ހަވަރުތިނަދޫ ރަށްވެހިކަމުގެ މަސައްކަތް - 1953އަލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު ދިވެހިދައުލަތް ހިންގެވި ދުވަސްވަރު، އެކިލެގެފާނުގެ އިސްނެންގެވުމުގެ ތެރެއިން ރާއްޖޭގެ މީހުންއުޅޭ ރަށްރަށުގައި ރަށްވެހިކަމުގެ މަސައްކަތްތަކެއް ކުރިއެވެ. އޭގެ ބޭނުމަކީ ރަށްރަށުގައި ބަލިމަޑުކަން އުފެދުން އިތުރުވެ އެކަން ބޮޑުކަމަކަށްވެފައި ވާތީ، ދުޅަހެޔޮ ޞިއްޙަތެއްގައި އިންސާނުން ތިބުމަށް ބޭނުންވާނޭ ޞިއްޙީ ވެށްޓެއް ގާއިމުކުރުން ކަމަށާއި މިކަންކުރީ ބޭރުގެ ކަމާބެހޭ މާހިރުންގެ ލަފާ ވެސް ހޯއްދަވައިގެން ކަމުގެ އަޑު އޮވެއެވެ.

އެދުވަސްވަރު ބައެއްމީހުން މިކަން ސިފަކޮށްފައިވަނީ އިންތިހާ ދަރަޖައިގެ ބޮޑު ދަތި ޙާލެއްގައި ނުކައިނުބޮއި އޮރިޔާން ހާލުގައި މީސްތަކުން ތިއްބައި އެ މީސްމީހުންގެ ގެދޮރާއި ރުއްގަސްތައް ސުންނާފަތިކޮށް "ޔޫރަޕްހެދުމަށް" ނުވަތަ ޔޫރަޕުގެ ކުރިއަރާފައިވާ ގައުމުތަކާ އެއްސަފަކަށް ދިވެހިރާއްޖެ ގެނައުމަށްޓަކައި ކުރި ކަމެއްގެ ގޮތަށެވެ.

ވިސްނެވުންހުއްޓެވެ! އެ ދުވަސްވަރު ރާއްޖޭގެ ރަށްރަށުން މީހުންތައް މަރުވެފައިވަނީ ދަތި ޙާލުގައި ނުކައިނުބޮއި ތިބުމަކުން އެކަންޏެއްނޫނެވެ. އަދި ކީއްތޯ އެވެ. ނުކައިނުބޮއި ތިބުމުގެތެރެއަށް ބަލިމަޑުކަން ވެސް ވަދެގެންނެވެ.

ރަށްވެހިކަމުގެ މަސައްކަތަކީ، ރާއްޖޭގައި ބަލިމަޑުކަން އިންތިހާއަށް ގިނަވަމުންދާތީ، ރާއްޖެއިންބޭރުން ޑޮކްޓަރުންގެޓީމެއް ގެނެސްގެން ކުރެވުނު ސާރވޭ ރިޕޯރޓަކާއި ގުޅިގެން ކުރެވުނު މަސައްކަތެކެވެ. އެ މަސައްކަތުގެ ސަބަބުން މަދިރިއުފެދޭ ތަންތަނާއި، ކުނިގޮނޑުތައް ނައްތާލައި، ރަށްރަށުގެ އާބުހަވާއަށް ދުޅަހެޔޮކަން ލިބިގެން ދިޔައެވެ. މިހާރު ވެސް އަތޮޅުތަކުގެ އެ ރަށްރަށުގައި އެ ދުވަސްވަރު ރޭނި ފާރުތައް އެބަހުއްޓެވެ. - ލިޔުއްވުން: އަލްމަރުޙޫމް ޢަލީ ނަޞީރު ޒޫރިޔާގެ/ މަޑަވެލި

ރަށްވެހިކަމަކީ، މުޅި ރާއްޖެއަށް އަމާޒުކޮށް އެއްފަހަރާ ކުރަންޖެހުނު މަސައްކަތަކަށް ވެފައި ދުވަސްވަރުގެ ޙާލަތާއި އަދި އޭރު ސަރުކާރުގެ ކެރިފޯރުންތެރިކަން ހުރިގޮތުން ޢަމަލީގޮތުން އެ މަސައްކަތްކުރީ ރައްޔިތުންނެވެ. އަމިއްލަ ގޭގައި ހުރިނަމަ ހުރި އެއްޗެއް ކައިގެން އަމިއްލަ ކޮނޑުގައި އުފުލަންޖެހޭ އެއްޗެއް އުފުލައިގެންނެވެ. މިހެންވީ ނަމަވެސް އެރަށެއްގެ ތަނަވަސްކަން ހުރި މީސްމީހުން އެމީހެއްގެ ފެންވަރުން އެމީހަކަށް ވެދެވެންއޮތް އެހީތެރިކަމެއް ރަށްވެހިކަމުގެ މަސައްކަތަށް ފޯރުކޮށްދިނެވެ.

(ދިވެހިރާއްޖޭގެ އެދުވަސްވަރަކީ އޭގެ މާކުރިއްސުރެ، ސަރުކާރުން ރަނގަޅުމަގެއް ދެއްކުމުން އެމަގަކުން ރައްޔިތުން ހިނގައި، ދާ ތަނަކަށް ދެވެންދެން ހިތްވަރުކޮށް ކިޔަމަންތެރިކަން އަދާކުރި ދުވަސްވަރެކެވެ. ރަށްރަށުގެ ރައްޔިތުންނަށް ޢާއްމުވެގެންވާ ފައިދާއާއި ކަންކަމުގައި ކުރަންޖެހޭ މަސައްކަތުން ރައްޔިތުން ދުރުހެލިވެ ސަރުކާރުގެ ބޮލަށް ހުރިހާކަމެއް ގުޅަކޮށްފައި ޖަހަންފެށީ، ރާއްޖޭގެ ސިޔާސީ ވެއްޓަށް އަންނަން ފެށި ބަދަލުތަކެއްގެ ސަބަބުންނެވެ. މިއީވެސް ތަރައްގީގެ ބާވަތެއްކަމަށް ދެކޭ ބަޔަކު އުޅެފާނެއެވެ. ކޮން ބާވަތެއްގެ ތަރައްގީއެއް ކަމެއް ނޭނގެއެވެ. މިދާގޮތަށް ދާނަމަ މާލަހެއްނުވެ ރައްޔިތުން ފެންވަރުވަން ބޮލަށް ފެންއަޅައި، ރައްޔިތުންގެ ގޭގޭގެ ސައިކުރާ ކައްކައިދޭން ޖެހޭނީ ވެސް ސަރުކާރުންނެވެ. ނުވަތަ ރަށުގެ ކައުންސިލުންނެވެ. މިހިސާބަށް ދިޔައީމާ ރަށެއްގެ ބިން ކޮނެގެން ރަނާއި އަގުހުރި މަޢުދަން ނެގޭ ރަށަކުން ނޫނީ ކަމަކަށްވާ ކަމެއްވެސް އަދި ތަރައްގީއޭ މިކިޔާ އެއްޗެއްވެސް އެދެވޭ މިންވަރަކަށް އެރަށަކަށްވާނޭ ގޮތެއް ނޯންނާނެއެވެ. ވާނަމަ ވާނީ އެރަށެއްގެ ރައްޔިތުންގެ ދަރިދަރި މިނިމިނީންނަށް ދާނދެން ކޮންމެވެސް ފަރާތަކުން ދަރަންޏަށް ފައިސާހޯދައި މަސައްކަތްކުރާ ކޮންމެވެސް ބަޔަކަށް އެ ފައިސާ ދީގެންނެވެ.)

ހުވަދުއަތޮޅުގެ ރަށްވެހިކަމުގެ ތެރެއިން:

މީލާދީ 1950 ވަނަ އަހަރު ޑިސެމްބަރ މަހުގެތެރޭ، ހުވަދުއަތޮޅުގެ ހުރިހާ ރަށެއްގެ ރަށްވެހިކަމުގެ މަސައްކަތް ހިންގަވައި ބެލެހެއްޓެވުމަށް ސަރުކާރުން ވަފުދެއް އެކުލަވާލައްވައި އަތޮޅަށް ފޮނުއްވިއެވެ. ވަފުދުގެ ބޭފުޅުންނަކީ ހުވަދުއަތޮޅުގެ އަތޮޅުވެރިޔާ ވީރު ޢަލިދީދީ، ހަވަރުތިނަދޫ މޫސާ މަނިކުފާނު (ފަހުން މޫސާ ހިރިހަމައިދި ކަލޭގެފާނު)، ގައްދޫ އިސްމާޢީލް ކަލޭގެފާނު (ފަހުން އިސްމާޢީލް ވަތަބަނޑޭރި ކަލޭގެފާނު)، އަލްއުސްތާޛު މުޙައްމަދު އިބްރާހީމް ލުޠުފީއެވެ. މި ބޭފުޅުން ހުވަދުއަތޮޅުގެ މީހުންއުޅޭ ހުރިހާ ރަށަކަށް ވަޑައިގެން އެ ރަށްރަށުގައި ރަށްވެހިކަމުގެ ގޮތުން ކުރެވޭނޭ ކަންކަމަކީ ކޮބައިތޯ ބައްލަވައި އެ މަސައްކަތް ފެއްޓެވިއެވެ.

ރަށްވެހިކަމުގެ މަސައްކަތުގައި ހުވަދުއަތޮޅުގެ މީހުންއުޅޭ ކޮންމެ ރަށެއްގައި އެ ރަށެއްގެ ދިގާއި ހުރަހަށް އެއްމަގު ހެދިއެވެ. މިއީ ރަށުގެ އެއްފަރާތުން އަނެއްފަރާތަށް ސީދާކޮށް ހެދުނު މަގުތަކެވެ. ތަނަވަސްކަންހުރި މީސްމީހުން ތިބި ބައެއް ރަށްރަށުގައި އެއްމަގަށްވުރެ ގިނަ މަގުތަކާއި ގޯޅިތައް އަލުން ހެދިއެވެ. މަގުތައް ހެދުމުގެ މަސައްކަތްކުރިއިރު މީހުން ދިރިއުޅޭ ގޯތިގެދޮރު މަގަށް ގޮސް އެތަންތަން ނެތިގެން ނުދާނޭގޮތަށް ނުވަތަ އެފަދަ ތަންތަން އެންމެމަދުން ދާނޭގޮތަށް މަގުހެދޭނީ ކޮންދިމާލަކުން ކިހިނެއްހެދީމާތޯ ދިގު ރުއްރުކާއި ގަސްގަހަށް މީހުންއަރައި ހޯދައި ބަލައިގެން އެ މަސައްކަތްކުރިއެވެ. މިހެން ހަދަންޖެހުނީ އެ ދުވަސްވަރަކީ ސެޓްލައިޓާއި އެހެނިހެން ތަކެތީގެ ވަސީލަތް މެދުވެރިކޮށް ރަށްރަށުގެމަތިން އެ ރަށްރަށް އެކީގައި ފެންނަގޮތަށް ވީޑިއޯ/ފޮޓޯ ނެގެންއޮތް ދުވަސްވަރަކަށް ނުވުމުންނެވެ.

ހަވަރުތިނަދޫ

ރަށްވެހިކަމުގެތެރޭ ހަވަރުތިނަދޫގެ އެއްކޮޅުން އަނެއްކޮޅަށް ދިގުމަގަކާ ރަށުގެ ހުރަހަށް ހަތަރުމަގު ހެދިއެވެ. ވަކިވަކި ބައެއް ގޯޅިތަކަށް ވެސް ބަދަލު ގެނެވުނެވެ. ހަވަރުތިނަދޫ ހުކުރުމިސްކިތުގެ ކުރިމަތީގައި މިހާރުވެސް އެއޮތް މަގުގެ ދެކުނުފަރާތުން ރަށުގެ ޗަސްބިމާ ހަމައަށް އެމަގު ބޮޑުކުރީ އެދުވަސްވަރުއެވެ.

ހަވަރުތިނަދޫ ބިމުގައި ވަޒަންވެރިވީކަމަށް ބެލެވޭ ދެވަނަ އާބާދީއަށް އެރަށުގެމަގުތައް އަލުން ހެދުމުން އެ ރަށުގެ ކުރީގެ މަގުތަކުން "ޝާރިޢުލްއަމީން" ފިޔަވައި އެހެން ހުރިހާމަގެއް ކުރީގެ އިންތަކުން ނެއްޓި ގެއްލިގެން ދިޔައީއެވެ. ނަމަވެސް މިމަގުގެ އިރުމަތީ ފަރާތުގެ ފާރު ތަންކޮޅެއް އެތެރެއަށް ޖެހުން ފިޔަވައި މަގުގެ ތަރަހައަކަށް ބަދަލެއް ނާދެއެވެ. ކުރީގެ ރަށްވެހިކަމުގެ ޒަމާނުގައި ރޭނި މަގުފާރުގެ ބަޔެއް މިހާރުވެސް އެމަގުގެ ހުޅަނގުފަރާތުގެ ފާރުގެ ބައެއް ތަންތާނގައި ފެންނަން އެބަ ހުއްޓެވެ. ހަވަރުތިނަދޫގެ ދެވަނަ އާބާދީގައި މި މަގުގެނަމަކަށް ހަމަޖެއްސީ "އަމީން ރޯޑް" އެވެ. އޭގެ މާފަހުން 2000މ. ގެ އަހަރުތަކުގެ ތެރޭ އެ މަގުގެ ނަން "ޣާޒީމަގު" މި ނަމަށް ބަދަލުކުރިއެވެ.

ރަށްވެހިކަމުގެ ދުވަސްވަރު ހަވަރުތިނަދޫގެ މަގުތައް ހެދިއިރު މަގަށްދާތީ ނަގަންޖެހޭ ގެތަކާއި ތަކެތީގެބަދަލުގެ މައްސަލަ ހަމަޖެއްސީ ރައްޔިތުން އަމިއްލައަށެވެ. މަގުތަކުގެ ފާރުރާނައި ނިންމީވެސް ރައްޔިތުންނެވެ. މަސައްކަތަށް ބޭނުންވާ އުވަ ދެވުމަށްޓަކައި އޭރު ހުރި ކޮޅުނބު ދަތުރުކުރާ ބޮޑެތި އޮޑިފަހަރުގައި ކޫއްޑުއާއި، ކޮނޑޭ ފަދަ ރަށްރަށަށް ދަތުރުކޮށް އުވަދަރު ގެނަ އެވެ. ހަވަރުތިނަދޫއަށް ބޭނުންވާ ގިނަ އުވަ ދެވީ ހަވަރުތިނަދޫގައެވެ. މަސައްކަތުގައި ރަށުގެ ހުރިހާ އަންހެނުން ޖޯޝާއި ފޯރީގައި ޢަމަލީގޮތުން ބައިވެރިވިއެވެ. އެ މީހުންގެ މަސައްކަތުގައި ސަރުކާރުގެ ބޯޓް "ޑަންގީ"ގެ ހުރިހާ ފަޅުވެރީން ބައިވެރިވި ކަމަށް އޭރުގެ ލިޔުންތަކުން އެނގެއެވެ. "ޑަންގީ" އޭރު އޮތީ، ހަވަރުތިނަދޫ ބަނދަރުގައެވެ.

އެފަހަރު ހަވަރުތިނަދޫގެ މީހުން ރަހަދޫގައި ދެވި އުވަވަޅަކީ، 250 ބަސްތާ އުވަ ނެގުނު ވަޅެކެވެ. މިއީ ބޮޑު ޢަދަދެކެވެ. ހަވަރުތިނަދޫގެ ރަށްވެހިކަމުގެ މަސައްކަތަށް ބޭނުންވާ ގިނަ ވެލިތައް ނެގީ، ރަށުގެ ހުޅަނގު ފަރާތުން އަންހެންވެރިން އެކަންޏެވެ. މަސައްކަތްކުރާ ތާކަށް އުފުލަނީ ވެސް އެމީހުންނެވެ. މިމަސައްކަތުގައި ރަށުގެވެރީންގެ އަނބިންނާއި ފައިސާވެރީންގެ އަނބިންނާއި އެހެން އަންހެނުން ތަފާތެއްނެތި ފުރިހަމައަށް އެ މަސައްކަތްކުރިއެވެ. ރަށްވެހިކަމުގެ މަސައްކަތުގައި ފާރު ރާނާ ތަންތަނަށް ހަވަރުތިނަދޫގެ އެންމެ މުއްސަނދި ފައިސާވެރިން ނުކުންނަވައި މިއަދު ހަވީރަށް މިވެނިވަރަށް ރޭނުމުގެ މަސައްކަތް ނިންމައިފިނަމަ، މިހާވަރެއްގެ އިނާމެއް ދެއްވުމަށް ވާދަ ކިޔުއްވައި ބޮޑެތި އިނާމުތައްވެސް މީސްމީހުންނަށް ލިބެމުން ދިޔައެވެ. 

ރަށްވެހިކަމުގެ މަސައްކަތް ފެށިގެން ދިޔައިރު ހަވަރުތިނަދޫގައި ތިއްބެވި އެންމެމުއްސަނދި ފައިސާވެރިންގެތެރޭ، ޙާޖީ މުޙައްމަދު ކަލޭގެފާނު، މޫސާ ހިރިހަމައިދި ކަލޭގެފާނު، އިސްމާޢީލް ޙާޖީ ހިމެނިވަޑައިގަނެ އެވެ. އަދި ޢަބްދުﷲ ކަތީބު ކަލޭގެފާނު، ކަތީބު ޙުސައިން މުޙައްމަދުދީދީ (އޮޅަދީދި ކަތީބު)، ހަވޮއްޑޭ މުދިމްބެ، މުދިމް ޙުސޭން ތަކުރުފާނު، ޙާޖީ ކުޑަތަކުރުފާނު، އަބޫބަކުރު ކަތީބު ކަލޭގެފާނު، ނާއިބު އިސްމާޢީލް ޒާހިރު، ޙުސައިން ކަލޭގެފާނު، ޢަބްދުﷲ ނާޞިރު ކަލޭގެފާނު، މުޙައްމަދު ޖަމީލު ކަލޭގެފާނު، ބޭސް ދޮންކަލޭގެފާނު، ހުވަނދުމާގޭ ޙުސޭންފުތުބެ، އަދި މިނޫނަސް ތަނަވަސް ބޭފުޅުންގެ ފުރިހަމަ އެއްބާރުލެއްވުމާއި ހޭދަކުރެއްވުން ހަވަރުތިނަދޫ ރަށްވެހިކަމުގެ މަސައްކަތުގެތެރޭ އޮތެވެ.

ރަށްވެހިކަމުގެ ދުވަސްވަރު ހަވަރުތިނަދޫގައި ތިއްބެވި ތަނަވަސްކަން ހުރި ގިނަ ބޭފުޅުންނަކީ، މިހާރު ބައެއް ދިމަދިމާލުން ފެންނަމުންދާ ގޮތަށް ފަގީރުންނަށާއި ރަށުގެ މުޅިރައްޔިތަށް މަންފާލިބޭ ކަންކަމުގައި އަތްޕުޅުގެ ހުރިހާ އިނގިލިތައް ލައްޕަވައި މުށް ބާރުކުރެއްވި ބޭފުޅުންނެއް ނޫނެވެ. ފަގީރުންނަށާއި ރައްޔިތުންނާއި ކުރިމަތިވާ ބޮޑެތި ކަންކަމަށް ފިސާރި ދީލަތިކަމާއިއެކު ހޭދަކުރެއްވި ހެޔޮފުޅު ބޭފުޅުންނެވެ. މިއީ އެތައް ފަހަރަކު ފެނި ތަޖުރިބާ ކުރެވިފައިވާ ޙަގީގަތެކެވެ. އެހެނީ، ކިތަންމެ ގިނަ މުދަލާއި ފައިސާ ހުއްޓަސް ދުނިޔެދޫކުރުމުން ގެންދެވޭނޭ އެފަދަ އެއްވެސްއެއްޗެއް ނެތްކަން އެ ބޭފުޅުންނަށް ރަނގަޅަށް އެނގިވަޑައިގަނެ އެވެ.

ހަވަރުތިނަދޫ "ޑޭޒީމަގު" (މިހާރުނަމަ ކުރީގެ އެސްޓީއޯ ފިހާރަ ޢިމާރާތުގެ އުތުރުން ރަށުގެ އިރުމަތިން ހުކުރުމިސްކިތާ ހަމަޔަށް އޮންނަ މަގު)ގެ ދެ ފަރާތު ފާރުގައި އެންމެ ރެޔަކުން އުވަޖަހައި ނިންމާލުމަކީ މަސައްކަތުގެ ބޮޑުކަމަށް ބަލާއިރު ހަވަރުތިނަދޫ ރަށްވެހިކަމުގެ ތެރޭގެ ރެކޯޑެކެވެ. މިހެންމެ، އަލްއަމީރު މުޙައްމަދު އަމީން ހަވަރުތިނަދޫއަށް ވަޑައިގެން ބެއްލެވިއިރު އެ ތާނގެބޭރުގައި އުވަނުޖަހާ ހުރި ހުކުރުމިސްކިތް (މަސްޖިދުލްޣާޒީ މުޙައްމަދުއޭގެ ދެދުވަހެއްގެ ފަހުން އެކިލެގެފާނަށް ފެނިވަޑައިގަތީ އުވަޖަހާފައިހުއްޓައެވެ. މިއީ އެކިލެގެފާނު ޙައިރާންފުޅުވި އަވަސް މަސައްކަތެއްކަމަށް ބުނެވެއެވެ. އެއީ އުވައިން ކުރި މަސައްކަތަކަށްވެފައި އަދި އެއީ ވިއްސާރަ މޫސުމަކަށް ވެސް ވުމުންނެވެ. ހުކުރުމިސްކިތުގެ ބޭރުގައި އުވަޖެހިއިރު ވާރެއިން ހިޔާކުރުމަށް މިސްކިތުގެ ހަތަރުފަރާތުގައި ދަމާފައި ހުރީ، އެ ދުވަސްވަރުގެ ބޭރު ދަތުރުކުރާ އޮޑިފަހަރުގެ ހަތަރެސްކަން ރިޔަލެވެ. 

ދަރަށް ބޭނުންކުރާ ބައެއް ތަކެއްޗާއި އަކިރި އަންދައިގެން އެއިން ނަގާ އުވައަކީ، މިހާރު ފެންނަ ސިމެންތިހާ އަވަހަށް ހިކޭ އެއްޗެއްނޫނެވެ. ވަރަށްލަހުން ހިކޭ އެއްޗެކެވެ. އުވަޔަކީ ކޮން އެއްޗެއްކަމެއް މިހާރުގެ ބައެއް މީހުން ނުވެސް ދަންނާނެއެވެ. އެއީ ކޮން އެއްޗެއްތޯ އަދި ހިކެނީ ކިހާއިރަކުންތޯ އެނގޭނީ އެ ކަންއެނގޭ މީހެއްގެގާތުން އެހީމައެވެ.

ހަވަރުތިނަދޫގެ ރަށްވެހިކަމުގައި އެރަށުގެ ޗަސްބިމުގެ(ކުޅީގެ) މިހާރު "އަބޫބަކުރު ސްކޫލް" ހުރިތާނގެ މެދުން ރަށުގެ ދެކުނުފަރާތު އަތިރިމައްޗަށް ދެވޭގޮތަށް ދުނބުރިން ފާލަމެއް ހެދިއެވެ. މި މަސައްކަތްކުރީ ހަވަރުތިނަދޫގެ ވަޑިން ހިލޭ ސާބަހަށެވެ. އަދި ރަށުގެ އިރުމަތީފަރާތުން ވާރުގެހުންނަ ދިމާލުން ގޮނޑޮދޮށާއި މޫދު، ހިކި ދިޔައިގައި ކުދި ބޮއްކުރާ ދޯނިފަހަރު ނުބީހޭ ވަރަށް ފުންކުރުމަށް އުދަލިން ކޮނެ އެ ދިމާލުން ރަށާއިގުޅޭ ހިސާބުގައި ގަލާއި އުވައިން ތޮށިގަނޑެއް ރާނައި އުވަޖަހައި ރީތި ފާލަމެއްވެސް ހެދި އެވެ. ރަށުގެހުރިހާ ބޮޑެތި މަގުތަކުގެ ދެ ފަރާތުގައި ފާރުރާނައި ކުދިގޯޅިތަކުގެވެސް ގިނަ ގޯޅިގޯޅީގެ ފާރު ރާނައި ރައްޔިތުންނާ ސަރުކާރުގެ ހުރިހާ ޢިމާރާތެއްގައި އުވަޖަހައި ރީތި ކުރެވުނެވެ.

ހުވަދުއަތޮޅުގެ ރަށްވެހިކަމުގެ މަސައްކަތް މުޅިން ނުނިމެނީސް އަތޮޅަކީ ހުރިހާގޮތަކުން ރާއްޖޭގައި އޭރުއޮތް އެންމެ ތަރައްޤީ އެއް އަތޮޅުކަމަށްވި އެވެ. އެއީ އޭރުގެ ސަރުކާރުގެ ވެރިންނާއި އަތޮޅުތަކުގެ ރަށްތައް ދެކިފައިވާ މީހުން އެ ކަން ގަބޫލުކުރި ގޮތެވެ. މިއީ ތެދެއްކަމުގެ ސާފުހެކި އެ ދުވަސްވަރުގެ ހަވަރުތިނަދޫގެ އެކިއެކި ފޮޓޯތަކުންވެސް ލިބެއެވެ.

އަލްއަމީރު މުޙައްމަދު އަމީން ދިވެހިދައުލަތް ހިންގެވުމާއި ޙަވާލުވެވަޑައިގަތީ 20 އޮކްޓޫބަރ 1944މ. ގައެވެ. ނަމަވެސް އޭގެކުރިން ވެސް ދައުލަތުގެ މަތީ މަގާމްތަކެއް އެކިލެގެފާނު އަދާކުރެއްވިއެވެ. އެކިލެގެފާނު ފެށްޓެވި ރަށްވެހިކަމުގެ މަސައްކަތް ހުވަދުއަތޮޅުގައި ފެށުނީ 1950މ. ގައެވެ. އެކިލެގެފާނުގެ ޖުމްހޫރީ ވެރިކަން ފެށުނީ 1 ޖެނުއަރީ 1953މ. ގަ އެވެ. އެހެންވީމާ ރަށްވެހިކަމުގެ މަސައްކަތް ފެއްޓެވީ އެކިލެގެފާނުގެ ރައީސްކަމުގެ ދައުރުގެ ކުރިންނެވެ. މިމަސައްކަތުގައި ހުވަދުއަތޮޅު ހަވަރުތިނަދޫ ފިޔަވައި އެހެން ރަށްރަށުގައި ކުރެވުނު މަސައްކަތުގެ ލިޔުމެއް އަޅުގަނޑަށް ފެނިފައި ނުވެއެވެ. ރަށްވެހިކަމުގައި ހަވަރުތިނަދޫގައި ކުރެވުނު މަސައްކަތުގެ މިންވަރެއް އަޅުގަނޑުގެލޮލަށް ފެނިފައިވުން އެކަށީގެން ވިޔަސް ހަނދާނުގައި އެކަމެއްނެތެވެ. އެއީ އަޅުގަނޑުގެ ޢުމުރުން އެއް އަހަރުގައި ފެށި ކަމަކަށްވާތީއެވެ. ނަމަވެސް ލިޔެވުނުއެއްޗެއް ލިޔެފައި މިވަނީ، ތިނަދޫ ޖަނަވަރީގޭ އަލްމަރުޙޫމް ޙަސަން ޙިލްމީގެ ބައެއް ލިޔުއްވުންތަކާއި އަދި އެދުވަސްވަރުގެ މަސައްކަތް ދެކިފައިވާ ބައެއްމީހުން ދީފައިވާ މަޢުލޫމާތަށް ބިނާކޮށެވެ.

(ހަވަރުތިނަދޫން މީހުން ބޭލިދުވަހުގެ ކަންކަން ހިނގިގޮތާއި އަދި އޭގެފަހުން އެ މީހުން އުޅެންޖެހުނު ޙާލުގެ ވާހަކައަކީ، އަޅުގަނޑުގެ ޢުމުރުން 12 ވަރަކަށް އަހަރުގައި އަމިއްލަޔަށް ވެސް ތަޖުރިބާކުރި ކަމެކެވެ. ދެކުނުގެ ހަމަނުޖެހުމާ ގުޅިގެން ހުވަދުއަތޮޅުގައި ދެ ފަހަރަށް ހިނގައިދިޔަ ކަންކަމުގައި އަޅުގަނޑު ދުށްތަނާއި، ގިނަ ބަޔަކު ދެކިފައިވާ ކަންކަމުގެ ތެރެއިން މަދުނޫން ކަންކަމެއް އަޅުގަނޑު ލިޔެފައިވާތީ އެކަންކަމުގެ ވީނުވީ އެހެން ފަރާތްތަކާ ޙިއްޞާކުރުމަށް އަޅުގަނޑު ބޭނުންނަމަ އޭގެ ދައްޗެއް ނެތަސް ހުވަދުއަތޮޅުގެ ރަށްވެހިކަމާ ގުޅިގެން އަތޮޅުގެ ރަށްރަށުގެ ރައްޔިތުން ކުރި ބުރަ މަސައްކަތުގެ މަޢުލޫމާތެއް އަޅުގަނޑަށް ލިބިފައިނެތުމުން އެކަންކަން އެހެން ފަރާތްތަކާ ޙިއްޞާކުރެވެން ނެތުމަކީ ދެރަކަމެކެވެ.)

ރަށްވެހިކަމުގެ ތެރޭ ހަވަރުތިނަދޫގައި އަލަށްހެދި މަގުތަކުގެ ނަންތައް:

ހަވަރުތިނަދޫ ރަށްވެހިކަމުގެ މަސައްކަތަކީ ސަރުކާރުގެ ކެރިފޯރުންތެރިކަން ހުރިގޮތުން ސަރުކާރުގެ މާލީ އެއްވެސް އެހީތެރިކަމެއް ނުލިބި ރައްޔިތުންގެ ގޭގައިހުރިނަމަ ހުރި އެއްޗެއް އެމީހުންކައިގެން އެމީހުންގެ އަމިއްލަ ކޮނޑުގައި އުފުލަންޖެހޭ އެއްޗެއް އުފުލުމުގެ އިތުރަށް ބައެއްމީހުންގެ ގޯތިގެދޮރާއި ރުއްގަސްފަދަ އެއްޗެހި ނެތިގެންދިޔަ ކަމަކަށްވީ ނަމަވެސް ހަވަރުތިނަދޫގައި ހެދި ހުރިހާ ބޮޑެތި މަގަކަށް ނަން ކިޔާފައިވަނީ އަލްއަމީރު މުޙައްމަދު އަމީނާއި އެކިލެގެފާނުގެ އަނބިކަނބަލަކަށާއި އަދި އެކިލެގެފާނާއި އަރިސްކަން ބޮޑު ބައެއް ބޭބޭފުޅުންގެ ނަންފުޅަށް ނިސްބަތްކޮށެވެ. މިގޮތަށް މިކަންވުމަކީ އިތުބާރުކުރެވޭ ފަދަ މީސްމީހުން އޭގެ އެކަކު އަނެކާއަށް ވިޔަސް އެކަމުގެ ހިތްހަމަނުޖެހުން އެދުވަސްކޮޅު ފައުޅު ކުޅައުން އެކަށީގެންވާ ކަމެކެވެ. އެހެނީ ހަވަރުތިނަދޫގެ ރަށްވެހިކަމަށާއި އަދި އޭގެ ކުރީގައިވެސް އެކި ކަންކަމުގައި އެކި ގޮތްގޮތުން އެރަށަށް ނުހަނުބޮޑެތި ޚިދުމަތްކުރެއްވި އަޝްރާފުން ތިއްބެވިއިރު އެއިން ފަރާތެއްގެ ނަމަށް ނިސްބަތްކޮށް ރަށުގެ ގޯޅިގަނޑަކަށްވެސް ނަން ކިޔާފައި ނުވެއެވެ.


ފަހެ، މިކަހަލަ ކަންކަމުގެ އަޑަކީ އެއިން އަޑެއްގެެ ޚަބަރެއް ލިސާނެއްވިޔަސް ވެއްޖެނަމަ އެދުވަސްވަރު ވާނޭގޮތް ހަމަ އެންމެންނަށް އެނގޭނޭ އަޑަކަށްވާތީވެ އެފަދަ އަޑުތައް އުޅޭނީ ސިއްރު ސިއްރުން ވައިއަޑުން މީސްމީހުންގެ ކަންފަތްބުޑުގައާއި އެނޫންވެސް ރައްކައުތެރި އެކި ގޮތްގޮތުންނެވެ.

 1- ޝާރިޢުލް އަމީން  
(މިނަން ނިސްބަތްވަނީ، އަލްއަމީރު މުޙައްމަދު އަމީނަށް)
2- ނަރުގިސް މަގު  
(މިނަން ނިސްބަތްވަނީ، އަލްއަމީރު މުޙައްމަދު އަމީނުގެ އަނބިކަނބަލުން އަންނަބީލާ ފާޠިމަތު ސަޢީދަށް)
3- ވައިލެޓް މަގު  
(މިނަން ނިސްބަތްވަނީ، އަންނަބީލާ އާމިނަތު ޙުސައިނަށް)
4- ޑޭޒީ މަގު  
(މިނަން ނިސްބަތްވަނީ، އަލްފާޟިލާ އާމިނަތު ފާއިޒާއަށް)
5- އޯކިޑް މަގު  
(މިނަން ނިސްބަތްވަނީވެސް "ޝާރިޢުލް އަމީން"އެކޭ އެއްގޮތަށް އަލްއަމީރު މުޙައްމަދު އަމީނަށް)
  
ރަށްވެހިކަމުގެ ތެރޭ ހަވަރުތިނަދޫގައި ކުރި މަސައްކަތްތަކާ ގުޅިގެން މަޖިލީހަށް އެރުއްވި ބޭކަލުން:

މަޖިލީހަށް އެރުމަކީ، އިހުގައި ދައުލަތުން ދެއްވާ ވަކި ދަރަޖައެއް ލިބުން. މިދަރަޖަ ލިބިފައި ތިބޭ މީހުންނަށް ޢާއްމުގޮތެއްގައި ކިޔައި އުޅެނީ ކަލޭފާނެވެ. ނަމަވެސް ދީދި، ނުވަތަ މަނިކު، ނުވަތަ ތުއްތު ކިޔާމީހަކު މަޖިލީހަށް އަރުވައިފިނަމަ އޭނާގެ ނަމަކަށް ބަދަލެއް ނާންނާނެއެވެ. – ދިވެހިބަހުގެ ރަދީފު

·         ޢަލީ ޡާފިރު ކަލޭގެފާނު (ތާޖަރު ޢަލިކަލޭގެފާނު)
·         ޢަލިކަލޭގެފާނު (މާލިއްޔާ ޢަލިކަލޭގެފާނު)
·         ޙުސައިން ކަލޭގެފާނު
·         ޢަބުދުﷲ ކަތީބު ކަލޭގެފާނު
·         މުޙައްމަދު ނަޖީބު ކަލޭގެފާނު (އަސޭ ދޮންކަލޭގެފާނު)
·         މުޙައްމަދު ޖަމީލު ކަލޭގެފާނު (މޫސަބޭގެ ދޮންކަލޭގެފާނު)
·         ދޮންކަލޭގެފާނު (ބޭސް ދޮންކަލޭގެފާނު)
·         ޙަސަން ކަލޭގެފާނު (ބޭސް ޙަސަން ކަލޭގެފާނު)
·         މުޙައްމަދު ކަލޭގެފާނު (ހުތާބެ)
·         ޢަބުދުﷲ ނާޞިރު ކަލޭގެފާނު (ބޮޑުބެއްޔަގެ ދޮންކަލޭގެފާނު)

ރަށްވެހިކަމުގެ ދުވަސްވަރު ހަވަރުތިނަދޫގައި ތިއްބެވި ޙާޖީ މުޙައްމަދު ކަލޭގެފާނާއި އަބޫބަކުރު ކަތީބު ކަލޭގެފާނު މަޖިލީހަށް އެރުއްވީ އޭގެ އަހަރުތަކެއްގެ ކުރިން ސުލްޠާން މުޙައްމަދު ޝަމްސުއްދީން(3)ގެ ރަސްކަމުގެ ދުވަސްވަރުގަ އެވެ. – ޢަލީ ޙުސައިން ރަންގަލް/ ތިނަދޫ


ހުވަދުއަތޮޅުގެ ރަށްވެހިކަމުގައި އަތޮޅުގެމީހުން އުޅޭ ރަށްރަށުގެ ދިގާއި، ހުރަހަށް ހެދުނު މަގުތަކުގެތެރޭ ރަށުގެ މީހުންނޫޅޭ ބައިގެ ތެރެއިން ގޮނޑުދޮށަށް ހެދުނު މަގުތައް ހަޑިވިޔަނުދީ ބެލެހެއްޓުން ބައެއް ރަށްރަށުގައި ފަހަކުން ނެތެވެ. މުނިފޫހި ފިލުވުމާއި އިށީނދެތިބެގެން އެކަކު އަނެކަކާއި ވާހަކަދައްކައި ހިތްހަމަޖައްސައިލުމަށް ފަރުމާކޮށް ގިނަ ރަށްރަށުގައި ހެދުނު މައިދާންތަކާއި ބުރުތަކާއި ޢިމްރާނީ ހަރުދަނާ ބައެއްތަންތަން ވެސް ރާއްޖޭގެ ސިޔާސީ ވެށްޓަށް އައި ބަދަލަކާ ގުޅިގެން ގިނަ ރަށްރަށުގައި ނެތިކޮށްލުމަށް ހަލާކުކޮށްލެވުނެވެ. އެއީ ރާއްޖޭގެ ބައެއް ދުވަސްވަރު ސިޔާސީވެށީގެ ވަކި ހިސާބަކުން އެ ކަންކަމަށް ވަމުންދާ ގޮތެކެވެ.

މިހެންވީ ރާއްޖޭގެ ނިސްބަތުގައި މަދުބަޔަކު ނުވަތަ އެ ކަމާ އުޅުނު ބަޔަކު އުޅެގެން އަލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާކިލެގެފާނުގެ ވެރިކަން ވައްޓައިލުމާއި ގުޅިގެންނެވެ. ވައްޓައިލުމަކީ ޣައިރު ގާނޫނީ ކަމެއްތޯ ނޫންތޯއެއް ނޫނެވެ. އެ ކަން އެގޮތަށްކުރިއެވެ. އެ ރައީސްގެ އިރުޝާދުގެ ދަށުން މާލެއާއި އަތޮޅުތަކުގެ ރަށްރަށުގައި ކުރި ރަށްވެހިކަމުގެ މަސައްކަތަށާއި އަދި އެ ކިލެގެފާނު ކުރެއްވި ރަނގަޅު ކަންކަމަށްވެސް ނުރުހުމުގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވިއެވެ.

އަމީންދީދީގެ ވެރިކަން ނިމުމާއެކު، ސަރުކާރުން އަތޮޅުތަކަށް ވަފުދުތަކެއް ފޮނުއްވިއެވެ. އެގޮތުން ހުވަދުއަތޮޅަށްފޮނުއްވި ވަފުދުގެ އިސްބޭފުޅަކީ، (ނަން) އެވެ. އޭނާ އަތޮޅުގެއަށްވަޑައިގެން އެންމެ ފުރަތަމަވެސް ކުރެއްވިކަމަކީ، އެތަނުގެ ފާރުގައި ބަހައްޓާފައިހުރި އަމީންދީދީގެ ފޮޓޯފުޅު ބިންމައްޗަށް ވައްޓަވައި، ބިއްލޫރިގަނޑު ތަޅާލައްވައި، ފޮޓޯފުޅަށް ފައިންޕުޅުން އަރުއްވައި އެ ފޮޓޯފުޅު ވީދާލެއްވުމެވެ. ކުރިން ބުނި ރަސްމިއްޔާތައްޓަކައި ހަވަރުތިނަދޫގައި ހަދާފައިހުރި މައިޒާންތަކާއި، އެނޫން ވެސް އެފަދަ ތަންތަން ތަޅުއްވައި ސުންނާފަތިކުރެއްވީ އެ ދަތުރުގައި ވަޑައިގެންނެވި (ނަން) އެވެ. - ލިޔުއްވުން: އަލްމަރުޙޫމް ޢަލީ ނަޞީރު ޒޫރިޔާގެ/ މަޑަވެލި، މަޢުލޫމާތު: އަލްމަރުޙޫމް ޢަބްދުއްޞަމަދު ޙުސައިން މާކޯނި/ ތިނަދޫ

އަލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު ދުވަހަކުވެސް ކުރެއްވި ރަނގަޅުކަމެއް ނެތްހާ ހިސާބަށް އެދުވަސްވަރު ރާއްޖޭގެ ބައެއް ދިމަދިމާލުން އަޑުތައް އިވުނީ މަދެއްކޮށްނޫނެވެ. އަދި އެކިލެގެފާނަކީ، ދިވެހިގައުމަށް ދިމާވި ބަލާވެރިކަމަށް ބައެއް މީހުނަށްވި އެވެ. މުޅި ގައުމަށް ހަލާކާއި ގެއްލުންދެއްވި ބޭފުޅެއްގެ ގޮތުގައި ބައެއްމީހުން ދުއްޓެވެ. މިގޮތަށް ގޮވައި އުޅުނުބަޔަކުވެސް ރާއްޖޭގައި އުޅުނެވެ. "އުފާވެރި ބުލްބުލް ޖުމްހޫރީ"ގެ ސިފައާއި އަދި ކުލަ ބަދަލުކޮށްލީ "ގައުމަށް މެދުވެރިވީ ބަލާ"އަކަށެވެ.

ބޭލި ކެޔޮޅަށްވުރެ ކަނޑުފަޅާއި ގިރިފަރާއި އަދި މަސްވެރިކަންކުރަން ނޭނގޭ މީހަކު، ދުވަހަކު މި އޮޑިން މަހަށް ނުދާކަމަށް ގޮވައި އުޅުމަކީ، ދިވެހިރާއްޖޭގެ ބައެއްމީހުންގެ ކިބައިގައި ހުންނަ ޢަޞްބީ ބަލިމަޑުކަމެކެވެ. ކޮންމެފަހަރަކު ބޮޑު ދޯންޏަށް އަރާ އައު ކެޔޮޅުގެރުހުން އިތުރަށް ހޯދުމުގެބޭނުމުގައި އެ އޮޑީގެ ފަޅުވެރިންގެ ގާތަށާއި އަދި އޮޑީގެ މަސްބަހާ ތަންތަނަށް ގޮސް މަސްކޮޅެއްގެ ބޭނުމުގައި އުޅޭ ބަޔަކު ގޮވާއެއްޗެއް އެހެން މަދުބަޔަކު ވިޔަސް ގޮވައިއުޅުމަކީ، ދިވެހި ރާއްޖެއިން ފެންނަމުންދާ ކަމެކެވެ. ފަހުގެ ތާރީޚަށް ބަލާއިރުވެސް އެ ކަން ނެތެކޭ ދެންނެވެން ނެތެވެ.  

މުލީގޭ ޝަމްސުއްދީންގެ ކެޔޮޅުކަން ނިމުމުންވެސް އެއަޑު އިވުނުވަރެއްގައި އިވުނެވެ. ޙަސަން ނޫރައްދީން(ސާނީ) ގެ އަޑު މަޑެވެ. އަމީންދީދީގެ ކެޔޮޅުކަން ނިމުމުން ކުރިން އިވިފައިވާ އަޑެއް ދެންމެވެސް އެއިވުނީތާއެވެ. މުޙައްމަދު ފަރީދުގެ ކެޔޮޅުކަން ނިމުމުން އަޑުމަޑެވެ. އެ ކެޔޮޅަށް ހަމްދަރުދީގެ އަޑު މާ ގަދަވީކަން ނޭނގެއެވެ.  އެކަމަކު ކޮންމެވެސްއަޑެއް މުޅިން ނެތީކީނޫނެވެ. ދެން ނާޞިރެވެ. އެ ކެޔޮޅުގެ އަޑުތައް ވަރަށްގަދައެވެ. ދެން މައުމޫނެވެ. އެކަމަކު މިކެޔޮޅުގެ އަޑު، ބާލާ އެހެން ކެޔޮޅުންތަކާ އަޅައިބަލާއިރު ފަރިހީގެ ސިފައިގައި އިވެންވީ ވަރަށްވުރެ، ތަންކޮޅެއް ލާހިކުހެން ހީވާންއުޅެއެވެ. ބޭލިކެޔޮޅު މައުމޫންގެ ކެޔޮޅުކަމުގައި އެ މަނިކުފާނަށް ހަދާފައިވާ ރައިވަރުތައް އޭރު ކިޔައިއުޅުނު ވަރާ ބަލާއިރު ކެޔޮޅުބޭލުމުން އިވުނުލެއް މަދެވެ. ޔަގީނުން އަމީނާއި ނާޞިރު ކެޔޮޅު ބޭލުމުން އިވުނުވަރަކަށް ނުއިވެއެވެ.
              -------------------
"ޢަބުދުﷲ ޙިލްމީ"
މަޢުލޫމާތު: އަލްމަރުޙޫމް ޙަސަން ޙިލްމީ ޖަނަވަރީގެ/ ގދ. ތިނަދޫ (ލިޔުއްވުން) 
23 ޑިސެމްބަރ 2012މ.