މިސްކިތުގެ އަޑިން ކުއްލިއަކަށް ގަބުރުރާއްޖޭގެ ބައެއް މިސްކިތްތައް ޢިމާރާތްކުރުމަށް ފަހު ނުވަތަ މިސްކިތް ބޮޑުކުރުމަށް ފަހު އެ ތަންތާނގައި ނަމާދުކޮށް އުޅޭތާ އެތައް ދުވަހެއްގެ ފަހުން މިސްކިތުގެ އެތެރޭ އިމުގައި "ކުއްލިއަކަށް" ޤަބުރު ހުރެގެން އެ މިސްކިތެއްގައި ނަމާދުކުރުން އެބަ ހުއްޓާލައެވެ. މިސްކިތް ބަންދުކުރެއެވެ. މިހެންވުމަކީ ޢާއްމުކޮށް އެ މިސްކިތަށް ނަމާދަށް ގޮސް އުޅޭ މީހުންނާއި ދިމާވާ ވަރަށްބޮޑު ދައްޗެކެވެ.

ޚާއްޞަކޮށް އެ ހިސާބުގަނޑެއްގެ މުސްކުޅީންނާއި ދުރު ތަންތަނަށް ހިނގައި ބިގައި އުޅުމަށް ދަތިވާފަދަ މީސްމީހުންނަށެވެ. މި ދައްޗަށް ޛިންމާވާން ޖެހޭ ބަޔަކާމެދު އެއްޗެއް ނުދެންނެވި ނަމަވެސް މިސްކިތުގެ އެތެރޭގައި "ކުއްލިއަކަށް" ޤަބުރު ހުންނަނީތޯ ވިސްނާލަން އެބަ ޖެހެއެވެ. ޤަބުރަކީ ދިރުން ހުރި އެއްޗެއްނޫނެވެ. އަމިއްލައަށް އައިސް މިސްކިތެއްގެ އެތެރެއަށް ވަދެވޭނޭ އެއްޗެއް ނޫންކަން ވިސްނައިލަމާތޯއެވެ!

ފުރަތަމަ ކަމަކީ: 
އަލަށް ޢިމާރާތްކުރާ މިސްކިތެއް ޢިމާރާތް ކުރާ ބިމަކީ ޒަމާނުއްސުރެ ހިކިފައިވާ ޤުދުރަތީ ބިމެއް ވިޔަސް އެއްވެސް ދުވަސްވަރެއްގައި އެ ބިމަކީ އެ ހިސާބަކީ ޤަބުރު ވަޅުލާފައިވާ ތަނެއްތޯ ނޫންތޯ ކަށަވަރު ނުކުރުމެވެ.

(ކުރީ ދުވަސްވަރުގެ ބައެއް މީހުންނަށް ބެލެވޭގޮތުގައި ނުރައްކާތެރި އަދި[ތިބީންނަށް ގާތްނުވެވޭ] ފަދަ ބަލިތައް ޖެހިގެން މީހުންނާއި އެކަހެރިކޮށް ބައިތިއްބައި މަރުވާމީހުން ބައެއް ރަށްރަށުގެ ވަލުތެރޭގެ ވަކި ހިސާބެއްގައި ވަޅުލައެވެ. ބައެއް ރަށްރަށުގެ އެފަދަ ތަންތަނަށް [ސަހަރާ] ކިޔައި އުޅެއެވެ. ސަހަރާގައި ވަޅުލާ މީސްމީހުންގެ މަހާނައިގައި މަހާނަގަލެއް ނުވަތަ ގިނަ ދުވަހަށް ފެންނަން ހުންނަ ފާހަގައެއް ޖެހުމަކީ ކޮންމެހެން ކުރި ކަމެއްނޫނެވެ. މަދު މީހެއްގެ ހުރެދާނެއެވެ. އަހަރުތަކަކަށް ފަހު މަހާނައިގެ ފަސްގަނޑު ތިރިވެ ބިމާ އެއްވަރުވެ ގަސްހެދި އެތަން މުޅިން ފޮރުވިދެއެވެ. އަދި އެ ޖީލު ނެތި ދިޔުމުން އެ ހިސާބެއްގެ ކަންތައްތައް ހުރި ނެތް ގޮތް ދެނެހުރި މީހަކު ވެސް އެ ރަށަކު ނުހުންނާނެއެވެ. މިހެންވެފައިވަނިކޮށް އެ ރަށެއްގެ އާބާދީގިނަވެ ރަށުގެ އެކިއެކި ސަރަޙައްދުތަކުން ގޯތިދީ ބިނާތައް ހަދައި އެތަންތާނގެ ބޭނުންކުރަމުންދާ އިރު ކުރީ ޒަމާނުގައި ޤަބުރު ވަޅުލިކަން ނޫންކަން ނޭނގޭ ސަރަޙައްދުތަކުގެ ބޭނުންވެސް ކުރެވެއެވެ.)

ދެވަނަކަމަކީ: 
މިސްކިތެއްގެ ޖާގަ ކުޑަވުމުން މިސްކިތް ބޮޑުކުރާ އިރު މިސްކިތުގެ ބޭރުން ބަލަންޖެހޭ ބެލުން ބަލައި އެ ތާނގައި ޤަބުރު ނުވަތަ މިނިކަށި ނެތްކަން ކަށަވަރު ނުކުރުމެވެ. އެ ތާނގައި ޤަބުރު ނެތްކަމުގެ ފުރިހަމަ ޔަޤީންކަން ނުހޯދުމެވެ. ކުރީގައި ޢިމާރާތްކޮށްފައި ހުންނަ ބައެއް މިސްކިތްތަކުގެ ޖާގަ ބޮޑުކުރުމަށްޓަކައި މިސްކިތް މެދަށްވާގޮތަށް ބޭރުން ބޮޑުކުރެއެވެ.

(ކުރީގެ ދުވަސްވަރު ގިނައިން ޢިމާރާތްކޮށްފައި ހުންނަނީ ވަރަށް ކުޑަކުޑަ މިސްކިތެވެ. 10 ވަރަކަށް 15 ވަރަކަށް ގިނަވެގެން 20 މީހުންގެ ޖާގައިގެ މިސްކިތް ވެސް ހުރެއެވެ. އެ ދުވަސްވަރު އެ ރަށެއްގައި ނިޔައުވާ ރަށުގެ ބޮޑެތީންނަކީ ޚާއްޞަކޮށް އެ މިސްކިތެއް ބިނާކުރި އެ މިސްކިތާއި ގުޅުން ބޮޑު މީސްމީހުންނަކީ އެ މިސްކިތާއި ވީހާވެސް ކައިރީގައި (ވޮށުއަލީގައި) ވަޅުލާ މީހުންނެވެ. އަދި ނަމާދުގެ ބަންގިއާއި ޤަމަތްދޭ އަޑު އިވޭ ހިސާބެއްގެ ދަރުމަ އިތުރުކަމަށް ބެލެވިގެން އެ ހިސާބެއްގައި ތިމާގެ ގާތްމީހާ ވަޅުލެވޭތޯ ބަލާ މީހުން ވެސް އެދުވަސްވަރު އުޅުނެވެ. އެދުވަސްވަރަކީ ބަންގީގެ އަޑު ދުރަށް ފޮނުވައިދޭ ސައުންޑު ސިސްޓަމުތައް ފަދަ އާލާތްތަކެއް ހުރި ޒަމާނެއް ނޫނެވެ. މިދެންނެވިގޮތަށް ކުރީ ޒަމާނުގައި ވަޅުލާފައިވާ މީސްމީހުންގެ މަހާނަ ފާހަގަ ކުރުމަށް މަހާނަގައު ޖެހި ނަމަވެސް އޭގެފަހުން ގިނަ ދުވަސްވުމާއި ގައުތަކަށް ލިބޭ އެކިކަހަލަ ގެއްލުމުގެ ސަބަބުން ގައުތައް މުގުރި އެންމެފަހުން ހުރިނަމަ ހުރި އެތިކޮޅު ވެސް ނެތިވެ ބޭރުން ބަލާބެލުމަށް އެ ތާނގައި މީހަކު ވަޅުލާފައިވާ ކަމުގެ އަސަރެއް ވެސް ނުހުރެއެވެ. ފަހުގެ ދުވަސްވަރަށް އައުމުން އެ މަހާނަގަލުގެ އެތިކޮޅެއް ހުރި ނަމަވެސް މިސްކިތް ކައިރި ކުނިކަހައި ރީތިކޮށް ބޭއްވުމުގެ ބޭނުމުގައި އެ އެތިކޮޅު ނަގައިވެސްފާނެއެވެ. އެހެންވުމުން ފެންނަ ފެނުމަށް މިސްކިތާއި ގާތުގައި ކަށްވަޅެއް އޮތްކަމެއް ނޭނގޭނެއެވެ. މިސްކިތާއި ނުހަނު ގާތުގައި މީހުން ވަޅުލާފައިވާ މިސްކިތްތައް ރާއްޖޭގެ ރަށްރަށުގައި ވަރަށް ގިނަވާނެއެވެ. ކުރިއްސުރެ މީހުން އުޅެމުން އަންނަ ގިނަ ރަށްރަށުގައެވެ.)

ތިންވަނަ ކަމަކީ: 
މަރުވާމީހުން ވަޅުލާ ޤަބުރުސްތާނު ހުންނަ މިސްކިތްތަކުގެ ޖާގަ ބޮޑުކުރުމަށް މިސްކިތުގެ ބޭރުން ބޮޑުކޮށް ޢިމާރާތްކުރާ އިރު ޢިމާރާތުގެ އެތެރެއަށްވާ ގޮތަށް ޤަބުރު ވަޅުލެވޭނޭ ހިސާބު (ވަކިވަރަކަށް) ރަނގަޅަށް ނުބެލުމެވެ. މިކަން އަތްދަށުން ދޫވެގެން ދިޔުމެވެ. އޭގެ އެތައްދުވަހެއްގެ ފަހުން އެ މިސްކިތެއްގެތެރޭ ޤަބުރު ހުރިކަން އެނގޭބަޔަކަށް މި އެނގެނީ އޭގެ އެތައްއަހަރެއްގެ ފަހުންތޯ ނުވަތަ ކުރިން ވެސް އެނގޭތޯ އެނގޭނަމަ އޭރު އެކަން ނާންގާ ތިބީ ކީއްވެތޯ އެންގޭނޭ އެއްވެސް ގޮތެއް ހަމަ ނެތީތޯ އިސްލާމުން ނަމާދުކުރުން ހެޔޮނުވާނޭ މިސްކިތެއްގައި އިސްލާމުންގެ ބަޔަކު ނަމާދުކުރާ އިރު "ކުޅިބަލަން" ތިބީތޯ މިއީ އުފެދޭ ވަންނިވަންނީގެ ސުވާލެވެ.

(ޖާގަ ފުރިގެން މަތިމައްޗަށް ވެލިއަޅައި ޖާގަ އިތުރުކޮށްފައިވާ ޤަބުރުސްތާނެއް ނޫންނަމަ މައްޔިތެއް ވަޅުލުމަށްޓަކައި ކަށްވަޅު ކޮނެ ސަންދޯއް ނުވަތަ އެފަދަ އެއްޗެއް ނުލިބޭ މީހަކު ތޮށައްޔެއްގައި ވިޔަސް ޢާއްމުކޮށް ވަޅުލައި އުޅެނީ ޤުދުރަތީ ބިމުގެ އަޑީގެ ދޮންވެއްޔާއި ފެންފަށަލައިގެ މައްޗާއި ދެމެދު ދިޔަވަރު ބޮޑުވާ މޫސުމަށް ފެނުތެރޭގައި ޤަބުރު ނޯންނާނެ ހިސާބެއްގައެވެ. ރާއްޖޭގެ ގިނަމީހުން ބޯން ބޭނުންކުރި ފެނަކީ ދާދިފަހަކާއި ޖެހެންދެން ވެސް މިސްކިތްތަކުގެ ވަޅުވަޅުން ނަގަމުން ގެންދިޔަ ފެނެއެވެ. އެހެންވުމުން މިސްކިތުގެ ޤަބުރުސްތާނުގައި ވަޅުލާ ޤަބުރުތައް ތަޣައްޔަރުވެ އޭގެ އަސަރު ފެން ހިނގާ ފަށަލައަށް ފެނުތެރަށް ނުދާނޭ ވަރު ބަލައިގެން އެ ހިސާބެއްގައި ސަންދޯއް ބަހައްޓައި ނުވަތަ ޤަބުރު ބާއްވައެވެ. އެހެންނަމަވެސް ބައެއް މިސްކިތްތަކުގެ ވަޅާއި މާ ދުރުނޫން ހިސާބެއްގައި ޤަބުރު ވަޅުލުމުން ވަޅުފެނުގައި "ތަޣައްޔަރު" ގެ އަސަރު ހުރެއެވެ. އަދި ފެނުގައި ކާފޫރު ވަސް ހުރެއެވެ. ކަށްވަޅުގައި ޤަބުރު ބޭއްވުމަށް ފަހު ފުރަތަމަ އެތަނަށް އަޅައި އުޅެނީ ކަށްވަޅު ކޮނުނު އިރު ފުރަތަމަ ނެގި ވެއްޔެވެ. ކަޅުވެއްޔެވެ. ދެން އޭގެ މައްޗަށް އަޅަނީ އެ ތަނުން ނެގި ދޮންވެއްޔެވެ. މަހާނަ ހެދުމަށާއި މަހާނަގެ މައްޗަށް އަޅަނީ އެ ބޭނުމަށް ޤަބުރުސްތާނަށް ގެނެސްފައިވާ ސާފު ދޮންވެއްޔެވެ. މިހެންވީމާ ކިތަންމެ ދުވަހެއްގެ ފަހުން އެ ތަން (ޤަބުރެއް ނުވަތަ ކަށްވަޅެއްވޭތޯ ބެލުމަށް ވިޔަސް) ކޮންނަ އިރު އެއްކަލަ ކަށްވަޅާއި ދިމާވުމުން ދޮންވެލި ނުވަތަ ދޮންފަހުގެ ތެރެއިން ކަޅުވެލި ނުވަތަ ކަޅުފަސް ފެންނާނެއެވެ. ޤުދުރަތީ ބިންގަނޑާއި މަޞްނޫޢީ ބިންކޮޅާއި ރަނގަޅަށް އެނގޭވަރަށް ވެލީގެ ތަފާތު ފެންނާނެއެވެ. ވިސްނާލީމާ ކަށްވަޅެއްނަމަ އެނގޭނެއެވެ. އަދި އެ ހިސާބުގަނޑުގައި މީހުން ވަޅުލާފައިވާ ނަމަ ވެސް ބިންގަނޑުގެ އެކި ހިސާބުގެ ވެލީގެ ކުލަ ތަފާތުވެ އެ ކަން ކަށަވަރުވާނެއެވެ.)

ރާއްޖޭގައި ކުރިއްސުރެ މީހުން އުޅެމުން އަންނަ ރަށެއްގައި އަލަށް މިސްކިތެއް ޢިމާރާތް ކުރުމާއި ކުރީގެ މިސްކިތެއްގެ ޖާގަ ބޮޑުކުރުމަށް މިސްކިތް ބޮޑުކުރާ ނަމަ އެކަމަށްޓަކައި ކޮންމެހެން ބަލަންޖެހޭ ބެލުންތަކާއި ކަށަވަރުވާން ޖެހޭ ކަންކަމާމެދު ފަރުވާތެރިކަން ނެތުމަކީ ވަރަށް ހިތާމަ ހުރި އަދި އެހާމެ ދެރަ ކަމެކެވެ. މަތިވެރި ﷲގެ ފުއްސެވުމާއި ރަޙުމަތާއި ޘަވާބަށް އެދިގެން ބިނާކުރާ މިސްކިތުގެ އެތެރޭގައި ޤަބުރު ނެތްކަމުގެ ފުރިހަމަ ޔަޤީންކަން ލިބިފައިނުވާ ދައުލަތެއް ވިޔަސް މީހެއް ވިޔަސް އެ މިސްކިތެއް ބިނާކުރުމަށް އުޅުމަށް ވުރެ އެ މިސްކިތެއް ބިނާކުރުމަށް ހިނގާނެ ޚަރަދު މަތިވެރިﷲ ގެ މަގުގައި އެހެން ކޮންމެވެސް ކަމަކަށް ހޭދަކުރުމުގެ އިތުރުކަމާއި މާތްކަން ލިބިގަތުން ރަނގަޅެވެ.

އެހެނީ ކާއެތިކޮޅަކަށް ސަލާން ޖެހި ފަޤީރަކަށް މަތިވެރި ﷲ އަށްޓަކައި ދިއްކޮށްލާ ކާއެތިކޮޅަކީ އެ މީހެއްގެ އަތް ނުފޯރާނޭ ހިސާބެއްގައި ހުރެ ނޫނީ އޭގައި އެމީހަކަށް ހިފޭނޭ އެއްވެސް ގޮތެއް ނޯންނާނޭ ހިސާބެއްގައި ހުރެ "އަމޭ" ކިޔައި ދިއްކޮށްލާ ކާއެތިކޮޅެކޭ އެކަހަލަ މިސްކިތެކޭ ވަކި ތަފާތެއް އެބަ އޮތްތޯއެވެ. މަތިވެރި ﷲ އަށްޓަކައި ނަމާދު ނުކުރެވޭނޭ މިސްކިތެކެވެ. މަތިވެރި ﷲ އަށްޓަކައި ފަޤީރެއްގެ އަތުގައި ނުޖެހޭނޭ އެމީހަކަށް ނުކެވޭނޭ ކާއެތިކޮޅެކެވެ.
                ---------------------
ޢަބުދު ޙިލްމީ