ހުވަދޫ ރަންއަޑުގެ ވެރިޔާ މަރިޔަމް ޙިލްމީ

ހުވަދުއަތޮޅު މިހާތަނަށް ދެކިފައިވާ އެންމެރީތި އެންމެ ހިތްގައިމު އަޑުގެ ވެރިޔަކީ ހުވަދުއަތޮޅު ތިނަދޫ ސްޓާރލިންގ މަރިޔަމް ޙިލްމީ (މަރިޔަމްދީދީ) ކަމަށް ވަރަށް ގިނަބަޔަކު ގަބޫލުކުރެ އެވެ. އޭނާ ވަރަށްކުޑައިރު ފެނުމުގެ ޙިއްސަށް ދިމާވި ކަމެއްގެ ސަބަބުން އެ ކަމުގެ އުނިކަމެއް ހުއްޓަސް އެ ޙިއްސުގެ ފުރިހަމަ ބައެއް އޭނާގެ ސިކުނޑިއަށް ވަނީ ގުދުރަތުން ހަދިޔާކުރައްވާފަ އެވެ. ކުޑައިރުއްސުރެ ލަވަޔާއި ރާގަށް ވަރަށްބޮޑު ޝައުގުވެރި ކަމެއް ބެހެއްޓެވުމާ އެކު ލަވައެއް ޅެމެއްފަދަ އެއްޗެއް އެހާ އަވަހަށް ދަސްކޮށްލެއްވުމަކީ ވަރަށް ފަސޭހަ ކަމެކެވެ. އޭނާ ވަރަށް ކުޑައިރު ހިންދީފިލްމް މަދަރ އިންޑިޔާގެ "ނަގަރީ ނަގަރީ" މި ލަވަ ދަސްކުރެއްވި އެވެ. 

ތިނަދޫއާއި އެހެން ބައެއް ތަންތާނގައި ބާއްވާ މުހިއްމު ޖަލްސާތަކާއި އެކިއެކި ޙަފުލާތަކުގައި ވެސް ތަފާތު ރާގުތަކުން މަރިޔަމް ޙިލްމީގެ ރީތިއަޑު އިވިފައިވެ އެވެ. ރާއްޖެއަށް މަޝްހޫރު "ފެންމީރުވި ރީތި ރަށޭމީ، ރޫޙުވަނީ ތިނަދޫގަޔޭ" މި ލަވަ މުޅި ރާއްޖެއަށް ތަޢާރަފްކޮށް ދިން އަޑުގެ ވެރިޔަކީ ވެސް މަރިޔަމް ޙިލްމީ އެވެ. އެ ލަވަޔަކީ ތިނަދޫގެ ސްކޫލްތަކުގެ ލަވަ މުބާރާތެއްގައި މަރިޔަމް ޙިލްމީގެ ގާތް ކޮއްކޮއެއް ކަމަށްވާ ތިނަދޫ ޕިންކްރޯޒް ޞަބާޙު ނަޞީރު ކިޔުމަށް ތިނަދޫގެ މަޝްހޫރު ޝާޢިރު އަލިދޯދި އަލްފާޟިލް ޢަބުދުﷲ ޢަފީފު ހެއްދެވި ލަވައެކެވެ.

އޭގެ މާފަހުން ތިނަދޫ އާބާދީ ފަންސަވީހުގެ އައިޓަމެއްގައި ބޭނުންކުރުމަށް އެ ލަވަޔަށް ބައެއް ބައިތުތައް ޢަފީފު އިތުރު ކުރައްވައި ތިނަދޫ ސަންރޭ އަލްފާޟިލާ ޒާހިދާ އަންވަރު ވެސް އެ ލަވަ ކިޔުއްވި އެވެ.

ތަފާތު މުނާސަބާތަކުގައި ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިންނާ އެކު މަރިޔަމް ޙިލްމީ ލަވަ ކިޔުއްވި އެވެ. މާލެއާއި ރާއްޖެތެރޭގެ އެކި ރަށްރަށުގެ އެކި ކާނިވާތަކާއި ޙަފްލާތަކުގަ އެވެ. 1968 ގައި ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރީ ވެރިކަން ފެށުމުގެ މުނާސަބާގައި މާލޭގައިބޭއްވި ކާނިވަލެއްކަމަށްވާ "ސިލްވަރ ނައިޓްސް" ކާނިވަލުގެ ސްޓޭޖުން މާލޭ ޒަމާނީ މިއުޒިކްކްލަބްގެ ބޭންޑާއެކީ މަރިޔަމް ޙިލްމީ ކިޔުއްވި ލަވަޔަކުން ބެލުންތެރިންނާއި އެހުންތެރިންގެ ގިނަބަޔަކަށް އެންމެބޮޑު އަސަރެއްކުރުވައި ރޮއްވާލީ ލޯފަންކުއްޖެއްގެ ހިތުގެ ސާބިތު ކަމުންނެވެ. "ތިޔަބުނާ ރޫޙީ އުފާތައް ސިފަ މަށަށް ކޮށްދޭނުހޭ؟" ދަރިފުޅަކު އޭނާގެ މަންމައާއި ކުރި ސުވާލުތަކެއްގެ ސަބަބުންނެވެ. 

"ތިޔަބުނާ ރޫޙީ އުފާތައް ސިފަ މަށަށް ކޮށްދޭނުހޭ؟" މިލަވައިގެ ޝާޢިރާ އަންނަބީލާ އަލްމަރުޙޫމާ އާމިނަތު ޙުސައިން އެ ތާނގައި އިންނެވުމުން އޭނާގެ ލޯފުޅުން އެ ވަގުތު ކަރުނަފޮދު އޮހިގެންދިޔަ އެވެ. އެއީ އޭގެ އެތައް އަހަރެއްގެ ކުރިން ލޯފަންކުއްޖަކާ މެދު އެ ކަމަނާގެ ހިތްޕުޅުގައި އުފެދުނު ޚިޔާލީ ޝުޢޫރެއްގައި ގުދުރަތުގެ ފިހިން ޙަގީގީކުލަ ޖެހިގެން ދިޔަ ފުރިހަމަ ކަމުންނެވެ.

ދިވެހިރާއްޖޭގެ ކީރިތި މަހާރަދުން ޖަލާލަތުލްމަލިކު މުޙައްމަދު ފަރީދުގެ އެދިވަޑައިގަތުމަކަށް ރަސްކަމުގެ ގަނޑުވަރުގައި އެ ރަދުންގެ އަރިހުގައި ވެސް މަރިޔަމް ޙިލްމީ ވަނީ ލަވަ ދަންނަވާފަ އެވެ. އެއީ އެ ރަދުންގެ ރަސްކަމަށް 13 އަހަރު ފުރުމުގެ މުނާސަބާގައި ތިނަދޫގައި ކިޔާފައިވާ ލަވައެކެވެ. ތިނަދޫގެ މަޝްހޫރު ޝާޢިރު އަލިދޯދި ޢަބުދުﷲ ޢަފީފު ހައްދަވާފައިވާ "ޝުކުރޭ ފޮނުވާނީ ވެދުމޭ މިކުރާނީ" މި ލަވަ އެވެ. އެހެންނަމަވެސް މި ލަވަ ރަދުންގެ އަރިހުގައި ދެންނެވުނީ އެ ރަދުންގެ ރަސްކަމަށް 15 އަހަރުފުރުނު ރޭގަ އެވެ. 

ލަވަ ދެންނެވީމާ "ތިޔައީ މި މުނާސަބާއަށް ތައްޔާރުކުރި ލަވައެއްތޯ؟" ރަދުން އެއްސެވި އެވެ. ޖަވާބުގައި މަރިޔަމް ޙިލްމީ ދެންނެވީ "މިއީ ރަސްކަމަށް 13 އަހަރު ފުރުމުގެ މުނާސަބާގައި ތިނަދޫގައި ކިޔާފައިވާ ލަވައެއް"ކަމަށެވެ. 

1974 ގައި އޮލިމްޕަސް ސްޓޭޖުގައި އޭރުގެ މަޝްހޫރު މިއުޒިކް ބޭންޑް "އޮލިމްޕިއަންސް" އާ އެކު ވެސް މަރިޔަމް ޙިލްމީ ވަނީ ލަވަ ކިޔުއްވާފަ އެވެ. އަދި ހަވަރުތިނަދޫ  ސްޕޯރޓްސް ކްލަބުން 1972 ވަނަ އަހަރު ތިނަދޫގައި ބޭއްވި "ސްޕޯރޓްސް" ކާނިވަލާއި، 1973 ވަނަ އަހަރު އައްޑުއަތޮޅު ހިތަދޫގައި ބޭއްވި "ނައިންޓީ ނައިޓްސް" ކާނިވަލުގައި މާލޭގެ "ދަ ކޯބްރާޒް" ބޭންޑާ އެކު ވެސް ރާއްޖޭގެ އޭރުގެ މަޝްހޫރު ލަވަކިޔުންތެރިންނާ އެކީ މަރިޔަމް ޙިލްމީ ވަނީ  ލަވަ ހުށަހަޅުއްވާފަ އެވެ.

މަރިޔަމްޙިލްމީ ކިޔުއްވާފައިވާ ގިނަ ލަވަތައް ހައްދަވާފައި ވަނީ ތިނަދޫ އަލިދޯދި އަލްފާޟިލް ޢަބުދުﷲ އަފީފެވެ. ތިނަދޫގެ މަޝްހޫރު ޝާޢިރާ އަލްފާޟިލާ ރަޝީދާ އިބްރާހީމްގެ ގިނަ ލަވަތަކެއް ވެސް މަރިޔަމް ޙިލްމީ ވަނީ ކިޔުއްވާފަ އެވެ. ދެން އެހެން ބައެއް ޝާޢިރުންގެ ލަވަތައް ވެސް އޭނާ މަދުން ކިޔުއްވި އެވެ. 

ހަވަރުތިނަދޫ ސްޕޯރޓްސް ކްލަބްގެ މިޔުޒިކް ބޭންޑްގެ އެންމެ ވިދުންގަދަ ދުވަސްވަރަކީ މަރިޔަމް ޙިލްމީ އެ ބޭންޑަށް ބައެއް ލަވަ ކިޔުއްވާދެއްވި ދުވަސްވަރެވެ. އެ ދުވަސްވަރު މާލެ ފިޔަވައި ރާއްޖެތެރޭގެ އެންމެ މަޝްހޫރު ބޭންޑެއްގެގޮތުގައި މަޝްހޫރު ލަވަކިޔުންތެރިޔާ މަސްއޮޑި އަލްފާޟިލް އިބްރާހީމް ޙަމްދީ ފާހަގަކުރައްވާ ބޭންޑަކީ ވެސް ހަވަރުތިނަދޫ ސްޕޯރޓްސް ކްލަބްގެ މިޔުޒިކް ބޭންޑެވެ. އެކަމުގެ އެންމެބޮޑު ސަބަބަކީ މަރިޔަމް ޙިލްމީގެ ރަންއަޑާއި އެ ބޭންޑާއި ގުޅިފައިވުމެވެ. އެ ބޭންޑަކީ އިބްރާހީމް ޙަމްދީއާއި މާލޭ ޒަމާނީ މިޔުޒިކްގެ ހުނަރުވެރި ފަންނާނުންގެ އިރުޝާދާއި ތަމްރީން ލިބިފައިވާ ބޭންޑެކެވެ. 

މި ބޭންޑުގެ ގިނަ ލަވަތައް ހައްދަވާ ދެއްވާފައި ވަނީ ތިނަދޫގެ އޭރު ވެސް މިހާރު ވެސް މަޝްހޫރު މޮޅު ދެ ޝާޢިރުންނެވެ. ޢަބުދުﷲ ޢަފީފާއި، އަދި ރަޝީދާ އިބްރާހީމެވެ. މި ބޭފުޅުން ތިނަދޫގައި ވަޑައިގެން ނޫޅުއްވާ ވަގުތުތަކުގައި މިއުޒިކް ބޭންޑަށް އެހެންގޮތެއް ނެތީމާ، ކުރަކިކޮށް ވިޔަސް ލަވައިގެރާގަށް ފެތޭހެން މާލޭ ބަހުރުވައިން ނޫނީ ތިނަދޫ ބަހުރުވައިން ކޮންމެވެސް އެއްޗެއް ކިޔޭތޯ އެ ދުވަސްވަރު އަޅުގަނޑު ވެސް ބަލައިފައިވާނެ އެވެ. ނަމަވެސް އަޅުގަނޑަކީ ޝާޢިރެއް ނޫނީމެވެ. އެނގޭވަރަކީ ޝާޢިރުންނަކީ ކޮބައިކަމެވެ.

މަރިޔަމްޙިލްމީ އަކީ ލަވަކިޔުމުގެ ރޮނގުން 1982 ވަނަ އަހަރު ޢާއްމު ޚިދުމަތުގެ އިނާމު ޙާޞިލްކުރެއްވި ފަރާތެކެވެ. އަދި އޭނާވަނީ ރާއްޖޭގެ ކުރީގެ ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބުދުލް ޤައްޔޫމުގެ އަރިހުގާ ވެސް ލަވަ ދަންނަވައިފަ އެވެ.

މަރިޔަމް ޙިލްމީގެ އަޑު އައްސަވައިލެއްވުމަށް:

                              ----------------

ޢަބުދުﷲ ޙިލްމީ
25/12/2012

ލަވަހެއްދެވީ: އަލްފާޟިލް ޢަބުދުﷲ ޢަފީފު އަލިދޯދި/ ގދ. ތިނަދޫ
މިޔުޒިކް: އަލްފާޟިލް އަޙުމަދު އަންވަރު ސަންރޭ/ ގދ. ތިނަދޫ