ހަވަރުތިނަދޫ ދެވަނަ އާބާދީގެ ފުރަތަމަ ހުކުރުނަމާދު ކުރުންހަވަރުތިނަދޫގެ ދެވަނަ އާބާދީ, އެ ރަށުގައި (22 އޯގަސްޓް 1966މ. ހޯމަ ދުވަހު) ވަޒަންވެރިވުމަށްފަހު، ފުރަތަމަ ހުކުރުނަމާދު ކުރީ ޖެހިގެން އައި ހުކުރު ދުވަސްކަމަށްވާ 26 އޯގަސްޓް 1966މ. ގަ އެވެ. މި ލިޔުމުގެ މަތީގެ ފޮޓޯއިން އެ ފެންނަނީ ހަވަރުތިނަދޫގެ ދެވަނަ އާބާދީ އެ ރަށުގައި ވަޒަންވެރިވުމަށްފަހު ފުރަތަމަ ހުކުރުނަމާދު ކުރި އެ ރަށުގެ ހުކުރުމިސްކިތް (މަސްޖިދުއްސުލްޠާން މުޙައްމަދު) އޭރުވެސް ހުރި ގޮތެވެ.

ހަވަރުތިނަދޫގެ ދެވަނަ އާބާދީގެ ފުރަތަމަ ހުކުރުގެ ހުކުރުޚުޠުބާ ވިދާޅުވެ އިމާމްވެ ހުކުރުނަމާދު ކުރެއްވީ ހުކުރުމިސްކިތުގެ މުދިމް އަދި ގުރުއާނާއި ދީނިއްޔާތު(އިސްލާމް) މުދައްރިސް، ހަވަރުތިނަދޫ ފެންފިޔާޒުގޭ އަލްފާޟިލް އަލްމަރުޙޫމް ގާސިމް ރަޝާދު (ކާސިންފުތުބެއްޔާ)އެވެ. އެ ދުވަހު ވަގުތު ބަންގިއާއި ހުކުރުބަންގި ދެއްވީ (ބަންގިގޮވީ) ހަވަރުތިނަދޫ ނާއިބު އެ ރަށު ޗާންދު އަލްފާޟިލް އަލްމަރުޙޫމް މުޙައްމަދު ރަޝާދެވެ. މި ހުކުރުނަމާދުގައި ހަވަރުތިނަދޫގެ އެ ދުވަސްވަރުގެ ވެރިންކަމަށްވާ ކަތީބު ޙަސަން ޙިލްމީ، ކުޑަކަތީބު މޫސާ ފަތުޙީ، އަދި ކުޑަކަތީބު ޢަބުދުއްޞަމަދު ޙުސައިން އާއި ރަށުގެ ކަމުވޮށިގެންވާ ގިނަ ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

ހަވަރުތިނަދޫން މީހުން ބޭލުމާ ހަމައަށް ވެސް ހުކުރުމިސްކިތުގެ މިންބަރުގައި ހުންނަވައިގެން ހުކުރުދުވަހުގެ ޚުޠުބާ ވިދާޅުވާ ޚަޠީބުގެ ވާތްޕުޅުން ހިފަހައްޓަވައިގެން ހުންނަވަނީ ކޮން ދުވަސްވަރަކުން ފެށިގެން އޭގެ ބޭނުންކުރަމުން ގެންދާ އެއްޗެއްކަން އެނގެން ނެތް ކަނޑިއެކެވެ. ހަވަރުތިނަދޫން މީހުން ބޭލުމުން މި ކަނޑިއާއި ހުކުރުމިސްކިތުގެ އެތެރޭގައި ހުންނަ ބޮޑުގަޑި އޮތީ ގދ.އަތޮޅުއޮފީހުގެ ބެއްލެވުމުގެ ދަށުގައި ގައްދޫގައެވެ. ނަމަވެސް ހަވަރުތިނަދޫގެ ދެވަނަ އާބާދީ އެ ރަށުގައި ދިރިއުޅެން ފެށުމާއެކު އަތޮޅުވެރިޔާ އަލްފާޟިލް އަލްމަރުޙޫމް ޙުސައިންމަނިކު ވަނީ އެ ތަކެތި ހަވަރުތިނަދޫއަށް ފޮނުއްވާފައެވެ.

ރާއްޖޭގެ މީހުންއުޅޭ ރަށްރަށުގެ ހުކުރުނަމާދުގައި މިސްކިތުން ފެންނަމުން ދިޔަ އިސްލާމީ އިޖްތިމާޢީ ބޭނުންތެރި އަދަބުވެރި އާދަކާދަތަކުގައި އެކި ރަށްރަށުގައި ކުދިކުދި ތަފާތު ހުއްޓަސް އޭގެ މައިގަނޑު މަފުހޫމުކަމަށްވާ އިސްލާމީ އިޖްތިމާޢީ އަދަބުވެރިކަމަށް އެ ދުވަސްވަރު އެއްވެސްބަދަލެއް ނާދެއެވެ.  

މިދެންނެވި ދުވަސްވަރު އިސްވެ ހުކުރުނަމާދު ކުރައްވާ ޚަޠީބާއި އަތްޖޯޑުކޮށް އިސްލާމީ ރިވެތި ސަލާމުން ސަލާމްކުރުމުގެ ބޭނުމުގައި ހުކުރުނަމާދުގައި ބައިވެރިވި އެންމެން އިންތިޒާރުގެ ވަގުތުކޮޅެއް ހުސްކުރެއެވެ. އެހެންވުމާއެކު ޚަޠީބު މިސްކިތުން ނުކުންނަވަން ތެދުވެވަޑައިގަތުމާ އެކު މިސްކިތުގެ ތެރޭ ދެ ސަފަށް މީހުން އެތުރި ޚަޠީބާއި ސަލާމްކުރަމުން ގެންދާނެއެވެ. އަދި އޭގެ ފަހުން ޚަޠީބުގެ ފަހަތުގައި ތިއްބަވައިގެން މިސްކިތުން ނުކުންނަވަމުން ގެންދަވާ ރަށުގެ ވެރިންނާއި ކަމުވޮށިންނާއި އެހެނިހެން މީހުންނާއި ވެސް ސަލާމްކުރަމުން ގެންދެއެވެ.

އެ ދުވަސްވަރަކީ ހުކުރުނަމާދާއި އެހެނިހެން ނަމާދުތަކުގައި ވެސް އިސްލާމީ އިޖްތިމާޢީ ނުހަނު ބޭނުންތެރި ރަނގަޅު އަދަބުވެރި އާދަކާދަތަކެއް ރާއްޖޭގެ މީހުންއުޅޭ ރަށްރަށުގެ މިސްކިތްތަކުން ޚާއްޞަކޮށް ހުކުރުނަމާދުގައި ހުކުރުމިސްކިތުން ފެންނަމުން ދިޔަ ދުވަސްވަރެކެވެ. މި ކަންކަން ރާއްޖޭގެ ރަށްރަށުން ނެތެމުންދާން ފެށީ، "ޑިމޮކްރަސީ"ގެ ފޭރާމުގައި ރާއްޖެއަށް ގެނެވެނު ކަންކަމެއްގެ ތެރެއިން ބިދުޢަ ނައްތާލުމުގެ ނަމުގައިކަމަށް ބައެއް ބޭފުޅުން ވިދާޅުވެއެވެ.

ކޮންމެއަކަސް އެބުނެވޭ "ޑިމޮކްރަސީ"އެއް ދިވެހިރާއްޖެއަށް ގެނައިފަހުން ބައެއް ރަށްރަށުގައި އިސްވެ ހުކުރުނަމާދު ކުރައްވާ ޚަޠީބާއި އަތްޖޯޑުކޮށް އިސްލާމީ ރިވެތި ސަލާމުން ސަލާމްކުރުމަށް ބޭނުންވާތީ ފެންނަނީ މަދު މީހެކެވެ. މިހާރަކަށް އައިސް ބައެއް ރަށްރަށުގައި އިސްވެ ހުކުރުނަމާދު ކުރައްވާ ބައެއް ޚަޠީބުން ހުކުރުނަމާދުގެ ފަހުން ސުންނަތް(ނަމާދު) ކުރައްވައިގެން ސަލާމްކޮށްލެއްވުމުގެ ބޭނުމުގައި ދުވަހުގެ ބަންގިދެއްވި މުދިމްމީހާ ކޮބައިތޯ ބައްލަވާއިރު، މިސްކިތުގެ ފަންކާއާއި ބޮކިތައް ނިއްވާލައްވައި މުދިމްމީހާ މިސްކިތް ދޫކޮށްލައްވައި އަވަސްއަވަހަށް ގެއަށް ދުރުވެ، ގަދަ ނިދިން ނިދިކުރެއްވިތާ ކިތަންމެ އިރެކެވެ.

މިހިރީ އަދު އިސްލާމުންގެ ރާއްޖެއެކޭ ބަޔަކު ކިޔައި އުޅޭ ރާއްޖޭގެ ބައެއް ރަށްރަށުގެ ކަންތައް ހުރި ގޮތެވެ. މިގޮތް ރަނގަޅިއްޔާ ގޯހެއް ނޫނެވެ. އެކަމަކު، ގޯހިއްޔާ ރަނގަޅެއްނޫންތާ އެވެ.
              -------------------
ޢަބުދުﷲ ޙިލްމީ
26 ސެޕްޓެމްބަރ 2015މ.

މަޢުލޫމާތުގެ ޙިއްޞާ:
ޢަބުދުލްމުޙުސިން މޫސާ ގަހާކޯޅި/ތިނަދޫ، ޢަބުދުﷲ އަޙުމަދު ސޯސަންޕާކް/ތިނަދޫ، އާދަމް ސަޢީދު ވެސްޓްލައިޓް/ތިނަދޫ