ބަންދަލްމުޚްތާރަށް ހަދައިލީމާ ދުވަންޏެއްކަމަކު އިދިފުށަށްދެމުން ހުއްޓުވައިލެވިދާނެ

ފުވައްމުލަކު ހިރިހަމައިދި ކަލޭގެފާނު ވިދާޅުވެފައިވަނީ "ބަންދަލްމުޚްތާރަށް ހަދައިލީމާ ފީ އާރޮހެއްކަމަކު ވިކިދާނެ"އެވެ. ރައީސް ނާޞިރުގެ ދުވަސްވަރު ސަރުކާރުގެ އިސް ބޭފުޅަކު ވިދާޅުވެފައިވަނީ "ބަންދަލްމުޚްތާރަށް ހަދައިލީމާ ދުވަންޏެއްކަމަކު އިދިފުށަށް ދެމުން ހުއްޓުވައިލެވިދާނެ"އެވެ.

ފުވައްމުލަކު ހިރިހަމައިދި ކަލޭގެފާނު ހެއްދެވި "ބަންދަލްމުޚްތާރު" ގެ ވާހަކަ ކިޔައިއުޅެނީ ސަމާސާ އަދަބުގެ ވާހަކައެއްގެ ގޮތަށެވެ. އެ ބަންދަލްމުޚްތާރަކީ އެދުވަސްވަރު މުލަކަތޮޅު ދިއްގަރަށް ވަރަށް ކަމުދިޔަ އެއްޗެއްކަން އައްސަވާނެ ބޭފުޅުން ތިއްބަވާނެއެވެ. ނަމަވެސް ދިވެހި ސަރުކާރުން ހެއްދެވި "ބަންދަލްމުޚްތާރު" މުޅި ރާއްޖެއަށް ކަމުދިޔަކަމެއް ގިނަ ބޭފުޅުން އައްސަވާފައި އޮންނާނެކަމެއް ނޭނގެއެވެ.


ހިރިހަމައިދި ކަލޭގެފާނު ދެއްވި އިރުޝާދާ އެއްގޮތަށް އެ އޮޑީގެމީހުން ހެދި ބަންދަލްމުޚްތާރު ދިއްގަރަށް ވިއްކީ އެ މުޚްތާރެއް ހިލޭ ބެހޭނޭ ގޮތެއް ނެތުމުންނެވެ. އެތައްބަޔެއްގެ އެއްޗަކަށްވާތީއެވެ. ބޭނުންތެރި މަޢުލޫމާތަކުން ދިވެހި ސަރުކާރުން ހެއްދެވި ބަންދަލްމުޚްތާރު ރާއްޖެއަށް ބެއްސެވީ ސަރުކާރުގެ އެއްޗަކަށްވާތީއެވެ. އެއިން ރައްޔިތުންނަށް ވަރަށްބޮޑު ފައިދާއެއްވާނެތީއެވެ. އަމިއްލަ ބަޔެއްގެ އެއްޗަކާ ސަރުކާރެއްގެ އެއްޗަކާ އަޅައިބަލާއިރު އަމިއްލަ މީސްމީހުން ވިއްކުމާ ސަރުކާރުން ބެހުމާ މިއީ އެހެންބަޔަކު އެވާހަކަ ދައްކަންވީކަމެއް ވެސް ނޫނެވެ. އެއީ އެކަން އޮންނަންވީ ގޮތެވެ. އެކަން ވާންވީގޮތެވެ.  

"ބަންދަލްމުޚްތާރު" މިއީ އޭގެޒާތަށް އޭގެ ބޭނުމަށްބަލާނަމަ ވަކި މިވެނި އެއްޗެއްނޫނެވެ. ނަމެކެވެ. އޭގެ އަޞްލު ނުގެއްލޭގޮތަށް އެއްޗަކަށް ކުރާ ކަމެއްގެ ނަމެކެވެ. އެއްޗަކަށްގެންނަ ބޭނުންތެރި ކުޑަ ބަދަލެއްގެ ނަމެކެވެ. ކޮންމެ އެއްޗެއް ވެސް ބަންދަލްމުޚްތާރަށް ހަދައިލެވިދާނެއެވެ. އެއްޗެއްގެ ބޭނުންނުކުރެވި އެ އެއްޗެއް ނެތިދާނެކަމަށްޓަކައި ދެން އޭގެ ބޭނުންކުރެވޭނެ ގޮތަކީ ކޮބައިތޯ ބަލައި އެގޮތެއްހެދީމާ އެ އެއްޗެއް ބަންދަލްމުޚްތާރަށް ހަދައިލެވުނީއެވެ. އެއްޗެއްގެ ނުވަތަ މަޢުލޫމާތެއްގެ ބޭނުންތެރިކަން އަންގައިދީ ވިސްނުވައިދިނުމަށް ވެސް އެ އެއްޗެއް ނުވަތަ އެ މަޢުލޫމާތެއް ބަންދަލްމުޚްތާރަށް ހަދައިލެވިދާނެއެވެ.  ސަމާސާ އަދަބުގެ ވާހަކައިގައި ކިޔާގޮތަށް ފުވައްމުލަކު ހިރިހަމައިދި ކަލޭގެފާނު ކުރެއްވިކަމަކީ ކާބޯތަކެތީގެ އެއްޗެއް ހަލާކުވެ ނެތިދާނެކަމަށްޓަކައި ކުރެއްވިކަމެކެވެ. އޭނާ ވިދާޅުވަނީ "ކުދީނޭވޭ، ބަންދަލްމުޚްތާރު" ހަދައިލަނިކޮށް ފީ އާރޮހެއްކަމަކު އެންމެ ރަނގަޅު އަގެއްގައި ވެސް ވިކިދާނެއެވެ. ވިޔަފާރި ނުވެވެނީ ކުރާނޭ ނުކުރާނޭކަމެއް ނޭނގޭ މީހުންނަށެވެ."

ފުވައްމުލަކު ހިރިހަމައިދި ކަލޭގެފާނު ހެއްދެވި ބަންދަލްމުޚްތާރާ މެދު ބައެއް ބޭފުޅުންގެ ހިތްޕުޅުގައި އުފެދުން އެކަށީގެންވާ ސުވާލަކަށްޓަކައި ދަންނަވަމެވެ. ހިރިހަމައިދި ކަލޭގެފާނަކީ ޢިލްމުވެރި އަދި ވަރަށްމޮޅު ބޭސްވެރިއެކެވެ. ވައުރުލު ދިހެރޭގޭ މުޙައްމަދުމަނިކުގެ ދޮން ޢަލިމަނިކުގެ ބޭފުޅެކެވެ. ސަމާސާ މިޒާޖެއްގެ ބޭފުޅެކެވެ. މިބޭފުޅުންނަކީ މަތިމަތިކޮޅުން ފެށިގެން ޢިލްމުވެރި މޮޅު ބޭސްވެރިންނަށް ވުމުން އިންސާނުންނަށް ގެއްލުމެއްވެދާނޭ ކާބޯތަކެތީގެ އެއްވެސްބާވަތެއް އެއްވެސްނަމެއްގައި އެބޭފުޅުން ނުހައްދަވާނެއެވެ.

ބަންދަލްމުޚްތާރު ތައްޔާރުކުރި ދަތުރުގައި އެ އޮޑިން މީސްމީހުން ގެންދިޔަ ބައެއް އާރޮހަކީ އެ އެއްޗެހި ތައްޔާރުކުރުމާ ބަންދުކުރެވުނު ގޮތުގެ ސަބަބުން ވިޔަސް ހަލާކުވަމުންދިޔަ އެއްޗިއްސެވެ. އެހެންވުމުން ހަލާކުވި އެއްޗެހި ނައްތައިލައްވައި ހަލާކުވެދާނެކަމަށް ބެލެވޭ އެއްޗެހި ފަތުން ނައްޓައި އެއާ ގަބުޅިހުންޏާ ދިޔާހަކުރާ އެއްކޮށް މޮޑެ ރަނގަޅަށް ކައްކައި އޭގެ އަޞްލު ނުގެއްލޭނޭ ރަހަމީރު ކެއުމަކަށް އަލުން ބަދަލުކުރީއެވެ. މި ކެއުމަކުން މީހަކަށް ލިބޭނޭ އެއްވެސްގެއްލުމެއް ނޯންނާނެއެވެ. ކެޔޮފަތުގައި ބަންދުކުރިނަމަ އެއީ އާރޮހަށް ވެސް ވެދާނެއެވެ. ރުނބައިގައި ބެހެއްޓުމުން އެވަނީ ބަންދަލްމުޚްތާރަށް ކަމަށް ހިރިހަމައިދި ކަލޭގެފާނު އެ ވިދާޅުވީ ނޫންތޯއެވެ. ކޮންމެނަމެއް ކިޔަސް އެއްޗަކީ ކެއުމަށް ބޭނުންކުރެވިދާނެ އާރޮސްފަދަ ރަހަމީރު އެއްޗެކެވެ. އާރޮހަކީ ކަށިކޭލާއި ބަނބުކޭލާއި އަލައިގައި ވެސް ހަދާ ދިވެހިހަލުވާގެ ބާވަތެކެވެ. ޢާއްމުގޮތެއްގައި މިއެއްޗެހި ހުންނަނީ ހިކި ކެޔޮފަތަށް ލައި ބަންދުކޮށްފައެވެ. 

1974 ވަނަ އަހަރާ ހަމައަށްއައި އިރު ވެސް ރާއްޖޭގައި ޅަފަތުގައި މަރުވާ ކުދިންގެ ވަރަށްބޮޑު ޢަދަދަކީ ވިހައިގެން ފޫޅު ކެނޑުމުގެތެރޭ ކަންތައްކުރެވޭ ގޮތާ އަދި އޭގެފަހުން ފޫޅުގެ ފާރު ނުހިކި ޖަރާސީމު ވަދެގެން ޖެހޭ ބައްޔެއްކަމަށްވާ އިދިފުށަށްދަމާ ބަލީގައި ދުނިޔެދޫކުރާ ކުދިންނެވެ. ދިވެހި ސަރުކާރުން ހެއްދެވި ބަންދަލްމުޚްތާރަކީ މި ބޭނުންތެރި މަޢުލޫމާތުގެ މައްޗަށް ހެއްދެވި ބަންދަލްމުޚްތާރެކެވެ. އޭގެ އަޞްލު ނުގެއްލޭގޮތަށް މީހުން އެއަށް ޝައުގުވެރިވާގޮތަށް ކުރެއްވި ކަމެކެވެ. އެއީ އިދިފުށަށް ދަމާ ބަލިން ތުއްތުދަރިފުޅު ސަލާމަތްވާނެ ގޮތާ އެ ބަލިން ރައްކައުތެރިވުމަށް ވެކްސިން ދޭންޖެހޭ ގޮތާ ބެހޭ ބަންދަލްމުޚުތާރެކެވެ. ފޫހިފިލުވައިލުމާ ހީނހީނ ހަލާކުވާބަޔަކު ހަލާކުވުމުގެތެރެއިން ވިޔަސް ރަނގަޅު ބިނާކުރަނިވި މެސެޖެއް ދޭ ރޭޑިޔޯ އަދި ސްޓޭޖު ތަމްސީލެކެވެ. ގިނަބަޔަކު ބަލައިގަތް އަދި ހަނދާންހުރި ފައިދާކުރި ތަމްސީލެކެވެ. ދިވެހިރާއްޖޭގެ އަޑުގެ މަޝްހޫރު ރޭޑިޔޯ ޑްރާމާ "ނިއޯ ނޭޓަލް ޓެޓްނަސް" ނުވަތަ "ޢަލިފުތާބެއްޔާ" އަކީ އެއީއެވެ. އޭގެ ތަމްސީލު އޮތީ މަޖީދިއްޔާ ސްކޫލްގެ ސްޓޭޖްގައެވެ. ތަމްސީލު އޮތް 3 ރޭ ވެސް ހައުސްފުލްވި ޓިކެޓް ވިއްކައިގެން ލިބުނު ފައިސާ ޖަމާކުރީ ލޯފަންމީހުންގެ ފަންޑަށެވެ. 

1974 ގައި މަޖީދިއްޔާ ސްކޫލްގެ ސްޓޭޖްގައި "ނިއޯނޭޓަލް ޓެޓްނަސް"ގެ ތަމްސީލު ބޭއްވިއިރު އެކަމަށް ބޭނުންވާ ސައުންޑާއި ލައިޓިންގ ހަމަޖައްސަވައިދެއްވީ ރައީސް ނާޞިރެވެ. އެ އެއްޗިއްސަކީ ފަހުން އޮލިމްޕިއަންސް މިޔުޒިކް ގްރޫޕްގައި ވެސް ބޭނުންކުރި އެއްޗިއްސެވެ. އެ ޝޯވގެ ޓެކްނީޝަނެއްގެ ބައި އަދާކުރެއްވީ އަލްފާޟިލް ކޮނޑޭ ޢަލިމަނިކެވެ. "ބަންދަލްމުޚްތާރަށް ހަދައިލީމާ ދުވަންޏެއްކަމަކު އިދިފުށަށް ދެމުން ހުއްޓުވައިލެވިދާނެޔޭ" ސަރުކާރުގެ އިސްބޭފުޅަކު ވިދާޅުވީ "ދިވެހިރާއްޖޭގެ އަޑުން" ފޮނުވި ޑްރާމާއާ އަދި ސްޓޭޖް ޝޯވ ބެއްލެވުމަށްފަހު އެއިން ގެނެސްދޭ މެސެޖު ރަނގަޅުވީމާ ކަމަށް އެ ބޭފުޅަކު ވިދާޅުވިއެވެ.

ކެއުމުގެ ކުރިން ސައިބޯނިލައިގެން ރަނގަޅަށް އަތްދޮވުމަކީ ޞިއްޙީގޮތުން ރައްކާތެރިކަމެކޭ ބުނުމަކީ އަބަދު ކިޔާ އެއްޗެކެވެ. އެ ބުނުން ހަރުދަނާވެފައި ފައިދާކުރުވަނިވި ނަމަވެސް އޭގައި ކޮންމެހެން ބަޔަކު އަޅައިގަންނަގޮތެއް ނޫނީ ހެއްވާލާ ގޮތެއް ނެތެވެ. ޢާއްމުގޮތެއްގައި އެފަދަ އަޑުތަކަކީ ދިވެހިންގެ ބަޔެއްގެ އެއްކަންފަތުން ވަދެ އަނެއް ކަންފަތުން ނުކުމެގެންދާ އެއްޗަކަށް ވެއެވެ. އެކަމަކު އެ ވާހަކަ ވެސް ސިކުނޑީގައި ހަރުލައި ހުންނަގޮތަކީ ކޮބައިތޯބަލައި އެގޮތެއް ހަދައިފިނަމަ ތަންކޮޅެއް ގިނަ ދުވަހަށް ބަޔެއްގެ ހަނދާނުގައި އެވާހަކަ ހުރުން އެކަށީގެންވެއެވެ. އެއާއިއެއްގޮތަށް ޢަމަލުކުރުން އެކަށީގެންވެއެވެ. އެގޮތަކީ އެ ވާހަކަ ނުވަތަ އެ ބުނުން ބަންދަލްމުޚްތާރަށް ހެދުންކަމަށް ވާނަމަ އެހެން ވެސް ހަދަންވީއެވެ. ނުހަދަންވީ ސަބަބެއް ނެތެވެ. އޭގެ އަޞްލު ނުގެއްލޭގޮތަށް އޭގެ މަންފާ ލިބޭގޮތަށް އޭގެ ޝައުގުވެރިކަމެއް ހުންނަގޮތަށް ކުރަންވީކަމެއް ކުރަންވީއެވެ. އެއީ ބަންދަލްމުޚްތާރަށް ވިޔަސް އެހެން މުޚުތާރަކަށް ވިޔަސް އެއިން ފައިދާއެއް ލިބެންޏާ އެއީ ނުކުރަންވީ ކަމެއްނޫނެވެ. ކުރަންވީ ކަމެކެވެ.
                 -----------------

ޢަބުދުﷲ ޙިލްމީ
13 އޯގަސްޓް 2012މ.