ކުރީޒަމާނުގައި ހުވަދުއަތޮޅު ހަވަރުތިނަދޫގެ އަވަށްތައް

އަވަށަކީ ރަށްރަށުގައި މީހުންއުޅޭ ހިސާބެވެ. ނުވަތަ  ރަށެއްގައި މީހުންއުޅޭން ބައިކޮށްފައިއޮންނަ ބައިތަކުން ބައެކެވެ. 1962މ.ގެ ކުރިން ހަވަރުތިނަދޫއަށް އުފަންވެފައިވާ ބައެއްމީހުން ބުނާގޮތުގައި އެރަށުގައި އެކި ނަންކިޔާ 14 ބައި (އަވަށް) އޮވެއެވެ. ނަމަވެސް ރައީސް އަމީންގެ ރަށްވެހިކަމުގެ ދުވަސްވަރު މިއަވަށްތައް 4 ބަޔަކަށް ބަހާލައިގެން އުތުރުކޮޑާއި ވައިހޭގެވަޑާއި ދެކުނުކޮޑާއި ދަޑާއި މިނަންތަކުން ނަންކިޔަން ފެށުނެވެ.

ރައީސް އަމީންގެ ރަށްވެހިކަމުގެ ދުވަސްވަރު އުތުރުކޮޑާއި ވައިހޭގެވަޑާއި ދެކުނުކޮޑާއި އަދި ދަޑު ކިޔަމުންދިޔަ ނަމަވެސް ރައްޔިތުންގެ ގޮތުން ކުރަންޖެހޭ ބޮޑެތި މަސައްކަތްތަކުގައި މީހުންގެގޮތުން މައިގަނޑު 2 އަވަށަކަށް ނަން ކިޔައެވެ. އެއީ ދެކޮނެކޮޑާއި އުތުރުކޮޑެވެ. ދެކޮނެކޮޑާއަކީ ދަޑާއި ދެކޮނެކޮޑެވެ. އުތުރުކޮޑާއަކީ ވައިހޭގެވަޑާއި އުތުރުކޮޑެވެ. އޭގެ އަހަރުތަކެއްގެފަހުން އުތުރުކޮޑަށް "ވައިލެޓް" ވައިހޭގެވަޑަށް "ލިލީ" ދެކުނުކޮޑަށް "ޑޭޒީ" އަދި ދަޑަށް "އޯކިޑް" ކިޔަމުންދިޔައެވެ. 1962މ. ގައި ހަވަރުތިނަދޫން މީހުން ބޭލިއިރު އެރަށުގެ 4 އަވަށަށް ކިޔާފައިވަނީ މިނަންތަކެވެ. އޭރު މި 4 އަވަށުގައި 478 ގެ ހުރިކަމަށް ރަށުއޮފީހުގެ ރަޖިސްޓަރީއިން އެނގެއެވެ. މިގޭގެ ނަންތަކާއި ގޭގެ ވެރިންނާއި ވަކިވަކިން އެނގޭގޮތަށް "ގަލެހިރި" ސައިޓްގައި ވެސް ލިޔެފައިވާނެއެވެ.

1962މ.ގައި ހަވަރުތިނަދޫން މީހުން ބޭލުމާއެކު އެހާތަނަށް އޮތް ހަވަރުތިނަދޫގެ ބާބު އަބަދަށް ނިމުނީއެވެ. އެބާބު އަލުން ނުހުޅުވައެވެ. އެބާބު އަލުން ނުކިޔައެވެ.

ހަވަރުތިނަދޫން މީހުންބާލައި 4 އަހަރެއްހާދުވަހު ފަޅުރަށެއްގެގޮތަށް އެރަށް އޮތުމަށްފަހު 1966މ. ގައި އެރަށުގައި ވަޒަންވެރިވާން ބޭނުންބަޔަކު ވަޒަންވެރިވުމުގެ ފުރުޞަތު ހުޅުވިގެން ދިޔުމުން ވަޒަންވެރިވީ ބަޔަކު ވަޒަންވެރިވީއިރު ރަށުގެ ނަން ފިޔަވައި ހުރިހާކަމެއްވަނީ ބަދަލުވެފައެވެ. އައު އަވަށްތަކާއި މަގުތަކާއި ގެތަކާއި މީހުންނެވެ. އަވަށްތަކަށް ނަން ކިޔާފައިވާއިރު އެރަށުގެ އަވަށްތަކަށް ކުރިންކިޔާފައިވާ އެއްވެސް ނަމެއް ނުކިޔައެވެ. މުޅިން އައު ނަންތަކެވެ. އެފަހަރު ރަށުގެ ޗާޓުގައިވާގޮތުން ކުރީގެ ދަޑާއަކީ R ނުވަތަ ރޯޔަލްވޯޑް ފެށޭ ހިސާބެވެ. ކުރީގެ ދެކޮނެކޮޑާއަކީ S ނުވަތަ ސަދަންވޯޑް ފެށޭ ހިސާބެވެ. ކުރީގެ ވައިހޭގެވަޑަކީ M ނުވަތަ މެނީލާވޯޑް ފެށޭ ހިސާބެވެ.  އަދި ކުރީގެ އުތުރުކޮޑާއަކީ  N ނުވަތަ ނޯދަންވޯޑް ފެށޭ ހިސާބެވެ.

ކުރީޒަމާނުގައި ހުވަދުއަތޮޅު ހަވަރުތިނަދޫގެ 14 އަވަށް:

1-   ހުއްޓޭކޮޑާ (މިއީ ތިނަދޫގެ އިރުއުތުރުން "ކައްޅަންކިރު" އަށް ވީ ހިސާބު ނުލައި ތިނަދޫގެ އިރުއުތުރެވެ.)
2-   ކައްޅަންކިރު (މިއީ ތިނަދޫގެ އެންމެ އިރުއުތުރެވެ.)
3-    ވައިހޭގެވަޑާ (މިއީ ތިނަދޫގެ ހުޅަނގުއުތުރުން "ގަލެހުއްޓޭކޮޑާ" އަށް ވީ ހިސާބު ނުލައި ތިނަދޫގެ ހުޅަނގުއުތުރެވެ.)
4-    ގަލެހުއްޓޭކޮޑާ (މިއީ ތިނަދޫގެ އެންމެ ހުޅަނގުއުތުރެވެ.)
5-    މެދެއަވަޓާ (މިއީ ތިނަދޫގެ މެދުން ހުޅަނގުފަރާތެވެ.)
6-    މާވަށްދިހެރެޔާ (މިއީ ތިނަދޫގެ މެދުން އިރުމަތީ ފަރާތެވެ.)
7-    ދަޑާ (މިއީ ތިނަދޫގެ މެދެއަވަޓާއި ޖެހިގެން ދެކުނުން ދަޑުކޮޑާއި ދޭތެރެއެވެ.)
8-    ދަޑުކޮޑާ (މިއީ ތިނަދޫގެ ދަޑުން ދެކުނަށް އީދެގަލެމުއްލާއި ދޭތެރެއެވެ.)
9-    އީދެގަލެމުއްލާ (މިއީ ތިނަދޫގެ އެންމެ ހުޅަނގުދެކުނެވެ.)
10-  ކަންރެހާ (މިއީ އީދެގަލެމުއްލާއި ބަރާސީލާއި ދޭތެރެއެވެ.)
11-   ބަރާސީލު (މިއީ ތިނަދޫގެ އެންމެ އިރުދެކުނެވެ.)
12-  ދުންގާ (މިއީ ތިނަދޫގެ ބަރާސީލުގެ އުތުރުން އޮންނަ ފެންދެމޭކޯރާއި ދެކޮނެކޮޑާއާއި ދޭތެރެއެވެ. ފެންދެމޭ ކޯރަކީ ފެންދެމޭނެހެން ބިމުން އަޑިކޮށް ހުންނަ މަގުމަގެވެ. ނުވަތަ ބިމުގައި ހަނިދިގުކޮށް ކޮނެފައި ހުންނަމަގުމަގެވެ. ތިނަދޫގެ ބަރާސީލުގެ އުތުރުން އޮންނަ ފެންދެމޭކޯރަކީ ވިއްސާރަވެ ނުވަތަ ދިޔަވަރުބޮޑުވެ ތިނަދޫގެ ދެކުނުފަރާތު ކުޅިއާއި ޗަސްބިމުގައި ލޮނުފެން ގިނަވެގެން ގޮސް އެހިސާބުގެ ގޯތިތަކާއި މަގުތަކުގައި ލޮނުފެންބޮޑުވުމުގެ ސަބަބުން އުދަނގޫވާތީ ހަވަރުތިނަދޫ ޙާޖީ މުޙައްމަދު ކަލޭގެފާނުގެ އަތޮޅުވެރިކަމުގެ ދުވަސްވަރު މުޙައްމަދު ކަލޭގެފާނު ހެއްދެވި ކޯރެކެވެ.)
13-   ދެކޮނެކޮޑާ (މިއީ ދުންގާއާއި މާވަށްދިހެރެޔާއާއި ދޭތެރެއެވެ.)
14-   ކަޅައިދުވާ (މިއީ މިހާރު ތިނަދޫ ފޫޅުމާގެއާއި އަސަރީގެ އެހުންނަ ހިސާބުގަނޑެވެ.)
                         ----------------------
ޢަބުދުﷲ ޙިލްމީ
17 ސެޕްޓެމްބަރ 2014މ.

މަޢުލޫމާތުގެ ޙިއްޞާ:
އަލްމަރުޙޫމް ޙަސަން ޙިލްމީ ޖަނަވަރީގެ/ތިނަދޫ (ލިޔުއްވުން) މުޙައްމަދު ޒުހައިރު ޖޭނެސްޓް/ތިނަދޫ، ޢަބުދުﷲ އަޙުމަދު ސޯސަންޕާކް/ތިނަދޫ، އާދަމް ސަޢީދު ވެސްޓްލައިޓް/ތިނަދޫ، އާމިނަތު ވަޙީދާ މަދަރުސާދޮށުގެ/ތިނަދޫ