ސުލްޠާން ޣިޔާސުއްދީންގެ ރަސްކަމުގެ ދުވަސްވަރުގެ ފަތްކޮޅެއްސުލްޠާން މުޙައްމަދު ޣިޔާސުއްދީން ރަސްކަމަށް ވަޑައިގަތް ފުރަތަމަ އަހަރު ވެސް އެ ރަދުން ގަތުލުކޮށްފައި ވިޔަސް ރަސްކަން އަތުލުމަށްޓަކައި ބަޔަކު ކުރި މަސައްކަތްތަކެއްގެ ވާހަކަ ތާރީޚުގެ ފަތްފުށްތަކުން ފެނެ އެވެ. މިއީ ނުހިނގާ ނުވަތަ ފިތުނައުފެދޭ ފަދަ ދޮގު ވާހަކައެއް ނޫނެވެ. އެހެނީ، މިކަމާއި ގުޅިގެން ދިވެހިރާއްޖޭގެ ވަޒީރުންނާއި ފަނޑިޔާރުންނާއި ފިގުހުވެރިންނާއި ޢިލްމުވެރިންނާއި އަދީބުންނާއި ނާއިބުންނާއި ދައުލަތުގެ ކުރިޔަށް ތިބި މީހުންނާއި އެންމެހައި ޢަސްކަރުންނާއި އަދި ސަރުދާރުންގެ ފަރާތުން ކޮޅުނބުގައި ހުންނެވި ވެރިޔަކަށް ފޮނުއްވި ފަތްކޮޅަކުން ވެސް މިކަން އެނގެ އެވެ.


އޭގައި ލިޔުއްވާފައިވާ ވާހަކަތަކުން ވާހަކައެކެވެ.

"އައްސުލްޠާން ޙަސަން ޢިއްޒުއްދީން މިދުނިޔެއިން ވެހެއްދެވި ކަލާގެ މާތް ރަޙުމަތަށް ދަތުރުކުރައްވައިފިއެވެ. އެއީ އަލިވެގެންވާ ރަމަޟާން މަހުގައެވެ. ހެޔޮ ޙާލުކޮޅުގައި ބުއްދިފުޅު ސަލާމަތުން ހުންނަވަނިކޮށެވެ. ދެން ރަސްކަން އަބުރާލެވުނީ އައްސުލްޠާން މުޙައްމަދު ޢިމާދުއްދީނުލް މުޡައްފަރުގެ އައްސުލްޠާން އިބްރާހީމް އިސްކަންދަރު ރަސްގެފާނުންގެ އަޅުގަޑުމެންގެ މާތް ސާހިބާ އައްސުލްޠާން މުޙައްމަދު ޣިޔާސުއްދީން އިސްކަންދަރު ރަސްގެފާނަށެވެ. އަވަހާރަވުމުގެ ކުރީގައި ރަދުންގެ ބޭފުޅުންނާއި ޢާއިލާގެ އެންމެ ބޭފުޅުންނަށް ވަޞިއްޔަތްކުރުމާއެކު ރަސްކަމުގެ ހުރިހާކަމެއް މިރަދުންނާއި ޙަވާލުކުރެއްވީއެވެ.

އަޅުގަޑުމެން ގަބޫލުވެ އެރަދުންނަށް ބަޢިއަތުހިފައި ޠާޢަތުގެ ޖިޒީ އަދާކުރީމުއެވެ. އެގޮތަކީ މަނިއްޕުޅަކީ ވެރިކަމުގެ މާތް ދަރިކޮޅުން ވަޑައިގެން ހުންނެވި ވެރިކަމަށް އަވްލާ ރަސްކަމަށް ޙައްގު ސާހިބާއެވެ. މަރުޙޫމް ރަދުންގެ ބޭފުޅުންނަކީ އަދި ބޮޑުފުޅުވުމަށް ގާތްވެސްނުވާ ތަންދޮރުފިލާ ވަޑައިނުގަންނަވާ ތުއްޕުޅު ބޭފުޅުންކޮޅެކެވެ. މުޙައްމަދު ޣިޔާސުއްދީން ރަދުން ދީނުގެ ހުރިހާކަމެއްގެ މައްޗަށް ފުރިހަމައަށް ގާއިމުވެވަޑައިގެންފިއެވެ. އަދި މަރުޙޫމް ރަދުންގެ ޢާއިލާގެ މައްޗަށްވެސް އިޙުސާންތެރިވެ ވަޑައިގެންފިއެވެ. އެބޭފުޅުންގެ މައްޗަށް އޯގާވެރި ބައްޕާފުޅެއް ފަދައިން ވެވަޑައިގެންފިއެވެ. އަދި ރަޢިއްޔަތުންގެ އެންމެންނަށްވެސް ހެޔޮފުޅުވެ ދަރުމަވެރިވެ ވަޑައިގެންފިއެވެ. އެމީހުންގެ ކަންތައް އިންތިޡާމްކޮށް އެމީހުންގެކިބައިން މުސީބާތާއި އަނިޔާ ފިލުއްވައިފިއެވެ. އަދި އެމީހުންނަށް މާތްކަމާ ޢަދުލުވެރިކަމުގެ މީރުކަން ދެއްވިއެވެ. މިކަންމައްޗަށް މާތްﷲ ކިބަފުޅަށް ޙަމްދުކުރީމެވެ. އެރަދުންގެ ރަސްކަމުގެ މައްޗަށް ރުހިގެން އުފާ ފާގަތިކަމާއެކުގައި އެރަދުންގެ ޙިމާޔަތުގައި އަމާންކަންމަތީ ދެމިތިބީމުއެވެ.

ނަމަވެސް އެރަދުން ހެޔޮފުޅުކޮށް ހިތްތަވައިގެންވާ ޚާއްޞުންގެ ދެތިން ނޯކަރަކު އެރަދުންނަށް ބަޣާވަތްތެރި ވެއްޖެއެވެ. އެކަން ފާޅުވެ ހެކި ސާބިތުވެއްޖެއެވެ. މަކަރާއި ޙީލަތުން އެބައިމީހުން އުޅުނީ ރަސްކަން އަތުލައިގަތުމަށެވެ."
(މިފަތްކޮޅު ލިޔުއްވާފައިވަނީ، ސުލްޠާން މުޙައްމަދު ޣިޔާސުއްދީންގެ ރަސްކަމުގެ ފުރަތަމަ އަހަރު އެވެ.)

ފަތްކޮޅު:

ޢަބުދުﷲ ޙިލްމީ
މަޢުލޫމާތު: 
ދިވެހިތާރީޚަށް އައު އަލިކަމެއް