"އަހުލުބައިތު" އަކީ، ޢަރަބި ބަހުގެ "އަހުލުލްބައިތި" (أَهْلُ اْلبَيْتِ) ގެ ދިވެހި ތަރުޖަމާއެކެވެ. އަހުލުބައިތުންނަށް "އާލުލްބައިތި" (آلُ اْلبَيْتِ) ވެސް ކިޔައެވެ. އިސްލާމީ ނަޒަރަކުން ބަލާއިރު، މި ދެ ނަމުގައި ޝާމިލުވަނީ، ކީރިތި މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ އާ ތިމާގެފުޅުކަމުގެ ގޮތުން ގުޅިފައިވާ ފަރާތްތަކެވެ. އެއީ އާޔަތުއްތަޠުހީރު (آيَةُ التَّطْهِيرِ) ގައި ޝާމިލުވެވަޑައިގަންނަވާ ބޭކަލުންނާއި ބޭކަނބަލުންނެވެ. އެއީ ކޮން ބަޔެއްކަން ބަޔާންކުރައްވާފައިވާ އެތައް ޙަދީޘްފުޅުތަކެއް ވެއެވެ. މިހެންވެ، "އަހުލުބައިތުން" ގެ ނަންފުޅަށް ވަރަށް ބޮޑު އަހައްމިއްޔަތަކާއި ޝުހުރަތެއް ލިބިފައި ވެއެވެ. އެއާއެކު، ސުންނަތްޖަމާޢަތުގެ އަހުލުވެރިންގެ މެދުގައި ވަނީ، އެ ނަންފުޅުގައި ޝާމިލުވެވަޑައިގަންނަވާ ފަރާތްތަކާމެދު ދޭހަ ތަފާތުވެފައެވެ. އެކަމުގެ ސަބަބުން އޭގެ ހަނި މާނަތަކާއި، މެދުމިނުގެ މާނަތަކާއި، ޝާމިލުކަން ބޮޑު ފުޅާ މާނަތައް ވަނީ އުފެދިފައެވެ.
ޢަރަބި ބަހުގައި
"އަހުލު" (الأَهْلُ) ގެ ބަހަވީ މާނައެއް
ވެއެވެ. މީހެއްގެ އަހުލުންނަކީ، އޭނާގެ ގާތްތިމާގެ މީހުންނެވެ. ނުވަތަ އޭނާގެ ޢާއިލާގެ
މީހުންނެވެ. ކީރިތި ޤުރުއާނުގެ އަހުލުންނަކީ، ކީރިތި ޤުރުއާން ކިޔަވައި، އެ ފޮތް ދަސްކޮށް،
އެ ފޮތުގައި އަންގަވާފައިވާ ގޮތަށް ޢަމަލުކުރާ މީހުންނެވެ. ގެއެއްގެ އަހުލުންނަކީ،
އެ ގެއެއްގައި ދިރިއުޅޭ މީހުންނެވެ. "އަލްމަޢާނީ" ބަސްފޮތުގައި ވެއެވެ.
"އަހުލުލްބައިތި" (أَهْلُ
اْلبَيْتِ) އަކީ، "ކީރިތި ނަބިއްޔާ މުޙައްމަދު
ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ މާތް ޢާއިލާ އާއި، އިތުރުއެކަލޭގެފާނުގެ ނަސްލެވެ."
ދިވެހި ބަސްފޮތުގައި
ވެސް "އަހުލު" ގެ މާނަތަކެއް ވެއެވެ. އޭގެތެރޭގައި ހިމެނެނީ، "ތިމާގެ،
ގާތް، ވަޒަންވެރި، ލިޔާޤަތްހުރި، ކަމެއް ކުރާނޭ ގޮތް ދަންނަ" މި މާނަތަކެވެ. މި
މާނަތަކުގެ ތެރޭގައިވާ "ތިމާގެ" އަށް ލިބިފައިވާ އެއް މާނައަކީ، "ލޭގެ
ގުޅުންހުރި" އެވެ. އެހެންކަމުން، ޢަރަބި ބަހުގެ "އަލްއަހުލު" އާއި ދިވެހި
ބަހުގެ "އަހުލު" ބައިވެރިވާ މާނައެއް ވާކަން އެބައެނގެއެވެ. އެއީ، ތިމާގެކަމުގެ
މާނައެވެ.
އާޔަތުއްތަޠުހީރު
(آيَةُ التَّطْهِيرِ) ގައިވާ "އަހުލުބައިތުން"
(أَهْلُ اْلبَيْتِ) ޝަރަޙަކުރެއްވި
ސުންނަތްޖަމާޢަތުގެ ޢިލްމުވެރިންގެ މެދުގައި ވަނީ ދޭހަ ތަފާތުވެފައެވެ. އެހެންކަމުން،
އެ މުޞްޠަލަޙުގެ މާނައަކީ ކޮބައިކަން ބުނެދޭ އެތައް ރައުޔެއް ވަނީ ފާޅުވެފައެވެ. ތިރީގައި
މި ނަކަލުކޮށްލަނީ އެ ރައުޔުތަކެވެ.
އަހުލުބައިތުންނަކީ،
"އަހުލުލްކިސާއު" (أَهْلُ
اْلكِسَاءِ) ގެ އަހުލުވެރިންނެވެ. އެއީ، އިތުރުއެކަލޭގެފާނާއި،
ފާޠިމަތުގެފާނާއި، ޢަލީގެފާނާއި، ޙަސަނުގެފާނާއި، ޙުސައިނުގެފާނެވެ. މިބޭކަލުންނަށް
"އަހުލުލްކިސާއު" (أَهْلُ
اْلكِسَاءِ) ގެ ނަމުން ނަންދެވިފައިވަނީ، އިތުރުއެކަލޭގެފާނުގެ
ފޭރާންކޮޅަކުން މި ބޭކަލުން ނިވާކުރައްވައި، (اللَّهُمَّ
هَؤُلَاءِ أَهْلُ بَيْتِي) "ހައްދަވައިބޮޑުކުރެއްވި
ރަސްކަލާކޮ! މިއުރެންނީ ތިމަންކަލޭގެފާނުގެ އަހުލުބައިތުންނެވެ." މިހެން ޙަދީޘްކުރައްވާފައި
ވާތީއެވެ. މި ޙަދީޘްފުޅު، އިމާމު އަޙްމަދާއި އައްތިރުމިޛީ ރިވާކުރައްވާފައި ވެއެވެ.
އަހުލުބައިތުންނަކީ،
އިތުރުއެކަލޭގެފާނުގެ އަނބިއަނބިކަނބަލުންނެވެ. އެކަނބަލުން ފިޔަވައި، އެހެން އެއްވެސް
ބަޔަކު އަހުލުބައިތުންގެ ތެރޭގައި ޝާމިލެއްނުވެއެވެ.
"އަހުލުލްބައިތި"
(أَهْلُ اْلبَيْتِ) ގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ،
ހަމައެކަނި ކީރިތި މާތް ނަބިއްޔާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމައެވެ.
އަހުލުބައިތުންނަކީ،
ކީރިތި މާތް ނަބިއްޔާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ އެންމެ ގާތް ކާފާފުޅާ
ހަމައަށް އިތުރުއެކަލޭގެފާނުގެ ނަސަބުފުޅުގައި ހިމެނިވަޑައިގަންނަވާ އެންމެންނެވެ.
އަހުލުބައިތުންނަކީ،
ކީރިތި މާތް ނަބިއްޔާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމަ އާ އެއް ރަޙިމުގެ ގުޅުމުން
ގުޅިފައިވާ ފަރާތްތަކެވެ.
އަހުލުބައިތުންނަކީ،
ހާޝިމީ ވަންހައިގެ ފިރިހެނުންނެވެ.
އަހުލުބައިތުންނަކީ،
ކީރިތި މާތް ނަބިއްޔާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމަ އާ ދީނުގެ ގޮތުން ނުވަތަ
ނަސަބުގެ ގޮތުން ގުޅިފައިވާ މީހުންނެވެ.
އަހުލުބައިތުންނަކީ،
ކީރިތި މާތް ނަބިއްޔާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ އަނބިއަނބިކަނބަލުންނާއި،
ހާޝިމީ ވަންހައިގެ އެންމެހައި މީސްތަކުންނެވެ. (އެއީ، ޞަދަޤާތް ޙަރާމްކުރައްވާފައިވާ
ފަރާތްތަކެވެ.)
އަހުލުބައިތުންނަކީ،
އެބަޔެއްގެ މައްޗަށް ޞަދަޤާތް ޙަރާމްކުރައްވާފައިވާ، އިތުރުއެކަލޭގެފާނުގެ އާލުންނެވެ.
އިތުރުއެކަލ
ޭގެފާނު ޙަދީޘްކުރައްވާފައި
ވެއެވެ. (إنَّ
الصَّدَقَةَ لَا تَحِلُّ لِمُحَمَّدِ وَلَا لِآلِ مُحَمَّدٍ) މާނައީ،
"ހަމަކަށަވަރުން މުޙައްމަދުގެފާނާއި މުޙައްމަދުގެފާނުގެ އާލުންގެ މައްޗަށް ޞަދަޤާތް
ޙަލާލެއް ނުވާނެއެވެ." މި ޙަދީޘްފުޅު، މުޢުތަބަރު ޙަދީޘް ޢިލްމުވެރިއެއް ކަމަށްވާ
އިބްނު ޝައްބާ (أبو زيد عمر بن
شبة النميري البصري) ލިޔުއްވި "ތާރީޚުލްމަދީނާ"
(كتاب أمراء المدينة (تاريخ المدينة المنورة) އެވެ، ކިޔާ ފޮތުގައި ވެއެވެ. މާތް
ﷲ މުސްލިމުންނަށް އަންގަވާފައި ވަނީ، އިތުރުއެކަލޭގެފާނަށާއި އިތުރުއެކަލޭގެފާނުގެ
އާލުންގެ މައްޗަށް ކޮންމެ ނަމާދެއްގައި ޞަލަވާތް ކިޔެވުމަށެވެ. (މުސްލިމުން އެކަން
ކުރަނީ ފަހު އައްތަޙިއްޔާތުގައި ކިޔާ އިބްރާހީމިއްޔަ ޞަލަވާތުގައެވެ.) އަދި އެކަލާނގެ
އަންގަފާފައިވަނީ، އެ ބޭކަލުންނަށް ކިޔަމަންތެރިކަމާއި، ލޯބިވެތިކަން އަދާކުރުމަށެވެ.
އެކަލާނގެ ވަނީ، ޣަނީމާ މުދަލުގެ ފަސްބައިކުޅަ އެއްބައިގައި އެބޭކަލުންނަށް ޙައްޤެއް
ލައްވައި، އަލްއަންފާލު ސޫރަތުގެ 41 ވަނަ އާޔަތުގައި އެކަން އަންގަވާފައެވެ. އަދި ފައިއު
މުދަލުގައި ވެސް އެބޭކަލުންނަށް ޙައްޤެއް ލައްވައި، އަލްޙަޝްރު ސޫރަތުގެ 7 ވަނަ އާޔަތުގައި
އެކަން އަންގަވާފައެވެ. (ޣަނީމާ (الغنيمة) އަކީ، ހަނގުރާމަކޮށްގެން
ހަނގުރާމައިގެ މައިދާނުން މުސްލިމުންނަށް ލިބޭ މުދާ ކަމަށާއި، ފައިއު (الفيء) އަކީ ހަނގުރާމަކުރުމެއް
ނެތި މުސްލިމުންނަށް ލިބޭ މުދާ ކަމަށް އިސްލާމްވެބް ގެ 48525 ނަންބަރު ފަތުވާގައި ވެއެވެ.
އެހެން މަޞްދަރުތަކުގައި މިނޫން ރައުޔުތައް ވެސް ވެއެވެ.)
އާޔަތުއްތަޠުހީރަކީ،
އަލްއަޙުޒާބު ސޫރަތުގެ 33 ވަނަ އާޔަތެވެ. ތިރީގައި މިވަނީ އެ އާޔަތާއި އެ އާޔަތުގެ
މާނައެވެ.
(وَقَرْنَ
فِي بُيُوتِكُنَّ وَلَا تَبَرَّجْنَ تَبَرُّجَ الْجَاهِلِيَّةِ الْأُولَى
وَأَقِمْنَ الصَّلَاةَ وَآتِينَ الزَّكَاةَ وَأَطِعْنَ اللَّهَ وَرَسُولَهُ
إِنَّمَا يُرِيدُ اللَّهُ لِيُذْهِبَ عَنْكُمُ الرِّجْسَ أَهْلَ الْبَيْتِ
وَيُطَهِّرَكُمْ تَطْهِيرًا)
އަލްއަޙްޒާބު
(33): 33
މާނައީ، "އަދި
ތިޔަކަނބަލުން، ތިޔަކަނބަލުންގެ ގެތަކުގައި ތިބޭށެވެ! އިހުގެ ޖާހިލީ ޒަމާނުގެ ޒީނަތުން
ތިޔަކަނބަލުން ޒީނަތްތެރި ނުވާހުށިކަމެވެ! އަދި ތިޔަކަނބަލުން ނަމާދު ޤާއިމުކުރާށެވެ!
އަދި ތިޔަކަނބަލުން ޒަކާތްދޭށެވެ! އަދި ﷲ އާއި، އެކަލާނގެ ރަސޫލާ އަށް ތިޔަކަނބަލުން
ކިޔަމަންވާށެވެ! އޭ އަހުލުބައިތުންނޭވެ! ﷲ އިރާދަކުރައްވާކަން ކަށަވަރީ، ތިޔަބައިމީހުންގެކިބައިން
ފާފަތައް ދުރުކުރައްވައި، ފުރިހަމަ ޠާހިރުކުރެއްވުމަކުން ތިޔަބައިމީހުން ޠާހިރުކުރެއްވުމަށެވެ."
މާތް ﷲ މި އާޔަތް
ބާވައިލެއްވީ، ޤިޔާމަތްދުވަހަށް ދާންދެން އަހުލުބައިތުންނާއި، އަހުލުބައިތުންގެ ނަސްލު
ޠާހިރުކުރައްވާފައިވާކަން އެންގެވުމަށްޓަކައެވެ. މި އާޔަތް ބާވައިލައްވާފައިވަނީ، ކީރިތި
މާތް ނަބިއްޔާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ އަނބިއަނބިކަނބަލުންނަށް
އަމުރުކުރެއްވިގެންވާ ކަންކަމާއި، ނަހީކުރެއްވިގެންވާ ކަންކަން ބަޔާންކުރެއްވުމަށްޓަކައެވެ.
މި އާޔަތުން އެނގޭ ގޮތުގައި، އެކަނބަލުން ހިމެނިވަޑައިގަންނަވަނީ، އިތުރުއެކަލޭގެފާނުގެ
ޠާހިރު އަހުލުބައިތުންގެ ތެރޭގައެވެ.
--------------
މުޞަންނިފު:
އަލްއުސްތާޛު ޢަބުދުލްމުޢީދު ޙަސަން