ޑަންގީގެ ޖަގަޑާ


"ޖަގަޑާ" ކިޔަނީ ދެކޮޅުވެރިކަމަށެވެ. އަރާރުންވުމަށެވެ. ގަޑުބަޑު ކުރުމަށެވެ. ޖަގަޑާ ހެދުމަކީ ގަޑުބަޑު އުފެއްދުމެވެ. ޖަގަޑާގެ މާނަކުރުމަށް ބަލާނަމަ އެއީ ބަޣާވާތެއްނޫނެވެ. ބަޣާވާތަކީ ގާނޫނާއި ޚިލާފަށް ސަރުކާރު ބަދަލުކުރުމަށް ކުރާ މަސައްކަތެވެ. ޢާއްމުގޮތެއްގައި މާލެފިޔަވައި ރާއްޖޭގެ އެހެން ރަށްރަށުގައި ހިނގަނީ ޖަގަޑާއެވެ. ބަޣާވަތްކުރުމަށް މަޝްހޫރު ރަށަކީ މާލެއެވެ. ގާނޫނާއި ޚިލާފަށް ސަރުކާރު ބަދަލުކުރުމަށް މަސައްކަތްކުރުމަކީ މާލޭގެ ބިމުގެ ފަށަލައަށް ޖެހިފައިވާ ނުފިލާ ބައްޔެކެވެ. 


ހުވަދުއަތޮޅު ތިނަދޫގައި "ޑަންގީގެ ޖަގަޑާ" ކިޔައި އުޅުނީ 1961މ. ގައި އެ ރަށުގައި ހިނގި ކަމަކަށެވެ. މިއީ 15 ޖޫން 1961މ. ބުރާސްފަތި ވިލޭރޭ ހުވަދުއަތޮޅުގެ  ދެވަނަ ހަމަނުޖެހުން ހިންގި ބޮޑުންގެމީހުން ހައްޔަރުކޮށްގެން "ޑަންގީ"ގައި މާލެގެންދަން އެެ  ރަށުގައި ރޭވުނު ޙަރަކާތެވެ.

މި ޙަރަކާތަށް އެ ދުވަސްވަރު "ފަތުޙީގެ ޖަގަޑާ" ވެސް ބައެއްމީހުން ކިޔައި އުޅުނެވެ. މި ޙަރަކާތުގައި އެންމެ އިސްކޮށް އުޅުއްވުމުން އެކިވަރުގެ އަދަބު ތަޙައްމަލްކުރެއްވި ފަރާތްތަކުގެތެރޭ ހަވަރުތިނަދޫ އަތިރީގޭ މޫސާ ފަތުޙީ އާއި، ހަވަރުތިނަދޫ ހަލަވެލި މުޙައްމަދު ޙިލްމީ އާއި، ހަވަރުތިނަދޫ ޗާނދަނީގޭ އާމިނަތު ނަފީސާ އާއި، ހަވަރުތިނަދޫ ހިކިފިނިފެންމާގޭ މޫސާ ރިފުޢަތާއި، ހަވަރުތިނަދޫ ހުސްނުހީނާގޭ ޝަރީފާ ޝީރީން ކަނބުލޭގެފާނު(މާނެލް ދޮންބީފާނު) އާއި ގެމަނަފުށީ ދޮންމަނިކު ހިމެނެއެވެ.

"ޑަންގީ ގެ ޖަގަޑާ" ރޭވިފައިވަނީ ހުވަދުއަތޮޅުގެ  ދެވަނަ ހަމަނުޖެހުން ހިންގި ބޮޑުންގެ ތެރެއިން ފުރާނައެއް ނެތިގެން ދިޔަސް ދެން ތިބި ބޮޑުން "ޑަންގީ" ގައި މާލެ ގެންގޮސް ދިވެހިސަރުކާރާއި ޙަވާލުކުރުމަށެވެ. ހުވަދުއަތޮޅުގެ  ދެވަނަ ހަމަނުޖެހުން ހިންގިއިރުު "ޑަންގީ" އޮތީ ހަވަރުތިނަދޫގެ ބަނދަރުގައެވެ. އެ ބަނގަލާ ބޯޓް ހަވަރުތިނަދޫއަށް ދިޔައީ އެދުވަސްވަރު އެރަށުގައި ހުޅުވައިފައިވާާ ދިވެހިސަރުކާރުގެ ކުންފުނިތަކުގެ ވިޔަފާރި ގޮފިތަކަށް މުދާ ހިފައިގެންނެވެ. ހުވަދުއަތޮޅުގެ ދެވަނަ ހަމަނުޖެހުމުގެ ބޮޑުން "ޑަންގީ" ގައި މާލެ ގެންގޮސް ދިވެހިސަރުކާރާއި ޙަވާލުކުރުމުގެ ދަތުރަށްޓަކައި އޭރު ޑަންގީގެ ސަރަނގު ކޮއްކޮ ޙުސައިންގެ އެހީތެރިކަން ވެސް "ޑަންގީ ގެ ޖަގަޑާ" ރޭއްވެވި ފަރާތްތަކުން ވަނީ ހޯއްދަވާފައެވެ.

"ޑަންގީ"ގެ ޖަގަޑާގައި އޭގެ ބޭނުން ޖެހިއްޖެނަމަ ބޭނުން ކުރުމަށްޓަކައި ހަވަރުތިނަދޫ ހުކުރުމިސްކިތުގައި ހުކުރުޚުޠުބާ ވިދާޅުވާ އިމާމުގެ ވައަތްޕުޅުން އެދުވަސްވަރު ހިފަހައްޓަވާފައި ހުންނަ ކަޑިވެސް އޮތީ އޭގެ ބޭނުން ކުރެވޭގޮތަށް ރަނގަޅަށް ތޫނުކޮށްފައެވެ. މި ޙަރަކާތަށް ނުކުންނަވަން ހަމަޖެހިފައި އޮތީ ހަވަރުތިނަދޫ ރައްޔިތުން ކާޑެއްދޫ އޮޅުހެއްދުމުގެ މަސައްކަތަށް ދާ ދުވަހެއްކަމަށްވާ ހޮނިހިރު ދުވަހުއެވެ. ނަމަވެސް ކަން ދިމާވިގޮތުން މި ޙަރަކާތުގެ ކުރިން މިޚަބަރު ކޮންމެވެސް ގޮތަކުން ހުވަދުއަތޮޅުގެ ދެވަނަ ހަމަނުޖެހުމުގެ ބޮޑުންނާއި ހަމައަށް ދިޔުމުން "ޑަންގީގެ ޖަގަޑާ"ގެ ބޮޑުން ހިފައި ހައްޔަރުކުރީއެވެ. މީގެތެރޭ އެޖަގަޑާގެ ބައެއް ބައިވެރިންނަށް އެކި ވަރުގެ ގޯނާއާއި ވެސް ކުރިމަތިވުމަށްފަހު އޭގެ ބައެއް މީހުން ހުވަދުއަތޮޅުގެ މީހުންއުޅޭ ބައެއް ރަށްރަށާއި ބައެއް ފަޅުރަށްރަށަށް ވެސް އަރުވައިލީއެވެ. ނުވަތަ ފޮނުވައިލީއެވެ. ހުވަދުއަތޮޅުގެ ދެވަނަ ހަމަނުޖެހުން ނައްތައިލެއްވުމަށް އެދުވަސްވަރުގެ ބޮޑުވަޒީރު އިބްރާހީމް ނާޞިރު ހަވަރުތިނަދޫއަށް ވަޑައިގަތްއިރު ވެސް "ޑަންގީ" ޖަގަޑާގެ ބައެއް ފަރާތްތައް ތިއްބެވީ "ޖަގަޑާ"ގެ އެ އަދަބުގައެވެ.

ނޯޓް:
ހުވަދުއަތޮޅުގެ  ދެވަނަ ހަމަނުޖެހުން ހިންގި ބޮޑުންގެމީހުން ހައްޔަރުކޮށްގެން "ޑަންގީ"ގައި މާލެގެންދިއުމަށްޓަކައި "ޑަންގީގެ ޖަގަޑާ" ރޭވުނީ ދިވެހިސަރުކާރާއި ވަކިވެގަތުމަށްޓަކައި ދެވަނަފަހަރަށް ހުވަދުއަތޮޅުގައި ހިންގި  ދެވަނަ ހަމަނުޖެހުމަކީ އެގޮތަށް ދެމި ނޯންނާނެެ ކަމެއްކަން "ޑަންގީގެ ޖަގަޑާ"ގެ އިސް ބައިވެރިންނަށް ކަށަވަރުވުމުން ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. މިކަށަވަރުކަން އެމީހުންނަށްް ލިބިފައިވަނީ، އިނގިރޭސި ސަރުކާރާއި ދިވެހިސަރުކާރާއި ދެމެދު 14 ފެބްރުއަރީ 1960މ. ގައި ކުރެވިފައިވާ މަޝްހޫރު "އޯލްޕޯޓް އެގްރީމަންޓް" އާއި ގުޅިގެން އިނގިރޭސި ސަރުކާރުގެ ފަރާތުން ދިވެހިސަރުކާރަށް ފޮނުއްވި ސިޓީއެއްގައި ދިވެހިސަރުކާރު ފިޔަވައި ރާއްޖޭގެ އެހެންތަނެއްގައި އޮންނަ ސަރުކާރެއް އިނގިރޭސި ސަރުކާރުން ގަބޫލުކޮށް އެސަރުކާރެއް ދެމެހެއްޓުމަށް އެހީތެރިވެ ނުދެއްވާނެކަން ލިޔުއްވާފައިވާކަން އެނގިފައިވާތީއެވެ. "އޯލްޕޯޓް އެގްރީމަންޓް" ކުރެވުނީ 14 ފެބްރުއަރީ 1960މ. ގައެވެ. ހުވަދުއަތޮޅުގެ ދެވަނަ ހަމަނުޖެހުން ހިންގާފައިވަނީ 15 ޖޫން 1961މ. ގައެވެ.  
                                      ----------------------
ޢަބުދުﷲ ޙިލްމީ
16 ފެބްރުއަރީ 2013