ހުވަދުއަތޮޅުގެ ފޯކްލޯރއެއްގައި އެ އަތޮޅު ވާދުއަށް އެރި ފުރޭތައެއްގެ ވާހަކަ ކިޔައި އުޅެ އެވެ. ބައެއް ފޮތްތަކުގައި މިވާހަކަ އަންނަނީ ކަނޑަހަލަގަލު އެދުރުކަލޭގެފާނުގެ ވާހަކައިގެ ތެރެއިންނެވެ. ވާދުއަށް އެރި ނަމަވެސް އެ ދުވަސްވަރު ފުރޭތައިގެ މައި މަރުކަޒަކަށް ވެފައި އޮތީ ކަނޑަހަލަގަލެވެ. މި ފުރޭތައެއް ދެކެ މީހުން ޚާއްޞަކޮށް ވާދޫ ކައިރި ރަށްރަށުގެ މީހުންނާއި ރޭގަނޑު އެ ހިސާބުން ދަތުރުކުރާ މީހުން ގަންނާކުރައްވާ ބިރުން ފުރޭތައޭ ކިޔަން ވެސް ބިރުގަނެ އެވެ. ފުރޭތައޭ ކިޔަން ބިރުން އެ ދުވަސްވަރު އެކަކު އަނެކަކަށް މަޑުމަޑުން ކިޔައި އުޅުނީ ވެސް ކަނޑަހަލަގަލު އެދުރު ކަލޭގެފާނެވެ.
(މި
ފުރޭތައިގެ ވާހަކައާއި އެ ދުވަސްވަރުގެ ބައެއް ފޯކްލޯރތައް ކިޔައި އުޅުނު ގޮތަށް
ތިނަދޫ ޖަނަވަރީގޭ އަލްމަރުޙޫމް ޙަސަން ޙިލްމީ ލިޔުއްވައި ބައެއް ބޭފުޅުންނަށް
ދެއްވާފައިވެ އެވެ. އޭގެފަހުން މީގެ ބައެއް ފޯކްލޯރތައް ފޮތްތަކުން ވެސް ފެނެ އެވެ.
ފޯކްލޯރތައް ވިދާޅުވި ބައެއް ބޭފުޅުން ދެކެވަޑައިގަންނަވަނީ، "އެ
ވާހަކަތަކަށް ބަލާ އިރު މުޅިންހެން އޭގައި ހުރީ ފަންޑިތަވެރި ކަމާއި ސިޙުރުން
ހިންގާފައިވާ ކަންތައްތަކާއި އޭގެ ނަތީޖާ އެވެ. އަނެއް ގޮތަކަށް ބަލައިފިނަމަ އެ
ޒަމާނުގައި ހިނގި ކަންތައްތަކެއް އެ ވަނީ އޭރުގެ މީހުން ޤަބޫލުކުރާ ފަދައިން
ސިޙުރުންނާއި ފަންޑިތައިން ވީ ކަންތައްތަކެއްކަން ބަޔާންކޮށްފަ އެވެ. މި
ވާހަކަތަކަށް ބަލާއިރު މީގައި ބުނެފައިވާ މީހުންނަކީ ޙަޤީޤަތުގައި އުޅުނު މީހުން
ކަމަށް ވަރަށް ބޮޑަށް ފެންނަ ކަމާއި އަދި އެކި ރަށްރަށް ފަޅުވުން ފަދަ ކަންކަމީ
ވެސް ހިނގާފައިވާ ކަންތައް" ކަމަށް ބައެއް ބޭފުޅުން ވިދާޅުވެ އެވެ.)
ކަނޑަހަލަގަލު
އެދުރު ކަލޭގެފާނުގެ ކަންތައްގަޑު ބޮޑުވެ، އެންމެފަހުން އެދުރު ކަލޭގެފާނު
ހަމަބިމަށް ތިރި ކުރެއްވީ ނުވަތަ މިހާރުގެ ގޮތަށް ސައިޒަށް ކަނޑާލެއްވީ، ވާދޫ ގައްދަނޑު
މަނިކުފާނު (މުޙައްމަދު މަނިކުފާނު) އެވެ
.
ދެން
ކަނޑަހަލަގަލު އެދުރު ކަލޭގެފާނުގެ ފޯކްލޯރގެ ބަޔަކަށް ބަލައިލަމާތޯ އެވެ.
އިހުޒަމާނު
ހުވަދުއަތޮޅު ވާދޫ ފުއްޓަރު ފަރާތުން އަންނަ ނަވެކެވެ. ކޮންމެ ރެޔަކުވެސް އެ ނާ އާދެ އެވެ. އައިސް އެ ނަވުން ފައިބަންނަވާ ބޭކަލަކު
ދުރުވެ އަރުއްވަނީ، ވާދޫ ގައްދަނޑުގޭ ޢަލިމަނިކުފާނުގެ ފަންނަށެވެ. ދެން
ވާގޮތަކީ، ކޮންމެ ރެޔަކު ވާދޫން އެތައް ބަޔަކަށް އެކި ގޮތްގޮތްވެ
އޭގެ ބައެއްމީހުން (މަދު ދުވަސްތަކެއްގެ ތެރޭ) މަރުވަނީ އެވެ. މީސްތަކުން ހަދާނެ
ނަހަދާނެއެއް ނޭނގި އެއްބަޔަކު ރަށް ދޫކޮށްފައި ދިޔުމަށް ވެސް ނިންމައިފި އެވެ.
މި
ކަންތައްގަނޑު ފެށިގެން ހިނގައިގަތް އިރު ގައްދަނޑު މަނިކުފާނު ރަށުގައި ނޫޅުއްވަ އެވެ.
ރަށުގެ ބައެއްމީހުން މަރުވިފަހުން ގައްދަނޑު މަނިކުފާނު އެނބުރި ވަޑައިގަތުމުން މި
ކަމެއްގެ ވާހަކަ މީސްތަކުން ދަންނަވައިފި އެވެ. މި ކަމުގެ ފައިޞަލާއަކަށް
މަނިކުފާނު ވިސްނެވުމަށްފަހު ގޮތެއް ނިންމަވައިފި އެވެ. އޭނާގެ އެންގެވުމަށް
ވާދޫގެ ފިރިހެނުންގެ ގިނަ ބަޔަކު އެ ދުވަހު ބޮޑު އޮށިބޮޑިއެއް ބަނދެގެން ގޮސް
އެއްކަލަ ނަވުން ފައިބަންނަވާ ކަލޭގެފާނު ވާދޫގެ އެއްގަމަށް އަރުއްވާ ދިމާލަށް
އަތިރިމަތީ ބާއްވައިފި އެވެ.
އެ
ރޭ ނަވުގެ އިންތިޒާރުގައި ގައްދަނޑު މަނިކުފާނު ހުންނަވަނިކޮށް އެހެން ރޭރޭ ވެސް
އަންނަ ފަދައިން ނާ އައިސް ގޮނޑުދޮށަށް ބީއްސާލުމާއެކު ނަވުން ފައިބަންނަވާ
ބޭކަލަކު ކުއްލިއަކަށް ގޮނޑުދޮށަށް ފައިބަންނަވައި އެއްގަމަށް އަރުއްވައި
ގައްދަނޑު މަނިކުފާނާއި އަރައި ހަމަވުމުން ގައްދަނޑު މަނިކުފާނު ވިދާޅުވި އެވެ.
"އެދުރުކަލޭގެފާނެވެ.
އަޅުގަނޑުގެ ގޯއްޗަށް މިއޮތް އޮށިބޮޑި ގެންގޮސްދެއްވަ ބައްލަވާށެވެ!"
ދެން
އެ ކަލޭގެފާނަކު ގައްދަނޑު މަނިކުފާނު ވިދާޅުވި އޮށިބޮޑި ކޮނޑަށް ލައްވައިގެން
ހިންގަވައިގެންފި އެވެ. މަނިކުފާނު ވަޑައިގަންނަވަނީ ހޭޅި މަގުގެ އެއްގަމާވީ
ފަރާތުންނެވެ. ހޭޅިފަށުގެ ވިނަފަށާއި ކައިރިން ކަލޭގެފާނެވެ. ހޭޅިމަގުން އެތައް
ހިސާބަކަށް ދެވުނުއިރު ވެސް ގައްދަނޑު މަނިކުފާނު އެ ވިދާޅުވާ ގޯއްޗަކާއި
ހަމަޔަކަށް ދެވުނު ކަމަކަށް ނުވެ އެވެ. އެންމެފަހުން އެދުރުކަލޭގެފާނު
ދެންނެވިއެވެ.
"އަދިވެސް
މަނިކުފާނުގެ ގޯއްޗާއި ހަމަ ނުވަނީތޯ އެވެ؟ އެއީ ކިހާ ހިސާބެއްތޯ އެވެ؟ ހާދަ ތަނަކަށް
ހިނގިއްޖެ އެވެ."
މަނިކުފާނު
ވިދާޅުވިއެވެ.
"އެ
ހިސާބާއި އަދި ގާތެއް ވެސް ނުވެ އެވެ. ހިންގަވާށެވެ! ކުރިއަށް ހިންގަވާށެވެ!"
މިގޮތަށް
އިރުއިރުކޮޅާ ކަލޭގެފާނު ސުވާލު ކުރެއްވުމުން މަނިކުފާނު ދެއްވަނީ ވެސް ހަމަ އެ
ޖަވާބެވެ. "އަދި ގާތެއް ވެސް ނުވެ އެވެ. ހިންގަވާށެވެ."
އެ
ދުވަސްވަރު ވާދޫގެ ވަށައިގެން ހަނި ހޭޅި މަގެއް އޮވެ އެވެ. އެ މަގުން ރަށުގެ
ވަށައިގެން ހިނގާފައި ދާނަމަ އެ ހިނގުމުން މީހަކަށް ވަދެވޭނޭ ގޯއްޗެއް ވާދޫގައި
ނޯންނާނެ އެވެ. ދުނިޔެވަށައި ބުރު އެޅުން ފަދަ ނިމުމެއް ނެތް ކަމެކެވެ.
ކޮންމެއަކަސް ގައްދަނޑު މަނިކުފާނާއި އެދުރުކަލޭގެފާނުގެ ހިންގެވުމުގައި
މަނިކުފާނު އެ ވިދާޅުވާ ގޯއްޗަކާއި ހަމައަށް ނުދެވެނީސް މެންދަން ފަހަނައަޅައި
ހާލާއި ކާޅުގެ އަޑު އިވެން ފަށައިފި އެވެ. އެ ތަކެތި ގޮވަން ފަށައިފި އެވެ.
ފަތިސްވާން އުޅެނީ އެވެ. ހާލާއި ކާޅު ހޭލައި އެ ތަކެތި ގޮވުމަކީ އެދުރު
ކަލޭގެފާނުގެ "ރަސްމީ" ވަގުތަށް ނިމުންއައީ ކަމަށް ކަލޭގެފާނަށް ދެވޭ
އިންޛާރެއް ފަދަ ކަމެކެވެ. އެވީ ހަމަ ވަގުތުން ކަލޭގެފާނު ހުންނެވި ތަނަކުން
ނައްޓާލައްވާށެވެ. ޑްރެކިއުލާގެ ވައްތަރަށް އަލިވިލުމުގެ ކުރިންނެވެ. ނަމަވެސް
ޑްރެކިއުލާ އެއީ ލޭބޯ ވައްތަރެވެ. މިއީ ފައިދާހުރި އެއްވެސް އެއްޗެއް މީހަކަށް
އުނގަންނައި ދެއްވުމަށް ބޭނުންވެ ނުލެއްވިއަސް ބައެއް ފަހަރު މީހުންނަށް
ގުލާންކޮށްދެއްވަން މަޖުބޫރުވާ އެދުރު ވައްތަރެވެ. އޭގެ ވެސް އާދައިގެ އެދުރެއް
ނޫނެވެ. މަޖިލީހަށް އެރުއްވި (ކަލޭގެފާނު) ވައްތަރެވެ. ކަނޑަހަލަގަލު އެދުރު
ކަލޭގެފާނެވެ.
މަނިކުފާނާއި
ކަލޭގެފާނުގެ ހިންގެވުމުގައި އެތައް އިރެއްވީ އިރު ވެސް މަނިކުފާނުގެ ގޯއްޗާއި
ހަމައެއް ނުވި އެވެ. އެއްކޮޅުން އެދުރު ކަލޭގެފާނުގެ ރަސްމީ ވަގުތު ހަމަވަނީ އެވެ.
އެކަމަކު ގައްދަނޑު މަނިކުފާނުގެ އިޛުނައެއް ނެތި އެދުރު ކަލޭގެފާނަކަށް އެ ތަނަކުން
ނައްޓާލެއްވޭނެ ހަމަ އެއްވެސް ގޮތެއް ނެތެވެ. ގައްދަނޑު މަނިކުފާނުގެ ފަންޑިތައިގެ
ގައިދެއްގައި ކަނޑަހަލަގަލު އެދުރު ކަލޭގެފާނު މިވަނީ ރަނގަޅަށް ކަސްތޮޅު އެޅިފަ އެވެ.
މިބާވަތުގެ ފަންޑިތައިގައި ފަތިސްވަންދެން މީހަކަށް ފުރޭތަ ހިފަހައްޓާލެވިއްޖެ
ނަމަ، އެ ސޮރު ސައިޒަށް ކަނޑާލެވޭނެ އެވެ. އޭގެފަހުން އެ ސޮރަށް
ކުރެވެން އޮތް ހުރިހާ ކަމެއް އެ މީހަކަށް ކޮށްދޭނެއެވެ. "އެޅިހާ ބަތަކަށް
ރިހަ އަޅައިދޭނެ އެވެ. އެދުރުކަލޭގެފާނުގެ ވަގުތު ހަމަވެއްޖެކަމުގެ ޢާލާމަތް
ފެންނަން ފެށުމުން އެ ސޮރަށް މަޖުބޫރުވީ ސަލާމަތަށްޓަކައި ދެން ކުރެވެންއޮތް
ކަމެއް ކުރާށެވެ. ސަލާމަތަށް ސަލާން ޖަހާށެވެ.
އެ
ސޮރު ވަރަށް ދެރަވެފައި ގައްދަނޑު މަނިކުފާނަށް ދެންނެވިއެވެ.
"ސާހިބާ
އެވެ. އަޅުގަނޑު ދިޔުމުގެ އަމުރު ދެއްވާށެވެ. ދެން އިތުރު ވަގުތަކަށް މި ތާނގައި
އަޅުގަނޑު ހުރެފިނަމަ އަޅުގަނޑަށް ވާނޭ ގޮތާއި އަދި އަޅުގަނޑަކީ ކާކުކަން ވެސް
މަނިކުފާނު ހަމަ ރަނގަޅަށް ދެނެވަޑައިގަންނަވާނޫ އެވެ. އަޅުގަނޑުގެ ސަލާމަތް އޮތީ
މަނިކުފާނުގެ އިޚްތިޔާރުގަ އެވެ. އަޅުގަނޑަށް ސަލާމަތް ހޯއްދަވައި ދެއްވާށެވެ!"
ދެތިން
ފަހަރަކު މިގޮތަށް އެދުރުކަލޭގެފާނު ގަތްދަނޑު މަނިކުފާނަށް އާދޭސްކޮށް ދެންނެވީމާ
މަނިކުފާނު ޖަވާބުގައި ވިދާޅުވިއެވެ.
"އެންމެ
ރަނގަޅެވެ. ގޮތް ދޫކުރީތާ (ސައިޒަށް ކަނޑާލެވުނީތާ) އެވެ. ދެން ދުވަހަކު ވެސް ތިޔަ
ވައްތަރަށް މި ރަށަށް އަރައިގެން ނުވާނެ އެވެ. އެ ކަމަށް ވަޢުދު ވާށެވެ. މި ރަށުގެ
އެއްވެސް މީހަކަށް ދުވަހަކު ވެސް އެއްވެސް ކަހަލަ ގޯނާއެއް ނުކުރަން ޢަހުދުވާށެވެ.
އަދި އަހަރެންގެ ދޯންޏެއް ކަނަޑަހަލަގަލަށް ހިނގައްޖެއްޔާ އެ ވަގުތެއްގައި
ކިތަންމެ އޮއި ބާރަސް އެ ދޯނީގެ ފަނައެއް ލޮތާރިއެއް ލައިފިއްޔާ ހަރުކުރަން ކަލޭ
އެއްބަސްވާން ޖެހޭނެ އެވެ. އެއީ ކަލޭލައްވައި ކުރުވަން ބޭނުން މަސައްކަތެކެވެ."
ދެން
މިއަށްފަހު ގަތްދަނޑު މަނިކުފާނު ވިދާޅުވި ހުރިހާ ކަމަކަށް ކަނޑަހަލަގަލު އެދުރު
ކަލޭގެފާނު އެއްބަސްވެ ހަތްފަހަރު ހުވާ ކުރުމަށް ފަހު ކުއްލިއަކަށް ގެއްލިއްޖެ އެވެ
މި ޙާދިޘާގެ ފަހުން ކަނޑަހަލަގަލު އެދުރުކަލޭގެފާނުގެ
ފަރާތުން ވާދޫއަށް އަދި އެ ރަށުގެ މީހަކަށް އެއްވެސް ކަހަލަ ގޯނާއެއް ކުރިމަތި
ނުވެ އެވެ. އަދި ބުނެވެނީ، އެ ދުވަސްވަރު ވައިގަދަ ވިއްސާރަ މޫސުމެއްގައި
ވިޔަސް، ވާދޫ ގައްދަނޑުގެ ދޯންޏެއް ކަނޑަހަލަގަލުގެ ބޭރަށް
ފަނައެއް ލޮތާރިއެއް ލައިފިއްޔާ އެޔެއް ކަހާލައިގެން ދޯނި ފަރުމައްޗަށް ލައްގައި
އުރި މިކަހަލަ ގޮތެއް ނުވާކަމަށެވެ. ކަނޑަހަލަގަލު ބޭރަކީ ބައެއްފަހަރު ވަރަށް
އޮއި ބާރު އުޅަނދުތައް ބަނދަރުކޮށް އޮތުމަށް އުނދަގޫ ހިސާބެކެވެ.
ވާދޫ
ގައްދަނޑު މަނިކުފާނާއި ކަނޑަހަލަގަލު އެދުރު ކަލޭގެފާނުގެ މުޤާބަލާގެ ފަހުން ވެސް، އެދުރު
ކަލޭގެފާނުގެ ޢަލާމާތްތައް ކަނޑަހަލަގަލުގެ ބޭރު ކަނޑުތެރެއިންނާއި ބައެއްފަހަރު
އެ ރަށުތެރެއިން ވެސް ފެންނަ ކަމަށް ކިޔަ އެވެ. އަދި މި އެދުރު ކަލޭގެފާނުގެ
އެހެން ވާހަކަ ވެސް މި ފޯކްލޯރގައި އާދެ އެވެ. ނަމަވެސް ލިޔުން ދިގުވެދާނެތީއާއި
މި ފޯކްލޯރއަކީ އޭގެ މަޤުޞަދު ނުގެއްލޭ ގޮތަށް ތަފާތު ޢިބާރާތުން ބައެއް
ފޮތްތަކުގައި ވެސް ލިޔެވި ފެންނަން އޮތް އެއްޗަކަށްވާތީ މި ލިޔުމުގައި އިތުރަށް
ނުލިޔުނީ އެވެ.
ފޯކްލޯރއާއި
އޭގެ ގުޅުން:
މި
ފޯކްލޯރއަކީ މުޡުހިރުއްދީން ރަދުންގެ ރަސްކަން ނިމުނު (1705މ.) ފަހުގެ ފޯކްލޯރއެއް
ކަމަށް ބެލެވެ އެވެ. އެ ޒަމާނުގައި ފުވައްމުލަކުން ވާދުއަށް ވަޑައިގެން ވާދޫން
ދަނޑުބިމެއް ބައްލަވައިގެން (ގަނެގެން) އެ ތާނގައި ގެއެއް އަޅުއްވައިގެން ވާދޫގައި
ވަޒަންވެރިވެ އުޅުއްވި އެހެން ގައްދަނޑު މަނިކުފާނެއް ނުހުންނެވުމާއި، އަދި ވާދޫ
ގައްދަނޑުގެ އަށް ނިސްބަތްވާ ނުވަތަ ގައްދަނޑުގެ އެ ފަރާތަށް ނިސްބަތްވާ ގައްދަނޑު
މަނިކުފާނެއްގެ ޢާއިލާ ހިނގާފައިވަނީ ވެސް މުޙައްމަދު މަނިކުފާނެއްގެ ކިބައިންކަން
އެނގޭތީ އެވެ.
ފޯކްލޯރގައި
ހިނގިކަމަށް ބުނެވޭ ޙާދިޘާއާ މެދު އެއްޗެއް ދަންނަވާކަށް ނެތީމެވެ. ނަމަވެސް
އޭގައި އެ ބުނާ ވާދޫ ގައްދަނޑު މަނިކުފާނު (މުޙައްމަދު މަނިކުފާނު) އަކީ އަޅުގަނޑު
ލިޔަމުންގެންދާ "އިސްދޫ ދަރިކޮޅުން މުޡުހިރުއްދީން ރަސްގެފާނުގެ ޢާއިލާ(3)"
ގައި މުޡުހިރުއްދީން ރަދުންގެ ދަރިކަލުން މުޙައްމަދު މަނިކުފާނުގެ ދަރިކަލުން މޫސާ
މަނިކުފާނު ކައިވެނިކުރެއްވި ވާދޫ ގައްދަނޑުގޭ ސަންފާ މަނިކުފާނުގެ ބައްޕަ ކަމަށް
ޤަބޫލު ކުރެވެ އެވެ. ކޮނޑޭ ޢަލިމަނިކުފާނުގެ މާފަ (މަންމަގެބައްޕަ) އެވެ. އަދި
ފޯކްލޯރއަށް ބަލާއިރު ވާދޫ ގައްދަޑު މަނިކުފާނަކީ ސިކުނޑި ތަނަވަސް ޢިލްމުވެރި
ބޭފުޅެއްކަމަށް ވެސް ފެނެ އެވެ. ކޮންމެ ސަބަބަކާ ހުރެ ވިޔަސް، ވާދޫގެ ރަށުތެރެ
ނާމާންވެ މީސްތަކުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދި އެބައިމީހުންގެ
ކަންބޮޑުވުން ފިލުވައިލެއްވި ގޮތަކަށް ފިލުވައިލައްވައި މީސްތަކުންނަށް ހަމަޖެހުން
ގެނެސްދެއްވި މުދައްބިރަކީ ވާދޫ ގައްދަޑު މަނިކުފާނެވެ.
"އިސްދޫ
ދަރިކޮޅުން މުޡުހިރުއްދީން ރަސްގެފާނުގެ ޢާއިލާ (5)" ގައި ދެއްވަދޫ
ގަނޑުވަރުދީދީ(އ) ގެ ފާޠިމާދީދީ އާއި ވާދޫ ގައްދަނޑުގޭ ޙުސައިން މަނިކުފާނު
ކައިވެނި ކުރައްވައިގެން ވަދޫގައި ވަޒަންވެރިވެ އުޅުއްވައި ޙުސައިން މަނިކުފާނު
އަވަހާރަވުމުގެ އާލާސްކަންފުޅުގައި އޮންނެވި އިރު އޭނާގެ އެދިވަޑައިގަތުމަށް (އޭނާ
އަވަހާރަވުމަށްފަހު) ދެން ފާޠިމާދީދީ އާއި ކައިވެނިކުރެއްވީ ޙުސައިން މަނިކުފާނުގެ
ކޮއްކޮ ގައްދަޑުގޭ ޢުސްމާނު މަނިކުފާނު ކަމަށް ދަންނަވާފައި ވާނެ އެވެ. މިދެންނެވި
ދެބެއިންގެ ބައްޕައަކީ ވާދޫ ގައްދަނޑު މަނިކުފާނު ކަމަށް ބައެއް މީހުންނަށް
ހީވެފައި އޮވެ އެވެ. ނަމަވެސް އެ ބޭފުޅުންގެ ބައްޕައަކީ ވާދޫ ގައްދަނޑު
މަނިކުފާނުގެ ފުތް، އިބްރާހީމް މަނިކުފާނުގެ ފުތް، ވާދޫ "ގައްދަނޑުގޭ"
މަނިކުފާނެވެ. "ގައްދަނޑު" މަނިކުފާނެއް ނޫނެވެ. މިއީ ދެ ބޭފުޅެކެވެ.
ކާފައާއި ކާފަ ދަރިކަލެކެވެ.
އެހެނީ، "ގައްދަނޑު" މަނިކުފާނުގެ ދި،
ސަންފާ މަނިކުފާނުގެ ފުތް ކޮނޑޭ ޢަލިމަނިކުފާނުގެ ފަރާތުން އުފެދިފައިވާ
ޢާއިލާއެއްގެ އެއްވެސް ބޭފުޅަކާއި ހަމަ އެ "ގައްދަނޑު" މަނިކުފާނުގެ
އުފަން ދެ ބޭފުޅެއް (އެއް ބޭފުޅަކު އަވަހާރަވުމުން އަނެއް ބޭފުޅަކު ވިޔަސް)
ކައިވެނި ނުކުރައްވާނެ އެވެ. ދެއްވަދޫ ގަނޑުވަރުދީދީ(އ) އަކީ ކޮނޑޭ ޢަލިމަނިކުފާނުގެ
ދޮންދީދީއަށް މުންނަ (ބައްޕަގެމަންމަ) އަދި ކޮނޑޭ ޢަލިމަނިކުފާނުގެ މުޙައްމަދުދީދީ
އަށް މާފަ (މަންމަގެބައްޕަ) ވިދާޅުވާ ބޭފުޅެކެވެ. ދޮންދީދީ އާއި މުޙައްމަދުދީދީ
އަކީ އެއްބަނޑު އެއްބައްޕަ ދެ ބޭފުޅުންނެވެ. މިހެންވީމާ ދެއްވަދޫ ގަނޑުވަރުދީދީގެ
ދި، ފާޠިމާދީދީ އާއި އޭނާގެ މުންނަގެ މުންނަ (ގައްދަނޑުގޭ ސަންފާމަނިކުފާނު) އާއި
އެއްބަނޑު ނުވަތަ އެއްބަފާ ބޭފުޅަކަށް ކައިވެނި ކުރެއްވޭނެ ގޮތެއް ނޯންނާނެ އެވެ.
ކުރީގެ ދުވަސްވަރު މީސްމީހުންގެ ނަމަކަށް ޚާއްޞަ ނަމެއް އޮތަސް އެހެން މީހުންނަށް އެނގިފައި އޮންނަނީ އެ މީސްމީހުންގެ ޢާއްމު ނަމެވެ. އެ ގޮތަށް ހުންނަ ބައެއް ނަންނަން މީހުންނަށް ކިޔައި އުޅޭއިރު އެ ޢާއިލާއާއި ދުރު ބައެއް މީހުންނަށް އެ ނަންތަކުގެ ވެރިން އޮޅޭގޮތް ދިމާވެ އެވެ. އަދި އެ ދުވަސްވަރުގެ ބައެއް ބޮޑެތި މީސްމީހުންގެ ޢާއިލާތަކުގެ މީހުންނަށް އެއްކަހަލަ ނަންނަން ކިޔާފައި ވެސް ހުރެ އެވެ.
މިސާލަކަށް
އިބްރާހީމް ތަކުރުފާނުގެ، ޢަލިތަކުރުފާނުގެ، އިބްރާހީމް ތަކުރުފާނުގެ،
ޢަލިތަކުރުފާނެވެ. މި އެންމެންގެ ޢާއިލީ ގޭގެ ނަމަކީ ވެސް އެއްނަމެކެވެ. ނަމަވެސް
އެއިން ކޮންމެ މީހެއްގެ ޢާއްމު ނަމުން (އެ ނަން ކިޔަންވާ ގޮތަށް) ކިޔާނަމަ އޭގެ
އެކަކު އަނެކަކާއި ވަކި ކުރެވޭނެ އެވެ. ކުރީގެ ބައެއް މީހުން ދެއްވަދޫދީދީ ކަމަށް
ބަލައިގެން ލިޔެކިޔައި އުޅެނީ އަޞްލުގައި ދެއްވަދޫދީދީގެ ދި، ދެއްވަދޫ
ގަނޑުވަރުދީދީ އަށެވެ. މަންމަގެ ނަން ދަރިފުޅަށެވެ. އަޞްލުގައި ދެއްވަދޫދީދީ އަކީ
ތުއްކަލާދީދީގެ ދި، ދޮންދީދީ އެވެ. ދެއްވަދޫ ގަނޑުވަރުދީދީ އަކީ މިދެންނެވި
ދޮންދީދީގެ ދި، ދެއްވަދޫ ގަނޑުވަރުދީދީ (ދަލޭކައިދީ) އެވެ. ވާދޫގައި ވެސް އެ ވަނީ
އެކަހަލަ ގޮތެކެވެ. "ގައްދަނޑު" މަނިކުފާނާއި "ގައްދަނޑުގޭ"
މަނިކުފާނެވެ. "ގައްދަނޑުގޭ" މަނިކުފާނަކީ "ގައްދަނޑު"
މަނިކުފާނުގެ ކާފަ ދަރިކަލެކެވެ. ނަމަވެސް "ގައްދަނޑު" މަނިކުފާނާއި "ގައްދަނޑުގޭ"
މަނިކުފާނުގެ ޚާއްޞަ ނަމަކީ އެއް ނަމެކެވެ. މުޙައްމަދު މަނިކުފާނެވެ.
އިރާދަކުރެއްވިއްޔާ
މި ޢާއިލާގެ ފޮތް ނެރުމުން މިފަދަ އޮޅުންތައް ނާރާނެ އެވެ.
ވާދޫ
"ގައްދަނޑުގޭ މަނިކުފާނު" (މުޙައްމަދު މަނިކުފާނު)ގެ ޙުސައިން
މަނިކުފާނާއި ޢުސްމާނު މަނިކުފާނާއި ދެބެއިންގެ މަންމައަކީ ހަވަރުތިނަދޫ
މެދުއަވަށު ދޮން މޫސާ ކަލޭގެ ފުތް، ރައްކަލާކަލޭގެ އަށް އުފަން ނުވަ ބެއިންގެ
ތެރެއިން ފާޠިމާފުޅެވެ. ދެން ތިއްބެވި ބެއިންނަކީ ޙަލީމާފުޅާއި، ޢާއިޝާފުޅާއި، މަރިޔަމްފުޅާއި،
ޢަލިފުޅު (ކާސިންފުޅު ނުވަތަ މެދުކުއްދާބޭގެ ބައްޕަ) އާއި، މުޙައްމަދުފުޅާއި،
އިސްމާޢީލްފުޅާއި، އާމިނާފުޅާއި، މޫސާފުޅެވެ.
ހުވަދޫ
ވިލިގިލީ ދޮން ޢަލިތަކުރުފާނު ޚަޠީބު ފަހުން ކައިވެނިކުރެއްވީ ޢާއިޝާފުޅާ އެވެ.
އަލްއަމީރު މުޙައްމަދު އަމީން ދިވެހިދައުލަތް ހިންގެވި ދުވަސްވަރު ހަވަރުތިނަދޫގެ
ރަށްވެހިކަމުގެ ތެރޭގައި އެރަށުގެ ޝާރިޢުލް އަމީން (މަގު) ހެދުމުގެ މަސައްކަތް
ހިނގަމުންދިޔަ ދުވަހު މަސައްކަތުގައި އުޅުނުހާ ބަޔަކަށް ފައިސާ ބެއްސެވި ދީލަތި
ހަވަރުތިނަދޫ މަޝްހޫރު އިސްމާޢީލްޙާޖީގެ މަންމައަކީ، ކުރިން ދެންނެވި އާމިނާފުޅެވެ.
ހަވަރުތިނަދޫ މެދުއަވަށު ދޮން މޫސާ ކަލޭގެ ފުތް ރައްކަލާ ކަލޭގެ ޢާއިލާއަކީ
ހަވަރުތިނަދޫގެ އެ ދުވަސްވަރު އެ ރަށުގެ އެކެއްގެ ދަރިންގެ ތެރޭގައި އެންމެ
ތަނަވަސް މީހުން ގިނަ ޢާއިލާކަމަށް ބުނެވެ އެވެ. ތިނަދޫ ޖަނަވަރީގޭ އަލްމަރުޙޫމް
ޙަސަން ޙިލްމީ ވަނީ، ހަވަރުތިނަދޫ މެދުއަވަށު ދޮން މޫސާ ކަލޭގެ ޢާއިލާ ވެސް
ލިޔުއްވައިފަ އެވެ.
ދޮން މޫސާ ކަލޭގެ ޢާއިލާގެ ލިންކް
----------------
ޢަބުދުﷲ
ޙިލްމީ
17
ޖޫން 2012މ.