ހުވަދުއަތޮޅު ރައްޔިތުންގެ މާލިއްޔާއަކީ،
ވީރު ޢަލިދީދީގެ އަތޮޅުވެރިކަމުގައި،
އަމީންދީދީގެ ލަފާފުޅުގެމަތިން އުފެއްދި ތަނެކެވެ.
އަތޮޅު ރައްޔިތުންގެ މާލިއްޔާގެ މުސްތަޝާރަކީ، އަތޮޅުވެރިޔާ ވީރު އަލިދީދީ އެވެ.
ޢަލިދީދީއަކީ، ހުވަދުއަތޮޅުގެ އެންމެހާ ރައްޔިތުންގެ ލޯތްބާއި
އިޙްތިރާމް ހޯއްދަވާފައިވާ ބޭފުޅެކެވެ. ޢަލިދީދީ އަވަހާރަވުމުގެ ހިތާމައިގައި، މުޅި
ހުވަދުއަތޮޅު ކަރުނައެޅި އެވެ. ބައެއް މީހުން ރޮއި އަތޮޅުގޭގެ ފާރުގައި ބޯތަޅައި ހެދިކަމަށް
ވެސް މަންޒަރުދުށް ބައެއް މީހުން ބުނެފައިވެ އެވެ. ވީރު ޢަލިދީދީއަކީ، ރައްޔިތުންދެކެ
ނުހަނު ޚުލްޤްހުރި، ހަމަހަމަ ކަމާއި، އިންޞާފުގެ ވަރަށް މަތިވެރި ނަމޫނާއެއް ކަމަށް
ބުނެވެ އެވެ. ހަވަރުތިނަދޫގައި ޢަލިދީދީ އަވަހާރަވެ ފަސްދާނުލެވިފައި ވަނީ، އެރަށު
ހުކުރުމިސްކިތު ޤަބްރުސްތާނުގަ އެވެ. ގދ. ތިނަދޫ ހިންދޫސް ފާތުމަތު ޖަމީލާ މަޢުލޫމާތު
ދެއްވަނީ ޢަލިދީދީ އަވާރަވަމުގެ ހިތާމައިގައި އެ ރަށު އިބްރާހިމް ރަޝީދު ހައްދަވާފައިވާ
ޅެމަކުން އެނގޭ ގޮތުގައި 9 އަހަރު ވަންދެން އަތޮޅުވެރިކަމުގެ މަޤާމުގައި އޭނާ ހުންނެވި
އެވެ.
ހުވަދުއަތޮޅު ރައްޔިތުންގެ މާލިއްޔާގެ ރައީސަކީ، މޫސާ ހިރިހަމައިދި ކަލޭފާނެވެ.
ނާއިބު ރައީސުންނަކީ، ކޮލަމާފުށީ އިސްމާޢީލް ކަތީބާއި، ހަވަރުތިނަދޫ ނާއިބު އިސްމާޢީލް
ދީދީއާއި ގައްދޫ އިސްމާޢީލް
ވަތަބަނޑޭރި ކަލޭފާނެވެ. ހުވަދުއަތޮޅުގެ ކޮންމެ ރަށަކުން ދެ މެމްބަރުން ހިމެނޭ އެ ޖަމްޢިއްޔާގެ
ޚަޒާންދާރަކީ، ހަވަރުތިނަދޫ ޙާޖީ މުޙައްމަދު ކަލޭފާނެވެ. އަތޮޅުގެ ވާރު ދޭންޖެހޭ ޢުމުރުގެ
ކޮންމެ ބޮލަކުން އެ ތަނަށް ނަގަނީ، މަހަކު އެއް ރާތާ ކަނޑުމަހެވެ. އެ މާލިއްޔާގެ ސަބަބުން
ބަނޑުހައި ހޫނުކަން ލުއިވެ، އުނު އޮރިޔާމުގެ ޙާލަތު ރަނގަޅުވެގެން ދިޔަ އެވެ.
މި މާލިއްޔާ ކަފުން ކުރެވުނީ
ކޮޅުނބުގައި ހުންނެވި މަރައްކާރު އުންބުޗީއަށް ދިވެހި ސަރުކާރުން ދައްކަންޖެހުނު ދަރަނި
ފައިސާ މި މާލިއްޔާއިން ދެއްކުމުންނެވެ. އެކަން ވީގޮތަކީ، އަމީންދީދީގެ ޖުމްހޫރީ ދަރުބާރު ޒީނަތްތެރި ކުރުމަށްޓަކައި
އުންބުޗީ އަތުން ވަރަށްގިނަ ޢަދަދެއްގެ ސާމާނުގެނަ އެވެ. ކުލަކުލައިގެ ފޮއްޗާއި، ކަރަންޓު
ސާމާނާއި، އެހެނިހެން ވެސް ގިނަ ތަކެއްޗެވެ. ޖުމްހޫރީ ދަރުބާރު ނިމި އަދި އަމީންދީދީގެ
ޙަޔާތްޕުޅު ވެސް ނިމުނުއިރު އެ ދަރަނި އޮތީ އަދާނުކުރެވި އެވެ.
އަމީންދީދީ އަވަހާރަވުމަށް ފަހު،
އެ ކަމާއި ބެހޭގޮތުން މަޝްވަރާ ކުރެވުނީ ހުވަދު އަތޮޅުގެ އޮޑިފަހަރުގެ އިސްވެރިންގެ
މެދުގައި ކޮޅުނބު ބަނދަރުގަ އެވެ. މަޝްވަރާގައި އިސްކޮށް ތިއްބެވި ދެ ބޭކަލުންންނަކީ،
މޫސާ ހިރިހަމައިދި ކަލޭގެފާނާއި، ގައްދޫ އިސްމާޢީލް ވަތަބަނޑޭރި ކަލޭފާނު ކަމަށް ގައްދޫ
މާގަސްދޮށުގޭ ޙަސަން ޙުސައިންމަނިކު ބުނުއްވި އެވެ. އެ މަޝްވަރާގައި ނިންމީ، އެ ފަހަރު
ކޮޅުނބަށް ގެންދިޔަ ހުވަދުއަތޮޅު ރައްޔިތުންގެ މާލިއްޔާގެ މަހުން އެ ދަރަނި އަދާކުރުމަށެވެ.
ދަރަނި އަދާ ކުރުމަށްޓަކައި ދިނީ އައްޑިހަ ހަންދަރުގެ ހިކިކަނޑުމަހެވެ. އެ ހިސާބުން
ހުވަދުއަތޮޅު ރައްޔިތުންގެ މާލިއްޔާ ބަގުރޫޓުވެ ނިމުނީ އެވެ.
-----------------
ލިޔުއްވާފައިވަނީ:
އަލްމަރުޙޫމު ޢަލީ ނަޞީރު،
ޒޫރިޔާގެ/މަޑަވެލި