ހޮޅިންގެ އަތްދަށަށް ރާއްޖެދިޔަ ގޮތް އެނގޭ ފަތްކޮޅެއް


ސުލްޠާން ޣާޒީ ޙަސަން ޢިއްޒުއްދީނަކީ ދުނިޔޭގެ ދަހިވެތިކަމާއި ޒާތީ ތަޢައްޞުބާއި ދުރުގައި އުޅުއްވި ބޭފުޅެއްކަމަށް ގަބޫލުކުރެވޭ ކަންކަމެއް ފެނެ އެވެ. އަދި އެއީ ދިވެހި ވެރިކަމުގެ ފޮނިކަމާއި މީރުކަމާއި އަރާމުގެ މަސްތެއް ލަޢުނަތްލެއްވި އިބްލީހަށް ވެސް އެ ރަދުންގެ ހިތްޕުޅަށް ވައްދައިނުލެވުނު ހަރުދަނާ އީމާންތެރި ބޭފުޅެއްކަމުގެ ދަލީލު ލިބެ އެވެ. 


މިދެންނެވި ވާހަކައަށް ބާރުލިބޭ އެންމެބޮޑު ކަމަކީ، ހޮޅިންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރެއްވުމުން އެ މަނިކުފާނު ރާއްޖޭގެ ރަސްކަމަށް އިސްވެވަޑައިގަތުމަށް ދިވެހި ރައްޔިތުން ހިތުންރުހުމުން ލޮލުން ބޮލުން އެދިއެދި ތިބިއިރު ވެސް ރަސްކަމަށް ވަޑައިނުގެން އޭގެ ކުރިން ހުންނެވި ރަދުން ސުލްޠާން މުކައްރަމް މުޙައްމަދު ޢިމާދުއްދީންގެ ސިއްކަ ފަތްތޫރަ ހިންގެވި ކަމެވެ. މީގެ ދަލީލަކަށް ހޮޅިން ރާއްޖެއަށް އަތްގަދަކުރި ގޮތާއި އޭގެފަހުން ކަންކަންވީ ގޮތާއި ވަމުންދާގޮތް ވެސް ލިޔުއްވައި ސުލްޠާން މުކައްރަމް މުޙައްމަދު ޢިމާދުއްދީންގެ ސިއްކަ ޖައްސަވައި ޣާޒީ ޙަސަން ޢިއްޒުއްދީން ކޮޅުނބުގެ ވެރިޔާއަށް ފޮނުއްވި ފަތްކޮޅު ފުދެ އެވެ. މިފަތްކޮޅު "ދިވެހިތާރީޚަށް އައު އަލިކަމެއް" މިފޮތުގެ 501 ވަނަ ޞ.ގައިވެ އެވެ. 
އަދި މީގެ އިތުރަށް އެ މަނިކުފާނު ރަސްކަމަށް ވަޑައިގެންފައި ސުލްޠާން ޣާޒީ ޙަސަން ޢިއްޒުއްދީންގެ ސިއްކަޖައްސަވައި ކޮޅުނބުގެ ވެރިޔާއަށް ފަތްކޮޅު ފޮނުއްވުމުގެ ކުރިން ފަތްކޮޅު ފޮނުއްވީ ދިވެހިރާއްޖޭގެ އެންމެހައި ކަމެއް ކުރެއްވުމަށް ހުންނެވި "ސަރުދާރެއްގެ" ޙައިސިއްޔަތުންނެވެ. މީގެ ބައެއް ފަތްކޮޅުތައް "ދިވެހިތާރީޚަށް އައު އަލިކަމެއް" މިފޮތުގެ 504، 505 ޞ. ގައި ވެ އެވެ.  މިއިން އަންގައިދެނީ ދިވެހި ވެރިކަމުގެ ފޮނިކަމާއި މީރުކަމާއި އަރާމުގެ މަސްތެއް އެ މަނިކުފާނުގެ ހިތްޕުޅުގައިނުވާ ކަމެވެ. 

ދިވެހި ވެރިކަމުގެ ފޮނިކަމާއި މީރުކަމާއި އަރާމުގެ މަސްތެއް ލަޢުނަތްލެއްވި އިބްލީހަށް ޣާޒީ ޙަސަން ޢިއްޒުއްދީންގެ ހިތްޕުޅަށް ވައްދައިލެވުނު ނަމަ އެހެން ރަސްކަލެއްގެ ސިއްކައެއް އެ މަނިކުފާނު ބޭނުންފުޅު ނުކުރައްވާނެ އެވެ. ބޭނުންފުޅު ކުރައްވާނީ ސުލްޠާން ޣާޒީ ޙަސަން ޢިއްޒުއްދީންގެ ސިއްކަ އެވެ. ހުންނަވާނީ ދިވެހި ރަސްކަމުގަ އެވެ. މިކަމާ ނުރުހިގެން ބަޔަކަށް ބުނެވޭނޭ ލާއިގު އެއްޗެއް ވެސް ނެތެވެ. އެހެނީ އޭރު ވެސް ދިވެހި ރައްޔިތުން ހިތުންރުހުމުން ލޮލުންބޮލުން އެދިއެދި ތިބީ އެ މަނިކުފާނު ރަސްކަމުގެ ތަޚުތުގައި އިށީނދެވަޑައިގަތުމަށެވެ. 

މިހެންވީ ނަމަވެސް ޣާޒީ ޙަސަން ޢިއްޒުއްދީން ރަސްކަމަށް ވަޑައިނުގެން ބައްލަވަމުން ގެންދެވީ ހޮޅިން ގެންދިޔަ ރަދުންގެ ޚަބަރެއްވޭތޯ އެވެ. އަދި އެ ރަދުންގެ ބޭބޭފުޅުގެ ދަރިކަލުން މުޙައްމަދު މަނިކުފާނު (މުޙައްމަދު ޣިޔާސުއްދީން)ގެ ޚަބަރެއްވޭތޯ އެވެ. އެއިން ބޭފުޅަކު ރާއްޖެއަށް ވަޑައިގަންނަވާތޯ އެވެ. ރަސްކަން ބަލަހައްޓަވަމުން ގެންދެވީ އެ ބޭފުޅުން ނިސްބަތްވެ ވަޑައިގަންނަވާ ޢާއިލާގެ ކޮންމެވެސް ބޭފުޅަކު ވެރިކުރައްވައިގެން "ސަރުދާރެއް"ގެ ގޮތުންނެވެ. މި ހުންނަނީކީ އިބްލީހާއި ދޯޅު، އަދި ދިވެހި ވެރިކަމުގެ ފޮނިކަމާއި މީރުކަމާއި އަރާމުގެ މަސްތުގައި ޖެހިފައިވާ  މީސްމީހުން ކުރާނޭ އަދި ކުރެވޭނޭ ވެސް ޒާތުގެ ކަންކަމެއް ނޫނެވެ. އިބްލީސް އެ ކަންކަން ވިޔަކަ ނުދޭނެ އެވެ.
                  -----------------
"ޢަބުދުﷲ ޙިލްމީ"