ނުރައްކާތެރި ބައްޔެއްގެ ހިތާމަވެރި ދުވަސްވަރެއް
މަޢުލޫމާތު އެނގޭ އެއްގޮތަކީ ޕްރިންޓް މީޑިއާކަމަށް ބަލަނީ ގިނަ ތަކެއްޗެއްގެ ބޭނުންނުކޮށް އަބަދުވެސް ޕްރިންޓް ބަލާލެވޭތީ އެވެ. ނަމަވެސް މިހާރަކަށް އައިސް ފޯރުންތެރި އަދި ތަޢުލީމީ ގިނަ ބަޔަކު އަހުލުވެރިވެފައި ވަނީ އިލެކްޓްރޯނިކްސް މީޑިއާއަށެވެ. އަވަހަށް މަޢުލޫމާތު ގެނެސްދެވެނީ ވެސް އެ މީޑިއާއަށެވެ. ޕްރިންޓް މީޑިއާގެ ގިރާކުރަންޖެހޭ އޮޅިތައް ގިނަކަމާއެކު ތަރައްގީއަށް އައި ބަދަލުތަކާ އެކީ ގިނަ ބަޔަކު އިލެކްޓްރޯނިކްސް މީޑިއާގެ ބޭނުންކުރާތީ އެ މީޑިއާގެ ދައުރުގެ މުހިއްމުކަން ކުޑައެއްނޫނެވެ. 

ދިވެހިރާއްޖެއަށް ޖުޒާމްބަލި (ލެޕްރަސީ) އައީއްސުރެ 1960މ. އާއިހަމަޔަށް އެ ބަލީގެ %99 މީހުންނަކީ އެ މީހެއްގެ އުފާވެރި ޢާއިލީ ޙަޔާތާއި ވަކިވާންޖެހޭ މީހުންނެވެ. އުޅެ ބޮޑުވި ވަޒަނުން އެހެންތާކަށް ދިޔުމަށް މަޖުބޫރުވާ މީހުންނެވެ. އެ ބަލީގެ ނުރައްކާތެރިކަމާ އެކު އެ ދުވަސްވަރު އެ ބައްޔަށް ދެވޭނޭ ރަނގަޅު ފަރުވާއެއް ލިބިފައިނެތުމުން ބަލިޖެހޭ މީހާ ނިމިގެންދާން ޖެހިފައިވަނީ އެ ބަލީގަ އެވެ. ބަލި ދެނެގަންނާނޭ ގޮތާއި ފަރުވާ ހޯދައިގަނެވުމުގެ ކުރީގައި މީހަކަށް އެ ބަލި ޖެހިފައިވާ ކަމަށް ޝައްކުވެއްޖެ ނަމަ އެ މީހަކު ސަލާމަތުން ތިބި މީހުންނާއި ވަކިކޮށްލަނީ އެވެ. ނުވަތަ އެ ބަލި ޖެހިފައިވާ ބަޔެއްގެ ގާތަށް ފޮނުވާލަނީ އެވެ. އެ މީހެއްގެ ޢުމުރު ހުސްވެގެން ދާނީ އެ ގޮތުގަ އެވެ. 

ޖުޒާމްބަލި ޖެހޭ ގޮތަކާއި އެ ބަލީގެ ފަރުވާގެ ވާހަކަ ދެއްކުމަކީ، މި ލިޔުމުގެ ބޭނުމެއް ނޫނެވެ. ލިޔުމުގެ ބޭނުމަކީ ޖުޒާމްބަލީގެ ފަރުވާ ޢާއްމުކޮށް ލިބެންނެތް އިރު އެ ބަލީގެ ބައެއް ކަންކަން ހުވަދުއަތޮޅުގައި ހިނގައިފައިވާ ގޮތާ މެދު ބަލާލެވޭތޯ ބެލުމެވެ. މަޢުލޫމާތަށްޓަކަ އެވެ.

ރާއްޖެތެރޭގައި އެންމެ ފުރަތަމަ ޑޮކްޓަރީބޭސް ތަޢާރަފްވެގެން ދިޔައީ ހުވަދުއަތޮޅުގަ އެވެ. ގައިން ގަޔަށް ފެތުރޭ ބައްޔެއްކަމަށްވާ ޖުޒާމްބަލީގެ (ލެޕްރަސީ) ގެ ފަރުވާކުރުމަށްޓަކަ އެވެ. އަތޮޅުގައި ތިބި ޖުޒާމްބަލީގެ މީހުންނަށް "ޑެޕްސޯން" ކިޔާ ޑޮކްޓަރީބޭސް ދޭން ފެށުމާއި ގުޅިގެންނެވެ. 1352ހ. ވަނަ އަހަރު ޝަމްސުއްދީން ރަދުން ތަޞްދީގު ކުރެއްވި ގާނޫނަކާއި ގުޅިގެން ދިވެހިރާއްޖޭގެ ކަންކޮޅުތަކުގައި ތިބި ޖުޒާމްބަލީގެ އެންމެން ހުވަދުއަތޮޅަށް ބަދަލުކުރުމަށް ނިންމެވި އެވެ. ރާއްޖޭގައި ޖުޒާމްބަލި އެންމެ ފުރަތަމަ ފެތުރިގެން ދިޔައީ ހުވަދުއަތޮޅުގެ ފަރަކަށް އުރުނު ބޭރުގެ ނަވަކުން އައި ޖުޒާމްބަލި ޖެހިފައިވާ ބައެއްގެ ސަބަބުން އެ ބަލި ފެތުރޭން ދިމާވުމުންނެވެ.

ޖުޒާމްބަލީގެ ތާރީޚު ގުޅިފައިވަނީ އިންޑިޔާއާ އެވެ. ބައްޔަށް ދޭނޭ ޢާއްމު ފަރުވާއެއް ހޯދިފައި ނުވާއިރު އެވެ. ފަންޑިތައިގެ ބާވަތްތަކާއި ބޭސްކޮށް އުޅޭ ބައެއް ބާވަތުގެ ތަކެތި ބޭނުންކޮށްގެން ބައްޔަށް ފަރުވާކުރުމުގެ ކަންތައްތަކެއް އޭރު ކުރެވިފައި ވަނީ މަދު ފަރާތަކަށެވެ. އެ ފަރުވާ ވެސް %100 ކާމިޔާބެއް ނޫނެވެ. އެހެންވުމުން އިންޑިޔާގައި ބަލިޖެހިފައިވާ މީހުން ގުރާބުތަކުންނާއި ފަންސިތަކުގައި ފޯޅަވައްސަށް (ޑިއެގޯ ގާސިއާ) ފޮނުވާލަނީ އެވެ. ބައެއް ފަހަރު ފޯޅަވައްސަށް ނުދެވި ރާއްޖޭގެ ތަންތަނަށް އެ އެއްޗިހި އުރި، އާދެވި، އެ މީހުންގެ ސަބަބުން އެ ބަލި ރާއްޖޭގައި ޚާއްޞަކޮށް ހުވަދޫކަނޑުން ދެކުނު އަތޮޅުތަކުގައި ވަރަށްބޮޑަށް ފެތުރެން ދިމާވި އެވެ. އިންޑިޔާގައި ޖުޒާމްބައްޔާއި ކެއްސުންބައްޔާއި ފައިފަލަބަލި ޖެހޭ މީހުން އެކަހެރިކޮށް ގެންދަނީ، ފޯޅަވައްސަށެވެ. އިނގިރޭސީންނާއި އެމެރިކާއިން ފޯޅަވަހީގެ ބޭނުންކުރަން ފެށުމުން އެ ތަނުގައި ތިބި ބަލިމީހުން މޮރިޝަޝްއަށް ގެންދިޔަ އެވެ.

އާރމަޑިލޮސް ކިޔާ މީދާ ނަސްލުގެ ދިރޭ އެއްޗެއްގެ ސަބަބުން ވެސް ރާއްޖެއިން ބޭރުގެ ބައެއް ތަންތާގައި މި ބަލި ޖެހެ އެވެ. ނަމަވެސް ރާއްޖޭގައި އެފަދަ އެއްޗެއް ނޫޅެ އެވެ. ރާއްޖޭގައި ބަލި ޖެހެނީ ބަލި ޖެހިފައިވާ މީހުންނާއި ގައިގޯޅިވެ ބީހި އުޅުން ފަދަ ގުޅުންތެރި ކަންތައްތަކެއްގެ ސަބަބުންނެވެ.

1352ހ. ވަނަ އަހަރު ގާނޫނު ފާސްކުރުމުގެ ކުރިން ރާއްޖޭގެ ރަށްރަށުގައި ތިބި ޖުޒާމްބަލީގެ މީހުން އެހެން މީހުންނާއި ވަކިން ބައިތިއްބީ އެ ރަށެއްގެ މީހުން ދިރިއުޅޭ ސަރަޙައްދާއި ދުރުން އެކަހެރި ސަރަޙައްދެއްގަ އެވެ. ގާނޫނުގެ ފަހުން އެ ބަލީގެ ގިނަ ބަޔަކު ހުވަދުއަތޮޅަށް ގެނަ އެވެ. ފިރިހެނުން ފުނަދޫއަށެވެ. އަންހެނުން ހަވޮއްޑާއަށެވެ. މޮޅެއް ދެރައެއް ތަފާތެއްނެތި އެވެ. ބަލި ޖެހޭގޮތާއި ދެނެގަންނާނޭ ގޮތާއި ބަލީގެފަރުވާ ހޯދައިގަނެވުމުގެ ކުރީގައި މީހަކަށް އެ ބަލި ޖެހިފައިވާ ކަމަށް ޝައްކުވެއްޖެ ނަމަ އެ މީހަކު ސަލާމަތުން ތިބި މީހުންނާއި ވަކިކޮށްލަނީ އެވެ. ނުވަތަ އެ ބަލި ޖެހިފައިވާ ބަޔެއްގެ ގާތަށް ފޮނުވާލަނީ އެވެ. އެ މީހެއްގެ ޢުމުރު ހުސްވެގެން ދާނީ އެ ގޮތުގަ އެވެ. ބައްޔަށް ޝައްކުކޮށް ބަލި ޖެހިފައިވާ ބަޔެއްގެ ގާތަށް ފޮނުވާލެވޭ މީހުންގެ ތެރެއިން ހަށިގަނޑުގެ ދިފާޢީ ބާރު ވަރުގަދަ މީހުންނަށް ނޫނީ ބަލީގެ ގެއްލުމެއް ނުލިބި ސަލާމަތްވުމަކީ ނާދިރު ކަމެކެވެ.

ފަހުގެ ހޯދުންތަކުގެ ސައިންޓިފިކް އެހީގައި ބަލި ދެނެގަންނާނޭ ގޮތް އެނގުމުގެ ކުރިން ބަލި ހުރިތޯ ހުވަދުއަތޮޅުގައި ބަލައި އުޅުނު އެއް ގޮތަކީ ކަފަކޮޅެއް، ނުވަތަ އިލޮއްޓެއްގެ ހިމަ ކޮޅުގައި ހިމަ ބޮނބިނަރެއް އައްސައިގެން އޭތި ޖައްސަނީ މީހެއްގެ ކޮންތާކު ކަން އެ މީހަކަށް ނުފެންނާނޭ ގޮތަށް ލޮލާއި އެއްކޮށް މޫނުގައި ފޮތިގަނޑެއް އޮޅާލާފައި އެ މީހެއްގެ ގައިގެ އެތަން މިތަނުން ޝައްކުކުރެވޭ ތަންތާނގައި ކަފަކޮޅެއް ޖައްސަނީ އެވެ. ދެން ޖެއްސީ ކޮންތާކުތޯ އަހަނީ އެވެ. ޖެއްސިތަނެއް ބުނަން ނޭނގުނު ނަމަ ބަލި ޖެހިފައި ހުރިކަމަށް ބަލަނީ އެވެ. ޖުޒާމްބަލި ޖެހިފައި ނުވިއަސް ނާރުގެ ބައެއް ބަލިބައްޔާއި ހަންބޯވެ ކުރަކިވެފާ ހުންނަ ދޫމި، ދަދު ފަދަ ހަމުގެ އެކި ކަންކަން ހުންނަ ތަންތަނާއި އަދި ހަށިގަނޑުގެ ތަނަކަށް ލިބިފައިވާ އަނިޔާއެއްގެ ސަބަބުން އެކި ދިމާލަށް އައްސިވެފައި ހުންނަ ތަންތާނގައި ކަފަކޮޅެއް ޖެއްސުމުގެ އިޙްސާސެއް މީހެއްގެ ނުހުރެ ހިނގައިދާނެ އެވެ. އެއީ ޖުޒާމްބަލި ހުރުމެއް ނޫނެވެ. އެހެން ކަމެކެވެ. ކަފަކޮޅެއް ނުވަތަ ހިމަ ބޮނބިނަރެއް މީހެއްގެ ގައިގައި ޖެއްސުމުން އިޙްސާސް ވުމުގައި ވަގުތީ ކުޑަ އުނިކަމެއް އަންނަ އެހެން ގޮތްގޮތްވެދެ އެވެ. ބަލި ހުރިކަމަށް ޝައްކުކޮށް ގެނެސް ބެލެވޭ މީހާ އެ ކަމާއި މާބޮޑަށް ބިރުގަނެ ކަންބޮޑުވުމަކީ ވެސް އެފަދަ ކަމެކެވެ. އެ މީހުންނަށް ކަފަކޮޅެއްހާ ލުއި އެތިކޮޅެއްގެ އިޙްސާސްވުމަށް ދައްޗެއްވެދެ އެވެ. މިއިން ކޮންމެ ގޮތެއްވެގެން ވިއަސް އިޙްސާސް ނެތުމުން އެ ދުވަސްވަރު އެއީ ޖުޒާމްބަލި ކަމަށް ބަލައިގެން އެ މީހަކު ފޮނުވާލަނީ ޖުޒާމްބަލި ޖެހިފައި ތިބި މީހުންގެ ގާތަށް ކަމަށްވަންޏާ ދެން އެންމެ ގާތުގައި އޮންނާނީ އެ ބަލި ޖެހުމެވެ. މިއީ މި ކަން ހިނގައިފައިވާ ގޮތެވެ.

އެ ދުވަސްވަރު ބަލީގެ ޓެސްޓް ކުރަނީ ހަމާއި މަހާއި ދެމެދުން ދިޔަ(ސީރަމް) ނަގައިގެން މައިކްރޮސްކޯޕް މެދުވެރިކޮށް ނުވަތަ ފަހުގެ ހޯދުންތަކުން އެނގިފައިވާ ފަދަ ގޮތަކަށް ބަލައިގެން ނޫނެވެ. ކަފަކޮޅެއް ބޮނބިނަރެއް ފަދަ އެއްޗެއް މެދުވެރިކޮށް އޭގެ އިޙްސާސް ކުރެވޭތޯ ބަލައިގެންނެވެ. ރާއްޖެއަށް ޖުޒާމްބަލި ތަޢާރަފްވެގެން އައީއްސުރެ ގާތްގަނޑަކަށް 1960މ. އާ ހަމަޔަށް ވެސް ހުވަދުއަތޮޅުގެ ބައެއް ރަށްރަށުގައި ވިއަސް ޖުޒާމްބަލީގެ ނަމުގައި މީސްމީހުން އެކަހެރި ކުރުމުގައި ވަރަށް ދެރަގޮތަކަށް ކަންކަން ހިނގާފައި ހުރިކަމަށް ގިނަ ބަޔަކު ބުނެފައިވެ އެވެ. އެނގުމާއި ނޭނގުމުގެ ތެރެއިން އިންސާނިއްޔަތާއި ދެކޮޅު ކަންކަމެވެ. މި ކަން އެނގޭނޭމީހުން މިހާރު ވެސް އެބަ ތިއްބެވެ. އޭގެ ހުރިހާ ތަފްޞީލަކަށް ދިޔުމަކީ މި ވަގުތު އެހާ ބޭނުންތެރި ކަމެއްނޫނެވެ. ނަމަވެސް އެއީ ހިނގާފައި އޮތް ކަމެއްކަން ގިނަ ބަޔަކު ބުނެފައި ވާތީ އެ ވާހަކަ ހާމަކޮށްލަނީ އެވެ. އެހެން ބަޔަކު ލައްވައި އެ ކަން ގަބޫލުކުރުވާކަށް ނޫނެވެ. އެ ބޭނުމެއް ނެތެވެ.

ކައިވެނީގެ ބޭނުމުގައި އަންހެނަކާއި ގުޅިގެން އުޅޭ މީހާއާއި އަންހެންމީހާ ދުރުކޮށްލުމަށް ނުވަތަ އަންހެނެއްގެ ފިރިމީހާއާއި އަންހެނާއާއި ވަކިކުރުވުމަށާއި އެ ރަށެއްގައި ތިބޭ ނުފޫޒް ގަދަ ފަރާތްތައް ނުރުހޭ މީހުންނާ މެދު ޖުޒާމްބަލީގެ ނުބައި ނާޖާއިޒު ފައިދާ ބަޔަކު ނަގާފާނެ ކަމަށް ގަބޫލުކުރުމަކީ ވެސް ދަތި ކަމެކެވެ. އެކަމަކު އެ ކަންވަނީ ހިނގާފައިކަމަށް ގިނަ ބަޔަކު ބުނެ އެވެ. އެ މީހަކު އެކަހެރިކޮށްލުމަށް ވެރިކަމުގެ ފަރާތަށް އޭނާ ގެނެވުނު ގޮތަކުން ގެނެސްގެން އެހެންނޫނީ ވެރިކަމުގެ ފަރާތުގެ ބަޔަކު އެ މީހެއްގެ ގެއަށް ގޮސްގެން އެ މީހާގެ ކަންބޮޑުވުމާއި ބިރުވެރިޙާލުގައި އެ މީހެއްގެ ގައިގެ އެތަން މިތަން ބަލައި ދޫމި، ދަދު ފާޑުގެ އެއްޗެހި، ހަމުގެ ބައެއް ކަހަލަ ކަންކަން ހުރި ދިމަދިމާ ބަލައި އެ ތަންތާނގައި އެއްކަލަ ކަފަކޮޅާއި ބޮނބިނަރު ޖައްސަނީ އެވެ. ކަނު ބަނދެފައި އެ މީހާއަށް ނުފެންނަ ގޮތަށް ބަހައްޓައިގެންނެވެ. އިމްތިޙާން ހިނގަމުންދާ އިރު އެ ކުރެވޭކަމެއް އެ މީހަކަށް ނުފެންނަ ތާނގައި ކުރެވެނީ ކޮންކަމެއްތޯ ވެސް ބަލަން އެ މީހެއްގެ ގާތް ފަރާތެއް އެ ޙާޟިރުގައި ނުހުރެ ދިޔުމަކީ ވެސް ވެދާނެ ކަމެކެވެ.

ކޮންމެގޮތެއް ވިއަސް އެކަހެރިކޮށްލަން ކޮންމެހެން ވެސް ބޭނުންވެ އެވެ. އެ ކަން ކުރެވެން އަންނަނީ އެ މީހެއްގެ ގައިގައި ޖުޒާމްބަލި ހުރެގެންނެވެ. އެހެންވީމާ ބަލި ހުންނަށް ޖެހޭތީ އެހާ ތަނުން ބަލި އެ ޖެހުނީ އެވެ. ރަށުގެ އެހެން މީހުންނާއި އެ މީހާ އެކަހެރި ކުރެވުނީ އެވެ. ރަށުގެ ވަލުތެރޭގައި އެފަދަ މީހުން އުޅެން ހަމަޖެހިފައިވާ ތާކަށް ފޮނުވާލެވުނީ އެވެ. އޭގެ ފަހުން ރަށުގެމީހުން އުޅޭ ސަރަޙައްދަށް އައުން މަނާވީ އެވެ. ޖުޒާމްބަލީގެ ފިރިހެނުން ފުނަދޫއަށް އަންހެނުން ހަވޮއްޑާއަށް ފޮނުވާލި ޒަމާނުގެ ކުރިން ނަމަ، އެ މީހަކު އުޅޭ ރަށުގެ އެކަހެރި ފަރާތަކަށް އެހިލީ އެވެ. އެކަހެރި ފަރާތުގައި ވެސް ތިބެނީ ބަލި ޖެހިފައިވާ މީހުންނެވެ. ސަލާމަތުން ތިބޭ މީހުން އެ ތަންތާނގައި ވަޒަންވެރިވެ ބަލިމީހުންނާއި ގައިގޯޅިވެ އުޅެން ޖެހުމުން ކުރިން ބަލި ނެތަސް މަދު މީހަކަށް ނޫނީ ބަލި ޖެހުނީ އެވެ. މީހުންނާއި ގައިގޯޅިވެ އުޅުން އެހާ ތަނުން މަނާވީ އެވެ. މަނާކަމެއް ކޮށްފިކަން އެނގިއްޖެ ނަމަ އަދަބު ލިބޭނެ އެވެ. ނައިބުގެއަށް ނުވަތަ ވެރިންނާއި ހަމަޔަށް ގެނެސް ދުއްރައިން ތަޅާނެ އެވެ. ހިތާމަވެރި ދެރަ ކަމެކެވެ. ހިނގާފައިވާ ކަމެކެވެ. ޖުޒާމްބަލީގެ މީހުން އަތޮޅުގައި ތިބޭ ދެ ރަށް ކަމަށްވާ ފުނަދޫއާއި ހަވޮއްޑާއާއި ދެ ރަށުގެ ވެރިއަކަށް ހުންނަވަނީ ވެސް ބަލީގެ ބޭކަލެކެވެ. އެކެކެވެ. މި ބޭކަލަކަށް އެ ދެ ރަށުގައި ތިބޭ ބަލިމީހުންގެ އިޙްތިރާމް އޮވެ އެވެ. އެހެން މީހުން ވެސް އެކަކު އަނެކަކަށް އަޅާލުން އޮވެ އެވެ. ނަމަވެސް މީހެއްގެ އުޅުން ހުންނަ ގޮތާއި ކުރާ ކަންކަމުގެ ސަބަބުން އެހެން މީހުން އެ މީހަކާމެދު ދެކޭ ގޮތާއި އަޅާލުން ކުޑަވެ އެވެ.

ޖުޒާމްބައްޔަކީ އެ ބަލިން ފަސޭހަވުމަށް ފަހު އެ މީހެއްގެ ކިބައިން އެހެން މީހަކަށް ބަލި ޖެހިދާނެކަމަށް ބިރުގަންނަންޖެހޭ ބައްޔެއް ނޫނެވެ. ބައްޔަށް ރަނގަޅު ފަރުވާ ލިބުމުގެ ކުރިން ބަލީގެ ސަބަބުން އެ މީހެއްގެ އައިބުވެފައިވާ ގުނަވަންތަކާ މެދު އެކަށީގެންނުވާ ނަޒަރަކުން ބަލައި އިހާނެތި ގޮތަކުން ބަލައި ފަކުރު ގަންނަންވީ ކަމެއްނޫނެވެ. ޙަގީގަތުގައި ބަލިން ރަނގަޅުވެ ދޫކޮށްލުމަށް ފަހު އެ މީހެއްގެ ކިބައިގައި ބަލި ނެތްކަމުގެ ކަށަވަރުކަން ވެސް އެހެން މީހުންނަށް ވުރެ މާ ބޮޑެވެ. ވިލިވަރު ބިޔާދޫގައި މީހުން ތިބި ދުވަސްވަރުގެ ޞިއްޙީ ދާއިރާގެ މަތީ ފެންވަރުގެ ވެރިއެއްކަމަށްވާ މ.ދޫރެސް އޮނަރަބްލް ޢަބުދުﷲ ޖަމީލްގެ އަރިހުގައި އަޅުގަނޑު އެ ދެ ރަށަށް ދިޔައީމެވެ. އެ ދުވަހު ބަލިމީހުންނާއި ވަރަށްގާތުން މުޢާމަލާތް ހިންގަވައި އެ މީހުންނަށް ވަރަށްބޮޑަށް ހެޔޮފުޅުކޮށް ހިތްތެވި އެވެ. އެ މީހުންނާއި ސަމާސާ ކުރައްވައި އެ މީހުންނާއި އެކީގައި އުޅުއްވި އެވެ. އެ މީހުން ވެސް އެ މަނިކުފާނާއި ގެން އުޅުނީ އެއް ގެއެއްގައި އުޅެ ބޮޑުވި ބައެއްގެ ގޮތަށެވެ. ބިޔާދޫގައި އިން ހިނގައި ނުއުޅެވޭ ވަރަށް ގުނަވަންތައް ހަލާކުވެފައިވާ މުސްކުޅި އަންހެނަކު އުޅެމުން ދިޔަ ގެއަށް ވެދެވަޑައިގެން އެ މަނިކުފާނު އަމިއްލަ އަތްޕުޅުން އެ މީހާ އުފުއްލަވައިގެން ގެންގުޅުއްވި އެވެ. އެހެންވީމާ އެ ދުވަސްވަރުގެ ވެރިންނާއި އެ މީހުންނަށް ފަރުވާކުރެއްވި ޑޮކްޓަރުންނާއި އެހީތެރިން އެ މީހުންނާއި މެދު ދެކިވަޑައިނުގަންނަވާ ނަޒަރަކުން އަޅުގަނޑުމެންގެ ބަޔަކު ދެކޭކަމަށްވާ ނަމަ އެ ކުރެވޭ ކަމަކީ ނޭނގުމާއި ޖާހިލްކަމުގެ ކަމެކެވެ. ޖުޒާމްބަލީގެ ފަރުވާކޮށް ބަލި ރަނގަޅުވެގެން ދޫކޮށްލާފައިވާ މީހުންނަކީ އެހެން މީހުންނަށް ވުރެ އެ ބަލި ނެތްކަމުގެ ފުރުޞަތު ބޮޑު މީހުންނެވެ.

އެ ދުވަސްވަރު ޖުޒާމްބަލި ހުރި ކަމަށް ބެލި ބަޔަކަށް ބެލެވިގެން އެކަހެރި ކުރެވުނު ބައެއް ފަރާތްތައް ބަލިން ރަނގަޅުވެ ދޫކޮށްލުމަށް ފަހު އެ ފަރާތްތަކުން ކިޔައިދެއްވާފައިވާ ބައެއް ވާހަކަ ތިރީގައި ލިޔެފައި ވާނެ އެވެ. މި މަޢުލޫމާތު ދެއްވީ އެ ކަންކަން ލިޔުއްވާފައިވާ ހުވަދުއަތޮޅުގެ ދުވަސްވީ މަޢުލޫމާތުގެ ވަރަށްމުއްސަނދި ބޭފުޅެއްކަމަށްވާ މަޑަވެލީ ޒޫރިޔާގޭ އަލްފާޟިލް ޢަލީ ނަޞީރެވެ. މި ލިޔުން ފުރިހަމަކޮށްލުމަށްޓަކައި ނަޞީރު ވެދެއްވި އެހީއަށް ޝުކުރު ދަންނަވަމެވެ.

ކޮލަމާފުށީ އިސްމާޢީލް ނަސީމު ކ.ގުރައިދޫ/ ޖަނަވަރީގެ (އިސްމާޢީލްބެ) އަކީ ގއ.ކޮލަމާފުށީ ބޭކަލެކެވެ. އޭނާގެ އަންހެނުންނަކީ، ހަވަރުތިނަދޫ ދަނޑު ސަންފާގެ އާއިޝަތު ޢަބްދުއްރަޙުމާނު (އައިސާދައްތަ) އެވެ. ހަވަރު އޮންލައިން ސައިޓުގެ މަޝްހޫރު މަޑަވެލީ މޫސިޔާގެ ޚަދީޖާ(ކައިދާ)ގެ ސަންފާގެ ޢާއިޝަތެވެ. އޭނާގެ ބައްޕައަކީ ހަވަރުތިނަދޫ ކައްބޮއްލޭ ދޮންބީފާނުގެ ޢަބުދުއްރަޙުމާން (ތިނަދޫ ރަނައުރާގެ) އެވެ. އިސްމާޢީލް ނަސީމަކީ ގއ. ފުނަދުއާއި، ހަވޮއްޑާއާއި ވިލިގިނިލިވަރު ގައި ވެރިއަކަށް ހުންނެވި ބޭކަލެކެވެ. އެ ދުވަސްވަރު ވެރިމީހާ ކުރަންޖެހޭ އެންމެ ބޮޑުކަމަކީ، ކަށުކަމާކެމީގެ ކަންކަމެވެ. ފުނަދުއަށް ގެންދިޔަ އިރު، އެ ރަށުގައި ތިބީ 102 ފިރިހެނުންނެވެ.

ހަވޮއްޑާގައި ތިބީ 62 އަންހެނުންނެވެ. އޭރު އަތޮޅުވެރިއަކަށް ހުންނެވީ ބީރު ޢަލިދީދީ އެވެ. އޭނާ އަތޮޅު ވެރިކަންކުރެއްވީ (ރަޖަބް 27، 1362ހ.) 29 ޖުލައި 1943މ. (ޖުމާދަލްއައްވަލް17، 1372ހ.) ފެބުރުވަރީ 1، 1953މ. އަށެވެ. ހުވަދުއަތޮޅު އެކެފަރަށް 1948 ގައި ފުށްބޯޓު އުރުނު އިރު އޭނާ ހުންނެވީ ފުނަދޫގަ އެވެ. ދެން ގެނައީ ވިލިގިނލިވަރަށެވެ. އެ ރަށުގައި ވެސް ބެހެއްޓީ ވެރިއަކަށެވެ. އެ ރަށުން ދޫކޮށްލުމުން ދެން ގުރައިދުއަށެވެ. ފުރަތަމަ ފެއްޓެވީ ކުދިންނަށް ޤުރްއާން ކިޔަވައިދެއްވާށެވެ. ފަހުން މަދަރުސާއެއް ވެސް ހިންގެވި އެވެ. ދާދި ފަހަކާ ޖެހެންދެން ހުންނެވީ އުތުރު އަވަށު މިސްކިތުގެ މުދިންކަމުގެ ވަޒީފާގަ އެވެ. މުދިންކަމުގެ ވަޒީފާގައި މިހާރު ހުންނެވީ އިސްމާޢީލްބެގެ ދަނބިދަރިއެއްކަމަށްވާ ގުރައިދޫ މުތީގޭ މުހަންމަދު މޫސާ އެވެ. ދިރިއުޅުމަށްޓަކައި ދަނޑުވެރިކަމުގެ މަސައްކަތް ވެސް ގުރައިދޫގައި ކުރެއްވި އެވެ. އަދި އެހެނިހެން، ބަލިމީހުން ލައްވައި ވެސް އެ މަސައްކަތް ކުރުއްވި އެވެ. ރާއްޖޭގެ އެކި ރަށްރަށުން އަލަގަސްތައް ގެންނަވައި އޮޅުއަލަ އަދި ބަރަބޯ ފަދަ އެތައް އެއްޗެއްސެއް ހެއްދެވި އެވެ. މަޑުއްވަރީ ކުޑަމުޙަންމަދު (އޮލިމްޕިއާ ސޭޓް) އަރިހަށް ދުރުވެ މިސްކިތް ޢިމާރާތްކުރަން ބޭނުންވާ ހުރިހާ ތަކެއްޗެއް ވެސް ގެންނަވަނީ ވެސް އިސްމާޢީލްބެ އެވެ. މާތް ﷲ ގެ އިރާދަފުޅާއި މިންވަރުފުޅުން، މިހާރު (2011މ.ވަނަ އަހަރު) ވެސް އޭނާގެ ޙާލު ރަގަނޅެވެ. ބަލިމީހުން ތިބި ގުރައިދުވާ އެކު 5 ރަށުގައި ތިބި އެތައް ބަޔަކު ދުނިޔެ ދޫކުރީ އޭނާގެ ކުރިމަތީގަ އެވެ. މިހާރު އަންހެނުން ނިޔާވެއްޖެ އެވެ. އާއިލާ ދިރިއުޅެނީ ގުރައިދޫގަ އެވެ. ދަތިކަމާއި، ހިތިކަމާއި، އެކަނިވެރިކަމާއި، މާޔޫސްކަމާއި ބަލިމަޑުކަން ތަޖްރިބާކޮށްފައިވާ އިސްމާޢީލްބެ އަކީ އެހީތެރިކަމާއި އިޙްސާންތެރިކަމުގެ ވަރަށް މަތިވެރި ނަމޫނާއެކެވެ. މަތިވެރި މާތް ﷲ ގެ ޙަޟްރަތަށް ހާސްހާސްފަށުން ޝުކުރުހުއްޓެވެ.

ކޮލަމާފުށީ ހުސައިން އަބޫބަކުރު، ކ.ގުރައިދޫ ވައިޓްމާގެ 

ފުނަދުއަށް ގެންދިޔައީ (1959މ.) ޞަފަރު 00، 1379ހ. ގަ އެވެ. ހުސައިންބެ އަކީ، ޙާޖީ ބަންޑާރައިން ކަނޑުފެއްތި ދޯނީގެ ވެރިއަކަށް ހުރި ކުނބުރުދޫ ދޮންތަކުގެ ޢާއިލާގެ ބޭކަލެއްކަމަށާއި އަދި އޭނާއަކީ، އަލްއުސްތާޒް މުޙަންމަދު ނަޝީދުގެ މަންމަ ފަރާތުން ބޭބެއެއް ކަމަށް އޭނާ ބުނުއްވަ އެވެ. ހުސައިންބޭގެ ރަށުން ކައިވެނިކުރެއްވި މީހާގެ ބަނޑުން ދެ ކުދިން ލިބިލެއްވި އެވެ. ބަލިން ސަލާމަތްވި އިރު އަންހެނުން އުޅެނީ ވިހައިގެންނެވެ. އެ މީހާ ވަރިކުރީ ކަމަށެވެ. އެހެން ބަނޑަކަށް ކުއްޖަކު ނުލިބެ އެވެ. އޭރު ފުނަދޫގައި ވެރިއަކަށް ހުންނެވީ ގއ.މާމެންދޫ މޫސާ ތަކުރުފާނެވެ. އޭރު އެ ރަށުގައި ތިބީ 112 މީހުންނެވެ. ފަހުން އެ އަދަދު 180 މީހުންނަށް އިތުރުވި އެވެ. ނަމަވެސް މާލެއަށް ގެންދެވުނީ 64 މީހުންނެވެ. އެހެން މީހުން ނިޔާވީ އެވެ. އެއް ދުވަހު 5 މީހުން ނިޔާވި އެވެ. އޭރު ކޮންމެ މަހަކަށް ފުނަދޫގެ އެންމެންނަށް ގެންދަނީ 3 ބަސްތާ ހަނޑުލެވެ. ކުރީގައި އެ ދެރަށުގެ (ފުނަދޫ، ހަވޮއްޑާ) ވެރިއަކަށް ހުންނެވީ ހަވަރުތިނަދޫ ބޭހެދައްލޭ މޫސާބެ އެވެ. އެ ދުވަސްވަރުގެ ތަޢުލީމީ ބޭކަލެކެވެ.

ކޮލަމާފުށީ ހުސައިންބެ ބުނުއްވީ (އޭނާ ފުނަދުއަށް ގެންދިއުމުގެ ކުރިން) ފުނަދޫގައި ހުރި ހަވަރުތިނަދޫ ބަލިމީހަކު، ޤަވާޢިދާ ޚިލާފަށް ރުކުއަޅައިގެން އޭނާއަށް ދިން އަދަބެއްގެ ވާހަކަ އެ ރަށުގައި ތިބި މީހުން ކިޔައިދިން ކަމަށެވެ. އެ މީހުން ބުނީ، ހެދި ގޮތަކީ، އެ މީހާގެ ދެ އަތް ދެ ފަރާތަށް ދަމާފައި ދެ އަތުގައި ފުރަގަހުން ދަނޑިއެއް ބަދެ،(ވަރައަޅާފައި) ދަނޑީގެ މެދުގައި ވާގަނޑެއް ޖަހާފައި ގަހަކަށް ކައްޕިއަށް ނެގީކަމަށެވެ. އެ ދިމާއަށް ތިރީގައި ބޮޑު ގަލެއް ބާއްވާފައި އޮންނަ ކަމަށެވެ. ކައްޕިއަށް ނަގާފައި ދޫކޮށްލުމުން އެ މީހާ ވެއްޓި ޖެހުނު ގޮތަކުން ނިޔާވީކަމަށެވެ. ނަމަވެސް އެކަހަލަ އަދަބެއް މީހަކަށް ދެނިކޮށް ފުނަދޫގައި ހުންނެވި އިރު އޭނާ ދެކިނުލައްވާކަމަށެވެ.

ޢާއިޝަތު ޒުބޭދާ(ހަވަރުތިނަދޫ ކަޅެކުއްދަގެ އައިސާދިޔެ) ކ. ގުރައިދޫ އަޅިވިލާގެ (އުފަން އަހަރު 1944މ.) އަކީ:

މަޑަވެލީ ދޮންކަލޯގެ ހަވަރުތިނަދޫ އޮޅަދިޔެ އާއި، ހަވަރުތިނަދޫ ބެރެ ކަޅެހުތާއި ދެމަފިރިންގެ ކުދެހުތާގެ އައިސާދިޔެ އެވެ.  ބެރެ ކަޅެހުތާ (ނުވަތަ ބެރެޖަހަނެ ކަޅެބެއްޔާ) ގެ ދަރިކޮޅަކީ ހަވަރުތިނަދޫ ޢަލިކަލޭގެ އާއި ޚަދީޖާ އާއި ދެ ކަނަބަލުންގެ ދަރިކޮޅެވެ. ހަވަރުތިނަދޫ ދަރިކޮޅުތަކުގެ ވަނަވަރު ފޮތުން އެ ދަރިކޮޅު އެނގެ އެވެ. މަޑަވެލީ ދޮންކަލޯއަކީ، މަޑަވެލީ ދޮންނެއިގެ ދޮންހުސީނާގެ ދޮންކަލޯ އެވެ. މއ. ތިނަދޫގެ އަލްމަރުޙޫމް މުޙައްމަދު ޖަމާލުގެ މުނިކާފަޔަކީ މި ދޮންކަލޯގެ ދަރިއެކެވެ. މި އައިސާދިޔެއަކީ ޖުޒާމްބަލި ޖެހުނުކަމަށް ބެލެވިގެން ހަވަރުތިނަދޫގެ އެ ޒަމާނުގެ ދަޑުކޮޑާއަށް އެކަހެރި ކުރި މީހެކެވެ. އެކަހެރި ކުރި އިރު އޭނާގެ ޢުމުރަކީ ގާތްގަނޑަކަށް ސާދަ، ފަނަރަވަރަކަށް އަހަރެވެ. އެންމެ ޒުވާން ޢުމުރެވެ. އޭނާގެ ހަނދާނުގެ އެ ހިތްދަތި ޞަފުޙާ ކިޔައިދެމުން ގެންދިޔަ އެވެ.

"ބުރަކަށީގައި ލަފެއް ހުރުމުގެ ސަބަބުން، އަޅުގަނޑު އެކަހެރި ކުރި އިރު ޢުމުރަކީ، ގާތްގަނޑަކަށް 15 އަހަރެވެ. އެކަހެރި ކުރީ ހަވަރުތިނަދޫ ހުޅަނގު ދެކުނު ފަރާތުގެ (މޫދާ ދާދި ކައިރިއަށް) ޖަންގައްޔަށެވެ. އެއީ އެކަހެރި ކުރީކީއެއް ނޫނެވެ. ޖަންގައްޔަށް އެއްލާލީ އެވެ. ދެ ޖިންސުގެ މީހުން ތިބެން ޖެހޭ ޖިފުޓިގަނޑަކީ، ހައެއްކަ މީހުންނަށް ތިބެވޭ ވަރަށް ފަނުން ހަދައި، ފަންތޮށިން ހޮޅުއަށި (އަށިގަނޑު) ހަދާފައިވާ ތަނެކެވެ. އަޅުގަނޑު ގެންދިޔަ އިރު އެ ތަނުގައި ހައެއްކަ މީހުން ތިބެ އެވެ. އެ މީހުންގެ ތެރޭގައި، އެ ރަށު ގަދުނަ އާދަމްބެއްޔަގެ ކުދެހުތާ ވެސް ހުއްޓެވެ. އެއީ އަޅުގަނޑުގެ ތިމާގެ މީހެކެވެ. އައިސާދިޔެ ކިޔައިދިން މައުލޫމާތަށް ބަލާއިރު، އެ ހިސާބު ގަނޑަކީ، މިހާރު އެ ރަށު "ވައިޓްހިލް" ގެ އެ ހުރި ހިސާބުގަނޑެވެ. އޭރު އެންމެ ދެކުނަށް އެ ރަށުގައި މީހުން ދިރިއުޅެނީ، މިހާރު "ޖީޒާ" އެ ހުންނަ ހިސާބަށް ވުރެ ދެތިން ސަތޭކަ ވަރަށް ފޫޓު އުތުރުގަ އެވެ.

ތިމާގެ މީހުން ކާއެތިކޮޅު ގެނެސް ދުރުގައި ބަހައްޓާފައި ދަނީ އެވެ. ކައިރި ނުވެ އެވެ. އެއީ އަމުރު އޮންނަ ގޮތެވެ. އެ ހިސާބާ ދާދި ގާތުގައި އިރުން ހުޅަނގަށް ހަދާފައި އޮންނަ މަގެއް އޮވެ އެވެ. އެ މަގުގެ އުތުރަށް ދިއުމަކީ، މަނާ ކަމެކެވެ. އަލިކުރުމަށްޓަކައި ރޭގަނޑަށް އަލިފާން އަންދަމެވެ. އަލިކުރާނެ އެހެން ވަޞީލަތެއް ނުހުރެ އެވެ. ގަޟާ ޙާޖަތްކުރަން ދަނީ އަތިރިމައްޗަށެވެ. ފެންވަރަނީ ނިވައިކަމެއް ނެތް ވަޅަކުން ނާށީން ހަދާފައި އޮންނަ ދާންޏަކުންނެވެ. އެއީ ބިޔަ ޖަންގަލިކަމަށް ވާތީ، ނިވައިކުރުމުގެ ބޭނުމެއް ނެތެވެ. ހެދުން ބައުވެ ހަށިގަނޑު ނިވާކުރެވޭނެ ގޮތެއް ....!

ނިދޭތޯ ބަލަނީ، އަށިގަނޑު މަތީގައި ތޮށައްޔެއް އަޅައިގެން ކަނު އަނދިރީގައި، އެކަނިވެރިކަމާއެކުގަ އެވެ. އެ ހިސާބުގަނޑުގައި ވަކިވަކި ފަން ޖިފުޓިތަކެއްގައި އަދި ވެސް ދެ ޖިންސުގެ މީހުން ތިބެ އެވެ. އެ މީހުންނާއި ގާތްކަން އޮވެ އެވެ. ދާދި އަވަހަށް ހަށިގަނޑު އަނަރޫފަ ވެއްޖެއެވެ. އެ ގޮތުގައި ދުވަސްތަކެއް ވޭތިވުމަށް ފަހު، ދެން ގެންދިޔައީ ހަވޮއްޑާ އަށެވެ. އެ ރަށުގައި އެކަނިވެރިކަމެއް ނެތެވެ. ނަމަވެސް ބަނޑަށް(ކާބޯތަކެއްޗަށް) ތިޔާގިކަމެއް ނެތެވެ. ބަނޑުފުރާނަ މުއްތިކުރުމަޓަކައި މޫދަށްއެރި ރިނދަލި ފަދަ ތަކެތި ނަގައިގެން ގެނެސް ކައްކައިގެން ކަމެވެ. ބަލީގެ ބޭސް ނުލިބެ އެވެ. އެންމެންގެ ޙާލު ވެސް ދާދި އެއް ގޮތެކެވެ. ސަރުކާރުން ކޮންމެވެސް ވަރަކަށް ކޮންމެ މަހަކު ކާޑުގެ ބާވަތްތަކެއް ވަކިވަރަކަށް ދެއްވަ އެވެ. ނަމަވެސް ލައިގެންކާނެ ތަކެތި ލިބެނީ ވަރަށް މަދުންނެވެ.

މަހާއި، ރިހާކުރު ކޮންމެވެސް ވަރަކަށް ދެއްވަ އެވެ. ބައެއް ފަހަރު ލިބޭ މަހާއި، ރިހާކުރު ކެއުމުން މީހުން ދުޅަވެ ހޮޑުލެވި، ބޭރަށް ހިންގުން ފަދަ ގޮތްގޮތް ވެސް މެދުވެރިވެ އެވެ. ނަމަވެސް އިޙްސާސް ނުހުންނާތީ، އެ ތަކެތި ހުންނަނީ ކުނިވެފައިކަމެއް ނޭނގެ އެވެ. ކެއްކުމުގެ ތެރޭ އަތުގައި ފޮޅުނަގަ އެވެ. މޫދަށް އެރިއުޅުމުގައި ފައި މުޅިން ޗިސްވެ، މުޅިތަން އޮންނަނީ، ލެއިން ތަތްތެޅިފަ އެވެ. ފޮޅުތައް ފެޅި، އަތާއި ފައި މުޅިން ފާރުވެ ދޮސްގަނެ ކުނިވެ، ކަށިގަނޑު މަރުވެ އެންމެފަހުން ބައެއް މީހުންގެ އަތްފައިގެ އިނގިއްޔާއި، އަތްފަޔާއެކު ކަށިތައް ނެއްޓެ އެވެ. އެކި މީހުންނަން އެ ކަންކަން ދިމާވަނީ އެކި މިންވަރަށެވެ. އެ ގޮތުގައި ދުނިޔެ ދޫކުރާ އިރު، މީހުން ތިބެނީ، ދޮސްގަނެ، ކުނިވެ، ފުޅަ އުފެދިފަ އެވެ. މަރުވެފައި ތިބޭ މީހުން ނަގާއިރު ދަށަށްވާ ފަރާތުގައި ފުޅަ ދުވެދުވެ ތިބެ އެވެ. އެ ގޮތުގައި މަރުވި އެތައް ބަޔަކު އަޅުގަނޑު ދުށީމެވެ. ކަށުކަމާކެމީގެ ކަންތައްކުރަން ހަވޮއްޑާގައި 4 ފިރިހެނުން ތިބެ އެވެ. އެ މީހުންނަކީ ވެސް ބަލި މީހުންނެވެ.

ހަވޮއްޑާގައި އިން އިރު އަޅުގަނޑު އުޅެނީ، ފުނަދޫގައި ހުންނެވި ބަލިމީހެއް ކަމަށްވާ ދެކުނުގޭ ދޮންމަނިކާ (އައްޝޭޚް މުޙަންމަދު ފަހުމީ ފާއިޒް) ޒަވާޖީގޮތުން ގުޅިގެންނެވެ. އޭނާ ދޭތެރެ ދޭތެރެއިން ހަވޮއްޑާއަށް ވަޑައިގަންނަވަ އެވެ. ފުނަދޫއާއި ހަވޮއްޑާގައި ތިބޭ ބައެއް މީހުން ދޮންމަނިކުގެ ދީނީ ޙުކުމާ އެއްގޮތަށް ކައިވެނީގެ ގޮތުން ގުޅިގެން އުޅުނެވެ. ބައެއް ދެމަފިރީންނަށް ދަރީން ވެސް ލިބިފައިވެ އެވެ. ލިބޭ މިންވަރަކުން އެ ކުދިންގެ ބައްޕަ ޚަރަދު ވެސް ކުރެ އެވެ. ނަމަވެސް އަޅުގަނޑުމެން ދެ މީހުންނަށް ދަރިއަކު ނުލިބެ އެވެ. ދޮންމަނިކު ފުނަދޫގައި އަވަހާރަވީ އަޅުގަނޑުމެން ދެ މީހުން ކައިވެނީގެ ގޮތުން ގުޅިގެން އުޅޭތާ 3 އަހަރެއްހާ ދުވަސް ފަހުންނެވެ. 

ދިރިހުރުމުގެ އުންމީދު މުޅިން ގެއްލި (އެތައްބަޔަކު ދުނިޔެ ދޫކޮށް) މިފަދަ ދަތި ދުވަސްތަކެއް ވޭތިކުރަމުން ދަނިކޮށް ހަވޮއްޑާއަށް މާތް ﷲ ފޮނުއްވީ ޑޮކްޓަރ ނީމަރު ކިޔާ ބޭފުޅެކެވެ. އޭނާއަކީ ސަރުކާރުން ފޮނުވި ފުރަތަމަ ޑޮކްޓަރެވެ. އޭނާ އައީ އޭނާގެ އަންހެނުން ނާއިލާ އާއި، ދަރިފުޅު ލައިލާ ވެސް ގޮވައިގެންނެވެ. އެއީ ވަރަށް މާތް އިންސާނެކެވެ. ތަންތަން ދޮސްގަނެ ކުނިވެފައިވާ މީހުންނާއި، ފުޅަ އުފެދިފައިވާ މީހުންނާއި، އަތްފައިގެ ގުނަވަންތައް ގިރިގެން ގޮސްފައިވާ މީހުން އަމިއްލަޔަށް ނަގައިގެން އަތުލަފިކޮށް، ގައިގައި ލައްގައިގެން އަދި އުނގުމަތީ ބައިންދައިގެން އޭނާ އަމިއްލަޔަށް (އެ ބަލިމީހުން) ދޮވެ ސާފުކޮށް ބޭސްއަޅައި، ބޯޓުން ތަންމަތި ގެނެސް ތަންމަތި ބަދަލު ކުރެ އެވެ.

ޑރ. ނީމަރގެ ދުލުކުރީގެ ޢާއްމު ލަފުޒަކީ، އިންޝާ ﷲ އެވެ. އޭނާގެ ފިރުމުންތަކާއި އޯގާތެރިކަމަކީ ދުވަހަކު ވެސް ހިތުން ފިލައިގެންދާނެ ކަންކަމެއް ނޫނެވެ. ކޮންމެއަކަސް އޭނާގެ ބޭސްފަރުވާ އާއި، އެހީތެރިކަން ލިބެން ފެށުމާ އެކު، ގިނަ ދުވަސް ތަކެއް ނުވެ، ބަލިމީހުން ވިލިގިނލިވަރާއި، ބިޔާދުއަށް ގެނެސް ޙާލަތު ބަދަލުވާން ފަށައިފި އެވެ. އެ ދަތުރުމަތީގައި އަޅުގަނޑުގެ ކޮއްކޮ އަހުމަދު ކަލޯ ދުނިޔެ ދޫކޮށްފި އެވެ. އޭނާއަކީ ވެސް ބަލިމީހެކެވެ. އާދެ! މާތް ﷲ އީ ހުރިހާ ކަމަކަށް ކުޅަދުންވަންތަ ރަސްކަލާނގެ އެވެ. ޔާ ﷲ! ތިޔަ ﷲ ގެ ހަޟްރަތުން ގިނަގުނަ ވެގެންވާ ހެޔޮ ދަރުމައާއި، ސުވަރުގޭ ދާއިމީ ނިޢުމަތް ޑޮކްޓަރ ނިޢުމަރާއި، އޭނާގެ ޢާއިލާއަށް މިންވަރު ކުރައްވާށި! އާމީން.
              
އޭގެ ފަހުން ފުނަދޫއާއި ހަވޮއްޑާގައި ތިބި މީހުން މާލެ އަތޮޅު ވިލިވަރު ބިޔާދޫއަށް ފަރުވާއަށް ގެނައީ އެވެ. އެ ތަނުން އަޅުގަނޑު ދޫކުރުމުގެ 3 ދުވަސް ކުރިން ވިހެއި އަންހެން ދަރިފުޅު ގެންގުޅެ ބޮޑުކުރީ ގުރައިދޫ ބަހާރުގޭ ޤާދިރުބެ އެވެ. މި ދަރިފުޅުގެ (އަޅުގަނޑަށް މާމަކިޔާ) 9 ކުދިން އެބަ ތިއްބެވެ."

ހުވަދުއަތޮޅުގެ ތާރީޚު ދެކިފައިވާ ހިތާމަވެރި އެއް ދުވަސްވަރެކެވެ. ދުނިޔެ ބަދަލުވަމުން ނިއުޅެމުން އޮޅެމުންދާ ދިޔުމުގަ އެވެ. 
               -------------------
ޢަބުދުﷲ ޙިލްމީ
"ހަވަރުއޮންލައިން"
21/12/2012