ހޭރިޔާއިން ވިޔަސް އިރާދަކުރެއްވިއްޔާ "ސުވަރުގެ" އަތުލާނަން

ވައިދަށްފަރާތުން ދަތުރުކުރާ ރިޔާނެގި އުޅަނދެއް ވައިމަތީގައި އޮތް ރަށަކަށްދާނަމަ ދެއަތަށް ދެފަހަރަށް ރިޔާލަމުން އަނބުރަމުން ދުއްވާ ދުއްވުމަކީ "ހޭރިޔާ"ކުރުމެވެ. ނުވަތަ "ހޭރިޔާ"ދަތުރެވެ. މިކަމަށް ނިސްބަތްކޮށް ދިވެހިބަހުގައި ބައެއް މަޖާޒީ ބަސްތައް ހުރެއެވެ. އޭގެތެރޭ މީހަކު ތާކަށްވަންނާނޭ ވަގުތެއްހޯދާން އެތާނގެ ކައިރީ ދެކޮޅަށްހިނގާ ހިނގުމަށްވެސް "ހޭރިޔާ" ބޭނުންކުރެއެވެ.

ދެފަހަރެއްގެމަތިން 31 އަހަރު ހުވަދުއަތޮޅުގެ ވާރުވެރިކަމާއި، އަތޮޅުވެރިކަން ކުރެއްވި ހަވަރުތިނަދޫ ޙާޖީ މުޙަންމަދު ކަލޭފާނަކީ، ހުވަދުއަތޮޅަށް ޢާއްމުކުރައްވައިގެން އެންމެ ފުރަތަމަ ތަޢުލީމީ ހިޔާވަހިކަމެއްގެ ބިންގާ އަޅުއްވައިދެއްވި ފަރާތެވެ. ހުވަދުއަތޮޅުގެ ތަޢުލީމަށްޓަކައި، އޭނާ އެޅުއްވި ފުރަތަމަފިޔަވަޅަކީ ޢާއްމުކޮށް ހުވަދުއަތޮޅުގެ ތަޢުލީމަށްޓަކައި 17 ޖުމާދިލްއައްވަލް 1350ހ. (2 އޮކްޓޫބަރ 1931މ.) ގައި ހަވަރުތިނަދޫގައި އެންމެ ފުރަތަމަ ހުޅުއްވެވި "އެދުރުވެހި" ކަމަށްވާ "މަދަރުސަތުލް އަޞްބާޙު" އެވެ.

ޢަރަބި ތަޢުލީމަކީ، އެދުވަސްވަރާއި އަދި މިދުވަސްވަރަށް ބެލިކަމުގައި ވިޔަސް މާލެފިޔަވައި އަތޮޅުތަކަށް އެހާ ޢާއްމު ތަޢުލީމެއް ނޫންކަމަށްވިއަސް އެ ތަޢުލީމުވެސް އެމަދަރުސާގައި އޭނާވަނީ، ފައްޓަވައި ދެއްވައިފައެވެ. އޭގެފަހުން މި މަދަރުސާގެ ނަން ދެފަހަރަކަށް ބަދަލުވެފައިވެއެވެ. ފުރަތަމަ "މަދަރުސަތުއް ސުބުލައްސަލާމް" އަށެވެ. ދެން "މަދަރުސަތުލް އަމީރު އިބްރާހީމް" އަށެވެ. 

މަދަރުސަތުލް އަޞްބާޙުގެ ފުރަތަމަ ނާޡިރަކީ، އައްޝައިޚު މުޙައްމަދު ފަހުމީ ފާއިޒް (ދެކުނުގޭ ދޮންމަނިކު) އެވެ. އޭނާއަކީ އައްޝޭޚް ޙުސައިން ޞަލާޙުއްދީން އަރިހުން ދަސްވެނިވި މޮޅު ބޭފުޅެކެވެ. ހުވަދުއަތޮޅުގެ ރަށްރަށުން މިހާރުފެންނަ ތަޢުލީމާއި ތަހްޒީބާއި ތަމައްދުނު އެރަށްރަށަށް ގެންގޮސްދެއްވި އިސް މޭސްތިރިންނަކީ، ނުވަތަ އުސްތާޛުންނަކީ، އައްޝައިޚު ދެކުނުގޭ ދޮންމަނިކުގެ ނާޡިރުކަމުގެ ދަށުން ހިނގަމުންދިޔަ މަދަރުސާއިން ދަސްވެނިވި ބޭފުޅުންނެވެ.

އައްޝައިޚް ދެކުނުގޭ ދޮންމަނިކަކީ ބައެއް ފަންނުގައި އެދުރުންނަށްވުރެ ދަރިވަރުން މޮޅުވާނެޔޭ ބުނެވޭބަހުގެ މިސާލަކަށް ފުދޭ ބޭފުޅެކެވެ. ޢަރަބިބަހުން އޭނާހެއްދެވި "މާލިލްކަވާކިބް" ޅެމަކީ ޢަރަބިބަހާއި، އެބަހުގެ ޤަވާޢިދުގެތެރެއަށް އެމނަިކުފާނަށް ވެދެވަޑައިގެންނެވިފައިވާ މިންވަރު ރަނގަޅަށް އެނގޭ މޮޅު ޅެމެކެވެ. އެމަނިކުފާނުގެ އެދުރު އައްޝައިޚް ޙުސައިން ޞަލާޙުއްދީން ނެރުއްވި ރަބީޢުލްއައްވަލް މަހުގައި ކިޔާ ދުޢާތަކުގެތެރޭގައިވެސް އެމަނިކުފާނުގެ ދަރިވަރު ދެކުނުގޭ ދޮންމަނިކު ހެއްދެވި ދުޢާއެއް ހިމެނެއެވެ. މީގެއިތުރަށް މިލިޔުމުގެ ފޮޓޯއިން ފެންނަ ޅެންފޮތަކީވެސް ދޮންމަނިކު ހައްދަވައި ޝައިޚް ޙުސައިން ޞަލާޙުއްދީން ނެރުއްވި ފޮތެކެވެ.

ޢިލްމީ އަދި ދީނީ ބަޙުޘްތަކުގައި، ބައެއްފަހަރު އޭނާގެއެދުރު އައްޝޭޚް ޙުސައިން ޞަލާހުއްދީނާއި، ދޮންމަނިކާ ދެމެދު ޚިޔާލު ތަފާތުވުން ބޮޑުވެ އެކަން ޙައްލުކުރެއްވުމުގެ މައްސަލަ، އޭރުގެ ރަދުން އައްސުލްޠާން މުޙަންމަދު ޝަމްސުއްދީންގެ އަރިހަށް ހުށަހެޅިފައިވާ ދުވަސްކޮޅެއްގައި ހުވަދުއަތޮޅުގެ އަތޮޅުވެރިޔާ ޙާޖީ މުޙަންމަދު ކަލޭފާނު މާލެ ވަޑައިގެން އާދަކާދައިގެމަތީން އަތޮޅުގެ ޙާލުއަޙުވާލު ދަންނަވައި އަތޮޅުގެ ތަޢުލީމީކަންކަން ރަނގަޅުކުރުމުގެ މަގެއް ފަހިވޭތޯ ބޭނުންފުޅުވާ ވާހަކަ ރަސްގެފާނުގެއަރިހުގައި ދެންނެވުމުން ތަޢުލީމީކަންކަން ރަނގަޅުކުރެއްވުން އިސްކުރައްވައި  އަތޮޅުވެރިޔާއާ އެކު، ދޮންމަނިކު ހުވަދުއަތޮޅަށް ފޮނުއްވީކަމަށް ހުވަދުއަތޮޅުގެ ތާރީޚުގެ ފުންނާބު އުސް ބޭފުޅެއްކަމަށްވާ މަޑަވެލީ ޒޫރިޔާގޭ އަލްފާޟިލް ޢަލީ ނަޞީރު ލިޔުއްވައިފައިވެއެވެ.

އައްޝައިޚު ދެކުނުގޭ ދޮންމަނިކު ހުވަދުއަތޮޅަށް ވަޑައިގެންއުޅުއްވުމުގެތެރޭ އެ އަތޮޅުގެ ބައެއް ރަށްރަށަށްވަޑައިގެން އެ ރަށްރަށުގައިވެސް ތަޢުލީމު އުނގެނުމުގެ މަގު ފަހިކޮށްދެއްވައިފައި ވެއެވެ. މިދުވަސްވަރުގައި އޭނާހެއްދެވި އަންބާއެއް (މަސައްކަތާއި ކުޅިވަރުގައި ފޯރިގެންނާން ޒުވާބު ކިޔަމުންކިޔާ ކުރުލަވަ) ވަރަށްބޮޑަށް ހުވަދޫގައި މަޝްހޫރުވެގެންދިޔައެވެ. އޭނާ އެދުވަސްކޮޅު މަޑަވެލީގައި ހުންނެވި ހުންނެވުމުގައި އެރަށު ބޮއްކުރާއެއްގައި ފަލިޖަހާފައި ހަވަރުތިނަދުއަށް ވަޑައިގަތް ދުވަހެއްގައި އެބޮއްކުރާގެ މީހުން ދޮންމަނިކަށް ދެންނެވި ދެންނެވުމަކަށް އަންބާއެއް ހައްދަވައި ދެއްވިއެވެ. ވަގުތުން ޢަރަބިބަހުން ހައްދަވައިދެއްވީ މަޖާ އަންބާއެކެވެ. ފަލިޖެހުމުގެ ފޯރިއާއި ވަޖިދު ގެންނެވުމަށެވެ.

މަޑަވެލީ ކުއްލުހުމް ކުސާލާ، ލަހުމް ޖުނޫދުމް ދާއިމަން ސުކާރާ،
ޔުޞައްވިތޫނަ ކަލްކިލާބި ދަވްމާ، ވަފިލްޙަޤީޤި އަންނަހުމް ޚިޔާރާ،   މިއެވެ.

އައްޝައިޚު ދެކުނުގޭ ދޮންމަނިކަކީ އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ދީނީ އަދި ދުންޔަވީ ޢިލްމަށް ބަލާއިރު އެމަނިކުފާނު ބައެއްކަންކަން ކުރައްވަމުން ގެންދަވާގޮތުން ބައެއް މީހުންގެހިތްތަކުގައި ވިޔަސް ސުވާލު އުފެދެމުންދިޔަ ބޭފުޅެކެވެ. ޚާއްޞަކޮށް ދީނާއިގުޅުންހުރި ކަންކަމުގައެވެ. އެފަދަ ބައެއް ކަންކަން އެހެންވެފައިވަނީ އެމަނިކުފާނުގެ މިޒާޖުފުޅުގައި ހުންނަ ސަކަ މަޖާގޮތެއްގެ ސަބަބުންކަމަށް ވެސް ބުނެވެއެވެ. މިކަހަލަ ކަމަކާއިގުޅިގެން އެއްވެސް ފަރާތެއްގެ ސުވާލެއް އެމަނިކުފާނުގެ އަރިހަށް ހިނގައްޖެނަމަ ދެއްވާ ޖަވާބަކީ " ހޭރިޔާއިން ވިޔަސް އިރާދަކުރެއްވިއްޔާ "ސުވަރުގެ" އަތުލާނަމެވެ."

މަތިވެރިﷲ ގެ ރަޙުމަތްވަންތަކަމާއި އޯގާވަންތަކަމަށް އުއްމީދު ކަނޑައިނުލައި އެމަގުން ދަތުރުކުރާމީހަކަށް އެމަތިވެރި ފަރާތްޕުޅުންދެއްވާ ދަރުމައިގެ ބޮޑުކަމާއެވެ. އެހެނީ، އައްޝައިޚު ދެކުނުގޭ ދޮންމަނިކު އަވަހާރަވީ ނަމާދުގެ ސަޖިދައިގައި އޮންނަވަނިކޮށެވެ. އެމަނިކުފާނު އަވަހާރަވީ، ޢުމުރުފުޅުން 67 އަހަރު ފުޅުގައި (ގާތްގަނޑަކަށް 1958މ. ހާތަނުގައި) ހުވަދުއަތޮޅު ފުނަދޫ (ހުނަދޫ)ގައެވެ. އޭރު އެއީ ޖުޒާމްބަލީގެ ފިރިހެނުން ބައިތިއްބާ ރަށެވެ. އެރަށުގައި އެމަނިކުފާނުހުންނެވީ އެހެންމީހުންނާއި ވަކިން ގިނިކަންޏާ ވަކި ގެއެއްގައެވެ. އޭގެ ބޭނުންފުޅަކީ ހިމޭން ހިސާބެއްގައި އެކަހެރިން އަޅުކަންކުރެއްވުން ކަމަށް ބުނެވެއެވެ.

އައްޝައިޚު ދެކުނުގޭ ދޮންމަނިކަކީ ޢުމުރުފުޅުގެ ފަހުކޮޅުގައި މަތިވެރި ﷲ އަށް އަޅުކަންކުރެއްވުމުގައި ރޭދުވާ ހޭދަކުރެއްވި ބޭފުޅެކެވެ. އަޅުކަމުގެ ގިނަ ވަޤުތުތަކުގައި ކީރިތިކުރައްވާ އަޑުފުޅު ގެއިންބޭރަށް އިވޭކަމުގައި ބުނެވެއެވެ. އެމަނިކުފާނުގެ ކަންކަންބެލެހެއްޓުމަށް އެރަށުގައި ޚާއްޞަކުރެވިފައިވާ މީހާ ބުނެފައިވަނީ ރޭނގަޑުގެފަރިއްކޮޅު ހިފައިގެން އިރުއޮއްސުމުގެކުރިން އެމަނިކުފާނުހުންނެވި ގެއަށްދިޔައިރު އެމަނިކުފާނު އޮންނެވީ ނަމާދުގެ ސަޖިދައިގައިކަމަށްވާތީ ގޭތެރޭގައި ފަރިއްކޮޅުބަހައްޓާފައި ދިޔައީއެވެ. ދެން ފަރިއްކުޅުއްވައި ނިމޭނެހާއިރު ބަލާފައި  ދިޔައިރުވެސް އެމަނިކުފާނު އޮންނެވީ ސަޖިދައިގައެވެ. މިހެންވުމުން އެވަޤުތު ހިތަށްވަން އެއްޗެއްގެ ސަބަބުން އަރިހަށްގޮސް ބެލިއިރު އެމަނިކުފާނުވަނީ އަވަހާރަވެ ހަށިކޮޅު ހުދުވެފައެވެ. އަދި އެހިސާބުގައި މީރުވަހެއްވެސް ހުއްޓެވެ. ދެން އަވަހަށް ރަށުގެ އެހެންމީހުންނަށް މިކަންއަންގައި އެމަނިކުފާނުގެ ޖަނާޒާގެ ކަންކަމާއި އުޅުނީއެވެ.

ދުނިޔެއަކީ މިކަހަލަތަނެކެވެ. ދުނިޔޭގައި އުޅޭ އިންސާނާއަށް އޮތީ ދުނިޔެއަކީ ވަޤުތީ މަންޒިލެއްކަން ރަނގަޅަށްދަތުމާއި މިހެންމެ ދުނިޔެއިން އެނބުރިދިޔުމެއް އެބަ އޮތްކަމާއި އެނބުރިދިޔުން އޮތީ މަތިވެރި ﷲ ގެ ޙަޟްރަތަށްކަން ކަށަވަރުކޮށް ދެނެގަތުމެވެ. ދުނިޔޭގެ ދުވަސްތަކަކީ ތިމާ ހިތުހުރިގޮތަކަށް ހޭދަކުރަންއޮތް ދުވަސްތަކެއް ނޫންކަމާއި އެދުވަސްތަކަކީ އަންނަންއޮތް އުޚްރަވީ ދުވަސްތަކަށްޓަކައި ތިމާގެ ހަކަތައާއި ވަޤުތުތައް ހޭދަކުރަންވީ ދުވަސްތަކެއްކަން ދަތުމެވެ. މަތިވެރި ﷲ ގެ ރަޙުމަތާއި އޯގާވަންތަކަމާމެދު ތިމާގެ އުއްމީދު ކަނޑައިނުލައި ސާބިތުކަމާއެކު އެމަގުން ހިނގުމެވެ.

މަތިވެރި ﷲ އަލްމަރްޙޫމް ދެކުނުގޭ ދޮންމަނިކަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވާށިއެވެ. އާމީން!
               --------------------

ޢަބުދުﷲ ޙިލްމީ
05 އޯގަސްޓް 2013