ކަނބާ ޚަދީޖާ އާއި ހުވަދުއަތޮޅު ތިނަދޫ ހުކުރުމިސްކިތް















އަލްއަމީރު މުޙައްމަދު އަމީން ދިވެހިދައުލަތް ހިންގެވި ދުވަސްވަރު ރާއްޖެތެރޭގެ ރަށްރަށުގެ މިސްކިތްތަކުގައި ހުރި ބޯގަފަތްކޮޅާއި އެނޫން ވެސް ތާރީޚާ ގުޅުންހުރި ބައެއްކަހަލަ ލިޔުންތައް މާލެއަށް ގެންދެވުމަށްޓަކައި އެ ރަށްރަށަށް ވަފުދެއްގެ ބޭފުޅުން ފޮނުއްވައި އެފަދަ އެއްޗެހި މާލެއަށް ގެންދެވިއިރު ހުވަދުއަތޮޅު ތިނަދޫ ހުކުރުމިސްކިތުގެ ބެރިއެއްގައި ޢަރަބިބަހުން ލިޔެފައިހުރި ލިޔުމެއްގެ ނަކަލެއް ގެންދެވި އެވެ. (މި ހުކުރުމިސްކިތަކީ އެ ރަށުގައި 1950މ. ގައި ބޮޑުކުރި މިސްކިތުގެކުރިން އެ ތާނގައިހުރި މިސްކިތެވެ.)

ތިނަދޫ ހުކުރުމިސްކިތުގެ ބެރީގައި ލިޔެފައިހުރި ޢަރަބި ލިޔުމަކީ ދެއްވަދޫ ރަސްގެފާނުގެ އަނބިކަނބަލުން ކަނބާ ޚަދީޖާ 07 ރަބީޢުލްއާޚިރު 1109ހ. (23 ސެޕްޓެމްބަރ 1697މ.) ގައި އަވަހާރަވެ ފަސްދާނުލެވުނު ވާހަކައާއި އެ ކަމަނާއާއި ގުޅުންހުރި އެހެން ވެސް ބައެއް ވާހަކަތަކެވެ. މި ވާހަކަތަކީ މާލޭގައި ހުރި ދެއްވަދޫ ރަސްގެފާނުގެ ޒިޔާރަތުގައި ވެސް ލިޔެފައިހުރި ވާހަކަތަކެކެވެ. ނަމަވެސް ދެއްވަދޫ ރަސްގެފާނުގެ ޒިޔާރަތުގައި މިއަށްވުރެ އިތުރު ވާހަކަތައް ލިޔެފައިވެ އެވެ.

ކަނބާ ޚަދީޖާއާއި އެ ކަމަނާގެ ފިރިކަލުން ދެއްވަދޫ ރަސްގެފާނާއި އަދި އެ ކަމަނާގެ ބޭބޭފުޅު ސުލްޠާން ޢަލީ(7) ފަސްދާނުލައިފައި ވަނީ މާލޭގައި ހުރި ދެއްވަދޫ ރަސްގެފާނުގެ ޒިޔާރަތުގެ ތެރޭ އެވެ.


ތިނަދޫ ހުކުރުމިސްކިތުގެ ބެރީގައި ހުރި ލިޔުން:
  
فسبحان من خص في البقاء ملكه القاهروالحكم بالفناءعلى من سواه و يبقى في حكمه الأصاغر والأفاخر وأصلي  وأسلم على من يشفع الورىيوم تبلى السرائروعلى آله وصحبه الذين أظهروا الإسلام بأسيافهم البواتر وبعد فإن الأمة المرحومة المفتقرة إلى رحمة الملك القادر زوجة السلطان محمد بن على الفاخر وكانت ملقبة بكبا خديجة بنت إبراهيم شاه بندر وزير الوزراء الأكابر عاشت سعيدة إلى أن سقاها الحمام كأس المنايا الذي ذائقه للتراب صائر ونقلها عن سرير الملك إلى بطون المقابر فقدمت إلى ربها كريم غافر وأضحت مدفونة بهذا الضريح وأصبحت مدفونة بهذا الضريح يوم الثلاثاء السادس من شهر ربيع الآخر سنة تسع و مائة بعد ألف من هجرة النبي الطاهر عفى الرب عنها ما صدرت منها من الإثم والكبائر وأسكنها دار السلام مع الأولياء الأكابر

ފަހެ، އެކަލާނގެ ޤާހިރުވަންތަ ރަސްކަންފުޅު ދެމިއޮތުން ޚާއްޞަކުރެއްވައި، އެކަލާނގެ ފިޔަވައި އެހެން ފަރާތްތައް ފަނާކުރެއްވުމަށް ނިޔާކުރެއްވިރަސްކަލާނގެ ހުސްޠާހިރުވަންތަކަމުގެ ބޮޑުކަމާ އެވެ!
ދަށް ފަންތިތަކުގެ މީހުންނާއި، މަތީ ފަންތިތަކުގެ މީހުން ވަނީ، އެކަލާނގެ ނިޔާފުޅުގެ ދަށުގަ އެވެ.
ހިތްތަކުގައިވާ ސިއްރުތައް ފާޅުކުރައްވައި، އިމްތިޙާންކުރައްވާ ދުވަހު، މީސްތަކުންނަށް ޝަފާޢަތްތެރިކަން ދެއްވާނެ ނަބިއްޔާ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަމެވެ.
އަދި އިތުރުއެކަލޭގެފާނުގެ އިތުރު އާލުންނާއި، މިތުރު އަޞްޙާބުން މި ދުޢާގައި ޝާމިލުކުރަމެވެ. އެއުރެންގެ ޢަދުލުވެރި ކަނޑިކޮޅުތަކުން އިސްލާމްދީން ފާޅުކުރެއްވި އެވެ.
އެއަށްފަހު، (ބުނަމެވެ.)
ފަހެ، ހަމަކަށަވަރުން، ކުޅަދުންވަންތަ ރަސްކަލާނގެ ރަޙުމަތްފުޅަށް އެދެވިގެންވާ އަންހެން އަޅު މަރްޙޫމާ އަކީ، އައްސުލްޠާން މުޙައްމަދު ބްން ޢަލީ އަލްފާޚިރުގެ އަނބިކަމަނާ އެވެ.
އެކަމަނާއަށް "ކަބާ ޚަދީޖާ ބިންތު އިބްރާހީމް ޝާހު ބަންދަރު" ގެ ލަޤަބު ދެވިފައި ވި އެވެ. އެއީ، ބޮޑެތި ވަޒީރުންގެ އިސް ވަޒީރެވެ. (ނުވަތަ ބޮޑު ވަޒީރެވެ.)
ނޯޓް: މި ޢިބާރާތުގައި ބުނަން އުޅެނީ، އެކަމަނާއަށް "ކަބާ" ގެ ލަޤަބު ދެއްވައި އެ ދަރަޖައަށް އެކަމަނާގެ ޤަދަރު އުފުލިފައިވާ ވާހަކަ ކަމަށް ބެލެވެ އެވެ.
އެކަމަނާ މަރުގެ ކޫޒުން ހިއްޕަވައިފުމަށްދާންދެން ދިރިއުޅުއްވީ އުފާފާގަތިކަންމަތީގަ އެވެ. އެ ކޫޒުން ރަހަ ބަލައިފި މީހަކު، ވެއްޔަށް ވެދެ އެވެ.
އެކަމަނާ، ރަސްގެފާނުގެ އެނދުދާންމަތިކޮޅުން ޤަބުރުސްތާނަށް ގެންދެވުނެވެ.

ފަހެ، އެކަމަނާ، އެކަމަނާގެ ވެރިރަސްކަލާނގެ ޙަޟުރަތަށް ވަޑައިގެންފި އެވެ. އެކަލާނގެއީ ދީލަތިވަންތަ، ފާފަ ފުއްސަވާ ރަސްކަލާނގެ އެވެ.
އެކަމަނާ، މި ޒިޔާރަތުގައި ފަސްދާނުލެވުނީ، ޠާހިރު ނަބިއްޔާގެ ހިޖުރައިން ހާހާއި އެއްސަތޭކަ ނުވަ ވަނަ އަހަރު، ރަބީޢުލްއާޚިރް މަހުން ހަތްވަނައަށްވީ އަންގާރަ ދުވަހު އެވެ.
ނޯޓް: މިހާރު ލިޔާ ގޮތަށް ނަމަ، އެއީ، 7 ރަބީޢުލްއާޚިރް 1109 ހ. ވީ އަންގާރަ ދުވަހެވެ.
ރައްބުވަންތަ ރަސްކަލާނގެ އެކަމަނާއަށް ޢަފޫކުރައްވާށި އެވެ! އެކަމަނާގެ ކިބައިން، ފާފަތަކާއި ކަބާއިރު (ބޮޑެތި ފާފަތައް) ކުރެއްވިފައެއް ނުވާނެ އެވެ.
އަދި އެކަލާނގެ، އެކަމަނާ، ދާރުއްސަލާމް އެވެ، ކިއުނު ސުވަރުގޭގައި، މާތް ވަލީވެރިންނާއެކު ލައްވާށި އެވެ!

ހުވަދުއަތޮޅު ތިނަދޫ ހުކުރުމިސްކިތުގެ ބެރިއެއްގައި ކަނބާ ޚަދީޖާގެ ވާހަކަ ލިޔެފައި ހުއްޓަސް އެ ބިނާގެ ފެށުން ގުޅެނީ ޣާޒީ ރަދުންނާ އެވެ. އެ ރަދުންގެ ދުވަސްވަރާ އެވެ. މިހެންވުމުން އެ މިސްކިތުގެ ބެރިއެއްގައި ކަނބާ ޚަދީޖާއާއި ގުޅުންހުރި ލިޔުމެއް ހުރުމަކީ ކަނބާ ޚަދީޖާގެ އިސް ނެންގެވުމެއް ނުވަތަ އެހީފުޅެއް އޮވެގެން މިސްކިތް މަރާމާތުކުރަމުން ދިޔަ ދުވަސްވަރެއްގައި އެ ކަމަނާ އަވަހާރަވީމާ އެ ފަހަރުގެ މަރާމާތުގެ ތެރޭ މިސްކިތުގެ ބެރީގައި އެ ކަމަނާގެ ވާހަކަތައް ލިޔުނީކަމަށާއި މިއީ އެކަށީގެންވާ ކަމެއްކަމަށް ބައެއް ބޭފުޅުން ދެކިވަޑައިގަނެ އެވެ.

ކަނބާ ޚަދީޖާ އަވަހާރަވީއިރު އެ ކަމަނާގެ ފިރިކަލުން ދެއްވަދޫ ރަސްގެފާނު ތިނަދޫގައި ބިނާކުރެއްވި މިސްކިތް(މަސްޖިދުއް ސުލްޠާން މުޙައްމަދު)ވަނީ މުޅިން ނިމިފަ އެވެ. އެ މިސްކިތް ނިމުނީ ދެއްވަދޫ ރަސްގެފާނުގެ ރަސްކަމުގެ ދެވަނަ އަހަރުކަމަށްވާ 1105ހ. (1693މ.) ގަ އެވެ. މިހެންވީމާ 1697މ. ގައި ކަނބާ ޚަދީޖާ އަވަހާރަވުމުން އެ ވާހަކަ އެ ކަމަނާގެ ފިރިކަލުން ޢިމާރާތްކުރެއްވި މިސްކިތުގައި ލިޔުމުގެ ފުރުޞަތު ކުޑަ އެވެ.

ތިނަދޫ ހުކުރުމިސްކިތާއި ދެއްވަދޫ ރަސްގެފާނުގެ އަނބިކަނބަލުން ކަނބާ ޚަދީޖާއާއި އެ ދުވަސްވަރު އޮތުން އެކަށީގެންވާ ގުޅުމަކަށް ނޫނީ ގާތްކަމަކަށް ވިސްނާއިރު ފާހަގަކުރެވޭ އެއްކަމަކީ އެ މިސްކިތުގެ އުތުރުފަރާތު ބިސްތާނައިގައި ދެއްވަދޫ ރަސްގެފާނުގެ ދައިތާފުޅު(ދައްތާފުޅު) ޛުލައިޚާ(ދޮންދަލޭކަ ކަނބުލޭގެފާނު) ފަސްދާނުލެވިފައި ވުމެވެ. މި ކަމަނާ ތިނަދޫގައި އަވަހާރަވީ ދެއްވަދޫ ރަސްގެފާނު ތިނަދޫގައި ބިނާކުރެއްވި މިސްކިތުގެ މަސައްކަތް ހިނގާ ނުހިނގާގޮތް ބައްލަވައިލެއްވުމަށް ދެއްވަދޫގައި އިންނަވާފައި ތިނަދޫއަށް ކުރެއްވި ދަތުރުފުޅެއްގައި ކަމަށް ތިނަދޫ ޖަނަވަރީގޭ އަލްމަރުޙޫމް ޙަސަން ޙިލްމީ ލިޔުއްވައިފައިވެ އެވެ.

ދެއްވަދޫ ރަސްގެފާނުގެ އަނބިކަނބަލުން ކަނބާ ޚަދީޖާ އަވަހާރަވީއިރު އެ ކަމަނާ ނިސްބަތްވެވަޑައިގަންނަވާ އެއްވެސް ދަރިކޮޅަކާއި ގުޅުންހުރި އެއްވެސް ބަޔެއް އެ ދުވަސްވަރު ތިނަދޫގައި ތިބިކަމެއް އެނގޭކަށް ނެތެވެ. ފުވައްމުލަކު ފުނާޑު އެދުރުގޭ ދޮން މަޙުމޫދު ޚަޠީބުގެ ދޮން އަޙުމަދު އެދުރުކަލޭގެފާނުގެ ދައިގަޑު ދޮން ޢީސާ ޚަޠީބު ކަލޭގެފާނުގެ ދައިގަޑު އިބްރާހީމް މާފަތްތަކުރުފާނު (އިބްރާހީމް ޝާހު ބަންދަރު)ގެ އެއް ދަރިކަނބަލަކީ ކަނބާ ޚަދީޖާ އެވެ.

ނަމަވެސް އެއް ފަރާތުން އެ ކަމަނާ ނިސްބަތްވެވަޑައިގަންނަވާ ދަރިކޮޅެއްކަމަށްވާ އިސްދޫ ދަރިކޮޅާއި ގުޅުންހުރި ގިނަ ބަޔަކު މިހާރު ތިނަދޫއާއި ހުވަދުއަތޮޅުގައި ވެ އެވެ. މިއީ ކަނބާ ޚަދީޖާގެ ބޭބޭފުޅެއްކަމަށްވާ ސުލްޠާން ޢަލީ(7) ގެ ދަރިކަލުން ސުލްޠާން ޙަސަން(10)ގެ ފަރާތްޕުޅުން އައްޑުއަތޮޅުގައި އުފެދުނު ޢާއިލާއާއި ގުޅޭ ބަޔަކާއި އަދި ކަނބާ ޚަދީޖާގެ ބޭބޭފުޅެއްކަމަށްވާ ޙަސަން މާފަތްތަކުރުފާނުގެ ދަރިކަލުން ސުލްޠާން އިބްރާހީމް މުޡުހިރުއްދީންގެ ފަރާތްޕުޅުން އުފެދުނު ޢާއިލާގެ ބަޔެކެވެ. އިސްދޫ ދަރިކޮޅުގެ ބޭފުޅުން އައްޑުއަތޮޅުގައި ވަރަށްގިނަ އެވެ. އަދި ފުވައްމުލަކުގައި ވެސް އިސްދޫ ދަރިކޮޅު އެބަ ވެ އެވެ.
                         ---------------------
ޢަބުދުﷲ ޙިލްމީ
10 އޮކްޓޫބަރ 2015މ.

ފަންނީ އެހީތެރިކަމުގެ ޙިއްޞާ:

އަލްއުސްތާޛު ޢަބުދުލްމުޢީދު ޙަސަން
އަލްފާޟިލް މުޙައްމަދު ވަޙީދު ނަދުވީ