޒަމާނުގައި މާލޭގެ އަތިރީގެއާއި ނޫރައްދީން ބަންޑާރައިންގެ ޚާންދާނާއި އަދި އެހެންބައެއް ޚާންދާނާއި ވެސް ގުޅުން ރަނގަޅު ބޭކަލެކެވެ.

މަރުޙޫމް ވިލިގިލީ ޙުސައިނުގެ ބައްޕައަކީ މާލެއަށް ނިސްބަތްކުރެވޭ ބޭކަލެއް ކަމަށްވެފައި ޢާއިލީވަނަވަރަށް އިސްކަމެއްދެއްވި ބޭކަލަކަށްވާތީ، އެ ޒަމާނުގެ މާލޭގެ ނަންހުރި ބޮޑެތި ދަރިކޮޅުތަކުގެ ވަނަވަރުތައް ވެސް ޙުސައިނަށް އޭރު ވެސް ރަނގަޅަށް އެނގިލައްވައެވެ. އަދި އޭރު މުޙައްމަދު ކަލޭގެފާނުގެ ގެއަށް ޒިޔާރަތްކުރައްވާ އެކި ފަންތީގެ އެކި ފަރާތްތަކުގެ ތަޢާރަފާއި ވަނަވަރު ހޯއްދެވުމަށް ވެސް މަރުޙޫމް ވިލިގިލީ ޙުސައިން ވަރަށްބޮޑު ސަމާލުކަމެއް ދެއްވިއެވެ.   އެހެންކަމުން ޙުސައިނު ހިމެނިފައިވަނީ ހުވަދުއަތޮޅާއި އެނޫން ވެސް ރާއްޖޭގެ އެ ޒަމާނުގެ މަޝްހޫރު ބައެއް ދަރިކޮޅުތަކުގެ ވަނަވަރުތަކަށް ފަރިތަ ބޭކަލެއްކަމަށެވެ. މަރުޙޫމް ޙުސައިނުގެ މި ފަންނުގެ ކުޅަދާނަކަން ރަނގަޅަށް އެނގޭނޭ ވަރަށް ގިނަމީހުން މިހާރު ވެސް ތިނަދޫގައި އެބަ ތިއްބެވެ. އެމީހުން އެ ވާހަކަ މިހާރުވެސް ދައްކައެވެ.

ޢާއިލީ ވަނަވަރުގެ މަޢުލޫމާތު އެއްކުރެއްވުމުގެ ޝައުގުވެރިކަން އަލްމަރުޙޫމް ޙަސަން ޙިލްމީގެ ކިބައިގައި އުފެދުމުގެ އެންމެބޮޑު އަޞްލަކީ ޢާއިލީވަނަވަރު ލިޔުއްވުމުގެ މަސައްކަތް ކުރައްވާފައިވާ އަލްމަރުޙޫމު ޙާޖީ މުޙައްމަދު ކަލޭގެފާނާއި ގާތްކަމެއް އޮތުން ފިޔަވައި އަލްމަރުޙޫމު ވިލިގިލީ ޙުސައިނުގެ ޢާއިލީވަނަވަރުގެ މަޢުލޫމާތުގެ ގިނަކަމާއި ފުރިހަމަކަން ކަމުގައި ވުމަކީ ދުރުކަމެއް ނޫނެވެ. އެހެންކަމާއިއެކު ވެސް މަޢުލޫމާތު އެއްކުރެއްވުމުގައި ގިނަ ފަރާތްތަކެއްގެ އެހީތެރިކަން ޙަސަން ޙިލްމީ ހޯއްދަވާފައިވާނެ ކަން ޔަގީނެވެ.

އޭގެތެރޭ ތިނަދޫ ސަވޭރާ ޙަސަންފަހުމީ ދީދީ އާއި ތިނަދޫ ވައިލެޓްވިލާ މުޙައްމަދު ކަލޭގެފާނާއި ތިނަދޫ ދީފްރަމްގޭ ޙަސަން ތަކުރުފާނު(ޙަސަންބެ) އާއި ތިނަދޫ ބްލެކްބާރޑް ކާސިމްބޭގެ ނަން އެކި ފަރާތްތަކުން އަޅުގަނޑަށް އިވިފައިވެއެވެ. ނަމަވެސް ޙަސަން ޙިލްމީ އެ މަސައްކަތް ކުރެއްވިއިރު ތިނަދޫ މާނެލް ޝައިޚު އަލްމަރުޙޫމް ޔޫސުފު ޞިދުގީ އާއި ޙަސަން ޙިލްމީގެ ބޭބެ ސްޓާރލިންގ އަލްމަރުޙޫމް އަޙުމަދު ޙިލްމީ އާއި ޙަސަން ޙިލްމީގެ ކޮއްކޮ ހަލަވެލި އަލްމަރުޙޫމް މުޙައްމަދު ޙިލްމީ އާއި ހުވަދުއަތޮޅު ވިލިގިލީ ޝަބްނަމީގޭ އިބްރާހީމް އަނީސާއި ތިނަދޫ އޯޝަންމީޑް ޙައްވާ މުޙައްމަދު ދީދީ އާއި ތިނަދޫ ޖަނަވަރީގޭ ފާޠިމަތު ހުސޭންއާއި އަދި ޢާއިލީވަނަވަރުގެ އެދުރު ވިލިގިލީ ޙުސޭން ޙަސަން ޙިލްމީ އާއި އެކީގައި އެ މަސައްކަތުގައި އުޅުއްވިތަން ވަރަށް ގިނަފަހަރު އަޅުގަނޑަށް ވަނީ ފެނިފައެވެ. މި ފަރާތްތަކުގެ ތެރެއިން އިބްރާހީމް އަނީސް ނޫން އެހެން ފަރާތްތައް މިހާރުވަނީ ދުނިޔެ ދޫކުރައްވައި ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރައްވާފައެވެ. ޙަސަން ޙިލްމީ އާއި އެކީގައި ޢާއިލީ ވަނަވަރާއި އެހެން ބައެއް ލިޔުންތައް ލިޔުއްވުމުގެ މަސައްކަތް ކުރައްވާތީ އަޅުގަނޑަށް ފެނި ހަނދާނަށް ގެނެވޭ ލިޔުންތެރިންނަކީ ޙަސަން ޙިލްމީ އާއި އެކީގައި އޭނާ މަސައްކަތްކުރެއްވި ދެ އޮފީހުގައި ވަރަށްގާތްކޮށް އުޅުއްވި ތިނަދޫ އަލިދޯދި ޢަބުދުﷲ ޢަފީފާއި ތިނަދޫ ނޮޑެލް ޢަދުނާނު އިސްމާޢީލާއި ތިނަދޫ ޓްވައިލައިޓް ޝަމީމާ އާދަމެވެ. މި ބޭފުޅުން މިހާރު ވެސް ދުނިޔޭގައި އެބަ ތިއްބެވިއެވެ.

ޙަސަން ޙިލްމީ ދުނިޔެދޫކުރެއްވި ފަހުން އޭނާގެ މި މަސައްކަތް ނިންމާލުމަށްޓަކައި މަސައްކަތްކުރަން އަޅުގަނޑަށް ޖެހުނުއިރު އޭނާއާއި އެކީ އެ މަސައްކަތުގައި އެންމެބޮޑަށް އުޅުއްވިކަމަށް އަޅުގަނޑަށް ފާހަގަކުރެވިފައިވާ ޝައިޚު ޔޫސުފް ޞިދުގީ އާއި އަޙުމަދު ޙިލްމީ ވަނީ ދުނިޔެ ދޫކުރައްވާފައެވެ. ދެން ހުންނެވި މުޙައްމަދު ޙިލްމީ މި މަސައްކަތް ގެންދާނޭގޮތާއި އަދި މިކަމަށް ބޭނުންވާނޭ އިތުރު މައުލޫމާތާއި އިރުޝާދުވަނީ ދެއްވާފައެވެ. އޭގެއިތުރަށް މިވަނަވަރުގެ %95 އޭނާވަނީ ވެސް ބައްލަވާފައެވެ. 

ހަލަވެލި މުޙައްމަދު ޙިލްމީ ދުނިޔެދޫކުރެއްވީ  އަޅުގަނޑަށް ދެއްވަމުން ގެންދެވި އަތޮޅުގެ ތާރީޚީ ބައެއް މަޢުލޫމާތު އެންމެފަހުން ދެއްވިތާ ދެތިން ހަފުތާގެ ފަހުންނެވެ. އަޅުގަނޑު މި މަސައްކަތްކުރަން ފަށައި ވަކިވަރަކަށް ނިމިގެން ވަނަވަރާއި ބެހޭ ތަޢާރަފުގެ ލިޔުމެއް ފުރަތަމަ ލިޔުނީ 13 ޝައްވާލު 1423، 17 ޑިސެމްބަރ 2002 ގައެވެ. ނަމަވެސް ގިނަ މީހުންނަށް ވަނަވަރުތައް ބަލައިލެވޭނޭ ގޮތެއް ތަނަވަސްވެފައި ނުވުމުގެ ސަބަބުން އެ ގޮތަށް ދިޔަ ދުވަސްކޮޅުގެ ތެރޭ ވަނަވަރުތަކުގެ އިތުރު ބައިތައް ހޯދީމެވެ. މިހާރު މި ފެންނަގޮތަށް ވަނަވަރުތައް ގެނެވިފައި ވަނީ އޭގެ 8 އަހަރުގެ ފަހުންނެވެ. ނަމަވެސް ޙަސަން ޙިލްމީ ކޮންމެވެސް ވަރަކަށް ލިޔުއްވާފައިނުވާ އިތުރު އެއްވެސް ޢާއިލީވަނަވަރެއް އަޅުގަނޑު ނުލިޔަމެވެ. އަޅުގަޑު ކުރި މަސައްކަތަކީ އެ ވަނަވަރުތަކަށް އެހާތަނަށް ނުގެނެވިފައިވާ އިތުރު މީހުންގެ ނަންތައް ގެނެވޭތޯކަމަށް ވިޔަސް އެ މަޢުލޫމާތު އެނގޭ މީހުން މަދުކަމާއެކު މިކަން އެންމެ ރަނގަޅަށް ކުރެވޭނޭ ގޮތެއް ނުވިއެވެ.

މަރުޙޫމް ޙަސަން ޙިލްމީ ލިޔުއްވާފައިވާ ޢާއިލީވަނަވަރުގެ އިތުރު މަޢުލޫމާތުހޯދުމަށް އަޅުގަނޑު ގޮސް ބައްދަލުކޮށް ވާހަކަދައްކައި މަޢުލޫމާތު ދެއްވި ފަރާތްތަކުގެ ތެރެއިން ވަރަށްގިނަ ބޭކަލުންނާއި، ކަނބަލުން އަޅުގަނޑަށް މި ވަނަވަރުތައް ވުޖޫދަށް ނުގެނެވެނީސް ދުނިޔެ ދޫކުރައްވައި ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމަކީ އެ ފަރާތްތަކުގެ ވަރަށްބޮޑު އެހީތެރިކަމެއް ލިބިފައިވާ ކަމަކަށް މިކަންވުމުގެ އިތުރަށް އަޅުގަނޑާއި ވެސް ގާތް ފަރާތްތަކެއް ކަމަށް ވާތީ އެއީ އަޅުގަނޑު ވަރަށް ދެރަވެ ހިތާމަކުރަން ޖެހުނު ކަމެކެވެ. މިހާތަނަށް އައިއިރު ވެސް މި ވަނަވަރުތައް ފެންނާނޭ ގޮތް ނުވީކަމާއި އެހެންވީ ނަމަ އޭގެ އިތުރު މަޢުލޫމާތު ހޯއްދަވަން ބޭނުންފުޅުވާ ފަރާތްތަކުން މި މަޢުލޫމާތު އަޅުގަނޑަށް ވެސް ދެއްވި ބައެއް މުހިއްމު ބައެއް ފަރާތްތަކާއި ބައްދަލުކޮށްލެއްވުމުގެ ފުރުޞަތުވެސް ތަނަވަސް ވެފައި އޮންނާނެތީއެވެ. ދެން އަޅުގަނޑު އެންމެ ދެރަވާންޖެހޭ ކަމަކީ މި ވަނަވަރުތައް ބައްލަވައިލައްވަން ބޭނުންވެލައްވައި އަޅުގަނޑާއި އެންމެ ގިނަފަހަރު އެ ވާހަކަ ދައްކަވަމުން ގެންދަވާފައިވާ އަދި މި ވަނަވަރުތަކުގައި އެ ދެ ބޭކަލެއްގެ ޢާއިލާ ހިމެނޭ ދެ ބޭކަލުންކަމަށްވާ ތިނަދޫ ޝިމްލާ އަލްމަރުޙޫމް މުޙައްމަދު މުފީދާއި ތިނަދޫ އީގަލް މުޙައްމަދު މުޞްޠަފާ އާއި ދެބޭކަލުން ކުރެ މުފީދު މިހާރު ނިޔައުވެފައިވާ ކަމެވެ. މި ވަނަވަރުތައް ޢާއްމުކޮށް ބެލޭނޭގޮތްވީ އިރު މުފީދު ވަނީ ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރައްވާފައެވެ. އެ މަރުޙޫމަށް މަތިވެރި ﷲ ސުބްޙާނަހޫ ވަތަޢާލާ ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވާށިއެވެ. މުޞްޠަފާ ދެއްވި ހިތްވަރަށް ޝުކުރު އަދާކުރަމެވެ.

ތިރީގައި އެ ވަނީ މި ޢާއިލީވަނަވަރުގެ މަސައްކަތް ކުރުމުގައި އަޅުގަނޑަށް ގިނަ މަޢުލޫމާތު ދެއްވައި އެންމެބޮޑަށް އެހީތެރިވެދެއްވި ފަރާތްތަކުގެ ނަންތަކެވެ. މީގެތެރެއިން ދުނިޔެ ދޫކުރައްވާފައިވާ ފަރާތްތަކަށާއި، އަދި މި ވަނަވަރުތައް ފުރަތަމަ ހޯއްދަވައި އެއްކުރެއްވި ފަރާތްތަކުގެ ތެރެއިން މިހާރު ދުނިޔެ ދޫކުރައްވާފައިވާ ފަރާތްތަކަށް ސަވާބާއި މަޣުފިރާ ދެއްވުން އެދި ﷲ ސުބްޙާނަހޫ ވަތަޢާލާގެ ހަޟްރަތުގައި ދުޢާ ދަންނަވަމެވެ. އަދި މި ވަނަވަރުތައް ވުޖޫދަށް ގެނެވުމުގައި މަސައްކަތްކުރައްވާފައިވާ މިހާރު ދުނިޔޭގައި ތިއްބެވި ފަރާތްތަކުގެ އަގުހުރި ޚިދުމަތް ޝުކުރުވެރިކަމާ އެކު ފާހަގަކުރަމެވެ. އަޅުގަނޑަށް މަޢުލޫމާތުދެއްވި ފަރާތްތަކުގެ ނަންތައް ތިރީގައި ފާހަގަކޮށްފައިވާ އިރު ރަށުގެނަން ލިޔެފައިނެތީ ތިނަދޫގެ ފަރާތްތަކެވެ.

ދުނިޔެ ދޫކުރައްވައިފައިވާ ފަރާތްތައް (10 ޖެނުއަރީ 2013މ. ގެ ކުރިން)

އަބޫބަކުރު އިބްރާހީމް/ގްރީންވިލާ، 
އަޙުމަދު ވަޙީދު/ސީބްރީޒް  
ޤާސިމް ޢަލީ(ކާސިންބޭ)/ފެހިވިލާގެ
ފާޠިމާ/އޮރެންޖް
ޢާއިޝާ/ބިޖިނިންގްވިލާ
މަރިޔަމްފާނު/ހެޕީލައިޓް
ދޮންބީފާނު/މާނެލް
ޢާއިޝަތު އާދަމް/ބީޗްރެސްޓް
ޢާއިޝަތު ޢަލީ/ޓޮންގާ
މަރިޔަމްދިޔެ/އަލަސްކާ
ޢަބުދުﷲ ނަޞީރު/ރަންކޮކާގެ
މުޙައްމަދު ޙިލްމީ/ހަލަވެލި
އަޙުމަދު މުޙައްމަދު(އަޙުމަދުބޭ)/ކެނދިފަށުވިގެ
ޙުސައިން އަޙުމަދު/ޓޯޓައިސް
ފާޠިމަތު އިބްރާހީމް ދީދީ/ޓޯޓައިސް
ޙައްވާ ދިޔެ/ފްރެންކް
ޢާއިޝަތު ޤާސިމް/މަދަރުސާދޮށުގެ
އާމިނަތު ޙަމީދު/ޑައިމަންޑްވިލާ
ޙައްވާދިޔެ/ނިއުޒީލް
މަރިޔަމް ޙަސަން/ނެދުންގެ
ފާޠިމަތު ޙުސޭން/ޖަނަވަރީގެ
މަރިޔަމްދިޔެ/ފީލިންގްވިލާ
ރެކިދިޔެ/ދީފްރަމްގެ 
ދޮންތައްޚާނު/ކޫވިލް
އާދަމް ތަކުރުފާނު/ސޫރަޖުގެ
މުޙައްމަދު ވަޙީދު ޙަސަން/ދީނާރު މަޑަވެލި
ޢަބުދުﷲ(އަބުދުބޭ) އަޅިވިލާގެ/މާމެންދޫ
އާދަމް ޙުސޭން(ދޮންކަޅާބޭގެ އާދަމް)/ޝާރކް
ރެކިބީފާނު/ގާލިކް
ޙުސޭން ޢަލީ(ޙުސައިންބޭ)/މެޓްރޯނިއުސް
އިބްރާހީމް ޤާސިމް(އިބްރާހީމްފުތު)/ސައިބޭރިޔާ
އާދަމް ތަކުރުފާނު/ރިވެލްފިޝް
މޫސާ އިބްރާހީމް(ރެކިބޭ)/އިރުމަތީގެ
މުޙައްމަދު އިބްރާހީމް(މުޙައްމަދުބޭ)/ޓިބެޓް
މޫސާ އިބްރާހީމް/ލައިޓްރޯސް،
ފާޠިމަތު ޙަސަން/ގްރީންލީފް
އާމިނާދިޔެ/ރަދީފު
ދިޔެ(ދައްތަ)/ސައިބޭރިޔާ
ރެކިދައިތަ/ކެނދިފަށުވިގެ 

ދުނިޔޭގައި ތިއްބެވި ފަރާތްތައް (10 ޖެނުއަރީ 2013މ. ގައި)

މުޙައްމަދު އަޙުމަދު/އޮރެންޖް
ޙަސަން އަޙުމަދުދީދީ/ސްޓާރލިންގް
ޙަސަންބޭ/މުނިޔާގެ  (މިހާރު ނިޔައުވެފާ)
އިބްރާހީމް ތަކުރުފާނު/ފަނީސްޕޮޓް
ޢަބުދުލް ޙައްޔު/އުޖާލާގެ
ޢަލީ ނަޞީރު ޒޫރިޔާގެ/މަޑަވެލި  (މިހާރު ނިޔައުވެފާ)
އިބްރާހީމް އަނީސް ޝަބްނަމީގެ/ވިލިގިލި
އާމިނަތު ފާއިޒާ/ހަލަވެލި
މަރިޔަމް އިބްރާހީމް/ލޯންޑްރީ
ފާޠިމަތު ނާޞިރާ/ޗާންދު  (މިހާރު ނިޔައުވެފާ)
އަމީނާ/ހައިހޯޕް  (މިހާރު ނިޔައުވެފާ)
ޙައްވާ އިބްރާހީމް/ޕްރިޖްހައުސް
ދޮންކަމަނަ/ސަންޑޭ  (މިހާރު ނިޔައުވެފާ)
ޢަލީ ޙުސައިން/ރަންގަލް
ޢަލީ ރަޝީދު/ޑައިމަންޑްވިލާ  (މިހާރު ނިޔައުވެފާ) 
ޙަސަން އިބްރާހީމްދީދީ/އެވަރފާސްޓް  (މިހާރު ނިޔައުވެފާ)
ޙުސޭން އަޙުމަދު/އާގަރާ
އަޙުމަދު ނަޞީރު/ވައިލެޓްވިލާ  (މިހާރު ނިޔައުވެފާ)
އިބްރާހީމް އިސްމާޢީލްދީދީ ދާރުއްސަލާމް/ކޮނޑޭ  (މިހާރު ނިޔައުވެފާ)
ޢަބުދުލް މުޙުސިން ހެޕީ/މަޑަވެލި
އިބްރާހީމް ވަޙީދު ގުލްފާމްގެ/މާތޮޑާ  (މިހާރު ނިޔައުވެފާ)
ޒަކަރިއްޔާ/ޖެމިނީހައުސް
ޤާސިމް ޙަސަން/ޗިޗަންޑާގެ  (މިހާރު ނިޔައުވެފާ) 
ރެކިދިޔެ/ އާސީނުގެ  (މިހާރު ނިޔައުވެފާ)
ދަލިކާދިޔެ/އަންސެންޓް  (މިހާރު ނިޔައުވެފާ)
ފާޠިމާ/ބްލެކްނެކް
ސަންފާދިޔެ/ނޫމުރަކަ
ޙައްވާދިޔެ/އެލީނާ  (މިހާރު ނިޔައުވެފާ)
މަރިޔަމް ޤާސިމް/ނަރުގިސްވިލާ  (މިހާރު ނިޔައުވެފާ) 
ޢާއިޝަތު ޤާސިމް/މާރާދަގެ
ޢަލީ ޙުސޭން(ޢަލިބެއްޔާ)/މާރާދަގެ
ޤާސިމް ތަކުރުފާނު/ހައިހޯޕް  (މިހާރު ނިޔައުވެފާ) 
ޙަސަން ތަކުރުފާނު/ރެޑްއޯޝަން  (މިހާރު ނިޔައުވެފާ)
މުޙައްމަދު އަޙުމަދު/ދިއްލަގީ
ޙައްވާ ޙަސަން/ކިޔުޕިޑް  (މިހާރު ނިޔައުވެފާ) 
ފާޠިމާދިޔެ/ޑޯލްވިލާ  (މިހާރު ނިޔައުވެފާ) 
މަރިޔަމް ޝީރީން/ސްވީޓްޑްރީމް
ފާޠިމަތު ޔޫސުފު/ޕޭލް
މަރިޔަމް ޙުސޭންދީދީ/ސިލްވަރކްއީން  (މިހާރު ނިޔައުވެފާ) 
އަޙުމަދު ޙަބީބު/ޕާމްޝޭޑް
މުޙައްމަދު ގާސިމް/ފެހިވިނަ
ޤާސިމް މޫސާ/ނެދުންގެ
ޙުސައިން(ނަޑެއްލާ ކަލޯ)/ރޯމިޔޯ  (މިހާރު ނިޔައުވެފާ) 
ޢަލިތަކުރުފާނު/ގުލްޝަން 
އަޙުމަދު އިބްރާހީމް/އަކިރި  (މިހާރު ނިޔައުވެފާ) 
އާމިނަތު ޒުބޭދާ/ޝިމްލާ
މަރިޔަމް މުނީރާ/ނައިންހައުސް  (މިހާރު ނިޔައުވެފާ) 
މަރިޔަމް ޢަލީ/އޮރެންޖްގާރޑްން
ފާޠިމާ/ބާމިޔާގެ
ޢާއިޝާ(އައިސާދައްތަ)/ހުދުފިނިފެންމާގެ  (މިހާރު ނިޔައުވެފާ) 
މަރިޔަމް ޢަބުދުއްރަޙުމާނު(މަރިޔަމްދައްތަ)/ރަނައުރާގެ
އާދަމް މޫސާ(އާދަމްބެ)/އޮރެންޖްގާރޑްން
ޔޫސުފު މުޙައްމަދު(ޔޫސުފުބެ)/ނައިންހައުސް
މުޙައްމަދު ޒުހޭރު/ޖޭނެސްޓް
ޢާއިޝަތު އިބްރާހީމް/މޮސްކޯގެ
މުޙައްމަދު ޤާސިމް (މުޙައްމަދުބެ)/ޕާޓްރާގެ  (މިހާރު ނިޔައުވެފާ) 
ޢަލީ ޝަމީމް/ތެވެލި
ދޮންބީފާނު/އޮމެގާ  (މިހާރު ނިޔައުވެފާ) 
މުޙައްމަދު ޝާކިރު/އަލްބޭނިޔާ
ފާތިމަތު ހުސޭން(ފާތިންދިޔެ)/ސޯމާލީ
މުޙައްމަދުކަލޯ/ލޯންޑްރީ  (މިހާރު ނިޔައުވެފާ) 
ޙަސަން ޢަލީ/މާފުށީގެ  (މިހާރު ނިޔައުވެފާ)
ޙަސަން ޢަޒީޒު(ހަސަންކަލޯ)/ރަދީފު
މޫސާކަލޯ/ޕީކޮކް
އަބުދުﷲ ޔޫސުފު(ރެކިބެ)/ޕޭލް
ޢަބުދުﷲ ކަލޯ/ޕާޕަލް 
އާމިނަތު ޔޫސުފު(އާމިންދައްތަ)/ކޮތަރުގެ
ސިއްތި/ޕެރިސް
ރެކިދިޔެ/ނަރުގިސްގެ 
ޢަބުދުﷲ/ނަރުގިސްގެ
ފާޠިމާ/ނައިޓްކްއީން،  (މިހާރު ނިޔައުވެފާ)
ރެކިދިޔެ/ރަންދޯދި
މަރިޔަމް/ފެއަރީ،
ޙަސަން(ޙަސަންބެ)/ފެއަރީ  (މިހާރު ނިޔައުވެފާ)
އަޙުމަދުފުތު/ވައިޓްޗޯކް
ޙުސޭން ޢަފީފު/ރޯމަރުގެ
ޙުސޭން ޝަފީގު/ޢަޞުރުމާގެ
ޙުސޭންފުޅު/ދޮންފަޅޯގެ
މަރިޔަމް މުޙައްމަދު/ކުރަމަތީގެ
ޚަދީޖާ ޙުސޭން ގޮންގަލި/ވިލިގިލި  (މިހާރު ނިޔައުވެފާ)
މަރިޔަމް ޙަސަން(މަރިޔަމްދައްތަ)/މިލަންހައުސް
ޙަސަން ޢުސްމާނު(ތުއްތު)/ހަލަވެލިމާގެ
ޢަލިފުތު/ރެލީހައުސް،
ޤާސިމް މުޙައްމަދު/ބެކިންގހަމް
ޙުސޭން އަޙުމަދު/އީގަލް
ފާޠިމަތު އިސްމާޢީލް/އީގަލް  (މިހާރު ނިޔައުވެފާ)  
ޖަމީލާ މުޙައްމަދު/ބިންމަތީގެ
އަޙުމަދު ވަޙީދު މާކަރީވިލާ  (މިހާރު ނިޔައުވެފާ) 
މުޙައްމަދު ނަސީމު ބްލެކްއެންޑްވައިޓް
ޙަލީމާ/ މާމެންދޫ 
މަރިޔަމް އިސްމާޢީލް(މަރިޔަމްދައްތަ)/މާދެލަ  (މިހާރު ނިޔައުވެފާ)  
ޢާއިޝަތު މުނީރާ/ކުދިމާގެ
އާމިނާދިޔެ/ ޝެހެނާއީ   (މިހާރު ނިޔައުވެފާ)

ދުވަސްވީ ދަރިކޮޅަކީ އޭގެ އެތައް އަހަރެއްގެ ފަހުން އޭގެ ވަނަވަރު ލިޔާއިރު އުނި އިތުރު ހުރުން އެކަށީގެންވާ އެއްޗެކެވެ. އަދި ޢާއިލީ ވަނަވަރަކީ އިންސާނުން ދުނިޔޭގައި ދެމިތިބިހާ ދުވަހަކު އައިސް ގޮސްވުމަށް ނިމުމެއް އޮތް އެއްޗެއް ވެސް ނޫނެވެ. އެހެންކަމުން ކުރިން ދެންނެވި ހެން މި ވަނަވަރުތަކުގައި އުނި އިތުރު ހުރުމަކީ އެކަށީގެންވާ ކަމަކަށް ވާތީ އެ ކަން ފާހަގަކުރެއްވޭ ފަރާތެއްވާ ނަމަ އެ ކަމެއް އަޅުގަނޑުމެންނަށް އަންގަވާލަ ދެއްވައި އިޞްލާޙްކޮށްލުމުގެ ފުރުޞަތެއް ލިބޭނޭގޮތް ވުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ. އަޅުގަނޑުމެންގެ މި މަސައްކަތް އެކަށީގެންވާ ގޮތަކަށް ކުރިޔަށް ދާނަމަ ވަނަވަރުތަކަށް އަންނަ އުނިއިތުރުގެ ޞައްޙަކަން ބެލުމަށްފަހު އެ ގޮތަށް ވަނަވަރު އިޞްލާޙްކޮށް ސައިޓަށް އަޕްލޯޑް ކުރެވޭނެއެވެ.

ޢާއިލީ ވަނަވަރުތައް ލިޔެފައި ވަނީ ތިނަދޫ ޖަނަވަރީގޭ ޙަސަން ޙިލްމީ ދުނިޔެ ދޫކުރެއްވިތާ އަހަރުތަކެއްގެ ފަހުންނެވެ. ނަމަވެސް އޭގެ އަޞްލު ނުގެއްލޭ ގޮތަށެވެ.

މި މަސައްކަތް ކުރުމުގައި އަޅުގަނޑުމެންނަށް ދަތިވި އެއް ކަމަކީ ޢާއިލާއަކުން އެނގެން ހުރި އެންމެ އިސް މީހާ ނުވަތަ އެންމެ އިސް ދެ ކަނބަލެއްގެ ނަންތައް އެނގޭކަމަށް ވިޔަސް އެ ދެކަނކަބަލުންގެ ޢާއިލާ އުފަންވުމުގެ ތަރުތީބުން އެނގުމުގައި ދިމާވި ދައްޗެވެ. ޙަސަން ޙިލްމީގެ ލިޔުއްވުމުން ވެސް އެ ކަން އެހާ ރަނގަޅަށް(އުފަންވުމުގެ ތަރުތީބުން) އެނގޭކަށް ނެތެވެ.

މި ވަނަވަރުތަކުގައި ހިމެނެން ޖެހޭ އެކަމަކު އެ ފަރާތްތަކުގެ މަޢުލޫމާތު އަޅުގަނޑުމެންނަށް ހޯދައި ނުގަނެވުނު ފަރާތްތަކާއި އަދި ފަހުގެ ޒުވާން ޖީލުގެ ތެރެއިން މި ފޮތުގައިވާ ވަނަވަރާއި ގުޅެންޖެހޭ ފަރާތްތަކުން އެ ފަރާތްތަކުގެ ވަނަވަރު ފާހަގަކޮށް ދެން އިތުރަށް ކުރިއަށް ގެންދަން ޖެހޭ ގޮތް ދެނެގަތުމުގައި ދައްޗެއް ނުވާނޭ ގޮތަށް މި ވަނަވަރުތައް އެކުލަވާލުމުގައި ބަލާފައި ވާނެއެވެ. 

ގާތްތިމާގެ މީހުންގެ ތެރޭ އެކަކު އަނެކަކީ ކާކުކަމާއި އެ ދެ ފަރާތުގެ ތިމާގެކަމުގެ މިންވަރު އެނގުމަކީ ދީނީ އަދި ދުނިޔަވީ ގޮތުން ވެސް ރަނގަޅު ކަމެކެވެ. މިހެނީ އެ ކަމުން ތިމާމެންގެ ލޭގެ ގުޅުންތެރިކަން ހަރުދަނާވުމާއި އެކަކު އަނެކާއަށް އެހީތެރިކަން ފޯރުވައި، ގުޅުން ބަދަހިކުރުމަށް ވެސް ބާރު އަޅައެވެ. މި ފަހަކަށް އައިސް ދެބެންގެ ދެދަރިއަށް ވުރެ ދުރު ވުމަކީ ތިމާގެކަމެއް ނޫންކަމަށް ދެކޭ ބަޔަކު ވެސް އުޅެއެވެ. އަދި އެއަށްވުރެ ދުރުވުމުން އެކަކު އަނެކާއަށް ތިމާގެ ކަމުގެ މިންވަރު ނޭނގޭ މީހުން ވެސް މިހާރު މަދެއްނޫނެވެ. މިހެންވެފައި ވަނީ ކުރީގެ ދުވަސްތަކުގައި އުޅުނު ކާބަފައިންނާއި، މީސްމީހުން އޭގެ އެކަކު އަނެކާއާއި ހުރި ތިމާގެ ކަމަކާއި ގާތްކަމެއް އެ މީހުންގެ ދަރިންނާއި ޒުވާން ޖީލަށް ފޯރުކޮށްދީފައި ވިޔަސް މިހާރު އެފަދަ ފަރާތްތަކުން އެ ކަން އެ ގޮތަށް ކުރަމުން ނުގެންދަވާ ކަމެވެ.

މިހެންވަނީ މިހާރަކަށް އައިސް މާއްދީ ދުނިޔޭގެ އަވަދިނެތި ކަމުގެ ސަބަބުން އެކަހަލަ ކަންކަން ދަރީންނާއި ގާތް މީހުންނަށް ފާހަގަކޮށް ދެއްކުމަށް ވަގުތުނުވަނީ ކަމަށް ވުން ވެސް ނުވަތަ އެއީ ހުސް އަނގަ ތެޅުމެއް ކަމަށް ބަލަނީކަމަށް ވުން ވެސް އެކަށީގެންވެއެވެ. މިއީ ކޮންމެހެން ޒަމާން އޭގެ ޒާތުގައި ގެނުވި ބަދަލެއްނޫނެވެ. އަދި ކީއްހެއްޔެވެ. މިއީ މީސްމީހުން އެ މީހުން އަމިއްލައަށް އެ މީހުންގެ ޒަމާނުގައި އަމިއްލައަށް ގެނުވާ ބަދަލެވެ.

އެންމެފަހުގެ ޝުކުރު އަދާކުރުމަށްޓަކައި ބައެއް ފަރާތްތައް ޚާއްޞަކޮށްލުމަކީ މި ކަމުގައި އެހީތެރިވެދެއްވި އެހެން ބޭފުޅުންނަށް ކުރެވޭ ބޭއިންޞާފެއްކަމަށް ނުބެއްލެވުން އެދެމެވެ. އެއް ފަރާތަކީ މި ޢާއިލީ ވަނަވަރުތަކުގައި ފާހަގަކުރެވޭ އެންމެބޮޑު ދަރިކޮޅަށް ވެސް ނިސްބަތްވާ ހ. ތެވެލި އަލްފާޟިލް މުޙައްމަދު ޝަރީފެވެ. އަނެއް ފަރާތަކީ އެ ދަރިކޮޅަށް ނިސްބަތް ކުރެވޭ ތިނަދޫ ޖޭނެސްޓް އަލްފާޟިލް މުޙައްމަދު ޒުހައިރެވެ. އެންމެފަހުގެ ޝުކުރު އަދާކުރާނީ މި ޢާއިލީ ވަނަވަރުތައް ލިޔުމުގެ މަސައްކަތް ކުރި ކުދީންނަށެވެ.
                                           ---------------------
ޢަބުދުﷲ ޙިލްމީ
10 ޖެނުއަރީ 2013މ.