ހުވަދުއަތޮޅު
ތިނަދޫގެ ނަމުގެކުރިއަށް "6 ވަރު" އިތުރުކޮށް "ހަވަރުތިނަދޫ"
ކިޔަމުންގޮސްފައިވަނީ އެނަން އެގޮތަށް ކިޔުމަށް ދިވެހި ވެރިކަމުގެ އެންމެއިސްފަރާތުގެ(ރަސްގެފާނުގެ) ރަސްމީ ނިންމެވުމެއް އޮވެގެންނޫންކަން އެނގޭ
އިތުބާރުކުރެވޭ ލިޔުންތަކެއް ދާދިފަހުން އަޅުގަނޑަށްލިބުނެވެ. މީގެތެރޭ އެއްލިޔުމަކީ ތިނަދޫގެ ނަމުގެކުރިއަށްކިޔަމުންދިޔަ "6 ވަރު" ނިސްބަތްވާ
ބޮޑުބޭކަލުންވެސް އެރަށުގެ ނަމުގެކުރިއަށް "6 ވަރު" ގެންނަވާފައި
ނެތްކަންއެނގޭ ލިޔުއްވުމެކެވެ. މިހެންވީނަމަވެސް ދިވެހި ވެރިކަމުގެ އެންމެއިސްފަރާތްކަމަށްވާ ބައެއް ރަސްކަލުންގެ ފަތްކޮޅުތަކުގައި
"ހަވަރުތިނަދޫ" ލިޔުއްވައިފައި ހުރެއެވެ.
"6 ވަރު"
ނުވަތަ "ހަވަރު"އަކީ 6 ބަޔެކެވެ. ދިވެހި ވެރިކަމުގެ އެންމެއިސްފަރާތުގެ(ރަސްގެފާނުގެ)
ހަގުބޭކަލުން ބެހިފައިއޮންނަ 6 ބަޔެވެ. ރަސްގެފާނުގެ ލަޝްކަރެވެ. ރާއްޖޭގެ އަމަންއަމާންކަމާއި ޞުލްޙަ މަޞްލަޙަތު ބެލެހެއްޓުމަށް ދިވެހިވެރިކަމުގެ އެންމެ އިސްފަރާތުން
އެބަޔަކާއި މަތިކޮށްފައިވާ ޢަސްކަރީންނެވެ. (މިހާރުނަމަ ސިފައިންނާއި
ފުލުހުންނެވެ.) 6 ވަރުގެ 6 ބައިންކުރެ ކޮންމެބައެއްގެ ވެރިއެއްގެގޮތުން ހުންނަވަނީ ކޮލިލައްވައި ބޮޑު މުސްކުޅިކަމުގެ
އަސާދެއްވާފައި ހުންނަވާ ބޭކަލެކެވެ. 6 ވަރަކީ ދޮށިމޭނާވަރާއި،
ހަކުރާވަރާއި، ވެލާނާވަރާއި، ފާމުލަދޭރިވަރާއި، މާފަތްވަރާއި، އަދި ދަހަރާވަރު
އެވެ. ހަގުބޭކަލުން އުފެއްދެވީ މަޝްހޫރު ދިވެހި ގައުމީބަޠަލު ޣާޒީ ރަދުންނެވެ. ސުލްޠާން
މުޙައްމަދު ތަކުރުފާނުލްއަޢުޡަމެވެ.
ހުވަދުއަތޮޅު
ތިނަދޫގެ ނަމުގެކުރިއަށް (ބައެއްފަހަރު ވިޔަސް) "6 ވަރު" ނުވަތަ "ހަވަރު"
ކިޔަމުން ގޮސްފައިވަނީ ޣާޒީ ރަދުންގެ ރަސްކަމުގައި އެރަދުންގެ އަމުރުފުޅަށް އެރަދުންގެ ލަޝްކަރު "6 ވަރު" ތިނަދޫއަށްގޮސް އެރަށުގައި ތިބި ކާފިރުންގެބަޔަކާއި
ކުރިމަތިލައި ގިނަލޭތަކެއް އޮހޮރިގެންދިޔުމަށްފަހު، އެރަށް "6
ވަރު"ގެ ބެއްލެވުމުގެދަށަށް ގެންނެވުމުންނެވެ. އަޅުގަނޑު ލިޔެފައިވާ
"ހަވަރުތިނަދޫ ކިޔުނުގޮތާއި ތިނަދޫ ހަނގުރާމަ"އަކީ އެއީއެވެ.
ދިވެހިތާރީޚު
ލިޔުއްވާ ރަސްމީ ފަރާތުގެ ރަސްމީ ލިޔުއްވުމަކުން މިދެންނެވި "ތިނަދޫ ހަނގުރާމަ"އިގެ
ވާހަކައެއް އޭގެ ޚަބަރެއް ދަބަރެއް ހިލަމެއްވެފައިނުވަނީ ކީއްވެތޯ މިސުވާލު
އަޅުގަނޑާއި ކުރިމަތިވެއްޖެނަމަ ޖަވާބުގައި ދަންނަވަންއޮތް އެއްވާހަކައަކީ، "ޣާޒީ
ރަދުންގެ ރަސްކަމުގެ ދުވަސްވަރު (1573މ. އިން 1585މ. އަށް) ހުވަދުއަތޮޅު
ތިނަދޫގައި ހިނގިކަމެއް ދިވެހިތާރީޚު ލިޔުއްވާ ރަސްމީ ފަރާތުގެ ރަސްމީ
ލިޔުއްވުމަކުން އެނގެންނެތުން ބޮޑުކަމަކަށްވާނީ، 1962މ. ގައި ހުވަދުއަތޮޅު ތިނަދޫން
މީހުންބޭލުމުން ކާންބޯން ނުލިބިގެން ހުވަދުއަތޮޅުގެ އެކިއެކި ހިކިފަސްތަންތަނާއި
މޫދަށާއި މީހުންއުޅޭ ރަށްރަށުގެ ފަޅުގެތަކާއި ގޭގެ ގޯތިތެރެއިން ހިޔާލިބެންހުރި
ތަންކޮޅަކާއި މިސްކިތްތަކާއި މަގުމައްޗާއި އަތިރިމަތީ އޮޑިހަރުގެތަކާއި ގޮނޑުދޮށާއި
ފަޅުރަށްރަށުގެ އަތްވާއި ވާރޭ ހިޔާނުވާ ހާމަ ޖިފުޓިތަކުގައި މިދުނިޔެދޫކުރީ ހުވަދުއަތޮޅު
ތިނަދޫގެ ކިތައް އިންސާނުންކަން ދިވެހިތާރީޚު ލިޔުއްވާ ރަސްމީ ފަރާތުގެ ރަސްމީ
އެއްވެސް ލިޔުއްވުމަކުންވެސް އެނގޭނަމަތާއެވެ."
"6
ވަރު"ގެ ބެއްލެވުމުގެ ދަށަށް ހުވަދުއަތޮޅު ތިނަދޫ ގެންނެވުމަށްފަހު އެބޭކަލެއްގެ އަމުރާއި ބެއްލެވުމުގެދަށުން ތިނަދޫގެ އެންމެހައިކަމެއް އިސްކޮށް ގެންދަވާ
ބޮޑުބޭކަލެއް(6 ވަރުގެ ވެރިޔެއް) ތިނަދޫއަށް ކަނޑައަޅުއްވާފައި ހުންނަވައެވެ. އެދުވަސްވަރު ތިނަދޫގެ
ވެރީންނަށާއި މިސްކިތްތަކަށާއި ރައްޔިތުންގެ ކަންކަމަށް ފަތްކޮޅު ދެއްވުމަކީވެސް
އެބޭކަލެއްގެ އިސްނެންގެވުމާއެކު "6 ވަރު"ގެ 6 ވެރިން ކުރައްވާ
ކަމެކެވެ. މިފަތްކޮޅުތަކުގައި ޢަރަބިއަކުރުގެ 6 އަލިފު( "6" ވަރު
ރަމްޒުކޮށްދޭ) ސިއްކައެއްހުރުމުން އެއަށް "އަލިފުޖެހި" ފަތްކޮޅު ކިޔައެވެ. ޣާޒީ ރަދުންގެ ލަޝްކަރު "6 ވަރު" ހުވަދުއަތޮޅު ތިނަދޫއަށްގޮސް އެރަށުގައި ތިބި ކާފިރުންގެބަޔަކާއި ކުރި ހަނގުރާމައަށްފަހު ގިނަ އަހަރުތަކެއްވަންދެން އެރަށް "6 ވަރު"ގެ ފުރިހަމަ ބެއްލެވުމުގެދަށުގައި އޮތްކަން
ތާރީޚުގެ ޞަފްޙާތަކުންވެސް އެނގެއެވެ.
ހުވަދުއަތޮޅު
ތިނަދޫގެ ނަމުގެކުރިއަށް "6 ވަރު" އިތުރުކޮށް "ހަވަރުތިނަދޫ"
ކިޔަމުން ގޮސްފައިވަނީ އެނަން އެގޮތަށް ކިޔުމަށް ދިވެހި ވެރިކަމުގެ އެންމެ އިސްފަރާތުގެ(ރަސްގެފާނުގެ)
ރަސްމީ ނިންމެވުމެއް އޮވެގެންނޫންކަމާއި އޭގެއިތުރަށް އެރަށުގެ ނަމުގެކުރިއަށް
ކިޔަމުންދިޔަ "6 ވަރު" ނިސްބަތްވާ ބޮޑުބޭކަލުންވެސް އެރަށުގެ ނަމުގެކުރިއަށް "6 ވަރު" ގެންނަވާފައިނުވާކަން އެނގޭލިޔުންތައް:
1- 1201ހ. އިން
1347ހ. އަށް ދިވެހި ރަސްކަންކުރެއްވި ރަސްކަލުންގެ ތެރެއިން 3 ރަސްކަލަކު ތިނަދޫއަށްދެއްވި 3 ފަތްކޮޅުގެތެރެއިން ތިނަދޫގެ ނަމުގެކުރިއަށް "ހަވަރު" ގެންނަވާފައި ވަނީ 1
ރަސްކަލެކެވެ. އަނެއް 2 ރަސްކަލުން ތިނަދޫގެ ނަމުގެކުރިއަށް "ހަވަރު" ނުގެންނަވައެވެ. ގެންނަވާފައިވަނީ "ހުވަދުންމައްތީ" (ހުވަދުއަތޮޅު)އެވެ.
މިހެންވީމާ ތިނަދޫގެ ނަމުގެކުރިއަށް "ހަވަރު" ކިޔަމުން ގޮސްފައިވަނީ އެކަމަށް ދިވެހި ވެރިކަމުގެ އެންމެ އިސް ފަރާތުގެ ރަސްމީ ނިންމެވުމެއް އޮވެގެންނޫންކަމާއި އެފަދަ ނިންމެވުމެއް އޮތްނަމަ 3 ރަސްކަލެއްގެތެރެއިން 2 ރަސްކަލެއްގެ
ފަތްކޮޅުގައި ތިނަދޫގެ ކުރިއަށް "ހުވަދުންމައްތީ" (ހުވަދުއަތޮޅު)
ބޭނުންފުޅު ނުކުރައްވާނެކަން އެނގެއެވެ.
(ހ) 1201ހ.
ގައި ސުލްޠާން ޙަސަން ނޫރައްދީން ދެއްވި ތިނަދޫގެ ހުއްދަ ފަތްކޮޅުގައިވަނީ "ހުވަދުންމައްތީ
ތިނަދޫ" އެވެ.
(ށ) 1284ހ.
ގައި ސުލްޠާން މުޙައްމަދު ޢިމާދުއްދީން ދެއްވި ތިނަދޫ ދެކުނުކޮޅު މިސްކިތުގެ ބޯގަފަތްކޮޅުގައިވަނީ "ހަވަރުތިނަދޫ" އެވެ.
(ނ) 1347ހ.
ގައި ސުލްޠާން މުޙައްމަދު ޝަމްސުއްދީން ދެއްވި ތިނަދޫ ހުކުރުމިސްކިތުގެ
ފަތްކޮޅުގައިވަނީ "ހުވަދުންމައްތީ ތިނަދޫ" އެވެ.
މިހެންވީމާ، ހުވަދުއަތޮޅު
ތިނަދޫގެ ނަމުގެކުރިއަށް "6 ވަރު" ނުވަތަ "ހަވަރު"
ގެނެސްފައިވަނީ ރަސްމީ ނިންމެވުމެއް އޮވެގެންނަމަ، ނުވަތަ "6 ވަރު" އެއީ
އެރަށަށް ކުރިއްސުރެ ކިޔާ ނަންކަމަށްވާނަމަ، ނުވަތަ "6 ވަރު" އެއީ އެރަށަށް ޣާޒީ ރަދުންދެއްވި ފަޚުރުވެރި ނަމެއްނަމަ ހުރިހާ ރަސްކަލެއްގެ ހުރިހާ
ފަތްކޮޅެއްގައިވެސް އޮންނާނީ "ހަވަރުތިނަދޫ"އެވެ.
2- ހުވަދުއަތޮޅު
ތިނަދޫގެ ނަމުގެކުރިއަށް ކިޔަމުންދިޔަ "6 ވަރު" ނިސްބަތްވާ ބޮޑުބޭކަލުންވެސް އެރަށުގެ ނަމުގެކުރިއަށް "6 ވަރު" ގެންނަވާފައި ނުވާކަން އެނގެނީ
ތިނަދޫ ފުށިކޮޅު މިސްކިތަށް (ދެއްވަދޫ ރަސްގެފާނު ބިނާކުރެއްވި މިސްކިތަށް) އެ
ބޭކަލުން ދެއްވާފައިވާ "އަލިފުޖެހި" ބޯގަ ފަތްކޮޅެއްގައި ތިނަދޫގެ ނަމުގެކުރިއަށް "6 ވަރު"ނެތި "ހުވަދުންމަތީ"(ހުވަދުއަތޮޅު) އޮތުމުންނެވެ.
މި ފަތްކޮޅަކީ އެބޭކަލުންގެ ކޮލީ ނަންފުޅާއިއެކު (އެބޭކަލުން ނިސްބަތްވާ
"6 ވަރު"އަކީވެސް ކޮބައިކަން އެނގޭގޮތަށް) ލިޔުއްވާފައިވާ
ފަތްކޮޅެކެވެ.
މިފަތްކޮޅުދެއްވި "6 ވަރު" ނިސްބަތްވާ ބޮޑުބޭކަލުންނަކީ އަލްވަޒީރު
އިސްމާޢީލް ދޮށިމޭނާ ތަކުރުފާނާއި، އަލްވަޒީރު
ޙަސަން ހަކުރަވެތި(ހަކުރާ) މަނިކުފާނާއި،
އަލްވަޒީރު މުޙައްމަދު ވެލާނާ ތަކުރުފާނާއި،
އަލްވަޒީރު ޢަލީ ފާމުލަދޭރި ތަކުރުފާނާއި،
އަލްވަޒީރު އިބްރާހީމް މާފަތް ތަކުރުފާނާއި
އަދި އަލްވަޒީރު އިބްރާހީމް ދަހަރަދަ(ދަހަރާ)
ތަކުރުފާނެވެ.
މިހެންވީމާ، ހުވަދުއަތޮޅު ތިނަދޫގެ
ނަމުގެކުރިއަށް "6 ވަރު" ނުވަތަ "ހަވަރު" ގެނެސްފައިވަނީ ރަސްމީ
ނިންމެވުމެއް އޮވެގެންނަމަ، ނުވަތަ "6 ވަރު" އެއީ އެރަށަށް ކުރިއްސުރެ
ކިޔާ ނަންކަމަށްވާނަމަ، ނުވަތަ "6 ވަރު" އެއީ އެރަށަށް ޣާޒީ
ރަދުން ދެއްވި ފަޚުރުވެރި ނަމެއްނަމަ "6 ވަރު" ނިސްބަތްވާ ބޮޑުބޭކަލުން
ހުވަދުއަތޮޅު ތިނަދޫގެ މިސްކިތަކަށް ދެއްވި ފަތްކޮޅެއްގައި "ހުވަދުންމަތީ
ތިނަދޫ" ނޯންނާނެއެވެ. އޮންނާނީ "ހަވަރުތިނަދޫ"އެވެ.
އިރާދަކުރެއްވިއްޔާ
ދެންނެވިދިޔަ 4 ފަތްކޮޅު ލަހެއްނުވެ ގެނެސްދޭނަމެވެ.
ނޯޓެއް:
ހުވަދުއަތޮޅު ތިނަދޫއަށް
(ބައެއްފަހަރު ވިޔަސް) "ހަވަރުތިނަދޫ" ކިޔަމުން ގޮސްފައިވަނީ "ތިނަދޫ"ކިޔާ އެހެންރަށެއްވެސް ރާއްޖޭގައިއޮތުމުން އެދުވަސްވަރު "6 ވަރު"ގެ
ބެއްލެވުމުގެދަށުގައި އޮތް ތިނަދޫ އެނގޭގޮތަށް "6
ވަރު"އަށް ނިސްބަތްކޮށް "ހަވަރުތިނަދޫ" ކިޔަމުންދިޔައީކަމަށާއި އަދި
އެދުވަސްވަރު ތިނަދޫގެ ނަމުގެކުރިއަށް "6 ވަރު" ކިޔާ ފަހަރާއި ނުކިޔާފަހަރުވެސް ހުންނަކަމަށް ގަބޫލުކުރެވެއެވެ.
ހުވަދުއަތޮޅު ތިނަދޫއަށް
"ހުވަދުންމައްތީ ތިނަދޫ" (ހުވަދުއަތޮޅު ތިނަދޫ) މިގޮތަށް އަތޮޅުވެސް އެނގޭގޮތަށް
ކިޔަމުން ގޮސްފައިވަނީ "ތިނަދޫ"ކިޔާ އެހެން ރަށެއްވެސް ރާއްޖޭގައި
އޮތުމުންނެވެ. އެއީ "ފެލިދުންމައްތީ ތިނަދޫ" (ފެލިދެއަތޮޅު ތިނަދޫ)އެވެ.
ރާއްޖޭގައި "ތިނަދޫ"ކިޔަނީ ރާއްޖޭގެ އެންމެރަށަކަށްނަމަ "ތިނަދޫ"
އެކަނި ލިޔުނަސް ނޫނީ ކިޔަސް އެއީ ކޮން ތިނަދޫއެއްކަން އެނގޭނެއެވެ. އެއްނަމެއް
ކިޔާ ރަށްރަށް ރާއްޖޭގައި ހުރުމުން އެރަށެއްގެނަން އެކަނި ލިޔުނަސް ނޫނީ ކިޔަސް އެއީ
ކޮންރަށެއްކަން ނޭނގޭނެއެވެ. މިސާލަކަށް "މާމެންދޫ" އެވެ. "މާމެންދޫ"
އެކަނި ލިޔުނަސް ނޫނީ ކިޔަސް އެއީ ކޮންރަށެއްކަން ނޭނގެނީ ހައްދުންމައްޗާއި
ހުވަދުންމައްޗާއި ދެއަތޮޅުގައިވެސް "މާމެންދޫ" އޮންނާތީއެވެ.
ނަމަވެސް އެނަމެއް ކިޔާ ރަށަކީ އެންމެ ރަށެއްނަމަ އެރަށެއްގެނަން އެކަނި ލިޔުނަސް ނޫނީ ކިޔަސް
އެއީ ކޮންރަށެއްކަން އެނގޭނެއެވެ. މިސާލަކަށް "ކުޅުދުއްފުށި"އެވެ. އެރަށުގެ ނަމުގެކުރިއަށް "ތިލަދުންމައްތި"(ތިލަދުންމަތި) މިގޮތަށް އަތޮޅު
ނުލިޔުނަސް ނޫނީ ނުކިޔަސް އެއީ ރާއްޖޭގެ ކޮންއަތޮޅެއްގެ ރަށެއްކަން އޮޅުމެއްނެތި އެނގޭނެއެވެ. އެއީ "ތިލަދުންމައްތި ކުޅުދުއްފުށި(ތިލަދުންމަތީ ކުޅުދުއްފުށި)
ފިޔަވައި "ކުޅުދުއްފުށި" ކިޔާ އެހެންރަށެއް ރާއްޖޭގައި ނެތީމައެވެ.
----------------
ޢަބުދުﷲ ޙިލްމީ
11 އޮކްޓޫބަރ
2015މ.
ފަންނީ
އެހީތެރިކަމާއި މަޢުލޫމާތުގެ ޙިއްޞާ:
އަލްއުސްތާޛު
ޢަބުދުލްމުޢީދު ޙަސަން
އަލްއުސްތާޛު މުޙައްމަދު ވަޙީދު ނަދުވީ
އަލްފާޟިލް
އަޙުމަދު ނާޞިޙު ޢަންބަރީވިލާ/ ސ. މީދޫ