ހަވަރުތިނަދޫ ޑޭޒީމަގު - 1959


މިއީ 1959މ. ގައި ހަވަރުތިނަދޫގެ އިރުން ހުޅަނގަށް އޮންނަ ޑޭޒީމަގުގެ މެދެއްހާ ހިސާބުން ހުޅަނގަށްގޮސް ހުކުރުމިސްކިތުގެ ގަބުރުސްތާނުގެ ޙަރިންމަފާރު ޑޭޒީމަގަށް ހުރަސްވެފައިވާތަން ފެންނަ ފޮޓޯއެކެވެ. މިމަގަކީ ރަށުގެ އިރުމަތީފަރާތު އަތިރިމަތިން ހުޅަނގުފަރާތު އަތިރިމައްޗަށް ދެވޭގޮތަށް ހަދާފައި އޮންނަ މަގެއްނޫނެވެ. އެހެެެންވެފައިވަނީ އިރުން ހުޅަނގަށްގޮސް ހުކުރުމިސްކިތުގެ ގަބުރުސްތާނު ހުރަސްވާތީއެވެ. މިމަގަކީ ގާތްގަނޑަކަށް 40 ވަރަކަށް ފޫޓުގެ ފުޅާމިންހުންނަ މަގަކަށްވާތީ އެދުވަސްވަރުގެ ބައެއް ދުވަސްދުވަހު މިމަގުގައި ޓެނިސްކުޅެއެވެ.


މަތީގައިވާ ފޮޓޯއިން ފެންނަނީ ޑޭޒީމަގުގެ އުތުރުފަރާތުގެ ބަޔަކަށްވާތީ މަޢުލޫމާތަށްޓަކައި އެމަގުގެ ދެކުނުފަރާތުން އެދުވަސްވަރުގެ މަދަރުސާ "މަދަރުސަތުލް އަމީރުއިބްރާހީމް" ޢިމާރާތް ފެންނަ ފޮޓޯއެއް ތިރީގައި ހިމަނައިލީމެވެ.


މަތީގެފޮޓޯއިން ފެންނަ "މަދަރުސަތުލް އަމީރުއިބްރާހީމް"އާއި ޖެހިގެން އިރުމައްޗަށް އޮންނާނީ ހަވަރުތިނަދޫގެ "މާވަށްދިހެރޭ" ކިޔާ ސަރަޙައްދެވެ. ފާލަންހުންނަނީ މިތާނގައެވެ. ތިރީގައިވާ ފޮޓޯއިން ފެންނަނީ ހަވަރުތިނަދޫ އެދުވަސްވަރުގެ ފާލަމާއި އެތާނގެކުރިމަތިން ބަޔެކެވެ. މިހުރިހާ ފޮޓޯއެއްވެސް ނަގާފައިވަނީ ދިވެހިސަރުކާރާއި ދެކޮޅަށް 16 ފެބްރުއަރީ 1959މ. ގައި ހުވަދުއަތޮޅުގައި އުފެއްދި ހަމަނުޖެހުން ޙައްލުކުރުމަށް 17 ޖުލައި 1959މ. ގައި ހަވަރުތިނަދޫއަށް "މޯލްޑިވްސްޓާރ" ކުރި ދަތުރުގައެވެ.


މިމަޟްމޫނުގައިވާ ފޮޓޯތަކުންފެންނަ ދިވެހިދައުލަތުގެ ސިފައިން މުގުރާއި އައްޑަނައާއިއެކު ހަވަރުތިނަދޫ ޑޭޒީމަގުން ފެންނަނީ 17 ޖުލައި 1959މ. ގައި ހަވަރުތިނަދޫގެ ހަމަނުޖެހުން ނިންމުމަށްފަހުގައެވެ. އެކަން ނިންމާފައިވަނީ ހަވަރުތިނަދޫއަށް ސިފައިން އަރައިގެންނޫނެވެ.


މަތީގައިވަނީ 1959 ޖުލައިގައި ހަވަރުތިނަދޫގެ އިރުމަތީފަރާތުން އެރަށް ފެންނަގޮތުގެ ފޮޓޯއެކެވެ.
                       --------------
ޢަބުދުﷲ ޙިލްމީ
22 އޯގަސްޓް 2018މ.