ހުވަދުއަތޮޅު ތިނަދޫ ޗަސްބިމާއި ކުޅީގެ ވީޑިއޯ
ހުވަދުއަތޮޅު ތިނަދޫ ދެކުނުފަރާތުގައި ޗަސްބިމަކާއި އަދި އެ ތަނާއި ގުޅިފައިވާ ކުޅިއެއް އޮތް ދުވަސްވަރެއް މާޒީގެ ތެރެއަށް ގެއްލިދިޔަތާ 19 އަހަރު ވެއްޖެ އެވެ. މިހެންވުމުން މިފަދަ ތަނެއްގެ ފޮޓޯއާއި ވީޑިއޯއަކީ ތާރީޚީ މުހިއްމު އެއްޗެއްކަމަށް އަޅުގަނޑަށް ހީވެ އެވެ. 

ހީވެއޭ ދެންނެވީ ޔަގީނާއި ގާތަށް އަޅުގަނޑަށް ހީވާހީވުން ވެސް ބައެއްފަހަރު ޙަގީގަތަކަށްނުވާތީ އެވެ. މިހެންވީ ނަމަވެސް ތިނަދޫއާއި ގުޅިފައިވާ ބިމެއްގައި މިކަހަލަ ޗަސްބިމަކާއި އަދި އެ ތަނާއި ގުޅިފައިވާ ކުޅިއެއް އަލުންފެނުމަކީ ދުނިޔެވީ ސުންނަތާއި އެއްގޮތްވާ ކަމަކަށް ނުވާނެތީ މީގެ 19 އަހަރުކުރިން ތިނަދޫ ދެކުނުފަރާތުގައި އޮތް ޗަސްބިމާއި އަދި އެ ތަނާއި ގުޅިފައިވާ ކުޅީގެ ފޮޓޯއާއި ވީޑިއޯއަކީ ތާރީޚީ މުހިއްމު އެއްޗެއްކަމަށް ދެކޭ ފަރާތްތައް މަދެއްނުވާނެ އެވެ. 


ހަވަރުތިނަދޫގެ ދެވަނަ އާބާދީ އެ ރަށުގައި ވަޒަންވެރިވީ 1966މ. ގަ އެވެ. މިއީ 1962މ. ގައި ހަވަރުތިނަދޫން މީހުން ބޭލިއިރު އެ ރަށުގައި އޮތް އާބާދީ އަނެއްކާ އެ ރަށަށް ގެންގޮސްގެން އުފެދުނު އާބާދީ އެއްނޫނެވެ. 1962މ. ގައި ހަވަރުތިނަދޫން ބޭލިމީހުން އަލުން އެ ރަށަކަށް ނުގެންދެ އެވެ.

ހަވަރުތިނަދޫގެ ދެވަނަ އާބާދީގައި ރަށުގެ ކޮންމެ ބްލޮކްއަކުން 5000 އަކަފޫޓުގެ 8 ގޯތިދީ ނިމުނުއިރު ރަށުގެ ހިކިފަސްބިން ވަނީ (ގާތްގަނޑަކަށް) ހުސްވެފައެވެ. ބިމުގެ ދަތިކަންވަނީ ބޮޑުވެފަ އެވެ. މިހެންވުމުން ރަށުގެ ފަޅު ފުންކުރުމާއެކު އެ ތަނުންނެގޭ ވެލިން ބިންހިއްކުމުގެ މަސައްކަތް ފުރަތަމަފެށީ 29 މާރޗް 1988މ. ގަ އެވެ.

ތިނަދޫގެ ބިމުގެ ދަތިކަން ޙައްލުކޮށްދެއްވުމަށް ސަރުކާރުން ނިންމަވައި އެމަސައްކަތުގެ އެކި ފިޔަވަހި އެ ރަށުގައި ހިންގާފައިވެ އެވެ. މިގޮތުން ތިނަދޫ ދެކުނުފަރާތުގެ ޗަސްބިމާއި އެ ތާނގައި އޮންނަ ކުޅިއަށް ވެލިއަޅައި އެތާނގައި މީހުން ދިރިއުޅެވޭނޭގޮތް ހެއްދެވުމަށް ސަރުކާރުން ނިންމަވައި އެ މަސައްކަތްފެށީ 1997މ. ގަ އެވެ. އޭރު ތިނަދޫ ބަނދަރުހެދުމުގެ މަސައްކަތްވަނީ ނިމިފަ އެވެ. 

ތިނަދޫ ބިންހިއްކުމުގެ މަސައްކަތުގެ ތެރެއިން ތިނަދޫއާއި އެ ރަށުގެ އުތުރުފަރާތު ފަޅުތެރޭ އޮންނަ މާފުއްޓާއި ދެމެދަށް ވެލިއަޅައި ބިން ހިއްކުމާއި ތިނަދޫ ހުޅަނގުފަރާތުގެ ދެ ތުނޑި ( ދެ މުލި) ދޭތެރެއަށް ވެލިއަޅައި ބިން ހިއްކުމުގެ މަސައްކަތް ފެށީ 1 ނޮވެމްބަރ 2000މ. ގަ އެވެ. 

ތިނަދޫ ޗަސްބިމާއި ގުޅިފައިވާ ކުޅިއަކީ އެކި ދުވަސްވަރު ބޭނގުއަޅައި ހަމަޖެހިފައިވާ އުޞޫލާ އެއްގޮތަށް އެ ތަކެތީގެ ބޭނުންކުރި ތަނެކެވެ. ބޭނގު އަޅާފައި އޮންނަ ދުވަސްކޮޅު އެ ތާނގެ ދެކުނުފަރާތުން ކަނޑުތެރެއަށް ދެވިދާގޮތަށް އޮންނަ ކެނޑުން ބައްދައި އެ އެއްޗިއްސަށް އެ ތަނުން ނުކުމެގެން ނުދެވޭގޮތް ހަދަ އެވެ. އަދި އެކި ދުވަސްވަރު އެ ތަނަށް އަންނަ އެކިކަހަލަ ދޫނި ހިފުމުގެ މަސައްކަތަކީ ވެސް ކުރި ބަޔަކު ޝައުގުވެރިކަމާއެކު ކުރި މަސައްކަތެކެވެ.

ތިނަދޫގެ މި ޗަސްބިމާއި އެ ތަނާއި ގުޅިފައިވާ ކުޅި އޮތް ދުވަސްވަރު އެ ތާނގައި ކުރި އެންމެ ފާހަގަކުރެވޭ މަސައްކަތަކީ ހަވަރުތިނަދޫގެ ރަށްވެހިކަމުގެ ދުވަސްވަރު 1953މ. ގައި ޗަސްބިމާއި އެ ތަނާއި ގުޅިފައިވާ ކުޅި ހުރަސްކޮށް ރަށުގެ އެންމެ ދެކުނުފަރާތު އަތިރިމައްޗަށް (ކަފެނާ އޮންނަ ދިމާލަށް) ދެވޭގޮތަށް ދުނބުރިން ފާލަމެއް ހެދުމެވެ. މި މަސައްކަތްކުރީ ހަވަރުތިނަދޫގެ އެ ދުވަސްވަރުގެ ވަޑިން ހިލޭ ސާބަހަށެވެ.

ތިނަދޫގެ ދެކުނުފަރާތުގެ ޗަސްބިމާއި ކުޅިއަކީ ވިއްސާރަވެ ވާރޭވެހި ނުވަތަ ދިޔަވަރުބޮޑުވާ ބައެއް މޫސުމުގައި  އެ ތަންތާނގައި ފެން ބޮޑުވެ، އެހިސާބުގެ ކައިރީގައިވާ ގޯތިތަކާއި މަގުތަކަށް ވެސް ފެންބޮޑުވުމުގެ އުދަނގުލާއި ކުރިމަތިވަމުންދާ ތަންތަނަށްވާތީ މި ފެންތައް ބޭރުވާގޮތަށް އެ ތަނާއި ޖެހިގެން އޮންނަ ބަރާސީލު އަވަށުގެ އުތުރުން ރަށުގެ އިރުމަތީފަރާތު ފަޅުތެރެއަށް ފެންދެމޭ ކޯރެއް ހެދީ ހަވަރުތިނަދޫ އަލްމަރުޙޫމް ޙާޖީ މުޙައްމަދު ކަލޭގެފާނުގެ އަތޮޅުވެރިކަމުގެ ދުވަސްވަރު އެވެ.

ތާރީޚީ މަޢުލޫމާތާއި ފޮޓޯފަދަ ތަކެތި އަނެކުންނާއި ޙިއްޞާނުކޮށް އޭގައި ބަގުޑިބައްދައިގެން ތިމާއާއެކު އެ ތަކެތި ކަށްވަޅަށް ގެންދަން ނުއުޅޭށެވެ. – ބުއްދިވެރި ވާހަކައެއް

ތިނަދޫ ޗަސްބިމާއި އެ ތަނާއި ގުޅިފައިވާ ކުޅި ހިއްކައި އެ ތާނގައި ޢިމާރާތްކުރި އެންމެ މުހިއްމު ތަނަކީ "އަބޫބަކުރު ސްކޫލް" އެވެ. މި ސްކޫލް ހުޅުވީ 13 ޖޫން 2004މ. ގަ އެވެ.


      ތިނަދޫ އަބޫބަކުރު ސްކޫލް ޢިމާރާތްކުރުމުގެ މަސައްކަތުގެ ތެރެއިން 


              ތިނަދޫ ޗަސްބިމާއި ކުޅީގެ ވީޑިއޯ


ތާރީޚާއި މަޢުލޫމާތަށްޓަކައި މި ވީޑިއޯ ފޮނުއްވައިދެއްވި ކަމަށްޓަކައި އަލްފާޟިލް މުޙައްމަދު ޝަރީފު ހ. ތެވެލި/ މާލެ އަށް ވަރަށްބޮޑަށް ޝުކުރު ދަންނަވަމެވެ.


ނޯޓެއް:

މިވީޑިއޯ ބެލެނޭ ޕްލަގް ނުވަތަ ސޮފްޓްވެއަރ ނެތް ފޯނުތަކުން މިވީޑިއޯ ނުފެނުން އެކަށީގެންވެ އެވެ. ނަމަވެސް ވަރަށްގިނަ ކޮމްޕް. ލެޕްޓޮޕް ފަދަ ވަސީލަތްތަކުން މިވީޑިއޯ ފެންނާނެ އެވެ.
                  ---------------
ޢަބުދުﷲ ޙިލްމީ
05 އޮކްޓޫބަރ 2016މ.

ވީޑިއޯ: އަލްފާޟިލް މުޙައްމަދު ޝަރީފު ހ. ތެވެލި/ މާލެ
މަޢުލޫމާތު: "ގަލެހިރި" އެޑްމިން