ހަވަރުތިނަދޫގެ ފުރަތަމަ މަދަރުސާ

ހުވަދުއަތޮޅު ތިނަދޫގެ ފުރަތަމަ މަދަރުސާއަކީ، ހުވަދުއަތޮޅުގެ ވެސް ފުރަތަމަ މަދަރުސާކަމަށްވާ "މަދަރުސަތުލް އަޞްބާޙު" އެވެ. ހުވަދުއަތޮޅުގެ އަތޮޅުވެރިޔާ ހަވަރުތިނަދޫ ޙާޖީ މުޙައްމަދު ކަލޭގެފާނުގެ އަތޮޅުވެރިކަމުގެ ދުވަސްވަރު އޭނާގެ އިސް ނެންގެވުމާއި އެހީތެރިކަމާއެކު 17 ޖުމާދިލްއައްވަލް 1350ހ. (2 އޮކްޓޫބަރ 1931މ.) ގައި ތިނަދޫގައި ހުޅުވި "މަދަރުސަތުލް އަޞްބާޙު" ހިމެނިގެންދަނީ ޚިދުމަތްތެރި ހަރުދަނާ ޢިލްމީ ބިންގަލެއްކަމަށެވެ.

"މަދަރުސަތުލް އަޞްބާޙު" ހުޅުވުމާއެކު ތިނަދޫ ފިޔަވައި ހުވަދުއަތޮޅުގެ ރަށްރަށުގެ ބައެއް ކުދިންވެސް އެ މަދަރުސާއިން ތަޢުލީމު ޙާޞިލްކުރުމަށްފަހު ރަށްރަށުގެ ވެރިންނާއި ނައިބުންނާއި މުދައްރިސުންނާއި އެނޫންވެސް މަގާމްތަކުގައި ރަށަށް ޚިދުމަތް އަދާކޮށްފައިވެއެވެ. "ހުވަދުއަތޮޅުގެ ރަށްރަށަށް ތަޢުލީމާ ތަހްޒީބާ ތަމައްދުނު ގެންގޮސްދެއްވި އިސް މޭސްތިރިންނަކީ އެއީކަމަށް ހުވަދުއަތޮޅުގެ ތާރީޚު ދިރާސާކުރެއްވި ބޭފުޅެއްކަމަށްވާ މަޑަވެލީ ޒޫރިޔާގޭ އަލްމަރުޙޫމް ޢަލީ ނަޞީރު ލިޔުއްވާފައިވެއެވެ.

"މަދަރުސަތުލް އަޞްބާޙު"ގެ ފުރަތަމަ ނާޒިރަކީ، އައްޝޭޚް ޙުސައިން ޞަލާޙުއްދީން އަރިހުން ދަސްވެނިވި ބޭފުޅެއްކަމަށްވާ އައްޝޭޚު މުޙައްމަދު ފަހުމީ ފާއިޒް (ދެކުނުގޭ ދޮންމަނިކު) އެވެ. "މަދަރުސަތުލް އަޞްބާޙު"ގެ ނާޒިރެއްގެ މަސައްކަތް ކުރެއްވުމަށް މީނާ ހުވަދުއަތޮޅަށް ވަޑައިގަތީ ހުވަދުއަތޮޅުގެ އަތޮޅުވެރިޔާ ޙާޖީ މުޙައްމަދު ކަލޭފާނު މާލެ ވަޑައިގަތް ދަތުރުފުޅެއްގައި އާދަކާދައިގެ މަތީން އަތޮޅުގެ ޙާލުއަޙުވާލު ދަންނަވައި އަތޮޅުގެ ތަޢުލީމީ ކަންކަން ރަނގަޅުކުރުމުގެ މަގެއް ފަހިވޭތޯ އެ ވާހަކަ ރަސްގެފާނުގެ އަރިހުގައި ދެންނެވުމުން އަތޮޅުގެ ތަޢުލީމީ ކަންކަން ރަނގަޅުކުރެއްވުމަށް ރަސްގެފާނު ފޮނުއްވީމާ ކަމަށް ހުވަދުއަތޮޅުގެ ތާރީޚު ދިރާސާކުރެއްވި ބޭފުޅެއްކަމަށްވާ މަޑަވެލީ ޒޫރިޔާގޭ އަލްފާޟިލް ޢަލީ ނަޞީރު ލިޔުއްވާފައިވެއެވެ.

"މަދަރުސަތުލް އަޞްބާޙު"ގެ ނަމަށް އެކި ދުވަސްވަރު އެކި ބަދަލު އައިސްފައިވެއެވެ. އެގޮތުން "މަދަރުސަތުއް ސުބުލައްސަލާމް" އަށާއި "މަދަރުސަތުލް އަމީރު އިބްރާހީމް" އަށް އެ މަދަރުސާގެ ނަން ބަދަލުވެފައިވެއެވެ. 1962މ. ގައި ތިނަދޫން މީހުން ބޭލުމާ ހަމައަށް "މަދަރުސަތުލް އަމީރު އިބްރާހީމް" އެ ރަށުގައި ހުއްޓެވެ. މިލިޔުމުގެ މަތީގައިވާ ފޮޓޯއިން ފެންނަ ބޮޑު ޢިމާރާތަކީ "މަދަރުސަތުލް އަމީރު އިބްރާހީމް" ފުރަތަމަ ހިންގި ޢިމާރާތެވެ.

"މަދަރުސަތުލް އަޞްބާޙު"ގެ ފުރަތަމަ ނާޒިރު އައްޝައިޚް ދެކުނުގޭ ދޮންމަނިކަކީ ބައެއް ފަންނުގައި އެދުރުންނަށް ވުރެ ދަރިވަރުން މޮޅުވާނެޔޭ ބުނެވޭބަހުގެ މިސާލަކަށް ފުދޭ ބޭފުޅެކެވެ. ޢަރަބިބަހުން އޭނާ ހެއްދެވި "މާލިލް ކަވާކިބް" ޅެމަކީ ޢަރަބިބަހާއި، އެ ބަހުގެ ޤަވާޢިދުގެ ތެރެއަށް އޭނާ ވެދެވަޑައިގެން ހުންނެވި މިންވަރު ރަނގަޅަށް އެނގޭ މޮޅު ޅެމެކެވެ. އަދި ޝައިޚް ޙުސައިން ޞަލާޙުއްދީން ނެރުއްވި ރަބީޢުލްއައްވަލް މަހުގައި ކިޔާ ދުޢާތަކުގެ ތެރޭ ވެސް އެ މަނިކުފާނުގެ ދަރިވަރު ޝައިޚް ދެކުނުގޭ ދޮންމަނިކު ހެއްދެވި ދުޢާއެއް ހިމެނެއެވެ. ޢަރަބި ތަޢުލީމަކީ، އެ ދުވަސްވަރު، އަދި މި ދުވަސްވަރު ވެސް މާލެފިޔަވައި ރާއްޖޭގެ ގިނަ ރަށްރަށަށް އެހާ ޢާއްމު ތަޢުލީމެއް ނޫންކަމަށް ވިއަސް "މަދަރުސަތުލް އަޞްބާޙު"ގައި ޢަރަބި ތަޢުލީމު ދެއްވަން ވެސް އެ މަދަރުސާގެ ފުރަތަމަ ނާޒިރު ޝައިޚް ދެކުނުގޭ ދޮންމަނިކު ފެއްޓެވިއެވެ.

ޝައިޚު ދެކުނުގޭ ދޮންމަނިކަކީ ޢުމުރުފުޅުގެ ފަހުކޮޅުގައި މަތިވެރި ﷲ އަށް އަޅުކަން ކުރެއްވުމުގައި ރޭދުވާ ހޭދަކުރެއްވި ބޭފުޅެކެވެ. އަޅުކަމުގެ ގިނަ ވަގުތުގައި އޭނާ ކީރިތިކުރައްވާ އަޑުފުޅު ގެއިން ބޭރަށް އިވޭ ކަމުގައި ބުނެވެއެވެ. އޭނާ އަވަހާރަވީ ޢުމުރުފުޅުން 67 އަހަރުގައި ނަމާދުގެ ސަޖިދައިގައި އޮންނަވަނިކޮށެވެ.
              -------------------

ޢަބުދުﷲ ޙިލްމީ
22 ސެޕްޓެމްބަރ 2015މ.