ޑިމޮކްރަސީ ދޮންނަ މެޝިން


މީގެ އަހަރުތަކެއްގެ ކުރިންފެށިގެން ދިވެހިރާއްޖޭގެ ރަށްރަށުގެ ގޮނޑުދޮށްތަކަށް ލައްގަމުންދިޔަ އެތަކެތީގެ ބޭރުގައި ޑިމޮކްރަސީގެ ނަން ލިޔެފައިވާ ސާމާނަކީ މޫސުމާއި ކަނޑުތަކުގެ އޮޔާއިވަޔަށް ނުހަނު ވިސްނުންތެރިކަމާއެކު ރަނގަޅަށް ބެލުމަށްފަހު ސީދާ ދިވެހިރާއްޖޭގެ ރަށްރަށުގެ ގޮނޑުދޮށްތަކަށް ލައްގާގޮތަށް ފުރެތިކާލުންގެ މިއްލަތަކުން ކަނޑުތެރެއަށް އަޅަމުންގެންދާ ސާމާނުތަކެއް ކަމަށް ލަފާދާރު ބުއްދިވެރިންގެ ބަޔަކު ބުނެ އުޅުނޫއެވެ. އޭރުއްސުރެ މިތަކެތި ގިނައިން ލައްގަނީ ހުޅަނގު މޫސުމްގެ ބާރު ވަޔާ ވިއްސާރައާއެކުއެވެ. ލައްގާ ސާމާނުގެތެރޭ ވިހިން ފެށިގެން ތިރީހާ ދޭތެރޭ ޤަރުނުތަކުގެ އާދަމުގެދަރިންނަށް އެތަކެތި ފެނުމުން އެބައިމީހުން ޙައިރާންވެ ތަލިން ކުޅުހިކޭވަރުގެ އެއްޗެހި ހުރެއެވެ.

މިގޮތަށް ލައްގާ ޑިމޮކްރަސީގެ ސާމާނުގެ ތެރޭ އެތެރޭގައި ހޮއިނެތް ދިހަބާރަ ޓަނު ހުންނަ ވަރުގެ ބޮޑެތި ދަގަނޑާއި، ފޮނިރަހަ ގަދަކަމުން ކައިބޮއިހެދުމަށް ދަތިވާވަރުގެ ދޯބުރާލިހަކުރު ގުޅިތަކާއި، އިންސާނުންނަށް އޭގެ ފޮޓޯ ނުފެންނަ ގޮތަށް ހަދާފައިވާ ޓީވީތަކާއި، ދޫނި ސޫފާސޫތްޕަށް ނޫނީ އޭގެ އަޑުނުއިވޭ ރޭޑިޔޯތަކާއި، ފެނަށް ގިރިގެން ނުދާނޭ ކުލަކުލައިގެ ކަރުދާހުގެ ގާނޫނުތަކާއި، އަސާސީ ޖުއްލާބުގެ ގުޅަބޭހާއި، ލާމަރުކަޒީ ވިހިއޮށުގެ ތަސްބީހަ ފައްޗާއި، ޙައްޤާނިއްޔާ ދުއްރަތަކާއި، ޕާޓީ ސިސްޓަމްގެ ރިހާކުރު ޖާޑިތަކާއި، އަޚުލާގަށް މާބަނޑުވެފައިވާ ކުލުނު ޖާޑިތަކާއި، އިންސާނީ ހަމަތަކުގެ ދެފުށް ފެންނަ ބޯކަރުދާސް ފޮށިގަނޑުތަކާއި މިކަހަލަ ގިނަ އެއްޗެހިތަކެއް ހުރެއެވެ.

މިތަކެއްޗަކީ އޭގެ ގޮތްބާވަތް ނޭނގި އެއަށް ދަހިވެތިވެ އޭގެ ބޭނުންކުރަން ފަށައިފިނަމަ އެބަޔެއްގެ ތެރޭ ޢަދުލު އިންޞާފާއި ހަމަހަމަކަން ނޯންނާނެ ތަކެއްޗެއްކަމާއި، ތަބާވާނެ ގާނޫނެއް ގަވައިދެއް ވެރިއެއްނެތި ވައްކަން ކުރުމާއި ފޭރުމާއި ލޫޓްވުމާއި މާރާމާރީއާ ލޭއޮހޮރުން ހިނގާނެކަމާއި، ގަދަފަދަ ޖައްބާރުން ނިކަމެތިންގެ މައްޗަށް ވެރިވެގެން ހިތަށްއެރި ކަމެއް ހިތަށްއެރި ވަގުތަކު ހިތަށްއެރި ގޮތަކަށް ކުރާނެކަމާއި، ޖެއްސުން ކުރުމާއި އަނެކުންގެ ޙައްގުތަކާއި އަބުރަށް އަރައިގަތުމާއި ޣީބަ ބުނުމާއި މަކަރު ހެދުމާއި ދޮގު ހެދުމާއި ރިޝްވަތާއި ފަސާދައާއި ފިތުނަވެރިކަން ބިމުގެ ވެއްޔަށްވުރެ ގިނަވެދާނެ ކަމަށް އޭރުވެސް މިތަކެއްޗާއި އަދި ދުނިޔޭގެ ވާނުވާދަންނަ ބުއްދިވެރިން ބުނެއުޅުނެވެ. އޭގެފަހުން އެކަންވީވެސް ހަމަ އެހެންނެވެ. ބުއްދިވެރިން ބުނިގޮތަށް އަކުރެއް ފިއްޔެއް ސުކުނެއްގެ ވިޔަސް ތަފާތެއް ނެތި އެކަން ފެންނަމުން ދެއެވެ.

ދިވެހިރާއްޖޭގެ ރަށްރަށުގެ ގޮނޑުދޮށްތަކަށް ޑިމޮކްރަސީގެ ސާމާނު ލައްގަމުން ދިޔައިރު އެއެއްޗެއް އެއްވެސްމީހަކު ނަގައި ފޮރުވައި ހަދައިފިނަމަ ޑިމޮކްރަސީގެ އުޞޫލުން ބޮޑުވެގެންވާ އަދަބު ލިބޭނޭކަން އަންގާފައިވާ އެއްޗަކީ ހަމައެކަނި ޑިމޮކްރަސީ ދޮންނަ މެޝިނެވެ. ލައްގަމުން ދިޔަ ޑިމޮކްރަސީގެ އެހެން ބާވަތްބާވަތުގެ ސާމާނާއި އަޅައިބަލާއިރު ޑިމޮކްރަސީ ދޮންނަ މެޝިން ލެއްގީ ވަރަށް މަދުންކަމަށް ވުމާއެކު، މިއެއްޗެތި ޚާއްޞަކުރީ ޑިމޮކްރަސީގެ އުޞޫލުން އެހާތަނަށް ތަޞައްރަފު ފުދި ބާލިޣުވެފައިވާ ޕާޓީތަކަށެވެ.

ޑިމޮކްރަސީގެ އުޞޫލުން ތަޞައްރަފު ފުދި ބާލިޣުވެފައިވާ ޕާޓީތަކަށް އެކަނި ޑިމޮކްރަސީ ދޮންނަ މެޝިން ޚާއްޞަކުރަން ޖެހުނީ އެވައްތަރުގެ މެޝިނަކީ ދިވެހިރާއްޖޭގެ ރަށްރަށުގައި ޢާއްމުކޮށް ބޭނުންކުރާ އޭސީ ކަރަންޓުން އޭގެ މަސައްކަތް އެއްގޮތަކަށްވެސް ނުކުރެވޭނޭ އެއްޗަކަށްވެފައި، އޭގެ ބޭނުންކުރެވޭނީ ޑިމޮކްރަސީ ޑީސީ ބެޓްރީން ކަމަށް ވާތީއެވެ. މިވައްތަރުގެ ބެޓްރީއަކީ ހަމައެކަނި ނަޖިދު ޝައިޠޯން ފެކްޓަރީން އުފައްދާ އެއްޗެއްކަމަށާއި، އެފެކްޓަރީން މިބެޓްރީ ދޫކުރަނީ ޑިމޮކްރަސީގެ ދެފަރާތް ހާމަޔަށް ފެންނަ އުޞޫލުން ހަމައެކަނި ޑިމޮކްރަސީގެ އުޞޫލުން ތަޞައްރަފު ފުދި ބާލިޣުވެފައިވާ ޕާޓީތަކަށްކަމަށް ބުނެވެއެވެ.

ޑިމޮކްރަސީ ދޮންނަ މެޝިނަކީ ޢާއްމުކޮށް ގެންގުޅޭ ދޮންނަ މެޝިން ފަދަ އެއްޗެއްނޫނެވެ. މިވައްތަރުގެ މެޝިން ބޭނުން ކުރަނީ ޑިމޮކްރަސީގެ އުޞޫލުން ތަޞައްރަފު ފުދި ބާލިޣުވެފައިވާ ޕާޓީތަކާއި ގުޅޭ އާދަމުގެދަރިންގެ ތެރެއިން ވަކިބާވަތެއްގެ ކުނިމިލަ ހުރި އާދަމުގެދަރިން ދޮވެ ސާފުޠޯހިރު ކުރުމަށެވެ. މީގެތެރެއަށް އެމީހަކުލުމަށްފަހު، ދޮޅުގަޑިއިރު ވަންދެން މެޝިން ހިންގައި އޭގެތެރެއިން އެމީހަކު ނެރޭތާ 9 މަހާއި 9 ދުވަސް ވަންދެން އެމީހަކު ހުންނާނީ ޅަވަރެއްގެ ސިފަހުތުރު ކުއްތާއެއްގެ ސިފައިގައި ބުއްދި ބުރާންތިވެފައެވެ. އެހެންވާންޖެހެނީ މެޝިނުގެތެރޭ ބުރުއެޅިލެއް އަވަސްކަމުން ކަމަށާއި ފުރިހަމަ އިންސާނެއްގެ ސިފައަށް އެމީހަކު ރުޖޫޢަވެ ބުއްދި ފުރިހަމަވާނީ ގަދައަޅައި ގިނަ މަސައްކަތްތަކެއްކޮށްގެން ކަމަށްވެސް ބުނެވެއެވެ.

ކޮންމެއަކަސް ޑިމޮކްރަސީގެ އުޞޫލުން ތަޞައްރަފު ފުދި ބާލިޣުވެފައިވާ ޕާޓީތަކުން މިވައްތަރުގެ މެޝިން ބޭނުން ކުރުމަކީ ޑިމޮކްރަސީގެ ދެފަރާތް ހާމަޔަށް ހުރަހެއް ނެތި ފެންނަ އުޞޫލުން ކުރާ ކަމެކެވެ. ޑިމޮކްރަސީ ނަގަހައްޓައި ދެމެހެއްޓުމުގެ އުޞޫލުންނެވެ.
                -------------------

ޢަބްދުﷲ ޙަސަން ހުޅުދުމައިގެ
21 ނޮވެމްބަރ 2018މ.