ބުދަށް އަޅުކަންކުރަން ފެށި ގޮތާއި އެމީހުންގެ ނިމުން
















އަލްބަޤަރާ ސޫރަތުގެ 213 ވަނަ އާޔަތް ޝަރަޙަކުރައްވަމުން އިބްނު ޢައްބާސްގެފާނު ވިދާޅުވެފައިވެ އެވެ. "އާދަމުގެފާނާއި ނޫޙުގެފާނާ ދެމެދުގައި ދިހަ ޤަރުނުގެ މުއްދަތު ފާއިތުވެގެން ދިޔަ އެވެ. އެ މުއްދަތުގެ ތެރޭގައި މީހުން އުޅުނީ، ޙައްޤު ޝަރީޢަތެއްގެ މަތީގަ އެވެ. އެއަށްފަހު، މީހުން ދެބަސްވެ، ޙައްޤުގެ މަގުން އެއްކިބާވި އެވެ. ދެން މީސްތަކުންނަށް ތެދުމަގު ދެއްކެވުމަށްޓަކައި މާތްނަބީބޭކަލުން ފޮނުއްވި އެވެ. އެބޭކަލުން ވަޑައިގެން ތެދުމަގު ޚިޔާރުކުރި މީހުނަށް އުފާވެރިކަމުގެ ޚަބަރު ދެއްވައި، ކާފިރުވީ މީހުނަށް އިންޒާރުދެއްވި އެވެ."

މާތް ﷲ ވަޙީކުރައްވާފައިވެ އެވެ.
(كَانَ النَّاسُ أُمَّةً وَاحِدَةً فَبَعَثَ اللّهُ النَّبِيِّينَ مُبَشِّرِينَ وَمُنذِرِينَ وَأَنزَلَ مَعَهُمُ الْكِتَابَ بِالْحَقِّ لِيَحْكُمَ بَيْنَ النَّاسِ فِيمَا اخْتَلَفُواْ فِيهِ) އަލްބަޤަރާ: 213

މާނައީ، "އެންމެހައި މީސްތަކުން އެއް އުންމަތެއްގެ ބަޔަކުކަމުގައިވި އެވެ. ދެންފަހެ، ﷲ، އުފާވެރިކަމުގެ ޚަބަރުދޭ ބަޔެއްގެ ގޮތުގައްޔާއި، އަދި އިންޒާރުކުރަނިވި ބަޔެއްގެ ގޮތުގައި ނަބީބޭކަލުން ފޮނުއްވި އެވެ. އަދި މީސްތަކުން އެއުރެންގެ މެދުގައި ޚިލާފުވި ކަންތައްތަކުގައި ޙުކުމްކުޅައުމަށް، އެބޭކަލުންނާ އެކުގައި ޙައްޤު ގޮތުގައި ފޮތް ބާވައިލެއްވި އެވެ." 

ނޫޙުގެފާނުގެ ޤައުމުގެ ބައެއް މީހުނަށް، ޝައިޠާނާ ޝިރުކުކުރުމަށް މަގުދެއްކި އެވެ. ޝައިޠާނާގެ ބަހަށް ހެއްލުނު މީހުން ބުދަށް އަޅުކަންކުރަންފެށި އެވެ.
މާތް ﷲ ވަޙީކުރައްވާފައިވެ އެވެ.
(وَقَالُوا لَا تَذَرُنَّ آلِهَتَكُمْ وَلَا تَذَرُنَّ وَدّاً وَلَا سُوَاعاً وَلَا يَغُوثَ وَيَعُوقَ وَنَسْراً) ނޫޙު: 23
މާނައީ، "އަދި އެއުރެން ބުނޫއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންގެ އިލާހުންތައް ތިޔަބައިމީހުން ދޫނުކުރާހުށިކަމެވެ! އަދި ހަމަކަށަވަރުން، ތިޔަބައިމީހުން ވައްދާއި، ސުވާޢާއި، ޔަޣޫޘާއި، ޔަޢޫޤާއި، ނަސްރާއި (މިހުރިހައި ބުދުތައް) ދޫކޮށްނުލާހުށިކަމެވެ!"

ނޫޙުގެފާނު ދުނިޔެއަށް ވަޑައިގެން ބޮޑުފުޅުވީ ޢިރާޤުގެ ބިމުގަ އެވެ. އޭރު ޢިރާޤުގައި އުޅެނީ މާތް ﷲ އަށް އަޅުކަންކުރުން ދޫކޮށް، މަގުފުރެދިގެން އުޅުނު ބަޔެކެވެ. އެމީހުންނަށް ތެދުމަގު ދެއްކެވުމަށްޓަކައި، މާތްއެމީހުންގެ ގާތަށް ނޫޙުގެފާނު ފޮނުއްވި އެވެ. އެކަލޭގެފާނަކީ، މީސްތަކުންގެ ގާތަށް ފޮނުއްވުނު ފުރަތަމަ ރަސޫލާ އެވެ. މިކަން ދެ ޞަޙީޙުން އެނގެ އެވެ. (ދެ ޞަޙީޙަކީ ޞަޙީޙު ބުޚާރީއާއި ޞަޙީޙު މުސްލިމެވެ.)

އާދަމުގެ ދަރީންގެ ތެރެއިން އެންމެފުރަތަމަ ޢަޤީދާގައި ތެދުމަގުން އެއްކިބާވި ބަޔަކީ، ނޫޙުގެފާނުގެ ޤައުމުގެ މީހުންނެވެ. އިބްނު ޖަރީރުއްޠަބަރީ ވިދާޅުވެފައިވެ އެވެ.

އާދަމުގެފާނާއި ނޫޙުގެފާނާ ދެމެދުގައި ވަރަށް ހެޔޮލަފާ ޞާލިޙު ބޭކަލުންކޮޅެއް އުޅުއްވި އެވެ. އެއީ، ވައްދާއި ސުވާޢާއި ޔަޣޫޘާއި ޔަޢޫޤާއި ނަސްރެވެ. އެބޭކަލުންނާ ތަބާވެގެން އުޅުނު ބަޔަކު ވެސް އުޅުނެވެ. އެބޭކަލުން އަވަހާރަވުމުން، އެބޭކަލުންނާ ތަބާވެގެން އުޅުނު މީހުން ބުންޏެވެ. އެބޭކަލުންގެ ސޫރަތައް ކުރަހައިފިނަމަ، ތިމަންމެނަށް އެބޭކަލުންގެ މަތިން ހަނދުމަކުރެވޭ މިންވަރު އިތުރުވެ، އަޅުކަންކުރުމުގެ ޝައުޤުވެރިކަން ތިމަންމެންގެ ހިތްތަކުގައި އިތުރުވާނެ އެވެ. މިހެން ކިޔައި، އެމީހުން އެބޭކަލުންގެ ސޫރަތައް ކުރެހި އެވެ.

ދެންފަހެ، އެ ސޫރަތައް ކުރެހި މީހުން މަރުވެ، އެމީހުނަށްވުރެ ފަހުން އައި މީހުނަށް އިބްލީސް ވަސްވާސް ދިނެވެ. "ތިޔަބައިމީހުންނަށްވުރެ ކުރީގެ މީހުން އެ ސޫރަތަކަށް އަޅުކަންކުރި އެވެ. އެމީހުން ވާރޭ ވެއްސަނީ ވެސް އެ ސޫރަތަކަށް ދަންނަވައިގެންނެވެ." ދެން އެމީހުން އިބްލީހުގެ ބަހަށް ހެއްލި، އެ ސޫރަތަކަށް އަޅުކަންކުރަން ފެށި އެވެ. އެއިން ކޮންމެ ސޫރައަކަށް ވަކި ބަޔަކު އަޅުކަންކުރި އެވެ. އެއަށްފަހު އެތައް ޒަމާންތަކެއް ފާއިތުވެގެން ދިޔައިރު، އެމީހުން ކުރަހާފައިވާ ސޫރަތަކުގެ ސިފައިގައި ބުދުތަކެއް ހެދި އެވެ. އެއީ ކުރެހުންތަކަށްވުރެ ބުދުތައް ސާބިތުކަމާއި ފާޅުކަން ބޮޑުކަމަށްޓަކަ އެވެ. ދެން މާތް ﷲ އަށް އަޅުކަންނުކޮށް، އެމީހުން އެ ބުދުތަކަށް އަޅުކަންކުރަމުން ގެންދިޔަ އެވެ. އެމީހުން އެއަށް އަޅުކަންކުރުމުގައި އެތައް ގޮތްތަކަކަށް ޢަމަލުކޮށް އުޅުނެވެ.

ވަރަށް ގިނަ ޒަމާންތަކުގައި ބުދަށް އަޅުކަންކުރަން ފެށިފައިވަނީ ހަމަ މިހެންނެވެ. ޢިލްމުވެރިއަކާ ތަބާވެގެން އެއީ ތިމަންމެންގެ ސާހިބުމީހާ ކަމަށް ދެކިގެން އުޅޭ ކޮންމެވެސް ބަޔަކު، އޭނާ ދުނިޔެއާ ވަކިވެގެން ދިއުމުން، އޭނާގެ ތަސްވީރު ކުރަހަ އެވެ. އެމީހުނަށް ސާހިބުމީހާ ފެންނަ ކަމަށްވަނީނަމަ، ޚުޝޫޢަތްތެރިކަމާއެކު އަޅުކަންކުރަން ފަސޭހަވާނެ ކަމަށް ހީކޮށްގެންނެވެ. މިގޮތަށް ފެށޭ ފެށުން ދުވަސްތަކަކަށްފަހު، ބުދަށް އަޅުކަންކުރުމަށް ބަދަލުވެގެންދެ އެވެ.

ނޫޙުގެފާނު ރަސޫލުކަމާއިގެން ވަޑައިގެން، މާތް ﷲ ގެ މަގަށް ގޮވާލެއްވުމުގައި 950  އަހަރު ދެމިހުންނެވި އެވެ. ރޭގަނޑާއި ދުވާލުގައި، އަދި ސިއްރާއި ފާޅުގައި އެކަލޭގެފާނު މާތް ﷲ ގެ މަގަށް ގޮވާލެއްވި އެވެ.
މާތް ﷲ ވަޙީކުރައްވާފައިވެ އެވެ.
(وَلَقَدْ أَرْسَلْنَا نُوحاً إِلَى قَوْمِهِ فَلَبِثَ فِيهِمْ أَلْفَ سَنَةٍ إِلَّا خَمْسِينَ عَاماً) އަލްޢަންކަބޫތު: 14
މާނައީ، "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ނޫޙުގެފާނު، އެކަލޭގެފާނުގެ ޤައުމުގެ މީހުންގެ ގާތަށް ރަސޫލުކަމާއިގެން ފޮނުއްވީމެވެ. ފަހެ، އެކަލޭގެފާނު، ފަންސާސް އަހަރު ފިޔަވައި، އެއްހާސް އަހަރު (އެބަހީ: ނުވަސަތޭކަ ފަންސާސް އަހަރު ދީނަށް ގޮވައިލެއްވުމަށް) އެއުރެންގެ ތެރޭގައި ހުންނެވި އެވެ."

ނޫޙުގެފާނުގެ ޤައުމުގެ މީހުން އެކަލޭގެފާނުގެ ގޮވާލެއްވުމަށް ދިނީ ބީރު ކަންފަތެކެވެ. އެމީހުންނަކީ ހިތްހަރު ބަޔަކު ކަމުގައިވި އެވެ. އެމީހުންގެ ތެރެއިން އެކަލޭގެފާނުގެ ގޮވާލެއްވުމަށް އިޖާބަދިނީ ވަރަށް މަދު ބަޔެކެވެ. އެނޫން އެންމެން ކާފިރުކަންމަތީގައި ދެމިތިބީ އެވެ. ނަމަވެސް އެކަލޭގެފާނު ނާއުންމީދުވެވަޑައެއް ނުގަނެ އެވެ.
މާތް ﷲ ގެ ވަޙީބަސްފުޅުގައިވެ އެވެ.
(وَأُوحِيَ إِلَى نُوحٍ أَنَّهُ لَن يُؤْمِنَ مِن قَوْمِكَ إِلاَّ مَن قَدْ آمَنَ فَلاَ تَبْتَئِسْ بِمَا كَانُواْ يَفْعَلُونَ) ހޫދު: 36
މާނައީ، "ނޫޙުގެފާނަށް ވަޙީ އިއްވެވި އެވެ. ކަލޭގެފާނުގެ ޤައުމުގެ މީހުންގެ ތެރެއިން މިހާތަނަށް އީމާންވެގެން ތިބި މީހުން މެނުވީ، އީމާނެއް ނުވާނެތެވެ. ފަހެ، އެއުރެން ކޮށްއުޅޭ ކަންތަކާމެދު، ކަލޭގެފާނު ހިތާމަނުކުރައްވާށެވެ!"

ދެން ކާފިރުންގެތެރެއިން ހަމައެކަކުވެސް މި ބިންމަތީގައި ނުބެހެއްޓެވުމަށް ނޫޙުގެފާނު މާތް ﷲ ގެ ޙަޟުރަތުގައި ދެންނެވި އެވެ.
(وَقَالَ نُوحٌ رَّبِّ لَا تَذَرْ عَلَى الْأَرْضِ مِنَ الْكَافِرِينَ دَيَّاراً) ނޫޙު: 26
މާނައީ، "އަދި ނޫޙުގެފާނު ވިދާޅުވި އެވެ. އަޅުގެ ވެރިރަސްކަލާކޮ! ކާފިރުންގެތެރެއިން ހަމައެކަކުވެސް އިބަރަސްކަލާނގެ މި ބިންމަތީގައި ނުބަހައްޓަވާނދޭވެ!"

އެއަށްފަހު، ނޫޙުގެފާނު ނާކޮޅު ބެންނެވުމަށް މާތްއެކަލޭގެފާނަށް އެންގެވި އެވެ. އެ ނާކޮޅުގައި، އެކަލޭގެފާނަށް އީމާންވި މީހުން ސަލާމަތްވި އެވެ. ބުދަށް އަޅުކަންކުރި މުޝްރިކުން ޠޫފާނުގައި ޣަރަޤުވެދިޔައީ އެވެ.
               -------------------

މުޞަންނިފު: އަލްއުސްތާޛު ޢަބުދުލްމުޢީދު ޙަސަން