
އަލްއަމީރު މުޙައްމަދު އަމީންގެ ވެރިކަމުގައި ޚާއްޞަގޮތެއްގައި އަތޮޅުތަކަށް އަމާޒުކުރައްވައި ފެއްޓެވި ރަށްވެހިކަމުގެ މަސައްކަތް ހުވަދުއަތޮޅު ތިނަދޫގައި ހިނގަމުންދިޔަ އިރު ރަށުގެމަގުތައް އަލުންހަދައި ބައެއް މަގުތައް ސީދާކުރުމުގެ ތެރޭ އެ މަގުތަކަށް އަރާ ގޭގެއަށް ބަދަލުދެއްވައި ނަންގަވައި އެ ގޭގެ އަލުން ހެދުމަށް ވެސް ރަށުގެ ރައްޔިތުން އެހީތެރިވެދީ އެ ކަމެއްކުރެވުނު ފަހުން ވެސް ރަށުގެ މަގަކަށްނާރާއި ލާޓްދަގަނޑު ސަލާމަތުން ހުއްޓެވެ. މި ދަގަނޑު ހުރީ ޑޭޒީ އަވަށުގައި ރޯޝަނީ މަގުގެ "ލާޓުގެ" ކިޔުނު ގޭގެ ގޯތިތެރޭގަ އެވެ. ބިމުގެމަތިން ފޫޓަކަށްވުރެ ކުޑަކޮށް ތަންކޮޅެއް ކުޑަކޮށް އެ ދުވަސްވަރު ލާޓްދަގަނޑު ފެނެއެވެ. އެ ގޭގެ ވެރިއަކީ ކާސިމްބެ އެވެ.
މިއީ މިހާރު ތިނަދޫ ކުރަމަތީގޭ ޙަސަން ވަޙީދުގެ ކާފަ(ޙަސަން
ވަޙީދުގެ ބައްޕަގެ ބައްޕަ) އެވެ. ކާސިމްބެ މިހާރު ނިޔައުވެއްޖެއެވެ. ކާސިމްބެއަކީ ގިނަ
މަސައްކަތް ކުރައްވައި އުޅުއްވި ބޭކަލަކަށްވާތީ އެކިއެކި މަސައްކަތް ކުރައްވާ އިރު
އެ ދަގަނޑުގެ އެހީތެރިކަން ހޯއްދެވި އެވެ. އޭރުވެސް ތިނަދޫގެ ގޭގެއަށް ނަންކިޔާފައި
ބައެއް ގެތަކުގެ ނަންފިލާގަނޑު ބޭރަށް ފެންނާން ހުރެ އެވެ. ތިނަދޫގެ އޭރުގެ ގޭގޭގެ
ނަމާއި އެ ގެތަކުގެ ވެރީންގެ ލިސްޓެއް އަޅުގަނޑުގެ އަތުގައި އެބަ އޮތެވެ.
ތިނަދޫގައި ހުރި ލާޓްދަގަނޑު މިހާރުހުރީ ތިނަދޫގެ "ލާޓް"
ގޭގެ ގޯތިތެރޭގައެވެ. އެ ގޭގެ ވެރިއަކީ މިހާރު މުޙައްމަދު ނިޒާރެވެ. ތިނަދޫގައި ފެންނާން
ހުރި އެންމެ ދުވަސްވީ އެއްޗަކަށް ލާޓް ދަގަނޑުވާތީ އެދަގަނޑު ރަނގަޅަށް ބެލެހެއްޓެވުމަށް
މުޙައްމަދު ނިޒާރު އިސްކަމެއް ދެއްވަ އެވެ. ތިނަދޫއަށް ޒިޔާރަތްކުރައްވާ ތާރީޚީ ކަންކަމާއި
އެއްޗިއްސަށް ލޯބިކުރައްވާ މެހުމާނުން ކުރިންނާއި މިހާރުވެސް އެ ދަނގަޑު ބައްލަވަ އެވެ.
އެކަމަކު ތިނަދޫގައި މިހާރު ގިނަވާނީ މި ދަނގަޑު ދުވަހަކުވެސް ނުދެކޭ މީހުންނާއި ކުދިންނެވެ.
އެއްޗެއް އެތާނގައި ހުރިކަމެއް ވެސް ގިނަ ކުދީންނާއި މީހުން ދަންނާނޭކަމެއް ނޭނގެ އެވެ.
މިއީ ރާއްޖެ މިދެކޭ ޑިމޮކްރަސީގެ ވައްތަރެކެވެ.
ދިވެހިތާރީޚަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި ދިވެހި މުއައްރިޚެއްކަމަށްވާ އަލްއުސްތާޛު މަރުޙޫމް މުޙައްމަދު އިބްރާހީމް ލުޠުފީ ބ- އަތޮޅުގެ އަތޮޅުވެރިކަމުގެ މަޤާމްގައި ހުންނެވިއިރު އެ އަތޮޅުގެ ހެލްތުސެންޓަރުގައި މަސައްކަތްކުރަން ހެލްތު މިނިސްޓްރީން ފޮނުއްވިމީހަކަށް ލުޠުފީގެ އަރިހުގައި އެއްގޭގައި އަހަރެއްހާ ދުވަހު އަޅުގަނޑު އުޅުނީމެވެ. ލުޠުފީއަކީ އަޅުގަނޑާ ތިމާގެ ބޭފުޅަކަށް ވެސް ވުމާއެކު ހެޔޮފުޅުކޮށް ހިތްތަވައި އަޅުގަނޑުގެ ކަންކަން ބަލަހައްޓަވާ ދެއްވި އެވެ. އެ ދުވަސްކޮޅު އަޅުގަނޑާ ގިނައިން ވާހަކަފުޅު ދައްކަވައި މަޢުލޫމާތު ޙިއްޞާކުރައްވަނީ ރާއްޖޭގެ ޚާއްޞަކޮށް ހުވަދުއަތޮޅުގެ ތާރީޚީ ކަންކަމާ ތަކެއްޗާ އެވެ.
މުޙައްމަދު އިބްރާހީމް ލުޠުފީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ
ގިނަތަންތާނގެ މަޢުލޫމާތު ވަރަށްބޮޑަށް ލިބިވަޑައިގެން ހުންނެވިކަން އަޅުގަނޑަށް ފާހަގަކުރެވޭ
މައުލޫމާތު މުއްސަނދި ބޭފުޅެކެވެ. ޢަރަބި، އިނގިރޭސި މޮޅަށް ދެނެވަޑައިގެން އެ ބަސްތަކުން
ވާހަކަފުޅުދައްކަވައި އުޅުއްވަ އެވެ. އެހެން ބައެއް ބަސްބަސް ދެނެވަޑައިގަންނަވާ ކަމަށް
ވެސް ވެދާނެ އެވެ. އެ ދުވަސްކޮޅު އަޅުގަނޑާއި ވާހަކަފުޅު ދެއްކެވުމުގައި ހަވަރުތިނަދޫ
ލާޓް ދަގަނޑުގެ ވާހަކަފުޅު ކޮންމެވެސް ވަރަކަށް ދެއްކެވި ހަނދާންވެ އެވެ. ނަމަވެސް
އެ ދަގަނޑާ ބެހޭ ވަރަށްމުހިއްމު މަޢުލޫމާތުތަކެއް އޭގެފަހުން ލުޠުފީއަށް ލިބިވަޑައިގެންނެވި
އެވެ. އެ ކަން އަޅުގަނޑަށް އެނގުނީ އަހަރުތަކެއްގެ ފަހުންނެވެ. އެއީ އެ ދަގަނޑާ ބޭހޭގޮތުން
14 ފެބްރުއަރީ 1997 ގައި ލުޠުފީގެ އަތްޕުޅުން ލިޔުއްވައި ތިނަދޫ ނޮޑެލް ޢަދުނާނު އިސްމާޢީލަށް
ފޮނުއްވި ސިޓީއެއްގެ ކޮޕީއެއް ޢަދުނާނު އަޅުގަނޑުމެން ގެއަށް ގެނެސް ދެއްވުމުންނެވެ.
ތިނަދޫގައި
ހުރި ލާޓްދަގަނޑާ ބެހޭގޮތުން، ދިވެހި މުއައްރިޚު އުސްތާޛުލް މަރުޙޫމް މުޙައްމަދު އިބްރާހީމް
ލުޠުފީގެ އަތްޕުޅުން ލިޔުއްވި ސިޓީގެ ޢިބާރާތް:
"ތިނަދޫގައިހުރި
"ލާޓްދަގަނޑު" އާ ބެހޭގޮތުން ތަފާތު ވާހަކަތައް އިވިފައިވެއެވެ. ނަމަވެސް
އޭގެ ޙަގީގަތަކީ ކޮބައިކަން އޮތީ ނޭގިފައެވެ. ސާރވޭ ކުރި ޓީމުގެފަރާތުން ޕޮޒިޝަން ހިފަހައްޓަން
ރާއްޖޭގައި ދަގަނޑުތަކެއް ޖެއްސެވެ. ސާރވޭ ނިމިގެން އެފަދަ ދަގަނޑު ނެގިމެއެވެ. ނަމަވެސް
ޚާއްޞަ ފާހަގައެއްކުރުމަށް ޒަމާންތަކަކަށް ބަހައްޓަން ބޭނުންވި ދަގަނޑު ނުވަތަ ފާހަގަ
ނުނަގައެވެ. ދިވެހިރާއްޖެ ސާރވޭކުރީ 1834ން 1836 މ. ވަނަ އަހަރުއެވެ. ސާރވޭ ޓީމުގެ
ވެރިއަކަށް ހުރީ ކޮމާންޑަރ މޮރެސްބީއެވެ. (ރޮބަރޓް މޮރެސްބީ) އޭނާގެ ވަރަށްގިނަ ލިޔުން
މީގެކުރިން އަޅުގަޑު ދެކެ ކިޔާފައިވެއެވެ. އަދި އެޓީމުގައި ހިމެނުނު ބައެއް އޮފިސަރުންގެ
ލިޔުންތައްވެސް ފެނިފައިވެއެވެ. ނަމަވެސް ތިނަދޫގެ ދަގަޑުގެ ވާހަކައެއް ފެނިފައެއްނުވެއެވެ.
ވަރަށްފަހުން، އެޓީމުން އެބައިމީހުންގެ މަސައްކަތާ ބެހޭގޮތުން އެބައިމީހުންގެ ފޮނުވިރިޕޯޓް
އޭގެ 163 އަހަރުފަހުން އަޅުގަޑުކުރި މަސައްކަތުން އަޅުގަޑަށް ލިބިއްޖެއެވެ. އެރިޕޯޓްތަކުން
ވަރަށްގިނަ މަޢުލޫމާތު ލިބެއެވެ. އަދި ލާޓް ދަގަޑާ ބެހޭގޮތުންވެސް އަލިއެޅިގެންދެއެވެ.
ސާރވޭ ޓީމު ބޮމްބޭއިން
ފުރައިގެންއައިސް އިހަވަންދިއްޕޮޅު ގައި ބަނދަރުކުރީ 15.10.1834 ގައެވެ. އެޓީމުގައިހިމެނޭ
އެކިއޮފިސަރުންނަށްވަނީ އެކިކަންކަން ޙަވާލުކުރެވިފައެވެ. އޭގެތެރެއިން ލެފްޓެނެންޓްJohn
Stone އާ ޙަވާލުކުރެވިފައި އޮތީ ރަށްރަށް އުފެދިފައިވާ ގޮތާއި އެރަށްރަށް އުފެދިފައި
އޮތް އާނުގަޑާއި އަދި ރަށްރަށުގެ ފެނާބެހޭ މަޢުލޫމާތު ހޯދުމަށެވެ. ކުރިން އެމަސައްކަތް
ކުރަނީ ރަށްރަށުގައި ކޮނެފައި ހުރި ވަޅުތައް އިތުރަށް ފުންކޮށްގެންނެވެ. ނަމަވެސް އެގޮތުން
ހަމަބިމުން 11 ފޫޓުގެ އަޑިއަށް ކޮނެވެނީ ވަރަށް އުދަގުލުންނެވެ. ފެންއަރާތީ އޭގެ އަޑިއަށް
ނުކޮނެވިގެން "ތޮރުފާމެޝިން"އަކަށް އޯޑަރކޮށްގެން އެމެޝިން އެބައިމީހުންނަށް
ލިބުނީ ތިނަދޫ ބަނދަރުގައި އެޓީމު އޮއްވައެވެ. ސާރވޭޓީމު ހުވަދުއަތޮޅު ކޮލަމާފުއްޓަށް
ދިޔައީ 28.10.1836 ގައި އުތުރުގެ އަތޮޅުތައް ނިންމާފައެވެ. ހުވަދުއަތޮޅު އުތުރުކޮޅުގެ
މަސައްކަތް ނިންމައިގެންގޮސް ތިނަދޫގައި ބަނދަރުކުރީ 14.11.1836 ގައެވެ.
އޭރު ތިނަދޫގައި
ހައު ހެދިފައިއޮތް ބޮޑު ދެކުޅި އޮތެވެ. އުތުރުކޮޅާއި ހުޅަނގުފަރާތް އޮތީ ވަރަށްބޮޑަށް
ގިރާފައެވެ. އަތޮޅުގެ ވެރިރަށްކަމުގައިވިއަސް "ވަރަށް ހަޑިމުޑުދާރު"ކަން
ބޮޑެވެ. ބަލިތައް ގިނައެވެ. ރަށުގައި ތިބީ 500 އެއްހައި ފުރާނައެވެ. ރަށުގެފެން އަދި
ރަށް އުފެދިފައި އޮތް އާނުގަޑާބެހޭ މަޢުލޫމާތުހޯދަން ތޮރުފާމެޝިން ބާލައިގެން އެބައިމީހުންނަށް
ފެނުނު ތަނެއްގައި ބަހައްޓައިގެން John Stone ގެ ބެލުމުގެދަށުން ތޮރުފަމުންގޮސް 26 ފޫޓަށް
ތޮރުފުނު ތަނާ ކަށީގެތިލައަށް ލިބުނު ގެއްލުމަކުން ނުތޮރުފި ހުއްޓިއްޖެއެވެ. ދެން އެކަށިނަގަން
އުޅެއުޅެ ނުނެގިގެން ދޫކޮށްލާފައި ދިޔައީއެވެ. ވީމާ، ތިނަދޫގައި ހުރީ ލާޓް ޖެހި ދަގަޑެއްނޫނެވެ.
ތޮރުފާމެޝިންގެ ތިލަ ހަރުކޮށްފައި ހުރި ދަގަޑެވެ. މިޙަގީގަތް އަޅުގަޑަށް އެގުމުން ޢަދުނާނަށް
އޮޅުންފިލުވައި ދިނުމަށް ލިޔުނީ ތުއްތުކަތީބުވެސް ރަށުގައި ނެތުމުންނެވެ. ވީމާ، ގިނަ
ބަޔަކަށް މިޙަގީގަތް އޮޅުންފިލުވައި ދެއްވާށެވެ. ތިނަދޫ ތޮރުފުމުގެ މަސައްކަތްކުރީ
05.11.1836ން 16.11.1836 އަށެވެ. މެޝިނުގެ ތިލަ ހަލާކުވީ 16.11.1836 ވަނަ ދުވަހުގައެވެ."
ގިނަ މީހުންނަށް އަންގައިދިނުމަށް އެދިވަޑައިގެން ތާރީޚު ޢިލްމުވެރިޔާ އަލްއުސްތާޛު އަލްމަރުޙޫމް މުޙައްމަދު އިބްރާހީމް ލުޠުފީ ލިޔުއްވާފައިވާ މި ސިޓީއަކީ ދިވެހިތާރީޚާއި މަޢުލޫމާތަށްޓަކައި ނުހަނު ބޭނުންތެރި ސިޓީއެކެވެ.
ސުލްޠާން މުޙައްމަދު
މުޢީނުއްދީނު(އެއްވަނަ)ގެ ރަސްކަމުގައި ހިޖުރައިން 1250 ވަނަ އަހަރުގެ ޖުމާދިލްއާޚިރު މަހު ލިޔެފައިވާ ފަތެއް މިރަދުންނަށް
ލިބިވަޑައިގަތެވެ. ތާޖުއްދީނުގެ ތާރީޚްގައިވާ ގޮތުން އެއީ ބުމްބާއީގެ ވެރިމީހާ ފޮނުއްވި
ފަތެކެވެ. ދިވެހި ތާރީޚުން އެނގޭގޮތުގައި މި ފަތް ހިފައިގެން އައި މީހަކީ ދިވެހިންގެ
މެދުގައި "ލާޓް" ގެ ނަމުން މަޝްހޫރުވި މީހާ އެވެ. އެއީ ކެޕްޓަން މޮރަސްބީ
އެވެ. އޭނާ އައިކަމަށް ތާރީޚުން އެނގެނީ މީލާދީން 1834 ވަނަ އަހަރު ނުވަތަ ހިޖުރައިން
1250 ވަނަ އަހަރު އެވެ. ނަމަވެސް އޭނާގެ މަސައްކަތް ހިނގިކަމަށް ބެލެވިފައި ވަނީ ސުލްޠާން
މުޙައްމަދު މުޢީނުއްދީނު(އެއްވަނަ) އަވަހާރަވުމަށްފަހު، އޭގެފަހުން ރަސްކަމަށް އިސްވެވަޑައިގަތް
އޭނާގެ ދަރިކަލުން ސުލްޠާން މުޙައްމަދު ޢިމާދުއްދީނު(ހަތަރުވަނަ) ގެ ރަސްކަމުގެ ދުވަސްވަރުގައެވެ.
--------------------
ޢަބުދުﷲ ޙިލްމީ
15 އޯގަސްޓް
2013