ކިޔާނޭނަމެއް ނޭނގުނު ވާހަކައެއް











އިންސާނީ ދަރިދަރިކޮޅާއި ޢާއިލާތައްހޯދައި ބެލުމަކީ އެކަމަށް ޝައުޤުވެރިވާ ބަޔަކު ކުރާކަމެކެވެ. މިއީ ގިނަ ޙާލަތްތަކުގައި ބޭނުންތެރިކަމަކަށް ވާއިރު މިފަދަ މަސައްކަތެއްކުރާ ބަޔަކަށް ލާޒިމް ކަންކަމެއް ހުރެއެވެ. އޭގެތެރޭ ހޯދުނުއެއްޗެއް ރައްކައުތެރިކަމާއެކު ބެލެހެއްޓުމާއި ތިމާފިޔަވައި އަނެކުންނަށްވެސް އޭގެ ބޭނުމެއް ޖެހިދާނެކަމަށްޓަކައި އެހޯދުނުއެއްޗެއް އަނެކުންނަށްވެސް ރައްދުކޮށްދިނުން ހިމެނެއެވެ. މިކަމުގެސަބަބުން މީހެއްގެ ޢާއިލާއަކީކޮބައިތޯ ނޭނގި އެކަމަށް ބޭނުންވެފައިހުރި މީހަކަށް އެމީހެއްގެޢާއިލާ އެނގުމުގެ ބޭނުންތެރިކަމާއި ފަސޭހަތައްވެސް ލިބިގެންދެއެވެ. އެހެންނޫނީ އެހޯދުނުއެއްޗަކީ ނުހޯދޭ އެއްޗަކާއި އެއްވަރުވީއެވެ. ނުކުރާކަމަކާއި ހަމަހަމަވީއެވެ. އެ ހޯދުނުއެއްޗެއް ހޯދި މީހަކާއެކު ކަފުންކޮށް ވަޅުލެވުނީއެވެ.

ދިވެހިރާއްޖޭގެ ދުވަސްވީ ދަރިދަރިކޮޅުތައް އިތުބާރުހުރިގޮތެއްގައި ލިޔުއްވައި އެކަންކަން ވަރަށްބޮޑަށް އެނގިވަޑައިގެންނެވި ބޭފުޅުންތިއްބެވިއެވެ. ޝައިޚު ޞަލާޙުއްދީން ލިޔުއްވައިފައިވަނީ "އަޙްމަދު ދީދީގެ މަސައްކަތްޕުޅަކީ، ފޮތް ބެއްލެވުމާއި ކުދީންނަށް ކިޔަވައިދެއްވުމެވެ. ދުނިޔޭގެ މަސައްކަތަކަށް ކުރައްވާކަމަކީ ރުއް އިންދެވުމެވެ. ވަރަށްގިނަ ރުއް އިންދަވައިފައިވެއެވެ. އަޙްމަދު ދީދީއަކީ ތާރީޚު ޢިލްމުން ވަރަށް ކުރިއަރައިފައިވާ ބޭފުޅެކެވެ. މި ރާއްޖޭގެ މީހުންގެ ނަސަބުތަކާއި އައްޑޫގެ ވަޤްފުތައް ބެހެވޭ މަގުތަކާއި، އެ ވަރަށް ދަންނާނޭ އަނެކަކު މިހާރަކު ނުފެނެއެވެ." މި އަޙުމަދުދީދީ އަކީ އަލްޤާޟީ އިބްރާހިމް މަޖުދުއްދީނުގެ ދޮންމަނިކެގެ ދަރިކަލެކެވެ. ބައްޕައަކީ ޙާޖީބަންޑާރައިންގެ އިބްރާހިމް ފާމުލަދޭރި ކިލެގެފާނުގެ ޢާއިޝަތުދީދީގެ މީދޫ ގަނޑުވަރު ޙަސަން ދީދީގެ އެޅެގޭ މުޙައްމަދު ދީދީ އެވެ.

ރަސްމީދަތުރެއްގައި ހުވަދޫ ތިނަދޫއަށްވަޑައިގެން އުޅުއްވި ޕޮލިސް އޮފިސަރ ރޭންކެއްގެ އަންހެންބޭފުޅަކު އޭނާގެއަމިއްލަ ބޭނުންފުޅެއްގައި އަޅުގަނޑާއި ބައްދަލުކުރައްވައި ވިދާޅުވިއެވެ. 
"އެކުއްޖެއްގެ ހަނދާންނުހުންނަ ޢުމުރެއްގައި އޭނާގެ މައިންބަފައިން މާލެއަތޮޅު ގުރައިދޫގައި ދުނިޔެދޫކުރުމުން މާލޭގެޢިއްޒަތްތެރި އަންހެންބޭފުޅެއްގެ ބެއްލެވުމުގައި ދަށުގައި މާލޭގައި ގެންގުޅުއްވި ނާޝިޔާ (އަޞްލު ނަމެއްނޫން) މިހާރު ތިމަންނާ އެބަ ގެންގުޅެމެވެ. އޭނާ ބޮޑުވެ މީހަކާއި ކައިވެނިކުރަންޖެހުނު އިރު އޭނާގެ ވަލީވެރިޔަކީ ކާކުތޯވެސް ހޯދަން ޖެހިފައިވެއެވެ. ނާޝިޔާއަކީ ގުރައިދޫގައި އުޅުނު ހަވަރުތިނަދޫގެ ދެމަފިރިއެއްކަމަށް ބުނެވޭ ދެމަފިރިއެއްގެ ކުއްޖެކެވެ. ނަމަވެސް އޭނާގެ ޢާއިލާއަކީކޮބައިކަމެއް ނާޝިޔާއަށް ވެސް ނޭނގެއެވެ. ގުރައިދޫގެ ބަޔަކަށްވެސް އެކަމެއް ނޭނގުނެވެ. ޙިލްމީމެންނަކީ ޢާއިލާލިޔުމުގެ މަސައްކަތްކުރާ ބަޔެކޭ ބުނެވޭއަޑެއް އަހަމެވެ. އެހެންވީމާ ނާޝިޔާއަކީ ހަވަރުތިނަދޫގެ ކޮން ބަޔެއްގެކުއްޖެއްތޯ އެނގޭނޭގޮތެއް ވެއްޖެއްޔާ އަހަންނަން އަންގައިދީފިއްޔާ ވަރަށް ރަނގަޅެވެ."

އެބޭފުޅަކު މިވާހަކަ ވިދާޅުވުމުން މާލެއަތޮޅު ގުރައިދޫގައި ދިރިއުޅުއްވާ އަޅުގަނޑުމެންނާއި ގާތް އަންހެނަކާއި ގުޅޭނޭ ފޯނުނަމްބަރެއް ހޯދައިގެން އޭނާއާއި ފޯނުންގުޅައި އަޅުގަނޑު އަހައިލީމެވެ. 
"ގުރައިދޫގައިއުޅުނު ހަވަރުތިނަދޫގެ ދެމަފިރިއަކު ނިޔާވިއިރު އެމީހުންގެ ހުރި ތުއްތު އަންހެންކުއްޖެއް މާލޭގެ އަންހެންބޭފުޅަކު ގެންދެވިހެއްޔެވެ؟" 
އޭނާ ބުންޏެވެ. "އާއެކެވެ. ގެންދެވީ މިވެނި ބޭފުޅެއްކަމަށް ބުނާއަޑު އަހަމެވެ. އެކަމަކު އެއްކުއްޖާގެ މައިންބަފައިންގެ ޢާއިލާއަކީކޮބައިކަމެއް ނޭނގެއެވެ. އެކުއްޖާގެމަންމަ ނިޔާވީ ބައްޕައަށްވުރެ ފަހުންނެވެ. އެމީހުންގެނަމެއް މިހާރަކު ހަނދާނެއްނެތެވެ. އެއީ ކުރީގެބަޔެކެވެ. އެއިންމީހެއްގެ ނަން އެނގޭތޯ އުޅޭނަމެވެ."

ދެތިންދުވަސް ފަހުން އަނެއްކާވެސް އަޅުގަނޑު ގުޅައިފީމެވެ. 
އޭނާބުންޏެވެ. "އެކުއްޖާގެ މަންމައަކީ ކޮންމެވެސް އައިސާދިޔެ އެކެވެ. ބައްޕައަށް ކިޔަނީ މުޙައްމަދެވެ. އެއީ ހަވަރުތިނަދޫގެ ކޮންބަޔެއްކަމެއް އެނގޭމީހަކު މިރަށަކު ނެތެވެ." އިތުރު މަޢުލޫމާތެއް ނެތެވެ.

ދެން އަޅުގަނޑު އުޅެންޖެހުނީ ތިނަދޫގެ ދުވަސްވީ ގިނަ ބަޔެއްގެގާތަށް ގޮސް ހަވަރުތިނަދޫ އައިސާދިޔެ ކިޔާ އަންހެނަކާއި މުޙައްމަދު ކިޔާ ފިރިހެނަކު މާލެއަތޮޅު ގުރައިދޫގައި ކައިވެނިކޮށްގެން އުޅުނުކަން އެނގޭތޯ ބަލާށެވެ. މިކަންބެލިއިރު ތިން ހަތަރު އައިސާދިޔެއާއި ގިނަ މުޙައްމަދުތަކެއް މަތިވިއެވެ. ނަމަވެސް އެކި އައިސާދިޔެ ވަކިވަކިން ބެލިއިރު މުޙައްމަދެއް ކައިވެނިކޮށްގެން ގުރައިދޫގައި އުޅުނު އައިސާދިޔެއެއް ނުފެނުނެވެ. ނަމަވެސް އައިސާފާނެއް ގުރައިދޫގައި އުޅުނުކަމާއި އަދި އޭނާއާއި އޭނާގެފިރިމީހާ ނިޔާވީކަމާއި ނިޔާވީއިރު އެމީހުންގެ ތުއްތުކުއްޖެއް ހުރިކަންވެސް އެނގިއްޖެއެވެ. ނަމަވެސް މިއީ ހަވަރުތިނަދޫގެ ކޮން ބަޔެއްކަމެއް މި މަޢުލޫމާތު ދިން ބަޔަކަށްވެސް ނޭނގުނެވެ.  

ދެން އޭގެ ހަޔެއްކަދުވަސް ފަހެވެ. އަޅުގަނޑު މަސައްކަތްކުރަމުން ދިޔަ އޮފީހުގެ ވަޟީފާއެއްގައި ހުންނެވި ބޭފުޅެއްގެ އަރިހުގައި އަޅުގަނޑު ދެންނެވީމެވެ. 
"ހަވަރުތިނަދޫ ތަންކޮޅެއްކުރީގެ އައިސާފާނެއް ގުރައިދޫއަށް ގޮސް އެރަށުގައި އުޅުނުތޯއެވެ؟" 
އިރުކޮޅެއްވަންދެން ވިސްނެވުމަށް ފަހު އޭނާ ވިދާޅުވިއެވެ. 
"އާއެކެވެ. އެއީ މިވެނިމީހަކާއި އެއްބަނޑު އައިސާފާނެކެވެ. ތަންކޮޅެއްކުރިން މާލެދިޔަ ދަތުރެއްގައި ގުރައިދޫއަށްދެވުމުން އެ އައިސާފާނު ނިޔާވެއްޖެ ޚަބަރުލިބުނެވެ. އޭނާ އިދެގެންއުޅުނީ (ޢާއިލީނަމެއް ވިދާޅުވެފައި) މިވެނި މުޙައްމަދަކާ އެވެ. ބޭބެ (ތިނަދޫ ޖަނަވަރީގޭ ޙަސަން ޙިލްމީ) ލިޔުއްވި ހަވަރުތިނަދޫގެ ކުރީގެ މީސްމީހުންގެ ޢާއިލާފޮތުން މި މުޙައްމަދަކީ ކޮން ބަޔެއްގެ ކާކުކަން އެނގިދާނެހެން ހީވެއެވެ." 
މިބޭފުޅެއްގެ ޖަވާބުން "އަލިމަގެއް" ފެނިދާނެކަމުގެ އުއްމީދުބޮޑުވިއެވެ. ހިތަށްއެރިއެވެ. މީދޫ އެދުރުގޭ އަޙުމަދު ދީދީ އާއި (އިސްދޫ، ދިޔަމިގިލީ ދަރިކޮޅުން) ތިމާގެބޭފުޅުންގެ ތެރޭގައި ވެސް މިފަންނުގެ ބޭފުޅުން އެބަ އުޅުއްވާތާއެވެ. 

އެބޭފުޅަކު އެވިދާޅުވި ފޮތް އަޅުގަނޑު ބަލައިލީމާ (އެ ޢާއިލީ ނަމުގެ) މުޙައްމަދު އެނގުނެވެ. އަދި އައިސާފާނު ވެސް އެނގުނެވެ. ނަމަވެސް މުޙައްމަދުގެ ޢާއިލާވަނީ ވަނަވަރުލިޔުއްވާ ބޭބޭފުޅުން ލިޔުއްވާހެން "ޙުޖުބު" ވެފައެވެ. މިހެންވެ އައިސާފާނާއި އެއްބަނޑު އެއްބަފާ ފިރިހެނެއްގެ ރަނގަޅު ދިރިއުޅުމެއް އުޅޭ އަންހެންދަރިއަކާއި ބައްދަލުކޮށް އަޅުގަނޑު އެހީމެވެ. 
"ބައްޕައާއި އެއްބަނޑު އެއްބަފާ އައިސާފާނެއް އުޅުނުހެއްޔެވެ؟"
އޭނާބުންޏެވެ. އެއީ އައިސާފާނެއް ކަމެއް ނޭނގެއެވެ. އަހަރެމެން ހަނދާންހުންނަ ޢުމުރުގެ ކުރިން ބައްޕައާއި އެއްބަނޑު އެއްބަފާ ދައްތައެއް "ފޮނުވާލި" އަޑެއް އޮވެއެވެ. އޭގެފަހަކުން އަހަންނަކަށް އެ ދައްތަގެ ޚަބަރެއްނެތެވެ."

އަޅުގަނޑު ބުނީމެވެ. 
"ތިބާގެދައްތަގެ ނާޝިޔާ ކިޔާ އަންހެންދަރިއަކު އެބަ އިނެވެ. އެއީ ތިބާއާއި ދެބެންގެދެދަރި ކުއްޖެކެވެ. އޭނާ ވަރަށް ތުއްތުއިރު މަންމައާއި ބައްޕަވެސް ނިޔާވުމުން ބޮޑުވެފައި އެއިނީ ތިމާގެބަޔެއްވެސް ނޭނގޭ ޔަތީމު ކުއްޖެއްގެ ގޮތުގައެވެ. ނާޝިޔާ ގެންގުޅުއްވީ ދެ އަންހެންބޭފުޅެކެވެ. އެބޭފުޅުން އޭނާއަށް ވަރަށްހެޔޮފުޅެވެ. އޭނާއާއި ފޯނުންގުޅޭނޭ ގޮތެއް ހަދައިދޭނަމެވެ. ނާޝިޔާއާއި ގާތްކަން ބާއްވައި ހެޔޮކޮށްހިތައި ކޮންމެވެސްދަތުރެއްގައި އޭނާ މިރަށަށްވެސް ގެނެސް ތިމާގެމީހުން އޭނާއަށް އަންގައި ދައްކައިދީ އޭނާއާއި ގާތްކަން ބާއްވާށެވެ. އަދި މިވެނި ރަށެއްގައި އެއިން ނާޝިޔާއާއި ތިބާމެންގެ ދައްތައާއި ތިޔަޢާއިލާގެ އެހެން މީހުންނަށްވެސް މިޚަބަރު ދޭށެވެ."

ހަނދާން ނުހުންނަ ޢުމުރުގައި މައިންބަފައިން ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރުމުން ޔަތީމުވި ނާޝިޔާއަކީ ކުރީގެ ހަވަރުތިނަދޫގެ ވަރަށްރަނގަޅު ޤަދަރުވެރި ޢާއިލާއެއްގެ ކުއްޖެކެވެ. ނާޝިޔާގެމަންމަ ޢާއިޝާފާނުގެ މާފަގެ ބައްޕައަކީ ހަވަރުތިނަދޫ ބޮޑު ކަތީބު ކަލޭގެފާނުގެ އަޙުމަދު ކަތީބު ކަލޭގެފާނުގެ ކަތީބު ޢަލިތަކުރުފާނެވެ. ޢާއިޝާފާނުގެ މާފަގެ މަންމައަކީ ހަވޮއްޑޭ ތިރުގޭ އަޙުމަދު ކަލޭގެފާނުގެ ޙައްވާ ކަނބުލޭގެފާނުގެ އާމިނާފާނެވެ. އައްޑުއަތޮޅު ހިތަދޫ ދޮންކޮއްޔެގެ ޢަލިތައްޚާނު (މޭނާ ކަލޭގެފާނު) ވެސް މި ޙައްވާ ކަނބުލޭގެފާނާއި ކައިވެނިކުރައްވައި ބޭފުޅުން ލިބިވަޑައިގެންފައި ވެއެވެ. ހަވޮއްޑޭ ތިރުގޭ އަޙުމަދު ކަލޭގެފާނަކީ ހުވަދުއަތޮޅުގެ ވާރުވެރިކަންކުރެއްވި ބޭފުޅެކެވެ. ޢާއިޝާފާނުގެ މާފަގެ މާފައަކީ ހުވަދުއަތޮޅުގެ މަޝްހޫރު ރާގުޅި އަޙުމަދު ކަލޭގެފާނެވެ. މިއީވެސް ހުވަދުއަތޮޅުގެ ވާރުވެރިކަންކުރެއްވި ބޭފުޅެކެވެ. ތިން ފަހަރަށް މީނާގެ މުދައު ސަރުކާރަށް ނެންގެވިކަމަށް ބުނެވޭ ހުވަދުއަތޮޅު މިހާތަނަށް ދުށް އެންމެ މުއްސަނދި ފަރާތެވެ.  

ނާޝިޔާއަކީ ކޮންބަޔެއްގެ ކުއްޖެއްތޯ ބެލުމަށް އަޅުގަނޑާއި ޙަވާލުކުރެއްވި ނާޝިޔާގެ އޭރުގެ ބަލަދުވެރިފަރާތަށް މިހުރިހާ މަޢުލޫމާތެއް އަޅުގަނޑު އެރުވީމެވެ. އަދި ނާޝިޔާއާއި ވެސް ފޯނުން އަޅުގަނޑާއިގުޅުނެވެ. އޭރު ނާޝިޔާއަށް ވަނީ  ބަޔާންކުރަން ނޭނގޭ ފުން އަސަރުތަކެއްކޮށްފައި ކަން އަޅުގަނޑަށް އެނގުނެވެ. އޭނާއަކީ ކޮން ޢާއިލާއެއްގެކުއްޖެއްތޯ ބެލުމަށް އަޅުގަނޑަށްކުރެވުނު މަސައްކަތަށް ޝުކުރުއަދާކުރިއެވެ. ޖަވާބުގައި އަޅުގަނޑުބުނީ:
"ހުރިހާ ޝުކުރަކާއި ޙަމްދެއް ޙައްޤުވެގެންވަނީ މަތިވެރި ﷲ ގެ ޙަޟްރަތަށެވެ. އެމަތިވެރި ކަލާނގެއީ މިކަން ހާމަވެގެންދިޔުމުގެ އިންސާނީ ވަސީލަތަކަށް އަޅުގަނޑާއި ނާޝިޔާގެ އަދުގެ ބަލަދުވެރިފަރާތް މެދުވެރިކުރެއްވި ކުޅަދުންވަންތަ ފަރާތްޕުޅެވެ. ގާތްތިމާގެމީހުންނާއި ގުޅިގެން ބާއްޖަވެރި ދިރިއުޅުމަކަށް ނާޝިޔާ ކުރިމަތިލާށެވެ. މަތިވެރި ﷲ ހެޔޮތައުފީޤު ދެއްވާނެތެވެ." 

އޭގެފަހުން އަޅުގަނޑާއި ނާޝިޔާއާއި ބައްދަލުވެފައިވެސް ވެއެވެ. ނާޝިޔާއަކީ ތިނަދޫގައި ތިބި އޭނާގެ ތިމާގެމީހުންނާއި ވަރަށް ވައްތަރުގޮތެއް ހުރި ކުއްޖެކެވެ. އަޚުލާޤު ރަނގަޅުކުއްޖެކެވެ.

ނާޝިޔާގެ ހަނދާން ނުހުންނަ ޢުމުރުގައި މައިންބަފައިން ނިޔާވެ އޭނާގެޢުމުރުން 18 އަހަރަށްވުރެ ގިނަ ދުވަސްވީފަހުން އޭނާގެ ގާތްތިމާގެ މީހުންނާއި ހަމައަށް އޭނާ ވާޞިލްކޮށްދެއްވައި އިސްލާމީ ރިވެތި ތިމާގެކަމުގެގުޅުމުން ގުޅިގެން އުޅެ ދިރިއުޅުން އާރާސްތުކުރުމުގެ މަތިވެރި ނަޞީބާއި ފުރުޞަތުދެއްވީ މަތިވެރި ﷲ ގެ ކުޅަދުންވަންތަކަމުގެ ބޮޑުކަމާއި އެމަތިވެރި ފަރާތްޕުޅުގެ އޯގާވަންތަކަމެވެ. އަޅުގަނޑު ނާޝިޔާއަށް ވިސްނައިދެވޭތޯ އަބަދުވެސްބަލާނީ މަތިވެރި ﷲ ގެ އޯގާވަންތަކަމާއި ރަޙުމަތުގެ ބޮޑުކަމެވެ. އެމަތިވެރި ފަރާތްޕުޅުގެ މަދަދާއި ވާގިފުޅާއެކު މެނުވީ އެއްވެސް މަޚުލޫޤަކަށް ކުރެވޭނޭ އެއްވެސްކަމެއް ނޯންނާނެއެވެ. އެމަތިވެރި ފަރާތްޕުޅަށް ޝުކުރުކުރުމުގައި ދެމިހުރުމަށް ނާޝިޔާއަށް ނުހަނު އިޚްލާޞްތެރިކަމާއެކު ނަޞޭޙަތްތެރިވަމެވެ. އަދި ނާޝިޔާއަށް ބާއްޖަވެރިޙަޔާތަކަށް އެދެމެވެ.
                  -------------------

ޢަބުދު ޙިލްމީ
11 އޮކްޓޯބަރ 2012މ.