މިލިޔުން ލިޔެފައިވަނީ، އަޅުގަނޑު ލިޔެފައިވާ
"ދިރާސާ ނަޒަރަކުން ދެއްވަދޫ ރަސްގެފާނުގެ ރަސްކަން" މި މަޟްމޫނުގެ ބައެއް
މަޢުލޫމާތުގެ މައްޗަށެވެ.
އަޅުގަނޑަށް އެނގިފައިވާ
ކުރީގެ މަޢުލޫމާތްތަކެއްގައި މުޙައްމަދު ބިން ޙާއްޖު
ޢަލީ(ދެއްވަދޫ ރަސްގެފާނު) ގެ ދުވަސްވަރާއި ގުޅިފައިވާ ކަންތައްތަކެއް
ހުރުމުން އެރަދުންނަކީ ވަރަށްމާތް އަގުހުރި ޝަޚުޞިއްޔަތެއްގެ
ބޭފުޅެއްކަން އަޅުގަނޑުގެ ވިސްނުމަށް އާދެއެވެ. ނަމަވެސް އެރަދުން
ރަސްކަން ހޯއްދެވިކަމަށް ބައެއްމީހުން ލިޔެފައިވާ ފަސްކާފު ހަމަނުވާ
"ބުނެވެނީ"އެއްގެ ނުސާފުގޮތާއި އެކަމަކު އެރަދުން ރަސްކަންކުރެއްވި ކަމަށް
ހަމަ އެބަޔަކު ލިޔުނު ސާފުގޮތާއި ދެގޮތުގެ ފުށުއެރުން ބޮޑުވުމުން ދިރާސީ ނަޒަރަކުން އެކަންކަމަށް ނުބަލާ
މީހަކަށް އެރަދުންނަކީ ކޮންކަހަލަ ބޭފުޅެއްކަން ރަނގަޅަށް ފާހަގަ ނުކުރެވުމަކީ އެކަށީގެންވާ ކަމެކެވެ.
މުޙައްމަދު ބިން
ޙާއްޖު ޢަލީ އަކީ ޢިލްމީގޮތުން ފުންނާބު އުސް ބޭފުޅަކަށްވާނެ
ކަމަށް ގަބޫލުކުރަންޖެހޭ ހެކިތަކެއް ހުރުމުން ކަމެއްގެ ސާފު ނުސާފުކަން
އެމަނިކުފާނަށް އެނގިވަޑައިނުގަތްނަމަ އެކަން ދެން އެނގޭނޭ އެހެންމީހަކީ ވެސް ކޮބައިބާވައެވެ. އެރަދުންގެ ކާފާފުޅަކީ ދިވެހިރާއްޖޭގެ މަޝްހޫރު
ޢިލްމުވެރި އައްޑޫ މީދޫ މުޙައްމަދު ޝަމްސުއްދީން ބޮޑުފަނޑިޔާރު ތަކުރުފާނެވެ. ވާދޫ ދަންނަކަލޭގެފާނުގެ އިސް ދަރިވަރެކެވެ.
ރާއްޖެ ސަލާމަތުން އޮތްހައި ހިނދެއްގައި
އައްޑޫ މީދޫގައި ފިގުހު ޢިލްމު ލެހެއްޓެވުމަށް
ވާދޫ ދަންނަކަލޭގެފާނު ދުޢާކުރެއްވީ މިފަނޑިޔާރު ތަކުރުފާނަށްޓަކައެވެ.
މުޙައްމަދު ބިން ޙާއްޖު ޢަލީގެ މާފާފުޅަކީ ދިވެހިރާއްޖޭގެ މަޝްހޫރު ޢިލްމުވެރި
އަބޫބަކުރު ފަނޑިޔާރު ތަކުރުފާނެވެ. ވާދޫ ދަންނަ ކަލޭގެފާނުގެ
އިސް ދަރިވަރެކެވެ.
މުޙައްމަދު ބިން
ޙާއްޖު ޢަލީ ތަޢުލީމުހޯއްދެވީ އޭނާގެ ޢިލްމީ ބައްޕާފުޅު އަލްޙާއްޖު
ޢަލީ ތުއްކަލާ އާއި ބައްޕާފުޅުގެ ފަރާތްޕުޅަށް ނިސްބަތްވާ
މޮޅު ޢިލްމުވެރި
ބޭބޭފުޅުންގެ އަރިހުންނެވެ. އޭގެ އިތުރަށް ބޭރުގެ ވަރަށްބޮޑު ޢިލްމުވެރިއެއް ކަމަށްވާ ސައްޔިދު މުޙައްމަދު ޝަމްސުއްދީންގެ
އަރިހުންވެސް އިތުރަށް ތަޢުލީމު އުނގެނިވަޑައިގަތެވެ. މިހެންވީމާ ރަސްކަން ހޯއްދެވުމަށް
ވިޔަސް އެހެންކަމެއް ހޯއްދެވުމަށް ވިޔަސް ބޭނުންފުޅު ކުރައްވާ ގޮތެއްގެ ސާފު
ނުސާފުކަން އޭރު އެމަނިކުފާނަށް އެނގިވަޑައިނުގެން އެގޮތެއްގެ ސާފު ނުސާފުކަން
އެނގެންޖެހެނީ އޭގެ އެތައް އަހަރެއްގެފަހުން އެހެން ބަޔަށްތޯ ސުވާލު އުފެދެއެވެ.
މުޙައްމަދު ބިން
ޙާއްޖު ޢަލީ އަކީ ދިވެހިރަސްކަމަށް ދަހިވެތި ބޭފުޅެއްކަމަށް ބެލެވޭނޭ
ޖާގައެއް ނެތެވެ. އެމަނިކުފާނަކީ ކޮންމެގޮތަކުން ވިޔަސް ރަސްކަން ބޭނުންފުޅުވެގެން
އުޅުއްވި ބޭފުޅެއްނޫނެވެ. އެހެންނަމަ ފުރަމާލޭގައި ސާދައަހަރު އިސް ފަނޑިޔާރަކަށް ހުންނެވިއިރު އެކަމުގެ އެއްވެސް ފުރުޞަތެއް އެދުވަސްވަރު ލިބިވަޑައިގެންފައި ނޯންނާނޭ ކަމަށް ބެލޭކަށްނެތެވެ. އިސްކަންދަރު ރަސްގެފާނުގެ ރަސްކަމުގެ އިސް
ފަނޑިޔާރަކަށް މުޙައްމަދު ބިން ޢަލީ ހުންނަވަނިކޮށް އެރަދުންގެ ދަރިކަލުންގެ
ޢުމުރުފުޅުން ދޮޅުއަހަރުގައި އެރަދުން ޢަރަބި ކަރަޔަށް ދަތުރުފުޅެއް
ކުރެއްވިއެވެ. އެޒަމާނުގެ އެފަދަ ދިގު ދަތުރަކީ މީހެއްގެ ދިރިހުރުމާ
މަރާ ދެމެދުގެ ދަތުރަކަށް ވުމުން ދަތުރުފުޅުގެ ކުރިން ރަސްކަމުގެ
އެންމެހައި ބޮޑުންނާއި ލަސްކަރީންނާއި އަދި ދެއްވަދޫ ފަނޑިޔާރު ކަލޭގެފާނުގެ
ކިބައިން ރަސްގެފާނުގެ ތުއްޕުޅު ދަރިކަލުންނަށް (ރަސްގެފާނު އަވަހާރަ ވެއްޖެނަމަ)
ރަސްކަން ދިނުމަށް ޢަހުދު ހިއްޕެވިއެވެ. އަދި ރަދުން ރާއްޖެއިން ބޭރުގައިވާ ދުވަސްތަކުގައި
ރަސްކަމާއި ރަދުންގެ ޢާއިލާގެ ކަންކަން ބެލެހެއްޓެވުން ޙަވާލުކުރެއްވީ ވެސް ދެއްވަދޫ ފަނޑިޔާރު ކަލޭގެފާނާ އެވެ.
މިކަން މިހެން އޮތުމާއެކު،
ސާފުވިޔަސް ނުސާފުވިޔަސް ހޯއްދެވެންއޮތް ގޮތަކުން ދިވެހިރަސްކަން ހޯއްދެވުމަކީ މުޙައްމަދު
ބިން ޙާއްޖު ޢަލީ ކުރައްވައިފާނޭ ކަމެއްކަމާއި އަދި އެމަނިކުފާނުގެ ދީނީ ޢިލްމުވެރިކަމާ މެދު ކުޑަވެސް ޝައްކެއް ކުރެއްވޭނަމަ އިސްކަންދަރު ރަސްގެފާނު
އެމަނިކުފާނަށް މިހާބޮޑު އިތުބާރެއް ނުކުރެއްވީހެވެ. އަދި އިސްކަންދަރު ރަސްގެފާނު ކޮންމެގޮތަކަށް ދެކިވަޑައިގަތަސް އެރަދުން ދިގު ދަތުރުފުޅަކަށް
ބޭރަށް ފުރާވަޑައިގަތީމާ މުޙައްމަދު ބިން ޙާއްޖު ޢަލީ
ބޭނުންފުޅުނަމަ ރަސްކަން ފުރޮޅައިލެއްވުމަކީ އެދުވަސްވަރު މާބޮޑު ދަތިފުޅެއްވާނޭ ކަމެއްކަމަށް ނުވިސްނެއެވެ. ދިވެހިރާއްޖޭގެ ތާރީޚުން މިފަދަ
ޞަފުޙާތައް ފެނެއެވެ.
މުޙައްމަދު ބިން
ޙާއްޖު ޢަލީ އަކީ ޖެހިޖެހިގެން އައި ހަތަރު ރަސްކަމެއްގައި
ސާދަ އަހަރު ފަނޑިޔާރުކަން ކުރެއްވި ބޭފުޅެކެވެ. އޭގެތެރޭ
އިސްކަންދަރު ރަސްގެފާނާއި، ޢަދުލުވެރިކަމުގެ ސަބަބުން ނަންފުޅު
މަޝްހޫރު މުޙުޔިއްދީނުލް ޢާދިލާއި، ސައްޔިދު ރަސްގެފާނާއި ވެއެވެ. އެއްވެސް ރަސްކަލަކާއި މުޙައްމަދު ބިން ޙާއްޖު ޢަލީ އާއި އެއްވެސް މައްސަލައެއް ޖެހިވަޑައިގެންފައި ނެތެވެ. އޭގެ އެއް ސަބަބަކަށް ވާނީ ރަސްގެފާނާއި ފަނޑިޔާރު ކަލޭގެފާނާއި ދެމެދު އޮންނަ
އިތުބާރުހުރި ގާތް ގުޅުމެވެ. މިހެނީ ރަސްކަމަށް ދަހިވެތި މީހެއްގެ އަތްފޯރާ ފަށުގައި ރަސްކަމުގެ ޝާންޝައުކަތާއި ފޮނިމީރު ކަމުގައި އުޅޭތާ ސާދަ އަހަރު ވާއިރު އެއާއި
ދޯޅުނުވެ އެމީހަކު ހުރެފިނަމަ ބުޅަލެއްގެ ކައިރީ ފަނަރަ އަހަރު ވަންދެން މަސްގަނޑެއް
އޮތަސް އެސޮރު އަޅާނުލާނެކަމީ ޔަގީން ކަމެކެވެ.
ސައްޔިދު ރަސްގެފާނު
ފުރައުއްތަވުމުން މުޙައްމަދު ބިން ޙާއްޖު ޢަލީ، ރަސްކަމަށް ވަޑައިގަންނަވަން ޖެހޭ ސަބަބުތަކެއް
އެބަ ހުރިކަމަށް ބަލަންޖެހެއެވެ. ސައްޔިދު ރަސްގެފާނަކީ މިޞްރުގެ އަޒުހަރުން ތަޢުލީމު
ޙާޞިލްކުރެއްވި ރާއްޖެއިން ބޭރުގެ ޢިލްމުވެރިއެކެވެ. އެރަދުން ފުރައުއްތަވީއިރު
ދެން އެރަދުންގެ ފަރާތްޕުޅުން ރަސްކަން ލިބިވަޑައިގަންނަވަން ޖެހޭ ދަރިކަލެއް، ވަލީ
ޢަހުދެއް ވާރިސެއް ނެތެވެ. ސައްޔިދު ރަސްގެފާނަކީ މުޙައްމަދު ބިން ޙާއްޖު
ޢަލީ އަށް އިސްލާމީ ތަޢުލީމުގެ ގިނަ ފިލާވަޅުތައް އުނގަންނައި ދެއްވި އެދުރެއްގެ އިތުރުން
ސައްޔިދު ރަސްގެފާނުގެ ދުވަސްވަރު ފުރަމާލޭގެ އިސް
ފަނޑިޔާރަކީ ވެސް މުޙައްމަދު ބިން ޙާއްޖު ޢަލީއެވެ. ދެއްވަދޫ ފަނޑިޔާރު
ކަލޭގެފާނެވެ.
ސައްޔިދު ރަސްގެފާނު
އަވަހާރަވީމާ ފޮނަދޫ ޚަޠީބު ތަކުރުފާނަށް ރަސްކަން ދޭން އުޅުމުން އޭނާ އެކަން ގަބޫލުފުޅު
ނުކުރެއްވުމުން ދެން ރަސްކަމުގެ ތަޚުތަށް އިސްކުރުމަށް އެންމެ އެކަށީގެންވާ ބޭފުޅެއްކަމަށް
ފެނުނީ (އެ ބޭފުޅެއްގެ ޢިލްމުވެރިކަމާއި ދީންވެރިކަމާއި ޢަދުލުވެރިކަމާއި އިންޞާފުވެރިކަން
ދިވެހިންނަށް ތަޖުރިބާކުރެވިފައި އޮތުމާއެކު) މުޙައްމަދު ބިން ޙާއްޖު ޢަލީ
ފަނޑިޔާރު ކަލޭގެފާނު ކަމަށް ތާރީޚުގައި ލިޔެފައިވެއެވެ. ދިވެހިރާއްޖޭގައި
ނިމިގެންދާ ރަސްކަމެއްގެ ވާރިސެއް ނުވަތަ ވަލީ ޢަހުދެއް ނެތްނަމަ ފަނޑިޔާރު
ކަލޭގެފާނާއި ވެސް ދިވެހިރަސްކަން ޙަވާލުކޮށްފައި އެބަ ހުރިކަން ދިވެހިތާރީޚުން
އެނގެއެވެ.
ކުރީ ޒަމާނުގައި
ދިވެހިރަސްކަން ލިބެމުންދިޔަ ގޮތްގޮތުން އެއްގޮތެއް ދިވެހި ފޯކްލޯރުގައި
ބުރާރަ މުޙަންމަދުފުޅު ކިޔާފައިވާ ބޮޑުތަކުރުފާނު ވާހަކައިގައި އާދެއެވެ. އޭގައި ކިޔާގޮތުން
މީލާދީ 1398 ން 1409 ށް ރަސްކަން ކުރެއްވި އައްސުލްޠާން ޙުސައިން (1ވަނަ) ފުރައުއްތަވީއިރު އެރަދުންގެ
ވާރިސެއް ނެތުމުން ދިވެހީން ދެން ރަސްކަން ޙަވާލުކުރީ އެދުވަސްވަރުގެ ހަނދޭގިރި ނުވަތަ
ބޮޑުބަނޑޭރި މަނިކުފާނާ އެވެ. ބުނެވޭގޮތުގައި މިމަނިކުފާނަކީ، ސުލްޠާން ޙުސައިން
(1ވަނަ)ގެ ކުރީގެ ބަނޑޭރިއަކަށް ހުންނެވި ބޭފުޅަކު އަވަހާރަވީއިރު އެގޭގައި ގެންގުޅުއްވި
ބޭރު މީހެކެވެ. ބަލަދުވެރިއަކު ނެތް ކުޑަކުއްޖަކަށް ވީމާ ބަނޑޭރި މަނިކުފާނު
އޭނާގެ ބެއްލެވުމުގެ ދަށަށް އެގެއަށް ގެންދެވީއެވެ. އެކުއްޖާ ފަހުން
ހުރީ ސަރުކާރުގެ ގޮތުން ބަނޑޭރި މަނިކުފާނު، ރައްޔިތުންނަށް ބައްސަވަން ޖެހޭ ތަކެތި
ބަހާށެވެ.
ގިނަމީހުން ދުށްގޮތުގައި
އެބަންގާޅު ކުއްޖާއަކީ ވަރަށްދީލަތި މީހެކެވެ. ވުމާއެކު ބޮޑުބަނޑޭރި މަނިކުފާނު އަވަހާރަވުމުން
ދެން ބޮޑުބަނޑޭރިއެއްގެ މަގާމުދިނީ މިކުއްޖާއަށެވެ. ކުރިންވެސް އެމަސައްކަތުގެ ތަޖުރިބާ
ލިބިފައިވާތީއެވެ. މިމީހާ ބޮޑުބަނޑޭރީގެ މަގާމުގައި ހުއްޓައި ރަސްގެފާނު ފުރައުއްތަވެ
ރަދުންގެ ވާރިސަކު ނެތުމުން އެއްބަސްވެވުނީ "ބޮޑުބަނޑޭރިކަމުގެ
މަޤާމުގައި އޭރު ހުންނެވި" ފަރާތަކަށް ރަސްކަން ދިނުމަށެވެ. އައްސުލްޠާން
ނާޞިރުއްދީނުލް ކަލާވަހީގެ ނަންފުޅުގައި މީލާދީ 1409 ން 1411 ށް ރާއްޖޭގެ ރަސްކަން ކުރެއްވީ
މިރަދުން ކަމަށް ބުނެވެއެވެ. ނަމަވެސް ދިވެހިތާރީޚުގައި ވަނީ މިރަދުންގެ
ނަސަބެއް އެނގޭކަން ނެތްކަމަށެވެ. މިރަދުންނަކީ ރާއްޖޭގައި ރަސްކަން
ކުރެއްވި ހަނދުވަންހައިގެ ބޭފުޅެއްކަމަށް ވެދާނެކަމަށް ވެސް ބައެއް މުއައްރިޚުން
ލަފާކޮށްފައިވެއެވެ.
އިސްކަންދަރު ރަސްގެފާނުގެ
ރަސްކަމުގެ ފަހުގެ އަހަރުތަކުގައި ފަނޑިޔާރަކީ، މުޙައްމަދު
ބިން ޙާއްޖު ޢަލީ އެވެ. އިސްކަންދަރު ރަދުންނަކީ ހުރިހާގޮތަކުން
ވެސް ރާއްޖެއާއި ރައްޔިތުންނަށް މިންނެތް ފައިދާތައް ޙާޞިލްކޮށްދެއްވި ވެރިއެކެވެ.
ދިވެހި އާދަކާދަތަކުގެ މަތިވެރި ބައްޕައެވެ. ޢިލްމަށް ލޯބިކުރެއްވި ޢިލްމު ފެތުރެއްވުމަށް
މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އެރަދުންގެ ދުވަސްވަރަކީ ދިވެހިންނަށް ވަރަށް
ފާގަތި ދުވަސްވަރެއްކަން ދިވެހިތާރީޚު ހެކިދެއެވެ.
އިސްކަންދަރު ރަދުން
އަވަހާރަވުމުން ރަސްކަލެއްގެ ނަންފުޅުގައި އެރަދުންގެ 6 އަހަރުގެ
ތުއްޕުޅު ދަރިކަލުން ބަހައްޓައިގެން ރަސްކަމުގެ ފަރާތުން އެދަރިކަލުންގެ
މަންމާފުޅު ރާއްޖޭގެ ކަންކަން ކުރައްވަމުން ގެންދެވި ވިޔާނުދާގޮތް
ދިވެހިންނަށް ތަޖުރިބާ ކުރެވުނެވެ. އެފަދަ ދުވަސްތަކެއް އައުމުން
އޭގެ ސަލާމަތާއި މަދަދަށް ހިތްތަކުންނާއި ދޫތަކުން ދުޢާ ކުރާނެކަމީ ޔަގީން ކަމެކެވެ.
އެހެންވުމުން އިލާހީ ރަޙުމަތްފުޅުގެ ބޮޑުކަމުން އެދުވަސްތަކުން ދިވެހިން މިންޖު ކުރެއްވުމަށްފަހު
ދެން ފެނުނީ، ދިވެހިންނަށް ބޭނުންވެފައިވާ އެމީހުން އެދޭފަދަ ރަނގަޅު ވެރިކަމެކެވެ.
މުޙުޔިއްދީނުލް ޢާދިލްގެ ރަސްކަމެވެ. މިރަސްކަމުގެ ފަނޑިޔާރަކަށް ހުންނެވީވެސް މުޙައްމަދު ބިން
ޙާއްޖު ޢަލީ އެވެ.
މުޙުޔިއްދީނުލް
ޢާދިލް އަކީ ވަރަށް ދީންވެރި ޢިލްމަށް ލޯބިކުރެއްވި ވެރިއެކެވެ.
މިރަސްކަމުގެ ފަނޑިޔާރަކީ ވެސް މުޙައްމަދު ބިން ޙާއްޖު ޢަލީ އެވެ.
މުޙުޔިއްދީނުލް ޢާދިލްގެ ރަސްކަމުގައި ފަސްވަގުތު ނަމާދު ކުރުމަށާއި ޒަކާތް
ދިނުމަށާއި ދީނުގެ އެހެން ފަރުޟުތައް އަދާކުރުމާއި ބުރުނގާ ނާޅައި އަންހެނުން
ނުކުމެ ނޫޅުމުގެ އަމުރު އެރަދުން އާކުރެއްވިއެވެ. ރައްޔިތުންގެ އަތުން ނެގޭ ވާރުން
އެތައްތަނެއް ކެނޑުއްވުމާއި މުއްސަދިންނާއި ދެރަ މީހުންނާއި ތަފާތެއް ނުކުރެއްވުމާއި
ނިކަމެތި ފަގީރުންނަށް މުޙައްރަމްމަހު އެތައްހާސް ލާރިއެއް ބެއްސެވި ކަމާއި މިރަދުންގެ
ދުވަސްވަރަކީ ރައްޔިތުންގެ ހިތްތައް އުހައު ފާގަތިކަމުން ފުރުނު ދުވަސްވަރެއް
ކަމަށް ތާރީޚު ބުނެއެވެ. މުޙުޔިއްދީނުލް ޢާދިލް ފުރައުއްތަވުމުން ދެން
އައީ، ސައްޔިދު
މުޙައްމަދު ޝަމްސުއްދީން ރަސްގެފާނުގެ ރަސްކަމެވެ. ދިވެހިންނަށް ބޭނުންވާފަދަ
ރަނގަޅު ވެރިކަމެކެވެ.
ސައްޔިދު ރަސްގެފާނަކީ
ވިސްނުންތެރި ޠާހިރު އިލްމުވެރިއެކެވެ. ޝަރީޢަތުގެ ތަރަހަތައް
ގާއިމްކުރެއްވި އިންޞާފުވެރިއެކެވެ. އިންޞާފު ހިންގެވުމުގައި ވަކިމީހެއް
ތަފާތު ނުކުރައްވައެވެ. ރަސްކަމަށް އިސްވެ ވަޑައިގަތުމަށްފަހު ވެސް ގަނޑުވަރު ތެރޭގައި
ވަޢުޡު ވިދާޅުވެ ދީނީ އިރުޝާދުތައް ދެއްވިއެވެ. މިރަދުން ރަސްކަމަށް ވަޑައިގަތުމުގެ
ކުރިން ވަރަށްގިނަ މީހުންނަށް ކިޔަވާދެއްވިއެވެ. އެމަނިކުފާނުގެ ދަރިވަރުންގެ
ތެރެއިން އެންމެ ތަޤުވާވެރިކަން ބޮޑު ބޭފުޅަކީ، ކުރިން ރަސްކަންކުރެއްވި މުޙުޔިއްދީނުލް
ޢާދިލް ރަދުންކަމަށް ތާރީޚުގައި ލިޔެފައިވެއެވެ. މިރަސްކަމުގެ ފަނޑިޔާރަކީ ވެސް މުޙައްމަދު
ބިން ޙާއްޖު ޢަލީ އެވެ. ސައްޔިދު ރަސްގެފާނު ފުރައުއްތަވުމުން ވެސް ދިވެހިން ބޭނުންވާނީ
އަނިޔާވެރި، އިންޞާފެއް ނެތް ވެރިކަމެއް ނޫންކަން އެއީ ޝައްކެއް އޮންނާނޭ ކަމެއްނޫނެވެ.
ކުރިން ދެންނެވިދިޔަ
ކަންކަން އެގޮތަށް ހުރުމުން ދެން އެދުވަސްވަރު ދިވެހި ރަސްކަމަށް
އެންމެ އެކަށީގެންވާ ބޭފުޅުންގެ ތެރޭ މުޙައްމަދު ބިން ޙާއްޖު
ޢަލީ ނުހިމެނޭނަމަ އެކަންވާނީ އިންޞާފުން ބޭރުގެ ކަމަކަށެވެ. އަދި މުސްލިމް
ދިވެހިރާއްޖޭގެ އެންމެހައި ކަންކަން ހެޔޮވެގެންވާ މަގުންދާން ބޭނުންވާ ބަޔަކު ތިބިނަމަ
އެބަޔެއްގެ ވާޖިބަކަށްވާނީ ހެޔޮމަގުން ރާއްޖޭގެ ރަސްކަން
ކޮށްދޭނޭ ރަސްކަލެއް ބެހެއްޓުމެވެ. އެހެންވުމުން ދިވެހި ހަތަރު ރަސްކަލެއްގެ
ވެރިކަމުގައި ދިވެހި މުސްލިމުންގެ ޢަދުލުވެރި ފަނޑިޔާރަކަށް ސާދައަހަރު ހޭދަކުރެއްވި
ޢިލްމުވެރިއަކު ދިވެހި ރަސްކަމަށް އިސްކުޅައީއެވެ. އެބޭފުޅަކީ މުޙައްމަދު ބިން ޙާއްޖު
ޢަލީ އެވެ. މާތްވެގެންވާ ދީނާއި ގައުމުގެ ރައްކައުތެރިކަމާއި ހެވާއި ލާބައަށްޓަކައި
މިއީ ކޮންމެހެން ކުރުން ލާޒިމުކަމެކެވެ.
މުޙައްމަދު ބިން
ޙާއްޖު ޢަލީ ރަސްކަމަށް އިސްވެވަޑައިގަތުމަށްފަހު ފަނޑިޔާރުކަން
ދެއްވީ މަޝްހޫރު ޙަސަން ތާޖުއްދީނަށެވެ. މިއީ ކޮންކޮންމެ ގޮތެއް ވަރިހަމަ ބޭފުޅެއްނޫނެވެ.
ނުސާފުކަމާއި ރިޝްވަތުން ހޯދި ރަސްކަމެއްގެ އިސް ފަނޑިޔާރަކަށް ހުންނަވާނޭ ވައްތަރެއްގެ
ބޭފުޅެއްނޫނެވެ. ތާޖުއްދީން ފަނޑިޔާރު ކަމަށް އިސްވެވަޑައިގަތީ ވެސް އޭނާ ކުރައްވާ ޙުކުމްތަކަށް
ރަސްގެފާނު ގަބޫލުވެވަޑައިގަތުމަށް ރަސްގެފާނު ލައްވައި ބައިޢަތު
ހިއްޕެވުމަށްފަހުއެވެ. ފަނޑިޔާރުކަމާއި އެފަހަރު ތާޖުއްދީން ޙަވާލުވެވަޑައިގެން
ކުރެއްވި ކަންކަން ތާރީޚުން ބަލައިލީމާ އެދުވަސްވަރު ދިވެހިރަސްކަމުގައި
ހުންނެވި ބޭފުޅެއްގެ ސާފު ނުސާފުކަން ނޭނގި ނޯންނާނެއެވެ.
އިސް ފަނޑިޔާރު ކަލޭގެފާނު ކުރައްވަން އުޅުއްވިޔަސް އޭނާގެމައްޗަށް ތަންފީޛީ އިސްބާރުގައި
ހުންނެވި ރަސްގެފާނު އެކަމެއް ކުރައްވަން ނެތިއްޔާ ނުވެދާނީ ކިތައްކަން ކިތައް ގޮތަކުންތޯއެވެ.
މިއީ ދިވެހިރާއްޖޭގެ ބަޔަކަށް ނޭނގި އޮތް ކަމެއްނޫނެވެ.
ބޮޑުންގެ މީހުން
ދެރަމީހުން ލައްވައި އުޖޫރައަކާ ނުލައި މަސައްކަތް ކުރުވުމާއި އެމީހުން އަޅުންފަދައިން
ވިއްކުން މަނާކުރައްވައި އަދި މިއަމުރުގެ ދަށުން މިނިވަނުން އަޅުންފަދައިން ގެންގުޅުމީ
ޙަރާމްކަމެއް ކަމުގައި ފުރަތަމަ ޙުކުމްކުރެއްވީ ފަނޑިޔާރު ތާޖުއްދީނަށް ވިޔަސް އެޙުކުމް
ތަންފީޛުކުރެއްވީ ދެއްވަދޫ ރަސްގެފާނެވެ.
މަރުވިމީހާގެ ތަރިކައިން
އޭނާގެ ގާތްތިމާގެ މީހުންނަށް(ތަރިކަބަހާ އުޞޫލުން)ވާނޭ ކަމަށް ނިޔާކުރެއްވީ ފަނޑިޔާރު ތާޖުއްދީނެވެ.
ތަންފީޛުކުރެއްވީ ދެއްވަދޫ ރަސްގެފާނެވެ.
ކަޑިންނާއި ވަޅިންނާއި
ފިޔޮހިން ނުވަތަ މިފަދަ އެހެން ތަކެތިން އަމިއްލައަށް ސިލުވާނު ކުޅައުން މަނާ ކުރެއްވުމާއި
މިކަމުގައި ފަނޑިޔާރުގޭގެ ޙުކުމްތައް ގަބޫލުކުރުމަށް އަމުރުކުރެއްވީ ފަނޑިޔާރު
ތާޖުއްދީނެވެ. އެއަމުރު ތަންފީޛުކުރެއްވީ ދެއްވަދޫ ރަސްގެފާނެވެ.
(ސިލުވާނަށް ތެޅުމަކީ
އެޒަމާނުގައި މީހެއްގެ އަނތްބަކާ އެހެން ފިރިހެނަކު ހުއްދަނޫން
ގުޅުމެއް ހިންގީމާ އެފިރިހެނަކަށް ދޭ ތެޅުމުގެ އަދަބެކެވެ. އެފިރިހެން މީހާގެ ގައިގައި
ބޮންތިއަކުން ތިން އެތިފަހަރު ޖެހުމަށް ފަނޑިޔާރުގެއިން ނުވަތަ ނައިބުގެއިން ހުއްދަދިނީމާ
އެތިފަހަރު ޖަހާނީ އެކަނބުލޭގެ ފިރިމީހާއެވެ.)
ބޮލުގެ އިސްތަށިގަނޑު
ކަނޑައި، ލިބާސް ވީދައި މިގޮތްގޮތަށް އަންހެނުން އަންހެނުންނަށް ސިލުވާން ކުޅައުން
ވެސް އެފަހަރު މަނާ ކުރެއްވިއެވެ.
1701މ. ގައި ދެއްވަދޫ ރަސްގެފާނު އަވަހާރަ ވަންދެން ރާއްޖޭގެ އިސް ފަނޑިޔާރަކީ
ތާޖުއްދީނެވެ. އެހެންވުމަކީ ރަސްގެފާނާއި ފަނޑިޔާރާއި ދެމެދު މައްސަލައެއް
ނުޖެހޭކަމުގެ ވަރަށްފުރިހަމަ ދަލީލެކެވެ. އަދި ރަސްގެފާނު އަވަހާރަވުމުން
ޖަނާޒާގެ އެންމެހައި ކަމެއް ތާޖުއްދީން އިސްވެ ހުންނަވައި ކުރެއްވުމަށްފަހު
ދެތިން ދުވަހެއްގެތެރޭ "ހުވަފެނެއްގައި ފެނިވަޑައިގަތް އިލްހާމެއްގެ
ނަތީޖާއެއް ގޮތުން" ތާޖުއްދީން މާލެ ދޫކުރައްވައި މައްކާއަށް ވަޑައިގަތުމަށް ނިންމެވީ
ކަމަށް ތާރީޚުގައި ލިޔެފައިވެއެވެ.
ދެއްވަދޫ ރަސްގެފާނު
(މުޙައްމަދު ބިން ޙާއްޖު ޢަލީ) ރަސްކަން ކުރެއްވި ގޮތާމެދު
ތާރީޚުގެ އެކި ފަތްފުށްތަކުގައި ލިޔެފައިވެއެވެ. "އެއީ ބުއްދިވެރި ޢިލްމުވެރި
ރަސްކަލެކެވެ. ފަގީރުންނާއި ނިކަމެތިންނަށް އެހީތެރިވެވަޑައިގަތުމުގައި ދެމިހުންނެވިއެވެ.
އެއީ ކީރިތި އިލްމުވެރި އޯގާތެރި އިސްލާމީ ޢިލްމުވެރިންނަށް ބައިތުލްމާލުން ހޭދަކުރެއްވި
ރަސްކަލެކެވެ. އެހެންކަމުން ޢިލްމުވެރިން ގިނަވިއެވެ. ކޮންމެ ޢާޝޫރާ ދުވަހަކު މިރަދުން ވަރަށް
ގިނައިން ލާރިއާއި ރުފިޔާއާއި އަސްރަފީ ނެރުއްވައި ބައްސަވައި ދަރަނިވެރިންގެ
ދަރަނި ފުއްދަވާ ދެއްވައެވެ. މިޚަބަރު ލިބިގެން މަލާބާރުންގެ
ދަރަނިވެރިން ވެސް ރާއްޖެ އާދެއެވެ. އެމީހުންނަށް ވެސް ދަރަނި ފުއްދޭނޭ ފައިސާ ދެއްވައެވެ."
(ޢާޝޫރާ ދުވަހަކީ މުޙައްރަމްމަހުގެ 10 ވަނަ ދުވަހެވެ. މިދުވަހު ރޯދަ ހިފުން ސުންނަތްވެގެންވެއެވެ.
މޫސާގެފާނާއި ބަނީ އިސްރާއީލު ބާގައިގެ މީހުން އެބައިމީހުންގެ ދުޝްމަނުންގެ
ކިބައިން ސަލާމަތްވީ އެދުވަހުއެވެ.)
ދެއްވަދޫ ރަސްގެފާނުގެ
ރަސްކަމުގައި ރާއްޖޭގައި ހުރި ވަރަށްގިނަ މިސްކިތް އާކުރައްވައި
އަލުން މިސްކިތް ބިނާކުރައްވައި އަދި މިސްކިތް
މިސްކިތަށް ވަގުފު(ޚަރަދުކުރެވޭނޭ ގޮތް) ހަމަޖައްސަވައި ރައްޔިތުންގެ އަތުން ނެގެމުންދިޔަ
ވާރުން އެތައް އެއްޗެއް ކަނޑުއްވާލެއްވިއެވެ. މިރަދުންގެ ޒަމާނުގައި ރާއްޖޭގެ ރައްޔިތުން
ހެޔޮ ތިޔާގިކަމުގައި ތިއްބެވެ. އެޒަމާނުގައި ސޫރަތުންނާއި އަސޭއިން ގިނަގިނައިން ނައުފަހަރު
ވިޔަފާރި ކަމުގައި އައިސް އުޅުނެވެ. ރަދުން ހަމަޖެއްސެވި ގަވާއިދެއްގެ ދަށުން ދިވެހިން
ވިއްކާ ބޮއްޔާއި މަހާއި ރޯނު ބައްލަވައިގަންނަނީ ސަރުކާރުންނެވެ.
ދިވެހިންގެ މީހަކު
ދިވެހިންގެ ވެރިކަންކުރި ގޮތަކީ މިއީކަމަށް ވާނަމަ، އަދި
އެ ވެރިއެއްގެ ފަހަށް ދެން ވެރިކަން ކުރާނީ ކާކުކަން މި ވެރިމީހާ ދައްކާފައި
ނުވާނަމަ، މި ވެރިމީހާ ވެރިކަން ހޯދި ގޮތުގެ ސާފު ނުސާފުކަމާއި މެދު މީހަކު އިތުރަށް
ބުނަންޖެހޭ އެއްޗެއް އެބައޮތް ބާވައެވެ.
ދެއްވަދޫ ރަސްގެފާނު
(މުޙައްމަދު ބިން ޙާއްޖު ޢަލީ)އަށް ރަސްކަން ލިބިވަޑައިގެންނެވި
ގޮތް ކަމަށް ބައެއް ލިޔުންތަކުން ފެންނަ ނުސާފު ގޮތާއި އެރަދުން
ރަސްކަން ކުރެއްވި ސާފު ގޮތާއި ދެ ގޮތުގައި މީހުން ޙައިރާންވާ ވަރުގެ ތަފާތު ހުރީމާ
އެރަދުންގެ ޝަޚުޞިއްޔަތާ މެދު ދިރާސާ ކުރުމުން ނިންމަންވީ
ގޮތެއް ބުއްދި ސަލާމަތުން ހުރި އެއްވެސް މީހަކަށް ނޭނގި ނުދާނެއެވެ.
ކޮންމެއަކަސް ދެއްވަދޫ ރަސްގެފާނާއި އަދި އެރަދުންނާއި ގުޅޭ ޚާންދާނުން
ރާއްޖޭގެ ޚިދުމަތުގެ އަލިގަދަ ދަންމަރުތަކެއް ވަރަށް ސާފުކޮށް ފެނިފައިވާކަމާއި
މެދު ދެބަސްވެވޭކަށް ނެތެވެ.
----------------------
ޢަބުދުﷲ ޙިލްމީ
15 އެޕްރީލް
2012މ.
މަޢުލޫމާތުގެ ޙިއްޞާ:
ދިވެހިތާރީޚު ފޮތް
ޢަލީ ނަޞީރު ޒޫރިޔާގެ/
މަޑަވެލި