ޝައިޠާނާ ވަޢުޡު ބުނުން



މީގެ ދުވަސްކޮޅެއް ކުރިން ޓީވީ ޗެނަލަކުން ވަނީ، ދީނީ ޢިލްމުވެރިންގެ "ހެދުންކޮޅުތަކުގެ ފެޝަންޝޯތަކެއް" ދައްކާފަ އެވެ. އަދި އުންމަތުގެ ހުއްސަރިބައި އަންހެން ކަނބަލުންގެ ބިކަ ޙާލާމެދު ހިތާމަ ފާޅުކޮށް، ކިނބުލުގެ ކަރުނައިން ކަރުނަ އޮހޮރާފަ އެވެ. ޒަވާޖީ ޙަޔާތުގެ ސަވާރީތައް އެކަނބަލުން ފަހަނަޅައި ގޮސްފައިވާތީ އެވެ. އެކަނބަލުންގެ ބަނދަރުތަކުން ކާވެނީގެ އުޅަނދުފަހަރު ފުރައިގެން ގޮސްފައިވާތީ އެވެ. 

ވަޅުޖަހާފައިވާ ނޫސްވެރިއަކަށް ނިސްބަތްވާ ވާހަކައެއް ވެސް ވާރިދުކުރި އެވެ.
އޭނާ ފޮނުއަރުވައި، އެއިން ބަޓަރު ހެދި އެވެ.
ވިދުވަރުގެ ދަޅަ ދައްކައި، ގުގުރީގެ އަޑު އިއްވި އެވެ.
ދެން އޭނާ ވިސްނައި ފިކުރުކޮށް، ރޭވި އެވެ.
"ފަހެ، އޭނާއަށް ލަޢުނަތް ލެއްވި އެވެ. އޭނާ ރޭވީ ކޮންފަދައަކުން ހެއްޔެވެ؟"
ހުއްސަރިބައިކަމުގެ މައްސަލައަށް އޮތް ހަމައެކަނި ޙައްލަކީ ކޮބައިކަން ކަށަވަރުކޮށްދެމުން އޭނާ ބުންޏެވެ.
ޖިންސްލަޠީފުން، ފިރިހެނުންގެ ދުނިޔެއަށް ވަދެގަންނަންވީ އެވެ.
މޯބައިލް ފޯނުގެ ޒަރީޢާއިންނެވެ.
ނުވަތަ ސޯޝަލް މީޑިއާގެ ޒަރީޢާއިންނެވެ.
އަމިއްލައަށް ނަން ހުށަހަޅައި، އަމިއްލައަށް ޙަޔާތުގެ ބައިވެރިޔާ ހޯދަންވީ އެވެ.

ނަންގަނެވިދިޔަ ޓީވީ ޗެނަލުން ޢާއިލީ މައްސަލަތައް ޙައްލުކޮށްދޭ އަންހެން މާހިރަކު ފާޅުވި އެވެ.
ދެންފަހެ، އޭނާ މޫނު ކުނިކޮށް، އަވަސް އަރުވައިލި އެވެ.
ދެން އެ ގޮތުގައި ކުރިއަށް ދިޔަ އެވެ.
އޭނާއަށް ނޭނގޭ ކަންކަމާމެދު އަނގަތެޅި އެވެ.
އޭނާއަށް ނުވިސްނޭ ކަންކަމާމެދު ޚިޔާލުފާޅުކުރި އެވެ.
މައްސަލައިގެ ފަރުވާ ކަމަށް އޭނާ ދެކޭ "މަގުޗާޓު" ވިހުރުވައިލަމުން ބުންޏެވެ.
ޒުވާން އަންހެން ކުދިންނާއި ފިރިހެން ކުދިން މައްސުނިވުމަށް ޖާގަދޭށެވެ!
އެމީހުން ބާޒާރާއި، ކެފޭތަކުގައި އެއްބަޔަކު އަނެއް ބަޔަކަށް ތަޢާރަފުވުމަށް މަގުދައްކާށެވެ!
ހުއްސަރިބައިކަމުގެ މައްސަލަ ޙައްލުކުރެވޭނީ އޭރުންނެވެ.
ކާވެނިކުރުމަށް ދޮރުތައް ހުޅުވައިލެވޭނީ ވެސް އޭރުންނެވެ.

މައްސަލައިގެ ފުންހިސާބުތަކަށް ފީނައިލުމެއްނެތި، ބޭރުފުށުގައި އުނގުޅެނީތާ އެވެ!
އެ ފިކުރުގެ އަހުލުންގެ ވިސްނުމާއި ފިކުރު މާބަނޑުވެ، ފަރުބަދައެއްވަރުވި އެވެ!
ދެން އެއަށް ވޭންވަރު އައިހިނދު، ވިހެއީ ކުޑަކުޑަ ނަޖިސް މީދަލެކެވެ!!!

މޮޅުއިތުރު ކަންކަމުގެ މަގު ކަމުގައި، ދަށުދަރަޖައިގެ ޢަމަލުތައް ވީ ކޮންއިރަކުތޯ އެވެ؟
ޠާހިރުކަމުގެ ތަޅުދަނޑި ކަމުގައި، ހަށިވިއްކުމުގެ ޢަމަލުތައް ވީ ކޮންއިރަކުތޯ އެވެ؟
ޢިއްފަތްތެރިކަމުގެ ފާލަން ކަމުގައި، ބަދުއަޚުލާޤީ ޢަމަލުތައް ވީ ކޮންއިރަކުތޯ އެވެ؟

ފަޤީރުކަމާއި، ވަޒީފާ ނުލިބުމުގެ މައްސަލަ ޙައްލުނުކުރެވިއްޖެ ނަމަ، ޒުވާނުންނަށް ވައްކަންކުރުމާއި، މަގުފޭރުން ހުއްދަކުރަންވީތޯ އެވެ؟

އެމީހެއްގެ ފިޠުރަތު ވަތަކުތޯޖަހާފައިވާ މީހެއްގެ ގާތުގައި މެނުވީ، ބަދުއަޚުލާޤީ ޢަމަލުތައް، ޙައްލެއް ކަމުގައި ނުވާނެ އެވެ.
އެމީހެއްގެ އަޚުލާޤު އިދިކީލިވެފައިވާ މީހެއްގެ ގާތުގައި މެނުވީ، ލަދުހަޔާތްކުޑަކަން، ފަރުވާއެއް ކަމުގައި ނުވާނެ އެވެ.
އެމީހެއްގެ ޢަޤީދާ ފާސިދުވެފައިވާ މީހެއްގެ ގާތުގައި މެނުވީ، ހަށިވިއްކުން، ބޭހެއް ކަމުގައި ނުވާނެ އެވެ.

މާތުރަ، އާރުކާޓީއަކީ، ކާޅެއް ކަމުގައި ވެއްޖެ ބަޔަކު، ކުއްތާގެ މުޅަމަސް ކާނެކަން ކަށަވަރެވެ!!!

މާތް ﷲ ވަނީ، މުސްލިމު މުޖުތަޢުގައި ހުތުރުކަންބޮޑު ފާފައިގެ ވާހަކައާއި، ޢަމަލު ފެތުރުމަށް ލޯބިކުރާ މީހުންނަށް ވޭންދެނިވި ޢަޛާބު ހުރިކަން އަންގަވާފަ އެވެ. އެކަލާނގެ ވަޙީކުރައްވާފައި ވެ އެވެ.

(إِنَّ الَّذِينَ يُحِبُّونَ أَنْ تَشِيعَ الْفَاحِشَةُ فِي الَّذِينَ آمَنُوا لَهُمْ عَذَابٌ أَلِيمٌ فِي الدُّنْيَا وَالْآخِرَةِ وَاللَّهُ يَعْلَمُ وَأَنْتُمْ لَا تَعْلَمُونَ)
އައްނޫރު: 19

މާނައީ، "ހަމަކަށަވަރުން އީމާންވި މީހުންގެ ތެރޭގައި ހުތުރުކަންބޮޑު ފާފައިގެ ވާހަކައާއި، ޢަމަލު، ފެތުރިގެން ދިއުމަށް ލޯބިކުރާ މީހުން (ދަންނާށެވެ!) ދުނިޔެއާއި އާޚިރަތުގައި ވޭންދެނިވި ޢަޛާބު އެއުރެންނަށް ހުށްޓެވެ. ﷲ ދެނެވޮޑިގެންވެތެވެ. އަދި ތިޔަބައިމީހުންނަކަށް ނޭނގެތެވެ."

ހަމައެކަނި އެކަންތައްތަކަށް ލޯބިކުރާ މީހުންނާމެދު ކަންއޮތް ގޮތަކީ މިއީ ކަމަށް ވަނީނަމަ، އެކަންތައްތައް ކުރާ މީހުންނާމެދު ކަން އޮންނާނީ މިއަށްވުރެ މާނުބައިކޮށްކަން ކަށަވަރެވެ.

ލިބަރަލް މީހުންގެ "ކަޢުބާ" އާއި، ޢަލްމާނީންގެ "ޤިބުލަ" އާއި، އެމީހުން ގޮވައިލާ މިނިވަންކަމުގެ "ރަމްޒު" ކަމަށްވާ ޔޫއެސްއޭ ގެ މައްޗަށް ނަޒަރު ހިންގައިލަމާތޯ އެވެ. އެ ޤައުމަށް ގެނެވުނު "މޮޅު ޙައްލު" ގެ ނަތީޖާ، ޢަދަދުތަކުން ފެންނަން މިއޮތީ އެވެ.

ކޮންމެ އަހަރަކު، ޔޫއެސްއޭ ގެ 883000 އަންހެން ކަނބަލުން ރޭޕްކުރެވެ އެވެ.
އާބާދީގެ 80 އިންސައްތަ އަންހެން ކަނބަލުން ވަނީ ރޭޕްކުރެވިފަ އެވެ.
ސާނަވީ މަރްޙަލާގެ އަންހެން ދަރިވަރުންގެ 48 އިންސައްތަ މާބަނޑުވަނީ ރޭޕްކުރުމުގެ ސަބަބުންނެވެ.
ރޭޕްކުރެވޭ 54 އިންސައްތަ އަންހެން ކުދިން ރޭޕްކުރާ ބަޔަކީ، ކާވެނިހެޔޮނުވާ މަޙުރަމުންނެވެ.
ކޮންމެ އަހަރަކު 350000 ޖިންސްލަޠީފުން މާބަނޑުވަނީ، ކާވެނީގެ އިމުން ބޭރުގައި ޒިނޭކޮށްގެންނެވެ.
ޢުމުރުން 18 އަހަރު ފުރުމުގެ ކުރިން ޒިނޭކުރާ ފިރިހެން ކުދިންގެ ނިސްބަތް 55 އިންސައްތައަށް އަރަ އެވެ.
ޔުނިވަރސިޓީގައި ކިޔަވާ ޒުވާން ފިރިހެންކުދިންގެ ތެރޭގައި އެނިސްބަތް 90 އިންސައްތައަށް އަރަ އެވެ.

އިސްވެ ނަންގަތް ޓީވީ ޗެނަލުން ބޭނުންވަނީ، އަޅުގަނޑުމެންގެ ތެރެއަށް މި މުޞީބާތްތައް ގެނައުންތޯ އެވެ؟
އެ ޓީވީ ޗެނަލުގެ "މާހިރުން" އެދެނީ، އަޅުގަނޑުމެންގެ މުޖުތަމަޢުގައި މި މައްސަލަތައް ފެތުރުންތޯ އެވެ؟

އެ ޓީވީ ޗެނަލަށް ބުނެ އަންގަމެވެ.
ތިޔަ ޓީވީ ޗެނަލުން ޝައިޠާނާގެ ވައުޒުބުނުން ގެނެސްދިނުން ހުއްޓައިލާށެވެ!
އަޅުގަނޑުމެންގެ އިޖުތިމާޢީ މައްސަލަތައް ޙައްލުކުރެވޭނީ އެހެން އެއްޗަކުންކަން ކަށަވަރެވެ!
ތިޔައީ، ތަޤުވާވެރިކަމުގެ ދަޅަދައްކަންއުޅޭ ފާޖިރެކެވެ!
ނުވަތަ ބަލިމީހުން ހޭހަންކުރަންއުޅޭ ބަލިމާނެކެވެ!

ތިޔަފަރާތުން ދައްކާ ވާހަކަތަކުގެ ސަބަބުން މުޖުތަމަޢު ފަސާދަވެއްޖެ އެވެ.
އެހެނީ، ތިޔަފަރާތުން ހެޔޮކަމަކައިގެން އިސްއުފުލައެއް ނުލަ އެވެ.
ޢިއްފަތްތެރި ކަމަކަށް ބުރަދަނެއް ނުދެ އެވެ.
ނުބައި ކަންކަމަށް ތިޔަ ފަރާތުގެ ދެ އަތްދަނޑި ނުހަނު ދިގެވެ.
ހެޔޮ ކަންކަމަށް ތިޔަ ފަރާތުގެ ދެ އަތްދަނޑި ނުހަނު ކުރެވެ.

ތިޔަފަރާތުން މުޖުތަމަޢަށް ގެނެސްދިނީ އިބްލީހުގެ އަސްވާރުންނެވެ.
އެމީހުން ޙައްޤާއި ބާޠިލު އޮޅުވާލައިފި އެވެ.
ތެދުވެރިކަމާއި ދޮގުވެރިކަން އެކަތިގަނޑަކަށް ހަދައިފި އެވެ.
ހަރުދަނާކަމާއި ސަމާސާކުރުން މައްސުނިކޮށްފި އެވެ.
އެއީ، ދީން ބަދަލުކޮށް، ބިމުގައި ފަސާދަކުރުމަށްޓަކަ އެވެ!!!

ފާޙިޝް ތަޞްވީރުތައް ބަހައްޓާފައި ހުންނަ ގެތަކެވެ.
އަދި މުޑުދާރު ކުއްތާތައް ދިރިއުޅޭ ގެތަކެވެ.
އެ ގެތަކަށް މަލާއިކަތްބޭކަލުން ވެދެވަޑައެއްނުގަންނަވާނެ އެވެ!
ހަމައެފަދައިން، ތިޔަ ޓީވީ ޗެނަލް ހުޅުވާ ގެތަކެވެ.
ހަމަކަށަވަރުން އެއިން ގެއަކަށް އެއްވެސް ހެޔޮކަމެއް ނުވަންނާނެ އެވެ!

ނިންމާލަމުން ބުނެލަން އޮތީ އެންމެ ވާހަކައެކެވެ.
ދަންނާށެވެ!
ހިޔަޅަށް ދީނެއް ވާކަމަށް ހީކުރުމަކީ ކުށް ހީއެކެވެ!!!
           ----------------

މުޞަންނިފު: عبدالله بن أحمد الحويل
ތަރުޖަމާ: އަލްއުސްތާޛު ޢަބްދުލްމުޢީދު ޙަސަން